އެންމެ ފަހުގެ ޙަމަލާ – 37

 (7 މާރިޗު 2026 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ހުޅުވަނީއެވެ. ބައްޕާއެވެ!" މިހެން ބުނެފައި އަންހެން ކުއްޖާ ރަންބީރާ ދިމާޔަށް ބަލާން ފަށައިފިއެވެ. އޭނާގެ ކިބައިގައި ވާ ވާހަކަ ދެއްކުމުގެ ހުރިހައި ބާރެއް ވެސް އޭނާގެ ނަޒަރާ ވަނީ އެކު ވެފައެވެ. ރަންބީރު ވެސް އެ ކުއްޖާއާ ދިމާޔަށް ބައްލަވައިލެއްވިއެވެ. ނަމަވެސް މިހާރު ކަންތައް ވަނީ އޭނާއަށް ބާރު ފޯރުއްވޭ ހިސާބެއްގައެއް ނޫނެވެ. އޭނާ އަންހެން ކުއްޖާގެ އަތް ފޮޅުވައިލައްވައިފައި ތަންޑު ނައްޓަވައިލައްވައިފިއެވެ. ކުއްލިޔަކަށް ވަރުގަދަ އަޑުފަށްގަނޑަކާ އެކު ދޮރުފަތުގެ ދެ ފަޅި އެކުގައި ހުޅުއްވިއްޖެއެވެ. ރަންބީރުގެ ކުރިފުޅުމަތީގައި ވަރުގަދަ މީހެއް ބަރަހަނާ ކަނޑިއެއް ހިފައިގެން ހުއްޓެވެ. އޭނާގެ ފަހަތުގައި ވެސް ހަތިޔާރު އެޅި ބަޔަކު ތިއްބެވެ. އަންހެން ކުއްޖާ "ބައްޕާއެވެ! ބައްޕާއެވެ!" ގޮވަމުން ދުވެފައި ގޮސް އެ ވަރުގަދަ މީހާގެ ގައިގައި އޮޅުލައިގެންފިއެވެ. ރަންބީރު ޙައިރާންފުޅު ވެވަޑައިގެން ހުންނަވައި ތަންކޮޅެއް ފަހަތަށް ޖެހިވަޑައިގެން އޭނާގެ ކަނޑިކޮޅު އުރައިން ދަންމަވައިގެންފިއެވެ.

"ބައްޕާއެވެ! އޭނާ އަޅުގަނޑަށް އެއްވެސް ކަމެއް ނުކުރައްވައެވެ. މިއީ ވަގެއް ނޫނެވެ. މޯހަންޗަންދުގެ ދަރިކަލުންނެވެ. އޭނާ މި ކޮޓަރިއަށް ވެދެވަޑައިގަތީ އޭނާގެ ކޮއްކޮ ހޯއްދަވާން ވެގެންނެވެ."

ޢުމުރުން ދުވަސް ވީ މީހާ ކުއްލިޔަކަށް އޭނާގެ މުލައްދަނޑި ފޮޅުވައިލައިފައި، އަންހެން ކުއްޖާ ބޮޑު ކޮޓަރިތެރެޔަށް ކޮއްޕައިލަމުން ހަޅޭއްލަވައިގެންފައި ބުންޏެވެ. "ކަލޭ ހިމޭނުން ހުންނާށެވެ! މިއީ ކާކުކަން އަހަންނަށް އެނގެއެވެ. އަހަރެން އޭނާ ގޮވި ހާސަރު އަޑު އަހައިފީމެވެ." އޭނާ އެއަށްފަހު ނޯކަރުންނާ ދިމާޔަށް އެނބުރިފައި ހަޅޭއްލަވައިގެންފިއެވެ. "ފިނޑީންނޭވެ! ކަލޭމެން ބަލާން ތިޔަ ތިބީ ކޮން އެއްޗެއްހެއްޔެވެ؟ އޭނާ ހައްޔަރު ކުރާށެވެ!"

ހަތިޔާރު އެޅި ހަތަރު މީހުން، "ވަށައިލާށެވެ! ހައްޔަރު ކުރާށެވެ!" ގޮވަމުން އެތެރެޔަށް ވަދެގެންފިއެވެ. ގަނޑުވަރުގެ ތިރީ ބުރީން ވެސް އެ ކަހަލަ ނަޢުރާތަކުގެ އަޑު އިވޭން ފަށައިފިއެވެ. އަންހެން ކުއްޖާ ބޮޑުކޮޓަރި ތެރޭގައި އަންހެނެއްގެ ގައިގައި އޮޅުލައިގެން ހުރެ ބުނަމުން ގެންދެއެވެ. "މަންމާއެވެ. ބައްޕަ އެހެން ހެއްދެވިޔަނުދެއްވާށެވެ. އޭނާގެ އެއްވެސް ކުށެއް ނެތެވެ. އޭނާ އަޅުގަނޑުމެންނަށް އެއްވެސް ގެއްލުމެއް ނުދެއްވައެވެ."

ރަންބީރަށް މި އަރަތާ މެދު ވިސްނައިވަޑައިގަންނަވާނެ ވަގުތެއް މިހާރަކު ނެތެވެ. އޭނާ ހުންނެވީ ކޮޓަރީގެ އެއް ކަނެއްގައި ފާރުގައި ބުރަކަށިފުޅު ޖައްސަވައިގެންފައި ޙައިރާންކަމާ އެކު، އޭނާއާ ކައިރި ވަމުން އަންނަ ކަނޑިތަކާ ދިމާޔަށް ބައްލަވާށެވެ.

ހަށިގަނޑު ވަރުގަދަ މީހާ ރައްކައުތެރިކަމާ އެކު ފިޔަވަޅު އަޅަމުން ކުރިޔަށް ދާން ފަށައިފިއެވެ. ރަންބީރުގެ ވަށައިގެން ހަތިޔާރު އެޅި މީހުންގެ ގޮނި ތިލަ ވަމުން އާދެއެވެ. ރަންބީރަކީ ފިޠުރީ ގޮތުން ވެސް ބިރުކުޑަ ބޭފުޅެކެވެ. ނަމަވެސް އޭނާގެ ސިކުނޑިފުޅުގައި ވަކި ގޮތެއް ނިންމެވުމުގެ ބާރެއް ނެތެވެ. ހަށިގަނޑު ވަރުގަދަ މީހާ ބުންޏެވެ. "ކަނޑި އެއްލައިލާށެވެ! ކަލެޔަށް ހަނގުރާމަ ކޮށްގެން ކަލޭގެ ފުރާނަ ސަލާމަތެއް ނުކުރެވޭނެއެވެ."

"ކަނޑީގެ ކުޅިވަރަކީ އަހަންނަށް އާ ކުޅިވަރެއް ނޫނެވެ. ނަމަވެސް އަހަންނަށް އަހަރެންގެ ދުޝްމަނަކީ ކާކުކަން އެނގޭނެ ނަމަ ހާދަ ރަނގަޅެވެ." މިހެން ވިދާޅުވެފައި ރަންބީރު ކަނޑިކޮޅު އެއްލައިލައްވައިފިއެވެ.

ވަރުގަދަ މީހާ ހިތްހަމަޖެހުމުގެ ނޭވައެއް ލައިފައި ބުންޏެވެ. "ކަލޭ އަމިއްލައަށް މި ތަނަށް އައީތީ ކަލާނގެ ކިބަޔަށް ޝުކުރު ހުއްޓެވެ. އެހެން ނޫންނަމަ، އަހަންނަށް މުޅި ޢުމުރުގައި ޖެހުނީހީ ކަލޭގެ ހޯދާން އުޅޭށެވެ."

އިރުކޮޅެއްގެ ފަހުން ރަންބީރު ބަރަހަނާ ކަނޑިތަކުގެ ފާރަވެރިކަމުގައި ގަނޑުވަރުގެ ކޯރާ ދިމާޔަށް ހުޅުވޭ ދޮރާ ދިމާޔަށް ވަޑައިގަންނަވަނީއެވެ. ދޮރާ ހަމަޔަށް ގެންގޮސްފައި، ސިފައިން އޭނާގެ ދެ އަތްޕުޅު ވަރުގަދަ ވާގަނޑަކުން ބަނދެލައިފިއެވެ.

ވަރުގަދަ މީހާ ބުންޏެވެ. "އަވަހަށް މީނާ ކޯރުގެ އަނެއް ފަރާތަށް ގެންދާށެވެ. ފަތިސް ވުމުގެ ކުރީން މީނާގެ ކަންތައް ނިންމައިލާން ޖެހޭނެއެވެ. ރަށުގެ އެއްވެސް މީހަކަށް މި ހާދިސާގެ އެއްވެސް ޚަބަރެއް އެނގިގެން ނުވާނެއެވެ. ކޯރުގެ އައްސޭރީން މީހަކާ ދިމާ ވެއްޖެކަމުގައި ވާނަމަ، މިއީ ވަގެކޭ ބުނާށެވެ. ކަލޭމެންގެ ފަރާތުން ކުޑަ ވެސް ފަރުވާކުޑަކަމެއް ފެނިއްޖެކަމުގައި ވާނަމަ އެންމެން ދަން ޖައްސާނަމެވެ."

ނިރުމަލާ ހުންނެވީ ތަންކޮޅެއް ދުރުގައެވެ. އޭނާގެ މަންމައާ އެކު އެ ވާހަކަތައް އަޑު އައްސަވާށެވެ. ސިފައިން ރަންބީރު ބޭރަށް ނެރުމުން ނިރުމަލާ ދުވެވަޑައިގެންފައި އޭނާގެ ބައްޕަގެ އަރިހަށް ވަޑައިގެން ގިސްފުޅު ލައްވަމުން ވިދާޅުވިއެވެ. "ބައްޕާއެވެ! ތިޔަ ކުރައްވަނީ ފާފައެކެވެ. ވަރަށް ބޮޑު ފާފައެކެވެ. ކަލާކޮށްޓަކައި ސިފައިން ހުއްޓުވައިދެއްވާށެވެ!"

ނިރުމަލާގެ ބައްޕަ ވިދާޅުވިއެވެ. "ނިރުމަލާއެވެ! މޮޔަ ވެގެން ނުއުޅޭށެވެ. ހަރުފައެއްގެ ދަރިއެއްގެ ބޯ ފިސް ކޮށްލުމަކީ ފާފައެއް ނޫނެވެ. މޯހަންޗަންދުގެ ދަރިފުޅު ދުނިޔޭގައި ހުއްޓައި އަހަރެމެންނަށް ހިތްހަމަޖެހުމުގެ ނޭވައެއް ނުލެވޭނެއެވެ. އަހަރެން ދުނިޔޭގައި ހުއްޓައި އޭނާ މިތަނަށް އައީތީ ކަލާނގެ ކިބަފުޅަށް ކަލޭ ޝުކުރު ކުރާށެވެ."

"ނޫނެކެވެ. ނޫނެކެވެ. ބައްޕާއެވެ. ތިޔަ ފާފަ ނުކުރައްވާށެވެ."

"ހިމޭނުން ހުންނާށެވެ! އަހަންނަށް އަހަރެންގެ އެންމެ ބޮޑު ދުޝްމަނުގެ ދަރިފުޅަށް ޓަކައި ކަލޭގެ ކަރުނަ އޮހޮރާތަން ބަލާކަށް ކެތެއް ނުކުރެވޭނެއެވެ. ހަމަ މިހާރު ކަލޭގެ ކޮޓަރިއަށް ދާށެވެ."

+ + + +

ރަންބީރު ފާރަވެރީންގެ އަށް މީހުންގެ ބެލެހެއްޓުމުގެ ދަށުގައި ގަސްތަކުގެ ތެރެއިން ލައްވައިފައި ވަޑައިގެން ކޯރުގެ އައްސޭރިއަށް ނުކުމެވަޑައިގެންފިއެވެ. ކޯރުގެ އައްސޭރީގައި ކުޑަ ބައްތެއްޔެއް އޮތެވެ. ފާރަވެރިޔާ ރަންބީރު ބައްތެލި ކައިރީގައި ބިންމަތީގައި ބައިންދައިފައި އޭނާގެ ފައިންޕުޅު ވެސް ބަނދެލައިފިއެވެ. ފާރަވެރީންގެ ތިން މީހުން ރަންބީރުގެ އަރިހުގައި ތިބެފައި އަނެއް ފަސް މީހުން ބައްތެލި ފުރޭންދެން އޮތް ދިޔަތައް ހިއްކާން ފަށައިފިއެވެ. ފާރަވެރީންގެ ތެރޭގައި ރަންބީރު މީގެ ކުރީން ދެކެވަޑައިގެންފައި ވާ އެކަކު ވެސް ނެތެވެ.

އިރުކޮޅެއްގެ ފަހުން، ރަންބީރުގެ އަރިހުގައި ފާރަޔަށް ތިބި ސިފައިންގެ ތެރެއިން އެކަކު (ލަފާ ކުރެވޭ ގޮތުން އޭނާ އަކީ ދެން ތިބި މީހުންގެ އޮފިސަރެވެ) ބައްތެލީގެ ދިޔަ ހިއްކާން ތިބި މީހުންގެ ގާތަށް ގޮސް ބުނެފިއެވެ. "އަވަސް ކުރާށެވެ! މާ ބޮޑަށް ލަސް ވަނީއެވެ."

ދިޔަ ހިއްކާން ތިބި ސިފައިންގެ ތެރެއިން އެކަކު ބުނެފިއެވެ. ބައްތެލީގެ ދިޔަ ވަރަށް ނުބައެވެ. އަހަންނަށް ހީވާ ގޮތުގައި އަހަރެމެން އެންމެން އެއް ފަހަރާ މި ބައްތެއްޔަށް އެރުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ. ރަނގަޅު ވާނީ ދެ ފަހަރެއްގެ މަތީން ފަހަރަކު ދެބައިކުޅަ އެއްބައި މީހުން ދިޔުމެވެ. އާދައިގެ ގޮތެއްގައި ވެސް މި ބައްތެލީން ދަތުރު ކުރެވޭނީ ގިނަ ވެގެން ފަސް މީހުންނަށެވެ."

ކުރީން ވާހަކަ ދެއްކި ސިފައިންގެ މީހާ ކުޑައިކޮށް ފަސް ޖެހިލައިފައި ބުނެފިއެވެ. "އެންމެ ރަނގަޅެވެ. ކަލޭ މި ހަތަރު މީހުން ގޮވައިގެން ދާށެވެ. އެމީހުން އަނެއް ފަރާތަށް ގެންގޮސްފައި އަވަހަށް އަންނާށެވެ. އޭރުން އަހަރެމެން ޤައިދީ ގޮވައިގެން ދާނީއެވެ. ކޮންމެވެސް ލަސް ނުވައްޗެވެ."

ދެވަނަ މީހާ ފަލީގައި ހިފަމުން ބުންޏެވެ. "އަހަރެން ހަމަ މިހާރު އަންނާނަމެވެ."

ފަސް މީހުން ގޮވައިގެން ބައްތެލި ފުރައިފިއެވެ. ބާކީ ތިބި ތިން މީހުން ރަންބީރުގެ އަރިހުގައި އިށީނދެއްޖެއެވެ. ރަންބީރަށް އޭނާގެ އަރިހުގައި ތިބި ފާރަވެރީންގެ ޢަދަދު މަދު ވިތަން ފެނިވަޑައިގަތުމުން ވެސް ހިތްޕުޅުހަމަޖެހުމެއް ލިބިވަޑައެއްނުގަނެއެވެ. އޭނާ އޮންނެވީ އެއްވެސް އާރެއް ބާރެއް ނެތް ޙާލުކޮޅެއްގައެވެ. އޭނާ އޮންނެވީ ބިންމަތީގައެވެ. ހަތަރު ފަރާތުން ވެސް މަރުގެ އަނދިރިކަން ފިޔަވައި އެހެން އެއްވެސް އެއްޗެއް އޭނާއަށް ފެނިވަޑައެއްނުގަންނަވައެވެ. އޭނާގެ ހިތްޕުޅަށް އަރައެވެ. "މިއީ ޤުދުރަތުގެ ކިހާ ޢަޖާއިބު ވާފަދަ ސަމާސާއެއް ހެއްޔެވެ؟ އަހަރެން ފަސް އަހަރު ވާންދެން ހައްޔަރު ވެގެން ހުރީ މި ވަގުތުގެ އިންތިޒާރުގައި ހެއްޔެވެ؟ ކޮންމެ ހެނދުނަކާއި ހަވީރަކު އަހަރެން ދިރިހުރުމަށް އެދި ދުޢާ ކުރަމުން ގެންދިޔައީ މި ދުވަސް ދެކޭން ހެއްޔެވެ؟ އަހަރެން ނަންދުނާގެ މައިދާނާ ހަމަޔަށް ދިޔައީ މަރާ ބަޣަލްގީރު ކުރުމަށް ޓަކައެވެ. ނަމަވެސް މަރު އަހަރެންގެ އިންތިޒާރުގައި ފިލައި މި އިނީ އެ ތަނެއްގެ ހަތަރު ފާރުގެ ތެރެ ދުނިޔޭގައި ވާ ކޮންމެ ކިއްލާއަކަށް ވުރެ ވެސް ރައްކައުތެރި ކަމުގައި އަހަރެން ދެކޭ ތަނުގައެވެ. އަހަރެން ސަލާމަތް ވެގެން މި އައީ ގުނޫޖާ ހަމަޔަށް އެ މީހެއްގެ ފަތަޙައިގެ ދިދަ ޖަހައިފައި ވާ މީހެއްގެ ޤައިދުންނެވެ. ނަމަވެސް އަހަރެން މިއަދު މަރު ވެގެން މިދަނީ އެ މީހަކީ ކާކުކަން ވެސް އަހަންނަށް ނޭނގޭ ދުޝްމަނެއްގެ އަތުންނެވެ. ޝަކުންތަލާ ކޮބައިބާވައެވެ! ބައްޕާފުޅު ކޮބައިބާވައެވެ! އަހަންނަށް މި ފެންނަނީ ހުވަފެނެއް ބާވައެވެ!"

ކުއްލިޔަކަށް އޭނާ ފާރަވެރީންނާ ދިމާޔަށް ވަރަށް ބާރަށް ވިދާޅުވިއެވެ. "އަޚުންނޭވެ! އަހަރެން ކަލޭމެންގެ ގާތުން އެންމެ ވާހަކައެއް އަހައިލާން ބޭނުމެވެ."

ފާރަވެރީން ހަމަހިމޭންކަމާ އެކު އޭނާއާ ދިމާޔަށް ބަލާން ފަށައިފިއެވެ. ރަންބީރު ވިދާޅުވިއެވެ. "ކަލޭމެންނަށް އަހަރެން ޤަތުލު ކުރާން މަޖުބޫރުކަން އަހަންނަށް އެނގެއެވެ. ކަލޭމެންގެ އަމީރުގެ އަމުރުފުޅަށް ތަބާ ވުމަކީ ކަލޭމެންގެ ވާޖިބެކެވެ. އަހަރެން ކަލޭމެންގެ ކިބައިން އޯގާވެރިކަމަކަށް ނޭދެމެވެ. ނަމަވެސް އަހަރެން މަރު ވުމުގެ ކުރީން އަހަރެން ޤަތުލު ކުރާން އެންގެވި ކަލޭމެންގެ އަމީރުގެ ނަންފުޅު އޮޅުން ފިލުވައިދިނުން އެދެމެވެ."

ފާރަވެރީން އިރުކޮޅެއް ވާންދެން އެކަކު އަނެކަކާ ދިމާޔަށް ބަލަހައްޓައިގެން ހަމަހިމޭނުން ތިއްބެވެ. އިރުކޮޅެއްގެ ފަހުން އޭގެ ތެރެއިން އެކަކު ޖަވާބު އެރުވިއެވެ. "އަޅުގަނޑުމެންނަށް ހަމައެކަނި ދެންނެވޭނީ އަޅުގަނޑުމެންގެ އަމީރުގެ ނަންފުޅެވެ. އޭނާގެ ނަންފުޅަކީ ޖޭކްރިޝަނެވެ. އޭނާގެ ގަނޑުވަރަށް ފުރަމެންދަމު ވަގަކު ފަދައިން ވަދެވަޑައިގެންނެވުމުން، މިއަށް ވުރެ ރަނގަޅު ގޮތަކަށް މަނިކުފާނާ މެދު ޢަމަލު ކުރެވުން ޙައްޤެއް ނޫނެވެ."

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.