ބީބީސީ އާ ގުޅިގެން ޕާކިސްތާން ގެ ތަރި ރިޒް އަހްމަދް 'އިންގްލިސްތާން' ނަމަކަށް ކިޔާ ޑްރާމާއެއް އުފައްދަނީ

ޕާކިސްތާނަށް ނިސްބަތްވާ އިނގިރޭސި ވިލާތުގެ ފިލްމީ ތަރި އެއްކަމުގައިވާ ރިޒް އަހްމަދް ބީބީސީ އާ ގުޅިގެން ޑްރާމާ އެއް އުފައްދަން އުޅެ ކަމަށް އޭނާ ބުނެފިއެވެ. އޭނާ އުފައްދާ ޑްރާމާގެ ނަމަކީ 'އިންގްލިސްތާން' އެވެ. މިއީ 9 ބައެއްގެ މައްޗަށް އެކުލެވިގެންވާ ޑްރާމާ އެކެވެ.

'އިންގްލިސްތާން' އަކީ ޕާކިސްތާނާއި އިނގިރޭސިވިލާތަށް ނިސްބަތްވާ އާއިލާއެއްގެ ތިން ޖީލުގެ މައްޗަށް ބިނާކޮށް ހަދާ ޑްރާމާއެކެވެ. މި ޑްރާމާގައި މި ތިން ޖީލުގެ މީހުން އެމީހުންގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ކުރި މަސައްކަތާއި އެމީހުންގެ ދިރިއުޅުން ދައްކުވައިދޭނެއެވެ. 40 އަހަރުތެރޭގައި މި އާއިލާ މީހުން އެކި ހާލަތްތަކުގައި އުޅުން ގޮތް ފެންނާނެއެވެ.

މި ޑްރާމާގެ މައުލޫމާތު އާއްމުކޮށްފައިވަނީ ހޯމަ ދުވަހުއެވެ. ޑްރާމާ އުފައްދަނީ ބީބީސީ ސްޓޫޑިއޯސް ލަންޑަން އާއި ލެފްޓް ހޭންޑް ފިލްމްސް ފޯރ ބީބީސީ ޓޫ އާއި ގުޅިގެންނެވެ. ރިޒް އަހްމަދް ބުނެފައިވާ ގޮތުގައި މި ޑްރާމާ ބިނާކޮށްފައިވާ ވާހަކައަކީ އޭނާ އަބަދުވެސް ކިޔައިދޭން ބޭނުންވެފައިވާ ވާހަކައެކެވެ. ބީބީސީ އާ އެކު މިވާހަކަ ކިޔައިދޭން ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށް އޭނާ ބުނެފައިވެއެވެ. ބީބީސީ ޑްރާމާ ކޮންޓްރޯލަރ ޕިއަރސް ވެންގަރ އާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މި ޑްރާމާގެ ވާޙަކަ ބިނާކޮށްފައިވަނީ 20ވަނަ ގަރުނުގެ ފަހުކޮޅަށް ކަމުގައި ވީ ނަމަވެސް މި ވާހަކަ ގެނެސްދޭނީ މުޅީން އެހެން ނަޒަރަކުންނެވެ. އޭނާ ބުނެފައިވާ ގޮތުގައި 'އިިނގްލިސްތާން' އަކީ ގިނަ ސަގާފަތްތަކެއްގ މައްޗަށް އެކުލެވިގެންވާ އިނގިރޭސިވިލާތެއް އުފަންވި ގޮތުގެ ވާހަކައެވެ. އަދި އެސަގާފަތްތައް އުފެދިގެން އައި ގޮތުގެ ވާހަކަ އެވެ.

ރިޒް އަހްމަދް އަކީ 'ރޯގް ވަން'، 'ޖޭސަން ބޯރން'، އަދި އެޗް.ބީ.އޯ އިން ދެއްކި 'ދަ ނައިޓް އޮފް' ގެ ބަތަލެވެ. ފިލްމީ ތަރިއެއްގެ އިތުރުން އޭނާ އަކީ ރެޕް ލަވަ ކިއުންތެރިއެކެވެ. އަދި އެކްޓިވިސްޓެއް ވެސްމެއެވެ. 'އިނގްލިސްތާން' އަކީ އޭނާ ލިޔުނު ފުރަތަމަ ޓިވީ ޑްރާމާ އެވެ.  

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.