ދައުލަތަށް ގިނަ އަހަރުތަކެއް ވަންދެން ހިދުމަތްކޮށްދެއްވި ސ. ހިތަދޫ، ފެހިވިލާގެ / އަހުމަދު ސޯލިހު އަލި ދީދީ މިއަދު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ދަންނަވައިފިއެވެ.
އުމުރުފުޅުން 92 އަހަރުގައި އަހުމަދު ސޯލިހު އަލިދީދީ އަވަހާރަވީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގައި މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މެންބަރުކަމާއި އައްޑު އަތޮޅު އަތޮޅުވެރިކަންވެސް ކުރައްވައި، ދިގު މުއްދަތަކަށް ދިވެހި ދައުލަތަށް އަދި ޚާއްސަކޮށް އައްޑޫގެ ކުރިއެރުމަށާއި ތަރައްގީއަށް މުހިންމު ޚިދުމަތްތަކެއް ކޮށްދެއްވި އަޙްމަދު ސޯލިހު އަލިދީދީ އަވަހާރަވުމުގެ ހިތާމައިގައި، އައްޑޫގެ ލޮބުވެތި ރައްޔިތުންނަށާއި، އެ އާއިލާއަށް ނުހަނު އިޚުލާސްތެރިކަމާއެކު ތައުޒިޔާ ދަންނަވާ ކަމަށެވެ.
”އަލްމަރްޙޫމް އަޙްމަދު ޞާލިޙް ޢަލިދީދީއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މާތްﷲ މިންވަރު ކުރައްވާށި! އާމީން“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ދިވެހި ދައުލަތަށް 45 އަހަރު ހިދުމަތް ކުރައްވާފައިވާ ސާލިހު ވަނީ ހިތަދޫ ކަތީބުކަމާއި އައްޑު އަތޮޅުގެ އަތޮޅުވެރިޔާ ވެރިކަމާއި އައްޑު އަތޮޅުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަން ވެސް ކުރައްވާފައެވެ. އޭގެ އިތުރުން ގަން އެއާޕޯޓުގެ މެނޭޖަރުކަމާއި ގަމުގެ އެސްޓީއޯގެ މެނޭޖަރުކަމާއި ހިތަދޫގެ ސްޓެލްކޯގެ މެނޭޖަރުކަމާއި ޑެޕިއުޓީ މެނޭޖަރު ކަން ކުރެއްވިއެވެ.
އޭނާ ދައުލަތަށް ހިދުމަތް ކުރައްވަން ފެއްޓެވީ 1965 ވަނަ އަހަރު އެވެ. ރިޓަޔާ ކުރެއްވީ 2009 ވަނަ އަހަރު އެވެ.

