އަދާލަތު ޕާޓީ ވެސް ބުނަނީ އާއެކޭ

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ގާނޫނުއަސާސީއަށް ގެނައުމަށް މަސައްކަތްކުރާ އިސްލާހަށް އަދާލަތު ޕާޓީން ވެސް ތާއީދުކަން ހާމަކޮށްފިއެވެ.

އެކަން ހާމަކޮށް ކުރިއަށް އޮތް ފެންނަ ނުފެންނަ ވޯޓުގައި “ފެންނަ” ކަމަށް ވޯޓު ދިނުމަށް އަދާލަތު ޕާޓީން ރަސްމީކޮށް މިހާރުވަނީ ނިންމާފައެވެ.

އެ ޕާޓީން ރޭ ނެރުނު ބަޔާނެއްގައި ބުނީ ދެ އިންތިހާބު އެކުއެކީގައި ބޭއްވުމަށާއި މަޖިލީހުގެ ދައުރު ގުނާނެ އުސޫލުތައް ކަނޑައެޅުމަށްޓަކައި މަޖިލީހުން ފާސްކޮށްފައިވާ “ޤާނޫނުއަސާސީއަށް 8 ވަނަ އިސްލާޙު ގެނައުމުގެ ބިލު” ތަސްދީގުކުރުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ވޯޓުގައި ތާއީދުކުރަން ނިންމީ، އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ ބޮޑު އަގްލަބިއްޔަތަކުން ކަމަށެވެ. މިގޮތަށް ނިންމީ ގައުމާއި ރައްޔިތުންގެ މަތީ މަސްލަހަތަށް ރިއާޔަތްކުރާއިރު، އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ފެންނާތީ ކަމަށްވެސް އެ ޕާޓީން ބުންޏެވެ.

މައި ދެ އިންތިހާބު އެއް ތާރީހެއްގައި ބޭއްވުމަށް ގާނޫނުއަސާސީއަށް އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހެވެ. މި އިސްލާހު މަޖިލީހުން މިދިޔަ މަހު ފާސްކޮށްފައިވީ ނަމަވެސް، ގާނޫނުއަސާސީ ބުނާގޮތުން މިފަދަ ބަދަލެއް ގެނެވޭނީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓަކަށް ގޮސް، އޭގައި ރައްޔިތުންގެ ތާއީދު ލިބިގެންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.