ރަވީން މިހާރު އެތައް ފަހަރަކު ދޮރާށީން ބޯދީ ބޭރު ބަލައިލައިފިއެވެ. އެވަރުން ހިތްހަމަ ނުޖެހިގެން، ބޭރަށް ނިކުމެ ހުރެ، ނާޒުގެ ހިލަމެއްވޭތޯ އެ ސަރާސަރު މަގުގެ ދެކޮޅަށް ވެސް ބަލައިލައިފިއެވެ. ހައްތާ ވެސް ފެންނަނީ ގެ ކުރިކަނޑައިފައިދާ ޓެކްސީތަކެވެ. ގޭދޮށަށް މަޑުކުރި ޓެކްސީއެއް ނުވަތަ މަޑުކޮށްލާ ގޮތަށް މިސްރާބު ހުރި ޓެކްސީއެއް ނެތެވެ. ގޭގައި ހަވީރު ބާއްވަން ހަމަޖެހިފައިވާ ސައިޕާޓީ އޮތީ ތައްޔާރަށެވެ. ދޮންތައާއި ދޮންތަބެގެ އިތުރުން ޕާޓީއަށް ނަލަހައްދައިފައި ތިބި އެގޭ ކުޑަދެބެއިން ވެސް އައިސް އެބަތިއްބެވެ. ކުޑަތައާއި ކުޑަތަބޭ ވެސް އެ ތިބީ އެއްމާބަނޑު ދެބެންނާ އެކު އައިހެވެ. ދެ މީހުން ދެބެން ކިހިލިޖަހައިލައިގެންނެވެ. ނާޒުގެ އެންމެ ގާތް ރައްޓެހީންކަމުގައިވާ ނިހާއާއި އިނާއާއި ކިއާރާ ވެސް ފިރީންނާ އެކު އައިސް އެބަ ތިއްބެވެ. ދުވަހުގެ ރީތި މޫސުން ވެސް، އުޑުގައި ހިނގާ ވިލާތައް ވެސް ޖައްވުގައި ދަތުރުކުރާ ވައިރޯޅިތައް ވެސް މިއަދު މި ގެޔަށް އުފާވެރިކަން ގެނެސްދޭން ވައުދުވެފައިވާ ކަހަލައެވެ. ހަފުލާއަކީ، ފައިބެ އަހަރު ފެބުރުވަރީ މަހު ތޭވީސްވަނަ ދުވަހު، ނާޒު އޮފީހު ދަތުރެއްގައި ހައްދުންމަތީ ގަމަށް ގޮސް ހުރިހުރުމެއްގައި, ވަރަށް ހަނި ގޮތަކަށް ފުރާނަ ސަލާމަތްވުމުގެ ޝުކުރެއްގެ ގޮތުން ބޭއްވޭ އާއިލީ ހަފުލާއެކެވެ.
އާނއެކެވެ. އެއީ ހަމަ މުއުޖިޒާތެކެވެ. މަންޒަރު ދުށް މީހުން ވެސް، އެކުސިޑެންޓުގެ ޚަބަރު ގެނެސްދިން ނޫސްވެރިޔާ ވެސް އެކަން ސިފަކޮށްފައިވަނީ ރަހުމަތުގެ މަލާއިކަތެއް މެދުވެރިވުން ފަދަ ކަމެއްގެ ގޮތުގައެވެ. އެ ދުވަހު ނާޒު މަރުގެ ވަކިތަކުން ސަލާމަތްވީވުމެވެ. އެއީ ހަވީރުގެ ވަގުތެވެ. ގަމުތުނޑިން ފޮނަދޫކޮޅަށް އޮތް ސަތާރަ އަށާރަ ކިލޯމީޓަރުގެ ދިގު މަގުން ކާރު ދުއްވައިލައި ހިތްފަސޭހަކޮށްލަން ނާޒު ނިކުތީ މިއީ ރާއްޖޭގައި މަދުން ނޫނީ ކުރެވޭން ނެތް ތަޖުރިބާއަކަށް ވީތީއެވެ. މީހުންނާއި ދުއްވާ އެއްޗެހީން ތޮއްޖެހިފައިވާ ކުޑަކުޑަ މާލޭގައި އަމުދުން ވެސް ލިބޭން ނެތް ފުރުސަތަކަށްވާތީއެވެ. ދެ ފަރާތަށް ބޮޑު ވާ އޮތް ހިސާބަކުން، ދުން ޖަހައިފައި ކާރު ދަތުރުކުރަމުން ދިޔައެވެ. ފެނި ގެއްލިދާ މަންޒަރުތައް ބަލަން ނާޒު ފަހަތު ސީޓުގައި ހަމަޖެހިލައިގެން އިނެވެ. ކުރީގައި ކާރުދުއްވާ ޒުވާނާއާއި އޭނާ ހިތާވެގެން އުޅޭ މަންޖެ ހަމަޖެހިލައިގެން ތިއްބެވެ. ހަށަބަހުން، އެ ދެ ލޯބިވެރީންނަށް މެނުވީ ރަނގަޅަށް މޭރުންނުވާނެ ހަށަވާދައެއްގެ ތެރެއަށް ގެއްލި ހީނހަދާށެވެ. ހުންގާނު އޮތް އަތް ހުންގާނުގައި ލުއިގޮތަކަށް ބޭއްވި މަގާމެދު ފަރުވާކުޑަކޮށްލެވިފައިވާކަމަށް ފެނެއެވެ. އެއީ ދުވަހާއި ވަގުތާއި މަގު ހިތަކަށް ލިބިފައި އޮތީމާ ވެސް ތޯއްޗެކެވެ. އަވަށް އޮތް ހިސާބަކުން، ކުއްލިއަކަށް ފެނުނީ ސިމެންތިތަކެއް އަރުވައި ބަރާކޮށްގެން އައި ލޯރިއެއް މި މަގަށް އެޅި ތަނެވެ. ބާރަށް ދިޔަ ކާރު ލޮރީން ނައްޓައިލާން ހިފި ވަގުތު، މަޑުވުމެއް ބުރެކިޖެހުމެއް ނެތި، މަގުގެ އެއްކައިރީގައި ހުރި ނިކަގަހަށް މުޑިއެރުމުން މެސެނަކުން ފިއްތައިލި ހުސް ދަޅެއްހެން ކާރު ފިތިގެންދިޔައެވެ. އެ ބާރުގަނޑުގައި ކުރީބައި އެކަށް ފުނޑުފުނޑުވެގެން ދިޔައެވެ. ހަމަ އެގޮތަށް ކުރީގައި ތިބި ދެ ލޯބިވެރިން ވެސް ވީ ފުނޑުފުނޑެވެ. ކާރަށް އެރި ލޮޅުމާ އެކު، ތަންމިނަށް ހުޅުވިގެން ދިޔަ ފަހަތު ދޮރުން ވިއްސައިގެން ބޭރަށް ދިޔަ ނާޒު އެނބުރެމުންސެނބުރެމުން ގުޅަޔަކަށް ގޮސް ނިކަގަހުގެ އަރިމަތިން ވަލުތެރެއަށް ޖެހިފައި އޮތެވެ. ގަޔަށް ފިޓުކޮށް ހުރި އަރިފެޅިހެދުން ފަތިންދިޔުން ފިޔަވައި އަމިއްލަ ޖާނަށް ހާނީއްކައެއް ނުވެއެވެ. އެންމެ ކުޑަވެގެން އަތްފައިގެ ތެޔޮހަންފަށެއް ވިޔަސް އުތުވިލައިފައެއް ނެތެވެ.
މާލޭގައި ހުރި ފިރިސޮރު މި އެކުސިޑެންޓުގެ ޚަބަރު ކީ އޮންލައިން ނޫހަކުންނެވެ. ވަގުތުން ގެނެސްދީފައި އޮތް ހޫނު ޚަބަރެއްގެ ގޮތުގައެވެ. ފިކުރު ބޮޑުވެ ހާސްވެ ނީސްތާއްޓަށްއެރީ ނާޒާ ގުޅަން އުޅެއުޅެ ގުޅޭނެ ގޮތެއް ނުވުމުންނެވެ. ފަހުން އެނގުނީ އެކުސިޑެންޓުވުމާއި، އެކުގައި ދަތުރުކުރި ދެ މީހުން ލޯމަތީ މަރުވެދިޔަ ގޮތުން ޝޮކެއްގައިވީތީ، އަތުން ވިއްސައިގެން ގޮސް ނިވިފައި އޮތް ފޯނާ މެދު ޚިޔާލު ކޮށްނުލެވުނީކަމަށެވެ. ފޯނު ގެނެސްދިނީ ފަހުން ފުލުހުންގެ މީހެކެވެ.
ކޮންމެއަކަސް، ޚަބަރު ބުނާ ގޮތުން، ނާޒުގެ ފުރާނަ ސަލާމަތްވިކަން ރަވީނަށް ގައިމުވެއްޖެއެވެ. އެހެން ނަމަވެސް، އައްސިމަތީ ބޭސްއަޅާ ބީދައިން، ވަގުތުން ހިތާހިތަށް ގަތް ނަދުރަކީ ނާޒު ސަލާމަތްވުމުގެ ޝުކުރެއްގެ ގޮތުން އެ ދުވަހުގެ ކޮންމެ އަހަރުމަތީ ދުވަހެއް "ކުޑަކުދީންގެ ހިޔަލަށް" ކުރާ ޚައިރާތަކުންނާއި ގާތްތިމާގެމީހުންނަށް ދޭ ސަޔަކުން ފާހަގަކުރާށެވެ. މިއަދަކީ ފުރަތަމަ އަހަރުމަތީ ދުވަހެވެ. ޚައިރާތުގެ ފައިސާ ހެނދުނު ދައްކައި ނިމިއްޖެއެވެ. ދެން އޮތީ ހަވީރު ސަޔެވެ. ހުރިހައި ކަމެއް ހުރީ ތައްޔާރަށެވެ. މަންމަގެ ލޯބިވެތި އަތުން ހަދައިދިން މީރު ކުޅި ފޮނި ހެދިކާތައް ވެސް އެހެރީ ހޫނުކަން މަތީގައެވެ. ނާޒަށް އެންމެ މީރު ގަބުޅިބޯކިބަލާއި ކުކުޅުމަހުގެ ބޮޑެތި ބަޖިޔާ ވެސް ހިމެނިގެންނެވެ. ކަދުރުކޭކާއި ޗޮކުލެޓު ކޭކު އެޅުވީ ކޭކުއެޅުމަށް މަޝްހޫރު ކަނބަލަކު ލައްވައެވެ. ބުއިމަކަށް ހަމައެކަނި ހޫނު ސަޔާއި ކޮފީ އެކަންޏެއް ނޫނެވެ. އައިސްމައިލޯއާއި ކުރުނބާ ފަދަ ފިނިފޮނި ބުއިންތައް ވެސް މެއެވެ. މި އުފާވެރި ހަފުލާ، ފަހަރި ހައިރާންކޮށްލާވަރުގެ ހަފުލާއަކަށް ހަދަން ވަރަށް ބޭނުމޭ ބުނެ ރަވީންގެ ދެބެންގެދެދަރި ބޭބެ ސިތާރު ހިފައިގެން ހުއްޓެވެ. އެގޭ މާނުކޮއްކޮ ފުންމާއޮނު ހިފައިގެންނެވެ. އެއީ ހިންދުސްތާނު މިޔުޒިކަށް، ހިންދުސްތާނުގެ މަޝްހޫރު އުސްތާދަކަށް ދަރިވަރުވަމުންދާ ދެބެންނެވެ. މިއީ ދެ ހަފުތާގެ ޗުއްޓީއެއްގައި ދެބެން މާލެ އައިސް ތިބި ދުވަސްކޮޅަކަށްވީކަން އެއީ ވެސް ދެބެންނަށް އަދި އާއިލާގެ އެންމެންނަށް ވެސް ހަފުލާ ވަކިން ޚާއްސަވި ސަބަބަކަށްވިއެވެ. ބޮޑުދައިތަ އަހަރު ދެކޮޅު ވިހޭ އެ ހުނަރުވެރި ދެބެންނަށް އާއިލާގެ ތެރޭގައި ދެވިފައި އޮންނަނީ ވަރަށް ވެސް ލޭފަވެތި މަގާމެއްވިއްޔާއެވެ. އެންމެން ވެސް މިހާރު އިންތިޒާރުކުރަމުން އެ ދަނީ ނާޒަށެވެ.
"އަހަރެމެންނަށް އަނެއްކާ މި އިންތިޒާރުކުރެވެނީ އެނބުރި އަންނާނެ މީހަކަށް ބާވައެވެ؟" ރަވީން މަންމަޔަށް ސަމާސާ ގޮތުގައި ނަމަވެސް ވައްބަހެއް ނުއެއްލައި ހަމަ ފަރުނުޖެހުނީކަން ނޭނގެއެވެ. އެއީ ރަވީން ދޮރާށިދޮށަށް ހިނގައިގަތް ވަގުތެވެ. ހިތަށް ވެރިވެގަތް ޚިޔާލެއް ރަވީން ފޮނުވައިލީ ދިހަ ދުވަސްކުރިއަށެވެ.
"ރަވީންއެވެ. އަހަރެން ކަލޭގެ ދުނިޔެއާ ދުރަށް ގޮސްބަލަނީއެވެ. ކުރިމަގާ މެދު ވިސްނައިލާން މަށަށް މުހުލަތެއް ދޭށެވެ!"
ސޮޔަކީ ނާޒުގެ ސޮޔަށް ވީ ފަދައިން އަކުރަކީ ނާޒުގެ ރީތި އަތުއަކުރެވެ. އެ ފޮންޓާއި އެތުރުންގަނޑުގައި ގުރެފިކު ޑިޒައިނަރެއްގެ ފާޑުވެރިކަން ވެއެވެ. ނާޒު އަވަސް އަތަކުން އެއްޗެއް ލިޔެލިއަސް ނުވަތަ ކުރަހައިލިޔަސް ނެތި ނުދާނޭ ފާޑުވެރިކަމެވެ. ކިތަންމެ ރީއްޗަކަށް ވެސް އެ ލިޔުންކޮޅު، ނާޒުގެ ޖަޒުބާތްތަކުން ފުރާފުރިހަމަވެ، ފުރާނައެޅިފައިވެއެވެ. އެކަމަކު ބުނެލި އެއްޗަކަށް ވުރެ ވެސް ބޮޑަށް ނުބުނެ ދޫކޮށްލި އެއްޗެހީންނެވެ. ނާޒު ބުނާ އެއްޗެއް އަބަދުވެސް ބުނާނީ ކުރުކޮށް، ބާރުގަދަކޮށް މާނަހުރި ގޮތަކަށެވެ. އެ ހުރިހައި ކަމެއް މި ލިޔުންކޮޅުގައި ވެސް އެބަހުއްޓެވެ. ގަނޑަކީ ނާޒު ކުދިކުދި އެއްޗެހި ލިޔެލުމަށް ނުވަތަ ނޯޓުކުރުމަށް ބޭނުންކުރާ ޖީބު ސައިޒު ނޯޓުފޮތުގެ ގަނޑެކެވެ. އޭގައި ނާޒުގެ ހޫނު ނޭވާ ހުރި ފަދައިން ލުއިލުއިކޮށް އޭނަގެ މީރުވަސް ވެސް ހިފައިލައިފައިވެއެވެ. ނޫ ބައިރޯ ގަލަމަކުން، މަޑުރީނދޫ ރޮނގުދެމި ކަރުދާހުގައި ލިޔެފައިވާ އެ ލިޔުންކޮޅަށް ބަލަހައްޓައިގެން ރަވީނަށް ހުރެވުނީ ކިހާއިރަކުކަމެއް ނޭނގެއެވެ. މަތިމަތީ މާނަ ފިޔަވައި އަޑިއަޑީ އޮވެދާނެ މާނައަކަށް ކިތަންމެ ވަރަކަށް ވެސް ފީނިއްޖެއެވެ. އެކި ބަސް ވަކިވަކީން ކޮޅައިނޮޅައިހެދިއްޖެ މެއެވެ. ނަމަވެސް ވަކި އިތުރު މާނައެއް ނުނެގުނެވެ. ނާޒު އަނެއްކާ ފިރިމީހާއާ ވަކިވާން ނިންމީކީ ނޫން ބާވައެވެ؟ އެ ސުންޕާ ޚިޔާލު ބޮލުން ފޮޅައިލާން އުޅޭ ކަހަލަ ގޮތަކަށް ރަވީނަށް ނިކަން އަވަސްއަވަހަށް ބޯހޫރައިލެވުނެވެ. މެއަށް ތަދެއް އަރައިގެން އުޅޭ މީހަކު ފަދައިން ހިތްމަތީ އަތްއަޅައިލައިގެން ހުރެވުނެވެ. ލޯލިތައް ކޮޅަށް ޖެހި، ފަޔަށް ފިނި ތުރުތުރުގަނޑެއް ފައިބައިގެން ދިޔައެވެ. ކުއްލިއަކަށް އަނގައިން ކުޅުހިކި ކަރުހިއްކައިގެންފިއެވެ. ނޫނެކެވެ. ހަމަ ސާދާ ބަހުން ނާޒު ބުނެފައި އެ އޮތީ ކޮންމެހެން އޭނާ ފިރިމީހާއާ ވަކިވާ ވާހަކައެއް ނޫނެވެ. ފަހަރުގައި އެއީ ރަވީންގެ މަންމަޔާ ވަކިވެލާ ވާހަކަކަމަށް ވެސް ވެދާނެއެވެ. އެ ވެސް މަދު ދުވަސްކޮޅަކަށްތާއެވެ. "ދުރަށް ގޮސްބަލަނީއޭ" ބުނުމުން ނެގޭނެ ދެވަނަ މާނައެއް އެބައޮތް ހެއްޔެވެ؟
ދެކެމުން އައި ފަދަ ނިޔާމަ ދަތުރަކަށް ދިރިއުޅުން ދީލިފައިވަނިކޮށް، އިންޒާރެއް، އިސާރަތެއް ނެތި މި ލައިގަތީ ފަހެ ކޮންފަދަ ކޮޅިގަނޑެއް ހެއްޔެވެ؟ ހެނދުނުކޮޅު ނިދަން އޮވެފައި، ޖައްވު އަލިކޮށް ސާފުކޮށް އޮތް މެންދުރަކަށް ހޭލެވުނީއްސުރެ ހިތަށްވެރިވެފައިވާ ބުނަން ނޭނގޭ ފަދަ ނުތަނަވަސްކަން އެއީ އެއް ގޮތުން ނޫނީ އަނެއް ގޮތުން ވެސް އަނބިފުޅު ވަކިވެ ދިއުމުގެ ބަވައްޗެއް ހެއްޔެވެ؟ ރަވީންގެ ހިތް ބުނަނީ ނާޒު އެނބުރި އަންނާނެކަމަށެވެ. އެކަމަކު އޭގައި އޮތީ ކޮން ޔަގީންކަމެއް ހެއްޔެވެ؟ ވާތްތޭރި ރަވީން، ވާތުގައި އޮތް ފަތަށް ބަލައިލީ ހިސާބު ބައްލަވާ ދުވަހު ވާތަށް ފަތް އެރި އަބާއްޖަވެރިއަކު ބަލައިލާނޭ ގޮތަށެވެ. މިހުރިހައި އިރަކު ހިމޭނުން އޮތް ދުލުން ވޭނީ އާހެއް ފަދައިން ތަކުރާރުކޮށްލެވުނީ ހަމަ އެންމެ ބަހެކެވެ. "މަންމައެވެ. މަންމައެވެ. މަންމައެވެ". އެ ދޮންމަތީ ވުސްއަޅައިފައި ކޮޓަރިން ބޭރަށް ނިކުމެވުނެވެ.
"މަންމާ! މަންމާ!"
މަންމަގެ ޖަވާބެއް ނެތެވެ. ކޮޓަރީގައި ޓަކިދީދީގެން ވެސް ޚަބަރެއް ނުވިއެވެ. އެތެރޭގައި މީހަކު އުޅޭކަމުގެ ހިލަމެއްބިލަމެއް ނެތެވެ. ކުޑަދުވަހުވެފައި ހުރި އާދައެއްގެ މަތިން، ބޮޑުކަމެއް ޖެހިއްޖެ ނަމަ މަންމަޔަށް ގޮވަގޮވައިފައި އުޅޭ ބީދައިން މިއަދު ވެސް މަންމަޔަށް ގޮވަގޮވައިފައި ދޮރުގައި ޓަކިދެވެނީއެވެ. އެ އަޑަށް ޖެހިގެން ހުރި ބަދިގެ ބައިން ގޭގައި ގެންގުޅޭ ސޯމްޔާ ބޯދީ ބަލައިލައިފިއެވެ. އެ ސިއްރުވެރި ކަޅިމަތިން ކޮންމެވެސް އެއްޗެއް ވިސްނިގެން ރަވީން ތަހުގީގުގެ ރާގަކަށް އަހައިގަތެވެ.
"ކޮބާ މަގޭ މަންމަ؟"
"ދާދި ދެންމެއަކު ރައްޓެހި އަންހެނަކާ އެކު އެ ދިޔައީ ބޭރަށް"
"މަންމަ ނާޒަށް ހަސްކާދިނީދޯ؟"
ސޯމްޔާގެ މޫނު މައްޗަށް އައި ފަސްޖެހުން ފެނިފައި ރަވީން ވަކިން ގަދަކޮށްލިއެވެ.
"ތެދަށް ބުނޭ!"
ދެން ވެސް ސޯމްޔާ ހުރީ ބުނަން ޖެހިލުންވެފައެވެ.
"މަށެއް މަންމަ ގާތު ސޯމްޔާގެ ނަމެއް ނުގަންނާނަމޭ. ތެދު ބަހުން ކަން ހިނގިގޮތް ކިޔައިދީ. ކީ ނަމަ ކީ އެއްޗަކާ ވެސް އެކު!"
މެޑަމް ގާތަށް ރުޅިއައީ މެޑަމް ދޮވުނު އެއްޗެހި ހަރުގައި ހިއްކަން އަޅަން އައިއިރު ހަރުގައި ނާޒުގެ އެއްޗެހި ނުނަގައި ހުރީތީ. އެއީ އިއްޔެ ނާޒު ދޮވެ ހިއްކަން އަޅައި ހިކިފައި ހުރި އެއްޗެހި!"
"ދެން މަންމަ ކީކޭ މި ކީ؟ ފޮރުވުމެއް ނެތި ބުނޭ!"
"މެޑަމް ރުޅިއައިސްގެން ނާޒާ ދިމާއަށް ބުނީ އެއްޗެހި ދޮވެ ހިއްކަން އަޅައިފިއްޔާ ނަގާކަށް ނޭނގޭނެއޭ. ރީތި އުޅުމެއް ދަސްވެފައި ހުރި އެއްޗެކޭ. މެންދުރުވާ އިރުވެސް ނިދާ ނުހޭލާނެއޭ. ކޮޓަރިން ނިކުންނާނީ ކާށޭ...އުފަން އަމާ އައިސް ކައްކައި ކާންދޭނެކަމަށްހޭ؟"
ޅީދަރިފުޅު މެންދުރުވާއިރު ވެސް ހޭނުލާކަމަށް މަންމަ ބުނާއިރު، ޅީދަރިފުޅު ފަތިސްވަންދެން ހޭލައި އިންނަނީ ތިމާގެ ދަރިފުޅުގެ ހައްގުގައިކަމެއް ނުދެނެ ހުއްޓެވެ. ސޮފްޓްވެއަރ އިންޖިނޭރެއްގެ ގޮތުން ދަރިފުޅު މަސައްކަތްކޮށްދެނީ ބެންގަލޫރު ކުންފުންޏަކަށެވެ. އެ މީހުންގެ މައި އޮފީސް ހުންނަނީ ކެލިފޯނިއާގައެވެ. ރަވީން ކުރާ މަސައްކަތަކީ ބެންގަލޫރު އޮފީހުންނާއި މައިއޮފީހުން ހަވާލުކުރާ ޕުރޮގުރާމުތައް ލިޔެ ތައްޔާރުކުރުމުގެ މަސައްކަތެވެ. ކެލިފޯނިއާއަށް ދުވާލަކީ ރާއްޖެއަށް ރޭގަނޑެވެ. ކަންކަން ކަނޑައެޅިފައި އޮންނަ ދުވަހަށް، ކަނޑައެޅިފައި އޮންނަ ވަގުތަށް ނިންމުމީ ކުންފުނީގެ ޝަރުތެކެވެ. ބޮޑު ޕުރޮގުރާމެއް ލިޔެ ނިންމުމީ އެތައް އަތްތަކެއް ގުޅިގެން ކުރެވޭ ކަމެއްވިއްޔާއެވެ. ސާފުކުރަން ޖެހޭ ކަންކަން، ވަގުތު ނަގައި ނުލައި ހަމަ ވަގުތުން ގުޅައި ސާފުކުރަން ޖެހޭތީ މައިއޮފީސް ހުޅުވިފައި ހުންނަ ގަޑީގައި ކޮންމެހެންވެސް ރަވީން ހޭލައި ހުންނާން ޖެހެއެވެ. ދެމަފިރިންގެ ދެމެދުގައިވާ ރޫހީ "އެނގުމެއް" ނުވަތަ ގުޅުމެއްގެ ސަބަބުން ވެސް ތޯއްޗެކެވެ. ނާޒު އޭނާއާ އެކު ހޭލައިއިންނަ ނަމަ އޭނަގެ މަސައްކަތަކަށް "ނިންޖެއް" ނާންނާނެއެވެ. ގަޑީ ދެކޮޅުން ހަދައިގެން އެ ގެނެސްދޭ މީރު ކަޅުސައިތަށި ވެސް ވެފައި އޮންނަނީ ފިރިމީހާގެ މަސައްކަތަށް އެ ނާޒުކު އަތުން ޖަހައިލަދޭ ތެލަކަށެވެ.
ނާޒު ވަޒީފާއަދާކުރަނީ މާލޭގެ ނަންހުރި ޑިޒައިން ކުންފުންޏެއްގައި ގުރެފިކު ޑިޒައިނަރެއްގެ ގޮތުންނެވެ. ފިރިމީހާގެ އެދުމާ އެއްގޮތަށް ނާޒު ވެސް އޮފީހާ ވާހަކަދައްކައިގެން އޭނާ ކުރަހަން ޖެހޭ ކުރެހުންތައް ރޭގަނޑު ގޭގައި ކުރަހައި މެންދުރުފަހުން އޮފީހަށް ދާ ގޮތަށް ގަނޑި އަނބުރައިލީއެވެ. މިހާރު ހަމަޖެހިފައި އޮތް ގޮތުން ދެމަފިރީން ދެ މަސައްކަތެއް ކުރިޔަސް ކުރާނީ އެކުގައި އެއް ތަނެއްގައެވެ. އެއް މޭޒުގެ ހުރަހަށް ބެހެއްޓިފައި ހުރި އަނެއް މޭޒުދޮށުގައެވެ. ނިދައި ހޭލައިގެން ތެދުވާނީ އަދި ފެންވަރައި ކައިބޮއިހަދާނީ ވެސް އެކުގައެވެ. އެއީ ރަވީން އެންމެ އެދޭ ގޮތްކަމަށްވާއިރު، އެގޮތަށް ދިރިއުޅުން ބައްޓަންވެ ހަމަޖެހިފައި އޮތްއޮތުން އެއީ ފަހެ ކުޑަ ނަސީބެއް ހެއްޔެވެ؟ ރަވީން އޭނަ ކުރިމަތީ އިސްޖަހައިލައިގެން ހުރި ބަންގާޅު ސޯމްޔާ ކުރެން އަހައިލިއެވެ.
"ތިޔަ ބުނީތަ ހަމައެކަނި މަންމަ ކީ އެއްޗަކީ؟"
(ނުނިމޭ)

