އެންމެ ފަހުގެ ޙަމަލާ – 34

(14 ފެބުރުއަރީ 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

މަހެއްހައި ދުވަސް ފަހުން، ގުނޫޖުގެ ރަސްގެފާނު އޭނާގެ ދަރިކަލުންނާއި ލަޝްކަރުގެ އިސް ވެރީންގެ ޚިޔާނާތުގެ ސަބަބުން ހަނގުރާމައިގެ މައިދާނުގައި ބަލިފުޅު ވެ ޤަތުލު ކުރެވިއްޖެއެވެ. ޙަމަލައިގައި ބައިވެރި ވެވަޑައިގެންނެވި ރަސްރަސްކަލުން ގުނޫޖުގެ އާ ވެރިރަށް ބާރީއަށް ވެރި ވެވަޑައިގަތުމަށް ފަހު ގުނޫޖުގެ ރަސްގެފާނުގެ ދަރިކަލުން ތަރުލޯޗަންޕާލް (ރަސްކަމަށް މި އިސް ކުރެވުނު ތަރުލޯޗަންޕާލަކީ ދޭހިންދުގެ ބަލިފުޅު ވި ރަސްގެފާނު ތަރުލޯޗަންޕާލެއް ނޫނެވެ. އަދި ކީއްތޯއެވެ! ގުނޫޖާއި ބާރީގެ ޝަހެންޝާހުގެ ވަލީޢަހުދެވެ.) ތަޚުތުގައި ވަޑުވައިފިއެވެ.

ގޯޕީޗަންދަށް އޭނާގެ ދަރިކަލުން ގަވާލިޔާރުގެ ލަޝްކަރާ އެކު ވަޑައިގެންނެވި ސިއްރު ހަނގުރާމަ އަކީ މިއީކަން އެނގިވަޑައިގެންފިއެވެ. އެހެންކަމުން އޭނާ ކުރިޔަށް ވުރެ ވެސް ބޭޤަރާރުކަމާ އެކު ރާމްނާތު އެނބުރިވަޑައިގަތުމަށް އިންތިޒާރު ކުރައްވާން ފައްޓަވައިފިއެވެ.

+ + + +

އިރު މެދުން ލަނބައިލި ވަގުތެވެ. ގޯޕީޗަންދުގެ އަވަށުގެ ބަކަރިގޮތްވަކު އޭނާގެ ބަކަރިތައް ހުއިހައްޕާން ކޯރުގެ އައްސޭރީގައި ހުއްޓައި، ފެނުނީ ކަޑަބޮއް ޖަހައިފައި އަސް ދުއްވަމުން އަންނަ އަސްވާރަކު އަންނަތަނެވެ. އަސްވާރު ތަންކޮޅެއް ގާތަށް އައުމުން އޭނާއަށް އެއީ ކާކުކަން އެނގިގެން އޭނާ ދުވެފައި ގޮސް މަގުމެދުގައި ހުއްޓިއްޖެއެވެ. ދެ އަތް މައްޗަށް ނަގައިފައި ހަޅޭއްލަވައިގެންފިއެވެ. "މަޑު ކުރައްވާށެވެ! މަޑު ކުރައްވާށެވެ!"

އަސްވާރު ދެ އަތުން ލަގަނަށް ދަމައި އަސް މަޑު ކުރާން މަސައްކަތް ކުރިއެވެ. ނަމަވެސް ބާރަށް ދުވެފައި އައި އަސް ހުއްޓުނީ އެތައް ގަޒެއް ކުރިޔަށް ދިޔުމަށް ފަހުގައެވެ. ބަކަރިގޮވި ކަލޭގެއަށް ޖެހުނީ އޭނާގެ ފުރާނަ ސަލާމަތް ކުރުމަށް ޓަކައި ދުވެފައި އެއް ފަރާތަށް އަރާށެވެ.

އެއީ ރާމްނާތެވެ. އޭނާ އަސް އަނބުރައިލައްވައިފައި ބަކަރިގޮވި ކަލޭގެއާ ދިމާޔަށް އެނބުރިވަޑައިގަތުމާ އެކު ބަކަރި ހުއިހަތްޕާ މީހާ ދުވެފައި އައިސް ރާމްނާތުގެ އަހުގެ ލަގަނުގައި ހިފަހައްޓަމުން ބުނެފިއެވެ. "ރާމްނާތެވެ! ކަލާކޮށްޓަކައި ދަންނަވަމެވެ. ކުރިޔަށް ވަޑައިނުގެން އަވަހަށް އެނބުރިވަޑައިގަންނަވާށެވެ."

ރާމްނާތު އިރުކޮޅެއް ވާންދެން ޙައިރާންފުޅުކަމުގެ ލޯފުޅަކުން ބަކަރިގޮވި ކަލޭގެއާ ދިމާޔަށް ބައްލަވާން އިންނެވިއެވެ. އިރުކޮޅަކުން އޭނާ ހިތްވަރު ކުރައްވައިފައި ވިދާޅުވިއެވެ. "ބޭބޭއެވެ! އެއީ ކީއްވެގެން ހެއްޔެވެ؟ ވެގެން އުޅެނީ ކީއްހެއްޔެވެ؟"

ބަކަރިގޮވި ކަލޭގެ ބެދިފައި ވާ އަޑަކުން ބުނެފިއެވެ. "ސޫމްނާތުގެ އަޅުވެރީން މި އަވަށަށް އައިސްގެން އެބައުޅެއެވެ. އެމީހުން ..."

"ކަލާކޮށްޓަކައި އަވަހަށް ބުނާށެވެ!"

"އެބައިމީހުން ކަލާގެ ބައްޕަ ހައްޔަރު ކޮށްފިއެވެ."

"ކަލޭ ތިޔަ ކިޔަނީ ކީކޭހެއްޔެވެ؟"

"އަޅުގަނޑު މި ދަންނަވަނީ ދޮގެއް ނޫނެވެ. ސޫމްނާތުގެ އަޅުވެރީން އައީ ގޮއި ނަގާން ވެގެންނެވެ. އެބައިމީހުން ކަލާގެ ބައްޕަގެ ހުރިހައި އެއްޗެތިކޮޅުތަކެއް ނީލަން ކިޔައިފައި، ގެ އަންދައިލައިފިއެވެ. ކަލާގެ ބައްޕަ ކޯފާ އިސް ވެގެން އަޅުވެރިއެއްގެ ކަރުގައި ހިއްޕެވުމުން، ސިފައިން އޭނާ ބަނދެލައިފިއެވެ. މެންދުރުއްސުރެ އޭނާގެ ގައިކޮޅުގައި ތަޅަނީއެވެ. މިހާރު އެތައް ފަހަރަކު އޭނާ ހޭފުޅު ނެތިއްޖެއެވެ. ހޭފުޅު އަރާ ކޮންމެ ފަހަރަކުމެ ފައްޓަވަނީ ސޫމްނާތުގެ ޕަރައުހަތަށާއި އަޅުވެރީންނަށް އެއްޗެހި ވިދާޅުވާށެވެ. ކަލާކޮށްޓަކައެވެ! ކަލާ އެތަނަށް ވަޑައިނުގަންނަވާށެވެ. އެބައިމީހުންނާ އެކު ފުރިހަމަ ލަޝްކަރެއް އެބައޮތެވެ."

ރާމްނާތުގެ ކެތްތެރިކަން ކޮޅުން ލައިފިއެވެ. އޭނާ އެއްވެސް އެއްޗެކޭ ވިދާޅުވުމެއް ނެތި އަހުގެ ލަގަން ދަންމަވައިގެންފައި އަހުގެ ކޮލީގައި ފައިންޕުޅުން ޖައްސަވައިފިއެވެ. އަސް ފަހަތު ދެ މޮއްގަނޑުގެ މައްޗަށް ކޮޅަށް ތެދުވެއްޖެއެވެ. ބަކަރިގޮވި ކަލޭގެ ބިރުން ލަގަން ދޫ ކޮށްލައިފިއެވެ.

ގޯޕީޗަންދު އޮންނެވީ އެ އަވަށު އަވަށުވެރިގޭގެ ކުރިމަތީގައި ހާމަ ތަނެއްގައި ބަންޑުންނެވެ. ސިފައިންގެ މީހެއް އެއްތެލުގެ އަސައެއް ހިފައިގެން އޭނާގެ އިސްތަށިފުޅާ ދިމާގައި ހުއްޓެވެ. އަޅުވެރީންގެ ދެ މީހުން ފަތްޖެހި ދެ އެނދުގައި އިށީނދެލައިގެން ތިއްބެވެ. ހަތިޔާރު އެޅި ސާޅީސް މީހުން އެ ދެ މީހުންގެ ވަށައިގެން އިށީނދެގެން ތިއްބެވެ. އަޅުވެރީންގެ މީހަކު ތެދު ވެގެން ގޯޕީޗަންދުގެ އަރިހަށް ގޮސް އޭނާގެ ފައިން ގޯޕީޗަންދުގެ ގައިކޮޅުގައި ދެތިން އެތިފަހަރު އެޅުމަށް ފަހު ގުދު ވެ އޭނާގެ ވިންދު ބަލައިލައިފައި ބުނެފިއެވެ. "މީނާ މަރު ވެއްޖެއެވެ."

އަވަށުގެ މީހުން އެހައި އިރު ވާންދެން ތިބީ ހިމޭނުންނެވެ. ނަމަވެސް ގޯޕީޗަންދު އަވަހާރަ ވި ވާހަކަ އަޑު އިވުމުން ސިއްރުސިއްރުން އެކަކު އަނެކަކާ ވާހަކަ ދައްކާން ފަށައިފިއެވެ. ބައެއް މީހުން ބިރުން ތިބެ ގޯޕީޗަންދުގެ ހަށިކޮޅާ ދިމާޔަށް ދާން ފަށައިފިއެވެ. އަޅުވެރީން ކުރެ އެކަކު ގުގުރައިގެންފައި ބުންޏެވެ. "ކުރިޔަށް ނާންނާށެވެ! އިހަށް ވެސް ތިބި ތާނ ތިބޭށެވެ."

އެންމެން ސިހިގެން ފަހަތަށް ޖެހޭން ފަށައިފިއެވެ. ނަމަވެސް ޢުމުރުން ދުވަސް ވެފައި ހުރި ދަނޑުވެރިޔެއް ހިތްވަރު ކޮށްލައިފައި ބުނެފިއެވެ. "މާތް ސާހިބާއެވެ! މިހާރު އިރު އޮއްސެނީއެވެ. މަނިކުފާނު ހުއްދަ ދެއްވައިފި ކަމުގައި ވާނަމަ، އިރު އޮއްސުމުގެ ކުރީން އަޅުގަނޑުމެން މި މައްޔިތާގެ ޖަނާޒާގެ ކަންތައް ނިންމާން ކަމަށެވެ."

"މީނާ މިތާނ އޮތަދޭށެވެ. މި ހިސާބުގަނޑުގެ ހުރިހައި އެންމެންނަށް ފެންނާންދެން މީނާ އޮންނާނީ މިތާނގައެވެ."

މުސްކުޅިޔާ އެއްވެސް ޖަވާބެއް ނުދީ ފަހަތަށް ޖެހިއްޖެއެވެ. އަވަށުގެ މީހުން އެކަކަށް ފަހު އަނެކަކު މަޑުމަޑުން ގެއަށް ދާން ފަށައިފިއެވެ. ސިފައިންގެ މީހުން ވެސް މީސްމީހުންގެ ދަނޑުތަކުގައި ގޮވާން ގަސްތައް ކާން ދޫ ކޮށްލައިފައި ތިބި އަސްތަކާއި އެތްތައް ބަލައި ދާން ފަށައިފިއެވެ. އިރުކޮޅެއްގެ ފަހުން އަޅުވެރީންގެ ދެ މީހުންގެ ގާތުގައި ތިބީ އެބައިމީހުންގެ ސިފައިންގެ ތެރެއިން އަށް މީހުންނާއި އަވަށުގެ ވިއްސަކަށް ފަނަރަވަރަކަށް މީހުންނެވެ.

ރާމްނާތު އަވަށުވެރިގޭގެ ކައިރިއަށް ވަޑައިގެން އޭނާގެ އަސް މަޑު ކުރައްވައިފިއެވެ. އެ އަވަށުގެ މީހުން "ރާމްނާތު ވަޑައިގެންފިއެވެ! ރާމްނާތު ވަޑައިގެންފިއެވެ!" ގޮވާން ފަށައިފިއެވެ. އޭނާ އަހުން ފުންމައިލައްވައިފައި އެކި ފަރާތްފަރާތް ބައްލަވައިލެއްވިއެވެ. ދުވެވަޑައިގެން އޭނާގެ ބައްޕަގެ ހަށިކޮޅުގެ ކައިރިއަށް ވަޑައިގެންފިއެވެ. ރާމްނާތުގެ އަހާއި އޭނާގެ ހެދުންކޮޅުން، ސިފައިންނާއި އަޅުވެރީންގެ ހިތަށް ހައިބަތު ވެރި ވިއެވެ. އަވަށުގެ ޒުވާނަކު އޭނާގެ އަހުގެ ލަގަނުގައި ހިފަހައްޓައިފިއެވެ. ރާމްނާތު "ބައްޕާއެވެ! ބައްޕާއެވެ!" ވިދާޅުވަމުން ވަޑައިގެން އޭނާގެ ބައްޕާފުޅުގެ ފުރާނަފުޅު ނެތް ހަށިކޮޅު އުނގުފުޅަށް ލައްވައިގެން ބިންމަތީގައި އިށީނދެވަޑައިގެންފިއެވެ.

"މިއީ ކާކުހެއްޔެވެ؟" އަޅުވެރީންގެ ދެ މީހުން ކުރެ އެކަކު އޭނާ އިން އެނދުން ތެދު ވެގެން ރާމްނާތާ ދިމާޔަށް ހިނގައިގަންނަމުން އަވަށުގެ މީހުންނާ ސުވާލު ކުރިއެވެ. ނަމަވެސް އަވަށުގެ މީހުން ޙައިރާންކަމާ އެކު ކަންބޮޑުވެފައި ތިބެ އެކަކު އަނެކަކާ ދިމާޔަށް ބަލާން ފެށުމުން، އަޅުވެރިޔާ ރާމްނާތުގެ އަރިހަށް ގޮސް ސުވާލު ކުރިއެވެ. "ކަލެޔަކީ ކާކުހެއްޔެވެ؟"

ރާމްނާތު އިސް އުފުއްލަވައިލައްވައިފައި އަޅުވެރިޔާއާ ދިމާޔަށް ބައްލަވައިލެއްވިއެވެ. ނަމަވެސް އޭނާ ޖަވާބު ދެއްވުމުގެ ބަދަލުގައި އޭނާގެ ތުރުތުރު އަޅަމުންދާ ތުންފަތްޕުޅުގައި ދަތްޕުޅު އަޅުއްވައިލެއްވިއެވެ.

އަޅުވެރިޔާ ދެވަނަ ފަހަރަށް ގުގުރައިގެންފައި އޭނާގެ ސުވާލު ތަކުރާރު ކުރުމުން، ރާމްނާތު ބައްޕާފުޅުގެ ހަށިކޮޅު ބިންމަތީގައި ބާއްވަވައިފައި ތެދު ވެވަޑައިގެންފިއެވެ. އޭނާ ތުރުތުރު އަޅާ އަޑުފުޅަކުން ވިދާޅުވިއެވެ. "މީނާގެ ގައިކޮޅުގައި ތެޅީ ކާކުހެއްޔެވެ؟"

ރާމްނާތުގެ ލޯފުޅުން ބުރަމުންދާ އަލިފާންކަނިތައް ފެނުމުން އަޅުވެރިޔާ ޖެހިލުން ވާގޮތް ވިއެވެ. ނަމަވެސް އޭނާ ހަމަޖެހިލައިފައި ބުންޏެވެ. "ކަލެޔަށް ތިޔަ ސުވާލުގެ ޖަވާބު ހަމަ މިހާރު ލިބިދާނެއެވެ. ނަމަވެސް އިހަށް ބުނެބަލާށެވެ! ކަލެޔަށް މި ނަޖިސް މީހާއާ މެދު ހަމްދަރުދީ ވާން ކެރުނީ ކީއްވެގެން ހެއްޔެވެ؟"

"ނަޖިސް މީހަކީ ކަލެއެވެ." ރާމްނާތު މިހެން ވިދާޅުވުމާ އެކު އޭނާގެ މުލައްދަނޑިފުޅުގައި ހުރި ފުރިހަމަ ބާރުފުޅުގައި އަޅުވެރިޔާގެ މޫނުމަތީގައި ތަފާލެއް ޖައްސަވައިފިއެވެ. ފަލަފަލަ އަޅުވެރިކަލޭގެ ތުރުތުރު އަޅައިގެންފައި އިދިފުށަށް ވެއްޓިއްޖެއެވެ. އޭނާ ވެއްޓުމާ އެކު އެތާނގައި އިށީނދެލައިގެން ތިބި ހަތިޔާރު އެޅި ސިފައިންގެ އަށް މީހުން ތެދުވެއްޖެއެވެ. "އަތުލާށެވެ. މަރައިލާށެވެ." ގޮވަމުން ކައިރިޔަށް އަންނާން ފަށައިފިއެވެ. އެހައިތަނަށް ދިޔަ އިރު ރާމްނާތު އޭނާގެ ކަނޑިކޮޅު އުރައިން ދަންމަވައިގެންފިއެވެ.

ސޫމްނާތުގެ ސިފައިން މިހައިތަނަށް އެބައިމީހުންގެ މުލައްދަނޑީގެ ބާރުގެ އަޖުމަ ބަލައިފައި ވަނީ އެބައިމީހުންގެ ކުރިމަތީގައި ދެ އަތް ޖޯޑު ކުރާ މީހުންނާ މެދުގައެވެ. މިއީ އެބައިމީހުންގެ ދަބަރު ޖަހައިފައި ހުރި ކަނޑިތަކުގެ ޖަވާބުގައި ވިދަވިދައި ހުރި ރަހަފޮދެއް ކަހަލަ ތޫނު ކަނޑިއެއް އެބައިމީހުން ދުށް އެންމެ ފުރަތަމަ ފަހަރެވެ. ރާމްނާތު ދިފާޢު ވެވަޑައިގަންނަވާން ފަހަތަށް ޖެހިވަޑައިގަތުމުގެ ބަދަލުގައި ޙަމަލަ ދެއްވާން ތައްޔާރު ވެވަޑައިގެން ހުންނެވިތަން ފެނުމުން ސިފައިންގެ މީހުން ތަންކޮޅެއް ދުރުގައި ހުއްޓިއްޖެއެވެ. އެކަކު އަނެކެއްގެ މޫނު ބަލާން ފަށައިފިއެވެ.

އަޅުވެރީންގެ ދެވަނަ މީހާ ހަޅޭއްލަވައިގަތެވެ. "ފިނޑީންނޭވެ! ތިޔަ ތިބީ ކޮން އެއްޗެއް ބަލާންހެއްޔެވެ؟"

ސިފައިން ހިތާ ދެކޮޅަށް ތިބެ ކުރިޔަށް ޖެހި ރާމްނާތު ވަށައިލެވޭތޯ އުޅޭން ފަށައިފިއެވެ. ނަމަވެސް ރާމްނާތު އޭނާގެ އެންމެ ފުރަތަމަ ޙަމަލައިގައި ސިފައިންގެ ދެ މީހުން އެކަކަށް ފަހު އަނެކަކު ޤަތުލު ކުރައްވައިފިއެވެ. ތިންވަނަ މީހާ ބިރުން ފަސްފަހަތަށް އެނބުރި ފިލާން ދުއްވައިގެންފިއެވެ. ނަމަވެސް ވެއްޓިފައި އޮތް އަޅުވެރިޔާގެ ގައިގައި އޭނާގެ ފައި އަޅައިގެންފިއެވެ. އޭނާ ވެސް އުއްޑުން ވެއްޓިއްޖެއެވެ. އޭނާ ތެދުވާން އުޅުނެވެ. ނަމަވެސް ރާމްނާތުގެ އެތިފަހަރު އެރީ އޭނާގެ ބޮލަށެވެ. އޭނާއަށް ދެވަނަ ފަހަރަކު ޙަރަކާތެއް ނުކުރެވުނެވެ. ދެން ތިބި ސިފައިން އެކި ދިމަދިމާޔަށް ދުވަމުން އެބައިމީހުންގެ އެކުވެރީންނަށް ގޮވާން ފަށައިފިއެވެ. އޭރު އެބައިމީހުން އުޅެނީ ދަނޑުތަކުގައި ތިބި އެބައިމީހުންގެ އެތްތަކާއި އަސްތައް އެއްތަން ކުރެވޭތޯއެވެ.

އަޅުވެރީންގެ ދެން ހުރި މީހާ ބިރުން ދުވެފައި ގޮސް އެތާނގައި ހުރި ގަހަކަށް އެރޭތޯ އުޅޭން ފަށައިފިއެވެ. އޭރު އަވަށުގެ މީހުން ހަޅޭއްލަވައެވެ. "ރާމްނާތެވެ! އަވަހަށް ފިލައިވަޑައިގަންނަވާށެވެ! ސިފައިން މިހާރު ވީ ދަނޑުތަކަށް، އެބައިމީހުންގެ އެތްތަކާއި އަސްތައް ބަލައި ގޮހެވެ. އެބައިމީހުން މިހާރު އަންނާނެއެވެ. އަވަސް ކުރައްވާށެވެ!"

ނަމަވެސް ރާމްނާތު މިހާރު ވެއްޓިފައި އޮތް އަޅުވެރިޔާއާ ދިމާޔަށް އެނބުރިވަޑައިގެންފިއެވެ. އޭނާގެ ކަނޑިކޮޅުގެ ތުނޑު ވަނީ އަޅުވެރިޔާގެ މޭގައި ޖެހިފައެވެ. އަޅުވެރިޔާ ދެ އަތް ޖޯޑު ކޮށްފައި ހަޅޭއްލަވައެވެ. "މަޢާފު ކުރައްވާށެވެ! ސާހިބާއެވެ! އަޅުގަނޑަކީ ސޫމްނާތުގެ އަޅުވެރިޔަކީމެވެ. ސާހިބާއެވެ! މާތް ސާހިބާއެވެ!"

ރާމްނާތު އޭނާގެ މޫނުމަތީގައި ފައިންޕުޅުން ވަރުގަދަ ބޮނޑިއެއް އަޅުއްވައިފައި ވިދާޅުވިއެވެ. "ގޮތްކުޑަ ފިނޑިޔާއެވެ! މިއީ އަހަރެންގެ ބައްޕައެވެ."

އަވަށުގެ މީހުންތައް ދުވެފައި އައިސް އަޅުވެރިޔާ ސަލާމަތް ވޭތޯ ބެލިއެވެ. ނަމަވެސް ރާމްނާތުގެ ކަނޑިކޮޅު އޭނާގެ މޭ ފޫ ވައްޓައިލައިފިއެވެ. ރާމްނާތު ދުވެވަޑައިގެންފައި ވަޑައިގެން އޭނާގެ އަހަށް ސަވާރު ވެވަޑައިގެންފިއެވެ. ކުޑަ އިރުކޮޅެއްގެ ފަހުން އަޅުވެރީންގެ ސިފައިން ރާމްނާތު ހޯދާން ނުކުތް އިރު، އޭނާ ދެ ކޯހެއްހައި ދުރުން ރޭގަނޑުގެ އަނދިރިކަމުގެ ތެރޭގައި ޙިމާޔަތް ހޯއްދަވައިފިއެވެ.

ނަމަވެސް އެ ޙާދިސާއަށް ފަހު، އަލަށް އައިސް ބައްދަލު ކުރާ ކޮންމެ ފަތިހެއްގެ އަލިކަން އޭނާއަށް ގެނެސްދެނީ، މަރު ހިޔަންޏެކޭ އެއްގޮތަށް އޭނާގެ ފަހަތްޕުޅުން އަޅައިގެންފައި ވާކަމުގެ މެސެޖެވެ. ދޭވަތާއިންގެ ބިމުގައި ސޫމްނާތުގެ އަޅުވެރިއެއްގެ ޤާތިލަކަށް އެއްވެސް ޖާގައެއް ނެތްކަމުގެ މެސެޖެވެ.

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.