އަޒަރުބައިޖާންގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެ ޤައުމުގެ ރައީސް، އިލްހާމް ހައިދަރު އޮގްލޫ އަލިޔެވް އަދި ބޮޑުވަޒީރު، ޢަލީ ހިދާޔަތު އޮގްލޫ އަސަދޮވް އަށް ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.
ރައީސް އަލިޔެވް އަށް ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ދެ ޤައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ޤާއިމުކުރެވުނުތާ 20 އަހަރު ފުރުމުގެ މުނާސަބާ ކުޑަތަންވެފައިވާކަން ފާހަގަކުރައްވާފައެވެ. އަދި އެއް ޤައުމުން އަނެއް ޤައުމަށް ކުރާ އިތުބާރުގެ ތަރަހައިގެ މަތީގައި ޤާއިމުކޮށްފައިވާ ހަރުދަނާ ގުޅުން، ކުރިއަށްއޮތްތަނުގައިވެސް ބަދަހިވަމުންދާނޭކަމަށް އުންމީދުކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ބޮޑުވަޒީރު އަސަދޮވް އަށް ފޮނުއްވި ސިޓީފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ދެ ޤައުމުގެ ދެމެދުގައި ޤާއިމުކުރެވިފައިވާ ހަރުދަނާ، ސާބިތު ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ދެ ޤައުމުން ހިއްސާކުރާ ފަހުމުތަކާއި، އެކުގައި ކުރާ މަސައްކަތްތައް އިތުރުކުރުމަށް ދޭ އަހުމިއްޔަތުން، މި ހަރުދަނާ ގުޅުން ސާބިތުކޮށްދޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ދެ ޤައުމަށް ފައިދާހުރި ދާއިރާތަކުން މަސްލަހަތު ހިއްސާކުރާ ކަންކަމުގައި ދެ ޤައުމުން އެކުގައި މަސައްކަތްކުރާ މިންވަރު އިތުރުވެގެންދާނޭކަމުގެ ޔަޤީންކަން އެބައޮތްކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ، އަޒަރުބައިޖާންގެ ރައީސާއި ބޮޑުވަޒީރަށް ދުޅަހެޔޮ ޞިއްޙަތަކަށާއި އުފާފާގަތިކަމަށް އެދިވަޑައިގެން، އަޒަރުބައިޖާންގެ ރައްޔިތުންނަށް އަމަންއަމާންކަމާއި ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެންފައެވެ.
ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އެކްސް އެކައުންޓުން ހިއްސާކުރެއްވި ޕޯސްޓެއްގައި، މި ޝުއޫރުތައް ތަކުރާރުކުރައްވައި، އަޒަރުބައިޖާން މިނިވަންވި ފަހުން އެ ޤައުމުން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާކަމަށާއި، އެ ޤައުމުގެ ތަރައްޤީ ބައްޓަންކުރަމުންދަނީ ރައްޔިތުންގެ އުންމީދުތަކާ އެއްގޮތަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަޒަރުބައިޖާންގެ މިނިވަން ދުވަހުގެ ގޮތުގައި 28 މޭ ފާހަގަ ކުރަނީ، 1918 ވަނަ އަހަރުގެ މޭ މަހުގެ 28 ވަނަ ދުވަހު، އަޒަރްބައިޖާން ޑިމޮކްރެޓިކް ރިޕަބްލިކް ޤާއިމުކުރި މުނާސަބަތާ ގުޅިގެންނެވެ.
