
ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅުނަގު މޫސުމުގެ ވިއްސާރައިގައި އިތުރަށް މޫސުން ގޯސްވާނެތީ ހއ. އިން ފެށިގެން ލ. އަތޮޅާ ދެމެދުގެ ރަށްތަކަށް ރާއްޖޭގެ މުސުމާބެހޭ އޮފީހުން ޔެލޯއެލާޓް ނެރެފިއެވެ.
ޑިޕާޓްމަންޓް އޮފް މީޓިއަރޮލިޖީ (މެޓް) އޮފީހުން މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޔެލޯ އެލާޓް ނެރެފައިވަނީ މިއަދު ހަވީރު 3:00 އިން މިރޭ 7:00 އަށް ކަމަށެވެ.
މެޓު އޮފީހުން ވިދާޅުވެފައިވަނީ އެވަގުތުގައި އެވްރެޖުކޮށް ގަޑިއަކު 30 މޭލާއި 40 މޭލަށް ވައިގަދާވާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދާވާނެ ކަމަށް ލަފާ ކުރައްވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އަދި އެސަރަހައްދުގެ ކަނޑުތައް ގަދަވާނެ ކަމަށްވެސް ލަފާކުރައްވާފައިވެއެވެ.
މިއީ ފާއިތުވި 24 ގަޑިއިރުތެރޭ ޔެލޯ އެލާޓް ނެރުނު ފަސްވަނަ ފަހަރެވެ. ރާއްޖެއަށް މޫސުން ގޯސްވެފައިވާތީ ސިފައިންވެސް ވަނީ ކަނޑުދަތުރު ފަތުރު ކުރުމުގައި ސަމާލުވުމަށް އިލްތިމާސް ކުރައްވައިފައެވެ. އަދި ކަނޑު ދަތުރުފަތުރު ކުރާއިރު ސަލާމަތީ ސާމާނު ހަމަކުރުމަށާއި މޫސުމަށް ނުބަލައި ދަތުރު ނުކުރުމަށާއި އަދި ކަމާބެހޭ ފަރާތްތަކަށް އެންގުމަކާ ނުލައި ނުފުރުމަށްވެސް ވަނީ އިލްތިމާސް ކުރައްވައިފިއެވެ.