ލޭބޯފަނި (23)

(18 މޭ 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ފީރޯޒާ އޮތީ އަޑު އަހާށެވެ. ފިޔަވަޅުގެ އަޑާއި، ދޮރު ލެއްޕުނު އަޑާއެކު އެމީހުން ދިޔައީކަން ދެނެގެންފިއެވެ. އޭނާ ލޯ ހުޅުވައިލިއެވެ. ކޮޓަރި ތެރެއަކު އެކަކުވެސް ނެތެވެ. ބައްޕަ ވަޅުލާން ގެންދަނީކަން އޭނާއަށް އެނގެއެވެ. އެންމެ ފަހު ފަހަރު ބައްޕަގެ މޫނު ދެކިލާން އޭނާ ބޭނުން ވެއެވެ. އެކަމަކު އަމިއްލަ ނަފުސުގެ މައްޗަކަށް އެއްވެސް އިތުބާރެއް ނެތެވެ. ކުށުގެ އިހުސާސް ކުރެވޭލެއް ބޮޑުކަމުން، ބައްޕަ ފެނުމާއެކު އެންމެންގެ ކުރިމަތީގައި ތެދަށް ވާހަކަ ދެއްކިދާނެތީ އޭނާ ޖެހިލުން ވެއެވެ.

އޭނާ ވިސްނަމުން ދިޔައެވެ. "މިވީ ކިހިނެއް ހެއްޔެވެ؟ އަހަންނާއި އަކްބަރާ ދެމީހުން ވެގެން ލޯތްބަކީ ފާފަ ކަމުގައި ހަދައިފީމެވެ. މަންމައާއި ބައްޕަގެ މަރުގެ ސަބަބުން އެ ލޯބި ކުށަކަށްވެސް ވެއްޖެއެވެ. އަހަރެން އަނދިރިވީ ކީއްވެގެން ހެއްޔެވެ؟ ކުށް ކުރެވޭ ކަމުގެ އިހުސާސް މީގެ ކުރީން ނުކުރެވުނީ ކީއްވެގެން ހެއްޔެވެ؟"

ބުއްދިއެއް ނެތް މީހަކު ކުއްލިއަކަށް ބުއްދިވެރިއަކަށް ނުވާނެއެވެ. އޭނާގެ އިހުސާސްތައް ހިލުވައި، ަމީރު ހޭލައްވައިލީ ސަބަބު ބައެއް ފަހަރަށް އޭނާއަށް ވިސްނެއެވެ. ބައެއް ފަހަރު ވިސްނައިގަންނާކަށް ނޭނގެއެވެ. ފީރޯޒާގެ ހިތުގައި މައިވަންތަ ޖަޒުބާތު ހިލިގަތީ، ދަރިފުޅު ވައްޓައިލާށޭ އަކްބަރު ބުނި ވަގުތުއެވެ. އެއީ ކަށަވަރު ކަމެކެވެ.

ދަރިންގެ އަހަންމިއްޔަތު އޭނާއަށް ވިސްނުނީ އެ ވަގުތުއެވެ. އަގު ވެއްޓުނަ ނުދީ ހިފަަހައްޓާށާއި، އަބުރު ސަލާމަތް ކޮށްދޭން އޭނާގެ މަންމަ އެހައި ވަރުން މަސައްކަތް ކުރީ ކީއްވެގެންކަން އޭނާއަށް އެނގުނީ އެ ވަގުތުއެވެ. އޭނާގެ މަންމަ މި ދުނިޔެ ދޫކުރީ އޭނާގެ ބަނޑުގައި އަށަގެންފައިވާ ދަރި، އަށަގަތަ ނުދޭން ފާރަލުމުގެ ތެރޭގައެވެ. އެ ދަރީގެ ޚަބަރު ލިބުމުން ލޯބިވެރިޔާގެ ހުކުމަކީ މަރުގެ ހުކުމެވެ. ދަރިފުޅު މަރައިލުމުގެ އަމުރެވެ.

"މަރައިލާނީ ކިހިނެއް ހެއްޔެވެ؟" އޭނާ ދަތްކުނޑި ވިކައިލިއެވެ. އަދި އަމިއްލަ ނަފުސާ ވާހަކަ ދެއްކިއެވެ. "އަހަންނަކީ އަންހެން ދަރިއަކު އަބުރުވެރިކަމާއެކު ދިރިއުޅޭނޭ ގޮތް ހެދުމަށްޓަކައި ކުރި މަސައްކަތުގައި ފުރާނަ ދޫކޮށްލީ އަންހެނެއްގެ ދަރިއަކީމެވެ. އަހަރެން މި ދަރިފުޅު ދުނިޔެއަށް އުފަން ކުރާނަމެވެ. ދިރިއުޅުނަ ދޭނަމެވެ."

ފާފައިގެ ނިޝާނެއް ދަމަހައްޓާން މަސައްކަތް ކުރުމަކީ އެއް ހަމަޔަކުން ބަލާއިރު މޮޔަ ކަމެކެވެ. ފާފަ ޖެހެނީ ސިއްރު ކުރާށެވެ. ސިއްރު ނުކުރެވުނިއްޔާ އޭގެ ނިޝާން ފޮހެލާށެވެ. އެހެންނަމަވެސް ރަހިމުގައި އަށަގެންފައިވާ ފުރާނައެއް ނައްތައިލުމުގެ ހުއްދައެއް އެއްވެސް ދަންނަބޭކަލަކު ނުދޭނެއެވެ. އެއީ ހުއްދަ ކަމަކަށް ނުވާތީއެވެ.

މިފަދަ ކުއްޖަކީ ކުށެއް ކަމަކަށް ނުބެލެވޭނެއެވެ. ކުއްޖާ ވާނީ ކުށެއް ނެތް މައުސޫމު ކުއްޖަކަށެވެ. އެކަމަކު އެ ކުއްޖާ އުފަން ކުރުމުގެ ޒިންމާދާރުންނަކީ އަދަބު ލިބެން ޖެހޭ ކުށްވެރީންނެވެ.

މި ވަގުތު އޭނާ ވިސްނަމުން ގެންދަނީ ދީނަކާ މެދުގައެއް ނޫނެވެ. ފަތުވާއަކާ މެދުގައެއްވެސް ނޫނެވެ. އޭނާގެ އެތެރެ ހަށީގައި ވަނީ ބޮޑު ޠޫފާނެއް އުފެދިފައެވެ. މަރުވަމުން ދިޔަ ވަގުތު ބައްޕަ އޭނާގެ މޫނަށް ކުޅު ޖެހި މަންޒަރު ހިތަކުން ފިލައިގެންނެއް ނުދިޔައެވެ. އޭނާގެ ސިކުނޑި ފަޅައިގެން ދާން އުޅޭ ކަހަލައެވެ. އެކަމަކު ސިކުނޑީގެ ޠޫފާނުގެ މައްޗަށް ބާރު ފޯރުވޭތޯ އޭނާ ދަނީ މަސައްކަތް ކުރަމުންނެވެ. އޭނާޔާ ބެހޭ ގޮތުން މަންމަޔާއި ބައްޕަޔާއި ބޭބެވެސް ދެކޭ ވަކި ގޮތެއް އޮވެއެވެ. އެއީ އޭނާއަކީ ގޮތް ދޫނުކުރާ ކުއްޖެއް ކަމުގައެވެ. ކުރާން ބޭނުންވާ ކަމެއް ކޮށްފައި ނޫނީ ހުއްޓައި ނުލާނޭ ކަމުގައެވެ.

ބައިގަޑިއެއްހައި އިރު ފަހުން އަނެއްކާވެސް ކޮޓަރީގެ ދޮރު ހުޅުވިއްޖެއެވެ. ސަލްމާ ޑަކްޓަރަކު ގޮވައިގެން އައިސް ވަދެއްޖެއެވެ. ފީރޯޒާ ތެދުވެ އިށީނދެއްޖެއެވެ. ޑަކްޓަރު ހިނިތުން ވެލައިފައި ބުންޏެވެ. "ސަލްމާ- ތިޔަ ކަން ބޮޑޫ ވަނީ އެއްވެސް ކަމަކާ ނުލާ- އަހަރެެންގެ ފީރޯޒާ މުޅީން ރަނގަޅު- ގަދަބަދަވި-"

ފީރޯޒާ ބުންޏެވެ. "ލައްބަ- އަޅުގަނޑު މުޅީން ރަނގަޅު- މިހިރީ ހަމަ ހޭގައި- ޑަކްޓަރުވެސް ހަމަ ހޭގައި ހުންނަވާ- މިގޭގައި މި އޮތީ ހިތާމައިގެ މާހައުލެއް- މިފަދަ ހާލަތެއްގައިވެސް ޑަކްޓަރު ތިޔަ ހިނިތުންވެލައްވަނީ-"

ޑަކްޓަރު ބުނެލިއެވެ. "މާފު ކުރޭ- ޑަކްޓަރުން އާއްމު ގޮތެއްގައި ބަލި މީހުނާ ވާހަކަ ދައްކާނީ ހިނިތުން ވުމާއެކު- ކޮއިފުޅު ހޭ އެރިކަން އެނގުނީމާ މި ގެއަށް ވެރިވެފައި އޮތް ހިތާމައިގެ މާހައުލުގެ މަތީން ހަނދާން ނެތުނީ-"

ޑަކްޓާރު އޭނާގެ ވިންދު ބަލައިލާން އަތް ދިއްކޮށްލުމާއެކު ފީރޯޒާ ބުންޏެވެ. "އަޅުގަނޑު މުޅީން ރަނގަޅު- އަޅުގަނޑަކަށް ޑަކްޓަރަކުވެސް އަދި ބޭހެއްވެސް ބޭނުމެއް ނުވޭ- މިގެއަށް ދުރުވީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ-"

ޑަކްޓަރު ނުކުމެގެން ހިނގައްޖެއެވެ.

އެޔާއެކު ދެތިން އަންހެނުން ކޮޓަރިއަށް ވަދެއްޖެއެވެ. ސަލްމާ ބުންޏެވެ. "ތިޔަ ކުރީ ކީއް-؟ ޑަކްޓަރު ފޮނުވައިލީ ކީއްވެގެން-؟ އޭނާ ހީކުރާނީ ކީކޭ-؟"

"އެހެން މީހުން ހީކުރާނޭ ގޮތަކާ މެދު ވިސްނުން މިއަދުން ފެށިގެން އަހަރެން ހުއްޓާލައިފިން- އަހަރެން ކުރަން ޖެހޭ ކަމަކީ ކޮބައިކަން މިހާރު އަހަންނަށް އެނގޭ-"

ކޮޓަރިއަށް ވަން އަންހެނުންގެ ތެރެއިން އެކަކު ބުނެލިއެވެ. "ކޮއިފުޅާ- މިހާރަކު މައިންބަފައިންނެއްވެސް ނެތް- އެހެންވީމާ އަމިއްލަ ކަންތައްތައް އަމިއްލައަށް ހަމަޖައްސާ- އަމިއްލައަށް ވިސްނާން ފަށާ-"

ދެން އިން މީހާ ސަލްމާއަށް ވައި އެޅުވުމުގެ ގޮތުން ބުނެލިއެވެ. "ފީރޯޒާއަކީ ވަރަށް ނަސީބުވެރި ކުއްޖެއް- މިހައި ލޯބިވާ ފަހަރިއަކު ލިބުނީ އެހެން ވެގެން- އިރާދަ ކުރެއްވިއްޔާ ސަލްމާ ކޮއިފުޅަކަށް މައިނަބަފައިން ނެތްކަމުގެ އިހުސާސް ވިޔަކަ ނުދޭނެ-"

ފީރޯޒާ ބުންޏެވެ. "އަހަރެންވެސް މީގެ ފަހުން ފަހަރިއަށް މައިދައިތަ ނެތް ކަމުގެ އިހުސާސް ވިޔަކަ ނުދޭނަން-"

މިއަދު ފީރޯޒާގެ އަޑުން އެ ވާހަކަ ދައްކަނީ އޭނާގެ މައިދައިތަކަން ދެނެގަންނާކަށް ސަލްމާއަކަށް އުނދަގުލެއް ނުވިއެވެ. ބައްޕަ މަރުވުމާއެކު ފީރޯޒާގެ ކުލަވަރު ބަދަލު ވެއްޖެއެވެ. އެހެންނަމަވެސް ސަލްމާ އަދިވެސް ހުރީ ހިތްހަމަ ޖެހިފައެވެ. ގޭގެ އެންމެ ވަރުގަދަ ދެ ތަނބު ވެއްޓިއްޖެއެވެ. މިހާރު ގޭގެ ވެރިޔަކީ އޭނާއެވެ. ހުރިހައި ޖުދަލެއްގެ ވެރިޔަކީވެސް އޭނާއެވެ. މީގެ ފަހުން ގޭގެ އެންމެންނަށް އަމުރު ކުރާނޭ އަމުރުވެރިޔަކީވެސް އޭނާއެވެ.

ޖަވާދު ބައްޕަގެ ޖަނާޒާގެ ކަންތައް ނިންމައިފައި ގެއަށް އަތުވެއްޖެއެވެ. ތައުޒޔާ ކިޔަން އައި މީހުން މަޑުމަޑުން ހުސްވަމުން ގޮސް ހުސްވެއްޖެއެވެ. އެކި ރަށްރަށުން އައި ގާތް ތިމާގެ މީހުންވެސް ގޮސް އަވަދިވެއްޖެއެވެ.

ފީރޯޒާ ކޮޓަރިއަށް ވަދެ އެތެރެއިން ތަޅުލައިފިއެވެ. ދެތިން ފަހަރަކު ކޮންމެވެސް މީހަކު ޓަކި ޖެހިއެވެ. އެކަމަކު އޭނާ ނުއެއް ހުޅުވިއެވެ. އަނގަޔަކުންވެސް ނުބުންޏެވެ. އޭނާ ނިދާފައި ކަމަށް ހިތައި ފަހުން އެއްވެސް މީހަކު ޚަބަރެއް ނުބަލައެވެ.

އެކަމަކު އޭނާ އޮތީ ހޭލައެވެ. މިއަދު އޭނާ ވަނީ ބަފައެއްގެ ހިޔާވަހިކަމުން މަހުރޫމު ވެފައެވެ. ނިދަން ބޭނުން ވިޔަސް ނުނިދޭނޭކަން އޭނާއަށް އެނގެއެވެ. އަކްބަރު އަންނާނޭ ނަމައޭ އެތައް ފަހަރަކު ހިތަށް އެރިއެވެ. އޭނާގެ މޭގައި ބޯ އަޅައިލައިގެން އޮވެ ނިދޭނެ ނަމައޭ ހިތަށް އެރިއެވެ. މައިނަބަފައިންނަށް ފަހު އަންހެނެއްގެ އެންމެ ބޮޑު އެހީތެރިއަކަށް ވަނީ ފިރިމީހާއެވެ.

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.