( 2 މާރިޗު 2026 ގައި ޝާއިޢުކުރި ބަޔާގުޅޭ )
އަޅުއަންހެނެއްގެ ގޮތުގައި އިސްތަންބޫލަށް ގެނެވުނު އެލެގްޒެންޑަރ ނުވަތަ އަނަސްތީސިއާއަކީ ، ޔުކްރޭނަށް އުފަން އަންހެނެކެވެ. ކުރިންވެސް ދެންނެވިފަދައިން ، އަނަސްތީސިއާ ގެނެވުނީ އޭރުގެ ކައްފާ އަޅުންގެ ބާޒާރަށް ވިއްކައިލުމަށެވެ. އެއީ ، ޔުކްރޭނުގެ ފާދިރީއެއްގެ ދަރިޔެކެވެ. ކައްފާ އަޅުންގެ ބާޒާރަކީ ، ޢުޘްމާނީ ވެރިކަމުގެ ބާރުގެ ދަށުގައި އޮންނަ މާރުކޭޓެކެވެ. ސުލައިމާން ރަސްގެފާނުވެސް އެ ބާޒާރުން އަޅުން ބައްލަވައި ގަނެއެވެ. ކައްފާއަކީ ، މިހާރުގެ އިތިއޯޕިޔާގެ ސަރަޙައްދެކެވެ. އިތިއޯޕިޔާއަކީ އޭރުވެސް ކަޅުމީހުން ގިނަ ޤައުމެކެވެ. މިހާރެކޭ އެއްގޮތަށް ކޮންމެވެސް ވަރަކަށް ކުލައަލި މީހުންވެސް އުޅުނެވެ. އެހެންކަމުން މިހާރުގެ ޔޫރަޕަށް ނިސްބަތްވާ ސަރަޙައްދުތަކުން ، ދޮން އަންހެންކުދިން ގެނެސް ކައްފާގައި އަޅުން ގަނެވިއްކާ ބާޒާރުގައި ވިއްކުމަކީ ، ވަރަށް ނަފާވާ ވިޔަފާރިއެކެވެ.
ޚުއްރަމްއަކީވެސް އެގޮތަށް ، ކުރީގެ ޕޮލޭންޑް އަދި މިހާރުގެ ޔުކްރޭނުގެ ސަރަޙައްދަކުން އަތުލައިގަނެގެން ކައްފާއަށް ގެނައި ކުދިންގެ ތެރެއިން ކުއްޖެކެވެ. ޢުޘްމާން ޤާޒީގެ ގަނޑުވަރަށް ގެނެވި ، އެތަނުން ރަސްގެފާނަށް ކަމުގޮސްގެން ރަސްގެފާނުގެ ކޮޓަރިކޮޅަށް ޢާންމުކޮށް ގެންދެވޭ ކުއްޖަކަށް ވިއެވެ. އަދި އެންމެފަހުން ރަސްގެފާނަށް ފަސްބޭފުޅުން ވިހައި ، ގަނޑުވަރުގެ ތެރޭގައި ރަނިކަންކުރާ އެހެން ރާނީންނަށްވުރެ އިސް ރާނީއަކަށްވިއެވެ. މިކަމާގުޅިގެން އެހެން ރާނީންނަށް ، ޚުއްރަމަކީ ނުރައްކަލަކަށް ވިއެވެ. އަދި ، އެކި ފާޑުގެ އުނދަގުލާއި ދުއްތުރާ ޚުއްރަމަށް ދެމުން ގެންދިޔައެވެ. ޚުއްރަމްގެ ބާރު ، ގަނޑުވަރުތެރެއިން ކަނޑުވައިލުމަށްޓަކައި ، ކުރެވެން ހުރި ހުރިހާ ކަމެއް ، ހުރިހާ ރާނީންވެގެން ކުރައްވަމުން ގެންދަވައެވެ. ހަމަ އެގޮތަށް ، ޚުއްރަމްވެސް އެކަމަނާގެ ގަޔަށް ހެރެން އަންނަ ހުރިހާ ކަށްޓެއް އެއްފަރާތް ކުރައްވަމުން ގެންދަވައެވެ.
ރަސްގެފާނުގެ އެއް އަނބިކަނބަލުން ، ސުލްޠާނާ މަހާދޭވްރާނީއަށް ލިބިވަޑައިގެންފައިވާ ، ވަލީޢަހުދު މުސްތަފާ ، ގަނޑުވަރުން ބޭރަށް ފޮނުއްވުމަށް ރަސްގެފާނު ނެރުއްވި އަމުރުފުޅަކާ ގުޅިން ، މަހާދޭވްރާނީ ކޯފާވެ ، ޢެއީ ޚުއްރަމްގެ ކަމެއްކަމަށް ބައްލަވައި ސުލައިމާން ރަސްގެފާނާ ޒުވާބުކޮށް ހެދުމުން ، ރަސްގެފާނުގެ އަމުރުފުޅަށް ، އެކަމަނާ ރަސްގެފާނުގެ ކޮޓަރިކޮޅުން ނެރެވުނެވެ. މަހާދޭވްރާނީއަކަށް ޚުއްރަމްއަކާބައްދަލެއް ނުކުރެއްވެއެވެ. އެ ފުރުޞަތު އެކަމަނާ މަހާދޭވްރާނީއަކަށް ނުދެއްވައެވެ. އެހުރިހާ ކަމަކާގުޅިގެން ، އޭނާގެ ދަރިކަލުން މޫސްތަފާ މާދުރަށް އެ ފޮނުވައިލެވެނީ ، ޚުއްރަމްގެ ލަފާގެ މަތިންކަމުގައި މަހާދޭވްރާނީއަށް ޔަޤީން ކުރެވުނެވެ. އަދި މުސްތަފާގެ ދަތުރު ހުއްޓުވޭތޯ މަހާދޭވްރާނީ އެތައް މަސައްކަތެއް ކުރެއްވިއެވެ. އެހެންނަމަވެސް ، ސުލައިމާން ރަސްގެފާނު ގޮތެއް ދުލެއް ނުކުރެއްވިއެވެ. ވަލީޢަހުދު މުސްތަފާ އެ ފޮނުވއި ލެވެނީ މަސްއޫލިއްޔަތެއް މަތިކޮށްފައި ނޫންކަމާއި އެއީ މުސްތަފާ ނައްތައިލުމަށް ކުރެވޭ ކަމެއްކަމަށް މަހާދޭވްރާނީ ، ރަސްގެފާނަށް ޝަކުވާ ކުރިއެވެ. އެހެނަސް ، ލިބުނު ކުރިއެރުމެއް ނެތެވެ. އެކަމާ ގުޅިގެން ރަސްގެފާނުގެ ކޯފާ ހައްތާ ދިޔައީ ގަދަވަމުންނެވެ.
ޚުއްރަމް އެކުރިކަމެއްގެ ބަދަލު އޭނާއަށް ފެންނާނެކަމަށް އަންގައި ، މަހާދޭވްރާނީ ވަނީ ، ޚުއްރަމްއަށް އިންޒާރު ދެއްވާފައެވެ. ޚުއްރަމަށް ލިބިވަޑައިގެންނެވި ކާމިޔާބީއަށް އުފާކުރައްވައި ގަނޑުވަރުގެ ހުރިހާ ބާނދީންނަށް ފޮނިކާތަކެތިން ހަދިޔާ ކުރެއްވިއެވެ. ވަލީޢަހުދު މުސްތަފާއަށް އެލިބިވަޑައިގެންނެވީ ދެރަ ޙާލުކޮޅެއްކަމަށް މުޅި ގަނޑުވަރުތެރޭ އަޑުފެތުރިގެން ދިޔައެވެ. އެއްބަޔަކު ބުނާ ގޮތުގައި މުސްތަފާ އަރުވައި ލެވެނީއެވެ. އެއީ މަހާދޭވްރާނީއަށް ލިބިވަޑައިގެންނެވި ނާކާމިޔާބީއެއްގެ ގޮތުގައި ގިނަބަޔަކު ދެކެއެވެ. ފޮނިކާއެއްޗެތި ކަމުންވެސް ، ބާނދީންތައް އެކިފާޑުގެ ވާހަކަ ދައްކަމުން ގެންދިޔައެވެ. އެވާހަކަތައް ހުއްޓުނީ ، ޚުއްރަމްގެ ޚާއްޞަ ޚާދިމާ އެތަނަށް އައިސް ހަޅޭއްލަވައިގަތީމައެވެ.

ޚުއްރަމްގެ ދަރިކަނބަލުން މިހިރިމާ އާއި ފިރިހެންދަރިކަލުން މުޙައްމަދާ ދެމެދުވެސް ، އެކަމާ އޮތީ ދެބަސްވުން އުފެދިފައެވެ. މުސްތަފާ އަރުވައިލެވުމަކީ މުޙައްމަދުވެސް އެދިވަޑައިގަންނަވާ ގޮތެއްނޫނެވެ. ރަސްކަމުގެ ކޮއިލުން މުސްތަފާ ބޭރުކޮށްލެވިއްޖެނަމަ ، ތަޚުތަށް ދެން އިސްވާނީ ، ޚުއްރަމްގެ ދަރިކަލުން ، އަދި މިހިރިމާގެ ކޮއްކޮ މުޙައްމަދެވެ. އެއީ މުޙައްމަދު އެހާބޮޑަށް ބޭނުންފުޅުވާ ގޮތެއްނޫނެވެ. މުޙައްމަދަކީ ހިތްތިރި ބޭފުޅެކެވެ. އެހެންކަމުން ، ރަސްކަން ވާރުތަވާން ހުރި މުސްތަފާއަށް އެއްވެސް ގޮތެއްވާކަށް މުޙައްމަދު ބޭނުންފުޅެއް ނުވެއެވެ. މިހިރިމާ ، މުޙައްމަދަށް ސާފުކޮށްދެއްވި ގޮތުގައި އެއީ ކޮއްކޮ ވިސްނަންޖެހޭ ކަމެއްނޫނެވެ. އެއީ މުޙައްމަދުގެ ނިންމުމެއް ނޫނެވެ. އެ ނިންމުން ނިންމާފައިވަނީ ، ބައްޕައެވެ. ރަސްގެފާނެވެ. ބައްޕަ އެނިންމުން އެގޮތަށް ނިންމަވާނީ ވަރަށް ވިސްނަވާފައެވެ. ބައްޕަގެ އެކަހަލަ ނިންމެވުން ބަދަލެއްވެސް ނުކުރައްވާނެއެވެ. އެވަރަކުން މުޙައްމަދަކަށް އޭނާގެ ދައްތަޔާ އެއްބަސްވެވޭގޮތެއް ނުވެއެވެ.
" ބައްޕަޔަށްފަހު ، ރަސްކަމަށް މުސްތަފާ އިސްވެއްޖެނަމަ ވާނެގޮތް ، މި ގަނޑުވަރުތެރޭގައި މިއުޅޭ އެންމެ އާދައިގެ ނޯކަރަށްވެސް ވިސްނައިގަންނަން އެނގޭނެއެވެ. މުސްތަފާގެ މަންމަ މަހާދޭވްރާނީޔަކީ ، މުސްތަފާ ތަޚުތަށް އިސްކުރުމަށްޓަކައި ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ މީހެކެވެ. އެކަމަނާގެ ޚަޞީލަތް އެހާ ގޯސްވާނެއެވެ. " މިހިރިމާ ، މުޙައްމަދަށް ސާފުކޮށްދެމުން ގެންދިޔައެވެ.
މުސްތަފާއަށް މުޙައްމަދުގެ ހިތްޕުޅުގައި އޮތް އެއްބަފާކަމުގެ ލޯތްބަކީ ، އެ ގަނޑުވަރުގެ އަންހެންވެރިންނަށް އެހާ ފަސޭހައިން އެނގޭނެ އެއްޗެއްނޫނެވެ. އޭނާއާ ވަކި ބަނޑެއްކަމަށް ވިޔަސް ، މުސްތަފާޔަކީ އޭނާގެ މައްޗަށްހުރި އޭނާގެ ބޭބެޔެކެވެ. މިހިރިމާގެވެސް ބޭބެއެވެ.
" ބޭބެ ، މުސްތަފާއަށް ރަސްކަން ލިބުނީމަ ވާނެގޮތް އެނގޭ ހެއްޔެވެ ؟ އަހަރެންނާއި އަހަރެމެންގެ މަންމަ މަރައިލާނެއެވެ. އެއީ ކަށަވަރުންވެސް އެނގޭ ކަމެކެވެ. ރާނީ ، މަހާދޭވްރާނީޔަކަށް ، އަހަރެމެން ދެމައިން ދުނިޔޭގައި ތިއްބައެއް ހަމަ ނޭވާއެއް ނުލެވޭނެއެވެ. " މިހިރިމާ އިތުރަށް ސާފުކޮށްދިނެވެ.
މުސްތަފާޔަކީ ، އޭނާގެ ކޮއްކޮއިންނާއި ބޭބެއިން މަރާނެމީހެއްނޫންކަމަށް މުޙައްމަދު ބުންޏެވެ. އެއީ އޭނާގެ ބޭބެ ކޮށްފާނެކަމެއްކަމަކަށް މުޙައްމަދަކަށް ނުފެނެއެވެ. އެނާގެ މަންޔަށް ލިބިފައިތިބި ކުދިން ، މުސްތަފާ ބޭބެ މަރައިފާނެކަމަށް މުޙައްމަދަކަށް އެއްގޮތަކަށްވެސް ނުފެނެއެވެ.
މިއަދަކު ނޫނެވެ. ކޮންމެވެސް އެއްދުވަހަކުން ، މުސްތަފާ އެކަން ކުރާނެކަމަށް ބުނެ މިހިރިމާގެ ވާހަކަ އެހިސާބުން ނިންމައިލައެވެ. މާދަމާ ވެދާނެއެއްވެސްގޮތެއް އެއްވެސްމީހަކަށް ނޭނގޭނެއެވެ. ގަނޑުވަރުގެ ތިން ރާނީންކުރެ ކޮންމެ ރާނީއަކުވެސް އެ ތިބެނީ މިހިރިމާގެ މަންމަޔާ ޖައްސައިލާފައެވެ. މަންމަގެ ދުވަސް ދުއްވައިލެވޭނެގޮތެއް ބަލަބަލައެވެ. މިހިރިމާގެ ވާހަކަ މިހާރު އެހުރީ ، މަންމަގެ ބަސްމަގު ހުންނަގޮތަށްކަމަށް ބުނެ ، މުޙައްމަދު ކޯފާވިއެވެ. މުޙައްމަދަކީ ، އޭނާގެ ދައްތަދެކެ ނުހަނު ލޯބިވާ ކޮއްކޮއެކެވެ. އެހެނަސް ، މުސްތަފާއާބެހޭގޮތުން ، ދައްތަ އެދައްކާ އެއްވެސް ވާހަކައެއް އަހާކަށް މުޙައްމަދު ބޭނުމެއް ނުވިއެވެ. މުސްތަފާ އަރުވައިލުމަށް ރަސްގެފާނު ނިންމެވި ނިންމެވުމުގައި އެމީހުންގެ މަންމަގެ އަތެއްވާކަމަށް ، އެންމެންވެސް އިއްތިފާޤު ވެއެވެ. އެއީ ، އޭނާގެ މަންމަގެ ފަރާތުންވެސް ދެކެން ، މުޙައްމަދު ބޭނުންވާ ކަމެއްނޫނެވެ. ރަސްގެފާނަށް އެހެން ބަނޑުބަނޑަށް ލިބިވަޑައިގެންފައި ތިއްބެވި އޭނާއާ އެއްބަފާ އެއްވެސް ބޭބެޔަކަށް އަދި ދައްތަޔަކަށް ދެރަގޮތެއްވާކަށް މުޙައްމަދު ބޭނުމެއްނޫނެވެ. އެހެނީ ، ގަނޑުވަރުތެރޭގައި އޮންނަ އަތްގަދަ ކުރުމުގެ ސިޔާސަތާއި ، ރާނީންގެ މެދުގައި އޮންނަ ވާދަވެރިކަމަކީ ، މުޙައްމަދު އެހާ ބޮޑަށް ޤަބޫލުކުރަން ބޭނުންވާ ސިޔާސަތެއް ނޫނެވެ. އެހެންނަމަވެސް ، ގަނޑުވަރުތެރޭ އެއްރާނީޔަކު އަނެއް ރާނީޔަކަށް ހިތުގައި ލައިގެންއުޅޭ ޙަސަދަޔަކީ ، މުޙައްމަދުފަދަ ހިތްހެޔޮ ހިތްތިރި ކުއްޖަކަށް ވިސްނައިގަންނަން އުނދަގޫވާނެ ޙާލަތެކެވެ. މުޙައްމަދު އަދި ޅައެވެ. މުޙައްމަދުގެ މަންމަގެ ދުވަސް ދުއްވައިލަން އެހެން ހުރިހާ ރާނީން ގެންގުޅޭ އެކިފާޑުގެ އުކުޅުތަކެއް އޭނާއަކަށް އަދި ، ނަގައެއް ނުގަނެވޭނެއެވެ.
" ކޮއްކޯއެވެ ! އަހަރެންނަކީވެސް މިހާރު މަންމަޔެކެވެ. އަހަރެމެންގެ މަންމަ އަހަރެމެންނަށް ހެޔޮއެދޭނެ މިންވަރު އަހަރެންނަށް ވިސްނެއެވެ. އެއްވެސް މަޔަކު އޭނާގެ ދަރިންނަށް ދެރަގޮތެއްވާކަށް ނޭދޭނެއެވެ. މަންމަ އެއަދާކުރަނީ އޭނާގެ ވާޖިބެވެ. މަންމަގެ ދަރިންނަށް ކުރިމަތިވާޏް އޮންނަ ނުރައްކާތަކުން ، އެދަރިން ސަލާމަތް ކުރަނީއެވެ. އެއީ މަޔެއްގެ ޙައިޞިއްޔަތުން ، އަހަރެންވެސް ކަންކުރާނެ ގޮތެވެ. " މިހިރިމާ އޭނާގެ ކޮއްކޮއަށް ވސްނައިދެވޭތޯ ބައްލަވަމުން ގެންދެވިއެވެ.
މަންމަޔާމެދު ހިތްގޯސް ނުކުރުމަށް މިހިރިމާ އޭނާގެ ކޮއްކޮ ، މުޙައްމަދުގެ އަރިހުން އެދުނެވެ. އަދި ، މަންމަގެ ގޮތުގައި މަންމަ ބަލައިގަނެ ، މަންމަގެ ނިންމުންތަކާ އެއްގޮތަށް ޢަމަލު ކުރުމަށް މުޙައްމަދަށް ނަޞޭޙަތް ދިނެވެ. އެހެންނަމަވެސް ، މުޙައްމަދުގެ ވިސްނުމަށް އަސަރެއް ކުރިހެންނެއް ހިއެއް ނުވެއެވެ. ދައްތަ ވާހަކަ ދައްކަދައްކާ އޮއްވައި މުޙައްމަދު އެތަނުން ނުކުމެގެން ދިޔައެވެ. ( ނުނިމޭ )

