އައްޑޫގައި ވަކި ދައުލަތެއް ގާއިމް ކުރެއްވުމުގެ މަޝްވަރާތަކެއް ރައީސް ނަޝީދު ކުރައްވައިފި ކަމަށް ބުނެ ލީކުވެގެން އުޅޭ އޯޑިއޯގައި ދައްކާފައިވާ ވާހަކަ ތަކަކީ އެއްވެސް އަސްލެއްނެތް ވާހަކަތަކެއް ކަމަށް އައްޑޫ ސިޓީ މީދޫ ކައުންސިލަރ ހުސައިން ހިޔާޟް ވިދާޅުވެއްޖެއެވެ.
އޭނާ ވިދާޅުވީ އެއީ އައްޑޫ ސިޓީގެ ފަތުރުވެރިކަން ޕްރޮމޯޓު ކުރަން އިންޑިއާއަށާއި ލަންކާއަށް މިއަހަރު ކުރެއްވި ދަތުރުގައި ރައީސް ނަޝީދާ ބައްދަލު ކުރެއްވުމުގައި މަޖަލަކަށް ދެކެވިފައިވާ ވާހަކަތަކެއް ކަމަށެވެ.
"އޭގައި ބައްދަލުވި އެންމެންވެސް އަޅުގަނޑަށް އެނގޭ. އެކަމަމަކު ކޮންމެވެސް މީހަކު ރެކޯޑު ކުރީމަތާ ލީކުވެސް ކޮށްލެވޭނީ. އެ ޒާތުގެ ކަންތައް ކޮށްގެން ގައުމުގައި ފިތުނަ އުފައްދަން މަސައްކަތްކުރާތީ މައްސަލަ މިޖެހެނީ. އެއީ އެއްވެސް އަސްލެއް ހަގީގަތެއް އޮތްވާހަކަތަކެއް ނޫންކަން އޯޑިއޯ އަޑުއެހީމާވެސް އެނގޭނެ،" ހިޔާޟް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ ދަތުރުގައި ރައީސް ނަޝީދާ ބައްދަލު ކުރެއްވީ އެމަނިކުފާނަކީ ސިޔާސޫ ގޮތުން ހިޔާޒު ތާއިދު ކުރައްވާ ލީޑަރަށް ވާތީ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ސަމާސާއަށް ދައްކާ އެކަހަލަ ވާހަކަތައް ސީރިއަސްކޮށް ނަގައިގެން ބޮޑު "އިޝޫއަކަށް" ހަދައިގެން "އަޅުގަނޑުގެ ބޮލުގައި ބާޣީއެއްގެ ތުހުމަތުވެސް އަޅުފައިފާނެ،" ކަމަށެވެ.
އެބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ކައުންސިލަރ ޖަމްޝީދާ މުހައްމަދުވެސް ވިދާޅުވީ އެއީ ސަމާސާ ވާހަކަތަކެއް ކަމަށެވެ.
އެ އޯޑިއޯގައި ކޮންމެވެސް މީހަކު ރައީސް ނަޝީދަށް ދަންނަވަނީ އައްޑޫގައި ވަކި ދައުލަތެއް ހަދައިގެން ވަކިވެ ގަތުމަށެވެ. އެހެން ބުނުމުން ރައީސް ނަޝީދު ހިނިފުޅު ވަޑުވަމުން ވިދާޅުވެފައިވަނީ "ވަތްކެއްނުވެވޭނެ އެއް ނޫން ހަތިޔާރު ނެތީއެއް" މިހެންނެވެ.
އެމަނިކުފާނު ވިދާޅުވެފައިވަނީ ބްރިޓިޝް ވާޖިން އައިލެންޑްސްގެ ޓޯޓްލާ އަކީ ވަކިދައުލަތެއް ހަދައިގެން އުޅޭ އައްޑޫ ސިޓީވަރުގެ "އަތޮޅެއް" ކަމަށެވެ. އާބާދީވެސް ވާނީ ގާތްގަނޑަކަށް އައްޑޫވަރު ކަމަށް ވިދާޅުވެފައިވެއެވެ. "ހަމަ ގާތް ގަނޑަކަށް އެހައިކަންވަރު. ބައްތިރީސް ހާސް މީހުން އައްޑޫގައި އެބައުޅޭ ދެއްތޯ،" ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
މި އޯޑިއޯއާ ބެހޭގޮތުން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ އެކަމާ ބެހޭގޮތުން ފަހުން މައުލޫމާތު ދެއްވާނެ ކަމަށެވެ.
ތިހުންނަނީ ސަމާސާއަށްވިޔަސް ދައްކައިގެންވާނެ ވާހަކަތަކެއްނޫން
ސިހުންނަނީ ސަމާސާކުރާކަހަލަ ވާހަކަތަކެއްނޫން