ދެކުނުގެ ދެ ސިޓީ ފިޔަވައި އެހެން ހިސާބުތަކަށް ޔެލޯ އެލާޓް ނެރެފި

އައްޑޫސިޓީއާއި ފުވައްމުލަކު ސިޓީ ފިޔަވައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ޔެލޯ އެލާޓް ނެރެފިއެވެ.

ރާއްޖޭގެ މޫސުމާ ބެހޭ އޮފީސް (މެޓު) ޔެލޯ އެލާޓް ނެރެފައިވަނީ ހއ. އިން ފެށިގެން ގދ. ހަމައަށެވެ. އެ ސަރަހައްދަށް ޔެލޯ ނެރެފައިވަނީ މިއަދު ހަވީރު 4:45 އިން މިރޭ 8:45 އަށެވެ. މި ސަރަހައްދަށް އެލާޓް ނެރުނީ 50 މޭލަށް ވައިގަދަވެ ކަނޑުވެސް ގަދަވާނެ ކަމަށް ލަފާކުރެވޭތީ ކަމަށް މެޓުން ބުނެފައިވެއެވެ. އަދި އެސަރަހައްދު ތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށްވެސް މެޓު އޮފޫހުން  ލަފާ ކުރެއެވެ.

މިއަދު މެންދުރު 12:45 އިން ހަވީރު 4:45 އަށް މާލެއަތޮޅާއި ލ. އަތޮޅާ މެދުމެދުގެ ރަށްތަކަށްވެސް ޔެލޯ އެލާޓް ނެރުނެވެ.

ރާއްޖެއަށް ކުރަމުންދާ ހުޅަނގުމޫސުމުގެ ވިއްސާރައިގައި ރާއްޖޭގެ ބައެއް ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން  އެކަށިގެންވާ ކަކަށް މޫސުމާ ބެހޭ އޮފީހުން ވިދާޅުވެފައިވެއެވެ.

މިއަދު ހެނދުނު 10:00 އިން ފެށިގެން މާދަމާ ހެނދުނު 10:00 އަށް މޫސުން ލަފާކުރާ ގޮތަށް ބަލާއިރު ވައިޖެހޭނީ ހުޅަނގު ދެކުނާއި ހުޅަނގުން، އުތުރާއި މެދުތެރޭގެ އަތޮޅުތަކަށްގަޑިއަކު 15 މޭލާ 25 މޭލާދެމެދުގެ ބާރުމިނުގައެވެ. އެހެން ހިސާބުތަކުގައި ގަޑިއަކު 07  މޭލާއި 17 މޭލާދެމެދުގެ ބާރުމިނުގައި ކަމަށް މެޓުއޮފީހުން ވަނީ ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު  45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

އުތުރާއި މެދުތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށްވެސް މެޓުން ވިދާޅުވެފައިވެއެވެ.

"ވައިގަދަވެ ކަނޑުތައް (ހާއްސަކޮށް އުތުރާއި މެދުތެރޭގައި) ގަދަވާނެކަމަށް ލަފާކުރެވޭތީ، ކަނޑު ދަތުރުފަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުވެލެއްވުމަށް އެދިދަންނަވަން" މެޓު އޮފީހުން ވިދާޅުވެފައިވެއެވެ.

ދިޔަވަރު އެންމެ ބޮޑުވާ ގަޑީގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމަކީ އެކަށީގެންވާކަމެއް ކަމަށްވެސް މެޓު އޮފީހުން ވަނީ ވިދާޅުވެފައެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.