އެންމެ ފަހުގެ ޙަމަލާ – 39

 (21 މާރިޗު 2026 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ފާރަވެރީން ޖަވާބު އެރުވުމުގެ ބަދަލުގައި ކަންބޮޑު ވެގެން ރަންބީރުގެ މޫނުފުޅާ ދިމާޔަށް ބަލާން ފަށައިފިއެވެ.

ރަންބީރު އަނެއްކާވެސް ވިދާޅުވިއެވެ. "މުސްލިމުން މި ހިސާބުގަނޑަށް އައުމުން ޖޭކްރިޝަން ކަހަލަ ބޭފުޅުން އަނިޔާވެރިކަމާ އެއްވަރަށް ފިނޑިފުޅުކަން ވެސް ސާބިތު ވާނެއެވެ."

ފާރަވެރީންގެ ސަރުދާރު ދެންނެވިއެވެ. "މަނިކުފާނު އަވަހާރަ ވުމުގެ ވަގުތު އައިސް ޖެހިއްޖެކަމާއި، އެއަށްވުރެ ބޮޑު އަދަބެއް ލިބިވަޑައިނުގަންނަވާނެކަން އެނގިވަޑައިގަންނަވާނެއެވެ. ނަމަވެސް އަޅުގަނޑުމެންގެ ސާހިބާއާ މެދު ބޭއަދަބީ ބަސްފުޅެއް އިތުރަށް ވިދާޅުވެއްޖެ ނަމަ، އަޅުގަނޑު މަނިކުފާނުގެ ދޫފުޅު ބުރި ކޮށްލާނަމެވެ."

ރަންބީރު ވިދާޅުވިއެވެ. "ކަލޭމެންގެ އަމީރަކީ ހޭޖެހޭ ބޭފުޅެއް ކަމުގައި ވާނަމަ، އަހަރެން ގަނޑުވަރަށް ވަނީ އެކަނި ގޮސް ކަމުގައި ހީފުޅު ކުރެއްވީ ކީއްވެގެން ބާވައެވެ؟ އަހަރެންގެ ފަންސާސް މީހުން ގަނޑުވަރުގެ ދޮރުމަތީގައި ތިބޭނެއެވެ. އެބައިމީހުން މިހާރު ގަނޑުވަރު ހިފައި ޖޭކްރިޝަން ދަން ޖައްސައިފާނެކަން އަހަންނަށް ޔަޤީނެވެ. ކަލޭމެންގެ މޮޔަކަން ކަލޭމެންގެ އަމީރަށް ވުރެ ވެސް މާ ބޮޑެވެ. ކަލޭމެންގެ ފަހަތުގައްޔާއި ވާތްކަނާތް ފަރާތުގައި ތިޔަ ތިބީ އަހަރެންގެ މީހުންނެވެ. ނިކަން ލޯ ހުޅުވައިލައިފައި ބަލައިލަބަލާށެވެ."

ފާރަވެރީން ތިބީ އެބައިމީހުންގެ ވަށައިގެން ތިބި ހަތިޔާރު އެޅި ދިހަ މީހުންނާ ދިމާޔަށް ބަލަހައްޓައިގެން ޙައިރާން ވެފައެވެ. އެބައިމީހުން ތިބީ މޫނު ފޮރުވައިގެންނެވެ. ރަންބީރަށް އެމީހުންނާ ދިމާޔަށް ނުބައްލަވަނީސް ވެސް އެއީ އެ ރަށުގެ މީހުންކަމާއި، އޭގެ ތެރެއިން އެކަކަށް ޝަމްބޫނާތު ހުންނާނެކަން އެނގިވަޑައިގެންފިއެވެ.

ރަންބީރު ޙަމަލަ ދިން މީހުންނާ ދިމާޔަށް ވިދާޅުވިއެވެ. "މިބައިމީހުންނާ ދިމާޔަށް އެއްޗެކޭ ނުބުނާށެވެ. އެއީ ނިކަމެތި ނޯކަރުންނެވެ."

ރަންބީރު ހެއްދެވި އުކުޅު ވަރަށް ކާމިޔާބެވެ. ޙަމަލަ ދިން މީހުން، ފާރަވެރީން ގެންފައި ތިބި ބިރުގެ ފައިދާ ހޯދައިގެން އެބައިމީހުން ވަށައިލައިފިއެވެ. ފާރަވެރީންގެ ހަޅޭއްލެވުމެއް ދެކޮޅު ހެދުމެއް ނެތެވެ. އެބައިމީހުން ކަނޑިތައް ޙަމަލަ ދިން މީހުންނާ ޙަވާލު ކޮށްފިއެވެ. އެކަކު ކުރިޔަށް ޖެހިލައިފައި ރަންބީރުގެ އަތްފައިންޕުޅު ބަނދެފައި ހުރި ވާތައް ކޮށައިލައިފިއެވެ. ރަންބީރު ތެދު ވެވަޑައިގެން މީހެއްގެ އަތުން ކަނޑިއެއް އަތުލައްވައިފިއެވެ. އޭނާ ބިރުން ތިބި ސިފައިންނާ ދިމާޔަށް ވިދާޅުވިއެވެ. "ކަލޭމެންގެ ފުރާނަ ސަލާމަތް ކުރާން ބޭނުންކަމުގައި ވާނަމަ އަހަރެމެންނާ އެކު އަންނާށެވެ."

ސިފައިންގެ އޮފިސަރު ދެ އަތް ޖޯޑު ކޮށްފައި ދަންނަވައިފިއެވެ. "މާތް ސާހިބާއެވެ! އަޅުގަނޑުމެންގެ ކުށް މާފު ކޮށްދެއްވާށެވެ."

ރަންބީރު އޭނާގެ އެހީތެރީންނާ ދިމާޔަށް ވިދާޅުވިއެވެ. "މިބައިމީހުން ގަސްތަކުގެ ތެރެޔަށް ގެންގޮސް ހަތަރެސްފައި ބަނދެލާށެވެ. މިބައިމީހުންނާ ވާހަކަ ދައްކާނެކަމެއް ނެތެވެ. ހަޅޭއްލަވާން އުޅެފިކަމުގައި ވާނަމަ ބޯ އުދުއްސައިލާށެވެ.

ރަންބީރުގެ އެކުވެރީން ފާރަވެރީން ގޮވައިގެން ގަސްތަކުގެ ތެރެޔަށް ގޮސް އެމީހުންގެ ފަގުޑިތަކާއި ސޯރުފޮތިތަކުން ހަތަރެސްފައި ރަނގަޅަށް ބަނދެފައި، ގަސްތަކުގެ ތެރޭގައި ފޮރުވައިފިއެވެ. ރަންބީރު ދެ މީހެއްގެ ގާތުގައި ކަނޑި ހިފައިގެން އެބައިމީހުންގެ ގާތުގައި ތިބޭން ވިދާޅުވެފައި، ދެން ތިބި މީހުން ގޮވައިގެން ކޯރުގެ އައްސޭރިއަށް ވަޑައިގެންފިއެވެ.

ރަންބީރު ޤައިދީންނާ ތަންކޮޅެއް ދުރަށް ވަޑައިގެން ހުއްޓިވަޑައިގެން އޭނާގެ އެހީތެރީންނާ ދިމާޔަށް ވިދާޅުވިއެވެ. "އެބައިމީހުންނަށް ތިޔައިގެ ތެރެއިން މީހަކު އޮޅުން ފިލައިފާނެތީ، އަހަރެން ހުރީ ބިރުންނެވެ. އެހެންވެ އެބައިމީހުންގެ ކުރިމަތީގައި ވާހަކަ ދެއްކުން ރަނގަޅު ނޫންކަމުގައި އަހަންނަށް ފެނުނީއެވެ. ނަމަވެސް އަހަންނަށް ތިޔަބައިމީހުންގެ މޫނު ނުފެނުނު ކަމުގައި ވިޔަސް، އެކި މީހުން ވަކި ކުރާން އެނގިއްޖެއެވެ." ރަންބީރު އޭނާގެ ރަށުގެ މީހުންގެ ނަންތައް ވިދާޅުވާން ފައްޓަވައިފިއެވެ. އޭނާ އެކި މީހުންނާ ވަކިވަކީން ކަރާކަރު ޖައްސަވައި ސަލާމް ކުރެއްވިއެވެ. ރަންބީރަށް އެމީހެއްގެ ނަމުގެ ބަދަލުގައި އެހެން މީހެއްގެ ނަން ވިދާޅުވެވުނީ އެންމެ ހަތަރު މީހެއްގެއެވެ. އެންމެ ފަހުން ޝަމްބޫނާތުގެ ނަން ވިދާޅުވުމުން، އޭނާ ބަޣަލްގީރު ކުރުމުގެ ބަދަލުގައި ދެ އަތް ޖޯޑު ކޮށްފައި ދެންނެވިއެވެ. "މާތް ސާހިބާއެވެ! މިއީ ވާހަކަފުޅު ދެއްކެވުމުގެ ވަގުތެއް ނޫނެވެ. އަޅުގަނޑުމެންނަށް އިރު އެރުމުގެ ކުރިން މިތަނާ ކޯސްތަކެއްގެ ދުރަށް ދާން ޖެހޭނެއެވެ. އަޅުގަނޑު މި އައީ އަސްތައް ތަންކޮޅެއް ދުރުގައި ބައިތިއްބައިފައެވެ. ހިންގަވާށެވެ!"

ރަންބީރު ވިދާޅުވިއެވެ. "މިހާރަކު ނޫނެވެ. އަދި ކުޑަ ކަމެއް އެބައޮތެވެ. މިތާނގައި މަޑު ކޮށްލާށެވެ. އަހަންނާ އެކު ތިން މީހުން އަންނާށެވެ. ޝަމްބޫނާތެވެ! ކަލޭ ޤައިދީންގެ ގާތަށް ގޮސް މިބައިމީހުންނަކީ މި ރަށުގެ މީހުން ނޫންކަމާއި، ނަންދުނާއިން އަހަންނާ އެކުގައި އައި މީހުންކަން ދޭހަ ވާ ގޮތަށް ވާހަކަ ދައްކާށެވެ. އެބައިމީހުންގެ ގާތުގައި ތިބި މީހުން ތަންކޮޅެއް ދުރަށް ގެންގޮސްފައި ޤައިދީންނާ އެއްގޮތަކަށް ވެސް ވާހަކަ ނުދައްކާން ވިސްނައިދޭށެވެ. ތިޔައިގެ ތެރެއިން ކޮންމެވެސް އެކަކު ގޮސް އަހަރެމެންގެ އަސްތައް މިތަނަށް ގެންނާށެވެ."

+ + + +

އިރުކޮޅެއްގެ ފަހުން ރަންބީރާއި އޭނާގެ ތިން އެކުވެރީން ކޯރުގެ އައްސޭރީގައި އިށީނދެވަޑައިގެން ބައްތެލި އަންނަތަން ބައްލަވާން ތިއްބެވިއެވެ. ބައްތެލި ތަންކޮޅެއް ގާތަށް އައުމުން ރަންބީރުގެ އެކުވެރީން އޭނާގެ އިޝާރާތަށް އަނެއް ފަރާތަށް އެނބުރިއްޖެއެވެ. ރަންބީރު ތެދު ވެވަޑައިގެން ކަކޫފުޅާ ހަމަޔަށް ކޯރުގެ ތެރެޔަށް އެރިވަޑައިގެންފިއެވެ. ބައްތެލި ކައިރިޔަށް އައުމުން ގުދު ވެވަޑައިގެން އޭނާގެ މޫނުފުޅަށް ފެން ލައްވާން ފައްޓަވައިފިއެވެ. ބައްތެލީގައި އިނީ އެންމެ މީހެކެވެ. ބައްތެލި ހަތަރު ފަސް ފިޔަވަޅަކާ ހަމަޔަށް އައުމުން ރަންބީރު ބައްތެއްޔާ ދިމާޔަށް ހުއްޓިވަޑައިގެންފިއެވެ. ބައްތެލީގައި ފަލި ޖަހާން އިން މީހާއަށް ރަންބީރު އެނގިގެން ކުއްލިޔަކަށް އަނބުރައިލާން އުޅުނެވެ. ނަމަވެސް އެސްފިޔަ ޖަހައިލާހައި ހިނދުކޮޅެއްގެ ތެރޭގައި ރަންބީރު ފުންމައިވަޑައިގެން ބައްތެއްޔަށް އަރައިވަޑައިގެންފިއެވެ. އޭނާގެ ދެ އަތްޕުޅު ވަނީ ބައްތެލީގައި ޙައިރާން ވެފައި އިން މީހާގެ ކަނދުރާގައެވެ.

ރަންބީރުގެ އެކުވެރީން ދުވެފައި ބައްތެލިދޮށަށް އަތުވެއްޖެއެވެ. އެބައިމީހުން ބައްތެލީގައި އިން މީހާގެ ހަތަރެސްފައި ވާތަކުން ބަނދެލައިފިއެވެ. ރަންބީރު ފަލި ޖަހާން އިން މީހާގެ ފަގުޑި އޭނާގެ އަނގަޔަށް ގަންނަވައިލައްވައިފައި ބަންޑުން ބާއްވަވައިފިއެވެ. އެއަށްފަހު އޭނާ ބައްތެލީން ފައިބައިވަޑައިގެން ބައްތެލި ބޭރަށް ކޮއްޕަވައިލައްވައިފިއެވެ.

ތަންކޮޅެއް ދުރުގައި މި މަންޒަރު ބަލާން ތިބި ރަންބީރުގެ އެކުވެރީން ދުވެފައި އޭނާގެ އަރިހަށް އަތުވެއްޖެއެވެ. ރަންބީރު އެބައިމީހުންނާ ސުވާލު ކުރެއްވިއެވެ. "މިހާރު ގަނޑުވަރުގައި ތިބޭނީ ފާރަވެރީންގެ ކިތައް މީހުން ހެއްޔެވެ؟"

ޢުމުރުން ދުވަސް ވެފައި ހުރި މީހަކު – އެއީ ރަންބީރުގެ ބައްޕާފުޅުގެ ދުވަސް ވީ ނޯކަރެކެވެ – ދެންނެވިއެވެ. "ގަނޑުވަރުގައި ވިއްސަކަށް ފަނަރަވަރަކަށް މީހުންނަށް ވުރެ ގިނައެއް ނުވާނެއެވެ. ނަމަވެސް ރަށުގައި އޭނާގެ ސަތޭކަ ފަންސާހަކަށް ސިފައިން ތިބޭނެއެވެ. ޖޭކްރިޝަން ގަނޑުވަރަށް ވެރި ވެވަޑައިގަތުމާ އެކު ރަށުގެ ވަރަށް ގިނަ މީހުން ގެއިން ބޭރު ކޮށްލައްވައިފައި އެބައިމީހުންގެ ގެދޮރު އޭނާގެ ސިފައިންނަށް ދެއްވައިފިއެވެ. އަޅުގަނޑުމެންނަށް މި ނުރައްކަލާ ކުރިމަތި ލާން ކެރުނީ ހަމައެކަނި މަނިކުފާނަށް ޓަކައެވެ. ކަލާކޮށްޓަކައި މަނިކުފާނު ގަނޑުވަރާ ޙަމަލަ ދެއްވުމުގެ ޚިޔާލު ދޫ ކޮށްލައްވާށެވެ. މަނިކުފާނުގެ ފުރާނަފުޅާ މެދު ޚިޔާލު ކުރައްވާށެވެ. ޖޭކްރިޝަން އިރު އެރުމާ އެކު މި ހިސާބުގަނޑުގެ އެކި ވެލިފުއްފުއް ވަކިވަކީން ފުރޮޅުއްވާނެއެވެ."

ރަންބީރު ވިދާޅުވިއެވެ. "އަހަރެން ތިޔަބައިމީހުންގެ ފުރާނަ ނުރައްކަލުގެ ތެރެޔަށް ވައްޓައެއްނުލާނަމެވެ. ނަމަވެސް އަހަރެން ތިޔަބައިމީހުން ގާތު ވަޢުދު ވަމެވެ. އަހަރެން ވަރަށް އަވަހަށް އެނބުރި އަންނާނަމެވެ. އަހަރެން އެދެނީ ހަމައެކަނި އަހަރެންގެ ބައްޕާފުޅާއި ކޮއްކޯފުޅުގެ ޚަބަރު އޮޅުން ފިލުވުމެވެ."

ރަންބީރުގެ ރަށުގެ މީހުން އެކަކު އަނެކަކާ ދިމާޔަށް ހިތާމަވެރި ނަޒަރަކުން ބަލާން ފަށައިފިއެވެ. ރަންބީރު ވިދާޅުވިއެވެ. "ތިޔަބައިމީހުން ކަންބޮޑު ވާނެކަމެއް ނެތެވެ. ޖޭކްރިޝަންގެ މީހުން އަހަރެންގެ ގާތު ބައްޕާފުޅު ޤަތުލު ވި ވާހަކަ ބުންޏެވެ. ނަމަވެސް އަހަރެން ތިޔަބައިމީހުން ކުރެން ޝަކުންތަލާގެ ޚަބަރު އޮޅުން ފިލުވައިދިނުން އެދެމެވެ."

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.