ސީރިޔާގެ ވެރިރަށް ދިމިޝްގުގެ ކައިރީގައި އޮންނަ އިރުމަތީ ޣޫޠާ ސަރަހައްދުގައި، އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮތް ހަމައެކަނި އަވަށް ކަމުގައިވާ ދޫމާއަށް ދެވުނު ހަމަލާއެއްގައި 150 މީހުން މަރުވެއްޖެއެވެ. އިންސާނީ އެހީ ދިނުމުގައި ހަރަކާތްތެރިވާ ދަރުމަވެރިންގެ ޖަމާއަތް، ވައިޓް ހެލްމެޓްސް އިން ބުނާ ގޮތުގައި ކެމިކަލް ހަތިޔާރު ބޭނުންކޮށްގެން ދެވުނު މިހަމަލާގައި ގިނައިން މަރުވެފައި ވަނީ އަންހެނުންނާއި ކުޑަކުދީންނެވެ.
ސީރިއާގެ ވައިގެ ސިފައިން މިސައިލުން ދިން މިހަމަލާގައި ބޭނުންކޮށްފައި ވަނީ ބާރުގަދަ ކެމިކަލްތައް ކަމަށްވާ ކްލޮރިން ގޭހާއި، ސެރިން ގޭސް ކަން ވަރަށް ބޮޑަށް ޔަގީންކުރެވޭ ކަމުގައި އެހީދޭ ޖަމާއަތްތަކުން ބުނެއެވެ.
ސީރިޔާ ސަރުކާރުގެ މަތިންދާ ބޯޓުތަކުންނާއި ރަޝިޔާގެ މަތިންދާބޯޓުތަކުން ކްލަސްޓަރ ބޮމުގެ ހަމަލާތަކެެއްވެސް ދޫމާއަށް ދީފައިވާ ކަމުގައި ޚަބަރުތައް ބުނެއެވެ. ކްލަސްޓަރ ބޮމަކީ ބޭނުންކުރުން ބައިނަލްއަގްްވާމީ ގޮތުން މަނާކުރެވިފައިވާ ހަތިޔާރެކެވެ.
ދޫމާގައި ސަރުކާރު ސިފައިންނާ ހަނގުރާމަކުރަމުންދާ އިދިކޮޅު ހަނގުރާމަވެރި ޖަމާއަތް، ޖައިޝުލް އިސްލާމުން ބުނީ ފާއިތުވި މަދު ގަޑިތަކެއްގެ ތެރޭގައި ދޫމާއަށް 250 ވައިގެ ހަމަލާ ދެވިފައިވާ ކަމުގައެވެ. އެއަވަށުގެ ސިވިލް ޑިފެންސުން ބުނީ ވައިގެ ހަމަލާތައް ގަދަފަދަ ކަމުން މީހުން ސަލާމަތްކުރުމުގެ މަސައްކަތް އެމީހުންނަށް ނުކުރެެވޭ ކަމުގައެވެ.
ދޫމާއަކީ އިރުމަތީ ޣޫޠާ ސަރަަހައްދުގައި ސަރުކާރުގެ ބާރުގެ ދަށަށް ނުގޮސް އޮތް ހަމައެކަނި އަވަށެވެ. އެއަވަށުން މީހުން ބޭލުމަށް ރަޝިޔާ މެދުވެރިވެގެން އެއަވަށް ކޮންޓްރޯލްކުރާ ޖައިޝުލް އިސްލާމާއި ސަރުކާރާ ދެމެދުގައި ދެކެވެމުން އައި ވާހަކަތަަކުން އެއްބަސްވުމަކަށް ނާދެވުމުން ސަރުކާރު ސިފައިން ވަނީ ރަޝިޔާގެ ވައިގެ ސިފައިންގެ އެހީތެރިކަމާއެކު އެރަށަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދޭން ފަށާފައެވެ. ޖައިޝުލް އިސްލާމާއެކު ދިގުދެމިގެންދާ ހަނގުރާމައެއް ކުރަން ސަރުކާރު ސިފައިން ބޭނުންނުވާތީ ގަދަފަަދަ ވައިގެ ހަމަލާތަކެއް ދީގެން އެމީހުން ބަލިކުރެވޭތޯ މަސައްކަތް ކުރަނީ ކަމަށް ވެއެވެ.
ދޫމާގައި މިހާރުވެސް އާއްމުންގެ ތިންލައްކައެއްހާ މީހުން އެބަތިއްބެވެ.
ސީރިޔާ ސަރުކާރުގެ ސަނާ ނިއުސް އެޖެންސީން ބުނީ 10 ދުވަހަަށް ހަނގުރާމަ ހުއްޓިފައި އޮތުމަށްފަހު ސަރުކާރު ސިފައިން ދޫމާއަށް ވައިގެ ހަމަލާ ދޭން ފެށީ، ޖައިޝުލް އިސްލާމުގެ ހަނގުރާމަވެރިން ދިމިޝްގުގެ މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ރޮކެޓު ހަމަލާ ދިނުމުން ކަމަށެވެ.
"ދޫމާއަށް ވަނީ ގަދަފަދަ ވައިގެ ހަމަލާތަކެއް ދެވިފައި. ރަށް މިވަނީ މުޅިން ސުންނާފަތިވެފައި. ކްލޮރިން ގޭހުގެ ހަމަލާއަކަށް ފަހު ހާހެއްހާ މީހުންނަށް ނޭވާލާން އުނދަގޫވެގެން އެމީހުންނަށް ފަރުވާ ދެވޭތޯ އަހަރުމެން މަސައްކަތް މިކުރަނީ" އަލްޖަޒީރާއާ ވާހަކަދައްކަމުން ދޫމާގައި ބޭސްފަރުވާގެ އެހީތެރިކަން ފޯރުކޮށް ދިނުމަށް މަސައަކަތްކުރާ މުއައްޔަދު އައްދައިރާނީ ބުންޏެވެ.