އަންދަލުސްގެ ބާޒު – 69

(13 ފެބުރުއަރީ 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އެންޖެލާގެ ރުޅިވެރިކަން ދިޔައީ އިތުރުވަމުންނެވެ. އޭނާ ޖެއްސުމަށްޓަކައި ދަލެއް ފަތުރަމުން ގެންދާކަމުގެ އިހުސާސް އޭނާއަށް ކުރެވުނެވެ. އޭނާ ފުރަތަމަ ބަލައިލީ މަންމަޔާ ދިމާއަށެވެ. ދެން ބިޝޮޕާ ދިމާއަށެވެ. އޭނާ އެއްޗެކޭ ބުނާން އުޅުނު ވަގުތު ޚާދިމާއަކު އައިސް މާރިޔާގެ ކަންފަތްދޮށުގައި ކޮންމެވެސް އެއްޗެކޭ ބުނެފިއެވެ. މާރިޔާ ނުރުހުން ވެފައި ބުންޏެވެ. [ކަލޭ އޭނާ ބޭރުގައި ބޭންދީ ކީއްވެގެން ހެއްޔެވެ؟ އަވަހަށް މިތަނަށް ގެންނާށެވެ.]

ޚާދިމާ ކަންބޮޑުވެފައި މާރިޔާއާ ދިމާއަށް ބަލައިލިއެވެ. އެއީ ކީއްވެގެން ކަމެއް މާރިޔާއަކަށް ނޭނގުނެވެ. [ނުގޮސް ތިޔަހަރީ ކީއްވެގެން ހެއްޔެވެ؟ އަހަންނާ ދިމާއަށް ބަލަހައްޓައިގެން ހުރީ ކީއްވެގެން ހެއްޔެވެ؟]

ޚާދިމާ ކުޑަކޮށް ގުދުވެލައިފައި މާރިޔާގެ ކަންފަތްދޮށުގައި އަނެއްކާވެސް އެއްޗެކޭ ބުނެފިއެވެ. މާރިޔާގެ މޫނުގެ ކުލަވަރު ކުއްލިއަކަށް ބަދަލުވެގެން ހިނގައްޖެއެވެ. ބިޝޮޕާއި އެންޖެލާޔާ ދެ މީހުން ސުވާލުގެ ނަޒަރަކުން މާރިޔާއާ ދިމާއަށް ބަލާން ފަށައިފިއެވެ.

ބިޝޮޕް ކަންބޮޑުވެފައި ސުވާލުކޮށްލިއެވެ. [ކިހިނެއްވީ ހެއްޔެވެ؟]

މާރިޔާ ގޮނޑިން ތެދުވަމުން ބުނެލިއެވެ. [ކަމެއް ނުވެއެވެ. އަޅުގަނޑު އެބަ އަންނަމެވެ.]

އެކަމަކު ބޭރުން ފިޔަވަޅެއްގެ އަޑު އިވުނީމާ ހިނގައިނުގަނެ މަޑުކޮށްފިއެވެ. އެ ވަގުތު ބޭރުން އޭނާގެ ނޯކަރަކު ބުނެލީ އަޑު އިވުނެވެ. [ތިޔަފަދަ ހާލަތެއްގައި ހުންނަވަނިކޮށް އެތެރެއަށް ވެދެވަޑައިގަތުމުގެ ހުއްދަ އަރުވާކަށް އަޅުގަނޑަކަށް ނުކެރޭނެއެވެ.]

ދެން އިވުނީ ވަރަށް ބޮޑަށް އަމަލުވެފައިވާ މީހެއްގެ އަޑެވެ. [ކަލެއަކަށް އަހަރެން ނުހުއްޓުވޭނެއެވެ. އަހަރެން މިއީ މި ސަހަރުގެ ގަވަރުނަރެވެ. ދުރަށް ޖެހޭށެވެ. އެހެންނޫނީ އަހަރެން ކަލޭ ދަންޖައްސަފާނަމެވެ.]

މާރިޔާގެ ފައިތިލަ ބިންމަތީގައި ހަރުލައިފިއެވެ. ދެވަނަ ސިކުންތުގެ ތެރޭގައި ފެނުނީ ދޮރު ހުޅުވައިފައި ޖޯން މައިކަލް އެތެރެއަށް ވަން ތަނެވެ. އޭނާގެ އެއް އަތުގައި އޮތީ ރާ ފުޅިއެކެވެ. އަނެއް އަތުގައި ރަނުގެ ކޫޒެކެވެ. ލޮލުން ފައުޅުވޭވެ ހުރީ ވަހުޝީ ކުލަވަރެކެވެ. އެންޖެލާއާއި ބިޝޮޕާ ދެ މީހުން ޖެހިލުންވެފައި ތިބެގެން އޭނާޔާ ދިމާއަށް ބަލަނީއެވެ.

މާރިޔާ ސިހިފައިވާ އަޑަކުން ބުނެލިއެވެ. [ދަރިފުޅާ އެންޖެލާއެވެ. އަވަހަށް ކޮޓަރިއަށް ދާށެވެ.]

އެހެންނަމަވެސް މަންމަ އެކަނި ދޫކޮށްލައިފައި ދާކަށް އެންޖެލާގެ ޣީރަތްތެރިކަން ތަނެއް ނުދިނެވެ. ބިޝޮޕް އިނީއަކީ މި ދިމާވީ ކުއްލި ހާލަތާ ކުރިމަތިލާން ތައްޔާރުވެގެންނެއް ނޫނެވެ. އޭނާ ގެންދިޔައީ އެއް ފަހަރު ރުޅިއާއި ނުރުހުމާއެކު ޖޯން މައިކަލާ ދިމާއަށް ބަލަމުން، އަނެއް ފަހަރު މާފުކުރާށޭ ބުނާ ކަހަލަ ނަޒަރަކުން މާރިޔާއާ ދިމާއަށް ބަލަމުންނެވެ.

ޖޯން މައިކަލް ދޮރުމަތީގައި ހުރެގެން އޭނާގެ އަތުގައި އޮތް ފުޅިން ކޫޒަށް ރާ އަޅައިގެން ބޮއިލައިފިއެވެ. އެޔަށް ފަހު ކާލިއަޅަމުން ކުރިއަށް ހިނގައިގެންފިއެވެ. މޭޒުދޮށަށް އައިސް ފުޅިއާއި ކޫޒު މޭޒުމަތީގައި ބެހެއްޓުމަށް ފަހު ބިޝޮޕާ ޖެހިގެން ހުރި ގޮނޑީގައި އިށީނދެއްޖެއެވެ. އެންޖެލާ މަޑުމަޑުން ތެދުވެގެން ގޮސް މަންމަގެ ގާތުގައި ކޮޅަށް ހުރެއްޖެއެވެ.

ޖޯން މައިކަލް ބުންޏެވެ. [ކޮޅަށް ހުރީ ކީއްވެގެން ހެއްޔެވެ؟ އިށީންނާށެވެ. މިތާނގެ ނޯކަރުންނަކަށް އަދަބެއް ސަދަބެއް ނޭނގެއެވެ. ލޯޝާގެ ހުރިހައި ރައްޔިތުންނަށް އެނގޭއިރުވެސް އަހަންނަކީ މި ސަހަރުގެ ގަވަރުނަރުކަމެއް އެ ނޯކަރުންނަކަށް ނޭނގެއެވެ.]

[މާތްވެގެންވާ ބައްޕާއެވެ. އަޅުގަނޑު މިރޭ މި ތަނުން އެނބުރި ދާނީ ވަކި ގޮތަކަށް މުޅީން ކަނޑައަޅައި ނިންމައިގެންނެވެ. މި މީހުން ކޮޅަށް ތިބީ ކީއްވެގެން ހެއްޔެވެ؟ އަޅުގަނޑު މިއީ ހަންޑިއަކީތޯއެވެ؟ އެންޖެލާއެވެ. އަހަރެން ދެކެ ބިރުގަންނަނީ ހެއްޔެވެ؟ ކަލާނގެއަށްޓަކައި ބުނަމެވެ. އިށީންނާށެވެ. އަހަރެން މިއީ ދުޝްމިނަކީމެއް ނޫނެވެ. މަންމަޔާ ދިމާއަށް ނިކަން ބަލައިލަބަލާށެވެ. އަހަރެން މި ތަނަށް އަންނާން ދައުވަތު ދިނީ އެންޖެލާގެ މަންމައެވެ. އެކަމަކު މިހާރު އެ އިނީ ބިރުން ރޫރު އަޅައަޅައެވެ.]

ބިޝޮޕް ބުންޏެވެ. [މާރިޔާއެވެ. އިށީންނާށެވެ. އެންޖެލާ ކޮއިފުޅާއެވެ. ބިރުނުގަންނާށެވެ. މައިކަލަކީ ނައިޓެކެވެ. އޭނާ ދެކެ ބިރުގަތުމަކީ ފައްޅީގެ އަންހެން ދަރިންނަކަށް އޮތް ކަމެއް ނޫނެވެ.]

މައިކަލް ބުންޏެވެ. [މާތްވެގެންވާ ބައްޕާއެވެ. މި ކަމަނާއަށް އިހުތިރާމްކުރުމަކީ އަޅުގަނޑުގެ މައްޗަށް ލާޒިމު ކަމެކެވެ. އެކަމަކު ގެއަށް ދައުވަތު ދީފައި އަގު ވެއްޓޭފަދަ ކަންތައް ކުރުމަކީ އެއްވެސް ނައިޓަކު ރުހޭނޭ ކަމެއް ނޫނެވެ. އަޅުގަނޑު މިތަނަށް އަންނާން މިހިރަ އަންހެންމީހާ ދައުވަތެއް ނުދޭތޯއެވެ؟]

އެންޖެލާ ނުރުހުމުގެ ނަޒަރަކުން އޭނާގެ މަންމަޔާ ދިމާއަށް ބަލައިލިއެވެ.

ބިޝޮޕް ބުންޏެވެ. [އަހަރެން މީގެ ކުރިންވެސް ބުނީމެވެ. މިހާރުގެ ހާލަތު އޮތް ގޮތުން އަހަރެމެންގެ އެންމެ ރަނގަޅު ކޮމާންޑަރުންނަށް ދާންދެން އެ ވަނީ ރާ ބޯން އާދަވެފައެވެ. ހާލަތު ބަދަލުވުމާއެކު މި އާދަވެސް ބަދަލުވެގެން ހިނގައިދާނެއެވެ. މާރިޔާއާއި އެންޖެލާއާ ދެމީހުންވެސް އިށީންނާށެވެ. ކަލޭމެންގެ އަގު ވައްޓައިލުމުގެ ޚިޔާލެއްހައި ހިސާބުވެސް ޖޯން މައިކަލްގެ ހިތަކަށް ނުވަންނާނެއެވެ.]

ހިނދުކޮޅަކު ބަލަހައްޓައިގެން ހުރުމަށް ފަހު މާރިޔާ އިށީނދެއްޖެއެވެ. އެހެންނަމަވެސް އެންޖެލާ އަދިވެސް ހުރީ ކޮޅަށެވެ.

ޖޯން މައިކަލް އޭނާގެ ލެހެޖާ ބަދަލުކޮށްލުމަށް ފަހުބުންޏެވެ. [މާތްވެގެންވާ ބައްޕާއެވެ. މިއަދު މާ ގިނައިން ރާ ނުބޯނަމޭ އަޅުގަނޑު ދެންނެވީމެވެ. އެކަމަކު ހިތާމަޔާއެކު ދަންނަވަން ޖެހެނީ އެއީ އަޅުގަނޑުގެ ބާރުގެ ދަށުގައި އޮތް ކަމެއް ނޫން ކަމުގައެވެ. އެންޖެލާ ރާއަށް ނަފުރަތުކުރާކަން އަޅުގަނޑަށް އެނގެއެވެ. މާތްވެގެންވާ ބައްޕާއެވެ. އަޅުގަނޑު ރާ ބުއިން ހުއްޓައިލަފާނަމެވެ. އެންޖެލާއަށްޓަކައި އަޅުގަނޑު ކޮންމެ ކަމެއްވެސް ކޮށްފާނަމެވެ. އެންޖެލާއެވެ. އާދޭސްކޮށްފައި ބުނަމެވެ. އިށިންނާށެވެ. ނީށީންނާނަން ހެއްޔެވެ؟ ކަލެއަށް ޖެހޭނީ އިށީންނާށެވެ. ކަލޭމެންގެ ގެއަށް އައީމާ އަހަރެން އަގު ވެއްޓޭ ކަހަލަ ކަންތައް ކުރުމަކީ އަހަރެން ބަރުދާސް ކުރާނޭ ކަމެއް ނޫނެވެ.]

ޖޯން މައިކަލް ތުރުތުރުއަޅައަޅައި އިނދެގެން އަނެއްކާވެސް ކޫޒަށް ރާ އަޅައިގެން ބޯން ފަށައިފިއެވެ. މާރިޔާ އެންޖެލާގެ އަތުގައި ހިފައިލައިފައި މަޑުމަޑުން ބުނެލިއެވެ. [މިއީ ރާ ބޮއިގެން އަމަލުވެފައި ހުރި މީހެއްގެ ގޮތް ދޫނުކުރުމެކެވެ. ބަސް އަހައިގެން އިށީންނާށެވެ.]

އެންޖެލާއަށް އަސަރުކުރީ އޭނާގެ މަންމަގެ ވާހަކައިގެ ސަބަބުންނެއް ނޫނެވެ. އެ ވަގުތު އޭނާގެ މަންމަގެ ލޮލުން ފައުޅުވޭވެ ހުރި އާދޭހުގެ އަސަރުގެ ސަބަބުންނެވެ. އޭނާ ގޮތް ދޫކޮށްލައިފައި އިށީނދެއްޖެއެވެ. ޖޯން މައިކަލާ މެދު އޭނާގެ ހިތުގައި އޮތް ބިރުވެރިކަން ނަފުރަތަށް ބަދަލުވެގެން ހިނގައްޖެއެވެ. ހިނދުކޮޅެއް ކުރިއަށް ބަލާނަމަ އޭނާ ކުރަން ޖެހޭ ކަމަކަށް އޮތީ ވީހައިވެސް އަވަހަކަށް އެތަނުން ނުކުމެގެން ދިއުމެވެ. އެހެންނަމަވެސް މިހާރު އޭނާގެ ޣީރަތްތެރިކަން ގޮވައިލަނީ އެތާނގައި އިނދެގެން ހާލަތާ ކުރިމަތިލާށެވެ.

ޖޯން މައިކަލް ހިނދުކޮޅަކު ހިމޭނުން އިނުމަށް ފަހު އެންޖެލާއާ ދިމާއަށް ބަލައިލައިފައި ބުންޏެވެ. [ކަލޭ ނުކައި އިނީ ކީއްވެގެން ހެއްޔެވެ؟ ކާށެވެ. އަހަންނާމެދު ވިސްނާނެ ކަމެއް ނެތެވެ. މިއީ އަހަރެން ކައި އުޅޭ ގަޑިއެއް ނޫނެވެ. މިއީ ރާ ބޯ ގަޑިއެވެ. މާތްވެގެންވާ ބައްޕާއެވެ. މަނިކުފާނު އަޅުގަނޑާ ބައިވެރިވެވަޑައިގަންނަވާން ބޭނުންފުޅުވާ ނަމަ ފުޅި މިހިރީއެވެ. ކުރީ ދުވަހު އަޅުގަނޑަށް ލިބުނު ރާއަކު އެއްވެސް ބާރެއް ނެތެވެ. ފުޅި ހިފައިގެން މި އައީ އެހެންވެގެންނެވެ. އެންޖެލާ ފަދައިން މަނިކުފާނުވެސް ރާއަށް ނަފުރަތު ކުރައްވަނީތޯއެވެ؟ އަޅުގަނޑަކީ މަނިކުފާނުނަމަ މިއަދު ވަރަށް ގިނައިން ރާ ބުއީމުހެވެ. އަޅުގަނޑަށްވުރެ މާ ގިނައިން ބުއީމުހެވެ. މަނިކުފާނު ތިޔަ ހުންނަވަނީ ހަމަހޭގައެވެ. ހަމަހޭގައި ހުންނައިރު އެކި ބާވްބާވަތުގެ ޚިޔާލުތަކުން އިންސާނާގެ ސިކުނޑިއަށް ބާރު ބޮޑު ކުރުވައެވެ. އަޅުގަނޑަކީ އަބަދުވެސް ރާ ބޮއިގެން އުޅޭ މީހެއް ކަމަށް ނުހިއްތަވާށެވެ. އަޅުގަނޑުވެސް މީގެ ދުވަސްތަކެއް ކުރީން ރާއަށް ވަރަށް ބޮޑަށް ނަފުރަތުކުރީމެވެ. އަޅުގަނޑުގެ ރުޅިވެރިކަން ހުރިވަރަކީ ދީނީ ރަސްމިއްޔާތެއްގައި ބޯން ޖެހުނަސް އަޅުގަނޑު ކަނޑައެޅިގެން ދެކޮޅުހަދަމެވެ. އެކަމަކު މިހާރު އަޅުގަނޑު ވާނީ އެންމެ ގިނައިން ރާ ބޯ މީހާ ކަމުގައެވެ. އެންޖެލާއަށް އަޅުގަނޑުގެ މި އާދަ ކަމުނުދިއުމަކީ އެކަށީގެންވާ ކަމެކެވެ. އަޅުގަނޑު ރޭގަނޑު ގޭގެއަށް ވަންނަމެވެ. އެ އާދަވެސް އެންޖެލާއަށް ކަމުނުދިއުން ދުރެއް ނޫނެވެ. އަޅުގަނޑަކީ އަނިޔާވެރިއެއް ކަމުގައި އެންޖެލާ ގަބޫލުކުރުމަކީވެސް ނުވާނޭ ކަމެއް ނޫނެވެ.]

ޖޯން މައިކަލްގެ ވާހަކަ ހުއްޓުވުމަކީ ކޮންމެހެންވެސް ކުރަން ޖެހިއްޖެ ކަމެއް ކަމުގައި ގަބޫލު ކުރެވުނީމާ ބިޝޮޕް ބުންޏެވެ. [ކަލޭ ރާ ބޯން ފެށްޓީ އަނބިމީހާ މަރުވީމާ އެކަމުގެ ހިތާމައިގައޭ އަހަރެން އެންޖެލާ ގާތު ބުނެފީމެވެ.]

ޖޯން މައިކަލް ބުންޏެވެ. [ތިޔައީ އިތުރުފުޅެކެވެ. މުޅީން ރަނގަޅު ވާހަކަފުޅެއް ނޫނެވެ. އަނބިމީހާގެ މަރުގެ ސަބަބަކީ އަޅުގަނޑުގެ ރާ ބުއިންކަން އަޅުގަނޑު ދެނަހުރީމެވެ. އޭނާ ނަފުރަތު ކުރަނީ ހަމައެކަނި އަޅުގަނޑުގެ ރާ ބުއިމަކަށް ނޫނެވެ. އަޅުގަނޑުގެ އެހެން އާދަތައް ދެކެވެސް އޭނާ ރުޅި އާދެއެވެ. އަލްޙަމާގެ ފަތަޙައަށް ފަހު ހިނގައިދިޔަ ކަންތައްތަކަށް ފަހު އޭނާ ބުނާ ބުނާ ގޮތުގައި އަޅުގަނޑަކީ ވަހުޝީ ޖަނަވާރެކެވެ. އެކަމަކު އެކަމުގައި އަޅުގަނޑުގެ އެއްވެސް ކުށެއް ނެތެވެ. ފަތަޙައިގެ ކުރީން އަޅުގަނޑު ރާ ބޮއި އުޅުނީ ވަރަށް މަދުންނެވެ. އެކަމަކު ފަތަޙައިގެ ދުވަހު އެކަމުގެ އުފަލުގައި އެތައް ފުޅިއެއްގެ ރާ ބޮއި ހުސްކޮށްލީމެވެ. މަސްތުގެ ހާލަތުގައި އަޅުގަނޑަށް ކުރެވޭ ނުކުރެވޭ ކަމެއް ނޭނގޭ ހިސާބަށް ކަންތައް ހިނގައްޖެއެވެ. އެއީ ވަރަށް ރީތި އަންހެނެކެވެ. އޭނާގެ ފުރާނަ ސަލާމަތް ކުރާނޭ ކަމަށް އަޅުގަނޑު ވައުދުވެސް ވީމެވެ. އޭނާގެ ކުށަކީ އާދައިގެ ކުށެއް ނޫނެވެ. އޭނާ އަޅުގަނޑުމެންގެ ސިފައިންގެ ދެ މީހުން މަރައިލިއެވެ. އޭނާގެ ހަތަރު ފިރިހެން ކޮއްކޮއިން ހަނގުރާމައިގައި މަރުވިއެވެ. ސަހަރުގެ އެންމެން ހަޅުތާލުކުރާން ފަށައިފިއެވެ.]

[އަޅުގަނޑުމެންނަށްޓަކައި ގޭގެ ދޮރު ހުޅުވައިގެން ތިބުމަކީ އެމީހުންގެ މައްޗަށް އޮތް ވާޖިބެކެވެ. އެކަމަކު އެ ރީތި އަންހެންކުއްޖާ ގޭގެ ދޮރު ލައްޕައި މަކުޑި އަޅުވައިފިއެވެ. އަޅުގަނޑު ދޮރު ވައްޓައިލާން އުޅެނިކޮށް ގޭގެ ފުރާޅުމަތީން ދުނި އުކާން ފަށައިފިއެވެ. އެ ދުނީގެ ޝިކާރައަކަށްވެ އަޅުގަނޑުގެ އަށް ސިފައިން ވަގުތުން މަރުވެއްޖެއެވެ. އަޅުގަނޑުމެން ގޭތެރެއަށް ވަންއިރު ގޭގައި އިނީ އެކުއްޖާ އެކަންޏެވެ. އޭނާ ޚަންޖަރަކުން އަޅުގަނޑަށް ހަމަލަދީފިއެވެ. އަޅުގަނޑު އޭނާގެ އަތުން ޚަންޖަރު ޖަހައިގެންފީމެވެ. އަޅުގަނޑު ނުހުއްޓުވިނަމަ އަޅުގަނޑުގެ ބައިވެރިން އެ ކުއްޖާ ކޮށައި ކުދިކުދިކޮށްލީހެވެ. ސިފައިން ހިނގައްޖެއެވެ. އަޅުގަނޑު އެ ގޭގައި މަޑުކުރީއެވެ. ރާގެނެސްގެން އެ ކުއްޖާއަށްވެސް ތަށްޓެއް ފޯރުކޮށްލީމެވެ. އަދި އޭނާގެ ފުރާނަ ސަލާމަތްކޮށް ދޭނަމޭ، ސަހަރުން ބޭރަށް ދެވޭނޭ ގޮތް ހަދައިދޭނަމޭވެސް ބުނީމެވެ. އެކަމަކު އެއީވެސް އެންޖެލާހެން ވަރަށް ގޮތް ދޫނުކުރާ، ބޯ ހަރު ކުއްޖެކެވެ. އޭނާ ރާތަށި އަތުލައިފައި އަޅުގަނޑުގެ މޫނަށް ޖަހައިފިއެވެ. އެޔާއެކު އަޅުގަނޑުގެ މޫނުގައި ވަކިވެސް އަޅައިފިއެވެ. އޭނާ ގޮވަމުން ދިޔަ ހުތުރު އެއްޗިއްސަކަށް އަޅުގަނޑަކަށް ކެތެއް ނުކުރެވުނެވެ. އޭގެ ފަހުން ކުރެވުނު ކަމެއް އެއްގޮތަކަށްވެސް ނޭނގުނެވެ. އެނގުނުވަރަކީ އޭނާގެ ކަރަށް ފިތަމުން ގެންދެވުނު ކަމެވެ. ހެނދުނު ހަމަހޭވަރިކަން ވީއިރު އެ ކުއްޖާ އޮތީ މަރުވެފައެވެ. އޭނާގެ ރީތި ކަނދުރާގައި އަޅުގަނޑުގެ އިނގިލީގެ ނިޝާން ފެންނާން ހުއްޓެވެ. ފުރަތަމަ އަޅުގަނޑު ހީކުރީ އޭނާ އޮތީ ނިދައިފައި ކަމުގައެވެ. އެ ރީތި މޫނު ފެނިފައި، އޭނާ މަރުވީ އަޅުގަނޑުގެ އަތުން ކަމަށް ގަބޫލުކުރާން ދަތިވެސް ވިއެވެ. އަޅުގަނޑު އޭނާ ހެއިލެއްވޭތޯ މަސައްކަތްކުރީމެވެ.]

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.