
(18 ޖުލައި 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ކަންތައް މިހިސާބަށް ދިޔައީމާ ކޮމާންޑަރު ލަޝްކަރަށް އެންގީ ފުރާނަ ސަލާމަތް ކުރުމަށްޓަކައި އަސްތައް ދޫކޮށްލައިފައި ފަރުބަދަ މައްޗަށް އަރާށެވެ. އެކަމަކު އެ ހައިޖާނުގެ ތެރޭގައި އޭނާގެ އަޑު އިވުނީ ވަރަށް މަދު މީހަކަށެވެ. ފަރުބަދަ މައްޗަށް އެރުމަކީ ވަރަށް އުނދަގޫ ކަމެއްކަން، އޭނާގެ އަމުރަށް ތަބާވާން އުޅުނު މީހުންނަށް އެނގިއްޖެއެވެ. ގިނަ އަސްވާރުން ތެޅޮފޮޅިގަތީ މަގުގެ ފުޅާ ދިމާއަކަށް ނުކުމެވޭތޯ ބަލާށެވެ.
އިރުއަރާންދެން ކާފަރުންގެ ލަޝްކަރު އުޅުނީ މި ހާލެއްގައެވެ. ވާދީގެ ތެރޭގައި ކޮޅުކޮޅުމައްޗަށް ދުއްވައިގެން ނަމަވެސް ފުރާނަ ސަލާމަތްކުރެވޭތޯ ބެލުމުގައެވެ. ތިރީސް ހާސް މީހުންގެ ތެރެއިން ބާރަވަރަކަށް ހާސް މީހުން ހިލައިގެ ޝިކާރައަކަށްވެ މަރުވެގެން ހިނގައްޖެއެވެ. ފަސް ހާހެއްހައި މީހުން އެގޮތަކުން މިގޮތަކުން ގޮސް ފަރުބަދަ މައްޗަށް އަރައި، ފިލައިގެން ހިނގައްޖެއެވެ. ބާކީ ތިބި މީހުންނަށް އެނބުރި އެބައިމީހުން ދަތުރު ފެށްޓި ހިސާބަށް އާދެވިއްޖެއެވެ. އެކަމަކު އެމީހުންނަކަށް ހަމަޖެހިލާނޭ ފުރުސަތެއް ނުލިބުނެވެ. ޖަންގަލީގެ ތެރެއިން ވަރުބަލިކަމެއް ނެތް ތާޒާ ސަވާރުންތަކެއް ނުކުމެއްޖެއެވެ. އެމީހުންގެ ކޮމާންޑަރަކަށް ހުރިމީހާގެ އަތުގައި އޮތީ ގްރަނާދާގެ ދިދައެކެވެ. މި ލަޝްކަރު އެޔެއްމިޔެއް ނުބަލައި ކާފަރުންގެ މައްޗަށް ޖެހިގެންފިއެވެ. ކްރިސްޓިއަނުންގެ ލަޝްކަރުގެ އަދަދު އަދިވެސް އިސްލާމުންނަށްވުރެ ގިނައެވެ. އެހެންވީމާ އެމީހުންވެސް ހިތްވަރާއެކު މުގާބިލާކުރާން ފަށައިފިއެވެ. ކުޑައިރުކޮޅެއް ފަހުން ފެނުނީ މޫނުނިވައިކޮށްގެން، ކަޅު ހެދުމެއްގައި ހުރި އަސްވާރެއްގެ ބެލުމުގެ ދަށުގައި އިތުރު ފަސް ހާސް މީހުންގެ ލަޝްކަރެއް ފަރުބަދަމަތީން ފޭބި ތަނެވެ. ކޮމާންޑަރުގެ އަތުގައި އޮތް ދިދައިގައި ހުރީ ބާޒެއް ކުރަހައިފައެވެ. އޭނާ ކާފަރުންގެ ލަޝްކަރުގެ ތެރެއަށް ވަދެ، ސަފުތައް ރޫޅައިލައިފިއެވެ. މުޅި މައިދާނުން އިވެނީ އެއް އަޑެކެވެ. [އިސްލާމް ޒިންދާބާދު. ގްރަނާދާ ޒިންދާބާދު. މުޖާހިދުން ޒިންދާބާދު.]
ފެރްނާންދޯގެ ލަޝްކަރުގެ ތިން ހާހެއްހައި މީހުން މައިދާން ދޫކޮށް ޖަންގަލީގެ ތެރެއަށް ވަދެ ފިލައިފިއެވެ. ބާކީ ތިބި މީހުން އަމާންދީ ހަތިޔާރު ބަހައްޓައިފިއެވެ.
އިސްލާމުން ހައްޔަރުކުރި ކާފަރުންގެ ތެރޭގައި ގިނައީ ފެރްނާންދޯގެ މަތީ ދަރަޖައިގެ އޮފުސްރުންނާއި އޭނާ އެކި ދަރަޖަދަރަޖައަށް ކޮލިލައިފައި ތިބި މީހުންނެވެ.
(4)
އަބޫ ޢަބްދުﷲ މަލަޚާއާ ދިމާއަށް ދަތުރު ފަށައިފިއެވެ. އައްޒަޣަލް މަލަޚާ ދޫކުރައްވައި ފަރުބަތަކުގެ މައްޗަށް އަރައިވަޑައިގެންފިކަމާއި ރަށް ހިމާޔަތްކުރާން މި ވަގުތު ތިބީ ވަރަށް މަދު ބަޔަކުކަން އޭނާއަށް އޮތީ އެނގިފައެވެ. މަލަޚާގެ މައްޗަށް ވަގުތުން ބާރު ނުފޯރުވުނުކަމުގައި ވިޔަސް ދެތިން ދުވަހެއްގެ ތެރޭގައި ގަބީލާތަކުގެ ލަޝްކަރު ބަލި ކުރުމަށް ފަހު ފެރްނާންދޯގެ ލަޝްކަރު އޭނާގެ ލަޝްކަރަށް އެހީތެރިވާން އަންނާނޭކަމުގެ ހިތްހަމަޖެހުން އޭނާއަށް ވަނީ ލިބިފައެވެ.
އަބޫ ޢަބްދުﷲގެ ލަޝްކަރާ މުގާބިލާ ކުރުމަށްޓަކައި އައްޒައިޣަރީގެ ގިޔާދަތުގައި ލަޝްކަރެއް މަލަޚާއިން ނުކުމެއްޖެއެވެ. އެ ލަޝްކަރު އަބޫ ޢަބްދުﷲ ގެ ލަޝްކަރަށްވުރެ ކުޑަނަމަވެސް އެބައިމީހުންގެ ޖޯޝާއި އަޒުމު މާ ވަރުގަދައެވެ. ރަށްބޭރުގައި ލަޝްކަރު ރުކުރުވައިލީމާ އައްޒައިޣަރީ ލަޝްކަރާ މުޚާތަބުކުރައްވައި ވާހަކަފުޅު ދެއްކެވިއެވެ.
[ދުޝްމިނުންގެ އަދަދު އަހަރެމެންނަށްވުރެ ގިނައެވެ. އެކަމަކު ހަނދާންކުރާށެވެ. ޣައްދާރުންގެ ކިބަޔަކު ދުވަހަކުވެސް ހިތްވަރެއް ނުހުރެއެވެ. މިއަދު ތިޔަބައިމީހުން ތިޔަ ހަނގުރާމަކުރަނީ އަމިއްލަ ދީނާއި އިއްޒަތާއި ޝަރަފަށްޓަކައެވެ. މައިދާނުގައި ތިޔަބައިމީހުން ފަހަތަށް ޖެހިއްޖެނަމަ އަބޫ ޢަބްދުﷲ މިރަށުގައި ފެރްނާންދޯގެ ދިދަ ނަގާނެއެވެ. ﷲއަށް އިތުބާރު ކުރާށެވެ. ގައުމު ވިއްކައިލައިގެން އެ އުޅޭ ކުލީ ސިފައިންނަކަށް ތިޔަބައިމީހުންގެ ކުރިމައްޗަކު އެއްވެސް ބާރެއް ނުދެއްކޭނެއެވެ. އަބޫ ޢަބްދުﷲގެ އެންމެ ބޮޑު އެހީތެރިއަކީ ފެރްނާންދޯއެވެ. އެކަމަކު ތިޔަބައިމީހުންނަށް މިހާރު އޮންނާނީ އުފާވެރިކަމުގެ ޚަބަރު ލިބިފައެވެ. ފެރްނާންދޯގެ ލަޝްކަރު، ބާޒުގެ ވާދީގައި އިސްލާމުންގެ މަދު މީސްކޮޅަކާ މުގާބިލާކޮށް ބަލިވެ، އިނދަޖެހިއްޖެއެވެ. މާދަމާ ނުވަތަ އަނެއް ދުވަހު އިރާދަކުރެއްވިއްޔާ އަނެއްކާވެސް އުފާވެރި ޚަބަރެއް ލިބޭނެއެވެ. އެއީ ނެވާދާ ފަރުބަދައިގެ ސަރަހައްދުގައި އޮތް ކާފަރުންގެ ލަޝްކަރަށްވެސް ހަމަ އެ ދަތުރު ޖެހުނުކަމުގެ އުފާވެރި ޚަބަރެވެ. އޭ މުޖާހިދުންނޭވެ! މިއަދު ﷲ ތަޢާލާ ފަތަޙަ އިރާދަކުރައްވާނީ ތިޔަބައިމީހުންގެ ހައްގުގައި ކަމާމެދަކު އަހުރެން ހިތަކު އެއްވެސް ޝައެްކެއް ނެތެވެ.]
އަބޫ ޢަބްދުﷲ ގެ ލަޝްކަރުގެ ގިނަ މީހުން އައީ މަލަޚާ ހިސާރުކުރުމުގެ ނިޔަތުގައެވެ. އައްޒައިޣަރީފަދަ ވަރުގަދަ މުޖާހިދަކާ ހާމައަށް އޮތް މައިދާނެއްގައި ކުރިމަތިލާން ޖެހުމަކީ އެބައިމީހުން ހީކޮށްގެން ތިބި ކަމެއް ނޫނެވެ. ލަޝްކަރުގެ މީހުން ސިހިފައި ތިބެގެން މިވާހަކަ ދައްކަމުން ދަނިކޮށް އައްޒައިޣަރީގެ ލަޝްކަރުގެ އަސްވާރަކު ދެ ލަޝްކަރުގެ މެދަށް، މައިދާނަށް ނުކުމެ ގޮވައިލިއެވެ.
[އިސްލާމުން ހަނގުރާމަކުރަނީ ހަމައެކަނި ހައްގަށްޓަކައެވެ. ކަލޭމެންގެ ތެރެއިން އެއްވެސް މީހަކު ތިމަން މިހިރީ ހައްގު ގޮތުގައޭ ހީކުރާނަމަ އަހަރެންގެ ކުރިމައްޗަށް މުގާބިލާކުރަން ނުކުންނާށެވެ. ކަލޭމެންގެ ހިތުގެ އަޑީގެ އަޑަކީ ތިމަންމެން މިތިބީ ހައްގު ގޮތުގައެއް ނޫނޭ ކަމުގައި ވަނީނަމަ ހަނދާންކުރާށެވެ. އަހަރެމެންގެ ކުރިމައްޗަކު ކަލޭމެންނަކަށް ފައިތިލަ ސާބިތެއް ނުކުރެވޭނެއެވެ. ކަލޭމެން އައިސް ތިޔަ ތިބީ ފެރްނާންދޯގެ އެހީތެރިކަން ލިބޭނޭ ކަމަށް ގަބޫލުކޮށްގެން ނޫން ހެއްޔެވެ؟ އެކަމަކު ބުނަން ހެއްޔެވެ؟ އޭނާގެ ލަޝްކަރުގެ އެންމެ މީހަކުވެސް ކަލޭމެންނަށް އެހީތެރިވާކަށް ނާންނާނެއެވެ. ބާޒުގެ ވާދީގައި އޭނާގެ ލަޝްކަރުގެ ދެބައިކުޅަ އެއްބައި މީހުން ގަތުލުވެއްޖެއެވެ. ނެވާދާ ފަރުބަދައިގެ ސަރަހައްދުގައި ބާކީ އޮތް ލަޝްކަރު ވަށައިލައިގެން މިހާރު އަހަރެމެންގެ އިސް ކޮމާންޑަރާއި އޭނާގެ ލަޝްކަރު އެބައޮތެވެ. އޭ އަބޫ ޢަބްދުﷲއެވެ. ހަނގުރާމަކުރަން ބޭނުމިއްޔާ މައިދާނަށް ނުކުންނާށެވެ. ކަލެއަށް ޖެހޭ ދަތުރު ފެނިފައި މަގުއޮޅިފައި ތިބި އެހެން މީހުން ފަހަރެއްގައި ހެޔޮ މަގަށް އެނބުރިދާނެއެވެ.]
އަބޫ ޢަބްދުﷲ އޭނާގެ ލަޝްކަރާ ދިމާއަށް ބަލައިލިއެވެ. އެމީހުންގެ މޫނުމަތީން ފެންނާން ހުރި މާޔޫސީގެ އަސަރު ފާހަގަ ކުރެވުނީމާ ބުނެފިއެވެ. [އެއީ ދޮގެކެވެ. އެއްވެސް ބަޔަކަށް ފެރްނާންދޯގެ ލަޝްކަރު ބައްޔެއް ނުކުރެވޭނެއެވެ.]
އަބޫ ޢަބްދުﷲގެ އިޝާރާތަކަށް ލަޝްކަރުގެ ތެރެއިން ބަރްބަރީންގެ އިސް މީހަކު މައިދާނަށް ނުކުމެއްޖެއެވެ. މަލަޚާގެ މުޖާހިދު ލޮންސި އަތުކޮޅަށް ދަމައިލިއެވެ. އަދި އަހުގައި ބުރެއް ޖަހައިލުމަށް ފަހު އެކަލޭގެއަށް ހަމަލަދީފިއެވެ. އިރުކޮޅެއް ނުވެ ފެނުނީ އެކަލޭގެ ބިންމައްޗަށް ވެއްޓި މަރަށް ތެޅިތެޅި އޮއްވައެވެ.
އައްޒައިޣަރީގެ ލަޝްކަރު އޮތީ އޭނާގެ އިޝާރާތަކަށް އިންތިޒާރުކޮށްގެންނެވެ. އޭނާ ލޮންސި އުފުއްލައިލެއްވުމަށް ފަހު ﷲ އަކްބަރުގެ ނަޣަރާ ކުރެއްވިއެވެ. މަލަޚާގެ މުޖާހިދުން އަރައިގެން އައި ޠޫފާނެއް ފަދައިން އަބޫ ޢަބްދުﷲގެ ލަޝްކަރާ ހަމަލަދީފިއެވެ.
ގަޑިއެއްހައި އިރުފަހުން ފެނުނީ ގައުމު ވިއްކާލި ބާގައިގެ މީހުންގެ ހަތަރު ސަތޭކައެއްހައި މީހުން މަރުވީމާ މައިދާން ދޫކޮށް ގްރަނާދާއާ ދިމާއަށް ދުއްވައިގަތް ތަނެވެ. އައެްޒައިޣަރީގެ ލަޝްކަރު އެމީހުން ފަހައި ތަންކޮޅަކަށް ދިޔައެވެ. އެހެންނަމަވެސް މަލަޚާގެ ރައްކާތެރިކަމަށް ވިސްނާވަޑައިގެންފައި އައްޒައިޣަރީ ލަޝްކަރަށް އެންގެވީ އެނބުރި އަންނާށެވެ.
އަބޫ ޢަބްދުﷲއަށް އެނބުރި ގްރަނާދާއަށް އާދެވުމުގެ ކުރީން ރަށުގެ އަހުލުވެރިންނަށް ބާޒުގެ ވާދީގައްޔާއި ނެވާދާގެ ސަރަހައްދުގައި އިސްލާމުންނަށް ލިބުނު ކާމިޔާބީގެ ޚަބަރު ލިބިއްޖެއެވެ. ބާޒާރާއި މަގުތައް މަތީގައި އުފާވެރިކަމުގެ ހަފުލާތައް ބާއްވާން ފަށައިފިއެވެ. ބައެއް މީހުން މިސްކިތަށް އަރައި އައްޒަޣަލްއަށް ދިގު އުމުރުފުޅެއް ދެއްވުން އެދި ދުޢާވެސް ކުރަމުން އެބަ ގެންދެއެވެ. އަނެއް ބަޔަކު ހަތަރުއަނގޮޅިތަކުގައި ޅެންވެރިންގެ މެހެފިލްތައް ބާއްވަމުން ގެންދެއެވެ. މީހުން ޖަމާވެ ޅެންވެރިން ސަރަހައްދީ ފަހުލަވާނުންނާއި ގަބީލާތަކުގެ މުޖާހިދުންނަށް ސަނާ ކިޔައި، ކިޔަމުން ދިޔަ ޅެންތައް އަޑު އަހަމުން ގެންދަނީއެވެ.
އަބޫ ޢަބްދުﷲ އަލްހަމްރާއަށް ވަންތާ މާ ގިނަ އިރެއް ނުވެ ރަށު ތެރެއަށް އޭނާގެ ނާކާމިޔާބީގެ ޚަބަރު ފެތުރިގެން ހިނގައްޖެއެވެ. އެޔާއެކު ގަނޑުވަރުގެ ދޮރުމައްޗަށް ރައްޔިތުން އެއްވެއްޖެއެވެ. ފާރަވެރިން ދޮރުކޮޅުތައް ލައްޕައި ތަޅުލައިފިއެވެ.
ގަނޑުވަރަށް ވަނުމަށް ފަހު އެންމެ ފުރަތަމަ އަބޫ ޢަބްދުﷲ ވާހަކަދެއްކީ އޭނާގެ ނައިބާއެވެ. ނައިބު ބުންޏެވެ. [ދެ މައިދާނުގައިވެސް ކްރިސްޓިއަން ލަޝްކަރަށް ލިބުނު ނާކާމިޔާބީގެ ވާހަކައިގެ ތެދުދޮގު އަޅުގަނޑު ބަލައިފީމެވެ. ފެރްނާންދޯގެ ލަޝްކަރު ބަލިވެގެން ދުއްވައިގަތީމާ އެތަނުން ކޮންމެވެސް ގޮތަކުން ސަލާމަތްވެގެން އައި ހަތަރު މީހަކު ގްރަނާދާގެ ކައިރީގައި އޮތް އަވަށަކަށް ވަނެވެ. އެ މީހުން އަޅުގަނޑާ ހަމައަށް ގެނެސްދިނީ އެ އަވަށުގެ ވެރިމީހާއެވެ. އެ ހަތަރު މީހުންގެ ތެރެއިން އެކަކީ ބާޒުގެ ވާދީގައި ހަނގުރާމަކުރި މީހެކެވެ. އަނެއް ތިން މީހުންނަކީ ނެވާދާގައި އައްޒަޣަލްގެ ހަމަލަތަކުން ސަލާމަތްވެގެން އައި ތިން މީހުންނެވެ. ދެ ލަޝްކަރުވެސް ބަލިވެއްޖެ ކަމުގެ ޚަބަރު އެ ހަތަރު މީހުން ކިޔައިދިނެވެ. ގްރަނާދާއަށް އަންނަ މަގުމަތީގައި ހުރި ފާރަޖަގަހަތަކުގައި ތިބި މީހުންގެ ފަރާތުންވެސް ލިބުނީ ހަމަ އެކަހަލަ ޚަބަރުތަކެވެ. އެމީހުން ބުނި ގޮތުގައި ކްރިސްޓިއަން ލަޝްކަރުން ފިލައިގެން ދުވަމުން ދިޔަ ބައިގަނޑުތައް އެމީހުންނަށްވެސް ވަނީ ފެނިފައެވެ. މި ރަށުގެ ރައްޔިތުންގެ މެދުގައި މި ޚަބަރުތަކުގެ ސަބަބުން ވަނީ ބާވަތެއް ޖޯޝަކާއި ފޯރިއެއް އުފެދިފައެވެ. ބޮޑު މުފްތީ ފިޔަވައި މަނިކުފާނަށް ވަފާތެރި އެންމެން ވަނީ ގަތުލުވެފައެވެ. އެމީހުން ގަތުލުކުރީ ދަރިވަރުންނެވެ. މަނިކުފާނާއެކު ހަނގުރާމައަށް ނުކުތް އެތައް ބައެއްގެ ގޭގައި ރޯކޮށްލައިފިއެވެ.]
ދިމާވީ މައްސަލަތަކާމެދު ފިކުރުކޮށް މަޝްވަރާ ކުރުމަށްޓަކައި ހުރިހައި އަމީރުން އެއްކުރާން އަބޫ ޢަބްދުﷲ އަންގައިފިއެވެ. މި އަމުރެއް ކުރުމަށް ފަހު ގޮސް އެހެން ކޮޓަރިއަކަށް ވަދެއްޖެއެވެ. އަދި ނޯކަރަކު ގެނެސްފައި އަބޫ ދާވޫދް ގޮވައިގެން އަންނާށޭ ބުނެފިއެވެ. ނޯކަރު ދިޔައީމާ އޭނާ ކޮޓަރިތެރޭގައި ކުރުކާލި ކަނޑާން ފަށައިފިއެވެ. ކުޑަ އިރުކޮޅަކުން ނޯކަރު އެނބުރި އަތުވެއްޖެއެވެ. އޭނާ ބުނި ގޮތުގައި އަބޫ ދާވޫދް ކޮންމެވެސް ތަނަކަށް ހިނގައްޖެއެވެ.
އަބޫ ޢަބްދުﷲ ކަންބޮޑުވެފައި އަހައިލިއެވެ. [އޭނާ ދިޔައީ ކޮން ތަނަކަށް ހެއްޔެވެ؟]
ނޯކަރު ޖަވާބުދިނެވެ. [އޭނާ ދިޔަތަނެއް އެނގިވަޑައިގަންނަވާނީ ހަމައެކަނި ސިފައިންގެ ވެރިޔާއަށެވެ. އޭނާ ވަޑައިގެން ބޭރުގައި މަނިކުފާނުގެ އިޒުނަފުޅަކަށް އެދިވަޑައިގެން އެބަ ހުންނެވިއެވެ.]
އަބޫ ޢަބްދުﷲ ބުންޏެވެ. [އަވަހަށް އޭނާ ގެންނާށެވެ.]
ކުޑަ އިރުކޮޅަކުން އަލްޙަމްރާގެ ސިފައިންގެ ވެރިޔާ އައިސް އެ ކޮޓަރިއަށް ވަދެއްޖެއެވެ. އަބޫ ޢަބްދުﷲއަށް ކުރުނީސްކޮށްފައި އިސްޖަހައިލައިގެން ހުރެއްޖެއެވެ.
އަބޫ ޢަބްދުﷲ ސުވާލުކުރިއެވެ. [އަބޫ ދާވޫދް ދިޔަ ތަނެއް ކަލެއަށް އެނގޭ ހެއްޔެވެ؟]
ސިފައިންގެ ވެރިޔާ ބުންޏެވެ. [އޭނާ އަޅުގަނޑު ގާތު ވިދާޅުވީ މަނިކުފާނުގެ އަމުރުފުޅެއް ތަންފީޒުކުރައްވާ ވާހަކައެވެ. ވަޑައިގަންނަވާ ތަނެއް ވިދާޅެއް ނުވެއެވެ.]
[އޭނާ ދިޔައީ ގްރަނާދާއިން ބޭރަށް ހެއްޔެވެ؟]
[މިތަނުން ވަޑައިގަތީ ގާޑިޔާކޮޅެއްގައެވެ. ބޭނުންފުޅުވާ ސާމާނުވެސް ގެންދެވިއެވެ.]
[އޭނާގެ ގެއަށްގޮސް ޚަބަރު ބަލައިފައި އަންނާށެވެ... ނޫނެކެވެ. ކަލޭ ދާނެ ކަމެއް ނެތެވެ. އަހަރެން ހިނގައިދާނަމެވެ.]
އަބޫ ޢަބްދުﷲ ހިނގައިގަތުމާއެކު ސިފައިންގެ ވެރިޔާ ބުންޏެވެ. [އޭނާގެ ގެ ހުރީ ހުހަށެވެ.]
[ކީކޭހެއްޔެވެ؟]
[ގޭގެ އެންމެންވެސް ހިނގައްޖެއެވެ.]
އަބޫ ޢަބްދުﷲ ވަރަށް ރުޅި އައިސްފައި ސިފައިންގެ ވެރިޔާއާ ދިމާއަށް ބަލައިލިއެވެ. [އެމީހުން ދިޔައީ ކޮން އިރަކު ހެއްޔެވެ؟]
[މިއަދުގެ މެންދުރުއެވެ.]
[ކަލޭ އެމީހުން ނުހިފެހެއްޓީ ކީއްވެގެން ހެއްޔެވެ؟]
[މަނިކުފާނުގެ އަމުރުފުޅަކާ ނުލައި އެވަރުގެ ކަމެއް އަޅުގަނޑަށް ކުރެވޭނީ ކިހިނެއްތޯއެވެ؟]
[އޭނާގެ ގާތަށް އެއްވެސް މީހަކު އައި ހެއްޔެވެ؟]
[ނާދެއެވެ. ކްރިސްޓިއަނުން ބަލިވީ ކަމުގެ ޚަބަރު ލިބިވަޑައިގަތީމާ އޭނާ ހުންނެވީ ވަރަށް ކަންބޮޑުވެވަޑައިގެންފައިކަމަށް އަޅުގަނޑަށް އޮތީ އެނގިފައެވެ.]
[އޭނާ ދިއުމުގެ ކުރިން އަހަންނަށް އެއްވެސް މެސެޖެއް ދިން ހެއްޔެވެ؟]
[ނުދެއްވައެވެ. އޭނާ ވިދާޅުވީހައިވެސް ވާހަކައަކީ މަނިކުފާނުގެ އަމުރުފުޅެއް ތަންފީޒު ކުރެއްވުމުގެ ގޮތުން ވަޑައިގަންނަވާ ވާހަކައެވެ. އަލްޙަމްރާ ގަނޑުވަރު ދޮށަށް މީހުން އެއްވެފައި އޮތީމާ އޭނާ ނުކުމެވަޑައިގަތީ ފުރަގަހުގެ ދޮރުކޮޅަކުންނެވެ. އެއްވެސް މީހަކަށް އޭނާ ފެނިގެން ވަކި މީހަކު ދެނެގެންފާނެތީ ވަޑައިގެންނެވީ މޮރޮކޯގެ ވިޔަފާރިވެރިއެއްގެ ހެދުންކޮޅެއް ތުރުކުރައްވައިގެންނެވެ.]
ސިފައިންގެ ވެރިޔާ ފޮނުވައިލުމަށް ފަހު އަބޫ ޢަބްދުﷲ އިރުކޮޅެއް ވާންދެން ފިކުރުކުރާން އިނެވެ. އެޔަށް ފަހު އެ ކޮޓަރިން ނުކުމެގެން ގޮސް އަމީރުން ތިބި ކޮޓަރިއަށް ވަދެއްޖެއެވެ.
އަބޫ ޢަބްދުﷲގެ ބައިވެރިން ތިބީ ކުރިއަށް ކުރާ ކޮންމެ ހަނގުރާމައެއްގައި އިސްލާމުން ބަލިވާނޭ ކަމުގެ ޔަގީންކަމާއެކު ކްރިސްޓިއަނުންނާ ބައިވެރިވެގެންނެވެ. އެމީހުން އެހެން ނުހަދައިފިނަމަ ފެރްނާންދޯ، އެމީހުންނަކީ ޣައްދާރުން ކަމަށް ބަލައި ހަރުކަށި އަދަބު ދޭނޭކަމަށް އަބޫ ދާވޫދް އޮތީ ބުނެފައެވެ. އެކަމަކު ފެރްނާންދޯގެ ލަޝްކަރު ބަލިވުމާއި، އަބޫ ދާވޫދަށް ވީގޮތެއް ނޭނގުމުގެ ސަބަބުން އެމީހުން ތިބީ ވަރަށް ބޮޑަށް ހާސްވެ، ކަންބޮޑުވެފައެވެ.
އަބޫ ޢަބްދުﷲ ކޮޓަރިއަށް ވަދެ ބަލައިލީއިރު ގިނަ ގޮނޑި ހުރީ ހުހަށެވެ. ވެގެން އުޅޭ ގޮތެއް އޮޅުންފިލުވުމުގެ ގޮތުން ސުވާލުކޮށްލީމާ އެނގުނު ގޮތުގައި ކްރިސްޓިއަނުން ބަލިވީ ޚަބަރު ލިބުނީމާ ބައެއް އަމީރުން އެކި ދިމަދިމާއަށް ހިނގައްޖެއެވެ. ބައެއް މީހުން އައްޒަޣަލްގެ ލަޝްކަރާ ގުޅުން އެކަށީގެންވެއެވެ. އަނެއް ބަޔަކު ގޮސް ގުޅުނީ ގްރަނާދާގައި މުޒާހިރާކުރަމުން ގެންދާ މީހުންނާ ކަމަށް ވެއެވެ.
އަބޫ ޢަބްދުﷲ އަހައިލިއެވެ. [ދެން ހަދާނޭ ގޮތަކާމެދު އޮތް ރައުޔަކީ ކޮބައި ހެއްޔެވެ؟]
އަމީރުން އެކަކު އަނެކަކާ ދިމާއަށް ބަލާން ފަށައިފިއެވެ. ހިނދުކޮޅަކަށް ފަހު އެކަކު ތެދުވެ ވާހަކަދައްކާން ފަށައިފިއެވެ.
[މާތްވެގެންވާ ރަސްގެފާނެވެ. އައްޒަޣަލްގެ ލަޝްކަރު އިސާހިތަކު ގްރަނާދާގެ ދޮރާށިދޮށަށް ޖަމާވެދާނެއެވެ. ޢާއްމު ރައްޔިތުންގެ ފޯރިއާއި ޖޯޝް ހުރި ގޮތަށް ބަލާއިރު އަލްޙަމްރާގެ ސަލާމަތީ ކަންތައްތައް ވަރުގަދަ ނުކުރެވިއްޖެނަމަ އަޅުގަނޑުމެންގެ ތެރެއިން އެކަކަށްވެސް ފުރާނަޔާއިގެން ސަލާމަތެއް ނުވެވޭނެއެވެ. ރައްޔިތުންގެ ލީޑަރުންގެ ގޮތުގައި މިހާރު އެތިބީ އަޅުގަނޑުމެން އެ ބަޔަކަށް ވަރަށް ބޮޑަށް އިތުބާރުކުރި މީހުންނެވެ. މަލަޚާގައި ތަޖުރިބާކުރި ނާކާމިޔާބީއަށް ފަހު އައްޒަޣަލާ ހަނގުރާމަ ކުރުމުގެ ހިތްވަރެއް އަޅުގަނޑުމެންގެ ލަޝްކަރަކު ނުހުންނާނެއެވެ. އައްޒަޣަލް ގްރަނާދާގެ މައްޗަށް ގަދަވެގެންފިނަމަ ހަމައެކަނި ސަރަހައްދީ ބާޒުގެ މަރުގެ ބަދަލު ހިފުމުގެ ގޮތުން އަޅުގަނޑުމެން އެންމެން ދަންޖައްސާނެކަން ކަށަވަރެވެ. އެހެންވީމާ މިހާރު އަޅުގަނޑުމެންގެ ކުރިމަތީގައި އޮތީ އެންމެ ގޮތެކެވެ. އެއީ ފެރްނާންދޯގެ ހިމާޔަތް ހޯދުމެވެ. ފެރްނާންދޯ މި ފަހަރު ހަނގުރާމައަށް ފޮނުއްވީ ކުޑަ ލަޝްކަރެއް ކަމަށް ވެދާނެވެ. އޭނާއަކީ ބަލިވެވަޑައިގަތީމާ ހިމޭނުން ހުންނަވާނޭ ބޭފުޅެއް ނޫނެވެ. ބަދަލު ހިއްޕަވާނޭކަން ޔަގީނެވެ. މިހާރުގެ ހާލަތަށް ބަލާއިރު ގްރަނާދާއަކީ އަޅުގަނޑުމެންނަށްޓަކައި ރައްކާތެރި ތަނެއް ނޫނެވެ. މިއީ ރައްކާތެރި ތަނެއްނަމަ އަބޫ ދާވޫދް ކުއްލިއަކަށް އެކަހަލަ ގޮތަކަށް ނުއެއް ގެއްލުނީހެވެ. މި ވަގުތު އަޅުގަނޑުމެންގެ ކުރިމަތީގައި އޮތް އެންމެ ބޮޑު ކަމަކީ އައްޒަޣަލްގެ ބަދަލުހިފުމުން ކޮންމެވެސް ގޮތަކުން ސަލާމަތްވާނޭ މަގެއް ހޯދުމެވެ.]
(ނުނިމޭ)