އަންދަލުސްގެ ބާޒު – 60

(31 އޮކްޓޯބަރ 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

މޫސަ ވިދާޅުވިއެވެ. [އަބުރުވެރި ދިރިއުޅުމަކަށްޓައި ގްރަނާދާގެ ރައްޔިތުން އަޅުގަނޑުމެންނާ ބައިވެރިވާނޭ ކަމަށް އަޅުގަނޑު އިހަށް ހީކުޅައީމެވެ. އެކަމަކު އެއީ ކުށް ހިއެކެވެ. މިހާރު އެ ރަށުގެ ރައްޔިތުން ބޭނުންވަނީ އިހާނެތި މަރަކުން ސަލާމަތްވާށެވެ. އެމީހުންގެ ކުރިމަތީގައި މަރު ނޫން އެހެން ކަމެއް ނެތްކަން ޔަގީންވީމާ އިހާނެތި މަރަކަށްވުރެ ބޮޑަށް އިސްކަންދޭނީ އަބުރުވެރި މަރަކަށް ކަން އަޅުގަނޑަށް ޔަގީނެވެ. މި ހަނގުރާމަ ވެގެން ދާނީ ފެރްނާންދޯއާ ދެކޮޅަށް އަޅުގަނޑުމެން ކުރާ ފުރަތަމަ ހަނގުރާމައަށެވެ. އެހެންވީމާ ގައުމުގެ އިހުގެ ޣައްދާރުންނާއި މަސްލަހަތަށްޓަކައި ދެކޮޅުވެރިވީ މީހުން އަޅުގަނޑުމެންނާ ބައިވެރިވުމަކީ އެކަށީގެންވާ ކަމެކެވެ.]

ބަދްރު ބިން މުޣީރާ މަލާމާތުގެ ރާގަކަށް ވިދާޅުވިއެވެ. [ތިޔަ ވިދާޅުވާ ޖިހާދަށްޓަކައި އަނެއްކާވެސް އަބޫ ޢަބްދުﷲގެ މާތްވެގެންވާ އަތްޕުޅުގައި ބޮސްދެއްވާނީތޯއެވެ؟]

މޫސަ ކަންބޮޑުވެވަޑައިގެންފައި ވިދާޅުވިއެވެ. [އަޅުގަނޑު މިތަނަށް އައީ އަބޫ ޢަބްދުﷲއަށްޓަކައެއް ނޫނެވެ. ގްރަނާދާއަށްޓަކައެވެ. ގްރަނާދާގެ އަހުލުވެރިންނާމެދު އަޅުގަނޑަށް ކުށް ހިއެއް ކުރެވުނީކަމަށް ވެދާނެއެވެ. އެކަމަކު މަނިކުފާނާމެދު އަޅުގަނޑަކަށް ކުށް ހިއެއް ނުކުރެވެއެވެ. އަޅުގަނޑު މިތަނަށް ނައިނަމަވެސް މަނިކުފާނު ގްރަނާދާގެ ރައްޔިތުންނަށް އެހީތެރިވެވަޑައިގަންނަވާން ވަޑައިގަންނަވާނޭކަން އަޅުގަނޑަށް އެނގެއެވެ.]

ބަދްރު ބިން މުޣީރާ ތެދުވެވަޑައިގެން ކުޑަދޮރު ކައިރިއަށް ޖެހިވަޑައިގެންފިއެވެ. އޭނާގެ ބުރިކަށިފުޅު ހުރީ މޫސަޔާ ދިމާއަށެވެ.

މޫސަ ވިދާޅުވިއެވެ. [ބަދްރެވެ. މި ހާލަތުގައިވެސް ގްރަނާދާގެ ހަތަރުފާރު ރައްކާތެރިކުރުމަކީ ކުރެވިދާނޭ ކަމެއް ކަމަށް ގަބޫލުނުކުރެވޭނަމަ، ވަކި މީހަކު ނޭނގޭ ގޮތަށް މަނިކުފާނުގެ ލަޝްކަރާ އަޅުގަނޑު ގުޅުނީމުހެވެ. އެކަމަކު މަނިކުފާނުގެ އެހީފުޅާއެކު އަޅުގަނޑުމެންނަށް ހަނގުރާމަ ކާމިޔާބުކުރެވިދާނޭ ކަމަށް އަޅުގަނޑު ގަބޫލުކުރަމެވެ. ގްރަނާދާއިން މިހާރުވެސް ލައްކައެއްހައި ދަރުމަވެރިން ޖަމާކުރެވިދާނެއެވެ.]

ބަދްރު ކުއްލިއަކަށް މޫސަޔާ ދިމާއަށް އެނބުރިވަޑައިގެންފިއެވެ. [މޫސާއެވެ. ގްރަނާދާ ސަލާމަތްކުރުމަށްޓަކައި ކިތަންމެ ބޮޑު ގުރުބާނީއެއް ވުމަކީވެސް އަޅުގަނޑު ޖެހިލުންވާނޭ ކަމެއް ނޫންކަން މަނިކުފާނަށް އެނގިވަޑައިގަންނަވާނެއެވެ. އެކަމަކު ހިނގައިދިޔަ ކަންތައްތަކަށް ބަލާއިރު ގްރަނާދާ ސަލާމަތް ކުރެވިދާނޭ ކަމާމެދު ފިކުރުކުރަން އަޅުގަނޑަށް ވަނީ މަޖުބޫރު ވެފައެވެ. ގްރަނާދާއަށްޓަކައި އަޅުގަނޑުމެން މިހައިތަނަށް ވީ ގުރުބާނީގެ އެއްވެސް ފައިދާއެއް ކުރިތޯއެވެ؟ ގްރަނާދާއަކީ އަޅުގަނޑުމެންގެ ދިފާއީ މަރުކަޒަކަށް މިހާރު ހަދައިފިއްޔާ އަޅުގަނޑުމެންގެ ގުރުބާނީ އަނެއްކާވެސް ބޭކާރުވެގެން ދާނީތޯއެވެ؟ ބިންގައު ގުޑައިފައިވާ ފާރުތަކުގެ އެހީތެރިންކަމުގައި ވެގެން އަޅުގަނޑުމެން ތިބެންވީ ކިހައި ދުވަހެއް ވާންދެންތޯއެވެ؟ މޫތައް ހަލާކުވެ، ފީވެފައިވާ ގަސްގަހުގައި ލަނބުރާން ޖަހައިގެން ކޮޅަށް ބަހައްޓާން މަސައްކަތްކުރާނީ ކިހައި ދުވަހެއް ވާންދެންތޯއެވެ؟ އަޅުގަނޑުގެ ވާހަކަ ހިތިފުޅުވެދާނެއެވެ. އެކަމަކު ހަގީގަތުގެ ބިރުވެރި މޫނުގައި ލަފުޒުގެ ފަރުދާ އަޅައި ނިވައިކުރާން އުޅުމަކީ ފައިދާއެއް ކުރާނޭ ކަމެއް ނޫނެވެ. ގްރަނާދާގެ ރައްޔިތުން އެމީހުންނަށް ކުރެވުނު ދެރަކަންކަމާމެދު ހިތާމަކުރާ ކަމަށް އަޅުގަނޑު ގަބޫލުކޮށްފާނަމެވެ. އެމީހުންގެ ހިތުގައި ދިފާއުގެ ޖަޒުބާތު އުފެދިއްޖެ ކަމަށްވެސް ގަބޫލުކޮށްފާނަމެވެ. އެމީހުން ހަނގުރާމައަށް ނުކުތުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެކަމަކު ނަސީބު ދެރަކަމުން މި ވަގުތުވެސް އެމީހުންގެ ވެރިއަކަށް އެހެރީ އަބޫ ޢަބްދުﷲއެވެ. ވެރިކަމުގެ އިސް މަގާމުތަކުގައި އެތިބީ އެމީހުންގެ ސަބަބުން އަޅުގަނޑުމެންގެ ފަޚުރުވެރި ކާމިޔާބީ، ނާކާބިޔާބީއަށް ބަދަލުވެގެން ދިޔަ މީހުންނެވެ. ގްރަނާދާގެ ރައްޔިތުންގެ ކޮނޑުމަތީގައި އެހެރީ މީގެ އެތައް އަހަރެއް ކުރީން ވަޅުލެވިފައި ހުންނަންޖެހޭ ގަބުރުތަކެވެ. މަނިކުފާނު ވިދާޅުވާ ގޮތުގައި އަލްޙަމްރާގެ ދޮރާށި ދޮށުގައި ރެޔާއި ދުވާލު މުޒާހިރާކުރަމުން އެބަގެންދެއެވެ. އެކަމަކު އެ މުޒާހިރާވެރިންގެ ބޭނުމަކީ އަބޫ ޢަބްދުﷲ ނުކުމެގެން އައިސް އެމީހުންގެ ކޮމާންޑަރަކަށްވުން ނޫންތޯއެވެ؟ ހަނގުރާމައިގެ މައިދާނުގައި ކޮމާންޑަރަކަށް ބަހައްޓާން ގަބުރެއް ކޮނޑަށް ލައިގެން އުޅޭ ބަޔަކާމެދު އަޅުގަނޑު ދަންނަވާނީ ކީކޭތޯއެވެ؟ މޫސާއެވެ. އަލްޙަމްރާ ބިނާކޮށްފައި ވަނީ އަޅުގަނޑުމެންގެ ކާބަފައިންގެ ލެޔާއި ދަލުންނެވެ. މިއަދު އެ ގަނޑުވަރުގެ ފާރުތައް ހިމާޔަތްދެނީ އަބޫ ޢަބްދުﷲ ފަދަ ޣައްދާރުންނަށް ކަމުގައި ވަނީނަމަ، ގްރަނާދާގެ ރައްޔިތުންގެ ފަރާތުން އަޅުގަނޑު އެދެނީ އެންމެ ކަމެކެވެ. އަލްޙަމްރާގެ ފާރުތައް ވައްޓައިލާށެވެ. ޣައްދާރުންގެ ކަނދުރާއާ ހަމައަށް ދާން އެމީހުންނަށް ހުރަސްއަޅަނީ އަލްޙަމްރާގެ ދޮރާށިތައް ކަމުގައި ވަނީނަމަ، އެ ދޮރާށިތައް ވައްޓައިލާށެވެ. ގޮނޑިގޮނޑިއަށް ސަވާރުވެގެން ތިބީ ޙިއްސުތައް މަރުވެފައިވާ މީހުން ކަމުގައި ވަނީނަމަ، އެބައި މީހުން ގޮނޑިތަކާއެކު ވަޅުލާށެވެ.]

[ކުށް ހީފުޅެއް ނުކުރައްވާށެވެ. އަޅުގަނޑުމެންގެ ކަނޑިތައް ދުވަހަކުވެސް ވަކި ރަސްކަލަކަށްޓަކައި އުރަތަކުން ދަމައެއް ނުގަންނަމުއެވެ. ގްރަނާދާގައި ނަމަކަށް އޮތް ޝާހީ އާއިލާދެކެ އަޅުގަނޑުމެން ވާ ލޯތްބެއް ނެތެވެ. އަބުލްޙަސަންގެ ދައުވަތަށް އަޅުގަނޑުމެން އިޖާބަދިނީ، އަޅުވެތިކަމުން ގައުމު މިންޖުކޮށްދެއްވާނެކަމަށް އަހުދުވެވަޑައިގަތީމައެވެ. އައްޒަޣަލް ވެރިކަން އަޅުގަނޑުމެން ގަބޫލުކުޅައީ ގައުމުގެ މިނިވަންކަމަށްޓަކައި ހަނގުރާމައިގެ މައިދާނަށް ނުކުމެވަޑައިގަތީމައެވެ. އެކަމަކު އަޅުގަނޑުމެންގެ ނާކާމިޔާބީގެ ހަމައެކަނި ސަބަބަކަށް ވެގެން ދިޔައީ މައިދާނަށް ނުކުމެވަޑައިގަތުމާއެކުވެސް ގްރަނާދާގައި ތިބި މުނާފިގުން ހުސްކޮށްލެއްވުމުގެ ވިސްނުންފުޅެއް އޭނާ ނުގެންގުޅުއްވުމެވެ. އައްޒަޣަލަށް ފުރުސަތު ލިބިވަޑައިގަތެވެ. އެކަމަކު އޭނާ ހެއްދެވީ ކިހިނެއްްތޯއެވެ؟ އޭނާއަށް ބޮޑުބޭބެ ވިދާޅުވާ އަބޫ ޢަބްދުﷲ އާއްމުންގެ ތެރޭގައި ދަން ޖެއްސެވުމުގެ ބަދަލުގައި ލޮއްޚާގެ ވެރިކަން ދެއްވީއެވެ. ދެން އަބޫ ޢަބްދުﷲ ކަންތައްކުރީ ކިހިނެއްތޯއެވެ؟ މުޅި ސަހަރު ފެރްނާންދޯއާ ހަވާލުކުރީއެވެ.]

[އަބޫ މުޙްސިން ގާތު އައްސަވައިބައްލަވާށެވެ. އޭނާއަށްވެސް ގްރަނާދާގެ ރައްޔިތުންގެ ގާޢިދަކަށް ވުމުގެ ފުރުސަތު ލިބުނެވެ. އެކަމަކު އޭނާވެސް އެޅީ ކަތި ފިޔަވަޅެކެވެ. ދަރުމަވެރިންގެ ލަޝްކަރެއް އެއްކުރުމަށް ފަހު އެ ލަޝްކަރުގެ ކޮމާންޑަރުކަން އަބޫ ޢަބްދުﷲއަށް ދިނީއެވެ. އަބޫ ޢަބްދުﷲއާއެކު ޣައްދާރުންގެ މީހުންވެސް މައިދާނަށް ނުކުތެވެ. ނަތީޖާއަކީ ނުލާހިކު ވަރުގަދަ ފަތަހައެއް ނާމިޔާބީއަކަށް ބަދަލުވެގެން ދިއުމެވެ.]

[މޫސާއެވެ. ތިޔަ ވަޑައިގަތީ ޖިހާރުގެ ދައުވަތާއެކުގައި ކަމަށް ވަނީނަމަ މާޔޫސްވެވަޑައިގަންނަވާކަށް ޖެހިވަޑައެއް ނުގަންނަވާނެއެވެ. އެކަމަކު ވިދާޅުވެބައްލަވާށެވެ. މި ދެންނެވި ހުރިހައި ކަމަކާއެކުވެސް އަބޫ ޢަބްދުﷲއާއި އޭނާގެ ބައިވެރިންގެ ސަންދޯއް އުފުލުމަކީ އަޅުގަނޑުމެން ކުރަން ޖެހޭ ކަމެއްތޯއެވެ؟ ހިތްޕުޅު ހަމަޖައްސަވައިގެން ހުންނަވާށެވެ. އަޅުގަނޑުމެންނަކީ ކުރިމަތީން އަންނަ ޠޫފާން ފެނުނީމާ ލޯމަރައިލާނޭ ބަޔަކީމެއް ނޫނީމެވެ. އެކަމަކު ހުއިން ބަނދެފައިވާ ބޮއްކުރައަކަށް އެރުމުގެ ބަދަލުގައި އަޅުގަނޑުމެން އިތުބާރުކުރާނީ އަޅުގަނޑުމެންގެ މުލައްދަނޑިއަށެވެ. ވެލީގެ ފާރުތަކުން ހިމާޔަތް ހޯދައިގެން މަނިކުފާނަށް މަކަރުހަދާ ބަޔަކަށް އަޅުގަނޑުމެން ނުވާނޫއެވެ.]

[މަނިކުފާނު ތިޔަ ވިދާޅުވަނީ އަމިއްލަ ފައިދާތަކުން މަހުރޫމުވެގެންދާތަން ފެނުނީމާ އަބޫ ޢަބްދުﷲއާއި އޭނާގެ ބައިވެރިން ރައްޔިތުންނާ އެއްކޮޅަށް އަރާނޭ ކަމަށް ނޫންތޯއެވެ؟ އެކަމަކު މާދަމާ އޭނާގެ މަންފާތަކަށް އެއްވެސް ހުރަހެއް ނެތް ކަމަށް ބުނެ، ރައްޔިތުންގެ ކޮނޑަށް ސަވާރުވެ، ގައުމުގެ ލޭ ބުއިމުގެ ހުއްދަ ފެރްނާންދޯ ދީފިއްޔާ އޭނާ ރައްޔިތުންނާ ދެކޮޅުވެރިއެއް ނުވާނެތޯއެވެ؟ އެބައިމީހުން ދިރިދުނިޔޭގައި ތިބިހައި ހިނދަކު ގްރަނާދާ އޮންނާނީ ނުރައްކަލުގެ ތެރޭގައެވެ. ގްރަނާދާ ނުމިއި ނުމެދިރި އޮންނަ އޮތުމަށް ފައިދާއެއްވާ ކަހަލަ އެއްވެސް ކަމެއް ކުރާކަށް އަޅުގަނޑު ބޭނުމެއް ނުވެއެވެ. އަޅުގަނޑު ދަންނަވާން ހުރި ވާހަކަތައް ދަންނަވައި މި ނިމުނީއެވެ. އެކަމަކުވެސް މަނިކުފާނު އަމުރުފުޅު ކުރައްވައިފިއްޔާ އަޅުގަނޑު މިހިރީ ތައްޔާރަށެވެ. އަޅުގަނޑުގެ ލަޝްކަރުވެސް އޮންނާނީ ތައްޔާރަށެވެ.]

ބަދްރު ބިން މުޣީރާ ގޮނޑިކޮޅުގައި އިށީނދެވަޑައިގެންފިއެވެ. މޫސަ އިރުކޮޅަކު ވިސްނައިވަޑައިގަތުމަށް ފަހު ވިދާޅުވިއެވެ. [ފެރްނާންދޯ ގްރަނާދާއަށް ހަމަލަދޭން އުޅޭކަން މަނިކުފާނަށް އޮންނާނީ އެނގިވަޑައިގެންފައެވެ. ﷲ ހެކިވެވޮޑިގެންވާނެއެވެ. އަޅުގަނޑުގެ ކުރިމަތީގައި މި ވަގުތު އޮތީ އެންމެ ބޭނުމެކެވެ. އެއީ އަންދަލުސްގެ އިސްލާމުންގެ އެންމެ ފަހުގެ ހިމާޔަތްކަމުގައިވާ ގްރަނާދާ ސަލާމަތްކުރުމެވެ. މިއީ އަބޫ ޢަބްދުﷲއާ މެދު ވިސްނާންވީ ވަގުތެއް ކަމަކަށް އަޅުގަނޑަކަށް ނުފެނެއެވެ. ވަގުތު ޖެހުނީމާ އަޅުގަނޑުމެން ހުރިހައި ޣައްދާރުންނަށް ދައްކަންޖެހޭ ކުޅިއެއް ދައްކާނަމެވެ. އަޅުގަނޑުމެންގެ ގައުމުގެ އެތައް ދަރިންނެއްގެ އިއްފަތްތެރިކަން ލޫޓުވައިލީ ބައެއްގެ މައްޗަށް އަޅުގަނޑުގެ ހިތުގައި އެއްވެސް ކަހަލަ ރަހުމެއް އުފެދިފައިވާ ކަމަށް މަނިކުފާނަށް ހީފުޅުކުރެއްވެނީތޯއެވެ؟ މި ވަގުތަށް ބަލާނަމަ އެއްކޮޅުން ދުޝްމިނުން އެތިބީ އަޅުގަނޑުމެންގެ މެޔަށް ލޮންސި އަމާޒުކޮށްގެންނެވެ. އަނެއްކޮޅުގައި ތިބީ ތިޔަ ވިދާޅުވާ މުޖުރިމުންނެވެ. އަޅުގަނޑުމެން އެ މުޖުރިމުންނާ ދިމާއަށް ސަމާލުކަން ހުއްޓާލައިފިނަމަ ދުޝްމިނުންގެ އެތިފަހަރު ސީދާ ނުވެއެއް ނުދާނެއެވެ. ﷲ އެހެން މިންވަރު ނުކުރައްވާށިއެވެ. ފެރްނާންދޯ ގްރަނާދާ ހިފައިފިނަމަ އަޅުގަނޑުމެންގެ ދުވަސް މުޅީން ދާނެއެވެ. ބަދްރެވެ. މިއަދު އަޅުގަނޑުގެ ކުރިމަތީގައި އޮތީ އެތައް ލައްކަ އަންހެން ދަރިންނެއްގެ އަބުރު ރައްކާތެރިކުރުމުގެ މައްސަލައެވެ. އަޅުގަނޑުމެންނަށް ކްރިސްޓިއަނުން ބަލިކުރެވިއްޖެނަމަ މުނާފިގުންނަށް އޮންނާނީ ދެ ގޮތެކެވެ. އެއް ގޮތަކީ އަޅުގަނޑުމެންގެ ކޮޅަށް އެރުމެވެ. އަނެއް ގޮތަކީ އަޅުގަނޑުމެންގެ ފައިދަށުވެ މަރުވެގެން ދިއުމެވެ. އިރުއެރުމާއެކު އަޅުގަނޑު ގްރަނާދާއަށް ދާނަމެވެ. ފެރްނާންދޯގެ މިސްރާބު ހުރީ ގްރަނާދާއަށް ކަމުގައި ވަނީނަމަ، ހައެއްކަ ދުވަހުގެ ތެރޭގައި ގްރަނާދާގެ ދިފާއީ ބާރު ހުރި ވަރެއް މަނިކުފާނަށް އެނގިވަޑައިގެންފާނެއެވެ. އަޅުގަނޑަށް މާޔޫސީއާ ކުރިމަތިލާން ޖެހިއްޖެނަމަ، ގްރަނާދާގެ ބަދަލުގައި މި ޖަންގައްޔަކީ އަޅުގަނޑުގެ އެންމެ ފަހުގެ ޖަގަހަ ކަމުގައި ގަބޫލުކުރާނަމެވެ. އަޅުގަނޑު އެނބުރި މަނިކުފާނުގެ އަރިހަށް އަންނާނަމެވެ. އަޅުގަނޑާއެކު ދެން އަންނާނީ އެންމެ ފަހުގެ ނޭވަޔާ ހަމައަށް ހަނގުރާމަކުރާން ތައްޔާރަށް ތިބި ބައެކެވެ.]

ބަދްރު ވިދާޅުވިއެވެ. [މަނިކުފާނުގެ ކަނޑިކޮޅު ދުޝްމިނުންނާ ދެކޮޅަށް އުފުއްލަވައިލެއްވީމާ އަޅުގަނޑުމެންގެ ކަނޑިތަކަކަށް އުރައިގައި ނުތިބެވޭނެކަން މަނިކުފާނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ. ގްރަނާދާގެ ރައްޔިތުންގެ ތެރެއިން ބަޔަކު އެންމެ ފަހު ވަގުތާ ހަމައަށް ހަނގުރާމަކުރާން ތައްޔާރަށް ތިބިއްޔާ، އެ ބަޔަކު މިތަނަށް ނުފޮނުއްވާށެވެ. އެމީހުން އަންނާނީ މާޔޫސީއާއެކުގައެވެ. މާޔޫސްވެފައި ތިބޭ ބަޔަކަށް މިތަނަކުން ޖާގައެއް ނުދެވޭނެއެވެ. އެމީހުން މައިދާން ދޫނުކޮށް ދެމިތިބެއްޖެނަމަ ހަމައެކަނި އަޅުގަނޑުމެން ކީއްކުރަންތޯއެވެ؟ ދުނިޔޭގެ ހުރިހައި ދިމާއަކުން އިސްލާމުން އެމީހުންނަށް އެހީތެރިވާން ދާނެއެވެ. އަބޫ ޢަބްދުﷲއާއި އޭނާގެ އައުވާނުންނާ ބެހޭ ގޮތުން އަޅުގަނޑު ދަންނަވާން އޮތީ އެންމެ ވާހަކައެކެވެ. އެބައިމީހުންނާ ދެކޮޅަށް މަނިކުފާނަށް ފިޔަވަޅެއް ނޭޅުއްވުނު ކަމުގައި ވިޔަސް، އެބައިމީހުން އުޅޭނޫޅޭ ގޮތް ބައްލަވައި ފާރަވެރިވެވަޑައިގަތުމަކީ ވަރަށް މުހިއްމު ކަމެކެވެ.]

މުސާ ވިދާޅުވިއެވެ. [މަނިކުފާނުގެ އިޒުނަފުޅު އޮތިއްޔާ އަބޫ މުޙްސިން އަޅުގަނޑާއެކު ގެންދާންކަމަށެވެ.]

[އަޅުގަނޑުގެ އޮންނާނީ ކޮން އިއުތިރާޒެއްތޯއެވެ؟ އަޅުގަނޑުމެންގެ ތެރެއިން މަނިކުފާނު ބޭނުންފުޅުވާ ކޮންމެ މީހަކުވެސް ގެންދަވާށެވެ.]

ފަތިސް ނަމާދުގެ ފަހުން ފެނުނީ ބަދްރު ބިން މުޣީރާއާއި އޭނާގެ އަރިސް ބޭފުޅުން، މޫސައާއި އަބޫ މުޙްސިނަށް އަލްވަދާޢު ވިދާޅުވާ މަންޒަރެވެ.

(4)

ފެރްނާންދޯ ގްރަނާދާ ހިސާރުކޮށްފިއެވެ. އޭނާގެ ފިނޑި ލަޝްކަރުން އެތައް ފަހަރަކު ރަށަށް ހަމަލަދީފިއެވެ. އެކަމަކު ރަށުން އޮހޭން ފަށާ ތީރުގެ ވާރޭގެ ސަބަބުން ކޮންމެ ފަހަރަކުވެސް ފަހަތަށް ޖެހޭން މަޖުބޫރު ވަނީއެވެ. ފެރްނާންދޯއާއި އޭނާގެ ލަޝްކަރު އޮތީ ބާރުގެ މަސްތުގައި ޖެހިފައެވެ. އާދައިގެ ގެއްލުމަކަށް ބެލުމުގެ ބަދަލުގައި އެމީހުން ރަށުގެ ހިސާރު ދެމެހެއްޓިއެވެ. ކްރިސްޓިއަން ލަޝްކަރުގެ ޚަބަރު ލިބުނީމާ ވަށައިގެން ހުރި އަވަށްތަކުގެ މީހުންވެސް އައިސް ގްރަނާދާއަށް ވަދެއްޖެއެވެ. ފެރްނާންދޯގެ ލަޝްކަރުން ގޮސް އެ އަވަށްތަކުގެ މޭވާ ބަގީޗާތަކާއި ދަނޑުތައް ސުންނާފަތި ކޮށްލައިފިއެވެ.

ރަށުގެ ރައްޔިތުންގެ ކޮމާންޑަރަކަށް ހުންނެވީ މޫސާއެވެ. އޭނާގެ ފޯރިގަދަ ތަގުރީރުތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި އޮތީ އާދަޔާ ޚިލާފު ރޫހެއް އުފެދިފައެވެ. ރައްޔިތުންނެކޭ އެއްފަދައިން އަބޫ ޢަބްދުﷲއާއި އޭނާގެ ބައިވެރިންވެސް އައު ކޮމާންޑަރުގެ ދަށަށް ޖެހިއްޖެއެވެ. ރައްޔިތުން މި ވަގުތު ތިބީ އެބައިމީހުންގެ ކުރީގެ ކުށްތައް ހަނދާން ނައްތައިލައިގެންނެވެ. ޢިލްމުވެރިން، އެބައިމީހުންގެ ދަރިވަރުންނަށް، ސަރުދާރުން އެބައިމީހުންގެ ގަބީލާތަކުގެ މީހުންނަށް އަންގަމުން ދިޔައީ ޖިހާދަށް ނުކުންނާށެވެ. ޒުވާނުންގެ ޖޯޝް ހުރިވަރީ، ދުޝްމިނުންނަށް ޖާސޫސުކޮށްދޭ ކަމަށް ޝައްކުކުރެވޭ ދެ މީހަކު ގެނެސް އެންމެންގެ ކުރިމަތީގައި ދަންޖައްސައިފިއެވެ.

ކާބޯތަކެތި ހުސްވުމާއެކު ރަށުގެ އަހުލުވެރިން ހަތިޔާރު ބަހައްޓާނޭކަން ފެރްނާންދޯއަށް ޔަގީނެވެ. އެކަމަކު އެއް ދުވަހަކު އިރުއެރިތަނާ ގްރަނާދާގެ ދޮރާށިތައް ހުޅުވިއްޖެއެވެ. އޭރު ފެރްނާންދޯގެ ލަޝްކަރުގެ މީހުންނަށް ކިރިޔާ ނިދީން ހޭލެވުނީއެވެ. ކުއްލިއަކަށް އިސްލާމުންގެ ލަޝްކަރުތައް ބޭރަށް ނުކުމެ ހަމަލަދީފިއެވެ. މިއީ ފެރްނާންދޯ ހީކޮށްގެން ހުރި ގޮތާ ޚިލާފަށް ދެވުނު ހަމަލައެކެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އިސްލާމުންގެ ހަމަލައިން ކްރިސްޓިއަނުންގެ ގާތްގަނޑަކަށް ހަތަރުހާހެއްހައި މީހުން ގަތުލުވެއްޖެއެވެ. މި ހިސާބަށް ކަންތައް ދިޔައިރު ފެރްނާންދޯގެ ތީރުވެރިން ޚަންދަގުތަކަށް ފައިބައިފިއެވެ. ފައިމަގުގައި ހަނގުރާމަކުރާ މީހުންނަށް ކުޑަކޮށް ހަމަޖެހިލާނެ ފުރުސަތު ލިބިއްޖެއެވެ.  މޫސަ އެއްހާސް ސިފައިންނާއެކު ހުޅަނގު ދޮރާށިން ނުކުމެވަޑައިގެން ހަމަލަދެއްވައި ދުޝްމިނުންގެ ސަފުތައް ރޫޅުއްވައި ސުންނާފަތި ކުރައްވައިފިއެވެ. އަދި އެ ފަރާތުގައި ހުރި ތީރުވެރިންގެ ޖަގަހަތައް އަތުލައްވައިފިއެވެ.

ދެކުނު ދޮރާށިން ނުކުތީ އަބޫ ޢަބްދުﷲއާއި އޭނާގެ ލަޝްކަރެވެ. އެޔާއެކު ގްރަނާދާގެ ގޮނޑިކޮއްކޮ ރަސްގެފާނަކީ އަދިވެސް ލޮންސިއާއި ކަނޑީގެ ކުޅަދާނަ ހެއްވަވުކަމަށް ގަބޫލުކުރާން ލަޝްކަރަށް މަޖުބޫރުވެއްޖެއެވެ.

މެންދުރުފަހާ ހަމައަށް ފެރްނާންދޯގެ ލަޝްކަރު ދިޔައީ ހުރިހައި ދިމާއަކުން ފަހަތަށް ޖެހެމުންނެވެ. ތިންވަނަ ދަމަށް އަޅައިގަތްއިރު އޭނާގެ ލަޝްކަރު އެންމެ ފަހަތު ޚަންދަގުގެ ފަހަތުގައި ލަޝްކަރު ރުކުރުވައިލައިފިއެވެ. ގްރަނާދާގެ ލަޝްކަރަށް އިތުރަށް ކުރިއަށް ޖެހެވޭނޭ އިތުރު މަގެއް ނެތިއްޖެއެވެ. އުދުހެމުން އަންނަ ތީރުގެ ސަބަބުން ދެ ލަޝްކަރުގެ ދެމެދުގައި ހުރަހެއް ގާއިމުވެއްޖެއެވެ. އަބޫ މޫސާގެ ލަޝްކަރުގައި ފައިމަގުގެ ހަނގުރާމަވެރިން މަދެއް ނޫނެވެ. އެކަމަކު ހަމަލަދޭކަށް އޭނާ ނާންގަވައެވެ. ރަށުގެ ދިފާއަށްޓަކައި އެކި ދިމަދިމައިގައި ތީރުވެރިން ޖާގަޖަހައިފިއެވެ. އަސްވާރުން އިރުއިރުކޮޅާ ކުރިއަށް ޖެހިލައި ކުދިކުދި ހަމަލަދީ، ދުޝްމިނުންނަށް އެތައް ގެއްލުމެއް ކުރުމަށް ފަހު ފަހަތަށް ޖެހެމުން ދާން ފަށައިފިއެވެ.

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.