މޯލްޑިވިއަން އައިޑަލްގެ ތިންވަނަ ސީޒަން ކާމިޔާބު ކުރީ އާއިޝަތު އަޒަލް ޢަލީ ޒާހިރު

ފޮޓޯ: މޯލްޑިވިއަން އައިޑަލްގެ ރަސްމީ ފޭސްބުކް ޕޭޖުން

މޯލްޑިވިއަން އައިޑަލްގެ ސީޒަން 3 ގެ ވިނަރ އަކީ އާއިޝަތު އަޒަލް ޢަލީ ޒާހިރް އެވެ. މިއީ އަޒަލް މޯލްޑިވިއަން އައިޑަލްގައި ބައިވެރިވި ތިން ވަނަ ފަހަރެވެ. ފުރަތަމަ ބުރުގެ އޮޑިޝަނުން އަޒަލް ކަޓައިގެން ދިޔަ ނަމަވެސް ދެވަނަ ބުރުގައި ވެސް އަޒަލް ބައިވެރިވިއެވެ. ދެވަނަ ބުރުގައި އަޒަލްއަށް ވަނީ ތިއޭޓަރ ރައުންޑަށް ފަހު ފުރުސަތު ގެއްލިފައެވެ.

މުޅި ޝޯ އަށް ބަލާއިރު އަޒަލް އަކީ ވަރަށް އަމިއްލަވަންތަ ލަވަތަކެއް ހުށަހަޅައިދޭ ކުއްޖެއް ކަމަށް ޖަޖުން ދިޔައީ ފާހަގަ ކުރަމުންނެވެ. އަދި އަޒަލް އަކީ "ވަރަށް ޑިސިޕްލިންޑް ކުއްޖެއް" ކަމަށްވެސް ޖަޖުން ފާހަގަ ކޮށްފައިވެއެވެ. ޝޯގައި އަޒަލް ހުށަހަޅާފައިވަނީ  ދިވެހި ސަގާފަތާއި ގުޅޭ ލަވަތައް ކަމަށާއި އަދި ކޮންމެ ލަވައަކަށް ވެސް އަމިއްލަ ގޮތްތަކެއް ގެނެސްގެން ލަވަތައް ހުށަހަޅައިދިން ކަމަށް ޖަޖުން ފާހަގަ ކުރެއެވެ. ޖަޖުންގެ ބަހުރުވައިން ނަމަ "އަޒަލް އަކީ ވަރަށް އަޒަލްވަންތަ ލަވަ ހުށަހަޅާ ކުއްޖެކެވެ." އަޒަލް އަކީ ކަމަކަށް ކުރިމަތިލައި ފޭލިވިޔަސް އުއްމީދު ނަގާނުލައި މަސައްކަތް ކޮށްފިނަމަ އެކަމެއް ކާމިޔާބު ކުރެވޭނެ ކަމުގެ ދިރިހުރި މިސާލެއް ކަމަށް ޖަޖުން ދިޔައީ ތަކުރާރުކޮށް ފާހަގަކުރަމުންނެވެ. އަޒަލް އަކީ ހަގީގަތުގައިވެސް ޒުވާނުންނަށް ލާމަސީލު ނަމޫނާ އެކެވެ. 

އަޒަލް

އަޒަލް އަށް ޕީއެސްއެމް އިން ދޭ 250,000 ރުފިޔާ އާއި ޓްރޮފީ ހަވާލު ކުރެއްވީ ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް އެވެ. 

މުބާރާތުގެފުރަތަމަ ރަނަރ-އަޕް  އަކަށް ހޮވުނީ އާމިނަތު ސައިނާ މުހައްމަދު ރަޝީދު އެވެ. އަދި ދެވަނަ ރަނަރ-އަޕް އަކަށް ހޮވުނީ މަރިޔަމް މައީޝާ އެވެ. 

ކުރީ ދެ ސީޒަނާ ޚިލާފަށް މި ސީޒަންގެ ފިނާލޭ އިން ފަސް ބައިވެރީންނަށް ފުރުސަތު ދީފައިވެއެވެ. އެ ފަސް ބައިވެރީންނަކީ މަރިޔަމް މައީޝާ އާއި، ތަސްލީމް އާއި، ނައުޝާދު ލަތީފް އާއި އަިއޝަތް އަޒަލް އެވެ.

ކުލަގަދަ ހަފްލާ އަކާއެކު ކުރިއަށް ދިޔަ ޝޯގައި ފުރަތަމަ ސީޒަންގެ ވިނަރ ލައިޝާ ޖުނައިދާއި އެ ސީޒަންގެ ރަނަރ-އަޕް ޝަލަބީ އިބްރާހީމް އާއި އިޝާން ޕާފޯރމް ކުރިއެވެ. ޝަލަބީ ހުށަހެޅި ދެ ލަވައިގެ ލިރިކްސް އާއި މެލޮޑީ ހަދާފައިވަނީ ވެސް އޭނާ އެވެ. އިޝާންގެ ލަވައަކީ ވެސް އޭނާގެ އަމިއްލަ ލަވައެކެވެ. އޭގެ އިތުރުން މިއުޒިކް އިންޑަސްޓްރީގައި ފިޔަޖަހަމުން އަންނަ ގިނަ ފަންނާނުން ތަކެއް މިރޭގެ ޝޯގައި ޕާފޯމް ކުރިއެވެ. 

މިރޭގެ ޝޯގައި އެންމެ މޮޅު ތިން ބަައިވެރީން ހޮވާފައިވަނީ އެންމެ ފަހުން ބޭއްވި ދެ ޝޯ އަށް ބެލުންތެރިން ފޮނުވި އެސްއެމްއެސް އާއި ޖަޖުންގެ މާކްސް އަށް ބިނާ ކޮށެވެ. އެގޮތުން ޓޮޕް 3 އަށް ހޮވުނު ތިން ބައިވެރިންނަކީ މައިޝާ އާއި އަޒަލް އާއި ސައިނާ އެވެ. މއީ ޓޮޕް 3 އަށް އަންހެން ތިން ބައިވެރީން ދިޔަ ފުރަތަމަ ފަހަރުވެސް މެއެވެ.

މޯލްޑިވިއަން އައިޑަލް އަކީ ރާއްޖޭގައި ކުރިއަށް ގެންދާ ފުރަތަމަ ފްރެންޗައިޒް ޝޯ އެވެ. ޝޯގެ ޓައިޓްލް ސްޕޮންސަރ އަކީ ދިރާގެވެ. މިރޭގެ ޝޯގެ އިނާމް ދިނުމުގެ ރަސްމިއްޔާތުގައި ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ބައިވެރިވެ ވަޑައިގެންނެވިއެވެ. އެކަމަނާގެ އިތުރުން މިނިސްޓަރ އޮފް ޓުއަރިޒަމް އޮނަރަބްލް މޫސާ ޒަމީރް އާއި މިނިސްޓަރ އޮފް އިކޮނޮމިކް ޑެވެލޮޕްމެންޓް މުހައްމަދު ސައީދު އާއި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ އަހްމަދް ނިހާން ވެސް އިނާމް ދިނުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.

 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.