އެންމެ ފަހުގެ ޙަމަލާ – 3

(12 ޖުލައި 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އިންސާނީ ތާރީޚުގައި އޭގެ މިސާލެއް ނުވާ ފަދަ އަނިޔާ އާއި ގޮށްމުށު ބާރުގެ ދަށުގައި ޤަރުނުތަކެއް ހޭދަ ކުރުމަށް ފަހު، ޝޯދަރުން ނިކަމެތި ވީ ހަމައެކަނި ބުރަހުމަނުންގެ ކުރިމަތީގައެއް ނޫނެވެ. އަދި ކީއްތޯއެވެ! ޚުދު އެބައިމީހުންގެ ނަޒަރުގައި ވެސް މެއެވެ. އެބައިމީހުން މުޖުތަމަޢުގެ ދުޝްމަނުން ކަމުގައި ވުމުގެ ބަދަލުގައި މުޖުތަމަޢުގެ ނަފުރަތު ކުރެވޭ ބައެއްގެ ގޮތުގައި ދިރިތިބޭން ރުހި ޤަބޫލު ވިއެވެ. އަނިޔާވެރި ހަރުކަށި ބުރަހުމަނުންގެ މައްޗަށް އެބައިމީހުންގެ ހިތުގައި އުފެދުނު ނަފުރަތު ބިރުވެރިކަމަށް، ބިރުވެރިކަން ނުކުޅެދުންތެރިކަމުގެ ޝުޢޫރަށް ބަދަލު ވެގެން ހިނގައްޖެއެވެ. އެބައިމީހުން އެބައިމީހުންގެ ކާބަފައިންގެ ޖިފުޓިތައް ހުރި ތާނގައި މަތީ ނަސްލުގެ މީހުން ބިނާ ކޮށްފައި ވާ ބޮޑެތި ގަނޑުވަރުތަކަށް ދުރުން ސަލާން ކުރެއެވެ. ބުރަހުމަނުން އެބައިމީހުންގެ ކުށުގެ ކައްފާރާއެއްގެ ގޮތުން އެ ބުދުތަކުގެ ކައިރީގައި އަޗޫތުން ޤުރުބާން ކުރާ ބުދުތަކުގެ މަތިވެރިކަމަށް އެބައިމީހުން އިޢުތިރާފު ވެއެވެ. އާރިޔަން ފާތިޙުން މަނޫޖީގެ ފަލްސަފާ ޤަބޫލު ކުރި މަޤްޞަދު އެބައިމީހުންނަށް ޙާޞިލު ވީއެވެ. ހިންދުސްތާނުގެ އަޅުވެތި ވެފައި ތިބި ވަޒަންވެރީން ދެވަނަ ފަހަރަށް އެބައިމީހުންގެ ފައިމައްޗަށް ތެދުވެ، އެބައިމީހުންގެ ގެއްލިފައި ވާ ޙައްޤުތައް ހޯދާން މަސައްކަތް ކޮށްފާނެކަމުގެ ހުރިހައި އުއްމީދެއް ފޮހެވިގެން ހިނގައްޖެއެވެ.

ނަމަވެސް އިންސާނުން ތަފާތު ފަންތިތަކަށް ބެހުން އެ ހިސާބުން ވެސް ހުއްޓުނީއެއް ނޫނެވެ. ޚުދު މަތީ ފަންތީގެ ހިންދީން ވެސް އާދައިގެ ބަޔަކާއި މާތް މީހުންގެ ބަޔަކާ ދެ ބަޔަށް ބަހައިލެވުނެވެ. އެންމެ އަރައިތިބި ބަޔަކީ ބުރަހުމަނުންނެވެ. އެހެންކަމުން އެބައިމީހުންނަށް އިޙުތިރާމު ކުރުމަކީ އެންމެންގެ މައްޗަށް ވާޖިބު ކަމެކެވެ. އެބައިމީހުންނަކީ ދީނުގެ ވެރީންނެވެ. ދޭވަތާއިންނަށް އަޅުކަން ކުރުމާ އެކު ބުރަހުމަނުންނަށް ކިޔަމަންތެރިކަން އަދާ ކުރުމަކީ ވެސް ދީނުގެ ފަރުޟެކެވެ. ދެވަނަ ބަޔަކީ ކަތުރީންނެވެ. ކަތުރީން އެބައިމީހުންގެ ކަނޑީގެ ބާރުގައި ވެރިކަން ހޯދައެވެ. ބުރަހުމަނުން ކަތުރީންގެ މުޝީރުންގެ ޙައިޘިއްޔަތުން ސަރުކާރުގެ ކަންތައްތައް އެބައިމީހުން ބޭނުން ގޮތަކަށް ހިންގަމުން ގެންދެއެވެ. ސަރުކާރުގެ އެންމެ އިސް ވާޖިބަކީ އެންމެ ފުރަތަމަ ބުރަހުމަނުން، އެއާ ޖެހިގެން ކަތުރީންގެ މާތްކަމާއި ނަސްލީ ޝަރަފު ދަމަހައްޓާން ބޭނުން ވާ ފިޔަވަޅުތައް އަޅަމުން ގެންދިޔުމެވެ.

ޤައުމުގެ މަސައްކަތްތެރީންގެ ފަންތި އަކީ ބުރަހުމަނުންނާއި ކަތުރީންނަށް ވުރެ ދަށް ފަންތިއެކެވެ. އެބައިމީހުންގެ ލެއާއި ދާ އެއް ކޮށްގެން ހޯދާ އެތިކޮޅުން ޢިމާރާތް ކުރެވެނީ ވެރީންގެ ގަނޑުވަރުތަކާއި ދީނީ އިމާމުންގެ ފައްޅިތަކެވެ. ދީނީ އިމާމުން އަތުލާ ހަދިޔާ، ވެރިކަމުގެ ފަރާތުން ނަގާ ވާރަށް ވުރެ މާ ގިނައެވެ. ވެރީންނަށް އަތުލެވެނީ މަސައްކަތްތެރީންގެ މަސައްކަތުގެ އެއްމެ ބައެކެވެ. ނަމަވެސް ބުރަހުމަނުންގެ ފައްޅިތަކުގެ ޚަޒާނާ ފުރައިލުމަށް ޓަކައި ކަތުރީ ރަސްކަލުންނަށް ވެސް އެ ބޭފުޅުންގެ އާމުދަނީގެ ބައެއް ފައްޅިތަކަށް ވަޤުފު ކުރައްވާން ޖެހިވަޑައިގަންނަވައެވެ.

ބުރަހުމަނުންނާއި ކަތުރީންނާ ދެބައިމީހުންގެ ވެރިކަމުގެ ސަބަބުން ޤައުމުގެ މަސައްކަތްތެރީން ދިޔައީ ފިތި ހަފުސް ވަމުންނެވެ. ނަމަވެސް އެއްވެސް މީހަކަށް ޝަކުވާ ކުރުން އެއްކިބައިގައި އޮއްވައި، ކޫސް ކިޔައިލުމުގެ ވެސް އަމުރެއް ނޯވެއެވެ. ވެރީންގެ ގޮށްމުށު ބާރާ ދެކޮޅަށް ނޭވައެއް ލާން ވެސް ނުކެރެއެވެ. ބުރަހުމަނުންގެ ވެރިކަން ޙިމާޔަތް ކުރަނީ އެމީހުންގެ ދޭވަތާއިންނެވެ. ދޭވަތާއިންގެ ބިމުގައި ލޯ ހުޅުވާ މީހުންގެ ހިތްތަކުގައި ވާ އިންސާނީ މިނިވަންކަމާއި، އެއްބަނޑުއެއްބަފާކަމުގެ ޚިޔާލު ވެސް އެތަކެއް ޤަރުނުއްސުރެ ވަނީ ދޭވަތާއިންގެ ކީރިތިމޫރިތިކަމަށް ޤުރުބާން ކުރެވިފައެވެ.

ބުދު ދީނަކީ މި ދެންނެވި އިޖުތިމާޢީ ނިޒާމާ ދެކޮޅަށް ކުރެވުނު ބަޣާވާތެކެވެ. ނަމަވެސް ހިންދުސްތާނުގައި ބުދު ދީނުގެ މަޤުބޫލުކަން ހިމެނުނީ ވަގުތީ ކަމަކަށެވެ. އެއީ ދެމިގެން ދިޔަ ސައިލެކެވެ. އޭގެ ރާޅުތައް ހިންދުސްތާނުގެ އެއް ކޮޅުން އަނެއް ކޮޅަށް ފެތުރުނެވެ. ބުރަހުމަނުންގެ ވެރިކަމުގެ ކިއްލާތައް ބިނާ ކޮށްފައި ވާ އުސް ފަރުބަދަތައް ވެސް ދުވަސްކޮޅަކު މި ދެންނެވި ސައިލުގެ ބަނޑުތެރޭގައި ފޮރުވިފައި ހުއްޓެވެ. ނަމަވެސް އެ ޠޫފާން މަޑު ވުމާ އެކު އެ ފަރުބަދަތައް އަނެއްކާވެސް ފެނުން ހިކޭން ފަށައިފިއެވެ. ހިންދުސްތާން އަނެއްކާވެސް މަނޫޖީގެ ދަރިވަރުންގެ "ގުޅަކުޅޭ ފަސްގަނޑަކަށް" ވެއްޖެއެވެ. ބުދު ދީން މަސައްކަތް ކޮށްފައި ވަނީ ހެޔޮ ޢަމަލުތަކާއި ނުބައި ޢަމަލުތަކުގެ އަލީގައި އިންސާނުންގެ އަގު ވަޒަން ކުރާށެވެ. އެއީ ބުރަހުމަނުންގެ ނަސްލީ އިމްތިޔާޒާ ދެކޮޅަށް އިޢުލާން ކުރެވުނު ހަނގުރާމައެކެވެ. އެހެންކަމުން ބުރަހުމަނުންގެ ގެއްލިފައި ވާ ބާރު ދެވަނަ ފަހަރަށް ހޯދުމަށްފަހު ބުއްދާގެ ދަރިވަރުންނާ ދެކޮޅަށް އެބައިމީހުން ނެގީ، އޭގެ ކުރީން ޝޯދަރުންނާ ދެކޮޅަށް ނެގި ޚަންޖަރަށް ވުރެ ވެސް މާ ތޫނު ޚަންޖަރެކެވެ. ދޭވަތާއިންގެ ދަރީން ޢާއްމު އިންސާނުން ފަދައިން ޢަމަލުގެ ތިލަފަތުން ކިރައި ވަޒަން ކުރާން ގޮވައިލާ ދީނަށް ދޭވަތާއިންގެ ބިމުން އެއްވެސް ޖާގައެއް ނުލިބުނެވެ. ބުދު ދީނުގެ ތެރެއިން ހިންދުސްތާނުގައި އަށަގަތުމުގެ ހުއްދަ ދެވުނީ މަތީ ފަންތީގެ ހިންދީންގެ ވެރިކަމަށް ނުރައްކަލަކަށް ނުވާ ވަރަށް އޭގެ އަޞްލު ގެއްލިފައި އޮތް ބުދު މަޒުހަބަކަށެވެ.

ހިޖުރީ ފުރަތަމަ ޤަރުނުގެ ކުރީކޮޅުގައި محمّد بن قاسم ލަސްބީލާއިން ފެށިގެން މުލްތާނާ ހަމަޔަށް ފަތަޙަ ކުރެއްވިއެވެ. އެ ފުތޫޙާތުގެ ސަބަބުން، އިންޑިއާގައި އައު އަލިކަމެއްގެ ދޮރުތައް ހުޅުވުނެވެ. އެ ދައުރަކީ އިސްލާމީ ތާރީޚުގައި الخلفاء الرّاشدون ގެ ނަމޫނާ ދައުރު ފަދަ ދައުރެއް ކަމުގައި ނުވިޔަސް، އެ ދައުރުގެ ވަރަށް ގިނަ އަސަރުތަކެއް އެކުލެވިފައި ވާ ދައުރެކެވެ. އެ ދުވަސްވަރު މުސްލިމުންނަކީ ތިމާމެންގެ ދުޝްމަނުން ކަމުގައި ހީ ކޮށް މުސްލިމުން ދަތުރު ކުރަމުން އައި މަގަށް ހުރަސް އެޅުމުގެ ގޮތުން ކަނޑި އުރައިން ދަމައިގަތް މީހުންގެ ތެރެއިން ގިނަ މީހުން އިސްލާމް ދީނަކީ އެބައިމީހުންގެ ސަލާމަތުގެ މަގުކަން ހެޔޮ ހިތުން ޤަބޫލު ކުރިއެވެ. އިސްލާމް ދީނުގެ ދިދަ އުފުލާ ޖަމާޢަތުގައި ބައިވެރި ވިއެވެ. މުސްލިމުންގެ ސަތާރަ އަހަރުފުޅުގެ ޒުވާން ޖަނަރަލްގެ ފުތޫޙާތު ހިންދުސްތާނުގެ ދިގާއި ހުރަހުގައި މޮޅު މީހުންނާއި ދެރަ މީހުންގެ އިމްތިޔާޒުގެ މައްޗަށް ބިނާ ކޮށްފައި ވާ ކިއްލާތަކުގެ ބިންގާ ގުޑުވައިލިއެވެ. ނަމަވެސް محمّد بن قاسم ނުވަގުތެއްގައި ކުއްލިޔަކަށް މަޤާމުން ވަކި ކޮށް ޝަހީދު ކުރެވުމުން، ހިންދުސްތާނަށް އައު ބަހާރެއްގެ މެސެޖު ހިފައިގެން އައި ރަޙުމަތުގެ ވިލާގަނޑުގެ ވާރޭ މުލްތާނަށް ވުރެ ދުރަކަށް ނުފޯރިއެވެ.

އުމަވީ ދައުލަތް ނިމޭންދެން މުސްލިމުންގެ މަރުކަޒީ ސަރުކާރާ ސިންދާ ދެމެދު އެކަށޭނަ މިންވަރެއްގެ ގުޅުމެއް އޮތެވެ. ނަމަވެސް ޢައްބާސީންގެ ދައުރުގައި އެ ގުޅުން ޢަމަލީ ގޮތުން ކެނޑިގެން ހިނގައްޖެއެވެ. ޢައްބާސީ ރަސްކަލުންގެ ބާރުގެ ދަށުން ނެއްޓުމުން، ސިންދު ހިމެނުނީ އިސްލާމީ ދުނިޔޭގެ ބާޣީން ޙިމާޔަތް ހޯދާން އަންނަ ތަނެއް ކަމުގައެވެ. އިސްލާމީ ދުނިޔޭގައި ހެދިފޯދުމުގެ އުއްމީދުން މަޙުރޫމު ވާ ކޮންމެ ނުރައްކައުތެރި ތަޙްރީކެއް ސަލާމަތް ހޯދާން އަންނަނީ ސިންދުގެ ބިމަށެވެ. ޢައްބާސީން އެ ބަޔަކު ނައްތައިލާން މަސައްކަތް ކުރާ ކޮންމެ ފިތުނަވެރި އަދި އުއްމަތް ބައިބައި ކުރާ ބަޔަކު ފިލަފިލައިގެން އައިސް އެބައިމީހުންގެ މަރުކަޒު ހަދަނީ ސިންދުގައެވެ.

ކުރީން ވެސް ދެންނެވި ފަދައިން، މި ހިސާބަށް ކަންތައް ގޮސްފައި ވަނިކޮށް، ހިޖުރީ ހަތަރުވަނަ ޤަރުނުގެ ފަހުކޮޅުގައި ޣަޒްނީގެ އުދަރެހުން ފައުޅު ވި "ޠޫފާނަކީ" ހިންދުސްތާނުގައި ދިރިއުޅޭ އެތަކެއް މިލިއަން އިންސާނުންގެ ޤަރުނުތަކެއްގެ ދުޢާއާ ވިދިގެން ޤުދުރަތުން ފޮނުއްވި ރަޙްމަތެވެ.

+ + + +

މުސްލިމުން ދޭހިންދުގެ ހިންދީ ރަސްގެފާނާ އެންމެ ފުރަތަމަ ހަނގުރާމަ ފެށީ سلطان محمود غزنوی ގެ ބައްޕާފުޅުގެ ރަސްކަމުގައެވެ. ރާޖާ ޖޭޕާލުގެ ރަސްކަމުގައި އޭނާގެ ވެރިކަމުގެ ސަރަޙައްދު ލަމްޣާނުން ފެށިގެން ޗިނާބު ކޯރާ ހަމަޔަށް ފެތުރިފައި އޮތެވެ. އޭނާގެ ޢަސްކަރީ ބާރާ މެދު ހިތްޕުޅުގައި އޮތް ޔަޤީންކަމުގެ ސަބަބުން، އޭނާ ގަސްތު ކުރެއްވީ ޣަޒްނީގެ ރަސްކަމުގެ ވަސް ފިލުވައިލައްވާށެވެ. محمود ގެ ބައްޕާފުޅު އުތުރުގެ ބައެއްސ ސަރަޙައްދުތަކަށް ދެއްވި ޙަމަލަތަކާ މެދު އޭނާގެ ހިތްޕުޅުގައި އުފެދުނު ކޯފާގެ ސަބަބުންނެވެ. އޭނާ ވަރަށް ބޮޑު ލަޝްކަރަކާއިގެން ވަޑައިގެން ޣަޒްނީގެ ސަރަޙައްދަށް ޙަމަލަ ދެއްވިއެވެ. މުސްލިމުން ލަމްޣާނާއި ޣަޒްނީއާ ދޭތެރެއިން ހިންދީންނާ ބައްދަލު ކުރިއެވެ. ހިންދީން ވެސް ހިތްވަރާ އެކު ހަނގުރާމަ ކުރިއެވެ. ނަމަވެސް މުސްލިމުން ވިދިވިދިގެން ދިން ވަރުގަދަ ޙަމަލަތަކާއި، ގަނޑުފެނުގެ ވާރޭގެ ޠޫފާނެއްގެ ސަބަބުން ހިންދީންގެ ހިތްވަރު އެލިއްޖެއެވެ. ޖޭޕާލް އޭނާގެ ސަރަޙައްދުގެ ބައެއް އަވަށްއަވަށާއި އެތައް ކިއްލާތަކެއް މުސްލިމުންނަށް ދެއްވުމަށާއި، ޖިޒީ ދެއްވުމުގެ މައްޗަށް ޞުލްޙަ ވެވަޑައިގެންފިއެވެ. ނަމަވެސް ރާޖާ ޖޭޕާލް އެނބުރިވަޑައިގެން އޭނާގެ ރަސްކަމުގެ ސަރަޙައްދަށް ވެދެވަޑައިގެންނެވުމާ އެކު އޭނާގެ ޢަހުދު އުވައިލައްވައިފިއެވެ. އޭނާ، ޖިޒީއާ ޙަވާލު ވެވަޑައިގަންނަވާން ވަޑައިގެންނެވި މުސްލިމް އޮފިސަރުން ހައްޔަރު ކުރައްވައިފިއެވެ. މުސްލިމުން، ޖޭޕާލަށް އޭނާގެ ޢަހުދު އުވައިލެއްވުމުގެ އަދަބު ދިނުމުގެ ގޮތުން ދޭހިންދަށް ޙަމަލަ ދިނެވެ. ދޭހިންދުގެ ސަރަޙައްދުގެ އެތައް ތަނެއް ފަތަޙަ ކޮށްފިއެވެ.

ޖޭޕާލް އެހީ ހޯއްދެވުމުގެ ގޮތުން އުތުރު އިންޑިއާގެ ރަސްރަސްކަލުންނަށް ދަޢުވަތު ދެއްވައިގެން ގެންނެވިއެވެ. އޭނާ އެއްލައްކަ ސިފައިންގެ ލަޝްކަރަކާ އެކު ދެވަނަ ފަހަރަށް ޣަޒްނީގެ ސަރަޙައްދަށް ޙަމަލަ ދެއްވިއެވެ. ނަމަވެސް މުސްލިމުން އެބައިމީހުންގެ ޢަދަދު މަދުކަމާ އެކު ވެސް، ޕިޝާވަރާއި ލަމްޣާނާ ދޭތެރެއިން ހިންދީންގެ ލަޝްކަރާ ބައްދަލު ކޮށް އެ ލަޝްކަރު ފުނޑުފުނޑު ކޮށްލިއެވެ.

محمود އޭނާގެ ބައްޕާފުޅުގެ އަރިހުގައި މި ހަނގުރާމަތަކުގައި ބައިވެރި ވެވަޑައިގެންނެވިއެވެ. އެ ހަނގުރާމަތަކުން އޭނާއަށް އެނގިވަޑައިގަތީ ޣަޒްނީ އާއި ހިންދުސްތާނާ ދެމެދު ދޭތީން އެކައްޗަށް ހަނގުރާމަ ކުރުން އަދި އޮތީކަމެވެ. ހަމަ އެފަދައިން، ކޮންމެ ހަނގުރާމައަކާ ވިދިގެން ޖޭޕާލްގެ ލަޝްކަރުގެ ޢަދަދު އިތުރު ވަމުންދާ ކަން ވެސް އޭނާ ވިސްނައިވަޑައިގެންނެވިއެވެ. ޖޭޕާލް ކުރީން ހީފުޅު ކުރެއްވީ ޣަޒްނީ ހިއްޕެވުމަށް އޭނާގެ އަމިއްލަފުޅު ލަޝްކަރު ފުދޭނޭ ކަމުގައެވެ. ނަމަވެސް ޖޭޕާލް މުސްލިމުންގެ އަތުން ބަލި ވެވަޑައިގަތުމުން، އުތުރު އިންޑިއާގެ އެތައް ރަސްކަލެއްގެ ލަޝްކަރު އޭނާގެ ދިދައިގެ ދަށަށް ޖަމާ ކުރެއްވިއެވެ. މި ގޮތުން ޖޭޕާލްގެ އެހީތެރީން ދުވަހެއް ދުވަހަކަށް އިތުރު ވަމުން ދާން ފެށުމުން، محمود އަށް ވިސްނިވަޑައިގަތީ އިންޑިއާ އަކީ ތަނަވަސް ބޮޑު ބައްރެއްކަމާއި، އެތާނގެ ރަސްރަސްކަލުން އެގޮތަށް ޖޭޕާލާ ބައިވެރި ވެވަޑައިގަންނަވަމުން ގެންދަވާ ނަމަ، ކޮންމެވެސް ދުވަހަކުން ޣަޒްނީގެ މުސްލިމުންނަށް ހިންދީންގެ ޢަދަދު ނުކުރެވޭ ފަދަ ލަޝްކަރުތަކަކާ ކުރިމަތި ލާން ޖެހޭނެ ކަމެވެ. އެހެންކަމުން، ހިންދުސްތާނުގައި މި ދެންނެވި ހިމަނައިނުގަނެވޭ ފަދަ ބާރުތައް ދެމިއޮތްހައި ހިނދަކު އެއްވެސް ކޯރެއް ނުވަތަ އެއްވެސް ފަރުބަދައެއް ޣަޒްނީގެ ދިފާޢީ ރޮނގަކަށް ނުވާނޭކަން އޭނާއަށް ޔަޤީން ވެވަޑައިގެންނެވިއެވެ. ވުމާއެކު، ޣަޒްނީގެ އަމިއްލަ ދިފާޢަށް ޓަކައި ވެސް އެ ނުރައްކައުތެރި ބާރުތައް ބަލި ކޮށް ވިއްސިވިހާލި ކުރެއްވުމަކީ ކޮންމެހެން ބޭނުން ކަމެއްކަން އޭނާ ވިސްނައިވަޑައިގެންނެވިއެވެ. އެހެން ނުހައްދަވައިފި ކަމުގައި ވާނަމަ އެ ޤައުމުތަކުގެ އެއްބައިވަންތަކަމަކީ ޣަޒްނީ ކީއްކުރާންތޯއެވެ! އުތުރާއި ހުޅަނގުގައި ވާ އިސްލާމީ ޤައުމުތަކަށް ވެސް ނުރައްކަލަކަށް ވެދާނޭކަމީ އޭނާ ކުޑަކޮށް ވެސް ޝައްކު ކުރައްވާ ކަމެއް ނޫނެވެ.

ހިންދުސްތާނުގައި ދޭހިންދާ އެއްވަރުގެ އެތައް ދައުލަތްތަކެއް އޮތެވެ. محمود ގެ ހިތްޕުޅަށް ދޭހިންދުގެ ބާރު ވަޒަން ކުރެއްވުމުން، އޭނާ ގަސްތު ކުރެއްވީ ހިންދުސްތާނުގެ ރަސްރަސްކަލުން ކަފާސް ކޮށްލެއްވުމަށް ޓަކައި ކޮންމެ އަހަރަކު ވެސް މަދު ވެގެން އެއް ފަހަރު ކޮންމެވެސް އެއް ރަސްކަލަކާ ދެކޮޅަށް ހަނގުރާމަ ކުރައްވާށެވެ.

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.