ހުމުގެ ސަބަބުން ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލުމުގެ ވިސްނުން

މިހާރު ހަލުވިކަމާއެކު ރާއްޖޭގައި ފެތުރެމުން އަންނަ އިންފުލުއެންޒާ އޭ ގެ ސަބަބުން ސްކޫލް ތަކުގެ ކިޔެވުން މެދުކަނޑާލުމުގެ ވިސްނުން ގެންގުޅެން ފަށައިފިއެވެ.

ހަލުވިކަމާއެކު ފެތުރެމުން އަންނަ ހުމުގެ ސަބަބުން ސްކޫލް ތަކުގެ ކިޔެވުން މެދުކަނޑާލުމުގެ ވިސްނުން ބަޔެއް ސްކޫލްތަކުން އެޑިޔުކޭޝަން މިނިސްޓްރީއާވެސް މިހާރު ޙިއްސާ ކޮށްފައިވާ ކަމަށް މާލޭގެ ސްކޫލެއްގެ އިސްބޭފުޅަކު ވިދާޅުވިއެވެ. ނަމަވެސް އެކަމުގައި އެޑިޔުކޭޝަން މިނިސްޓްރީން އަދި ވަކިގޮތެއް އަންގާފައި ނުވާކަމަށްވެއެވެ. މިނިސްޓްރީން ވަކިގޮތެއް އަދި ނުނިންމި ނަމަވެސް ހުން ކޮންޓްރޯލްނުވެ މިހާރު ދާ ބާރު މިނުގައި ދާކަމަށް ވާނަމަ އަންނަ ހަފްތާއިން ފެށިގެންވެސް ސްކޫލް ތަކުގެ ކިޔެވުން ރޯދަ މަހު މެދުކަނޑާލުން ވަރަށް ކައިރިކަމަށްވެސް ނަން ނުޖެހުމަށް އެދިވަޑައިގެން އޮފިޝަލް ވިދާޅުވިއެވެ.

"މިހާރު ހުމުގެ ކަންތައް މިދާގޮތުން އާދީއްތަ ދުވަހުން ފެށިގެންވެސް ކިޔެވުން މެދުކަނޑާލަފާނެ، ހުރިހާ ސްކޫލްތަކެއް ބަންދުނުކޮށް ހުމުގެ ކަންތައް އެންމެ ބޮޑަށް ހުރި ދިމާތަކުގެ ސްކޫލްތައްވެސް ބަންދު ކޮށްފާނެ، ސްކޫލްތަކުގެ ވެރިންގެ ފެންވަރުގައި އެ މަޝްވަރާ ކުރެވި މިނިސްޓްރީއާވެސް ޙިއްސާ ކުރެވިފައި ވަނީ، ބަޔެއް ކުދިން ސްކޫލަށްވެސް އެބައާދޭ ކުޑަކޮށް ހުން އައިސްފައި ތިއްބަވެސް، އަދި ހުންޖެހި ފަރުވާކޮށް އެކަމަކު ރަނގަޅަށް ހުން ނުފިލައި ތިއްބައިވެސް، ހުން ކޮންޓްރޯލްނުވެ ކުރިޔަށްދާނަމަ އަންނަ ހަފްތާގައިވެސް ބަޔެއް ސްކޫލްތައް ނުވަތަ ހުރިހާ ސްކޫލެއް ކިޔެވުން މެދުކަނޑާލުން އެކަށީގެންވޭ ހަމަ ވަރަށް ބޮޑަށް" މާލޭ ސްކޫލެއްގެ އޮފިޝަލް ވިދާޅުވިއެވެ.

އިންފުލުއެންޒާ އޭ ޖެހިގެން މިފަހަރުވެސް މިހާތަނަށް އެކަކު މަރުވެފައިވާއިރު މި ހުން ޖެހިގެން ހޮސްޕިޓަލުތަކަށް ފަރުވާ ހޯދަންދާ މީހުންނާއި ކުދިންގެ އަދަދު ހައްތަހާ ދަނީ މަތިވަމުންނެވެ. މީގެކުރިންވެސް އިންފުލުއެންޒާ އޭ ރާއްޖޭގައި އާދަޔާ ޚިލާފަށް ފެތުރުމާއި ގުޅިގެން އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ސްކޫލް ތަކުގެ ކިޔެވުން މެދުކަނޑާލާފައެވެ. މިކަމާއި ގުޅޭގޮތުން އެޑިޔުކޭޝަން މިނިސްޓްރީގެ އޮފިޝަލެއްގެ ބަސް ހޯދުމަށް މަސައްކަތް ކުރިނަމަވެސް އެކަން ވަނީ ކާމިޔާބު ނުވެފައެވެ.

ހުމާއި ގުޅިގެން ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލުމުގެ ވާހަކަ ފެންމަތިވިއިރު ކުރިމަތީގައި ފުރަތަމަ ޓާމް ޗުއްޓީވެސް އޮތީ ވަރަށް ކައިރީގައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.