(31 ޖުލައި 2026 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
(3)
ރޭގަނޑުގެ ދެ ދަން ހުސްވެ، ތިންވަނަ ދަމަށް އަޅައިގެންފިއެވެ. ފުންކޮށް ނިދައިފައި އޮވެފައި ކުއްލިއަކަށް ރަބީޢާއަށް ހޭލެވިއްޖެއެވެ. އޭނާގެ ކޮޓަރީގެ ދަންމަރު ހުރީ ދިއްލައިފައެވެ. ފުރިހަމައަށް ދަހަނާ އަޅުއްވައިގެން، ބަދްރު ބިން މުޣީރާ އޭނާގެ އެނދު ކައިރީގައި ސީދާ އޭނާއާ ދިމާއަށް ފުންކޮށް ބައްލަވާން އެބަހުންނެވިއެވެ.
ރަބީޢާ ތެދުވެ އިށީނދެއްޖެއެވެ. [ބަދްރު ވަޑައިގަތީ ކޮން އިރަކުތޯއެވެ؟]
[އައީ ދެންމެއެވެ. އަނެއްކާވެސް މި އުޅެނީ ދާށެވެ.]
ރަބީޢާ ސުވާލުގެ ނަޒަރަކުން އޭނާގެ ފިރިކަލުންނާ ދިމާއަށް ބަލައިލިއެވެ.
ބަދްރު ވިދާޅުވިއެވެ. [އުތުރުގައި ކުރި ހަނގުރާމައިން ﷲ ތަޢާލާ އަހަރެމެންނަށް ނަސްރު ދެއްވައިފިއެވެ. އަހަރެމެން ދުޝްމިނުން ތިރީސް މޭލު ފަހަތަށް ޖައްސައިފީމެވެ. އެކަމަކު އަހަރެން އެނބުރި އައިތަނާ މަންޞޫރުގެ ފަރާތުން ޚަބަރު ލިބުނު ގޮތުގައި ދުޝްމިނުންގެ ވަރަށް ބޮޑު ލަޝްކަރެއް ހުޅަނގު ފަރާތުން އައިސް ހަމަލަދީފިއެވެ. މިހާރު މި ދަނީ އެ ދިމާއަށެވެ. އިރާދަކުރެއްވިއްޔާ ނަސްރަށް ފަހު އެނބުރި އައިސް އެތައް ރެޔަކު އަރާމުގެ ނިދިން ނިދޭނެއެވެ. ޔޫސުފް މިހާރު ކިހިނެއް ހެއްޔެވެ؟]
ރަބީޢާ ބުންޏެވެ. [ޔޫސުފް މިހާރު ރަނގަޅެވެ. ހުން ވިހެލައިފިއެވެ. ހޭލައްވަންވީ ތޯއެވެ؟]
[ނޫނެކެވެ. ނިދަން ބާއްވާށެވެ. ހޭލައްވައިފިއްޔާ އަހަންނާއެކު ދާން އުޅެގެންފާނެއެވެ. ޒުބައިދާ ކިހިނެއް ހެއްޔެވެ؟]
[ޒުބައިދާ މުޅީން ރަނގަޅެވެ. އަޅުގަނޑު ޔޫސުފަށް ވާހަކަ ކިޔައިދޭތީ ޒުބައިދާވެސް މިހާރު ނިދަނީ އެ ކޮޓަރީގައެވެ. ބަޝީރް ކޮބައިތޯއެވެ؟]
ބަދްރު ވިދާޅުވިއެވެ. [ޒަޚަމްވީ މީހުން ގޮވައިގެން އޭނާ އެބަ އާދެއެވެ. މާދަމާ ހެނދުނު މި ހިސާބަށް ފޯރާނޭހެން ހީވެއެވެ. މި ފަހަރުގެ ހަނގުރާމައިގައި އަހަރެމެންގެ ދުއިސައްތަ މުޖާހިދުން ޒަޚަމްވިއެވެ. ފަންސާސް މުޖާހިދުން ޝަހީދުވިއެވެ. އަހަރެމެންގެ ހުސިޔާރު މުޖާހިދުން އެމީހުންގެ ތިން ހާހަށްވުރެ ގިނަ މީހުން މީހުން މަރައިލިއެވެ.]
ރަބީޢާ ހިމޭންކަމާއެކު އޭނާގެ ފިރިކަލުންނާ ދިމާއަށް ބަލައިލިއެވެ. ބޭރަށް ޖަމާވަމުންދާ ސިފައިންގެ އަޑުފައްގަނޑު އެތެރެއަށްވެސް އިވެއެވެ. ކުއްލިއަކަށް ޖެހިގެން ހުރި ކޮޓަރީގެ ދޮރު ހުޅުވިއްޖެއެވެ. ދެލޯ ކަހަމުން ނުކުމެގެން އައީ އުމުރުން ހަތް އަހަރުގެ ކުޑަކުޑަ ފިރިހެން ކުއްޖެކެވެ. އައި ގޮތަށް އައިސް ބަދްރު ބިން މުޣީރާގެ ފައިގައި އޮޅުލައިގެންފިއެވެ.
ބަދްރު އެކުއްޖާ އުރުއްވައިފިއެވެ. އަދި ނިތްކުރީގައި ބޮސް ދެއްވުމަށް ފަހު ވިދާޅުވިއެވެ. [ދަރިފުޅަށް ހޭލެވުނީހެއްޔެވެ؟]
ޔޫސުފް ބުންޏެވެ. [އަޅުގަނޑު ހޭލެއްވީ ކޮއްކޮއެވެ. ބައްޕަ އަނެއްކާވެސް ވަޑައިގަންނަވަނީތޯއެވެ؟ އަޅުގަނޑުވެސް ދާނަމެވެ.]
[ބައްޕަޔާއެކު ދާވަރަށްވުރެ ދަރިފުޅު އަދި މާ ކުޑައެވެ.]
[ބައްޕަ އަބަދުވެސް ވިދާޅުވަނީ ތިޔަހެންނެވެ. ކޮއްކޮކުރެން އައްސަވައިބައްލަވާށެވެ. ކުޅޭކުޅޭ ބުއްދު މައްޗަށް އެއްލައިފައި އަޅުގަނޑު މިހާރު އެޔަށް ތީރު ޖަހަމެވެ. ކޮއްކޮ ބުނީ އަޅުގަނޑު ބޮޑު ވެއްޖެއޭއެވެ. މިހާރު ޖިހާދަށް ދެވޭނެއޭވެސް ބުންޏެވެ.]
[ނޫނެކެވެ. ދަރިފުޅާއެވެ. ދަރިފުޅުގެ ކުޑަކުޑަ އަތަކުން އަދި ކަނޑިއެއް ނުއުފުލޭނެއެވެ. ލޮންސިއެއް ނުގެންގުޅެވޭނެއެވެ. ދަރިފުޅު ބޮޑުވެ، އެ ތަކެތި އުފުލޭވަރު ވީމާ ބައްޕަޔާއެކު ގެންދާނަމެވެ. މިހާރު މަންމަޔާއެކު އުޅޭށެވެ.]
[ބައްޕާއެވެ. އަޅުގަނޑު ބޮޑުވާއިރު ހަނގުރާމަ ނިމިދާނެއެއް ނޫންތޯއެވެ؟]
[ދަރިފުޅާއެވެ. ކުފުރާއި އިސްލާމްދީނާ ދެމެދު ކުރާ ހަނގުރާމަ ދުވަހަކުވެސް ނުނިމޭނެއެވެ. އިސްލާމުންގެ އެންމެ މީހަކު ބާކީ ހުއްޓަސް ހަނގުރާމަ ނުނިމި ކުރިއަށް ދާނެއެވެ.]
އުމުރުން ހަ އަހަރުގެ ޒުބައިދާ ދޮރުފަތުގެ ފުރަގަހުގައި ހުރެގެން އެ ވާހަކަތައް އަޑު އަހަމުން ގެންދިޔައެވެ. އެންމެ ފަހުން ޖެހިލުން ވެފައި ހުރެގެން ކޮޓަރި ތެރެއަށް ވަދެއްޖެއެވެ. ބަދްރު ޔޫސުފް ބިންމަތީގައި ބެހެއްޓެވުމަށް ފަހު ޒުބައިދާ އުރުއްވައިފިއެވެ.
ޒުބައިދާ އަހައިލިއެވެ. [އަޅުގަނޑުގެ ބައްޕަ ވަޑައިނުގަތީ ކީއްވެގެންތޯއެވެ؟]
[ދަރިފުޅުގެ ބައްޕަ މާދަމާ ވަޑައިގަންނަވާނެއެވެ.]
ޔޫސުފަކީ ބަދްރު ބިން މުޣީރާގެ ދަރިކަލުންނެވެ. ޒުބައިދާއަކީ ބަޝީރް ބިން ޙަސަންގެ ދަރިކަނބަލުންނެވެ. ބަދްރު އިރުކޮޅެއް ވާންދެން ކުދިންނާ ވާހަކަފުޅު ދައްކަވައިލެއްވުމަށް ފަހު ދެ ކުދިން ނިންދަވާން ބާއްވަވައިފިއެވެ.
ބަދްރު ހަނގުރާމައަށް ނުކުމެވަޑައިގެންނެވި އިރު އަލްވަދާއު ދަންނަވާން އަރިހުގައި ރަބީޢާ ހުއްޓެވެ. ކަރުނައާއި ގިސްލުމާ ނުލައި ފިރިންނަށް އަލްވަދާއު ކިޔުމަކީ މިހާރު މުޖާހިދުންގެ އަނބިންނަށް ފަރިތަވެފައިވާ ކަމެކެވެ.
ބަދްރު ނައްޓަވައިލައްވާން އުޅުއްވިތަނާ ފެންޑާއަށް ހުޅުވޭން ހުރި ދޮރުގައި މީހަކު ޓަކި ޖަހައިފިއެވެ. [ދައްތާ... ދައްތާ...]
ރަބީޢާ ބުނެލިއެވެ. [އަންނާށެވެ.]
އެންޖެލާ ޖެހިލުންވެފައި ހުރެގެން ކައިރިއަށް އަތުވެއްޖެއެވެ. އަދި ބަދްރާ ދިމާއަށް ބަލާން ފަށައިފިއެވެ.
ބަދްރު ވިދާޅުވިއެވެ. [އެންެޖެލާއެވެ. ކަންބޮޑު ނުވާށެވެ. ބަޝީރް މާދަމާ ވަޑައިގަންނަވާނެއެވެ. އޭނާ ވަޑައިގަންނަވަނީ ޒަޚަމްވީ މީހުންނާއެކީގައެވެ.]
އެންޖެލާ ހިތްހަމަޖެހުމުގެ ނޭވައެއް ލިއެވެ. [އަޅުގަނޑަށް ހޭލެވުނީ ސިފައިންގެ އަޑަށެވެ. ބަދްރުބެ އަނެއްކާވެސް ވަޑައިގަންނަވަނީތޯއެވެ؟]
[އާނއެކެވެ. އަހަރެން މި ދަނީ ހުޅަނގު ސަރަހައްދަށެވެ. ޒަޚަމްވެފައި ތިބި މީހުންނަށް ފަރުވާކުރަން މި ތާނގައި މަޑުކުރާށޭ އަހަރެން އޮންނާނީ ބަޝީރް ގާތު ބުނެފައެވެ.]
ރަބީޢާއާ ދިމާއަށް ބައްލަވައިލެއްވުމަށް ފަހު ބަދްރު އިތުރު އެއްވެސް އެއްޗެކޭ ވިދާޅުނުވެ ބާރަށް ވަޑައިގެން ނުކުމެވަޑައިގެންފިއެވެ.
އޭގެ އިރުކޮޅެއް ފަހުން ރަބީޢާއާ އެންޖެލާއާ ދެބެއިން ތިބީ ބެލްކަނީގައި ބޭރަށް ބަލަހައްޓައިގެންނެވެ. މުޖާހިދުންގެ ލަޝްކަރު ކިއްލާއިން ނުކުމެގެން ބައިބަޔަށް ނުކުމެގެން ގޮސް ޖަންގަލީގެ ތެރެއަށް ވަދެ، އޮބައިލައިފިއެވެ. އެކަމަކު އަދިވެސް އަސްތަކުގެ ފައި ޖެހޭ އަޑު އެބަ އިވެއެވެ. އެ އަޑު ކެނޑޭންދެން ދެބެއިން ތިއްބެވެ. އަޑު ކެނޑި ހިމޭންވީމާ ދެބެއިން އެކަކު އަނެކެއްގެ މޫނަށް ބަލައިލިއެވެ.
ޔޫސުފާއި ޒުބައިދާއާ ދެކުދިންވެސް އެނދުން ފައިބައިގެން އައިސް ކުޑަދޮރުން ބޭރު ބަލަހައްޓައިގެން ތިއްބެވެ. އެ ދެ ކުދިންގެ ކަންފަތުގައި ނުފިލާ ގޮތަށް ހަރުލައިފައި ހުންނަ އެއް އަޑަކީ ކިއްލާއިން ބޭރަށް ނުކުމެގެން ދާ އަސްތަކުގެ ފައިތިލައިގެ އަޑާއި އެތެރެއަށް ވަންނަ އަސްތަކުގެ ފައިތިލައިގެ އަޑެވެ.
(4)
ކިއްލާގެ ބައެއް ކޮޓަރި ފުރޭންދެން ތިބީ ޒަޚަމްވެފައިވާ މުޖާހިދުންނެވެ. އެންޖެލާއާއި ރަބީޢާއާ ދެބެއިންވެސް މިހާރު ތިބީ ބޭސްއެޅުންފަދަ ބައެއް ކަންކަން ދަސްކޮށްގެންނެވެ. އެހެންވީމާ ދެ މީހުންވެސް ގެންދިޔައީ ހޭހަންކުރަން އުޅޭ މީހުންނަށް އެހީތެރިވަމުންނެވެ. ފާއިތުވެ ދިޔަ ހައެއްކަ ދުވަހަކީ އެންމެންވެސް އަރާމެއް ނެތި ބުރަކޮށް މަސައްކަތް ކުރި ހައެއްކަ ދުވަހެވެ. ޒަޚަމްވެގެން ހުޅަނގު ސަރަހައްދުން ގެނެވޭ މީހުންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް ދިޔައީ ގިނަ ވަމުންނެވެ. މި ކިއްލާގެ އިތުރަށް ހައެއްކަ މޭލު ދުރުގައި ހުރި އެހެން ކިއްލާއެއްގައިވެސް މީހުންނަށް ފަރުވާ ދިނުމުގެ ކަންތައް ކުރިއަށް އެބަ ގެންދެއެވެ. އެހެންވީމާ ބަޝީރް ބިން ޙަސަން ދުވާލަކު އެއް ފަހަރު އެ ތަނަށްވެސް ވަޑައިގަނެއެވެ. ހަނގުރާމައާ ބެހޭ ގޮތުން ކޮންމެ ދުވަހަކުމެ ލިބެމުންދަނީ ހިތާމަވެރި ޚަބަރެވެ. މުޖާހިދުންގެ މަސައްކަތުން ދުޝްމިނުން އެތައް ތަނެއް ފަހަތަށް ޖައްސައިލައެވެ. އެކަމަކު ބަލިވާ ކޮންމެ ފަހަރަކު ދުޝްމިނުންގެ ލަޝްކަރަށް އިތުރު މީހުން އައިސް، އަނެއްކާވެސް ކުރިއަށް އަރައިގަނެއެވެ. މިއީ ސަރަހައްދީ ބާޒުގެ ހަނގުރާމައެއްގައި ޝަހީދުވީ މީހުންގެ އަދަދު ހާހަކަށް އެރި ފުރަތަމަ ހަނގުރާމައެވެ.
އެއް ދުވަހަކު ވަރަށް ހެނދުނުގެ ވަގުތެއްގައި މީހަކު އައިސް ބަޝީރް ބިން ޙަސަނަށް ހަނގުރާމަޔާ ބެހޭ އުފާވެރި ޚަބަރެއް އަރުވައިފިއެވެ. އޭނާ ބުނި ގޮތުގައި މުޖާހިދުން ފެރްނާންދޯގެ ލަޝްކަރު ބަލިކޮށް ފަހަތަށް ޖެއްސުމަށް ފަހު މިހާރު އެ ލަޝްކަރު ފަހަމުން، ފަހަތުން އެބަދެއެވެ. މި ޚަބަރާއެކު ކިއްލާގައި އުފާވެރިކަމުގެ ދުންމާރި ފުމޭން ފަށައިފިއެވެ. ކައިރީގެ އަވަށްތަކާއި ގަބީލާތަކަށް އެއީ ކޮން އަޑެއްކަން އެނގެއެވެ. އެހެންވީމާ ޖަވާބުގައި އެ ތަންތަނުންވެސް ދުންމާރީގެ އަޑު އިވެމުން ދިޔައެވެ. އިސާހިތަކު މުޅި ވާދީ ދުންމާރީގެ އަޑާއި ﷲ އަކްބަރުގެ ނަޣަރާގެ އަޑުން ގުގުމައިލައިފިއެވެ. ކޮންމެ ދުވަހަކު ލިބޭ ޝަހީދުންގެ ޚަބަރުތަކުގެ ސަބަބުން ހިތާމައިން ފޯވެފައި ތިބި މީހުންގެ ލޮލުން މިހާރު ފައިބަނީ އުފާވެރިކަމުގެ ކަރުނައެވެ. ހިތާއި ދުލުގައި ވަނީ ﷲއަށް އަދާކުރެވޭ ޙަމްދާއި ޝުކުރުގެ ލަފުޒުތަކެވެ.
ނަސްރުގެ ޚަބަރު ލިބުނީމާ ޒަޚަމްވެފައި ތިބި ބައެއް މީހުން އެ ތިބި ތަނަކުން ތެދުވެގެން ބޭރަށް ނުކުމެއްޖެއެވެ. ހިނގައިނުގަނެވޭ މީހުން ތެދުވެ އެނދުގައި އިށީނދެގެން ތިބީއެވެ. މިލައި މޯޅިވެފައިވާ މޫނުތަކުން އުޖާލާކަމާއި ތާޒާކަން ފެންނާން ފަށައިފިއެވެ. ބިރުވެރިކަން ވެރިވެފައި ހުރި މޫނުތައް މިހާރު އެހެރީ ޝުކުރުވެރިކަމާއެކު އުޑާ ދިމާއަށް އުފުލިފައެވެ. ކިއްލާގެ ފާރަވެރިންނާއި ޒަޚަމްވެފައި ތިބި މުޖާހިދުން އެއް ބަޔަކު އަނެއްބަޔާ އޮޅުލައި އުފާ ފައުޅުކުރަމުން ގެންދަނީއެވެ. ރަބީޢާއާއި އެންޖެލާއާ ދެބެއިން އެ މީހުންގެ ކުޑަކުޑަ ދެކުދިންނާއެކު ބެލްކަނީގައި ތިބެގެން މި އުފާވެރި މަންޒަރު ބަލަމުން ގެންދަނީއެވެ.
މާ ގިނަ އިރުތަކެއް ނުވެ ނަސްރުގެ ތަފުސީލީ ޚަބަރު އޮޅުންފިލުވުމަށްޓަކައި ކައިރީގައި ހުރި އަވަށްތަކާއި ގަބީލާތަކުން މީހުން އަންނާން ފަށައިފިއެވެ. އެ އައި މީހުން އިރު އޮއްސޭން ގާތްވީއިރުވެސް އެނބުރި ނުގޮސް ތިއްބެވެ. އެންމެންމެ އިންތިޒާރު ކުރަމުން އެ ގެންދަނީ އެމީހުންގެ ލޯބިވާ ލީޑަރަށެވެ. ރޭވެ އަނދިރިވީއިރުވެސް ބަދްރު ބިން މުޣީރާގެ ޚަބަރެއް ނުވީމާ އެ މީސްމީހުން އެނބުރި އަވަށަށާއި ގަބީލާއަށް ހިނގައްޖެއެވެ.
އިޝާ ނަމާދުން އަވަދިވެވަޑައިގެން ބަޝީރް ބިން ޙަސަން މިސްކިތުން ފައިބައިވަޑައިގެން ޒަޚާމްވެފައިވާ މީހުން ތިބި ތަނާ ދިމާއަށް ހިންގަވައިގެންފިއެވެ. އެ ވަގުތު ކިއްލާގެ ބޭރުން އަސްތަކެއްގެ އަޑު އިވިވަޑައިގެންފިއެވެ. ބަޝީރް ވަޑައިގެން މައި ދޮރާށީގެ ޖާއްޔަކުން ބޭރަށް ބައްލަވައިލެއްވިއެވެ. ފާރަވެރިން ބޮޑު ދޮރާށި ހުޅުވައިލީމާ އަސްވާރުން އެތެރެއަށް ވަދެއްޖެއެވެ. އެތަނުން އެކަކު ފާރަވެރިއަކާ ސުވާލުކޮށްލިއެވެ. [ބަޝީރް ބިން ޙަސަން ކޮބައިހެއްޔެވެ؟]
އެއީ ކާކުގެ އަޑެއްކަން ފާހަގަކުރެއްވުނީމާ ބަޝީރް ކުރިއަށް ޖެހިވަޑައިގެން ވިދާޅުވިއެވެ. [އަބޫ މުޙްސިނެވެ. އަޅުގަނޑު މިހިރީއެވެ.]
އަބޫ މުޙްސިން ވިދާޅުވިއެވެ. [އަޅުގަނޑު މި އައީ ބަޝީރް ބަލައެވެ. އަވަހަށް ތައްޔާރުވެވަޑައިގަންނަވާށެވެ. ބަދްރު ޒަޚަމްވެވަޑައިގެންފިއެވެ.]
ބަޝީރް ކަންބޮޑުވެވަޑައިގެން ސުވާލު ކުރެއްވިއެވެ. [ޒަޚަމްވެވަޑައިގަތީއޭތޯއެވެ؟ މިހާރު އެމަނިކުފާނު ކޮބައިތޯއެވެ؟]
[މިތަނާ ގާތްގަނޑަކަށް އަށެއްކަ ކޯހުގެ ދުރުގައި ހޭފުޅުނެތިފައި އެބަ އޮންނެވިއެވެ. މިތަނަށް ނުގެނެވުނީ އެހެން ވެގެންނެވެ. އެމަނިކުފާނު އޮންނެވީ ކޯރުގެމަތީގައި އެ އޮތް ބުރިޖުގެ ބުޑުގައި އޮތް ބަރުބަރީންގެ އަވަށުގައެވެ.]
[މަޑުކުރައްވާށެވެ. އަޅުގަނޑު ދަބަސް ހިފައިގެން ހަމަ މިހާރު މި އަންނަނީއެވެ.] ބަޝީރް ކޮޓަރިކޮޅާ ދިމާއަށް ދުވެވަޑައިގެންފިއެވެ. އަބޫ މުޙްސިންގެ އަމުރުފުޅަށް އަސްވާރުން އަސްތަކުން ފައިބައި އެނބުރިދާ ދަތުރު ކުރުމަށްޓަކައި ވަރުބަލިނުވެ ހުރި އައު އަސް ތައްޔާރުކުރާން ފަށައިފިއެވެ.
(5)
ބަދްރު ބިން މުޣީރާ އޮންނެވީ އަވަށުގެ ވެރިޔާގެ ގޭގައި ހުރި އެނދެއްގައެވެ. އެހެން އޮންނެވި އޮންނެވުމުގައި ތިން ފަހަރަކު ހޭފުޅު ނެތިއްޖެއެވެ. އެނދުކޮޅުގެ ކައިރީގައި މަންޞޫރު ބިން އަޙްމަދުގެ ހަތަރުފަސް މީހަކު ތިއްބެވެ. އޭގެ ތެރެއިން ދެ މީހުންނަކީ ދެ ޑަކްޓަރުންނެވެ. އެއީ ހަނގުރާމައިގެ މައިދާނުން ފެށިގެން ބަދްރުގެ އަރިހުގައި އައި ދެ މީހުންނެވެ.
ކޮޓަރިން ބޭރުގައި، ގޯތިތެރޭގައި ތިބި މީހުން ރޮއިރޮއިފައި އެމީހުންގެ ލީޑަރަށް ޝިފާ ދެއްވާތޯ ދުޢާކުރަމުން ގެންދަނީއެވެ.
ބަދްރުގެ ހަށިކޮޅުގައި ހަތް ޒަޚަމެއް އެބަހުއްޓެވެ. އެ ހާލުކޮޅުގައިވެސް އޭނާ ފިލަން ދުވަމުން ދިޔަ ދުޝްމިނުންގެ ފަހަތުން ވަޑައިގަތެވެ. ވުމާއެކު ހަށިކޮޅުން މާގިނައިން ލޭފޮދު ވަނީ އޮހޮރިފައެވެ.
މީސްތަކުން ކެތްތެރިކަމެއް ނެތް ގޮތެއްގައި އިންތިޒާރުކުރަމުން ގެންދަނީ ބަޝީރް ބިން ޙަސަނަށެވެ. ބަދްރު ބިން މުޣީރާ ހަތަރުވަނަ ފަހަރަށް ހޭފުޅު ނެތިފައި ހޭފުޅު އަރައިފިއެވެ. ފުރަތަމަވެސް އެދިވަޑައިގަތީ ފެންފޮދަކަށެވެ. މަންޞޫރު ފެންފޮދެއް އެރުވީމާ ކުޑަ އެތިފޮދެއް ހިއްޕެވުމަށް ފަހު ވިދާޅުވިއެވެ. [އަހަންނަށް އިވޭ ވަރަށް ޤުރްއާން ކިޔަވާށެވެ.]
އަޑު ރީތި މީހަކު ކީރިތި ޤުރްއާން ކިޔަވާން ފަށައިފިއެވެ. އެ އަޑު އިވިވަޑައިގަތީމާ އެ ހިތްވަރުފުޅު ގަދަ މުޖާހިދު ލޯފުޅު މަރުއްވައިލެއްވިއެވެ. ޑަކްޓަރަކު ވިންދުފުޅު ބައްލަވާން އުޅުއްވީމާ ބަދްރު ހިނިތުންވެވަޑައިގެންފައި ވިދާޅުވިއެވެ. [އަހަރެން މިހާރު މި އޮތީ ހޭނެތިފައެއް ނޫނެވެ. އެ އިވޭ އަޑަކީ އަހަރެން ނިންދަވައިލާ އަޑެއް ނޫނެވެ. ހޭލައްވައިލާ އަޑެކެވެ.]
ދުރުން އަސްތަކެއްގެ އަޑު އިވޭން ފަށައިފިއެވެ. ލަސްތަކެއް ނުވެ ބަޝީރް ބިން ޙަސަން ހަރުކޮށް ހިންގަވައިފައި ވަޑައިގެން ކޮޓަރިކޮޅަށް ވެދެވަޑައިގެންފިއެވެ. އެއްވެފައި ތިބި މީހުން އެއް ފަރާތަށް ޖެހި ތަން ދައްކައިފިއެވެ. ބަޝީރް ފެނިވަޑައިގަތީމާ ބަދްރުގެ މޫނުފުޅަށް ތާޒާކަން އަތުވެއްޖެއެވެ. ފުރަތަމަވެސް ބަޝީރް ބެއްލެވީ ބަދްރުގެ ވިންދުފުޅު ހުރި ވަރެކެވެ.
ބަދްރު ފަނޑު ހިނިތުންފުޅަކާއެކު އޭނާގެ އެކުވެރިޔާ އަދި ޑަކްޓަރު ބަޝީރުގެ މޫނުފުޅަށް ބައްލަވައިލެއްވިއެވެ. އެޔަށް ފަހު ކޮޓަރިކޮޅުގެ ދޮރުކޮޅާ ދިމާއަށް ބައްލަވައިލައްވައިފައި އަނެއްކާވެސް ބަޝީރާ ދިމާއަށް ބައްލަވާން ފައްޓަވައިފިއެވެ.
އެ ނަޒަރުފުޅުގެ މާނަ ވިސްނިވަޑައިގަތީމާ ބަޝީރް ވިދާޅުވިއެވެ. [އަބޫ މުޙްސިންގެ އަރިހުގައި އެބަ ވަޑައިގަނެއެވެ. މާގިނަ އިރެއް ނުވެ މި ހިސާބަށް ފޯރައިފާނެއެވެ.]
ބަދްރު ލޯފުޅު މަރުއްވައިލެއްވިއެވެ. މަންޞޫރާއި އެތާނގައި ތިބި ދެ ޑަކްޓަރުން ނޫން އެންމެން ބޭރަށް ނުކުންނާން ބަޝީރް އަންގަވައިފިއެވެ. އެންމެން ނުކުތީމާ ޑަކްޓަރުންނާ ދިމާއަށް ވިދާޅުވިއެވެ. [އަނެއްކާވެސް ހޭފުޅަށް އެބަ ގޮތެއް ވެއެވެ. ލޭފުޅު މަނާކުރާނޭ ގޮތެއް ކަލޭމެންނަށް ނޭނގުނީތާއެވެ.]
އެތަނުން އެއް ޑަކްޓަރަކު ބުންޏެވެ. [ނޫނެކެވެ. އަޅުގަނޑުމެންނާ ހަމައަށް އެ މަނިކުފާނު ގެނެވުނީ މާ ލަހުންނެވެ. ޒަޚަމްވެވަޑައިގެންފައިވަނިކޮށްވެސް ދުޝްމިނުންގެ ފަހަތުން ވަޑައިގަތީއެވެ.]
ބަޝީރް އޭނާގެ ބޭސް ދަބަސްކޮޅުން ކުޑަ ފުޅިއެއް ނަންގަވައިފިއެވެ. އަދި އެ ފުޅީގައި ހުރި ބޭސް ބަދްރަށް އެރުއްވޭތޯ މަސައްކަތް ކުރައްވާން ފައްޓަވައިފިއެވެ.
ބަދްރު ކުކުރައިލެއްވުމަށް ފަހު ލޯފުޅު ހުޅުވައިލެއްވިއެވެ. ބަޝީރް އެ ފުޅި ތުންފަތްޕުޅު ޖައްސަވައިލެއްވުމަށް ފަހު ވިދާޅުވިއެވެ. [ކުޑަ އެތިފޮދެއް ހިއްޕަވާށެވެ.]
ބޭސްފޮދެއް ހިއްޕެވުމަށް ފަހު ބަދްރު ލޯފުޅު މަރުއްވައިލެއްވިއެވެ. މަންޞޫރު މަޑުމަޑުން އޭނާގެ އިސްތަށިފުޅުގެ ދަށަށް ބާލީހެއް ލައްވައިފިއެވެ. ބަޝީރްގެ އިޝާރާތަކަށް ޑަކްޓަރަކު ދަންމަރެއް އެނދުކޮޅުގެ ކައިރިއަށް ގެނެސްފިއެވެ. ދަންމަރުގެ އަލީގައި ބަދްރުގެ މޫނުފުޅުގައި ހުރި ޒަޚަމަށް ބައްލަވައިލެއްވުމަށް ފަހު ބަޝީރް ވިދާޅުވިއެވެ. [ބަލާބެލުމަށް ވައްތަރީ ޒަހަރު ލައިފައި ހުރި ހަތިޔާރަކުން ވެފައިވާ ޒަޚަމަކާއެވެ. އެހެން ޒަޚަމްތައްވެސް ބަލައިލާން އަހަރެން ބޭނުމެވެ.]
ބަޝީރާއި އަނެއް ދެ ޑަކްޓަރުން ވެގެން ބަދްރުގެ ހަށިކޮޅުގައި ހުރި އެހެން ޒަޚަމްތަކުގައި އަޅައިފައިވާ ބޭސްގަނޑު ނައްޓައި އަލުން ބޭސް އެޅުމުގެ މަސައްކަތް ފަށައިފިއެވެ. އެ މަސައްކަތް ނިމުނުތަނާ ބޭރުން އަސްތަކެއްގެ އަޑު އިވިއްޖެއެވެ. ބަޝީރް ވިދާޅުވިއެވެ. [އަބޫ މުޙްސިނާއެކު ރަބީޢާއާއި އެންޖެލާ އައީހެން ހީވެއެވެ. ބޭރަށް ގޮސް އެމީހުން ގެންގޮސް އެހެން ކޮޓަރިއަކަށް ލާށެވެ. އެ މީހުން ގެންނާންވީމާ އަހަރެން ބުނާނަމެވެ.]
މަންޞޫރު ބޭރަށް ނުކުމެވަޑައިގެންފިއެވެ.
(6)
ރަބީޢާ އާއި އެންޖެލާއާ ދެބެއިން ތިބީ ގޭގެ އެހެން ކޮޓަރިއެއްގައެވެ. އަވަށުގެ ބައެއް އަންހެނުންވެސް އެ ކޮޓަރީގައި ތިއްބެވެ. އެންމެންމެ ރޮއިރޮއިފައި ދުޢާކުރަނީއެވެ.
ކުޑައިރުކޮޅެއް ފަހުން އެ ކޮޓަރީގެ ދޮރު ހުޅުވައިލައްވައިފައި އެތެރެއަށް ބައްލަވައިލެއްވުމަށް ފަހު އަތްޕުޅުގެ އިޝާރާތުން ރަބީޢާއާއި އެންޖެލާ އަންނާން ބަޝީރް އަންގަވައިފިއެވެ. މިހެން އެންގެވުމާއެކު ދޮރު ލައްޕަވައިފިއެވެ.
އޭގެ ކުޑަ ހިނދުކޮޅެއް ފަހުން ބަދްރު ބިން މުޣީރާ އޮންނެވި އެނދުކޮޅުގެ ކައިރީގައި ތިއްބެވީ ތިން ބޭފުޅުންނެވެ. އެއީ ބަޝީރާއި ރަބީޢާއާއި އެންޖެލާއެވެ.
ބަޝީރް، ބަދްރުގެ ވިންދު އަނެއްކާވެސް ބައްލަވައިލެއްވިއެވެ. [ޒަޚަމްތަކުގައި ބޭސް އަޅާންވެގެން ހޭނައްތާ ބޭސް އެރުވީ އަހަންނެވެ. އޭގެ ފަހުން ހޭފުޅުއަރުވާން ބޭސް އަރުވައިފީމެވެ. މިހާރު ތިޔަ ފެންނަނީ އެ ބޭހުގެ އަސަރެވެ.]
ރަބީޢާ ހުރީ ބަދްރުގެ މޫނުފުޅަށް ބަލަހައްޓައިގެންނެވެ. އޭނާއާއި ބަދްރާ ދެމެދު އޮތީ ހިތާއި ހިތުގެ ގުޅުމެކެވެ. އެހެންވީމާ ގުދުރަތުން އޭނާއަށްޓަކައި ލިޔުއްވައިފައިވާ ގޮތް މިހާރު ރަބީޢާއަށް ޔަގީނާ ގާތަށް ލަފާކުރެވިއްޖެއެވެ. ވަރަށް ބޮޑު އުއްމީދެއް އޮތް ނަމަވެސް އޭނާގެ ހިތް ގެނބެމުން ދަނީއެވެ.
ބަދްރު ކުޑައިކޮށް ކުކުރައިލެއްވުމަށް ފަހު ލޯފުޅު ހުޅުވައިލައްވައި ރަބީޢާއާއި އެންޖެލާއާ ދިމާއަށް ބައްލަވައިލެއްވިއެވެ. [ޔޫސުފާއި ޒުބައިދާއާ ދެ ކުދިން ކޮބައިހެއްޔެވެ؟]
ރަބީޢާ ބުންޏެވެ. [އެ ކުދިން މިރޭ ގެންނާން ރަނގަޅު ކަމަށް ނުފެންނާތީ ނުގެންނަމެވެ. އިރާދަކުރެއްވިއްޔާ އިސާހިތަކު ބަދްރުގެ ހާލުކޮޅު ރަނގަޅުވެދާނެއެވެ. މާދަމާ ހެނދުނު ކުދިން ގެންނާނީއެވެ.]
ބަޝީރް ތަށިކޮޅަކަށް ބޭސް އަޅުއްވާން ފެއްޓެވީމާ ބަދްރު ވިދާޅުވިއެވެ. [ބަޝީރެވެ. ތިޔައިގެ ބޭނުމެއް މިހާރަކު ނެތެވެ. އަޅުގަނޑުގެ މަންޒިލް ގާތްވެއްޖެއެވެ.]
ބަޝީރް ވިދާޅުވިއެވެ. [އިރާދަކުރެއްވިއްޔާ ރަނގަޅުފުޅު ވެދާނެއެވެ. މި ބޭސް ހިއްޕަވާށެވެ.]
[އަޅުގަނޑުގެ ޑަކްޓަރަކީ ގޮތް ދޫނުކުރައްވާ ބޭފުޅަކުކަން އެނގެއެވެ.] މިހެން ވިދާޅުވެފައި ބަޝީރް އެރުއްވި ބޭސްތަށި ހިއްޕަވައިފިއެވެ. ބަޝީރްގެ އިޝާރާތަކަށް އެންޖެލާ ކޮޓަރިން ނުކުމެއްޖެއެވެ. ބަޝީރްވެސް ނުކުމެވަޑައިގެންފިއެވެ.
ބަދްރު އަތްޕުޅުން އަންގަވައިލެއްވީމާ ރަބީޢާ އޭނާގެ އަރިހުގައި އެނދުގެ މަގަތުން އިށީނދެއްޖެއެވެ. ބަދްރު ރަބީޢާގެ އަތްތިލައިގައި ހިއްޕަވައިފައި ވިދާޅުވިއެވެ. [އަނދައަނދައި ހުރި ދަރުފުންޏެއްގެ މަތީގައި ހުރެގެން ރަބީޢާ ހިނިތުންވަނިކޮށް އަހަރެން ދުށީމެވެ. އެކަމަކު މިހާރު މޫނުމަތީން ތިޔަ ފެންނަނީ ހިތާމައިގެ ކުލަވަރެވެ. އަބުރާއި އިއްޒަތަށް ބުރުލެއް އަރާ ކަހަލަ އެއްވެސް ކަމެއް ރަބީޢާގެ މި ފިރިމީހާއެއް ނުކުރެއެވެ. އަހަރެންގެ ބުރިކަށްޓަކަށް އެއްވެސް ހަމަލައެއް އަރައިފައެއް ނެތެވެ. މަޙްޝަރު ދުވަހުން ފިރިމީހާގެ އަމަލަކާހެދި ރަބީޢާ ކުޑަކޮށްވެސް ލަދު ގަންނާކަށް ނުޖެހޭނެއެވެ.]
ރަބީޢާ ހިތާމައިން ފުރިފައިވާ ރާގަކަށް ބުނެލިއެވެ. [އަޅުގަނޑުގެ ސާހިބާއެވެ. ތިޔަހެން ވިދާޅުނުވާށެވެ. އަޅުގަނޑު ބަދްރަށްޓަކައި އިންތިހާއަށް ފަޚުރުވެރި ވަމެވެ.] މިހެން ބުނެވުމާއެކު ހިފެހެއްޓޭތޯ އެތައް މަސައްކަތެއް ކުޅަ ކަރުނަ ހޯސްލައިފައި ފައިބައިގެންފިއެވެ.
ބަދްރު ވިދާޅުވިއެވެ. [ރަބީޢާގެ ކުރިމަގާ ބެހޭ ބައެއް ވާހަކަ އަހަރެން ވާނީ މަންޞޫރާ ދައްކައިފައެވެ. އޭނާ ރަބީޢާމެން މޮރޮކޯއަށް ފޮނުއްވުމުގެ ކަންތައް ހަމަޖައްސާނެއެވެ. މި ބަލިވުމަށް ފަހު ދުޝްމިނުން މާ ގިނަ ދުވަހަކު ހިމޭނަކުންނެއް ނުތިބޭނެއެވެ. ފިނި މޫސުން ނިމުމާއެކު ފުރިހަމަ ބާރާއެކު އަނެއްކާވެސް ހަމަލަދިނުމަކީ ދުރުކަމެއް ނޫނެވެ. އެހެން ދިމާވެއްޖެނަމަ މުޖާހިދުންނަށް ޖެހޭނީ ދަތި އުނދަގޫ ޖިހާދެއް ކުރާށެވެ. ފަރުބަދަމަތީގައި ފިލައި ތިބެގެން ގެރިއްލާ ހަނގުރާމައިގެ އުކުޅުތައް ބޭނުންކުރާށެވެ. އެފަދަ ހަނގުރާމައެއްގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންގެ ސަލާމަތަށްޓަކައި ކުރަން ޖެހޭ ކަންތައްތައް ކުރުން ވަރަށް އުނދަގޫވާނެއެވެ. އެހެންވީމާ އަހަރެން އަންގައިފައި އޮންނާނީ ހުރިހައި އަންހެނުންނާއި ކުޑަކުދިން މޮރޮކޯއަށް ފޮނުވާށެވެ.]
ރަބީޢާ ބުންޏެވެ. [އަޅުގަނޑު ހިޖުރައެއް ނުކުރާނަމެވެ. ﷲ ތަޢާލާ އިރާދަކުރެއްވިއްޔާ ބަދްރަށް ޝިފާދެއްވާނެއެވެ. އެ ނޫން ގޮތަކަށް ﷲ އިރާދަކުރައްވައިފިނަމަ މަނިކުފާނުގެ ލޭފޮދުން ކަޅިވެފައިވާ ކަށިތައްވެސް މޮރޮކޯގެ މާމެލާމެއްޔަށްވުރެ އަޅުގަނޑަށް މާ ރަނގަޅެވެ.]
ބަދްރު ކުކުރައިލެއްވުމަށް ފަހު ލޯފުޅު މަރުއްވައިގެން ހިނދުކޮޅަކު އޮންނެވިއެވެ. އެހެން އޮންނަވައިފައި އަނެއްކާވެސް ރަބީޢާއާ ދިމާއަށް ބައްލަވައިލެއްވިއެވެ. [ރަބީޢާއެވެ. އަހަރެންގެ ބައިވެރިންގެ ކިބައިން ގުރުބާނީއަށް އަހަރެން އެދުނީ ވަކި ބޭނުމަކުއެވެ. އެކަމަކު އެ މީހުންނަށް ކުރިމަތިވާނޭ އެންމެ އުނދަގޫ ކަމަކަށް އޮންނާނީ އަހަރެންގެ އަނބިދަރިން ރައްކާތެރިކޮށް ބެލެހެއްޓުންކަން އަހަންނަށް އެނގެއެވެ. ފަރުބަދަތައް މަތީގައްޔާއި ޖަންގަލިތެރޭގައި ހަނގުރާމަ ކުރުމުގެ ބަދަލުގައި އެމީހުން ފުރާނަ ދުއްވައިލާނީ އަހަރެންގެ އަނބިދަރިން އުޅޭ ގޭގެ ދޮރުމަތީގައެވެ. ރަބީޢާ މަނާ ކުޅަޔަސް އެމީހުން ކަންތައް ކުރާނޭ ގޮތަކީ އެއީއެވެ. އަހަރެން އެ ހަނގުރާމައަކަށްޓަކައި ކަނޑި އުފުލައިލީ ހަނގުރާމަ ބިރަކާ ނުލައި ހަމަޖެހިގެން ތިބެ އެ މީހުންނަށް ކުރެވޭނީ މި ބުނެވުނު ނުރައްކާތެރި ހާލަތު ނެތީމައެވެ. މޮރޮކޯއަށް ގޮސްވެސް ރަބީޢާއަށް ލައްކަ ކަންތައް ކުރެވޭނެއެވެ. މި ތަނުން އަންހެނުންނާއި ކުޑަކުދިން ގެންދާން ވަރަށް ގިނަ ނައުފަހަރު ބޭނުންވާނެއެވެ. މީގެ އިތުރަށް މި ކޮޅުން ހިޖުރަކުރާ މީހުންނަށް އެހީތެރިވާން އެދި މޮރޮކޯގެ ރައްޔިތުންނާ ރަބީޢާއަށް ވާހަކަދެއްކޭނެއެވެ. ރައްޔިތުންނާއި ވެރިން ރަބީޢާގެ އެދުމަށް ލައްބައިކައޭ ގޮވައި ޖަވާބުދޭނޭކަން އަހަންނަށް ޔަގީނެވެ. ރަބީޢާއެވެ. މުޖާހިދުންނަށް އެހީތެރިވާން މޮރޮކޯއިން ލަޝްކަރެއް ފޮނުވޭވަރު ނުވިޔަސް ޔަތީމު ކުދިންނާއި ހުވަފަތް އަންހެނުން ރައްކާތެރި ތަނަކަށް ގެންދިއުމުގައި އެހީތެރިވުމަކީވެސް ކުޑަ ކަމެއް ނޫނެވެ. މޮރޮކޯގައި ހުރެގެން ރަބީޢާ އެ ކުދިން ތަރުބިއްޔަތުކުރާށެވެ. އޭގެ ތެރެއިން ޠާރިޤަކު ނުވަތަ ޢަބްދުއްރަޙްމާނަކު ނުކުތުމަކީ އެކަށީގެންވާ ކަމެކެވެ.]
ރަބީޢާ ބުންޏެވެ. [ބަދްރު ވިދާޅުވި ކޮންމެ ކަމެއް ވިދާޅުވީ ގޮތަކަށް އަޅުގަނޑު ކުރާނަމެވެ.]
[މިއީ އަހަރެންގެ އަމުރެއް ނޫނެވެ. އެދުމެކެވެ.]
[ބަދްރުގެ އެދުންފުޅު ފުރިހަމަވާނެއެވެ.]
[ކާބަފައިން ފަޚުރުވެރިވާ ފަދަ ކުއްޖަކަށް ޔޫސުފް ހަދާށެވެ.]
ރަބީޢާ ކަރުނަ ބާލަމުން ބުންޏެވެ. [ޔޫސުފް މަނިކުފާނުގެ ނަންފުޅު ކިލަނބުވެގެންދާނޭ ވަރުގެ އެއްވެސް ކަމެއް ނުކުރާނެއެވެ. އެކަމަކު...]
ބަދްރު އައްސަވައިލެއްވިއެވެ. [އެކަމަކު ކީކޭ ހެއްޔެވެ؟]
[ބައްޕަގެ ބެއްލެވުމުގެ ދަށުގައި ހައެއްކަ އަހަރު ތަމްރީނުވުމަކީ ޔޫސުފަށްޓަކައި ވަރަށް މުހިއްމު ކަމެކެވެ. ﷲ ތަޢާލާ ބަދްރުގެ ބެއްލެވުމުން ދަރިފުޅު މަހުރޫމު ނުކުރައްވާނޭކަން އަޅުގަނޑަށް ޔަގީނެވެ. ބަދްރު އަދި ދުނިޔޭގައި ހުންނަވާށެވެ. ގައުމަށް ބަދްރުގެ ބޭނުން ވަރަށް ބޮޑެވެ.] ރަބީޢާ ގިސްލަގިސްލައިފައި ރޯން ފަށައިފިއެވެ.
ބަޝީރް ބިން ޙަސަނާއި އެންޖެލާއާ ދެމަފިރިން ކޮޓަރިއަށް ވަދެއްޖެއެވެ. ރަބީޢާ ކަރުނަ ފޮހެމުން ކޮޅަށް ތެދުވެއްޖެއެވެ. [އަޅުގަނޑަށް މައާފުކުރައްވާށެވެ.]
ބަދްރު ހިތާމަވެރި ހިނިތުންވެލެއްވުމަކާއެކު ލޯފުޅު މަރުއްވައިލެއްވިއެވެ.
އިރުއެރުމުގެ ކުރިން ބަދްރު އެތައް ފަހަރަކު ހޭފުޅުނެތުނެވެ. އެ އަވަށުންނާއި ކައިރީގެ އެހެން އަވަށްއަވަށުންނާއި ގަބީލާތަކުން އެތައް ބަޔަކު އައިސް ބަދްރު އޮންނެވި ގޭދޮށުގައި އެބަތިއްބެވެ. ފަތިހު އައި ގާފިލާގައި ޔޫސުފާއި ޒުބައިދާއާ ދެ ކުދިންވެސް އަތުވެއްޖެއެވެ.
އިރު އެރުމުގެ ކުޑަ އިރުކޮޅެއް ކުރީން ބަދްރު ބިން މުޣީރާ އޭނާއަށް ހެޔޮ އެދިގެން އައިސް ތިބި މީސްމީހުންނާއި އާއިލާގެ މެންބަރުންނާ ދިމާއަށް އެންމެ ފަހު ފަހަރު ބައްލަވައިލެއްވުމަށް ފަހު ލޯފުޅު މަރުއްވައިލައްވައިފިއެވެ. އަދި ވަރަށް ބަލިކަށި އަޑުފުޅަކުން ވިދާޅުވިއެވެ. [މަންޞޫރެވެ. އަހަންނަށް ނުކުރެވި ބާކީ ހުރި ކަންކަމާ މަންޞޫރާ ހަވާލެވެ. އިސްލާމުންގެ އެންމެންނަށް މޮރޮކޯއަށް ދެވޭންދެން ކާފަރުންގެ ސަމާލުކަން އެހެން ފަރާތަކަށް ފިރުކިޔަނުދީ އަހަރެމެންނާ ދިމާއަށް އަނބުރުވައިފައި ބަހައްޓާށެވެ. މަންޞޫރު އަމާންދީފިއްޔާ ދުޝްމިނުންނަށް އިތުރު ހިތްވަރެއް ލިބި ހަފަރާތުން އިސްލާމުންގެ މައްޗަށް ފާވެގެންފާނެއެވެ. ބަޝީރެވެ. އަޅުގަނޑު ބަޝީރާ މި ހަވާލުކުރަނީ މޮރޮކޯއަށް ވަޑައިގެން، މިކޮޅުންދާ ޔަތީމް ކުދިންނާއި ހުވަފަތް އަންހެނުން ތިބޭނޭ ތަންތަން އިންތިޒާމުކުރުމުގެ މަސައްކަތެވެ. މިކޮޅުގައިވެސް ބަޝީރުގެ މަސައްކަތްޕުޅު ވަރަށް މުހިއްމެވެ. އެކަމަކު އެންމެ މުހިއްމު ކަމަކީ މި ދެންނެވި މަސައްކަތެވެ. އަބޫ މުޙުސިނެވެ. އަބޫ މުޙުސިނު ހުންނެވިހައި ހިނދަކު މަންޞޫރަކަށް އެކަނިވެއްޖެކަމުގެ އިހުސާސެއް ނުކުރެވޭނެއެވެ. އަހަރެންގެ ވަގުތު ހަމަވެއްޖެއެވެ. އަހަންނަށް އަހަރެންގެ މަންޒިލް ފެންނާން ފަށައިފިއެވެ. إنَّا للّه و إنّا إليه راجعون]
އެންމެ ފަހުން ވިދާޅުވި ވާހަކަފުޅު ދެތިން ފަހަރަކު ތަކުރާރު ކުރެއްވުމަށް ފަހު ބަދްރު ޝަހާދަތުގެ ދެ ކަލިމަ ހުއްޓަވައިނުލައްވައި ވިދާޅުވާން ފައްޓަވައިފިއެވެ. އަޑުފުޅު ދިޔައީ މަޑުވަމުން، ބަލިކަށި ވަމުންނެވެ. އެންމެ ފަހުން އަޑުފުޅު ހުއްޓިއްޖެއެވެ. ހިނދުކޮޅަކަށް ތުންފަތްޕުޅު ހަރަކާތްކުރިއެވެ. އެޔަށް ފަހު އެ ހަރަކާތްވެސް ހުއްޓިއްޖެއެވެ. ހޭހަން އަރުވާން ތިބި މީހުން ހީކުޅައީ އަވަހާރަފުޅު ލެއްޕެވުނީ ކަމުގައެވެ. ޑަކްޓަރުން ހީކުޅައީ ހޭފުޅު ނެތުނީ ކަމުގައެވެ.
ބަޝީރް ބިން ޙަސަން އޭނާގެ ވިންދުފުޅު ބައްލަވައިލެއްވިއެވެ. އެޔަށް ފަހު ބަދްރުގެ ލޯފުޅު ހުޅުއްވައި ބައްލަވައިލެއްވުމަށް ފަހު އިސްދަށަށް ޖައްސަވައިލައްވައިފައި މަޑުމަޑުން ވިދާޅުވިއެވެ. [إنَّا للّه و إنّا إليه راجعون]
(7)
އޭގެ ދެމަހެއްހައި ދުވަސް ފަހުން ފެނުނީ ބައެއް ނައުފަހަރު މޮރޮކޯއާ ދިމާއަށް ދަތުރުކުރާ ތަނެވެ. އެތަނުން އެއް ނަވުގައި ބަޝީރް ބިން ޙަސަނާއި، ރަބީޢާއާއި، އެންޖެލާއާއި، ޔޫސުފާއި، ޒުބައިދާއާ ތިއްބެވިއެވެ.
އިރުމަތިފަރާތް އޮތީ އިރުއަރާން ދޮންކޮށްލައިފައެވެ. އެ އިރަކީ އަންދަލުސްގެ ގޮނޑުދޮށަށް ބީއްސާލި އިސްލާމީ ޣާޒީންގެ ފުރަތަމަ ނައު ދުށް އިރެވެ. އަދި އަންދަލުސްގައި އަށް ސަތޭކަ އަހަރު ވާންދެން އޮތް އިސްލާމީ ވެރިކަމާއި ތަމައްދުން ކުރިއަރަމުން ދިޔަ އުފާވެރި މަންޒަރުވެސް ދުށް އިރެވެ. ފެންނާން އޮތް އުޑަކީ އެ އުޑެއްގައި ޠާރިޤް ބިން ޒިޔާދާއި ޢަބްދުއްރަޙްމާނާއި އެފަދަ ބަޠަލުންގެ ފަހަތްޕުޅުން ވަޑައިގަތް ކުޅަދާނަ ފަހުލަވާނުންގެ ޖިހާދުގެ ތާރީޚު ރަން އަކުރުން ލިޔެވުނު އުޑެވެ. ނައުފަހަރު ދަތުރުކުރަމުން އެ ދާ ކަނޑުގެ ރާޅުތަކަކީ އިސްލާމީ މުޖާހިދުންގެ ބިރުކުޑަ ލަޝްކަރުތައް ހުރަސްކުރަމުން ދިޔަ ބިޔަ ރާޅުތަކެވެ. އެކަމަކު މި އަދު އެ އިރާއި، އުޑާއި ކަނޑުން މި ދެކެނީ ކޮން މަންޒަރެއްތޯއެވެ؟ ދެކެނީ ގައުމުގެ އަންހެންދަރީންނާއި ކުޑަކުދިންގެ ލޮލުން އޮހެމުންދާ، ކޮޅުނެތް ކޮޅަށް ހިތާމަވެރި ވޭނީ ކަރުނައެވެ. އެބައިމީހުންގެ ފިރިންނާއި ބަފައިން ވަނީ ގައުމަށްޓަކައި ޖާނުދީ ޝަހީދުވެފައެވެ. އިންގިލާބުގެ ދުވަސްވަރުގެ މަންޒަރުތައް ދުށް ހިމޭން ބެލުންތެރިން ވަގުތުގެ ފަސްބައިގައި ހިފަހައްޓައިގެން ތިބެ ސުވާލުކުރަމުން ގެންދަނީއެވެ. [އަލްޙަމްރާގެ ރަތް ހިލަތަކުން ފެނުނު މުޖާހިދުންގެ ލޭގެ އަހުލުވެރިންނަކީ ހަމަ މިއީ ހެއްޔެވެ؟]
ރަބީޢާ ނަވުގައި އިނދެގެން އަލްދަލުސްގެ ގޮނޑުދޮށުގެ އެންމެ ފަހުގެ މަންޒަރުތައް ބަލަނީއެވެ. އޭނާގެ ލޮލަށް ފުސްކަމެއް ގެނެސްފައި ވަނީ ލޮލުން ފައިބަމުންދާ ކަރުނައިންނެވެ.
ޔޫސުފް ކުރިއަށް ޖެހިލައިފައި ބުނެފިއެވެ.[މަންމާއެވެ. ކޮއްކޮ ބުނީ ބޮޑުބޭބެ އަޅުގަނޑުމެން މޮރޮކޯއަށް ބާލުއްވައިފައި އަނެއްކާވެސް ރަށަށް ވަޑައިގަންނަވާނެއޭއެވެ.]
[ދަރިފުޅާއެވެ. އެއީ ތެދެކެވެ.] ރަބީޢާ ދަރިފުޅާ ދިމާއަށް ބަލައިނުލައި އިނދެގެން ބުނެފިއެވެ.
ޔޫސުފް ހިނދުކޮޅަކު ވިސްނާން ހުރެފައި ބުންޏެވެ. [މަންމާއެވެ. އަޅުގަނޑުވެސް ބޮޑުބޭބެގެ އަރިހުގައި އަންނާނަމެވެ.]
ރަބީޢާ އޭނާގެ ކުޑަ ދަރިފުޅުގެ ބޮލުގައި ފިރުމައިލިއެވެ. [ނޫނެކެވެ. ދަރިފުޅާއެވެ. ދަރިފުޅު އަދި މާ ކުޑައެވެ. ދަރިފުޅު ބޮޑުވީމާ މަންމަ މަނައެއް ނުކުރާނަމެވެ.]
[މަންމާއެވެ. އަޅުގަނޑު ވަރަށް އަވަހަށް ބޮޑުވާނަމެވެ. އަޅުގަނޑު ވާނީ ނެތްވަކަށެވެ. މަންމަ ވިދާޅުވާ ގޮތުގައި މޮރޮކޯގައި ތިބެނީ ހައްތަހާވެސް އިސްލާމުންނެވެ. އަޅުގަނޑު އެ އެންމެން ނަވަށް އަރުވައިގެން އަންދަލުހަށް ގެންނާނަމެވެ. ދުޝްމިނުން އަޅުގަނޑުމެންގެ ގައުމުން ނެރެ ފޮނުވައިލާނަމެވެ. ޠާރިޤް ވަޑައިގެންނެވި އިރު އަރިހުގައި މާ ގިނަ އިސްލާމުންނެއް ނާދެއޭ މަންމަ ވިދާޅުވީމެއް ނޫންތޯއެވެ؟ އެކަމަކުވެސް ޠާރިޤަށް ނަސްރު ލިބިވަޑައިގަތެއް ނޫންތޯއެވެ؟ އެންމެ އިސްލާމަކަށް ދިހަ ކާފަރުންނާ ހަނގުރާމަކުރުމުގެ ކުޅަދާނަކަން ލިބިފައިވާ އިރުވެސް އިސްލާމުން މި ގައުމު ދޫކޮށް މި ދަނީ ކީއްވެގެންތޯއެވެ؟ ކޯރްދޮބާއާއި ސެބިއްޔާއާއި އެހެން ރަށްރަށުން އެތައް ލައްކަ އިސްލާމުންނެއް ގައުމު ދޫކޮށް ހިނގައްޖެއޭ މަންމަ ވިދާޅުވީމެއް ނޫންތޯއެވެ؟ އެމީހުން އެއްބައިވެގެން ހަނގުރާމަ ނުކުރީ ކީއްވެގެންތޯއެވެ؟]
[ދަރިފުޅާއެވެ. ޠާރިޤްގެ އަރިހުގައި ތިބި މީހުންގެ އީމާންކަމެއް އޮތެވެ. މިރަށުގައި މިހާރު ތިބި މީހުންގެ އީމާންކަން ވަރަށް ބަލިކަށްޓެވެ. އެމީހުން މަރު ދެކެ ބިރެއް ނުގަނެއެވެ. މި ގައުމުގެ މީހުން މަރު ދެކެ ބިރުގަންނާން ފަށައިފިއެވެ. އެ ދުވަސްވަރު އާދައިގެ އިސްލާމަކުވެސް ގައުމަށް ޚިޔާނާތްތެރިއެއް ނުވެއެވެ. މިއަދު މި ގައުމުގެ އަމީރުންނަށް ދާންދެން ޚިޔާނާތްތެރި ވެއްޖެއެވެ.]
ރަބީޢާ އިން ތަނާ ހައެއްކަ ފިޔަވަޅު ދުރުގައި އިނދެގެން އެންޖެލާ އޭނާގެ ދަރިފުޅު ޒުބައިދާއާ ވާހަކަދައްކަނީއެވެ.
ޒުބައިދާ ބުންޏެވެ. [މަންމާއެވެ. ޔޫސުފްބެ ބުނީ ތިމަންނާ ވާނީ ނަވެއްގެ ނެތްވަކަށޭއެވެ. މޮރޮކޯއިން ބޮޑު ލަޝްކަރެއް ގޮވައިގެން އަންދަލުހަށް ދާނަމޭވެސް ބުންޏެވެ.]
[ދަރިފުޅާއެވެ. ޔޫސުފް އެބުނީ ތެދު ވާހަކައެކެވެ.]
[އެހެންވެއްޖެއަޔާ އަޅުގަނޑުވެސް ޔޫސުފްބެއާއެކު ދާނަމެވެ.]
[ދަރިފުޅު ގޮސް ކުރާނީ ކީއްހެއްޔެވެ؟]
[އަޅުގަނޑު ޒަޚަމްވާ މީހުންގެ ގައިގައި ބޭސް އަޅައިދޭނަމެވެ. ތީރުޖަހަންވެސް ދަސްކުރާނަމެވެ.]
[ދަރިފުޅާއެވެ. އެންމެ ރަނގަޅެވެ.]
ނަވުގެ އަނެއް ފަރާތުގައި މޮރޮކޯގެ ކައްޕިތާނު ބަޝީރް ބިން ޙަސަނާ ވާހަކަދައްކަނީއެވެ. ބަދްރު ބިން މުޣީރާގެ އެންމެ ފަހުގެ ނަސްރާއި ޝަހީދުވުމާ ގުޅޭގޮތުން ދެތިން ސުވާލެއް ކުރުމަށް ފަހު ކައްޕިތާނު އަހައިލިއެވެ. [ތިޔަ ބޭފުޅުން މި ހަނގުރާމަ ކުރިއަށް ގެންދަވާނީ ކިހައި ދުވަހެއް ވާންދެންތޯއެވެ؟]
ބަޝީރް ބިން ޙަސަން ވިދާޅުވިއެވެ. [އަޅުގަނޑުމެންގެ ނާރުތަކުގައި ލޭ ހިނގާހައި ހިނދަކު ޝަހީދުވުމުގެ އެދުމަކަށް ފަނޑުކަމެއް ނާންނާނެއެވެ.]
ކައްޕިތާނު ބުނެލިއެވެ. [މަނިކުފާނުގެ ޖަޒުބާތަށް އަޅުގަނޑު ގަދަރުކުރަމެވެ. އެކަމަކު ތިޔަ ކުރައްވާ ހަނގުރާމައިގެ ސަބަބުން މި ވަގުތު އަންދަލުސްގައި އެތިބަ މަދު މީސްކޮޅުގެ ދިރިއުޅުމަށް ނުތަނަވަސްކަން ގެނުވާނެ ކަމަކަށް މަނިކުފާނު ގަބޫލުފުޅެއް ނުކުރައްވަންތޯއެވެ؟]
[އަހަރެން ގަބޫލެއް ނުކުރަމެވެ. ތިޔާ ޚިލާފަށް އަހަރެން ގަބޫލުކުރާ ގޮތުގައި އަހަރެމެންގެ ކަނޑިތައް އުރައުރައަށް ލައިފިނަމަ އެ އިސްލާމުންގެ މައްޗަށް މިހާރު ހުށަހޮޅިފައިވާ އަނިޔާވެރިކަން މާ ބޮޑުވެގެން ދާނެއެވެ.]
[ތިޔަ ބޭފުޅުންގެ ދޮޅަހަކަށް ބޭފުޅުންގެ ޖިހާދުގެ ނިމުން އަންނާނީ ކިހިނެއްތޯއެވެ؟]
[މުޖާހިދުންގެ ޖިހާދުން ނުކުންނާނީ ދެ ނަތީޖާއިން އެއް ނަތީޖާއެކެވެ. އެހެންނާ ނަސްރެވެ. އެހެންނާ ޝަހީދުވުމެވެ.]
[އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި މަނިކުފާނުގެ މަސައްކަތްޕުޅުގެ ނަތީޖާއަކަށް ވާނީ ޝަހީދުވެވަޑައިގަތުމެވެ. ނަސްރެއް ނޫނެވެ.]
[ތިޔަހެން ވުމަކުން އަހަރެމެންނަކަށް ވާނޭ ގެއްލުމެއް ނެތެވެ. އަންދަލުސްގެ އިސްލާމުންގެ ތާރީޚު ލިޔެވޭނީ އަހަރެމެންގެ ލެއިންނެވެ. ގްރަނާދާގެ ތާރީޚު ލިޔެވޭނީ އެ ސަހަރުގެ އިސްލާމުންގެ ނުކުޅެދުންތެރިކަމާއި ގޮތް ހުސްވުމުންނެވެ. މި ދެ ތާރީޚުގައި ވަރަށް ބޮޑު ފަރަގެއް ހުންނާނެއެވެ. ގްރަނާދާގެ ތާރީޚް ކިޔައިފައި، އަންނާން އޮތް ނަސްލުގެ މީހުން ލަދުން އިސް ޖަހައިލާނެއެވެ. އަހަރެމެންގެ ތަގުދީރުގައި ލިޔުއްވޭނީ އަގުވެއްޓުމާއި ލަދުވެތިކަމެއް ނޫނެވެ.]
ކައްޕިތާނު ބުންޏެވެ. [އަޅުގަނޑުމެންގެ ތަގުދީރުގައި އޮތީ ހެޔޮ ގޮތެއްނަމަ މޫސާފަދަ މުޖާހިދަކަށް ގްރަނާދާގައި ނާކާމިޔާބީއާ ކުރިމަތިލައްވާކަށް ޖެހިވަޑައެއް ނުގަތީހެވެ. އަދި ބާކީ ތިބި މުޖާހިދުން ބަދްރު ބިން މުޣީރާގެ ގިޔާދަތުން މަހުރޫމު ނުކުރެއްވުނީހެވެ.]
ބަޝީރު ކުޑަކޮށް ނުރުހުންވެވަޑައިގެންފައި ވިދާޅުވިއެވެ. [މޫސާއަށް އޭނާގެ މަގުސަދު ހާސިލެއް ނުކުރެއްވެއޭ ބުނީ ކާކު ހެއްޔެވެ؟ ގްރަނާދާގެ އަހުލުވެރިންގެ ބަލިވުމަކީ މޫސާގެ ބަލިވެވަޑައިގަތުމެއް ނޫނެވެ. އެއީ ޚިޔާނާތްތެރިވެ ގައުމު ވިއްކާލި ޣައްދާރުންގެ ބަލިވުމެވެ. އަބުރުވެރި މަރަކަށްވުރެ ބޮޑަށް އަޅުވެތިކަމުގެ ދިރިއުޅުމަކަށް އިސްކަންދިން ވިޔާނުދާ މީހުންގެ ބަލިވުމެވެ. އަބޫ ޢަބްދުﷲގެ ބަލިވުމެވެ. އެއީ ދުނިޔޭގައި ހައެއްކަ ދުވަހު ދިރިތިބުމުގެ އެދުމުގައި ދާއިމީ ލަދުވެތިކަމާއި އަޅުވެތިކަން ގަބޫލުކުޅަ ދަންނަބޭކަލުންނާއި އަމީރުންގެ ބަލިވުމެވެ. މޫސާއަކީ މުއުމިނެކެވެ. އޭނާ ދިރިއުޅުއްވީ މުއުމިނެއްގެ ގޮތުގައެވެ. ޝަހީދުވެވަޑައިގަތީވެސް މުއުމިނެއްގެ ގޮތުގައެވެ. ގުދުރަތުގެ ނިޔާއަކީ އަހަރެމެންނަށް އޮތް ދެރައެއް ކަމަށް ކަލޭ ގަބޫލުކުރާނަމަ އެއީވެސް ކުށް ގަބޫލުކުރުމެކެވެ. ގުދުރަތުން ވަނީ އަންދަލުސްގެ އިސްލާމުންނަށް އެތައް ގަރުނެއް ވާންދެން ނިޢުމަތާއި ރަޙްމަތް މިންވަރު ކުރައްވައިފައެވެ. އަހަރެމެން ދުނިޔޭގެ ގަދަފަދަ އެތައް ބާރެއް ބަލިކުރީމެވެ. އެއީ ގުދުރަތުގެ އިނާމެއް ނޫން ހެއްޔެވެ؟ ބާޒުގެ ވާދީގައި އެތައް އަހަރެއް ވާންދެން އަނިޔާވެރިކަމާއި ބަރުބަރިއްޔަތުގެ ސައިލާބު ހުއްޓުވައިގެން އަހަރެމެން ތިބީމެވެ. އެއީ ގުދުރަތުގެ އިނާމެއް ނޫން ހެއްޔެވެ؟ އިޖްތިމާޢީ އަޚްލާގީ ފޭރާން ވީދި ބަރަހަނާވަމުން ދިޔަ ގައުމެއް އަނެއްކާވެސް ހަމަ މަގަށް އެޅުވުމަށްޓަކައި ބަދްރާއި މޫސާ ފަދަ ލީޑަރުން ގުދުރަތުން ނުދެއްވާ ހެއްޔެވެ؟ އެފަދަ ލީޑަރުންނަށް ގައުމު ޚިޔާނާތްތެރިވުމަކީ ގުދުރަތުގެ ކުށެއް ހެއްޔެވެ؟ ގައުމުގައި މިހާރުވެސް ހިތްވަރު އެލުވައިލާން ބޭނުން ނޫން މީހުން އެބަތިއްބެވެ. އަންދަލުސްގެ އެންމެ ފަހުގެ ދަންމަރު އުފުލައިގެން މިހާރުވެސް އެތިބީ އެ މީހުންނެވެ. އެބައިމީހުންގެ މެސެޖު ރައްދުވަނީ ހަމައެކަނި އަންދަލުސްގެ އިސްލާމުންނަކަށް ނޫނެވެ. މުޅި ދުނިޔޭގެ އިސްލާމުންނަށެވެ. އެ މީހުން އެދި ގޮވަމުން ދަނީ ހުރިހައި އިސްލާމުން އެކަތިގަނޑަކަށްވެ އެ މީހުންގެ ޖިހާދުގައި ބައިވެރިވާށެވެ. އެ މީހުންގެ އެންމެ ފަހުގެ ނޭވަޔާ ހަމައަށް މޮރޮކޯއާއި މިޞްރާއި ތުރުކިސްތާނުގެ އިސްލާމުންގެ ޒަމީރުގައި ވިކައި ހޭލެއްވޭތޯ މަސައްކަތް ކުރަމުން ގެންދާނެއެވެ. އެމީހުން ޖިހާދުކުރަމުން އެ ގެންދަނީ ކޮންމެވެސް އެއް ދުވަހަކުން އެމީހުންގެ އަޚުން ޣަފްލަތުގެ ނިދީން ހޭލާނޭ ކަމަށެވެ. ކޮންމެވެސް މުޖާހިދަކު އެމީހުންނަށް އެހީތެރިވާން ކަމަރުބަންނާނޭ ކަމަށެވެ. މި ހުރިހައި މަސައްކަތަކާއި އުއްމީދަކާއެކު އިސްލާމީ އުއްމަތް ހޭނުލިޔަސް އަންދަލުސް ފަނާވެގެން ދިއުމުގެ ޒިންމާ އުފުލާން ޖެހޭ ބަޔަކީ އެ މުޖާހިދުން ކަމަކަށެއް ނުވާނެއެވެ. މުޅި އިސްލާމީ ދުނިޔެ ނިދައިފައި އޮތްއިރުވެސް އަންދަލުސްގެ މައިދާނެއްގައި ޙަރަމްފުޅުގެ ހުރުމަތަށްޓަކައި ބަޔަކު ގުރުބާންވަމުން ދިޔަކަން ތާރީޚުގައި ލިޔެވިގެން ދާނެއެވެ.]
ކައްޕިތާނު ކުޑަކޮށް ވިސްނައިލުމަށް ފަހު ބުނެފިއެވެ. [އަޅުގަނޑަށް މަނިކުފާނުގެ ލަޝްކަރުގައި ބައިވެރި ވެވިދާނެތޯއެވެ؟]
ބަޝީރް ބިން ޙަސަން ވިދާޅުވިއެވެ. [ތިޔައީ އަހަރެންގެ ހުއްދައަކަށް ބޭނުންވާ ކަމެއް ނޫނެވެ. އަމިއްލަ ޒަމީރާ މަޝްވަރާކޮށްލާށެވެ.]
[އަޅުގަނޑު މަޝްވަރާކޮށްފީމެވެ.]
(8)
އިސްލާމުން އެބައިމީހުންގެ އައު ލީޑަރު މަންޞޫރު ބިން އަޙްމަދުގެ ގިޔާދަތުގައި އެތައް އަހަރެއްވާންދެން ޖިހާދުކުޅައެވެ. އެތައް އަހަރެއް ވާންދެން ބާޒުގެ ވާދީ ޒީނަތްތެރިވަމުން ދިޔައީ އެ މުޖާހިދުންގެ ލެއިންނެވެ. އެބައިމީހުންގެ ކަނޑިތައް ބައެއް ފަހަރު ވަމުން ދިޔައީ ދުޝްމިނުންގެ މައްޗަށް ނަގައިގަންނަ ވަރުގަދަ ތޫފާނަކަށެވެ. ބައެއް ފަހަރަށް ދުޝްމިނުންގެ ލަޝްކަރުގެ ސައިލާބުގެ ވަރުގަދަކަމުން ފަހަތަށް ޖެހިލާން މަޖުބޫރުވެދެއެވެ. އަނެއްބައި ފަހަރު އެ ސައިލާބަށް މަޖުބޫރުވަނީ އިސްލާމުންގެ ހިތްވަރާއި އަޒުމުގެ ވަރުގަދަ ފަރުބަދައިގައި ޖެހި ވިއްސިވިހާލިވެގެން ދާށެވެ. އެކަމަކު ދުނިޔޭގެ އިސްލާމުން ތިބީ ނިދާށެވެ. މޮރޮކޯގެ އިސްލާމުން ސަހަރާގައި އުފާވެރިކަމާއެކު ދަތުރުކުރަމުން ދެއެވެ. މިޞްރުގެ އިސްލާމުން ތިބީ ނީލަކޯރުގެ އައްސޭރީގައި ނިދައިމަރުވެފައެވެ. ތުރުކިސްތާނުގެ އިސްލާމުން ކޮންސްޓަންޓިނޯޕްލްގެ ފާރުބުޑުގައި ތިބެގެން ގުގުރިދަމަނީއެވެ. އިންޑިއާގެ އިސްލާމުން ބޮޑެތި ގަނޑުވަރުތައް އިމާރާތްކުރުމުގައި އަވަދިނެތި އުޅެމުން ގެންދަނީއެވެ.
އަންދަލުސްގެ އިސްލާމުން ކަނޑިތައް އުރައަށް ނުލައި އެތައް އަހަރެއްވާންދެން ޖިހާދުކުރަމުން ގެންދިޔައެވެ. އެކަމަކު އެމީހުންނާ އެހީތެރިވާކަށް މޮރޮކޯއިން ޔޫސުފް ބިން ތާޝިފީނެއް ނައެވެ. މިޞްރުން ޞަލާޙުއްދީން އައްޔޫބީއެއް ނައެވެ. ތުރުކިސްތާނުން މަލިކް ޝާހެއް ނައެވެ. އަރަބީންގެ ތެރެއިން މުޙައްމަދު ބިން ޤާސިމެއް ނައެވެ. އަފްޣާނިސްތާނުން މަޙްމޫދު ޣަޒްނަވީއެއް ނައެވެ. އަންދަލުސްގެ ފަސްގަނޑު ދިޔައީ އިސްލާމުންގެ ލެއިން ކަޅިވަމުންނެވެ. ޖިބްރޯލްޓާގެ ފަރުބަދަތައް އިންތިޒާރުކުރަމުން ދިޔައީ ދެކުނުންނާއި އިރުމަތީން އަންނާނޭ ނައުފަހަރަށެވެ. ދުވަސް ފާއިތުވަމުން ދިޔަ ވަރަކަށް މަންޞޫރު ބިން އަޙްމަދުގެ ލަޝްކަރު ދިޔައީ ބަލިކަށިވަމުން މީސްކޮޅު މަދުވަމުންނެވެ. އެކަމަކުވެސް ޖިހާދުކުރުން ހުއްޓައެއް ނުލައެވެ. ތިން ނަސްލާ ހަމައަށް ހަނގުރާމަ ނުހުއްޓި ކުރިއަށް ދިޔައެވެ. ހަނގުރާމަ ނިމުނީ މުޖާހިދުންގެ ހަށިގަނޑުގައި އޮތް އެންމެ ފަހުގެ ލޭ ތިތްކަށް ދާންދެން ބިންމައްޗަށް ވެއްޓުނީމައެވެ. ކަނޑި ތިރިވެގެން ދިޔައީ އެ ކަނޑި އުފުލާނޭ އަތްތައް ބުރިވެގެން ދިޔައީމައެވެ. އޭގެ ފަހުން އިސްލާމުންނާ ކުރިމަތިވީ އަނިޔާވެރިކަމުގެ ވަރުގަދަ ތޫފާނެކެވެ. އިސްލާމުންނަށްޓަކައި އޮތް ހަމައެކަނި އެއްޗަކީ އަލިފާނާއި ލެޔާއި ކަރުނަ ކަމުގައި ވެގެން ހިނގައްޖެއެވެ.
އަންދަލުސްގެ އިސްލާމުންނަށް ވީ ކިހިނެއްތޯއެވެ؟ އެތައް ބަޔަކަށް ގައުމު ދޫކޮށް ދާން މަޖުބޫރުކުރުވީ އެބައިމީހުންގެ ޅަދަރިން ޖަހައިގަނެ ކަތިލުމަށް ފަހުގައެވެ. އެތައް ބަޔަކު ދިރިތިއްބައި އަންދައިލެވުނެވެ. އެތައް ބަޔަކަށް ވޭންދެނިވި އަދަބު އެތައް ދުވަހަކު ދިނުމަށް ފަހު މަރައިލެވުނެވެ. އެތައް އަންހެނަކު ޗާބޫކުން ތެޅިތެޅީނުން މަރައިލެވުނެވެ.
ތާރީޚުން މިފަދަ އެތައް ކަމެއް ފެންނާން އެބަހުއްޓެވެ. ކަން ހިގަމުން ދިޔަ ގޮތުގެ ތަފުސީލު ހޯދާން ބޭނުން ނަމަ ޖެހޭނީ ތާރީޚުގެ ފަތްފުށްތަކަށް ވަންނާށެވެ. މިއަދުގެ ލޯގަނޑުން މާޒީގެ ތަސްވީރު މިހާރުވެސް ފެންނާން އެބަހުއްޓެވެ. އަންދަލުސްގައި އަށް ސަތޭކަ އަހަރު ވާންދެން އިސްލާމުން ވެރިކަން ކުރިކަމުގައި ވިޔަސް މިއަދަކު އެ ގައުމުން އިސްލާމަކު ނުފެނެއެވެ. ކޯރްދޮބާއާއި ގްރަނާދާއާއި ސެބިއްޔާގެ މިސްކިތްތައް މިހާރުވެސް އެބަހުއްޓެވެ. އެކަމަކު އެ މިސްކިތްތަކުގައި ބަންގި ގޮވަމުން ދިޔަ ދޫތައް ވަނީ ބަންދުކުރެވިފައެވެ.
ގްރަނާދާގެ ވެރިންގެ ކުށަކީ ހައެއްކަ މީހުންގެ މައްޗަށް މަހުދޫދުކުރެވޭނޭ ކުށެއް ނޫނެވެ. އެއީ ގައުމެއްގެ އިޖްތިމާޢީ ކުށެކެވެ. އެންމެން ކަހަލަ ގޮތަކަށް ބައިވެރިވީ ކުށެކެވެ. މިއަދު އަލްހަމްރާގެ ފާރުތަކުގެ ހިމޭން ދުލުން ގޮވައި ނަގަނީ ގުދުރަތުން އެއްވެސް ގައުމެއްގެ އިޖުތިމާޢީ ކުށަކަށް މައާފުނުކުރާނޭ ކަމުގައެވެ.
(ނިމުނީ)
