މަސްދޯނިފަހަރުން 2 ޖުލައި 2026 ގެ ނިޔަލަށް މިފްކޯ އަށް މަސްކިރުވި ދޯނިތަކަށް 1 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފިއެވެ.
މީގެ ތެރޭގައި މިފްކޯއަށް ކިރުވާ ކަންނެލީގެ ފައިސާ ވެސް ހިމެނެއެވެ. މިފައިސާ ޖަމާކޮށްފައިވަނީ 4 ޖުލައި 2026 ވަނަ ދުވަހުއެވެ. ކަޅުބިލަމަހާއި ކަންނެލި މަސްދޯނިތައް ހިމެނޭހެން ޖުމްލަ 17 ދޯންޏަކުން މަސްކިރުވާފައިވެއެވެ. މި ދޯނިތަކަށް ޖުމްލަ 1،397،565 ރުފިޔާ ވަނީ ދޫކޮށްފައެވެ.
މިފްކޯއިން ފައިސާ ދޫކުރި ގޮތުގެ ތަފްސީލަށް ބަލާއިރު، 15 މަސްދޯންޏަކުން ކިރުވި ކަޅުބިލަ މަހަށްވާ 1،352،995 ރުފިޔާ ވަނީ ދޫކޮށްފައެވެ. އަދި 2 ދޯންޏަކުން ކިރުވި ކަންނެލި (10 ކިލޯއިން މަތި) މަހަށްވާ 10،320 ރުފިޔާ އާއި 2 ދޯންޏަކުން ކިރުވި ކަންނެލި ( 15ކިލޯއިން މަތި) މަހަށްވާ 34،250 ރުފިޔާ ދޫކޮށްފައިވެއެވެ.
މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ނުހަނު އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މުހިންމު ސިޔާސަތެކެވެ. މީގެއިތުރަށް މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދިނުމާއި، ފައިސާ ދޫކުރުމުގެ އިންތިޒާމުތައް ހަރުދަނާކޮށް ހަލުވިކުރުމަކީވެސް ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.
މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މަސްވެރިންގެ އަތުން މަސް ގަންނަ އަގު ރަނގަޅުކުރުމަށް މިފްކޯއިން ކުރި މަސައްކަތުން މިހާރު ވަނީ މަސް ގަންނަ އަގު 20 ރުފިޔާއަށް ބޮޑުކޮށްފައެވެ.
މިއަދުވެސް މިފްކޯއިން 10 ކިލޯއާއި 15 ކިލޯގެ މަސް ގަންނަނީ 20 ރުފިޔާއަށެވެ. އަދި 15 ކިލޯއިން މަތި މަތި 25 ރުފިޔާއަށެވެ.
