އަންދަލުސްގެ ބާޒު – 56

(3 އޮކްޓޯބަރ 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ނޯކަރު އެނބުރި ދިޔައީމާ އަބޫ ދާވޫދް ކަރުދާހާއި ގަލަން ނަގައި، ސިޓީއެއް ލިޔާން ފަށައިފިއެވެ.

ކުޑައިރުކޮޅެއް ފަހުން ހަތަރު އޮފްސަރަކު އައިސް އެތަނަށް ވަދެއްޖެއެވެ. ސިފައިން ކަމުގައި ވިޔަސް އެމީހުން އަޅައިގެން ތިބީ ކްރިސްޓިއަން ހެދުމެވެ. އަބޫ ދާވޫދް އޭނާ ލިޔުނު ސިޓީ ކިޔައިލުމަށް ފަހު އެމީހުންނާ ދިމާއަށް ބަލައިލިއެވެ. [ގްރަނާދާއިން އައި މަންދޫބު އަހަރެމެންގެ މެހުމާނުޚާނާގައި ހުންނާނެއެވެ. އޭނާ މިހާރު ގެންދާނީ ދަތުރަށް ތައްޔާރުވަމުންނެވެ. ކަލޭމެން އޭނާގެ ފަހަތުން ދާށެވެ. އޭނާގެ މިސްރާބު ހުރީ ގްރަނާދާއަށްކަން ނުވަތަ މަލަޚާއަށްކަން ޔަގީންވާންދެން ފަހަތުން ދާންވާނެއެވެ. މަލަޚާއާ ދިމާއަށް ދާނަމަ އެއީ އަހަރެމެންގެ ރަސްގެފާނުގެ އެކުވެރިއެއްކަމުގައި ބަލާށެވެ. އެހެން ވެއްޖެނަމަ، ކަލޭމެންގެ ތެރެއިން އެކަކު އަހަރެންގެ މި ސިޓީ ހިފައިގެން އޭނާޔާއެކު ނުވަތަ އޭނާގެ ފަހަތުން މަލަޚާއަށް ދާށެވެ. އަނެއް ތިން މީހުން އެނބުރި އަންނާށެވެ. އޭނާ ދަނީ ގްރަނާދާއަށް ކަމުގައި ވަނީނަމަ އެއީ އަހަރެމެންގެ ރަސްކަމަށް ހުރި ވަރަށް ބޮޑު ނުރައްކަލެކެވެ. އެހެންވީމާ ކަލޭމެންގެ ވާޖިބަކަށް ވާނީ ކަލޭމެންގެ ފުރާނަ ނުރައްކަލުގެ ތެރެއަށް ހުށަހަޅައިގެން ނަމަވެސް އޭނާއަށް ގްރަނާދާއަށް ދިޔަނުދީ ހިފެހެއްޓުމެވެ. އޭނާޔާއެކު ދާނީ އެންމެ ފަސް މީހުންނެވެ. ކަލޭމެން ދާއިރު ރަނގަޅަށް އަމާޒަށް ތީރުޖަހަން ދަންނަ ދެތިން ތީރުވެރިންވެސް ގެންދާށެވެ. އޭނާގެ ބައިވެރިންނަށް، ކަމެއް ވެއްޖެކަން އެނގޭއިރު ތީރު ހުންނާން ވާނީ މަންދޫބުގެ މޭ ފޫއަޅުވައި ބޭރަށް ނުކުމެފައެވެ. މަޖުބޫރުވެގެން ނޫނީ އޭނާޔާއެކު ދާ މީހުން ގަތުލުނުކުރާށެވެ. އެޔަށް ފަހު ކަލޭމެންގެ ތެރެއިން އެކަކު މި ސިޓީ ހިފައިގެން މަލަޚާއަށް ގޮސް ރަސްގެފާނަށް އަރުވާށެވެ. އަދި ހިނގައިދިޔަ ކަންތައްތަކުގެ ޚަބަރުވެސް ތަފުސީލުކޮށް ދަންނަވާށެވެ. އަވަހަށް ދާށެވެ. ޠަރީފް ދަތުރަށް ނުކުތަސް އަދި މާ ދުރަކަށް ނުދެވޭނެއެވެ.]

(3)

ލޮއްޚާއިން ނުކުމެވަޑައިގަތުމަށް ފަހު އެތައް ކޯހެއްގެ ރާސްތާ ކަޑައްތުކުރެއްވޭންދެން ޠަރީފް، އޭނާގެ ބައިވެރިންނަކާ އެއްވެސް ވާހަކަފުޅެއް ނުދައްކަވައެވެ. ރޭގަނޑު އޭނާ، ބައިވެރިންނާއެކު ހޭދަކުރެއްވީ މެހުމާނުޚާނާއެއްގައެވެ. މެހުމާނުޚާނާގެ ވެރިއަކީ މޮރޮކޯ ދަރިކޮޅުގެ އިސްލާމެކެވެ. ޠަރީފް އަސްކޮޅުން ފައިބައިވަޑައިގެން ވިދާޅުވިއެވެ. [އަހަރެމެންނަށް ކަމެއް ކޮށްދިނުމުގެ ކުރިން އަހަރެމެންގެ އަސްތަކަށް ކާން ދެވޭނެގޮތް ހަދައިދޭށެވެ. މިރޭގެ ތިންދަން ހޭދަކުރުމަށް ފަހު އަހަރެމެން މިތަނުން ފުރާނަމެވެ.]

މެހުމާނުޚާނާގެ ވެރިމީހާ ބުންޏެވެ. [ތިޔައީ ކޮންމެވެސް އިއްޒަތްތެރި ބޭފުޅަކުކަން ގައިމެވެ. މިތާނގެ އެންމެ ރަނގަޅު ކޮޓަރީގައި ކްރިސްޓިއަނުންގެ ދެ އޮފްސަރަކު އެބަތިއްބެވެ. އެންމެ ރަނގަޅުފުޅު ކަމުގައި ވަނީނަމަ މަނިކުފާނަށްޓަކައި އަޅުގަނޑުގެ ގޭގެ ކޮޓަރިއެއް ހުސްކޮށްފާނަމެވެ. ބާކީ މިތިބަ މީހުންނަށް މެހުމާނުޚާހާނާގައި ކޮޓަރި އެބަހުއްޓެވެ.]

ޠަރީފް ވިދާޅުވިއެވެ. [އަހަރެން ބޭނުންވަނީ ހަމައެކަނި ނިދައިލާށެވެ.]

އޭނާ ބުންޏެވެ. [މިތާނގައި އަވަހާރަފުޅުލައްޕަވާން ދަތިފުޅުވެދާނޭ ކަމަށް އަޅުގަނޑަށް ފެނެއެވެ. މި ދެންނެވި ދެ އޮފްސަރުން ކައިރި ގެއަކަށް ގޮސް ހެސްކިޔައިފައި ރާ ބޮއިގެން އިސާހިތަކު އަތުވެދާނެއެވެ. ރޭގަނޑު ހަތަރުދަމު ތިބޭނީ ނުނިދައެވެ. އަދި އެހެން މީހަކަށް ނިދިޔަވެސް ނުދޭނެއެވެ. ހުރަސް ފާރުގެ އަނެއް ފަރާތުގައި އެހެރީ އަޅުގަނޑުގެ ގެއެވެ. ގޭގައި އޮންނެވިޔަސް އަޑުފައްގަނޑު މަނިކުފާނަށް އިވިވަޑައިގަންނަވާނެއެވެ. އެކަމަކު އަމަލުވެގެން ތިބެ މަނިކުފާނު އޮންނަވާ ކޮޓަރިކޮޅުގެ ދޮރުކޮޅުގައި ތަޅައެއް ނުގަނެވޭނެއެވެ.]

ޠަރީފް ވިދާޅުވިއެވެ. [އެންމެ ރަނގަޅެވެ. ތިޔަ ބުނާ ގޮތަށް އިންތިޒާމުކުރާށެވެ.]

ރޭގަނޑުގެ ފަރީއްކޮޅުން އަވަދިވެވަޑައިގެން އަވަހާރަފުޅަށް އޮށޯވެވަޑައިގަންނަވާން އުޅުއްވަނިކޮށް މެހުމާނުޚާނާއާ ވީ ފަރާތުން އަޑެއް އިވިވަޑައިގެންފިއެވެ. ރަނގަޅަށް އަޑު އައްސަވައިލެއްވީމާ އެއީ އަންހެނެއްގެ ރުއިމާއި އާދޭހުގެ އަޑުކަން އެނގިވަޑައިގެންފިއެވެ. އޭނާ އަވަހަށް މެހުމާނުޚާނާގެ ވެރިމީހާއަށް ވިދާޅުވެގެން ގެންނަވައިފިއެވެ. އޭނާ ކޮޓަރިއަށް ވަދެފައި، ޠަރީފް ސުވާލެއް ކުރެއްވުމުގެ ކުރީން ދަންނަވައިފިއެވެ. [ހީވާ ގޮތުގައި މިރޭވެސް އެ އައީ ކޮންމެވެސް ޝިކާރައަކާއިގެންނެވެ.]

[ތިޔަ ބުނަނީ މީސްމީހުންގެ އަންހެން ދަރިން ގަދަކަމުން މިތަނަށް ގެންނަ ވާހަކަ ހެއްޔެވެ؟]

[ތަނެއް ހިފުނީމާ އެތަނަކަށް ވެރިވާ ބަޔަކީ ނިކަމެތި ރައްޔިތުންގެ ރުހުން ގަދަކަމުން ނަމަވެސް ހޯދަން ދަންނަ ބައެއް ނޫންތޯއެވެ؟]

[އެއްވެސް މީހަކު އެކަމާ ދެކޮޅެއް ނުހަދާ ހެއްޔެވެ؟]

[މި އަވަށުގައި އިސްލާމުން އުޅެނީ ވަރަށް މަދުންނެވެ. އަމިއްލަ ގެ ސަލާމަތްކުރުމުގެ ބޭނުމުގައި އެހެން މީހުންގެ ގެ އަނދަމުންދާތަން ބަލަން އެމީހުން ތިބެނީއެވެ.]

[އެމީހުންގެ ކިބައިގައި އެއްވެސް ކަހަލަ ޣީރަތްތެރިކަމެއް ނެތީހެއްޔެވެ؟]

[ހީވާ ގޮތުގައި މަނިކުފާނު ތިޔަ ވަޑައިގެންނެވީ ކޮންމެވެސް އެހެން ގައުމަކުންނެވެ. އެ ގައުމެއްގެ ރަސްގެފާނު ފިނޑި ހިކަންޖަކަށް ވެފައި އަމީރުން ޣައްދާރުންނަށް ވީމާ ތިޔަ ވިދާޅުވާ ޣީރަތްތެރިކަމުގެ އެއްވެސް މާނައެއް ނޯންނާނެއެވެ.]

ޠަރީފް ކަނޑިކޮޅު ދަންމަވައިގެންފައި ވިދާޅުވިއެވެ. [އެކުވެރިޔާއެވެ. އަހަންނަށް މަގު އޮޅިފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ. އަހަންނަށް ސީދާ މަގު ދެއްކީތީ ޝުކުރު އަދާކުރަމެވެ.]

ޠާރީފް ވަރަށް ބާރަށް ދުވެވަޑައިގެން، ގެއިން ބޭރަށް ނުކުމެވަޑައިގެންފިއެވެ. ވަޑައިގަތްގޮތަށް ވެދެވަޑައިގަތީ މެހުމާނުޚާނާއަށެވެ. އަންހެންމީހާގެ ރުއިމުގެ އަޑު އަންނަނީ އިމާރާތުގެ އެއްވަނަ ބުރިންނެވެ. ޠަރީފް ސިޑިން އަރައިވަޑައިގެން އެއްވަނަ ބުރީގެ ކޮރިޑޯއަށް ވަޑައިގެން ބާރަށް ވިދާޅުވިއެވެ. [ފިނޑިންނޭވެ! ކަލޭމެން ހީކުރަނީ ކީކޭކަމަށް ހެއްޔެވެ؟] ކޮރިޑޯގެ އެންމެ ކޮޅުގައި ހުރި ކޮޓަރިއެއްގެ ކުޑަދޮރުން ބޭރަށް އަލި ނުކުމެފައި ހުއްޓެވެ. މައި ދޮރު ހުރީ ލައްޕައިފައެވެ. އަންހެންކުއްޖާގެ އަޑު އިވެނީ އެ ކޮޓަރިންނެވެ. [އަޅުގަނޑު ދޫކޮށްލައްވާށެވެ. އަޅުގަނޑަށް ރަހުމުކުރައްވާށެވެ. އަޅުގަނޑު ދިޔަދެއްވާށެވެ.]

ޠަރީފް ކުޑަދޮރުން އެތެރެއަށް ބައްލަވައިލެއްވިއެވެ. އެތެރެއިން ފެނިވަޑައިގަތް މަންޒަރު އަލުން ބައްލަވައިލައްވާކަށްވެސް ކެރިވަޑައެއްނުގަތެވެ. ގައިކޮޅުގައި ހުރިހައި ބާރެއްލެއްވުމަށް ފަހު ކޮނޑުފުޅުން ޖެއްސެވިޖެއްސެވީނުން ދޮރު ވައްޓަވައިލައްވައިފިއެވެ. ރާގެ މަސްތުގައި ތިބި ދެ ވަހުޝީން އަންހެންކުއްޖާ ދޫކޮށްލުމަށް ފަހު ޠަރީފާ ދިމާއަށް އެނބުރިއްޖެއެވެ. އެމީހުންނަށް އެސްފިޔައެއް ޖަހައިލާނޭ ފުރުސަތެއްވެސް ޠަރީފް ނުދެއްވިއެވެ. ފުރަތަމަ ފެނުނީ އެކަކުގެ ބޯ ކަނދުރާއިން ވަކިވެގެން ދިޔަ ތަނެވެ. ދެން ފެނުނީ އަނެއް މީހާގެ ބަނޑު ފޫއަޅުއްވައިލެއްވި ތަނެވެ. ބިރުން އޮތް އަންހެންކުއްޖާ ހިނދުކޮޅަކަށް އެއްވެސް ހަރަކާތެއް ނެތި ބިންމަތީގައި އޮތެވެ. އެޔަށްފަހު އަމިއްލަ ބަރަހަނާ ހަށިގަނޑަށް ބަލައިލިއެވެ. އަދި ހަޅޭއް ލަވަމުން ދުވެފައި ގޮސް ކޮޓަރިން ނުކުމެއްޖެއެވެ. އެ ވަގުތު ޠަރީފްގެ ބައިވެރިންވެސް ކަނޑި ހިފައިގެން އައިސް އެތަނަށް ވަދެއްޖެއެވެ. އަންހެންކުއްޖާ ދުވެފައި ގޮސް އެއްވަނަބުރިން ބިންމައްޗަށް ފުންމައިލައިފިއެވެ. ޠަރީފް ދުވެވަޑައިގަތީ ތިރިއަށެވެ. ބޭރުގައި މެހުމާނުޚާނާގެ ވެރިމީހާވެސް ހުއްޓެވެ. ޠަރީފް އޭނާގެ އަބާކޮޅު ބާއްލުއްވައި އަންހެންކުއްޖާގެ ހަށިގަނޑު ފޮރުއްވައިފިއެވެ. މެހުމާނުޚާނާގެ ވެރިމީހާ އަންހެންކުއްޖާގެ ވިންދު ބަލައިލުމަށް ފަހު ބުނެފިއެވެ. [މި ކުއްޖާފުޅު ދިރިހުރުމުގެ ގައިދުން ސަލާމަތްވެއްޖެއެވެ.]

ޠަރީފް އޭނާގެ ބައިވެރިންނާ ދިމާއަށް ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. [އަވަހަށް އަސްތަކުގައި އަސްދާނުގޮނޑި އަޅުވައި ދަތުރަށް ތައްޔާރުކުރާށެވެ. އަހަރެމެން ހަމަ މި ވަގުތު ފުރަންވީއެވެ.] ދެން އެނބުރިވަޑައިގަތީ މެހުމާނުޚާނާގެ ވެރިމީހާއާ ދިމާއަށެވެ. [އެ ދެ ވަހުޝީން ގަތުލުކުޅައީ ކާކުހޭ މީހަކު އަހައިފިއްޔާ ބުނާށެވެ. ގްރަނާދާގެ ޣައްދާރު ވަޒީރަކަށް އަނިޔާލިބެމުންދާ އަންހެންކުއްޖަކު ފެނުނީމާ އިސްލާމްދީނަށް އެނބުރިވަނީއެވެ.]

ކުޑައިރުކޮޅެއް ފަހުން މި ކުޑަކުޑަ ގާފިލާ ބޭރަށް ނުކުތްވަގުތު އަށެއްކަ ސަވާރީން އައިސް އެތަނަށް މަޑުކޮށްފިއެވެ. އެތަނުން އެކަކު އަސް ކުޑަކޮށް ކުރިއަށް ޖައްސައިލުމަށް ފަހު އަހައިފިއެވެ. [މަނިކުފާނު މި ވަގުތު މިތާނގައި ކީއްކުރައްވަނީތޯއެވެ؟]

ޠަރީފް ކުޑަކޮށް ހަރުކަށި ރާގަކަށް އައްސަވައިލެއްވިއެވެ. [ކަލޭ ތިޔައީ ކާކުހެއްޔެވެ؟]

[އަޅުގަނޑުމެންނަކީ ސިފައިންނީމުއެވެ. މިރޭ މިތާނގައި މަޑުކޮލާނަމޭ ހިތައި އައީއެވެ. މަނިކުފާނަށް މިތަނުން ކޮޓަރިކޮޅެއް ލިބިވަޑައިނުގަތީތޯއެވެ؟]

[ނޫނެކެވެ. މިތާނގައި ހުސް ކޮޓަރި އެބަހުއްޓެވެ. ދާދި ދެންމެއަކު އަހަރެންވެސް އެއް ކޮޓަރި ހުސްކޮށްފީމެވެ.]

މިހެން ވިދާޅުވެފައި ޠަރީފް އަސްކޮޅު ދުއްވަވައިލެއްވިއެވެ. ދަތުރުމަތީގައި، ދަތުރުގެ އެއް ބައިވެރިއަކު އޭނާޔާ ގާތަށް ޖެހިލުމަށް ފަހު އަހައިލިއެވެ. [ދެންމެ ހިނގި ކަންތައްތަކަށް ފަހުވެސް މަނިކުފާނު ގަސްތުކުރައްވަނީ މަލަޚާއަށް ވަޑައިގަންނަވަންތޯއެވެ؟]

[މަލަޚާއަށް ދާ ވާހަކަ ބުނީ ކާކުހެއްޔެވެ؟]

[މަލަޚާއަށް ދާން ޖެހުމަކީ އެކަށީގެންވާ ކަމެކޭ ވިދާޅުވީމެއް ނޫންތޯއެވެ؟]

ކުޑަ ހިނދުކޮޅަކަށް ފަހު ޠަރީފް ވިދާޅުވިއެވެ. [ޙަސަނެވެ. އަހަރެން މިއީ ގްރަނާދާގެ ޣައްދާރެއް ކަމަށް ކަލޭވެސް ހީކުރަމެއް ނޫންހެއްޔެވެ؟]

ޙަސަން ކުޑަކޮށް ކަންބޮޑުވެފައި ބުނެލިއެވެ. [ތިޔައީ އަޅުގަނޑުމެންގެ ވެރިޔާއެވެ.]

[ނޫނެކެވެ. އަހަންނަށް އެނގެއެވެ. ކަލޭގެ ހިތުގައި އޮތް އެއްޗެއް ބުނަން ދަތިވެގެން އުޅެނީއެވެ. ދިރިއުޅުމުގެ ހިތި މަގުގައި އަހަންނާއެކު ހިނގަން ކަލެއަށް ވަނީ މަޖުބޫރުވެފައެވެ. މިއަދު އަހަރެން ހެޔޮ މަގު ޚިޔާރުކޮށްފިއްޔާ ކަލޭ ހަދާނީ ކިހިނެއް ހެއްޔެވެ؟]

ޙަސަން ކުޑަކޮށް ޖެހިލުންވެފައި އިނދެގެން ބުންޏެވެ. [ޒަމީރުގެ ބުރަކަމުގައި ފިތިގެން ހުރެ ދަތުރުކުރުމާއި އެ ބުރަކަމުން މިނިވަންވެގެން ހުރެ ދަތުރުކުރުމާ ވަރަށް ބޮޑަށް ތަފާތުވާނެއެވެ.]

ޠަރީފް ވިދާޅުވިއެވެ. [ޙަސަނެވެ. ކްރިސްޓިއަނުންނަކީ އަހަރެމެންގެ އެންމެ ބޮޑު ދުޝްމިނުންނެވެ.]

[އަޅުގަނޑުގެ ސާހިބާއެވެ. އަޅުގަނޑުގެ އަދަބުކުޑަ ކަމަށް މާފުކުރައްވާށެވެ. ދަންނަވަންތޯއެވެ؟ އަޅުގަނޑުމެންގެ ދުޝްމިނުންނަކީ ޚުދު އަޅުގަނޑުމެންނެވެ. ވަކި މީހަކީ ތިމާގެ ގާތިލުކަމަށް ގަބޫލުކުރުމަށްފަހު މިވެނި ގޮތަކަށް ތިމަން ގަތުލުނުކުރާށޭ އެމީހަކު ގާތު ބުނާނީ ކިހިނެއްތޯއެވެ؟ އަޅުގަނޑުމެން މިތިބީ އަމިއްލައަށް ހަތަރެސްފައި ބަނދެގެން ދުޝްމިނުގެ ކުރިމަތީގައި އިސްދަށަށް ޖަހައިގެންނެވެ. އަޅުގަނޑުމެންގެ ޚަންޖަރުވެސް އޭނާގެ އަތަށް ދީގެންނެވެ. ދެން އެންމެ އެތިފަރަކުން އަޅުގަނޑުމެން ގަތުލުކޮށްލުމާއި، މަޑުމަޑުން، ލަސްލަހުން، އަޅުގަނޑުމެން ޒަބަޙަކުރުމަކީ އޭނާގެ އިޚްތިޔާރުގައި އޮތް ކަމެކެވެ.]

ޠަރީފް ޖޯޝާއެކު ވިދާޅުވިއެވެ. [ނޫނެކެވެ. އަހަރެމެންގެ ޚަންޖަރުއްތައް އަދި ހުރީ އަހަރެމެންގެ އަތުގައެވެ. އަހަރެމެން ހަނގުރާމަކުރާނަމެވެ. އަބުރުވެރިކަމާއެކު ދިރިއުޅުމުގެ ފުރުސްތު ނުލިބިއްޖެއްޔާ އަބުރުވެރިކަމާއެކު މަރުވެގެން ދާނީއެވެ.]

[ﷲ މަނިކުފާނަށް ހިތްވަރު ދެއްވާށިއެވެ. އެކަމަކު އަބޫ ޢަބްދުﷲ އަޅުގަނޑުމެންނާ ބައިވެރިވާނޭ ކަމަކަށް ނުފެނެއެވެ.]

[އަހަރެމެންނާ ބައިވެރިވާން އޭނާއަށް މަޖުބޫރުވާނެއެވެ.]

ކުޑައިރުކޮޅަކަށް ފަހު ސިހިފައި ޙަސަނު ބުނެފިއެވެ. [އަޅުގަނޑުމެންގެ ފަހަތުން ބަޔަކު އެބައާދެއެވެ.]

ޠަރީފް އަތްޕުޅުން އިޝާރާތްކޮށްލެއްވީމާ އޭނާގެ ބައިވެރިން އަސްތައް މަޑުކޮށްފިއެވެ. ތަންކޮޅެއް ފަހަތުން އަހުގެ ފައިޖެހޭ އަޑު އެބައިވެއެވެ.

ޙަސަން ބުންޏެވެ. [އެވާނީ އަޅުގަނޑުމެންނާ މެހުމާނުޚާނާއިން ބައްދަލުވީ ސިފައިން ކަމުގައެވެ. އަމިއްލަ ފުރާނަ ސަލާމަތްކުރާން ވެގެން އެ ކްރިސްޓިއަނުންގެ ދެމީހުން މަރައިލެއްވީ މަނިކުފާނޭ އޭނާ ބުނީ ކަމުގައިވެސް ވެދާނެއެވެ. އެމީހުން އަޅުގަނޑުމެންގެ ފަހަތުން އެ އަންނަނީ އެހެން ވެގެންނެވެ.]

[ޠަރީފް ވިދާޅުވިއެވެ. [އެމީހުން އަހަރެމެންގެ ފަހަތުން އަންނަތާ ވަރަށް ގިނަ އިރުވެއްޖެއެވެ. ލޮއްޚާއިން ނުކުތް ވަގުތު އަހަރެން އެމީހުން ދުށީމެވެ. އައި މަގުމަތީގައިވެސް ދެތިން ފަހަރަކު ދުށީމެވެ. ކަލޭމެން އެންމެން އެއްފަރާތަކަށް ޖެހި ގަސްތަކުގެ ނިވަލަށް ވަންނާށެވެ.]

ޠަރީފްގެ އަމުރުފުޅަށް ކިޔަމަންވުމުގެ ގޮތުން އެމީހުން ގަސްތަކުގެ ފުރަގަހަށް ވަދެ، ބަލަހައްޓައިގެން ތިބެއްޖެއެވެ. ޠަރީފްވެސް އެއް ފަރާތަކަށް ޖެހިވަޑައިގެންފިއެވެ.

އެ ސަވާރީން އެތަން ފަސްދީ ދިޔައީމާ ޠަރީފް ނުކުމެވަޑައިގެންފިއެވެ. އަދި އެހެން ސަވާރީންވެސް ނުކުމެއްޖެއެވެ.

(4)

ރޭގަނޑުގެ ފުރަތަމަ ދަމުގެ ވަގުތެވެ. ސަވާރީން ދަތުރުކުރަމުން ދިޔަ މަގު ދޫކޮށް ވެލިމަގަކަށް އަނބުރައިލައި ހަނދުވަރުގެ ފަނޑު އަލީގައި ދަތުރު ކުރަމުން އެބަގެންދެއެވެ.

ޠަރީފް އިންނެވީ އަސްކޮޅުގެ މަތީގައި އިސްދަށަށްޖައްސަވައިގެންނެވެ. މަންޒިލާ ގާތްވަމުން ދިޔަވަރަކަށް އޭނާގެ ހިތުޕުޅުގެ ނުތަނަވަސްކަން ދިޔައީ ބޮޑުވަމުންނެވެ. މިހާރު އޭނާ އެ ހުންނެވީ ދެން ހަދާނީ ކިހިނެއް ބާވައޭ ވިސްނައިވަޑައިގަތުމުގެ މަރުހަލާޔާ މާ ދުރަށް ވަޑައިގެންނެވިފައެވެ. އަބޫ ދާވޫދާ ބައްދަލުކުރެއްވުމަށް ފަހު ލޮއްޚާއިން ނުކުމެވަޑައިގަތް ވަގުތު އޭނާގެ ފައިންޕުޅު ތުރުތުރުއެޅިއެވެ. ފުރަތަމަ ވިސްނެވީ ގްރަނާދާއަށް ވަޑައިގެން އަބޫ ޢަބްދުﷲއާ ބައްދަލު ކުރައްވައިފައި ހަނގުރާމަކުރުން ނޫން ގޮތެއް ނެތްކަމަށް ވިދާޅުވާށެވެ. [އަޅުގަނޑުމެން އަމިއްލައަށް ހުޅުވައިލި ދޮރުތަކުން ވަދެގަތް ޠޫފާން މިހާރު މިސްރާބު ޖަހައިފައި ހުރީ އަޅުގަނޑުމެންގެ ގެޔާ ދިމާއަށެވެ. ފެރްނާންދޯގެ ލަޝްކަރު ގްރަނާދާއަށް ވަނީމާ މަނިކުފާނުގެ ރަސްކަމެއްވެސް ނޯންނާނެއެވެ. އަޅުގަނޑުގެ ވަޒީރުކަމެއްވެސް ނޯންނާނެއެވެ. އާއްމު މީހުން ފަދައިން ދިރިއުޅުމުގެ ހައްގުވެސް އަޅުގަނޑުމެންގެ ކިބައިން ނިގުޅައިގަނެވުމަކީ އެކަށީގެންވާ ކަމެކެވެ.] ކަން މިހެން އޮތްނަމަވެސް އަހަރެމެން މިތިބީ ދުޝްމިނުންނާ ހަނގުރާމަކުރެވޭ ފެންވަރެއްގައި ބާވައެވެ؟ އަހަރެމެން ވަނީ ދުޝްމިނުންނަށްޓަކައި އަހަރެމެންގެ އެންމެ ވަރުގަދަ ކިއްލާތަކުގެ ދޮރާށި ހުޅުވައިދީފައެވެ. އަހަރެމެންގެ ހުރިހައި ބަލިފައެއް އެ މީހުންނަށް ރަނގަޅަށް އެނގެއެވެ. އެމީހުންނަށް ބިރުދެއްކުމަކީވެސް މިހާރު އަހަރެމެންނަކަށް ކުރެވޭނޭ ކަމެއް ނޫނެވެ.

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.