އެންމެ ފަހުގެ ޙަމަލާ – 33

(7 ފެބުރުއަރީ 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ގޯޕީޗަންދުގެ ވާހަކަ ދެއްކެވުމުގެ ކުޅަދާނަފުޅުކަމުން އެ ހިސާބުގަނޑުގައި އޭނާއާ އެއް ޚިޔާލުގެ މީހުން ކަމުގައި ހައްދަވައިފައި ތިބި މީހުން އެ ވާހަކަތަކުގެ އަޑު އިވުމުން އަވަސްއަވަހަށް ތައުބާ ވެއްޖެއެވެ. އޭގެ ތެރެއިން ގިނަ މީހުން އެބައިމީހުންގެ "ކޯފާ ވެވޮޑިގެންފައިވާ" ކަލާނގެ ރުއްސެވުން ހޯދުމަށް ޓަކައި ތިމާމެންގެ ގެރިބަކަރި ވިއްކައިގެން ފައިސާ ހޯދައިފައި ސޫމްނާތުގެ އަޅުވެރީންނަށް ވެދުން ކުރާން ފަށައިފިއެވެ. ގޯޕީޗަންދާ އެއް ޚިޔާލުގައި ތަންކޮޅެއް ހަރުދަނާކަމާ އެކު ސާބިތު ވެތިބި މީހުން ވެސް ގުނޫޖުގެ ރަސްގެފާނު ބަލިފުޅު ވުމުން އަވަސް ވެގަތީ ތައުބާ ވުމަށެވެ. ގޯޕީޗަންދު އަދިވެސް ހުންނެވީ އޭނާގެ އުޞޫލުގެ މަތީގައެވެ. ނަމަވެސް މިހާރު އޭނާއާ ބައިވެރި ވާނެ އެކަކު ވެސް ނުވެއެވެ. މީގެ ކުރީން އޭނާގެ ހިތްވަރުފުޅުގަދަކަމާއި ކެރިވަޑައިގަތުމަށް ތަޢުރީފު ކުރި މީހުން މިހާރު އޭނާއާ ވާހަކަ ދައްކާން ވެސް ޖެހިލުން ވެއެވެ. އޭނާ މީހުންނަށް ވިސްނައިދެއްވޭތޯ ބައްލަވައެވެ. އިންސާނުން އެކަކު އަނެކަކާ ދުޝްމަން ވެދާނެއެވެ. ނަމަވެސް މާތްރަސްކަލާނގެ ދޭވަތާއިންތައް އެއް ދޭވަތާއަކު އަނެއް ދޭވަތާއެއްގެ ދުޝްމަނުން ކަމުގައެއް ނުވާނެއެވެ. ސޫމްނާތުގެ އަޅުވެރީން އަހަރެމެން ދެކެ ރުޅި އައިމާ، ސޫމްނާތުގެ ދޭވަތާގެ ބުދު މުތުރާ އާއި މަހާބަނާއި ގުނޫޖާއި އާސީގެ ފައްޅިތަކުން ބަދަލު ހިއްޕެވުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ. އަހަރެމެންގެ ޤުރުބާނީގެ މަޤްޞަދަކީ އެކިއެކި ރަށްރަށުގައި ހުރި މާތްކަލާނގެ ދޭވަތާއިންގެ ފައްޅިތަކާއި ބުދުތައް ޙިމާޔަތް ކުރުމެވެ. އެކަމާ ސޫމްނާތުގެ ދޭވަތާ އަހަރެމެންނާ މެދު ރުހިވޮޑިގަތުމުގެ ބަދަލުގައި "ކޯފާ ވެވޮޑިގެންފި" ކަމުގައި އަހަރެން ޤަބޫލެއް ނުކުރާނަމެވެ. އަހަރެމެން ބަލި ވީ އަހަރެމެންގެ ވެރީންގެ ފިނޑިފުޅުކަމުންނެވެ. ދެވަނަ ސަބަބަކީ އެކިއެކި ފައްޅިތަކުގެ އަޅުވެރީންގެ މެދުގައި އޮންނަ ޙަސަދަ އާއި ވާދަ ފިޔަވައި އެހެން ކަމެއް ނޫނެވެ.

ނަމަވެސް މިހާރު އެއްވެސް މީހަކު ގޯޕީޗަންދުގެ ވާހަކަފުޅުގެ އަޑު އަހާކަށް ވެސް ނޭދެއެވެ. އަވަށުގެ އަންހެންވެރީން އެބައިމީހުންގެ ދަރީންނާއި ފިރީން ގޯޕީޗަންދާ ވާހަކަ ދެއްކުން މަނާ ކުރާން ފަށައިފިއެވެ. ކުރީން އޭނާ ކޯފާ ވުމުން ހީނލައިފައި ދާ ޅަޢުމުރުގެ ކުދީން މިހާރު އޭނާގެ ކުރިފުޅުމަތީގައި ޒުވާބު ކުރާން ފަށައިފިއެވެ. މުސްކުޅީން އޭނާއަށް ނަޞޭޙަތްޕުޅު އަރުވައެވެ. "އަޚާއެވެ! ދެން ވެސް ކަލާގެ ދޫފުޅު ރައްކައުތެރި ކުރައްވައިގެން ހުންނަވާށެވެ! ކަލާގެ ޝަކުވާ މިހާރު ވަނީ ސޫމްނާތުގެ ޕަރައުހަތުގެ އަރިހަށް ވެސް ހުށައެޅިފައެވެ. ކަލާގެ ސަބަބުން އަޅުގަނޑުމެންނަށް ވެސް ކޯފާ އަތުވެދާނެތީ ބިރު ގަނެއެވެ."

މުތުރާ ޙިމާޔަތް ކުރުމަށް ޓަކައި ގެދޮރާއި އަނބިދަރީންނާއި މައިންބަފައިން ދޫ ކޮށްލައިފައި ދިޔަ ހިލޭސާބަހުގެ މީހުންގެ ތެރެއިން ގިނަ މީހުން ހައްޔަރު ވީއެވެ. އެބައިމީހުންގެ ގާތްތިމާގެ މީހުން އެ ހުރިހައި ގެއްލުމެއްގެ މަސްއޫލިއްޔަތު އަޅުވަނީ ގޯޕީޗަންދުގެ އިސްތަށިފުޅުގައެވެ. އޭގެތެރެއިން ސަލާމަތް ވެގެން އައި މީހުން ބަލަނީ ގޯޕީޗަންދާ ވީހައި ވެސް ދުރެއްގައި އުޅެވޭތޯއެވެ.

މި ގޮތަށް ކަން ދިމާ ވުމުން، އަވަށުގެ މީހުންގެ ހިތްތަކުގައި ގޯޕީޗަންދާ މެދު ނަފުރަތާއި ފޫހިކަން އުފެދި އޭގެ ނިހާޔަތަށް ހިނގައްޖެއެވެ. އެހެންކަމުން ގޯޕީޗަންދު ވަރަށް ހިތްޕުޅުދަތިކަމާ އެކު ރާމްނާތު އެނބުރިވަޑައިގަތުމަށް އިންތިޒާރު ކުރައްވާން ފައްޓަވައިފިއެވެ. އޭނާގެ ހުރިހައި ވެސް އުފާފުޅަކީ ރާމްނާތުގެ މަތީން ހަނދުމަފުޅު ކުރެއްވުން ކަމުގައި ވެއްޖެއެވެ.

ރާމްނާތު ސިފައިންގެ ތެރެއަށް ވެދެވަޑައިގެންނެވި އަހަރު އޭނާއަށް ރަސްގެފާނުގެ ލަޝްކަރުގެ ލޮންސިހެވީންގެ ގެމައެއްގެ އޮފިސަރުކަން ލިބިވަޑައިގެންފިއެވެ. ވިދިގެން އައި އަހަރު އޭނާ ދެތިން ހަފުތާއެއްގެ ޗުއްޓީއަކަށް ގެއަށް ވަޑައިގެންނެވި އިރު އަރައިވަޑައިގެން އިންނެވީ ރީތި އަހަކަށެވެ. އޭރު ރޫޕަވަތީ ވަނީ އޭނާ ރަށުގައި ވަޑައިގެންނެތީސް ސޫމްނާތަށް ވަޑައިގެންފައެވެ.

ރޫޕަވަތީއާ އަބަދަށް ޓަކައި ވަކި ވެވަޑައިގެންފިކަން ހަނދުމަފުޅު ވުމުން ރާމްނާތަށް އޭނާގެ ވަށައިގެންވާ ހުރިހައި އެއްޗެއްސަކުން ވެސް ފެނިވަޑައިގަންނަވަނީ ފޫހިފުޅުކަމާއި މޮޅިވެރިކަމެވެ. އޭނާގެ ޙަޔާތްޕުޅު ރީތި ހިތްގައިމު ރާގުތަކުން ފުރައިލައިދިން ބުލްބުލް ވަނީ އަތްޕުޅު ނުފޯރާ ހިސާބަށް އުދުހިގެން ގޮހެވެ. އޭނާގެ ތުންފަތްޕުޅުމަތީގައި ކުޅެލަކުޅެލައި ހުންނަ ދާއިމީ ހިނިތުންވުން އޭނާއާ ވަނީ ރުޅި ވެފައެވެ. އޭނާގެ އާވާރާ ވެފައިވާ ނަޒަރުން އަބަދު ވެސް ހާމަ ވަނީ އޭނާ ގެއްލިފައިވާ ކޮންމެވެސް އެއްޗެއް ހޯއްދަވަނީކަމެވެ.

ގޯޕީޗަންދު ބައެއް ފަހަރު އޭނާއާ ސުވާލު ކުރައްވައެވެ. "ދަރިފުޅާއެވެ! ދަރިފުޅު ކަންބޮޑު ވެފައި ތިޔަހުރީ ކީއްވެގެންހެއްޔެވެ؟"

"އެއްވެސް ކަމެއް ނުވެއެވެ. ބައްޕާއެވެ!" އޭނާ ސިހިވަޑައިގެންދިޔުމާ އެކު ޖަވާބު ދެއްވައެވެ. "އަޅުގަނޑު އެއްޗެއް ވިސްނައިލީއެވެ."

"ދަރިފުޅު ވިސްނަނީ ކޮން އެއްޗެއް ހެއްޔެވެ؟"

"ބައްޕާއެވެ! ވަކި އެއްޗެއް ނޫނެވެ." ރާމްނާތު ކޮންމެވެސް ބަހަނާއެއް ދައްކަވައިފައި ތެދު ވެވަޑައިގެން މަޑުމަޑުން ނުކުމެވަޑައިގަންނަވަނީ ބޭރަށެވެ.

އެއް ދުވަހަކު ހަވީރު އިންނެވީ ރާމްނާތު ކޯރުގެ އައްސޭރީގައެވެ. އޭނާ އިންނެވީ ގިނިކަންޏާއެވެ. އެއީ އޭނާ އެ ތަނެއްގައި އެތަކެއް ފަހަރު ރޫޕަވަތީއާ ބައްދަލު ވެވަޑައިގެންފައި ވާ ތަނެކެވެ. އޭނާ ލަވައެއް ވިދާޅުވެވޭތޯ މަސައްކަތްޕުޅު ކުރެއްވިއެވެ. ނަމަވެސް އޭނާގެ އަޑުފުޅު މޭފުޅުގައި ތާށި ވެއްޖެއެވެ. ގޯޕީޗަންދު އޭނާ ހޯއްދަވަމުން އެތަނަށް ވަޑައިގެންފިއެވެ.

"ދަރިފުޅާއެވެ! މިތާނގައި ތިޔަ ކުރަނީ ކީއްހެއްޔެވެ؟" ގޯޕީޗަންދު ސުވާލު ކުރެއްވިއެވެ.

"ބައްޕާއެވެ! އެއްވެސް ކަމެއް ނުކުރަމެވެ. ހިނގަމުންހިނގަމުން މި ހިސާބަށް އާދެވުމުން، މިތާނގައި އިށީނދެލީއެވެ."

ގޯޕީޗަންދު އޭނާގެ އަރިހުގައި އިށީނދެވަޑައިގެންފިއެވެ. ދެބަފައިކަލުން އިރުކޮޅަކު ހިމޭނުން ތިއްބެވުމަށް ފަހު ގޯޕީޗަންދު ސުވާލު ކުރެއްވިއެވެ. "ދަރިފުޅާއެވެ! ދަރިފުޅު ލަވަ ކިޔުން މުޅީން ހުއްޓައިލި ވާހަކަ މީހުން ބުނާތީ އެހީމެވެ."

ރާމްނާތު ޖަވާބު ދެއްވިއެވެ. "އާދޭހެވެ! ބައްޕާއެވެ! ބައްޕަ އަޅުގަނޑު ލަވަ ކިޔާތީ ނުޤަބޫލުފުޅު ވެވަޑައިގަންނަވަމެއް ނޫންތޯއެވެ؟"

ގޯޕީޗަންދު ވިދާޅުވިއެވެ. "ދަރިފުޅު ލަވަ ކިޔާތީ ބައްޕަ ނުޤަބޫލު ވީ ދަރިފުޅު ސިފައިންގެ މީހަކަށް ވުމުގެ ކުރީންނެވެ. މިހާރު ބައްޕަ މިހިރީ ދަރިފުޅު ލަވަ ކިޔާ އަޑު އަހާ ހިތުންނެވެ."

ބައްޕާއެވެ! މިހާރު އަޅުގަނޑަށް ލަވައެއް ނުކިޔެއެވެ. ދެން ދުވަހަކު ވެސް އަޅުގަނޑަށް ލަވަ ކިޔޭނެކަމެއް ނޭނގެއެވެ. ގެއަށް ވަޑައިގަންނަވަމާ ހިންގަވާށެވެ." ރާމްނާތު މިހެން ވިދާޅުވެފައި ތެދު ވެވަޑައިގެންފިއެވެ.

ރާމްނާތަށް މާ ގިނަ ދުވަހަކު ގޭގައި ހުންނަވާކަށެއް ފުރުޞަތު ލިބިވަޑައެއްނުގެންނެވިއެވެ. سلطان محمود غزنوی ގަންގާ އާއި ޖަމްނާގެ ވާދީއާ ދިމާޔަށް ވަޑައިގަންނަވާ ޚަބަރު އިވިވަޑައިގަތުމާ އެކު އޭނާ އެނބުރި ލަޝްކަރަށް ވަޑައިގެންފިއެވެ. އޭގެ ފަހުން އެތައް މަހެއް ވީ އިރު ވެސް ގޯޕީޗަންދަށް އޭނާއާ ބެހޭގޮތުން އެއްވެސް ޚަބަރެއް ލިބިވަޑައެއްނުގަންނަވައެވެ. سلطان محمود غزنوی އެނބުރި ވަޑައިގަތުމުން، ގޯޕީޗަންދު ރާމްނާތާ ބައްދަލު ވެވަޑައިގެންނެވޭތޯ ގަވާލިޔާރުގެ ވެރިރަށަށް ވަޑައިގެންނެވިއެވެ. ނަމަވެސް އެ ރަށަށް ވަޑައިގަތުމުން އޭނާއަށް އެނގިވަޑައިގަތީ އޭނާގެ ދަރިކަލުން ގަވާލިޔާރުގެ ލަޝްކަރާ އެކު ޚާއްސަ މަޢުރިކާއަކަށް ވަޑައިގެންފިކަމެވެ. އެ މަޢުރިކާއަކާ ބެހޭގޮތުން އެއްވެސް ތަފްޞީލެއް ހާމަ ނުކުރެވޭ ކަހަލަ މަޢުރިކާއަކަށެވެ. ގޯޕީޗަންދު ސިފައިންގެ ވަރަށް މަތީ ވެރިޔަކާ ބައްދަލު ކުރެއްވުމުން އޭނާ ގޯޕީޗަންދުގެ ހިތްޕުޅު ހަމަޖައްސަވައިދެއްވަމުން ވިދާޅުވިއެވެ. "ކަލާގެ ދަރިކަލުން ދުނިޔޭގައި އެބަހުންނެވިއެވެ. ނަމަވެސް މި ވަގުތު އޭނާ ހުންނެވި ތަނެއް ކަލާގެ އަރިހުގައި އަޅުގަނޑުމެންނަކަށް ނުދެންނެވޭނެއެވެ. ކަލާ އޭނާއަށް އެއްވެސް ޚަބަރެއް ފޮނުއްވާން ބޭނުންފުޅު ކަމުގައި ވާނަމަ ސިޓީއެއް ލިޔުއްވައިފައި އަޅުގަނޑުގެ އަތަށް ދެއްވާށެވެ." ގޯޕީޗަންދު ސިޓީއެއް ލިޔުއްވައިފައި އޭނާގެ އަތްޕުޅަށް ދެއްވައިފިއެވެ. އެ ސިޓީފުޅުގައި ވެއެވެ.

"ބައްޕަގެ ދެ ލޮލުގެ އަލިކަމާއެވެ!

ބައްޕަޔަށް ދަރިފުޅުގެ އެއްވެސް ޚަބަރެއް ނުލިބޭތާ އެތައް ދުވަހެއް ވެއްޖެއެވެ. މިހާރު ބައްޕައަށް އަހަރެމެންގެ އަވަށުގައި ދިރިއުޅެވޭވަރެއް ނޫނެވެ. ކަލާކޮށްޓަކައެވެ. ދުވަސްކޮޅެއްގެ ޗުއްޓީ ހޯދައިގެން އައިސް ދަރިފުޅާ އެކު ބައްޕަ ގެންދާށެވެ. ނުވަތަ ބައްޕަޔަށް ދަރިފުޅުގެ އެޑްރެސް ފޮނުވާށެވެ. އޭރުން ބައްޕަ އަމިއްލަޔަށް ހިނގައިދާނަމެވެ.

ދަރިފުޅުގެ ބައްޕަ

ގޯޕީޗަންދު"

ގޯޕީޗަންދު އެނބުރި އޭނާގެ އަވަށަށް ވަޑައިގެންފިއެވެ. ނިހާޔަތުގެ ޝައުޤުވެރިކަމާ އެކު އޭނާގެ ދަރިކަލުންގެ ޖަވާބަކަށް އިންތިޒާރު ކުރައްވާން ފައްޓަވައިފިއެވެ. ދުވަސްކޮޅެއްގެ ފަހުން ގަވާލިޔާރުގައި ފެތުރޭން ފެށި ވާހަކައަކީ سلطان محمود އެންމެ ފަހުން ދެއްވި ޙަމަލައިގައި ގުނޫޖުގެ ރަސްގެފާނު ފިލައިވަޑައިގަތުމުގެ ސަބަބުން އަވަށްޓެރި ވަރަށް ގިނަ ރަސްރަސްކަލުން އޭނާއާ ދެކޮޅުވެރި ވެވަޑައިގެންނެވި ވާހަކައެވެ. އެ ބޭފުޅުން ރާޖާގުންޑާގެ ދަޢުވަތަށް ކަލަންޖަރަށް އެއް ވެވަޑައިގަންނަވަމުން ގެންދަވާ ވާހަކައެވެ. ގުނޫޖުގެ ރަސްގެފާނު މުސްލިމުން ދެކެ ބިރުފުޅުން ފިލާވަޑައިގަތުމަށް ފަހު އޭނާ ތަޚުތުގައި އިންނެވުމަކީ ރާޖުޕޫތުންނަށް ލިބޭ ހުތުރެއް ކަމަށާއި، އެ ސަބަބަށް ޓަކައި އޭނާ ތަޚުތުން ފައިބައިވަޑައިގަތުމަށާއި އެހެން ނޫނީ އެ ބޭފުޅުން ބާރުގެ ބޭނުން ކުރައްވައިގެން އޭނާ ތަޚުތުން ބާލުއްވާނެކަން އެ ބޭފުޅުން އެންގެވި ވާހަކައެވެ.

އޭގެ ފަހުން އިވޭން ފެށި ވާހަކަ އަކީ ގަވާލިޔާރާއި އެ ނޫން ވެސް ވަރަށް ގިނަ ދައުލަތްތަކެއްގެ ލަޝްކަރު ކަލަންޖަރުގެ ވަލީޢަހުދުގެ ދިދައިގެ ދަށުގައި ގުނޫޖާ ދިމާޔަށް ފިރުކެމުންދާ ޚަބަރެވެ.

މަހެއްހައި ދުވަސް ފަހުން، ގުނޫޖުގެ ރަސްގެފާނު އޭނާގެ ދަރިކަލުންނާއި ލަޝްކަރުގެ އިސް ވެރީންގެ ޚިޔާނާތުގެ ސަބަބުން ހަނގުރާމައިގެ މައިދާނުގައި ބަލިފުޅު ވެ ޤަތުލު ކުރެވިއްޖެއެވެ. ޙަމަލައިގައި ބައިވެރި ވެވަޑައިގެންނެވި ރަސްރަސްކަލުން ގުނޫޖުގެ އާ ވެރިރަށް ބާރީއަށް ވެރި ވެވަޑައިގަތުމަށް ފަހު ގުނޫޖުގެ ރަސްގެފާނުގެ ދަރިކަލުން ތަރުލޯޗަންޕާލް (ރަސްކަމަށް މި އިސް ކުރެވުނު ތަރުލޯޗަންޕާލަކީ ދޭހިންދުގެ ބަލިފުޅު ވި ރަސްގެފާނު ތަރުލޯޗަންޕާލެއް ނޫނެވެ. އަދި ކީއްތޯއެވެ! ގުނޫޖާއި ބާރީގެ ޝަހެންޝާހުގެ ވަލީޢަހުދެވެ.) ތަޚުތުގައި ވަޑުވައިފިއެވެ.

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.