އެމެރިކާއިން ބުނާގޮތުން އެއީ، އިސްތިރާޖީގޮތުން ފަހަތަށް ޖެހުނު ޖެހުމެކެވެ. އެއީ، އެއްކޮށް ފަހަތަށް ޖެހުނު ޖެހުމެއް ނޫނެވެ. އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރު ޔޫ.އެސް.އެސް އަބްރަހަމް ލިންކަން (ސީވީއެން-72) އާއި، އެއާއެކު ދަތުރުކުރި ޙަމަލާދޭ އެހެން އުޅަނދުތައް، މިހާރު ވަނީ ޢަރަބި ކަނޑުން، އޮމާން ކަނޑުއޮޅި ކައިރިއަށްޖެހި އަލުން މަރުކަޒު ކޮށްފައެވެ.
މިއަދު ހެނދުނުގެ ރިޕޯޓްތަކުން ކަށަވަރުކޮށްދިން ގޮތުގައި، ނިއުކުލިއާ ކިއްލާ، ޔޫ.އެސް.އެސް އަބްރަހަމް ލިންކަން (ސީވީއެން‐72) އާއި، އެމެރިކާގެ އެއާކްރާފްޓް ކެރިއާ ސްޓްރައިކް ގްރޫޕް (އޭޔޫޖީ) ވަނީ، ފާރިސީ ޚަލީޖުގެ ހުޅަނގު ދެކުނުން އެތައް ސަތޭކަ ކިލޯމީޓަރެއް ދުރަށް ފަހަތަށް ޖެހިފައެވެ. ސާފުކޮށް ބުނާނަމަ، އެއީ އީރާނާ ދެކޮޅަށް ޙަމަލާ ދިނުމުގެ ތައްޔާރީތައް އަދި އެއްކޮށް ހުއްޓާލުމެއް ނޫނެވެ. އެއީ، އީރާނުގެ މިސައިލްތަކުގެ ޗާޓް، އީރާނުން އަލުން ކުރަހަމުންދާކަން، އެމެރިކާއަށް އެނގިގެން އަޅާފައިވާ އިސްތިރާޖީ ފިޔަވަޅެކެވެ.
އެއީ، ޙިކުމަތު ޢަމަލީގެ އަލީގައި ފަހަތަށް ޖެހުނު ޖެހުމެކެވެ. ޙަޤީޤަތް ޤަބޫލުކޮށް، އަލުން އަސްކަރީ ހިސާބުތައް ޖަހަން އެމެރިކާއަށް މަޖުބޫރުވުމުން ފަހަތަށް ޖެހުނު ޖެހުމެކެވެ. ފަހަތަށް ޖެހެން ދިމާވި އެންމެ މުހިންމު ސަބަބަކީ ވަރަށް ސާދާ ސަބަބެކެވެ. އާދެ، އީރާނުގެ މިސައިލްތަކުން ސަލާމާތްވާނެ މަގެއް ހޯދުމެވެ. ހުރުމޫޒު ކަނޑުއޮޅީގައި ތިބުމަކީ، އީރާނުގެ އެންމެ ނުރައްކާތެރި އެންޓި ޝިޕް މިސައިލްތަކުގެ ރޭންޖުގެ ތެރޭގައި ހިމެނޭ، 330 އާއި 350 ކިލޯމީޓަރުގެ ޚަލީޖު ފާރިސްއާއި އަދި ހުރުމޫޒު 2 ގެ ބެލެސްޓިކް މިސައިލްތަކުގެ ޙަމަލާއެއް އަމާޒުވެދާނެ މަޤާމެކެވެ. އަދި، އެމެރިކާގެ އެ ފިޔަވަޅަކީ، ޗައިނާގެ ވައި.ޖޭ-18 މިސައިލް އީރާނުގެ އަތުގައި ހުރެއްޖެނަމަ، ނުވަތަ ލިބިއްޖެނަމަ، އޭގެ ނުރައްކާ ކުޑަކުރެވޭނެ ފިޔަވަޅެކެވެ.
އޭގެ އިތުރުން، އެހެންކަމެއްވެސް އޭގެ ފަހަތުގައި އެބައޮތެވެ. ރިޕޯޓްތަކުން ދައްކާ ގޮތުގައި، އެމެރިކާގެ އަރުމާޒު، އޮމާންގެ ފަރުބަދަތަކުގެ ނިވަލުގައި އަލުން ޖައްސާފައިވާއިރު، އެއީ އީރާނުގެ ރާޑަރާއި، އުސް ފަރުބަދަތަކުގެ މަތީގައި ބަހައްޓާފައިވާ އޮޕްޓޯ އިލެކްޓްރޯނިކް ސަވައިލެންސް ނިޒާމުތަކުން އަރުމާޒު ނިވައިކުރުމަށް، އެމެރިކާގެ އަސްކަރިއްޔާއިން ގަސްތުގައި ކުރި ކަމެކެވެ. އެހެން ގޮތަކަށް ބުނާނަމަ، ދުނިޔޭގެ އެންމެ ބާރުގަދަ ކަނޑުގެ އަސްކަރިއްޔާއަށް، މިހާރު ވަނީ ޖުޣުރާފީ ނިވާފައްގަނޑެއްގެ ގޮތުގައި ބޭނުންކުރަން ޖެހިފައެވެ.
އެގޮތުން، އޮމާންގެ ސަރަހައްދު ވެފައިވަނީ، އީރާނުގެ މިސައިލްތަކުން ދިފާޢުވުމަށް ލެވުނު އިތުރު ފަށަލައަކަށެވެ. ޕެޓްރިއޮޓް ޕީއޭސީ-3 އަދި ނާސަމްސް ފަދަ ނިޒާމުތަކުން، މިހާރު އީރާނުގެ އެންޓި ޝިޕް މިސައިލްތަކާއި ޔޫއޭވީތައް، އެމެރިކާގެ އަރުމާޒަށް ފޯރުމުގެ ކުރިން ވައްޓާލުމުގައި އެހީތެރިވެދޭނެއެވެ. އަދި އެސް.އެމް‐6 އިންޓަސެޕްޓަރުތަކާއި، އަރުމާޒުގައި ހުރި މަތިންދާބޯޓުތަކަށް އަންނަ ޙަމަލާތަކާއި ދެކޮޅަށް މަސައްކަތް ކުރުމަށް ވަގުތާއި ޖާގަވެސް، ލިބިގެންދާނެއެވެ.
ވީމާ، އެއީ އެމެރިކާ ބަލިވުމެއް ނޫނެވެ. އެކަމަކު އެއީ އެމެރިކާގެ ބާރުގަދަވުމެއްވެސް ނޫނެވެ. ފާރިސީ ޚަލީޖަކީ މިހާރު، އެމެރިކާ ބޭނުންގޮތަކަށް މިނިވަންކަމާއެކު ޙަރަކާތްތެރިވެވެން އޮތް ސަރަޙައްދެއް ނޫނެވެ. އީރާނުގެ މިސައިލް ކޮށާރުގެ ސަބަބުން ހިރާސްގެ އީކުއޭޝަނަށް، އަސާސީ ބަދަލުތަކެއް އައިސްފައިވާ ކަމަށް އެމެރިކާއިން ޤަބޫލު ކުރެއެވެ. އެމެރިކާގެ އަރުމާޒު ފުރައިގެން ދިޔައީ ނުރައްކާ ބޮޑުވެ، އީރާނުގެ ހަމަލާތައް ސީދާވެ، ފުރާނައަށް ނުރައްކާވާ ހިސާބަށް ގޮސްދާނެތީއެވެ.
މެސެޖު ވަރަށް ސާފެވެ. އީރާނުގެ އައްސޭރިފަށާ ކައިރީގައި ކުރާ ކޮންމެ ހަނގުރާމައެއް ކުރިއަށް ދާނީ އީރާނުގެ ކޮންޓްރޯލް ދަށުގައި، އީރާނުގެ ޝަރުތުތަކާ އެއްގޮތަށް އަދި އީރާނުން ބޭނުންވާ އަގެއް ދައްކައިގެންނެވެ. އެހެންކަމުން، އެއީ، ވޮޝިންޓަނަށް އަޅާނުލައި ދޫކޮށްލެވެން ހުރި ކަންކަމެއް ނޫނެވެ.
