ލީބިޔާގެ ކުރީގެ ޒަޢީމު ކާނަލް މުޢައްމަރު ގައްޒާފީގެ ދަރިކަލުން، ސައިފުލް އިސްލާމް ގައްޒާފީ އަވަހާރަކޮށްލައިފިއެވެ. ސައިފުލް އިސްލާމް ގައްޒާފީ އަވަހާރަކޮށްލާފައިވަނީ ލީބިޔާގެ ވެރިރަށް ޓްރިޕޮލީގައި އުޅޭ ހަތިޔާރުއެޅި ހަނގުރާމަވެރި ޖަމާޢަތެއް ކަމަށްވާ 444 ވަނަ ބްރިގޭޑާއެކު ހިނގި ކުރިމަތިލުމެއްގައި ކަމަށް ތުހުމަތު ކުރެވެއެވެ. އެހެންނަމަވެސް، 444 ވަނަ ބްރިގޭޑުން ދަނީ އެކަމުގައި ބައިވެރިވިކަމަށް އިންކާރު ކުރަމުންނެވެ. ބައެއް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، ސައުފުލް އިސްލާމް އަވަހާރަކޮށްލީ، ޢަރަބި ޢިމާރާތާއި، އިޒުރޭލުގެ މޮސާޑު ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. ފަހަކަށް އައިސް، ސައިފުލް އިސްލާމް ވަނީ، ހުޅަނގުން ލީބިޔާ އިސްތިޢުމާރުކޮށް، އެ ޤައުމުގެ ޚަޒާނާގައި ހުރި 144 ޓަނުގެ ރަނާއި އަދި 07 ބިލިއަން ޑޮލަރުގެ ރިހި ވަގަށް ނަގާފައިވާ ކަމަށް ބުނެ، އެތަކެއްޗާއި، ބޭރުގެ އެކައުންޓުތަކުގައި ހުރި ލީބިޔާގެ ފައިސާ އަނބުރާ ދިނުމަށް ގޮވާލައްވާފައެވެ. އަދި، ހުޅަނގުގެ ދެފުށް ދެގޮތް ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ބައްޕާފުޅުގެ މަރުގެ ބަދަލު ހިއްޕަވާނެކަމަށް ވިދާޅުވެފައެވެ.
ސައިފުލް އިސްލާމްގެ މުޝީރު އަދި ކެބިނެޓްގެ ޗީފް ޢަބްދު الله އުސްމާން ޢަބުދުއްރަޙީމު، އަލް އަހުރާރު ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، ހަތިޔާރުއެޅި ހަތަރުމީހަކު، ސައިފުލް އިސްލާމްގެ ގެކޮޅުގެ ސެކިއުރިޓީ ކެމެރާތައް ކަނޑާލުމަށްފަހު، ގެކޮޅަށް ވަދެ، ސައިފުލް އިސްލާމް އަވަހާރަކޮށްލާފައިވާ ކަމަށެވެ.
މި ޚަބަރާއި ގުޅިގެން އިޖުތިމާޢީ މަންސަތަކުގައި، ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ބައެއް ފަރާތްތަކުން ވަނީ، އެކަމުގެ ސަބަބުން ލީބިޔާގެ ސިޔާސީ މަސްރަހަށް ކުރާނެ ނޭދެވޭ އަސަރުތަކާ މެދުވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ.
ސައިފުލް އިސްލާމް ގައްޒާފީ އަވަހާރަކޮށްލި ކަމަށް ބުނާ ޙަމަލާގެ ތަފްސީލެއް، ލީބިޔާގެ ސަރުކާރުން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. ލީބިޔާގައި ފާއިތުވި އަހަރުތަކުގައި ހަތިޔާރުއެޅި ޖަމާޢަތްތަކުގެ އަނިޔާވެރިކަން މައްޗަށް ގޮސްފައިވާއިރު، ޚާއްސަކޮށް ޓްރިޕޮލީގައި، އެ ޤައުމުގެ ބައިބައިވެފައިވާ ސަރުކާރުގެ އޮނިގަނޑުގެ ތެރޭގައި ސަރަހައްދު ކޮންޓްރޯލްކުރާ ހަތިޔާރު އެޅި ޖަމާއަތްތައް ބައިވެރިވެއެވެ.
މަޙުމޫދު ހަމްޒާ އިސްކޮށް ހުންނަވައިގެން އުފައްދާފައިވާ 444 ވަނަ ބްރިގޭޑް ގުޅިފައިވަނީ، އެކުވެރި ދައުލަތްތަކުގެ މުނައްޒަމާއިން ޤަބޫލުކުރާ ލީބިޔާގެ އެއްބައިވަންތަ ސަރުކާރުގެ ބޮޑުވަޒީރު އަބްދުލް ހާމިދު ދުބެއިބާއާއެވެ. އެ ޖަމާއަތަކީ 2025 ވަނަ އަހަރުގެ މެއި މަހު ސްޓެބިލިޓީ ސަޕޯޓް އޮތޯރިޓީގެ ލީޑަރު އަބްދުލްޣަނީ އަލް ކިކްލީ އަވަހާރަކޮށްލި ޖަމާޢަތެވެ. އެފަހަރުގެ ހަމަނުޖެހުމުގައި ޓްރިޕޮލީއިން އެކަނި މަދުވެގެން ހަ މީހަކު މަރުވެ، އެތައް ބަޔަކު ޒަޚަމްވިއެވެ.
1972 ވަނަ އަހަރު އުފަންވެ ވަޑައިގަތް ސައިފުލް އިސްލާމް ގައްޒާފީ އަކީ، 1969 ވަނަ އަހަރުން ފެށިގެން 2011 ވަނަ އަހަރު ޢަރަބި ބަހާރުގެ ހަމަނުޖެހުމުގައި ވަރަށް އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލުމާއި ހަމައަށް ލީބިޔާގައި ވެރިކަން ކުރެއްވި ކާނަލް މުޢައްމަރުލް ޤައްޒާފީގެ ދެވަނަ ދަރިކަލުންނެވެ. ލަންޑަން ސްކޫލް އޮފް އިކޮނޮމިކްސް އިން މަތީ ތަޢުލީމު ހާސިލް ކުރެއްވި ސައިފުލް އިސްލާމް ގައްޒާފީއަކީ، އޭނާގެ ބައްޕާފުޅުގެ ވެރިކަމުގައި އިސްލާހީ މޭސްތިރިއެއްގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ.
އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކެއް ހިންގެވި ކަމުގެ ތުހުމަތުގައި، ސައިފުލް އިސްލާމް ގައްޒާފީ ހައްޔަރުކުރުމުގެ އަމުރެއް، 2011 ވަނަ އަހަރުގެ ޖޫންމަހު ބައިނަލްއަޤުވާމީ ޖިނާޢީ ކޯޓުން ވަނީ ނެރެފައެވެ. އަދި، 2011 ވަނަ އަހަރު، ހަތިޔާރުއެޅި ޖަމާޢަތަކުން ސައިފުލް އިސްލާމް ހައްޔަރު ކުރެއްވުމަށްފަހު، 2017 ވަނަ އަހަރު ޢަފޫޢާންމުގެ އެއްބަސްވުމެއްގެ ދަށުން، އެ ޖަމާޢަތުން އޭނާ ދޫކޮށްލެއްވިއެވެ.
މިނިވަންވެ ވަޑައިގަތުމަށްފަހު، ދުވަސްކޮޅަކު ފިއްލަވައިގެން އުޅުއްވުމަށްފަހު، ސައިފުލް އިސްލާމް ވަނީ ސިޔާސީ މައިދާނަށް އެނބުރި ވަޑައިގަތުމުގެ ގޮތުން، 2021 ވަނަ އަހަރު ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާނެ ކަމަށްވެސް އިޢުލާން ކުރައްވާފައެވެ. އޭނާއަށް ތާއީދުކުރާ ފަރާތްތަކުން ދުށްގޮތުގައި، ލީބިޔާ އެއްބައިވަންތަ ކުރެވޭނެ ހަމައެކަނި ލީޑަރަކީ ސައިފުލް އިސްލާމެވެ. އޭނާއަށް ފާޑުކިޔާ މީހުން، ކުރީގެ ވެރިކަމުގައި ހިނގިކަމަށް ބުނާ އަނިޔާއާ އޭނާއާއި ގުޅުވައެވެ.
