"އައްނޫރުލް މުބީން" ޤުރުއާން މުބާރާތުގެ އޮފިޝަލުންނާ ނާއިބު ރައިސް ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ދަޢުވަތަށް "އައްނޫރުލް މުބީން" ގެ ނަމުގައި ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަޤުވާމީ ޤުރުއާން މުބާރާތުގެ އޮފިޝަލުންނާއި، ޖަޖުންނާއި އަދި ބައިވެރިންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރުފަހު ރައީސުލްޖުމްހުރިއްޔާގެ އޮފީހުގައެވެ.

މިއަދުގެ ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މި މުބާރަތުގައި ބައިވެރިވެވަޑައިގަތުމަށް އެކި ޤައުމުތަކުން ރާއްޖެއަށް ޒިޔާރަތްކުރެއްވި ބައިވެރިންނަށާއި، މި މުބާރާތް ޖަޖްކުރެއްވުމަށް ރާއްޖެ ވަޑައިގެންނެވި ޖަޖުންނަށް މަރުޙަބާ ވިދަޅުވެފައެވެ.

މި މުބާރާތް ބޭއްވުމުގެ އެންމެ މުހިންމު އެއް މަޤްޞަދަކީ މީހުންގެ ހިތްތަކުގައި ތަޖްވީދުގެ ހަމަތަކާއި އެއްގޮތަށް ޤުރުއާން ކިޔެވުމަށް ލޯބި އިތުރުކުރުމާއި، ޤުރުއާން ހިތުދަސްކުރުމަށް އިތުރަށް ބާރުއެޅުމަށްކަމުގައިވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ދަޢުވަތަށް ބާއްވާ މި މުބާރާތް ކުރިޔަށް ގެންދަނީ ކީރިތި ޤުރުއާނާބެހޭ މަރުކަޒާއި، އިސްލާމިކް މިނިސްޓްރީއާއި، ޕަބްލިކް ސާރވިސް މީޑިއާ ގުޅިގެންނެވެ. ރާއްޖޭގެ އިތުރުން މި މުބާރާތުގައި ބައިވެރިވާ ޤައުމުތަކުގެ ތެރޭގައި ސޫދާނާއި، ތުރުކީއާއި، ސަޢުދީ ޢަރަބިއްޔާއާއި، ޕާކިސްތާނާއި، މެލޭޝިޔާއާއި، ކުވެއިތާއި، މިޞްރާއި، ބަންގްލަދޭޝް ހިމެނެއެވެ.

މި މުބާރަތުގެ ޖަޖުންގެ ޕެނަލްގައި ތިއްބަވާ 5 ބޭފުޅުންގެ ތެރޭގައި ސޫދާނާއި، ޕާކިސްތާނާއި، މެލޭޝިޔާއާއި، ޔަމަނާއި ރާއްޖޭގެ ޖަޖުން ހިމެނިވަޑައިގަންނަވައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.