ފެންނަ ފެނުމަށް އިސްރާއީލު ދަނީ އީރާނަށް ހަމަލާދިނުމަށް ތައްޔާރުވަމުން ކަމުގައި އެެމެރިކާގެ އިސް ތިން މަސްއޫލުވެރިންނާއި ހަވާލާދީ އެމެރިކާގެ އެންބީސީ ނެޓްވާކުން ބުނެފިއެވެ.
އެ ތިން މަސްއޫލުވެރިން ބުނެފައި ވަނީ އީސްރާއީލުން ހަމާއަށް ދިން، އީރާނުގެ އެެތައް ބަޔަކު މަރާލި، އަދި ދާދި ފަހުން އީރާނުން ސީރިޔާއަށް ގެނައި އެތައް ހަތިޔާރެއް ހަލާކުކޮށްލި ހަމަލާއަކީ އިސްރާއީލާއި އީރާނާ ދެމެދު ހަމަނުޖެހުން ބޮޑުވަމުން އަންނަ ކަމުގެ ނިޝާނެކެވެ. އަދި ދެގައުމުން ހަނގުރާމައެއް ފަށާފާނެ ކަމުގެ ދަލީލެކެވެ.
އެ މީހުން ބުނާ ގޮތުގައި އިސްރާއީލުން އެންމެ ކަންބޮޑުވަނީ ސީރިޔާގައި އީރާނުގެ ނުފޫޒު ގަދަވަމުން އަންނާތީއެވެ.
އެހެންނަމަވެސް، އިސްރާއީލުގެ ގާނޫނު ހަދާ މަޖިލިހުން ފާސްކުރުމަކާ ނުލައި ހަނގުރާމަ އިއުލާންކުރުމުގެ ހުއްދަ އެ މިޖިލީހުން ދާދި ފަހުން ލިބުނު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އިސްރާއީލު އީރާނަށް ހަމަލާދޭން އުޅޭކަން ދޮގުކޮށްފައެވެ.
"އެއްވެސް ފަަރާތަކުން އެފަަދަ ހާލަތަކަށް ހިނގައިދާނެ ފަދަ ކަމެއްގެ ފަހަތުން ނުއުޅޭ. ސަރަހައްދުގެ އުސޫލުތައް ބަދަލުކުރާ ބަޔަކީ އީރާން." އިސްރާއީލު އޮތީ އީރާނަށް ހަމަލާދޭން ތައްޔާރުތޯ ސީއެންއެނުން އޭނާއާކުރި ސުވާލަކަށް ޖަވާބުދެމުން އޭނާ ބުންޏެވެ.
މިމޭރުމުން އޭނާ ވާހަކަދައްކާފައި މިވަނީ އީރާނުގެ ނިއުކުލިޔާ ޕްރޮގްރާމާ ގުޅޭތުން އެގައުމުން ހަދަނީ ދޮގުކަމަށް އޭނާ ތުހުމަތުކުރިތާ އެެއް ދުވަސް ފަހުންނެވެ. އަދި އޭނާ ވަނީ އީރާނުން ސިއްރުގައި ނިއުކުލިޔާ ޕްރޮގްރާމު ކުރިއަށް ގެންދާ ކަމުގެ ސާބިތު ހެކިކަމުގައި އޭނާ ބުނާ ހެކިތަކެއްވެސް ދައްކާފައެވެ. އީރާނުން ބުނީ އޭނާގެ އެވާހަކަތަކަކީ ޕްރޮޕެގެންޑާ ކަމުގައެވެ.
އަނެއްކޮޅުން އިސްރާއީލުން ދަނީ ކުއްލި ހާލަތެއްގައި އަމަލުކުރާ ފަދައިން، ހިފާފައިވާ ގޯލާން ސަރަހައްދަށް ގިނަ އަދަދެއްގެ ސިފައިން ޖަމާކޮށް، ޓޭންކާއި، ބަރު ހަތިޔާރު ގިނަ އަދަދަކަށް ފޮނުވަމުން ކަމުގައި ޚަބަރުތައް ބުނެއެވެ.
އަދި މިކަމާ ގުޅުންހުރި އެހެން ޚަަބަރެއްގައި، އިސްރާއީލުގެ ޚާރިޖީ ވަޒީރުގެ ނާއިބު މައިކަލް އޮރެންއާ ހަވާލާދީ ބްލޫމްބާގުން ބުނެފައި ވަނީ ސީރިޔާގައި އީރާނުގެ އަސްކަރީ ބާރު ނައްތާލަން އިސްރާއީލަށް ކުރެވުނު ކޮންމެ ކަމެއް ކުރާނެ ކަމަށާއި، އެކަމުގައި މީހުން ގިނައިން ދިރިއުޅޭ ސަރަހައްދުތަކަށް ހަމަލާދޭން ޖެހުނަސް ފަރުވާލެއް ނެތް ކަމަށެވެ.