ފައިސާގެ ދަހިވެތިކަމުގައި ރާއްޖެވަނީ ބޭރުގައުމުތަކުގެ އުނގަށް ވެއްޓިފައި ކަމަށް މަޑުއްވަރީ ދާއިރާގެ ކުރީގެ މެންބަރު އަމީތު ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ ސަރުކާރުން ހިންގާ މަޝްރޫއުތައްވެސް ހިންގަނީ އެތައްގުނައެއް އަގުބޮޑުކޮށް ކަމަށެވެ.
ރައީސް ޔާމީންގެ އެކައުންޓަށް އެއްމިލިއަން ރުފިޔާ ޖަމާކޮށްފައިވާކަން ކަށަވަރުވެފައިއިރު އެކަންކަން ހުއްޓުވޭނެ ގޮތެއްވެސް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. "އެއީ އެކަމުގެ ޝަކުވާ ކުރަން ހުރިތަންތަންވަނީ ރައީސް ޔާމީންގެ ބާރުގެ ދަށަށް ގެނެސްފައި. އެހެންވީމާ އެތަތަނަށް ހުށަހަޅައިގެން ވާނެ ކަމެއްވެސްނެތް. އެހެންވީމާ ރައީސް ޔާމީން ހުއްޓުވަން އެބަޖެހޭ" އަމީތު ވިދާޅުވިއެވެ.
މިރޭގެ މުޒާހަރާއަށްފަހު ގެއަށްވަންނާނީ "ޔާމީން ހުއްޓުވާފައި" ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެހެންވީމާ މިރޭ 8:30 އަށް އެންމެން މަޖީދީމަގާއި ޗާންދަނީ މަގު ގުޅޭ ސަރަހައްދަށް އައުމަށް އަމީތުވަނީ ގޮވާލައިފައެވެ. މިއަދު ބޭއްވި ޕްރެސްއެއްގައި ވާހަކަ ދައްކަވަމުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ ރައީސް ޔާމީނަކީ "އުދުވާން" އެއް ކަމަށެވެ. އިންތި ވިދާޅުވީ މިސަރުކާރުން ގެންދަވަނީ ޗެކް އެންޑް ބެލަންސް ނައްތާލައި މަސްހުނިކޮށް ގަޑުބަޑު ކޮށްފައި ކަމަށެވެ. އެއީ ބޮޑެތި އުދުވާން ތަކެއް ކަމަށް ވިދާޅުވެފައެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެއެއްވެސް މުއައްސަސާއަކަށް ރައްކާތެރި ކަމެއްނެތް ކަމަށެވެ. އިލެކްޝަންސް ކޮމިޝަނަށް ޝަރީފްލީ އެތަނަށް ބާރު ފޯރުވަން ކަމަށެވެ. އެއީ ސިޔާސީ މަދަނީ ހައްގުތަކަށް އަރައިގަތުން ކަމަށް ވިދާޅުވިއެވެ. އެހެންވީމާ ރައްޔިތުންގެ ބާރުވެރިކަން ދެއްކުމަށް މިރޭ ނުކުތުމަށް ރައްޔިތުންނަށް ގޮވައިލެއްވިއެވެ. އޭނާ ވިދާޅުވީ ސަރުކާރުން ދަނީ ބައިނަލް އަގުވާމީ ފަރާތްތަކާ ގުޅުން ކަނޑަމުން ކަމަށެވެ.