އަންދަލުސްގެ ބާޒު – 70

(18 ފެބުރުއަރީ 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

[އޭގެ ފަހުން އަޅުގަނޑު މުޅި ދުވަސް ހޭދަކުރީ ރާ ބުއިމުގައެވެ. އެޔަށް ފަހު އަޅުގަނޑު އަބަދުވެސް ހުންނަނީ ރާގެ މަސްތުގައި ހޭކުޑައިވެފައެވެ. އެއީ އަޅުގަނޑުގެ ކިބައިން ފިލައިގެން ނުދިޔަ ބައްޔަކަށް ވެއްޖެއެވެ. ފުރަތަމަ ފަހަރަށް އެންޖެލާ ފެނުމާއެކު އަޅުގަނޑުގެ ހަނދާނަށް އައީ މި ދެންނެވުނު އަންހެންކުއްޖާއެވެ. އަޅުގަނޑު މިހައިތަނަށް ކުޅަ ހުރިހައި ކަމެއްގެ ޒިންމާ އުފުލަން ޖެހޭ މީހަކީ އެ ކުއްޖާއެވެ. މީގެ ފަހުން އަޅުގަނޑު ކުރާ ކޮންމެ ކަމެއްގެ ޒިންމާ އުފުލަން ޖެހޭނީ އެންޖެލާއަށެވެ. އަޅުގަނޑު މިއަދު މި އައީ މި ކަންތައް ވަކި ގޮތަކަށް ނިންމާށެވެ. އެންޖެލާއެވެ. މިއަދު ކަލެއަށް ޖެހޭނީ އަހަރެންގެ ސުވާލަށް ޖަވާބެއް ދޭށެވެ. އެ ސުވާލަކީ އަހަންނާ އިންނާން ރުހެމު ހެއްޔެވެ؟ ނުވަތަ ނޫން ހެއްޔެވެ؟]

އެންޖެލާގެ ލޮލުން ކަރުނަ ފައިބާން ފަށައިފިއެވެ. އޭނާއަށް ތަސައްވަރު ކުރެވެމުން ދަނީ އަނިޔާ ލިބެމުން ދިޔަ ނިކަމެތި އަންހެން ކުއްޖަކު އެންމެ ފަހުން މަރުވީ ގޮތެވެ. އެ ކުއްޖާގެ އަޑު އޭނާއަށް އިވޭ ކަހަލައެވެ. ޖޯން މައިކަލްގެ ސުވާލާއެކު އޭނާ ސިހިގެން ދިޔައެވެ. [އަހަރެންގެ ޖަވާބަކީ ކޮބައިކަން ކަލެއަށް އެނގޭނެއެވެ.] އޭނާ ކޮޅަށް ތެދުވެއްޖެއެވެ.

ޖޯން މައިކަލް ހަޅޭއް ލަވައިގަތެވެ. [ކަލޭގެ ޖަވާބަކީވެސް އެ އަންހެން ކުއްޖާގެ ޖަވާބު ކަމުގައި ވަނީނަމަ އަޑު އަހާށެވެ. ވަސް ބެލުމުގެ އިޚްތިޔާރު އަހަންނަށް ނޯންނަ މަލެއް އަހަރެންގެ މި އަތުން ޗިސްކޮށްލުމަކީ މިހާރު އަހަރެންގެ އާދައަކަށް ވެފައިވާ ކަމެކެވެ.]

އެންޖެލާ ބުންޏެވެ. [ކަލޭ ބޭނުންވީ އެ އަންހެންކުއްޖާގެ އިއްފަތްތެރިކަން ނަގައިލާށެވެ. އަހަރެން ގާތު ތިޔަ އެދެނީ އިންނާށެވެ. ފެރްނާންދޯގެ ނައިޓަށް އަދި ފައްޅީގެ ހިތްވަރުގަދަ ކަމަށް ބުނާ ކަލޭގެއަށް އަހަރެންގެ ޖަވާބަކަށް އޮތީ، އަހަރެންގެ ކުރިމަތީގައި ކަލޭގެ ހައިސިއްޔަތަކީ ލޯޝާގެ މަގުމަތީގައި އެނބުރޭ އެއްވެސް އަގެއް ނެތް ސަލާންޖަހާ މީހެއްގެ ހައިސިއްޔަތެވެ. އެ އަންހެންކުއްޖާއަށްޓަކައި ކަލޭ ވެގެން ދިޔައީ ހައިވެފައި އޮތް މިނިކާ ޖަނަވާރަކަށެވެ. އަހަރެންގެ ކުރިމަތީގައި ކަލެއަކީ މޮޔަވެފައި އޮތް ކުއްތާއެކެވެ. މިހާރުވެސް އަދި ފަހުންވެސް ކަލޭ ވާނީ ނަފުރަތުކުރަން ޖެހޭ މީހަކަށެވެ.]

[އެންޖެލާއެވެ.] ބިޝޮޕާއި މާރިޔާއާ ދެ މީހުންނަށް އެއްފަހަރާ ގޮވައިލެވުނެވެ. އެކަމަކު އޭނާ އެ ދެ މީހުންނަކަށް ސަމާލުކަމެއް ނުދެއެވެ. [ކަލެއަކީ އިންސާނިއްޔަތުގެ ފަސްބައިގައި ޖެހިފައިވާ ކަޅު ލައްގަނޑެކެވެ. ކަލޭ އަހަންނަށް އިންޒާރު ކުރަނީ ހެއްޔެވެ؟ ﷲ ގެ އެހީތެރިކަން އަހަންނާއެކު ވާހައި ހިނދަކު ކަލެއަކަށް އަހަރެންގެ ގިރާ އިސްތަށްޓެއްގައިވެސް އަތެއް ނުލެވޭނެއެވެ. ކަލޭ ތިޔަވަނީ ފެންވަރު ރަނގަޅު އެތައް ފައްޅިއެއް ބިނާ ކޮށްފައިވާ ބިމަށް ކުށެއް ނެތް އެތައް ބައެއްގެ ލޭ އޮހޮރުވައިފައެވެ. މި އިމާރާތްތައް ބިމާ ހަމަވެ، ވެއްޔަށް ވެގެން ހިނގައިދާނެއެވެ. އަންނާން އޮތް ނަސްލަކަށް އެ ބިނާތަކުގެ ލިސާނެއްވެސް ނުފެންނާނެއެވެ. އެކަމަކު ވަގުތުގެ އަތުން ނައްތައިނުލެވޭނޭ އެއްޗެއް އެބައޮތެވެ. އެއީ ކަލޭމެންގެ ފަރާތުން އަނިޔާ ލިބުނު މީހުންގެ ލެއިން ލިޔެފައިވާ ތާރީޚެވެ.]

އެންޖެލާ ބިޝޮޕާ ދިމާއަށް ބަލައިލިއެވެ. [ދެން ހުރީ ކަލެއެވެ. ކަލޭ ތިޔަ ގެންދަނީ މަރިޔަމްގެފާނުގެ ބުދެއް ހަދައިގެން އެޔަށް އަޅުކަން ކުރަމުންނެވެ. ކަލޭގެ ސިފައިން ލައްވައި މައުސޫމު އަންހެން ކުދިންގެ އަބުރުނަގައިލުމާއި ގަތުލުކުރުމަކީ މަރިޔަމްގެފާނުގެ ދަރިކަލުންގެ ދީނަށް ކުރެވޭ ވަރަށް ބޮޑު ޚިދުމަތެއް ކަމުގައި ކަލޭ ދެކެނީ ހެއްޔެވެ؟ ކަލޭ އަޅުކަން ކުރަނީ ސަލީބަށެވެ. އަހަރެންގެ ސުވާލަށް ޖަވާބެއް ދީބަލާށެވެ. އަންދަލުސްގެ ރަށްތަކުގައި ދުވާލަކު ކިތައް އަންހެންކުދިން ކަލޭމެން އެބަ ދަންޖައްސަމު ހެއްޔެވެ؟]

ބިޝޮޕް ތެދުވެއްޖެއެވެ. [މި މަންޖެ މަގުފުރެދިއްޖެއެވެ. މީނާގެ ދައްތަ މިވަނީ މީނާގެ މައްޗަށް ވަރަށް ވަރުގަދަ ސިހުރެއް ހަދައިފައެވެ. މީނާއަކަށް ކިޔޭ ނުކިޔޭ އެއްޗެއް ނޭނގެއެވެ. މައިކަލްއެވެ. އަވަހަށް މިތަނުން ދަމާ ބަހީއެވެ.]

[ނޫނެކެވެ. އަހަރެން ދާނީ މިކަންތައް ވަކި ގޮތަކަށް ނިންމައިގެންނެވެ.] އޭނާ މިހާރު ވަނީ ރާ ބޮމުން ގޮސް ހޭބަލިވާ ހިސާބަށް ގޮސްފައެވެ. އޭނާ ތެދުވެގެން އެންޖެލާއާ ދިމާއަށް ހިނގައިގެންފިއެވެ. އެންޖެލާ މޭޒުމަތީގައި ހުރި މާޖަހާ އުނބުގަޑެއް ނަގައިގެން ދުރަށް ޖެހިލައިފިއެވެ. މާރިޔާ ވަރަށް ބާރަށް ގޮވައިލުމާއެކު އޭނާގެ ހަބުޝީ ނޯކަރަކު ދުވެފައި އެތަނަށް އަތުވެއްޖެއެވެ. އޭރު ޖޯން މައިކަލް އެންޖެލާއާ އަރައި ހަމަކޮށްފިއެވެ. އެންޖެލާ ލެވުނުހައި ބާރެއް ލައިފައި އުނބުގަނޑުން ޖޯން މައިކަލްގެ ބޮލުގައި ޖަހައިފިއެވެ. އޭރު އޭނާ ހުރީ މީހަކު އިނގިލިކުރި ޖައްސައިލިޔަސް ވެއްޓޭވަރު ވެފައެވެ. އެންޖެލާގެ އެތިފަހަރުގެ ސަބަބުން އޭނާއަށް ކޮޅަށް ހުރެވޭ ވަރެއް ނުވިއެވެ.

އޭނާ ވެއްޓުމާއެކު ބިޝޮޕް ހަބުޝީ ނޯކަރާ ދިމާއަށް ބުނެފިއެވެ. [މީނާ ނަގައިގަނެގެން ގެންގޮސް ކޮޓަރިއަށް ލާށެވެ. މީނާގެ ނޯކަރުން ސުވާލުކޮށްފިއްޔާ ރާ ބޮއި އަމަލުވެފައި ހުރި ވަރު ބޮޑުކަމުން ވެއްޓުނިއްޔޭ ބުނާށެވެ.]

ނޯކަރު ޖޯން މައިކަލް ނަގައި ކޮނޑަށް ލައިގެން ނުކުމެގެން ހިނގައްޖެއެވެ.

ބިޝޮޕް އެންޖެލާއާ ދިމާއަށް ބަލައިލައިފައި ބުންޏެވެ. [އެންޖެލާއެވެ. މިތަނަށް އަންނާން ޖޯން މައިކަލަށް ދައުވަތު ދިނީ އަހަންނެވެ. އެޔަކު ކަނބުލޮގެ މަންމަގެ އެއްވެސް ކުށެއް ނެތެވެ. ކަނބުލޮގެ ދައްތަ، ކަނބުލޮ މަގުފުރެއްދީއޭ ބުނެވުނީ މުޅިއަކުން ރަނގަޅަކަށް ނޫނެވެ. ދެންމެ ތިޔަ ދެއްކި ވާހަކަތައް ކަނބުލޮއަށް ދަސްކޮށްދިނީ ދައްތަ ކަމުގައި ވަނީވިއްޔާ އަދިވެސް ދަސްކުރާން ޖެހޭ ލައްކަ ކަންތައް އެބަހުއްޓެވެ. އަހަރެން ހީކޮށްގެން ހުރީ ޖޯން މައިކަލް އިސްލާހު ކުރެވިދާނޭ ކަމުގައެވެ. އެކަމަކު އެއީ ކުރެވޭނޭ ކަމެއް ނޫންކަން މިހާރު އެނގިއްޖެއެވެ. ކަނބުލޮ އޭނާޔާ ވީހައިވެސް ދުރެއްގައި އުޅެވޭތޯ ބަލާށެވެ. މާދަމާ އަހަރެން މަގާމުން އިސްތިއުފާ ދޭނަމެވެ. ބިޝޮޕެއްގެ ހައިސިއްޔަތުން ފައްޅިތަކަށް މާ ބޮޑު ޚިދުމަތެއް ނުކުރެވޭނޭކަން އަހަންނަށް އިހުސާސް ކުރެވިއްޖެއެވެ. އަހަރެންގެ ޒަމީރަށް އޮތީ ލޮޅުމެއް އަރަން ޖެހިފައެވެ. ކޮއްޕައިލުމެއްގެ ބޭނުން ޖެހިފައެވެ. ނިދިޖެހިފައި ހުރި އިންސާނަކު ހޭލައްވައިދިނީތީ ކަނބުލޮއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަމެވެ. މާރިޔާއެވެ. ފިރިމީހާއަށް އަވަހަށް ސިޓީއެއް ފޮނުވާށެވެ. އެނބުރި މިތަނަށް އަންނާށޭ ބުނާށެވެ. އަވަހަށް އާދެވެން ނެތިއްޔާ ތިމަންމެން ގެންދާށޭ ލިޔާށެވެ.]

ކުށާއި ކުށުގެ އަދަބު

(1)

ވިދިގެން އައި ދުވަހު ޖޯން މައިކަލްގެ ޚާދިމާއަކު އައިސް މާރިޔާގެ އަތަށް ސިޓީއެއް ދީފިއެވެ. އެއީ ޖޯން މައިކަލް ލިޔެފައިވާ ސިޓީއެއްކަމަށް ގަބޫލުކުރާން އޭނާއަށް ދަތިވެއްޖެއެވެ. [މިއީ ހަމަ ހަގީގަތުގައިވެސް އޭނާ ލިޔުނު ސިޓީއެއް ހެއްޔެވެ؟] ޚާދިމާ މަރިޔަމްގެފާނު ގަންދީ ހުވައި ކޮށްފައި އާނއެކޭ ބުނެފިއެވެ.

ޖޯން މައިކަލް ވަނީ ނުލާހިކު ނިޔަނެތިކަމާއި މަޑުމައިތިރިކަމާއެކު އޭނާގެ ކުށަށް މައާފަށް އެދިފައެވެ. ސިޓީގައި ލިޔެފައި އޮތެވެ. [އަޅުގަނޑަށް ކަންތައް ކުރެވުނު ގޮތާމެދު އިންތިހާ ދަރަޖައަށް ދެރަވެއްޖައީމެވެ. އަޅުގަނޑު މިހިރީ ވަރަށް ބޮޑަށް ލަދުގެންފައެވެ. އަޅުގަނޑު ރޭ ހުރީ ރާ ބޮއިގެން އަމަލުވެފައިކަން ކަމަނާއަށް އެނގިވަޑައިގަންނަވާނެއެވެ. އެހެންވީމާ މި ސިޓީ ވިދާޅުވެފައި އަޅުގަނޑަށް މައާފު ކުރައްވާނޭ ކަމަށް އުއްމީދުކުރަމެވެ. ރާ ބޮއިގެން ހުރެ މީގެ ފަހުން ކަމަނާގެ ގަނޑުވަރަށް ނުވަންނާނޭ ކަމަށް އަޅުގަނޑު ވައުދުވަމެވެ. އަޅުގަނޑުގެ އަޚްލާގާއި ސުލޫކަށް ހެޔޮ ބަދަލުތަކެއް އަތުވެއްޖެ ކަމަށް އެންޖެލާގެ ދުލުން ސީދާ ނުބުނާހައި ހިނދަކު އޭނާޔާ ވާހަކަދައްކާކަށްވެސް އަޅުގަނޑެއް ނޫޅޭނަމެވެ. އެފަދަ ވަގުތެއްގެ އިންތިޒާރުގައި އަޅުގަނޑު ހަމަހިމޭންކަމާއެކު ހުންނާނަމެވެ. އަޅުގަނޑަކީ އިންސާނެއް ކަމަށް ގަބޫލުކުރަން އޭނާއަށް މަޖުބޫރުވާންދެން އަޅުގަނޑު ކެތްކުރާނަމެވެ. ރޭގެ ކަންތައްގަނޑަށް ފަހު ކަމަނާގެ ގަނޑުވަރުގެ ދޮރުކޮޅުތައް އަޅުގަނޑަށްޓަކައި ބަންދުވެއްޖެކަން ދެނަހުރީމެވެ. އެކަމަކު ގަބޫލުފުޅު ކުރައްވާށެވެ. ކަމަނާގެ ފަރާތްޕުޅުން ދައުވަތެއް ނުލިބޭހައި ހިނދަކު އަޅުގަނޑު ތިޔަ ގަނޑުވަރުގެ ދޮރުކޮޅެއްގައި ޓަކި ޖަހާކަށް ނުދާނަމެވެ.]

އެ ސިޓީ ލިބުމުގެ ކުޑައިރުކޮޅެއް ކުރީން މާރިޔާ އޭނާގެ ފިރިމީހާއަށް ވަރަށް ދިގު ސިޓީއެއް ލިޔެފިއެވެ. އެކަމަކު ޖޯން މައިކަލްގެ ސިޓީ ލިބުނީމާ އެ ސިޓީ ފޮނުވުމުގެ ޚިޔާލު މުޅީން ދޫކޮށްލައިފިއެވެ.

ޖޯން މައިކަލްގެ ސިޓީއަށް ދޭނޭ ޖަވާބަކާމެދު ވިސްނާން އިންދައި ޚާދިމާއަކު އައިސް ބިޝޮޕް އައިސް ހުރި ވާހަކަ ބުނެފިއެވެ. އޭނާ ބައްދަލުކުރާ ކޮޓަރިއަށް ވަދެ ރަސްމީ ދެތިން ވާހަކައެއް ދައްކައިލީމާ ބިޝޮޕް ބުނެފިއެވެ. [އަހަންނަށް މީގެ ކުޑަ އިރުކޮޅެއް ކުރީން ޖޯން މައިކަލްގެ ސިޓީއެއް ލިބިއްޖެއެވެ. ރޭ ހުރީ މާ ބޮޑަށް މަސްތުވެފައޭ އެކަމާ ވަރަށް ބޮޑަށް ހިތާމަކޮށް މައާފަށް އެދެމޭ ލިޔެފައި އޮތެވެ. ދެން އޭނާ އެދިފައި އޮތީ އަހަރެން އައިސް މާރިޔާގެ ކިބައިން މައާފަށް އެދޭ ވާހަކަ ބުނެދޭށެވެ.]

[އޭނާ އަޅުގަނޑަށްވެސް ސިޓީއެއް ފޮނުވައިފިއެވެ. ވިދާޅުވެލައްވާށެވެ.]

ބިޝޮޕް ސިޓީ އަތުލައިގެން މަތިމަތީން ބަލައިލުމަށް ފަހު ބުންޏެވެ. [އަހަންނަށް ފޮނުވި ސިޓީގައިވެސް ހުރީ މި ކަހަލަ ވާހަކަތަކެކެވެ. އަހަރެން މި އައީ އަދި އެހެން ވާހަކައެއްވެސް އަހައިލާން ވެގެންނެވެ. ފިރިމީހާއަށް ސިޓީއެއް ފޮނުވާށޭ ރޭ އަހަރެން ބުނީމެއް ނޫން ހެއްޔެވެ؟ އެ ސިޓީ މިހާރު ފޮނުވީ ހެއްޔެވެ؟]

[ނޫނެކެވެ. ސިޓީ ލިޔެފީމެވެ. އެކަމަކު އަދި ނުއެއް ފޮނުވަމެވެ.]

[ޖޯންގެ ސިޓީ އެންޖެލާއަށް ފެނިއްޖެ ހެއްޔެވެ؟]

[ނޫނެކެވެ.]

[އެންޖެލާ މިތަނަށް ގެންނާށެވެ. އޭނާޔާ ވާހަކަދައްކައިލާން އަހަރެން ބޭނުމެވެ.]

[ތިޔަ ވިދާޅުވާ ގޮތަށް ކަންތައް ކުރާކަށް އަޅުގަނޑު ދެކޮޅެއް ނުހަދާނަމެވެ. އެކަމަކު ޖޯން މައިކަލާ ބެހޭ އެއްވެސް ވާހަކައެއް އަޑު އަހާކަށް މި ވަގުތު އެންޖެލާ ބޭނުން ވާނޭ ހެންނެއް އަޅުގަނޑަކަށް ހިއެއް ނުވެއެވެ.]

[އަހަރެން މި އައީ ޖޯންގެ މަންދޫބަކަށް ވެގެންނެއް ނޫނެވެ.]

[އެންމެ ރަނގަޅެވެ. އަޅުގަނޑު އޭނާ އެބަ ގެންނަމެވެ.]

ބިޝޮޕް ބުންޏެވެ. [މި ސިޓީ ހިފައިގެން ދާށެވެ. ރަނގަޅު ވާނީ އަހަންނާ ހަމައަށް އައުމުގެ ކުރިން އެންޖެލާ މި ސިޓީ ކިޔައިލިއްޔާއެވެ.]

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.