އަންދަލުސްގެ ބާޒު – 88

(24 ޖުލައި 2026 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އެއް ދުވަހަކު ފަތިހު މީހުން ހޭލައިގެން ނުކުތްއިރު ގްރަނާދާގެ ކޮންމެ މިސްކިތެއްގެ މައި ދޮރުގައި އިއުލާނެއް ޖަހައިފައި ހުއްޓެވެ. އެ އިއުލާނުގައި ލިޔެފައިވާ ގޮތުގައި އަބޫ ޢަބްދުﷲއާއި އޭނާގެ އަމީރުން އެކުވެގެން ގައުމުގެ އަބުރާއި އިއްޒަތާއި މިނިވަންކަން ދުޝްމިނުންނަށް ވިއްކައިލައިފިއެވެ. އެކަމަކު އޭގެ އަނެއް ދުވަހު ސުލްހައަށް ތާއީދުކޮށް ބަލި ގަބޫލުކޮށްގެން ތިބި މީސްމީހުން ނުކުމެ އެ ހުރިހައި އިއުލާނެއް ނައްޓައި، ވީދައި، ކުދިކޮށްލުމަށް ފަހު އެހެން އިއުލާނެއް ޖަހައިފިއެވެ. އައު އިއުލާނުގައި ލިޔެފައިވާ ގޮތުގައި ސުލްހައަށްޓަކައި ފެރްނާންދޯ ހުށަހަޅައިފައިވާ ޝަރުތުތަކަކީ ގައުމަށް ލިބުނު ވަރަށް ބޮޑު ފައިދާއެކެވެ. ރައްޔިތުންނަށް ލެއްވި ނިއުމަތެކެވެ. އެ ޝަރުތުތަކާ ދެކޮޅު ހެދުމަކީ ނިއުމަތަށް ފުރަގަސްދިނުމެވެ. ނިއުމަތަށް ފުރަގަސްދިނުމަކީ ކުފުރުގެ އަމަލެކެވެ.

މިއީ ހަމަނުޖެހުންތަކުގެ ފެށުމެވެ. އޭގެ ހައެއްކަ ދުވަސް ފަހުން ފެންނާން ފެށީ ސުލްހައަށް ތާއީދުކުރާ މީހުންނާއި ޖިހާދަށް ތާއީދުކުރާ މީހުންގެ މެދުގައި ހަމަނުޖެހުން އުފެދި ތަޅާފޮޅަމުން ގެންދާ ތަނެވެ. މިސްކިތްތަކާއި ކިޔަވައިދޭ ތަންތާނގައި ރަސްގެފާނުގެ ފިޔަވަޅާ ދެކޮޅަށް ވާހަކަދައްކާން ފަށައިފިއެވެ. އަދި އޭގެ އިދިކޮޅު ވިސްނުމުގެ ތަގުރީރުތައްވެސް ކުރާން ފަށައިފިއެވެ. މުޒާހިރާތައް ކުރާތަން ފެންނާން ފަށައިފިއެވެ. ސުލްހައަށް ތާއީދުކޮށްގެން ތިބި ޖަމާއަތެއްގެ ބަޔަކު މިފަދަ މުޒާހިރާތައް ކުރާ މީހުންނަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ. އެކަމަކު ރައްޔިތުންގެ ޖޯޝް ހުރީއަކީ ދޫކުރާ ކަހަލަ ގޮތަކަށް ނޫނެވެ. ރައްޔިތުން އެ މީހުން ވަށައިލައި ތަޅައިގެންފިއެވެ. މުޅި ރަށުގައި އެމީހުން ގަންހިންގައިފިއެވެ. ދަންނަބޭކަލުންނާއި އަމީރުންގެ ތެރެއިން ފެރްނާންދޯގެ ޖާސޫސުން ކަމަށް ޝައްކު ކުރެވޭ މީސްމީހުންގެ ގޭގޭގައި ރޯކޮށްލައިފިއެވެ. މުޅި ސަހަރުގައި އަހުލީ ހަނގުރާމައެއް ފެށިދާނޭ ކަމުގެ ނުރައްކާ އެބައޮތް ކަމަށް ބަލައި، ހަތްދިހަ ދުވަސް ހަމަވުމުގެ ކުރިން ދުޝްމިނުންނާ ގްރަނާދާ ހަވާލުކުރާން އަބޫ ޢަބްދުﷲ ނިންމައިފިއެވެ. ނަތީޖާއަކީ ހިޖުރައިން 897 ވަނަ އަހަރުގެ ރަބީޢުލްޢައްވަލް މަހުގެ 12 ވަނަ ދުވަހު ގްރަނާދާ ދުޝްމިނުންގެ އަތްމައްޗަށް ދޫކޮށްލުމެވެ. އެއީ މީލާދީން 1492 ވަނަ އަހަރެވެ.

އަބޫ ޢަބްދުﷲ އަހަށް ސަވާރުވެގެން އަލްޙަމްރާއިން ނުކުމެއްޖެއެވެ. އޭނާގެ ފަހަތުން ސަހަރުގެ އަމީރުންގެ ތެރެއިން ފަންސާހަކަށް މީހުން އަހުގައި ނުކުތެވެ. ސަހަރުގެ މައި ދޮރާށިން ބޭރުގައި ފެރްނާންދޯއާއި ރާނީ އިޒަބެއްލާއާއި އޭނާގެ ލަޝްކަރު ސަފުހަދައިގެން ތިއްބެވެ. ކްރިސްޓިއަން ރަސްގެފާނާ އަރައި ހަމަވީމާ އަބޫ ޢަބްދުﷲ އަހުން ފައިބައިފިއެވެ. ކޮންޓުރޯލު ކުރެވޭތޯ އުޅުނު ނަމަވެސް އޭނާގެ ލޮލުން ކަރުނަ ފައިބާން ފަށައިފިއެވެ. ފެރްނާންދޯވެސް އަހުން ފައިބައި އަބޫ ޢަބްދުﷲއާ ކަރާއިކަރު ޖައްސައި ސަލާންކޮށްފިއެވެ.

އަބޫ ޢަބްދުﷲ އަލްޙަމްރާގެ ތަޅުދަނޑިފަތި ފެރްނާންދޯއާ ހަވާލުކޮށްފިއެވެ. [ގްރަނާދާގެ ވެރިކަން ﷲ މަނިކުފާނަށް މިންވަރު ކުރައްވައިފިއެވެ. މަނިކުފާނު ރައްޔިތުންނާމެދު ރަހުމާއި އަދުލު އިންސާފާއެކު ކަންތައް ކުރައްވާ ބޭފުޅެއް ކަމުގައި ލައްވާތޯ އަޅުގަނޑު ދުއާކުރަމެވެ.]

އަބޫ ޢަބްދުﷲ ރާނީ އިޒަބެއްލާއާ ދިމާއަށް ބަލައިލިއެވެ. އަލްޙަމްރާގައި އެންމެ ފަހުން ހުންނެވި ރަސްގެފާނުގެ ބަލިކަށިކަމާއި އާރެއް ބާރެއް ނެތްކަން ފެނުނީމާ އިޒަބެއްލާއަށްވެސް އަސަރުކޮށްފިއެވެ. ކުޑަ ހިނދުކޮޅަކަށް އޭނާވެސް އާދައިގެ އަންހެނަކަށް ބަދަލުވެގެން ހިނގައްޖެއެވެ. އޭނާ ފިރިމީހާ ފެރްނާންދޯއާ ދިމާއަށް ބަލައިލިއެވެ. އިޒަބެއްލާގެ އިޝާރާތް ވިސްނައިގަނެވުނީމާ އަބޫ ޢަބްދުﷲއަށް ތަސައްލީއެއް ދިނުމުގެ ގޮތުން ކޮންމެވެސް އެއްޗެކޭ ބުނެލާން ފެރްނާންދޯ ބޭނުން ވިއެވެ. އެކަމަކު އޭނާއަށް އެއްޗެކޭ ބުނެވުމުގެ ކުރިން އަބޫ ޢަބްދުﷲ އަހަށް އަރައި، އަސް އަނބުރައިލައިފިއެވެ. ކުޑަ އިރުކޮޅެއް ފަހުން މުދަލާއި ބޭނުންވާ އެހެން ސާމާނާއެކު އޭނާގެ ގާފިލާ މިސްރާބު ޖެހީ އެންޑަރކަސްއާ ދިމާއަށެވެ. އެ ގާފިލާގައި އޭނާގެ މަންމާފުޅާއި އަނބިކަނބަލުންވެސް ބައިވެރިވެވަޑައިގަތެވެ.

ފެރްނާންދޯގެ ލަޝްކަރު ފަތަހައިގެ ބޭން ޖަހަމުން ގޮސް ގްރަނާދާއަށް ވަދެއްޖެއެވެ. ރަސްގެފާނާއި ރާނީގެ އެދުމަށް އަލްޙަމްރާގެ މައި ބުރުޒުގައި ކްރިސްޓިއަން ސަލީބު ބަހައްޓައިދިނީ ގްރަނާދާގެ ފައްޅިތަކުގެ އެންމެ އިސް ފާދިރީންނެވެ.

ގްރަނާދާގެ ބޮޑެތި ފިރިހެނުންނާއި އަންހެނުންނާއި ކުޑަކުދިންގެ ނަޒަރު ހުއްޓިފައި ހުރީ އަލްޙަމްރާގެ މައި ބުރުޒަށެވެ. މި ސަހަރުގައި އެތައް ސަތޭކަ އަހަރެއް ވާންދެން ގުގުމަމުން ދިޔައީ ދުރު ރަށްތައް ފަތަހަ ކޮށްފައި އަންނަ މުޖާހިދުންގެ ނަޣަރާގެ އަޑެވެ. މިހާރު އިވެމުން އެ ދަނީ ދުޝްމިނުންގެ ފަތަހައިގެ ދުންމާރީގެ އަޑެވެ. އަލްޙަމްރާގައި މިހައިތަނަށް ވިހުރުވެމުން ދިޔައީ އިސްލާމީ ދިދައެވެ. ގްރަނާދާގެ ރައްޔިތުން ބަލަހައްޓައިގެން ތިބީ ދާދި އަވަހަށް އޮއްސިގެން ހިނގައިދާނޭކަން ކަށަވަރުވެފައިވާ އިސްލާމީ ތަރިއަށެވެ. އިސްލާމީ ދިދަ ވައްޓައިލައިފައި ކްރިސްޓިއަން ސަލީބުގެ ދިދަ ނެގުމާއެކު އެ ތަރީގެ ފަހު ވަގުތު ޖެހުނީއެވެ. ފެރްނާންދޯގެ ލަޝްކަރުގެ މީހުން އުފާވެރިކަމުގެ ލަވަތައް ކިޔަމުން ދިޔައިރު ގްރަނާދާގެ ގެތަކުން އިވެމުން ދިޔައީ އިސްލާމީ ރައްޔިތުންގެ ރުއިމުގެ އަޑެވެ.

އަބޫ ޢަބްދުﷲ އަލްޕުހަރާ ފަރުބަދަމައްޗަށް އަރައި އަސް މަޑުކޮށްލިއެވެ. އެންމެ ފަހު ފަހަރު ގްރަނާދާއާ ދިމާއަށް ބަލައިލާފައި އަޑުންއަޑު ނަގައި ރޯން ފަށައިފިއެވެ.

އޭނާގެ ހިތްވަރުފުޅު ގަދަ މަންމާފުޅު ޣީރަތްތެރިކަމުން ފުރިފައިވާ ރާގެއްގައި ވިދާޅުވިއެވެ. [ރަސްކަން ދިފާއުކުރުމަށްޓަކައި ހިތްވަރުގަދަ ފިރިހެނެއްހެން ހަނގުރާމަކޮށް އަމިއްލަ ލޭ އޮހުރުވައިލާން ނުކެރުނު މީހަކު އެ ރަސްކަން އަތުން ބީވެގެން ދިޔައީމާ ފިނޑި އަންހެނެއްހެން ރޮއިހޭރުމުގެ ފައިދާއަކީ ކޮބައި ހެއްޔެވެ؟]

އަބޫ ޢަބްދުﷲގެ ވެރިކަން އަލްޕުހަރާގައި ހައެއްކަ މަސް ދުވަސް ވާންދެންވެސް ދެެމިއޮންނަ ގޮތެއް ނުވިއެވެ. އެ ރަށުގެ އިސްލާމުންގެ ހިތުގައި އޭނާގެ މައްޗަށް އުފެދިފައިވާ ވަރުގަދަ ނަފުރަތެއް ފިޔަވައި އެހެން އެއްވެސް އެއްޗެއް ނެތެވެ. ކްރިސްޓިއަން ސިފައިންގެ އެހީގައި ވެރިކަން ދެމެހެއްޓުމުގެ ބަދަލުގައި އަބޫ ޢަބްދުﷲ ވެރިކަން ދޫކޮށް މޮރޮކޯއަށް ހިޖުރަކޮށްފިއެވެ. އަދި އެތާނގެ ރަސްގެފާނުގެ ލަޝްކަރުގައި އާދައިގެ ސިފައިންގެ މީހެއްގެ ގޮތުގައި ވަޒީފާއަދާކުރާން ފަށައިފިއެވެ.

(5)

މޫސާ ބިން އަބީ ޣައްސާން ދެއްކެވި ވާހަކަފުޅު ވެގެން ދިޔައީ ތެދު ވާހަކަފުޅަކަށެވެ. އަމަންއަމާންކަމާއި ސުލްހައިގެ ވަސީލަތެއް ކަމަށް މީހުން ހީކުޅަ ސުލްހައިގެ އެއްބަސްވުން ވެގެން ދިޔައީ ބޮޑު މަކަރަކަށެވެ. އޮޅުވައިލުމަކަށެވެ. ގަލަމުގެ ލިޔުންތައް ކޮށައިލީ ކަނޑިންނެވެ. ސުލްހަނާމާގައި ހުރި ޝަރުތުތައް ކްރިސްޓިއަނުން ބޭނުންހައި ގޮތަކަށް ތަރުޖަމާކުރާން ފަށައިފިއެވެ. ރައްޔިތުންގެ ދެކޮޅުހެދުމަކުން ނުކުތް އެދެވޭ ނަތީޖާއެއް ނެތެވެ. އެންމެ ފަހުން ދީނީ ލީޑަރުން ކަނޑައެޅީ އިސްލާމްދީނަކީ އިސްޕޭނުގެ އެއްބައިވަންތަކަމަށް އޮތް ހުރަހެއް ކަމުގައެވެ. އިސްލާމުންނަކީ ސަރުކާރަށް ވަފާތެރި ބަޔަކަށް ދުވަހަކުވެސް ނުވާނޭ ކަމުގައެވެ. މޮރޮކޯއިންނާއި އެހެން އިސްލާމީ ގައުމުތަކުން އެމީހުންނާ އެހީތެރިވާން ލަޝްކަރުތައް އަންނާނޭ ދުވަހަކަށް ގްރަނާދާގެ އިސްލާމުން އިންޒާރުކުރަމުން ގެންދާ ކަމުގައެވެ. އަދި އިސްލާމުންނަކީ ވަކި ބަހަކުން ވާހަކަދައްކާ، ވަކި ކަހަލަ ހެދުމެއް އަޅައިގެން އުޅޭ، ވަކި ތަހުޒީބެއް ގަބޫލުކުރާ، ޖާސޫސުންގެ ބަޔަކު ކަމުގައެވެ. ކްރިސްޓިއަން ސަރުކާރަށް އެބައިމީހުންގެ ފަރާތުން އޮތް ނުރައްކާތެރިކަމަށް ދުވަހަކުވެސް ނިމުމެއް ނާންނާނޭ ކަމުގައެވެ. ސަރުކާރުން އިސްލާމުންނަށް އެއްވެސް ކަހަލަ މަދަދަކާއި ރައްކާތެރިކަމެއް ފޯރުކޮށް ދެވޭނީ އެބައިމީހުންގެ ހިތްނިޔަތް ބަދަލުވީމާ ކަމަށް ދީނީ ލީޑަރުން ގެންދިޔައީ ބުނަމުންނެވެ. އެ ބުނާ ހިތްނިޔަތް ބަދަލުވުމަކީ ހަމައެކަނި ކޮށްލާ އިއުލާނަކުން ވާނޭ ކަމެއް ނޫން ކަމަށާއި އެކަން ގަބޫލުކުރެވޭނީ އިސްލާމުން އެމީހުންގެ ދީން ދޫކޮށް ކްރިސްޓިއަން ދީނަށް ވަނީމާ ކަމަށްވެސް ދީނީ ލީޑަރުން ބުނަމުން ގެންދިޔައެވެ. ދީން ބަދަލުކުރުމަކީ ހަމައެކަނި ދުނިޔަވީ ދިރިއުޅުން އާރާސްތުކުރަން ކުރަންޖެހޭ ކަމެއް ނޫން ކަމަށާއި އެއީ އާޚިރަތް ސަލާމަތްކުރެވެން އޮތް ހަމައެކަނި ގޮތް ކަމުގައިވެސް ކިޔަން ފަށައިފިއެވެ.

އިސްލާމުންނަށްޓަކައި މިސްކިތްތައްވެސް ބަންދުކުރެވޭން ފަށައިފިއެވެ. ބަންގި ގޮވުމާއި ނަމާދުކުރުން މަނާކޮށްފިއެވެ. ބޭރުތެރޭގައި އަރަބި ބަހުން ވާހަކަދެއްކުމަކީ ގާނޫނީ ކުށަކަށް ހަދައިފިއެވެ. އެފަދަ ކުށެއް ކޮށްފި މީހަކަށް މައާފެއް ނޯވެއެވެ. އަށް ސަތޭކަ އަހަރު ވާންދެން ޔޫރަޕުގެ ގައުމުތަކަށް އިލްމު ފަތުރަމުން ގެންދިޔަ ބާރުގަދަ ދަރުސްގާހުތައް ބަންދުކުރަން ރަސްމީކޮށް އަންގާން ފަށައިފިއެވެ. އިލްމުގެ ދަންމަރު ދިއްލައިފައި ހުރި ވަރުގަދަ ކުތުބުޚާނާތައް އަންދައި އަޅިއަށް ހަދައިލައިފިއެވެ. ރަށްބޭރުގައި ހުރި ހުރިހައި ދަނޑެއްގެ މައްޗަށް ކްރިސްޓިއަނުން ގަދަވެގެންފިއެވެ. އިސްލާމުން ވިޔަފާރިކުރަމުން ގެންދިޔަ ވިޔަފާރިވެރިން އެބައިމީހުންގެ ފިހާރަތަކުން ނެރެލައި، އެ ފިހާރަތައް ކްރިސްޓިއަނުންގެ ތަންތަން ކަމުގައި ހަދައިފިއެވެ. ލޫޓުވުމާއި މީހުން މެރުމުގެ ތޫފާނެއް މުޅި ސަހަރަށް ވެރިވެއްޖެއެވެ. ސަހަރުގައި ދިރިއުޅޭ ޔަހޫދީންނަކީ މުއްސަނދި ބައެކެވެ. އެމީހުން އަމިއްލަ ވިޔަފާރި ސަލާމަތްކުރުމުގެ ބޭނުމުގައި މުއްސަނދި އިސްލާމުންގެ ޓިކާނާ ކްރިސްޓިއަނުންނަށް ދައްކައި އެހީތެރިވަމުން ގެންދިޔައެވެ. ސަރުކާރުގެ އިސް ވެރިންނަށް ހަދިޔާބަދިޔާ ދީ، އެމީހުންގެ އަމިއްލަ މުދާތައް ރައްކާތެރިކޮށް، ސަރުކާރުގެ ސަމާލުކަން އިސްލާމުންނާ ދިމާއަށް އަނބުރަމުން ގެންދިޔައެވެ.

މިއީ ހަމައެކަނި ފެށުމެވެ.

ކޮންމެ އައު ދުވަހަކަށް އިރުއަރަނީ އިސްލާމުންނަށް އައު މުސީބާތަކާއިގެންނެވެ. ކޮންމެ ދުވަހަކަށް އިރު އޮއްސެނީ މާޔޫސީއާއި ހިތާމައިގެ ރާޅަކާއެކުގައެވެ. ގްރަނާދާގެ ރައްޔިތުންގެ ދުލުކުރީގައި ތާއަބަދު އޮންނަނީ އެއް ސުވާލުތަކެކެވެ.

ދެން ވާނީ ކިހިނެއް ހެއްޔެވެ؟

ދެން އަހަރެމެން ހަދާނީ ކިހިނެއް ހެއްޔެވެ؟

ދެން އަހަރެމެންނަށް ކުރެވޭނީ ކޮން ކަމެއް ހެއްޔެވެ؟

ގައުމުގެ ތުރުކަހުގެ އެންމެ ފަހު ތީރު

(1)

ތަނަކީ ސިއެރާ ނެވާޑާގެ ފަރުބަދަތަކެވެ. ސަރަހައްދީ އިމުގެ ފާރަވެރިންގެ އިތުރަށް ފަރުބަދަމަތީގެ ގަބީލާތަކުގެ އިސް ވެރިންވެސް ވަނީ އެތަނަށް އެއްވެފައެވެ. އެއީ ގްރަނާދާ އަތުން ބީވެގެން ދިޔައީމާ އެންމެ ފަހުގެ ޖަގަހައަކީ ސަރަހައްދީ ބާޒުގެ ސަރަހައްދު ކަމުގައި ދެކިގެން އައި މީހުންނެވެ. ހިލައެއްގެ މަތީގައި ހުންނަވައިގެން ބަދްރު ބިން މުޣީރާ އެމީހުންނާ މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވަނީއެވެ.

[އަހަރެންގެ އެކުވެރިންނޭވެ. އިއްޒަތްތެރިންނޭވެ. ލޮބުވެތި ބައިވެރިންނޭވެ. ދުޝްމަނުން އެ ގެންދަނީ ހަތަރު ފަރާތުން އަހަރެމެންނާ ހަމަލަދެމުންނެވެ. އަހަރެމެން ބަލިކުރުމަށްޓަކައި އެމީހުންގެ ހުރިހައި ބާރެއް ޖަމާކޮށްފިއެވެ. އަހަރެމެން ކުރިމަތިލާން ޖެހިފައި މި ވާ ހާލަތަކީ އެކަކަށްވެސް ސިއްރުވެފައިވާ ހާލަތެއް ނޫނެވެ. މި ހާލަތުގައި އަހަންނަށް ތިޔަބައިމީހުންގެ ކުރިމަތީގައި ވެވޭން އޮތީ އެންމެ ވައުދެކެވެ. އެއީ އަބުރުވެރިކަމާއި އިއްޒަތާއި މިނިވަންކަމާއެކު ދިރިއުޅެވޭނޭ މަގު ބަންދުވީ ނަމަވެސް އަބުރުވެރި މަރެއް ތިޔަބައިމީހުންގެ ކުރިމަތީގައި އޮންނާނޭ ކަމުގެ ވައުދެވެ. އަހަރެން މިއީ ވެރިއެއް ކަމުގައި ތިޔަބައިމީހުން ބަލާނަމަ، އަހަރެން ދޭން އޮތީ އެންމެ މެސެޖެކެވެ. އެއީ ތިޔަބައިމީހުންގެ ކުރިމަތީގައި އޮތީ މިނިވަންކަމުގެ ދިރިއުޅުމެކޭ ނުވަތަ އިއްޒަތާއި އަބުރުވެރިކަމާއެކު ޝަހީދުވުމޭ ބުނުމެވެ. އަޅުވެތިކަމުގެ މަރެއް ނޫނޭ ބުނުމެވެ.]

[ދުނިޔެއަށް އަންނަ ކޮންމެ މީހަކުމެ މަރުވާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. އެއީ ގުދުރަތީ ގާނޫނެވެ. ދުނިޔަވީ ދިރިއުޅުމުގެ އެންމެ ފަހުގެ މަރުހަލާއަކީ މަރުކަމުގައި ވަނީނަމަ ދިރިއުޅެވެނީ ކުޑަ ހިނދުކޮޅަކަށް ކަމުގައި ވުމާއި ގަރުނަކަށް ކަމުގައި ވުމުގައި ހުރީ ކޮން ތަފާތެއް ހެއްޔެވެ؟ މަރުވެފައި އޮންނަ މީހާގެ މަހާނަދޮށަށް ދާ މީހާ ކުރާނީ އެންމެ ދެ ސުވާލެވެ. ކަލޭ ދިރިއުޅުނު މުއްދަތު ހޭދަކުރީ ކިހައި ފަޚުރުވެރިކަމަކާއެކު ހެއްޔެވެ؟ މަރުވެގެން ތިޔަ ދިޔައީ ކިހައި އިއްޒަތަކާއެކު ހެއްޔެވެ؟ މިއަދު އަހަރެމެންގެ ކާބަފައިންގެ މަހާނަތައް ފެނުނީމާ ލަދުން އިސްޖަހައިލާން ނުޖެހޭތީ އަހަރެން އުފާކުރަމެވެ. އެކަމަށްޓަކައި ފަޚުރުވެރިވަމެވެ. އެ ކާބަފައިންނަކީ އަޅުވެތިކަމުގެ ދިރިއުޅުމަށް ނޫނެކޭ ބުނި މީހުންނެވެ. މިނިވަން ދިރިއުޅުމުގެ ފަސްބައި ދޫކޮށްނުލައި ކުރިއަށް ދިޔަ މީހުންނެވެ. އެއީ އަބުރުވެރިކަމުގެ މަގުން އެއް ފަރާތްވެ، ނިކަމެތިކަމާއި އަގުވެއްޓުމުގެ ދޮރުގައި ޓަކިޖަހާން ނުރުހުނު މީހުންނެވެ. މިއީ ތާރީޚު ހެކިވާ ހަގީގަތެކެވެ. ބަޔަކު އައިސް އަހަރެންގެ މަހާނައާ ދިމާއަށް ނުރުހުމުގެ ކަޅިއަޅާ ގޮތް ވުމަކީ ކާބަފައިން ފަދައިން އަހަރެންވެސް ރުހޭ ކަމެއް ނޫނެވެ. މަޙްޝަރު ދުވަހުން އަހަރެން ތެދުވާން ބޭނުމީ ހައްގާއި އިންސާނިއްތުކަމުގެ ދިފާއުގައި ހަނގުރާމަކޮށް ފުރާނަ ދޫކޮށްލީ މީހުންނާ އެކުގައެވެ. ހައެއްކަ ދުވަހުގެ މުޑުދާރު ދިރިއުޅުމަށްޓަކައި ހައްގާއި ތެދުވެރިކަމުގެ މަގުން އެއްފަރާތް ވެގަތް މީހުންނާއެކު ތެދުވާކަށް އަހަރެން ބޭނުމެއް ނޫނެވެ. އަންނާން އޮތް ނަސްލަށްޓަކައި ދާއިމީ އަޅުވެތިކަމެއް ދޫކޮށްފައި ދިޔަ މީހުންގެ ސަފުގައި ހުއްޓި ހުންނާކަށް އަހަރެން ބޭނުމެއް ނޫނެވެ. މުއުމިނުންނަކީ ހައްގަށްޓަކައި ފުރާނައިން ގުރުބާންވާ މީހުންނެވެ. ތެދާއި ހައްގަށް ފުރަގަސްދިނުމަކީ ޚުދު ތިމާގެ އަގުވެއްޓުމެއް ކަމުގައި ދެކޭ މީހުންނެވެ. އަހަރެމެންގެ އަދަދު މަދެވެ. ވަސީލަތްތައް މަހުދޫދެވެ. ހައްގުގެ މަގުގައި ތިބި މީހުން ބަނޑުގައި ހިލަ ބަނދެގެން ނުކުމެ ޤައިސަރާއި ކިސްރާގެ ވަރުގަދަ ރަސްކަން ފުނޑުފުނޑުކޮށް ތަޚުތު އެކޮޅުކޮޅުން ޖަހައިލީ ދުވަސް ހަނދާންކުރާށެވެ. ޠާރިޤް ބިން ޒިޔާދު އަންދަލުސްގެ އައްސޭރިއަށް ފައިބައިވަޑައިގެން ނައުކޮޅުތައް އަންދަވައިލައްވައި އިސްލާމުންނަކީ އަބަަދުވެސް ޖިހާދުގައި ކުރިއަށް ދާ ބައެކޭ ފަހަތަށް އެނބުރި ދާ ބައެއް ނޫނޭ ވިދާޅުވި ދުވަސް ހަނދާންކުރާށެވެ.]

[އަހަރެމެންގެ ހަނގުރާމައަކީ އަނިޔާވެރިކަމާއި ޖައްބާރުކަމާ ދެކޮޅަށް ކުރެވޭ އިންސާނިއްޔަތުކަމުގެ ބަޣާވާތެކެވެ. މިއީ އުސޫލީ ހަނގުރާމައެކެވެ. ހަނގުރާމައިގައި އަހަރެމެން މަރުވެގެން ދިޔަ ކަމުގައި ވިޔަސް އަހަރެމެންގެ މަގުސަދު ދިރި އޮންނާނެއެވެ. އަނިޔާވެރިކަމާ ދެކޮޅަށް އަބަދުވެސް އިންސާނިއްޔަތުކަން ތެދުވާނެއެވެ. ކޮންމެ ދައުރެއްގައިވެސް ހައްގަށް ލޯބިކުރާ ބަޔަކު މި މަތިވެރި މަގުސަދަށްޓަކައި ކަނޑި އުފުލަމުން ގެންދާނެއެވެ. އިންސާނިއްޔަތުކަން ދިރި އޮތްހައި ހިނދަކު މި މަގުސަދު މަރު ނުވެ ދެމި އޮންނާނެއެވެ. މަގުސަދު މަރުނުވެ ދެމި އޮތްހައި ހިނދަކު އަހަރެމެން މަރެއް ނުވާނެއެވެ. އަންދަލުސްގެ މުވައްރިޚުން އިންސާނިއްޔަތުކަމުގެ ދިފާއުގައި ތެދުވި މީހުން ހަނދާން ނައްތައެއް ނުލާނެއެވެ. ގައުމުގެ ޝަހީދުން އެބައި މީހުންގެ ލެއިން ލިޔުނު ތާރީޚު ގައުމުގެ ތާރީޚުގެ ފަތްފުށްތަކުން ފޮހެއެއް ނުލެވޭނެއެވެ.]

[ގްރަނާދާއިން އަންނަނީއަކީ އުފާވެރި ޚަބަރުތަކެއް ނޫނެވެ. ލިބެނީ އަނިޔާވެރިކަމާއި ބިރުވެރިކަމުގެ ޚަބަރުތަކެވެ. ކަނޑީގެ ބިރު ދައްކައިގެން އިސްލާމުންނަށް މުރުތައްދުވާން މަޖުބޫރުކުރަމުން އެބަ ގެންދެއެވެ. ހަފަރާތުން އިސްލާމުން ވަށައިލައިފައިވަނީ އަނިޔާވެރިކަމާއި ވަހުޝިއްޔަތުގެ އަމަލުތަކެވެ. ބާޒާރުގައި އިސްލާމުންނަކަށް ރައްކާތެރިކަމެއް ނެތެވެ. ގޭގޭގައި އަންހެން ދަރިންނާއި މައިންގެ އަބުރުވެރިކަމަކަށް ރައްކާތެރިކަމެއް ނެތެވެ. ސުލްހައަށް ތާއީދުކުރާ މީހުން ގަބޫލުކޮށްގެން ތިބީ ސުލްހަނާމާއަކީ ރައްޔިތުންގެ ލާބައާއި މަންފާ ކަށަވަރުކޮށް ދޭނޭ އެއްޗެއް ކަމުގައެވެ. އެކަމަކު ކާފަރުން އެ ސުލްހަނާމާގެ މާނަ މުޅީން ބަދަލުކޮށްގެންފިއެވެ. ރަނގަޅު އުސޫލުތަކެއް ދިފާއުކުރުމަށްޓަކައި ކަނޑި އުފުލައިލާން ދެކޮޅު ހެދި މީހުން މިހާރު ތިބީ ދުޝްމިނުންގެ ނުބައި ގަވާއިދުތަކާއި ހަމަތަކަށް ބޯލަނބަން މަޖުބޫރުވެފައެވެ. އަމިއްލަ އަބުރާއި މިނިވަންކަމަށްޓަކައި އަމިއްލަ ލޭ އޮހޮރުވައިލާން ދެކޮޅު ހެދި މީހުން މިހާރު އެ ގެންދަނީ އެބައިމީހުންގެ ތާރީޚުގެ އެންމެ ފަހުގެ ބާބު ކަރުނައިން ލިޔަމުންނެވެ. މިނިވަންކަމުގެ ތާޖަށްވުރެ ބޮޑަށް އެމީހުން އިސްކަން ދިނީ ފައިގައި އެޅުވުނު ކަސްތޮޅަށެވެ. އެމީހުން ހީކޮށްގެން ތިބީ އަޅުވެތިކަމުގެ ކުޑަކުޑަ މިންވަރެއް ތަހައްމަލު ކޮށްލީމާ، ދިރިއުޅުމުގެ ހުރިހައި ނިއުމަތަކާއި ފަސޭހައެއް ލިބޭނޭ ކަމަށެވެ. އެކަމަކު އެ ހުރިހައި ނިއުމަތެއްގެ ދޮރު އެމީހުންނަށްޓަކައި ބަންދުވެއްޖެއެވެ. އަޅުވެތިކަމުގެ ބުރަ އެއް ދުވަހުން އަނެއް ދުވަހަށް ދަނީ ބޮޑުވަމުންނެވެ. އެ ބުރައިގައި އެމީހުން ކަށިތައް މުގުރެމުން ދަނީއެވެ. އެކަމަކު އެކަމާ ދެކޮޅަށް އެއްވެސް އެއްޗެކޭ އެ މީހުންނަކަށް ބުނެވޭކަށް ނެތެވެ. އޭގެ ތެރެއިން ބައެއް މީހުން ހީކުޅައީ ކްރިސްޓިއަން ދީނަށް ވަނީމާ މުސީބާތުން ސަލާމަތްވެ، އަރާމު ދިރިއުޅުމަކަށް މަގު ފަހިވެގެން ހިނގައިދާނޭ ކަމުގައެވެ. އެކަމަކު އަޅުވެތި ކްރިސްޓިއަނުންނާއި ވެރިކަންކުރާ ކްރިސްޓިއަނުންނާ ދެމެދު ހުރި ތަފާތު މިހާރު އެބައިމީހުންނަށް އިހުސާސްކުރެވޭން ފަށައިފިއެވެ.]

[އަހަރެންގެ އެކުވެރިންނޭވެ. އަހަރެން ދުނިޔޭގައި ހުރިހައި ހިނދަކު، އަދި އަހަންނާއެކު ތިޔަބައިމީހުން ތިބިހައި ހިނދަކު، ގްރަނާދާގައި އެ ހިނގި ކަހަލަ ކަމެއް މި ވާދީގައި ތަކުރާރު ވެގެން ނުދާނޭ ކަމަށް އަހަރެން ވައުދުވަމެވެ. އެ ތާރީޚު މި ވާދީގައި އިއާދައެއް ނުވާނެއެވެ. އަހަރެމެން ޖިހާދުކުރާނަމެވެ. އެންމެ ފަހުގެ ނޭވަޔާ ހަމައަށް އަހަރެމެން ހަނގުރާމަ ކުރާނަމެވެ. އަހަރެމެންގެ އާރެއްބާރެއް ނެތްކަމުގެ ކަރުނައިގެ ބަދަލުގައި އަންދަލުސްގެ ބިންގަނޑު ކަޅިވެގެން ދާނީ އަހަރެމެންގެ ގުރުބާނީގެ ލެއިންނެވެ.]

(2)

ކްރިސްޓިއަނުން ގްރަނާދާ ހިފި ފަހުން ހަތް އަހަރު ފާއިތުވެގެން ހިނގައްޖެއެވެ. ގައުމުގެ ދެކުނު އިރުމަތީގައި އޮތް ފަރުބަދަމަތީ ސަރަހައްދެއް ފިޔަވައި މުޅި އިސްޕޭނު މިހާރު އޮތީ ކްރިސްޓިއަނުންގެ އަތްދަށުގައެވެ.

ގްރަނާދާގައި މިނިވަންކަމުގެ ހަނގުރާމަ ކުރަމުން ދިޔަ ދުވަސްވަރު ކޯރްދޮބާއާއި ސެބިއްޔާއާއި ތޮލޭދޯއާއި އަންދަލުސްގެ އެހެން ރަށްރަށުގެ ރައްޔިތުން ހީކުރި ގޮތުގައި ކްރިސްޓިއަން ވެރިންގެ އަނިޔާވެރިކަން އެމީހުންގެ މައްޗަށް ފާވަމުން ދަނީ ގްރަނާދާގައި ކުރަމުން ގެންދާ ހަނގުރާމައިގެ ސަބަބުންނެވެ. ގްރަނާދާގެ ރައްޔިތުން ހަތިޔާރު ބަހައްޓައިފިނަމަ އެ އަނިޔާވެރިކަން ހުއްޓިދާނެއެވެ. އަމަންއަމާންކަމާއި ދީނީ މިނިވަންކަމުގެ އައު ދައުރަކަށް އަލިވިލޭނެއެވެ. މިހެން ވިސްނައިގެން ތިއްބައި ގްރަނާދާގެ ރައްޔިތުން ހަތިޔާރު ބެހެއްޓި ޚަބަރު ލިބުނީމާ ވީ އުފަލެއްގެ ބޮޑުކަމުން ކްރިސްޓިއަނުން ފަތަހައިގެ އުފާ ފައުޅުކުރުމުގެ ގޮތުން ބޭއްވި ހަފުލާތަކުގައި އެ މީހުން ފުރިހަމައަށް ބައިވެރިވިއެވެ. ކްރިސްޓއަން ވެރިންގެ ގޭގޭދޮށަށް އެއްވެ ފަތަހައިގެ ނަޣަރާކުރިއެވެ. އެމީހުންގެ ދީނީ އިލްމުވެރިން ބުނަމުން ގެންދިޔައީ ގްރަނާދާގެ ފަތަހައަކީ ހަމައެކަނި ކްރިސްޓިއަނުންގެ ފަތަހައެއް ނޫންކަމަށާއި ހުރިހައި އެންމެންގެ ފަތަހައެއް ކަމުގައެވެ. ފަރުބަދަތައް މަތީގައްޔާއި ޖަންގަލިތަކުގައި މިނިވަންކަމުގެ ހަނގުރާމަކުރަމުން ދިޔަ ބަދްރު ބިން މުޣީރާގެ ލަޝްކަރާ މެދު އެމީހުން ދުށީ އެއީ ބޮޑެތި ބާޣީންކަމުގައެވެ.

އެކަމަކު ހަތް އަހަރުގެ ތެރޭގައި އެ މީހުންނަށް އެނގިގެން ދިޔައީ ގްރަނާދާއަކީ އުޑީގެ ދެކިބައިގެ މެދުގައި އޮތް ހަރު ހިލައެއް ކަމެވެ. ދެކިބަ ނުޖެހި އޮތީ އެ ހިލައިގެ ސަބަބުންނެވެ. އެ ހިލަ އެއް ފަރާތްކޮށްލުމާއެކު ދެކިބަ ޖެހިއްޖެއެވެ. އެޔާއެކު އަނިޔާވެރިކަމާއި މަރުގެ އުޑި އެނބުރިގަތީ ހެސްކިޔައިފައެވެ. އުޑީގެ މެދުގައި ތިބެގެން ފިސްވަމުން ދިޔައީ އިސްލާމުންނެވެ. ގްރަނާދާގެ މިނިވަންކަމުގެ ހަނގުރާމައިގައި އެހީތެރިކަން ފޯރުކޮށް ނުދެވުނު އަންދަލުސް މިހާރު ދެކެމުން ދަނީ އެކަމުގެ ހިތި ނަތީޖާއެވެ. އަޅުވެތިކަމާއި އަނިޔާވެރިކަމުގެ އުޑީގައި ތިބީ ހަމައެކަނި ގްރަނާދާގެ ރައްޔިތުންނެއް ނޫނެނެވެ. ހުރިހައި ރަށަކާއި އަވަށެއް އޮތީ އެ އަނިޔާވެރިކަމުގައި ރަނގަޅަށް ޖެހި ހަފުސްވެފައެވެ.

އެ ދުވަސްވަރު ކްރިސްޓިއަން ސަރުކާރުން ނެރުނު އިއުލާނެއްގައިވާ ގޮތުގައި އިސްލާމުންނަށް އޮތީ ތިން ގޮތުން އެއް ގޮތެކެވެ. ފުރަތަމަ ގޮތަކީ މުރުތައްދުވުމެވެ. ދެވަނަ ގޮތަކީ ގައުމު ދޫކޮށް އެހެން ތަނަކަށް ހިޖުރަކުރުމެވެ. ތިންވަނަ ގޮތަކީ މަރެވެ. މުރުތައްދުވެ، ކްރިސްޓިއަން ދީނަށް ވަން މީހުންނަކަށް އަސްލު ކްރިސްޓިއަނުންނާ އެއް ދަރަޖައަކަށް ނުދެވުނެވެ. ވެރިންގެ ނަފުރަތުގެ ނަޒަރު ހުންނަނީ ތާއަބަދު އެމީހުންނާ ދިމާއަށް ހުއްޓިފައެވެ. އެ މީހުންގެ ނިޔަތާމެދު ގެންދިޔައީ ޝައްކު ކުރަމުންނެވެ. އެމީހުންގެ ބޮލުގައި އަޅުވަމުން ގެންދިޔައީ ސިއްރިޔާތުގައި ނަމާދުކުރާކަމުގެ އިލްޒާމެވެ. ގޭތެރޭގައި އަރަބި ބަހުން ވާހަކަދައްކާ ކަމުގެ އިލްޒާމެވެ. ފަރުބަދަމަތީގެ ބާޣީންނަށް ނަސްރުދެއްވާތޯ ދުއާކުރާކަމުގެ އިލްޒާމެވެ. މި އިލްޒާމުތައް އެޅުވޭ މީސްމީހުންގެ ގައިގައި ހައްދު ޖަހަމުން ގެންދެއެވެ. ދީން ދޫނުކޮށް އިސްލާމް ދީނުގެ މަތީގައި ގާއިމުވެގެން ތިބި މީހުންނަކީ ގަދަފަދަ އަދަބު ލިބެން ޖެހޭ މީހުންކަމަށް ކަނޑައެޅުނެވެ. އެމީހުންނަށް އަދަބު ދެނީ ދޮންދަނގަޑުންނެވެ. އެޔަށް ފަހު ގަން ހިންގައި މިސްކިތްތަކުގެ ކުރިމަތީގައި ދިރިދިރިތިއްބައި އަންދައިލަނީއެވެ. މި ހާލަތަށް ކެތް ނުކުރެވިގެން ބައެއް އިސްލާމުން މޮރޮކޯއަށް ހިޖުރަކޮށްފިއެވެ. ގައުމުގެ އުތުރުން ދަތުރުކޮށްފައި އަންނަ މީހުން ފައިބަނީ ހުޅަނގުގެ ބަނދަރަށެވެ. އެތަނަށް އަންނާން ކުރާ ދަތުރުގައި ލޫޓުމާރުކުރާ މީހުންނާ ދިމާވެ، އެތިކޮޅާއެކު ސަލާމަތްވެގެން ބަނދަރަށް ފައިބާ މީހުންނަށް މޮރޮކޯއަށް ދެވެނީ ނައުފަހަރަށް ބޮޑު އަގު ދީގެންނެވެ. ކަން މިހެން އޮތް ކަމުގައި ވިޔަސް ސުލްހަނާމާގެ އެއް ޝަރުތަކީ އިސްޕޭނުގެ ކްރިސްޓިއަން ސަރުކާރު ދޫކޮށް ހިޖުރަކުރާ އިސްލާމުންނަށް ދަތުރުގެ މަގު ފަހިކޮށްދިނުމާއި ރައްކާތެރިކަން ދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމުގައެވެ. ހިޖުރަކުރާ މީހުންނަށް ދަތިކަމެއް ކުރިމަތިކުރުމަކީ ފެރްނާންދޯ ރުހޭ ކަމެއް ނޫނެވެ. އެކަމަކު ސުލްހަނާމާގެ އެހެން ޝަރުތުތަކެކޭ އެއްފަދައިން މި ޝަރުތަކަށް ހުރުމަތްތެރިކޮށް ހިތުމަކީވެސް ސަރުކާރުގެ ވެރިން ބޭނުންވާ ކަމެއް ނޫނެވެ. އުތުރު އެފްރިކާގެ ރަސްރަސްކަލުން އެ ރަސްރަސްކަލުންގެ ބާރުފުޅުގެ ދަށުގައިވާ ހުރިހައި ނަވެއް، އިސްލާމުން އިސްޕޭނުން ހިޖުރަކުރަން ކުރާ ދަތުރުތަކަށް ޚާއްސަކޮށްދެއްވިއެވެ. އެކަމަކު އެތައް ލައްކަ އިސްލާމުންނެއް ގައުމުން ބޭރުކުރެވުނީ ދިގު މުއްދަތެއްގެ ތެރޭގައެވެ.

ކްރިސްޓިއަން ސަރުކާރުގެ އަނިޔާވެރިކަމާއި ގޮތްކުޑަކަން ބޮޑުވެގެން ދިޔައީމާ ގްރަނާދާގެ ރައްޔިތުން ސަރުކާރާ ދެކޮޅަށް ބަޣާވާތެއް ކުޅައެވެ. އެކަމަކު ހައެއްކަ ދުވަހުގެ ތެރޭގައި އިސްލާމުންގެ އެތައް ހާސް ބަޔަކު މަރައި، ސަރުކާރުން އެ ބަޣާވާތް ރޫޅައިލައިފިއެވެ.

އޭރުވެސް ދެކުނު އިރުމަތީގެ ފަރުބަދަތަކާއި ޖަންގަލިތަކުގައި މިނިވަން ޖިހާދުގެ ދިދަ ދިޔައީ ވިހުރެމުންނެވެ. އެ ޖިހާދު ހުއްޓުވާން ފެރްނާންދޯ އެކި ފަހަރު މަތީން ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ކޮންމެ ފަހަރަކުވެސް ކުރިމަތިލާން ޖެހެނީ ނާކާބިޔާބީއާއެވެ.

އަންދަލުސްގެ ބާޒުގެ ވާދީގެ މުޖާހިދުންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް ދިޔައީ މަދުވަމުންނެވެ. ބައެއް ކޮމާންޑަރުން އުއްމީދު ދޫކޮށްލުމަށް ފަހު އެކި ދިމަދިމާއަށް ހިޖުރަކޮށްފިއެވެ. އެކަމަކުވެސް މުޖާހިދުންގެ އަޒުމާއި ހިތްވަރަކަށް ކުޑަކޮށްވެސް އުނިކަމެއް ނާދެއެވެ.

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.