ދިރާގު 'އެންރޯލް އެންޑް ވިން 2 ސްޕީޑްބޯޓް' ޕްރޮމޯޝަން ފަށައިފި

ދިރާގު ކަސްޓަމަރުންނަށް އެންރޯލްކޮށްގެން މި ފަހަރު 2 ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.

މި ޕްރޮމޯޝަން ތައާރަފްކޮށްފައިވަނީ މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ވޭތުވެދިޔަ އަހަރުތަކުގައި  'ވިން އަ ޓެސްލާ' އަދި 'ވިން އަ ސްޕީޑްބޯޓް' ޕްރޮމޯޝަންތަކަށް ލިބުނު ތަރުހީބަށްފަހު މި އަހަރު ވެގެންދާނީ މިފަދަ އަގު ބޮޑު އިނާމެއް ކަސްޓަމަރުންނަށް ލިބިގެންދާ ޕްރޮމޯޝަން ކުރިއަށްގެންދާ ތިންވަނަ އަހަރަށެވެ.

'އެންރޯލް އެންޑް ވިން 2 ސްޕީޑްބޯޓް' ޕްރޮމޯޝަންގެ ދަށުން ދިރާގު ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ފައިބަރ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ކޮންމެ ހަ މަހަކުން މުޅިން އައު ސްޕޯޓްސް ސްޕީޑްބޯޓެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި ގޮތުން، ދިރާގު ޕްރީޕެއިޑް 450 ރުފިޔާ ނުވަތަ އެއަށްވުރެ އިތުރަށް ލޯޑރީލޯޑްކުރާ ކަސްޓަމަރުން، ދިރާގު ޕޯސްޓްޕެއިޑް 450 ނުވަތަ އެއަށްވުރެ މަތީ ޕްލޭންތަކަށް، އަމިއްލަ ޕޯސްޓްޕެއިޑް ޕްލޭންއަކަށް 450 ރުފިޔާ ނުވަތަ އެއަށްވުރެން މަތިން ބިލްދައްކާ ކަސްޓަމަރުންނަށް އަދި ދިރާގު ލިމިޓެއްނެތް ފައިބަރ 40އެމް ނުވަތަ އެއަށްވުރެ މަތީގެ ޕްލޭންތަކުގެ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގެ ލަކީ ޑްރޯގައި ބައިވެރިވެވޭނެއެވެ. ދިރާގުގެ ހިދުމަތްތައް މިހާރު ބޭނުންކުރަމުންދާ ކަސްޓަމަރުންނާއި އަލަށް ގުޅޭ ކަސްޓަމަރުންނަށް ވެސް މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ދިރާގުން ވަނީ ހުޅުވައިލައިފައެވެ. އަދި ހުރިހާ ކަސްޓަމަރުންނަށް މި ޕްރޮމޯޝަނަށް ހާއްސަ ޕޯޓަލް https://bit.ly/Dhiraagu-Win2Speedboats މެދުވެރިކޮށް 31 މާރިޗު 2026  ގެ ކުރިން އެންރޯލްކުރެވޭނެއެވެ.

"މިދިޔަ އަހަރުގެ "ވިން އަ ސްޕީޑްބޯޓް" ޕްރޮމޯޝަނަށް ކަސްޓަމަރުންގެ ފަރާތުން ހޫނު ތަރުހީބާއި އެއްބާރުލުން ލިބުމަކީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް. މި ތަރުހީބުގެ މައްޗަށް ބިނާކޮށް މި އަހަރު 2 ސްޕީޑްބޯޓް ދިނުމަށް ވަނީ ހަމަޖެހިފައި. މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ހަ މަހަކުން އެއް ސްޕީޑްބޯޓް ލިބިގެންދާނެ. އަދި، ކުރީބައިގައި މި ޕްރޮމޯޝަންގައި ބައިވެރިވާ ކަސްޓަމަރުންނާއި އަދި ދިރާގުޕޭއަށް ރެޖިސްޓަރކުރާ ކަސްޓަމަރުންނަށް މި އިނާމް ހާސިލްކުރުމުގެ ފުރުސަތު އިތުރުވެގެންދާނެ. އަޅުގަނޑުމެންގެ ގައުމުގެ އެންމެ ބޮޑު ބަޔަކީ ކަނޑު ކަމުގައިވާއިރު، މިއީ ހަމައެކަނި އަގު ހުރި އިނާމެއްގެ އިތުރުން އަޅުގަނޑުމެންގެ ދިރިއުޅުމާ ވެސް ގުޅިފައިވާ އިނާމެއް. އެހެންކަމުން، މިއީ ކަސްޓަމަރުންގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދޭ ތަޖުރިބާތައް ފޯރުކޮށްދިނުމަށް ދިރާގުން ދޭ އިސްކަން ދައްކުވައިދޭ ކަމެއް" މުޙައްމަދު މިރްޝާން ހަސަން، ދިރާގުގެ ޑިރެކްޓަރ ބްރޭންޑް އެންޑް މަރކެޓިން ކޮމިއުނިކޭޝަންސް ވިދާޅުވިއެވެ.

މި ޕްރޮމޯޝަންގެ ނަސީބުވެރިންނަށް ދިރާގުން ދިނުމަށް ހަމަޖެހިފައިވަނީ އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ސްޕީޑްބޯޓެވެ. މި ހިތްގައިމު ސްޕީޑްބޯޓުތަކަކީ އެކި ކަންކަމަށް ބޭނުންކުރެވޭގޮތަށް ފަރުމާކޮށްފައިވާ ބާރުގަދަ ސްޕީޑްބޯޓްތަކެކެވެ. މި ކޮންމެ އުޅަނދެއްގައި ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނެއް ވެސް އެކުލެވިގެންވެއެވެ.

މި ޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު https://www.dhiraagu.com.mv/win2speedboats ވަނީ ހިމަނައިފައެވެ.

ދިރާގުން ދަނީ މި ފަދަ ހާއްސަ ޕްރޮމޯޝަންތަކުގެ ޒަރިއްޔާއިން ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ފާގަތިކަން ގެނެސްދީ، ރާއްޖޭގައި އެ ފަދަ ދެވަނައެއް ނެތް ޕްރޮމޯޝަންތައް ކުރިއަށްގެންދަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.