
1971ވަނަ އަހަރުގެ ޖަނަވަރީ މަހުގެ އެންމެ ފަހު ދުވަހު ނެރެން ފެށި ދުވަހު ނޫސް "މޫންލައިޓް"ގައި ހުންނަ ބޭރުގެ ޚަބަރުތަކުގެ ތިރީގައި ޖަހައިފައި އޮންނަނީ "ބީ.ބީ.ސީ. خبر/ وحيد" މިހެންނެވެ. މިއީ، އަޅުގަނޑަށް އެންމެ ފުރަތަމަ "މަޑުލު ވަޙީދު" އެނގެން ފެށި ހިސާބެވެ. ވަޙީދަކީ، ކޮން ބޭފުޅެއްކަމުގެ އިތުރު މައުލޫމާތު ލިބުނީ، ވަޙީދު ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމާ ގުޅިގެން އެނބުރި ވަޑައިގަންނަވަންދެން ބޭރުގެ ޚަބަރުތައް ލިޔުއްވާނީ މިވެނި ބޭފުޅެކޭކަމަށް އޮތް ޚަބަރަކުންނެވެ. އޭރު އެނގުނު ގޮތުގައި އެއީ، "ހޯރަފުށީ މުޙައްމަދު ވަޙީދެވެ." އޭރު ނޫހުގައި "މުޙައްމަދު ވަޙީދު ގ.ކަނޑުވައިގެ"ގެ ނަމުގައި ވެސް އޮތެވެ. ވަޙީދު، މަޑުލު ވަޙީދަކަށް ބަދަލުވީ، ރައީސް އިބްރާހީމް ނާޞިރުގެ ދުވަސްވަރު މާފަންނު ބޯޅަދަނޑުން ގޯތި ދެއްވިއިރު ވަޙީދަށް ލިބިވަޑައިގަތް ގޯއްޗަށް "މަޑުލު"ގެ ނަން ދެއްވި ހިސާބުންނެވެ. އޭގެ ފަހުން، މަޑުލު ވަޙީދު، މަޑުލު މުޙައްމަދު ވަޙީދު، މުޙައްމަދު ވަޙީދު މަޑުލު، މި ނަންނަމުގައި ވަޙީދުގެ ނަންފުޅު ފެންނަމުން ދިޔައެވެ. "މަޑުލު" އަކީ، ވަޙީދު އެ އަތޮޅަކަށް ނިސްބަތްވެވަޑައިގަންނަވާ ތިލަދުންމަތީގައި އޮންނަ ފަޅުރަށެއްގެ ނަމެވެ. (އެ ރަށަށް މަޑޫ ވެސް ކިޔައެވެ.)

ވަޙީދު ސީދާ އަޅުގަނޑަށް ތާރަފުވީ، 1984ވަނަ އަހަރު، އަޅުގަނޑު މައުހަދުގެ ދަރިވަރަކަށްވުމާ އެކު، މައުހަދުގެ އަދަބީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބުމުންނެވެ. ހައުސްތަކާއި މަދަރުސާތަކުގެ މުބާރާތްތަކަށް ތައްޔާރުވުމަށް ޓަކައި ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން މައުލޫމާތު ދެއްވުމަށް ވަޙީދު ވަޑައިގެންދެއްވަން ފެއްޓެވި ހިސާބުންނެވެ. ޒިންމާގެ ގޮތުން ފަހުން، ވަގުތު ހަމަޖައްސަވައިދެއްވުމަށް ވަޙީދަށް ދަންނަވަނީ ވެސް އަޅުގަނޑެވެ. މައުހަދުގެ ދަރިވަރުން ޖަމުއިއްޔާ، ރާބިތާގެ ދައުރެއްގެ އިފްތިތާހީ ޖަލްސާއެއް ޝަރަފުވެރިކޮށްދެއްވުމަށް ވެސް ވަޙީދު ވަޑައިގަތެވެ. މައުހަދުގެ އިސްދަރިވަރުންގެ ޖަމުއިއްޔާއިން ކުރިޔަށް ގެންދިޔަ އިސްދަރިވަރުންގެ ޖަމުއިއްޔާތަކުގެ ބަހުސް މުބާރާތުގެ ފަނޑިޔާރުކަން އެއް ފަހަރަށް ވުރެ ގިނަ ފަހަރު ކޮށްދެއްވިއެވެ.
ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުގެ ދަށުން ހިނގަމުން ދިޔަ "ދިވެހި ނާދީ" ގެ 10ވަނަ ދައުރަށް، 20 ސެޕްޓެންބަރު 1999 ން ފެށިގެން ކުރިޔަށް އޮތް ދެ އަހަރަށް އިންތިޚާބު ކުރެވުނު ހިންގާ ކޮމިޓީގެ އެއް ނާއިބު ރައީސަކަށް އިންތިޚާބު ވެވަޑައިގަތީ، މަޑުލު ވަޙީދެވެ. އެ ކޮމިޓީގައި އިތުރު މެންބަރެއްގެ ގޮތުން އަޅުގަނޑު ވެސް އުޅުނީމެވެ. ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒާއި ދިވެހި ނާދީގެ ކަންކަމުގައި ބައިވެރިވުމުގެ ފުރުސަތު އަޅުގަނޑަށް ލިބުނު ހިސާބުން ފެށިގެން ވަޙީދު ދަންނަ ދަތުން އިތުރު ގާތްކަމަކަށް ބަދަލުވެއްޖެއެވެ. ވަޙީދު ފާހަގަ ކުރެވުނީ، އަޅުގަނޑުގެ އަދަބީ މަސައްކަތްތަކަށް ވަރަށް ބޮޑަށް ހިތްވަރު ދެއްވި ބޭފުޅެއްގެ ގޮތުގައި ވެސް މެއެވެ.
އާންމުކޮށް ގައުމީ މަރުކަޒުން، ފަހުން ދިވެހިބަހުގެ އެކެޑަމީން ބައްދަލުވާ ބައްދަލުވުމުގެ އިތުރަށް ހ.ފަތަނގުމާގޭ ދޮށުން ވެސް ވަޙީދާ ބައްދަލުވެއެވެ. ގެއަށް ވަޑައިގަތުމަށް ޓެކްސީއެއް ހޯއްދަވަން ހުންނަވާތީއެވެ. އެފަދަ ވަގުތެއްގައި ކިރިޔާ ވަގުތު އޮތަސް އަޅުގަނޑުގެ ސައިކަލުގައި ވަޙީދުގެ ދަތުރު ފުރިހަމަކޮށް ދިނުމަކީ، އުފަލެއްކަމުގައި އަޅުގަނޑު ދުށީމެވެ.
2015 އެޕުރީލު 9ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި މާވެޔޮމަގުން ވަޙީދާ ބައްދަލުވިއެވެ. މަގުމަތީގައި އިރުކޮޅަކު ވާހަކަދައްކަވައިލެއްވުމަށް ފަހު، ގެއަށް ވަނުމަށް އަޅުގަނޑަށް ދައުވަތު ދެއްވިއެވެ. އެއީ، ވަޙީދުގެ އަނބިކަނބަލުންގެ ގެ މއ. ނޫރީގޭގެ ބައެއްކަމުގައިވާ މއ. ނޫފިނޮޅެވެ. ގެއަށް ވަންނަވާފައި، އަޅުގަނޑަށް ކޮންމެވެސް އެއްޗެއް ގެނެސްދެއްވުމަށް، އަނބިކަނބަލުންނަށް ވިދާޅުވިއެވެ. އެ ގޭގައި ހޭދަވި ބައިގަޑިއެއްހައިއިރުގެ ތެރޭގައި ލިޔުންތެރިކަމާ ބެހޭ ބައެއް ވާހަކަތައް ދެކެވުނެވެ. އަދި އަޅުގަނޑުގެ އާއިލާއާ ބެހޭ ގޮތުން ސުވާލުކުރައްވައި، ބައްދަލުވާ ކޮންމެ ފަހަރަކުހެން މަންމަގެ ހާލު އައްސަވާ ފަދައިން، މަންމަ ކިހިނެއްތޯ އައްސަވައި ސަލާން ރައްދުކޮށް ދިނުމަށް އެދިވަޑައިގަތެވެ. ނުހަނު އޯގާތެރިކަމާއި މަޑުމައިތިރިކަމާ އެކުގައެވެ. އަދި ވަޙީދު ލިޔުއްވާފައިވާ ފޮތްތަކުގެ ތެރެއިން "ވަޙީދުގެ ކުރުވާހަކަ 2" އާއި "ހަދިޔާ 2" އަދި ދިގުވާހަކަ، "ދިރިއުޅުމުގެ ރަހަތައް" ދެއްވިއެވެ. އޭގެ ފަހުން ވަޙީދު ނެރުއްވި ކޮންމެ ފޮތެއް އަޅުގަނޑަށް ދެއްވައެވެ. ފޯނުކުރައްވައިގެން އެކެޑަމީއަށް ގެންދަވައިފައެވެ. އަޅުގަނޑަށް ނެރެވޭ ފޮތެއް ވިއްޔާ ވެސް ވަޙީދަށް އަރުވަމެވެ.
އެންމެ ފަހުން ވަޙީދާ އެކު ކުރެވުނު އެއް މަސައްކަތަކީ، ދިވެހިރާއްޖޭގެ ލިޔުންތެރިންގެ ގުޅުމުން، 2023ވަނަ އަހަރު ބޭއްވި ވާހަކަލިޔުމުގެ މުބާރާތުގެ އެއް ފަނޑިޔާރެއްގެ ގޮތުން ވަޙީދު މަސައްކަތްކޮށްދެއްވި އިރު، އެކަމުގައި އިދާރީ ގޮތުން ބައިވެރިވުމެވެ. ދެ ފަހަރެއްގެ މަތީން ދެ ހަފުތާއެއްހައި ދުވަހު ކޮންމެ ރެޔަކު ދެ ގަޑިއެއްހާއިރު އެކަމަށް ހޭދަކުރެއްވިއެވެ. ފަނޑިޔާރުން ބައްދަލުވުމަށް، އެންމެ ރެއެއް ފިޔަވައި ކޮންމެ ރެއަކު ވެސް ވަޙީދު ވަޑައިގަންނަވަނީ އަޅުގަނޑާ އެކުގައެވެ. އެނބުރި ވަޑައިގަންނަވަނީ ވެސް އަޅުގަނޑާ އެކުގައެވެ. ގައުމާއި ބަހާ ގުޅުންހުރި ބައެއް ވާހަކަތައް ދަތުރުމަތީގައި މަދުމަދުން ދެކެވެއެވެ. އަޅުގަނޑުގެ ބައެއް ކަންބޮޑުވުންތައް ހިއްސާކުރެވެއެވެ. ވަޙީދުގެ ގިނަގުނަ ތަޖުރިބާއާ އެކު ސާދާސީދާކޮށް ދެކެވަޑައިގަންނަވާ ގޮތް ވިދާޅުވެއެވެ.
ވަޙީދަކީ، އެހެން މީހުންގެ ކަންކަމުގައި ވެސް ވަރަށް ބޮޑަށް އެހީތެރިވެދެއްވާ ނަމޫނާ ބޭފުޅެކެވެ. އަޅުގަނޑަށް ފާހަގަ ކުރެވުނު ކަންކަމުން އެއްކަމެއް ދަންނަވައިލާނަމެވެ. ރ. އަލިފުށީ، ނަރުގިސްވިލާ، ޢަލީ މޫސާއަކީ، ވަޙީދާއި އަޅުގަނޑުގެ ވެސް ވަރަށް ގާތް ބޭކަލެކެވެ. ޢަލިބެ މާލެ ދުރުވެއްޖެ ނަމަ، އަޅުގަނޑުގެ އޮފީހަށް ދުރުވެ ބައްދަލުކޮށްލައްވާނެއެވެ. 2024 ނޮވެންބަރުން 21ވަނަ ދުވަހަކީ، އަޅުގަނޑަށް ދެވަނަ ކާފަދަރިފުޅު ލިބޭތީ، އޭޑީކޭގައި އުޅުނު ދުވަހެކެވެ. އެހެންކަމުން ހުރީ އާއިލީ ޒިންމާގެ ޗުއްޓީއެއްގައެވެ. ހެނދުނު 7:45 ހާއިރު ޢަލިބެ އަޅުގަނޑަށް ގުޅުއްވައި މާލެ ދުރުވެ އުޅުއްވާކަމަށާއި މިހާރު މި އިންނެވީ އަޅުގަނޑާ ބައްދަލުކޮށްލައްވަން އަޅުގަނޑުގެ އޮފީސް ހުންނަ ބިއްލޫރިޖެހިގެއަށް ދުރުވެ ކަމަށް ބުނުއްވިއެވެ. އަޅުގަނޑު އެ ވަގުތުގެ ހާލަތު ނަންގަތުމުން، އޭޑީކޭއަށް ދުރުވުމުން ބައްދަލުވެދާނެތޯ އެއްސެވިއެވެ. އެކަމަކު އެ ވަގުތަކީ، ބޭރަށް ނުކުންނަން ދަތި ވަގުތެއްކަމަށް ނަންގަތީމެވެ. އޭގެ ފަނަރަވަރަކަށް މިނެޓު ފަހުން ގުޅުއްވީ މަޑުލު ވަޙީދެވެ. ގުޅުއްވާފައި ޢަލިބެ، ޝާކިރާ ނުގުޅިގެން އުޅުއްވާކަމަށް ވިދާޅުވިއެވެ. އަޅުގަނޑު އެ ވަގުތުގެ ހާލަތު ވަޙީދަށް ދެންނެވީމެވެ. އަދި އަޅުގަނޑު ނަންގަތް އެއްޗެއް ޢަލިބެއަށް ސާފުވެނުލެއްވީކަމަށް ވެދާނެއޭ ވެސް ދެންނެވީމެވެ. ތިހެން ވެދާނެއޭ، އަޅުގަނޑު ޢަލިބެއަށް ވެގެން އުޅޭ ގޮތް ނަންގަނެ ވާހަކަދައްކަވައިލައްވާނޭކަމަށް ވިދާޅުވެ، އަޅުގަނޑުމެންނަށް ހެޔޮ އެދިވަޑައިގަތެވެ.
އޮނަރަބްލް ޢަބްދުއްރަޝީދު ޙުސައިން (ނ.ޢ.ޢ.ވ.) އަކީ، ތަފާތު ކަންކަމުގައި ވަރަށް ގިނައިން އަޅުގަނޑަށް ގުޅުއްވާ ބޭފުޅެކެވެ. އެކަމަކު އެންމެ ގިނައިން ގުޅުއްވަނީ، ހަމައެކަނި އަޅުގަނޑު ހާލު ބައްލަވައިލެއްވުމަށެވެ. އާންމު ގޮތެއްގައި މަދުވެގެން ހަފުތާއަކު އެއް ދުވަހު ގުޅުއްވާނެއެވެ. 2024 އޮކްޓޯބަރު 16ވަނަ ދުވަހު ގުޅުއްވާފައި އެދިވަޑައިގަތީ، ވަޙީދާ ދެ ބޭފުޅުން ބައްދަލުކޮށްލައްވަން ބޭނުންފުޅުވާތީ، ދިވެހިބަހުގެ އެކެޑަމީއަށް އާދެވިދާނެތޯއެވެ. 15ވަރަކަށް މިނެޓު ފަހުން ދެވިދާނެކަމަށް ދަންނަވާފައި ހިނގައްޖައީމެވެ.
އެކެޑަމީއަށް ގޮސް އެ ދެ ބޭފުޅުން ތިއްބަވާ ކޮޓަރިކޮޅަށް ވަންއިރު، ތިއްބެވީ އަޅުގަނޑުގެ އިންތިޒާރުގައެވެ. ވަޙީދު އިންނެވި މޭޒުކޮޅުގެ އަނެއް ފަރާތުގައި ހުރި އެއް ގޮނޑީގައި އިންނެވީ އޮނަރަބްލް ޢަބްދުއްރަޝީދެވެ. އަނެއް ގޮނޑި ހުރީ އަޅުގަނޑަށް ޚާއްސަކޮށްފައި ކަން އެނގުނީ، ދެ ބޭފުޅުންނާ ސަލާންކޮށްލުމާ އެކު އެ ގޮނޑީގައި އިށީނުމަށް ވަޙީދު ވިދާޅުވުމުންނެވެ. އެ ވަގުތު ވަޙީދު އަޅުގަނޑަށް ދެއްވީ، ދެލިކޮޕީއެއްގެ ގޮތުގައި އޮތް ފަސްދޮޅަހަކަށް ސޮފުހާގެ "އަޅުގަނޑުގެ ހަޔާތުގެ ހަނދާންތައް" ނަމުގައި ވަޙީދު ލިޔުއްވާފައިވާ ފޮތެކެވެ. އެ ފޮތަކީ، އޮނަރަބްލް ޢަބްދުއްރަޝީދު ޙުސައިން ދެއްވި މައުލޫމާތުގެ މައްޗަށް ވަޙީދު ލިޔުއްވަން ފައްޓަވާފައިވާ ފޮތެއްކަމަށް ވިދާޅުވިއެވެ. ދެ ބޭފުޅުން އަޅުގަނޑުގެ ކިބައިން އެދިވަޑައިގަތީ، އަޅުގަނޑަށް ފެންނަ ބަދަލުތަކާ އެކު ފޮތް އިތުރަށް ފުރިހަމަކޮށް ނިންމައިދިނުމަށެވެ. އަޅުގަނޑުގެ އާދައިގެ މަތީން އެކަން ބޮލަރުވީމެވެ. ފޮތް ގެނެސް ކިޔައިލުމަށް ފަހު، ދެ ފަހަރަކު އެ ދެ ބޭފުޅުންނާ ބައެއް ޚިޔާލުތައް ހިއްސާކޮށްލީމެވެ. އެ ވާހަކަތަކުގެ މައްޗަށް ބިނާކޮށް ޢަބްދުއްރަޝީދުގެ ބައޮގްރަފީއެއްގެ ގޮތުގައި ބޭނުންވާ އިތުރު މައުލޫމާތާ އެކު ކުރިޔަށް ގެންގޮސް ދިނުމަށް ޢަބްދުއްރަޝީދު އެދިވަޑައިގަތުމާ އެކު އެ ގޮތުގެ މަތީން ކުރިޔަށް ގެންދިއުމަށް ވަޙީދު ވެސް ތާއީދު ކުރައްވައި، ވިދާޅުވިއެވެ.
އޭގެ ފަހުން ވެސް ދެތިން ފަހަރަކު، ދިވެހިބަހުގެ އެކެޑަމީން ވަޙީދާ ބައްދަލުވިއެވެ. ބައްދަލު ނުވާތާ ދުވަސްކޮޅެއް ފަހުން، ވަޙީދު އާލާސްކަންފުޅާ އުޅުއްވާކަމަށާއި ހޮސްޕިޓަލުގައި އޮންނެވިކަމަށް، އެކުވެރި، ޢަބްދުﷲ ނަޢީމް އިބްރާހީމް ވިދާޅުވިއެވެ. ނަމަވެސް އަޅުގަނޑަށް، ވަޙީދަށް ޒިޔާރަތްކޮށްނުލެވުނު ތާނގައި ފޯނުކޮށްލާނެ ވަގުތެއް ވެސް އޭރަކު ނުހޯދުނެވެ. މިއަދު އެކަމާ ދެރަވެއެވެ. ކުރާނީ ކީއްތޯއެވެ.
އަނެއްކާ ވެސް ދުވަސްކޮޅެއް ފަހެވެ. ވަޙީދުގެ އާލާސްކަންފުޅު ބޮޑުކަމުގެ ޚަބަރު އަޅުގަނޑަށް ލިބުނީ، އަޅުގަނޑުގެ ވަރަށް ލޮބުވެތި އުސްތާޒެއްކަމުގައިވާ، އަދި މަޑުލު ވަޙީދުގެ ޅިޔަނެއްކަމުގައިވާ ފަޟީލަތުއްޝައިޚު އަޙްމަދު ފާރޫޤް މުޙައްމަދުގެ ފަރާތްޕުޅުންނެވެ. އުސްތާޒު އެކި ކަންކަމުގައި، މާ ދޭތެރެ ދުރުނުވާނޭހެން ބައެއް ފަހަރަށް ވަރަށް ކައިރިކައިރީގައި ވެސް ކުރައްވާ، ފޯނުކޯލުތަކުގެ ތެރެއިން ކޯލެއްގައި އެ ވާހަކަ ވިދާޅުވުމުންނެވެ. އޭގެ ފަހުން ހޮސްޕިޓަލުން ގެއަށް ދޫކޮށްލެއްވި ޚަބަރު ލިބުމުން، 2025 މާރިޗު 22 ވީ އަންގާރަ ދުވަހުގެ ހަވީރު 5 ޖެހިއިރު، ވަޙީދަށް ގުޅައިލުމުން މާލަސްތަކެއް ނުވެ ފޯނު ނެންގެވިއެވެ. 15 ވަރަކަށް ސުކުންތުގެ އެ ކޯލު އެއީ، ވަޙީދާ އެންމެ ފަހުން ވާހަކަދައްކައިލެވުނު ފަހަރަށް ވާނެކަމަކަށް އުންމީދެއް ނުކުރަމެވެ. ހާލުކޮޅު "ރަނގަޅު" ކަމަށް ވިދާޅުވިއެވެ. އެއާ އެކު އަޅުގަނޑު އާންމުކޮށް ކަންކަން ހަނދާން ކުރުމަށް މިހާރު ކަންތައް ކުރާ ގޮތުގެ މަތީން، ލެޕްޓޮޕްގެ ކީބޯޑުގެ މަތީގައި "މަޑުލު وحيد" ޖަހައިލާފައި ނޯޓުކޮޅެއް ތަތްކޮށްލީމެވެ. ބޭނުމަކީ، މާ ދޭތެރެ ދުރުނުކޮށް ވަޙީދުގެ ހާލުކޮޅު ބަލައިލުމަށް ހަނދާން ކުރުމެވެ. އޭގެ ފަހުން އެޕުރީލު މަހުގެ 8ވަނަ ދުވަހު ވަޙީދުގެ ނަންބަރަށް ގުޅައިލީމެވެ. ފޯނަށް ޖަވާބެއް ނުދެއްވައެވެ. އޭރު ވަޙީދުގެ ހާލުކޮޅު ވަރަށް ދެރަކަމެއް އަޅުގަނޑަށް އެނގިފައެއް ނެތެވެ. ނަމަވެސް ފަހުން އެނގުނު ގޮތުގައި އޭރު ވަޙީދަށް އަމިއްލަފުޅަށް ފޯނަށް ޖަވާބެއްނުދެއްވެއެވެ.

ވަޙީދު އަވަހާރަވީ ހިތާމަވެރި ޚަބަރު އެންމެ ފުރަތަމަ ލިބުނީ، އިސްރަށްވެހީންގެ ގުރޫޕުންނެވެ. އެޕުރީލު 14ވަނަ ދުވަހުގެ ހެނދުނު 8:16 ގައެވެ. ނަމަވެސް އޭގެ ކުރިން 7:25ގައި، ވަޙީދުގެ ހާލުކޮޅު ވަރަށް ދެރަކަމުގެ މެސެޖެއް ދިވެހިބަހުގެ އެކެޑަމީގެ އެކުވެރި، މުޙައްމަދު ނާޒިމް ފޮނުއްވާފައި އޮތެވެ. އެ މެސެޖު ފެނުނީ، ވަޙީދު އަވަހާރަވެއްޖެކަމަށް ނާޒިމް ފޮނުއްވި މެސެޖުގެ ވެސް ފަހުންނެވެ.
އަލްފާޟިލް މަޑުލު މުޙައްމަދު ވަޙީދު މިއަދު އެ ވަނީ އަޅުގަނޑުމެންނާ ވަކިވެވަޑައިގެންފައެވެ. ނަމަވެސް މަޑުލު ވަޙީދަކީ، އޭނާގެ ހެޔޮ ޒިކުރާ ޒަމާނުގެ ހީރަހުން ކެނޑިގެންދާނޭ ލިޔުންތެރިއެއް ނޫނެވެ. އޭނާގެ ލިޔުންތަކުގައި ހުންނަ ޖާޒުބިއްޔަތާއި ފޮނިމީރުކަން، އެހެން ގިނަ ލިޔުންތެރިންގެ ލިޔުންތަކާ ވަރަށް ތަފާތެވެ. ސިފަކުރުންތައް ތަނަވަހެވެ. ބަސްތަކުގެ އެމުނުންތައް ފުރިހަމައެވެ. ލިޔުއްވާން ބޭނުންފުޅުވާ ކޮންމެ ވާހަކަފުޅެއް މުނާސަބު ވަގުތުގައި ލިޔުއްވާފައި ވެއެވެ. ލިޔުއްވުމުގެ ތަނަވަސް ޒަމާނުގައި އެއީ މުއްސަނދި ގަލަމެއްގެ ވެރިއެކެވެ. ހަޔާތުގެ ފަހުގެ ދުވަސްތަކުގައި ވެސް މާ ފަގީރު ލިޔުންތެރިއެއް ނޫނެވެ.
2025ވަނަ އަހަރުގެ ދިވެހިބަހުގެ ދުވަހު، އަލްފާޟިލް މަޑުލު މުޙައްމަދު ވަޙީދު، އަޅުގަނޑުމެންނާ އެ ވަކިވެވަޑައިގަތީ، ދިވެހިބަހާއި އަދަބިއްޔާތުގެ ދުނިޔެއަށް ފަޅުކަމެއް ގެނުވައިފައެވެ. އަދަބީ މީރުކަމަށް ހިތިކަމެއް ގެނުވައިފައެވެ. ގާތް ރަހުމަތްތެރީންނަށް ހުސްކަމެއް ގެނުވައިފައެވެ. އާއިލާއަށް ހިތްދަތިކަމެއް ގެނުވައިފައެވެ.
ވަޙީދުގެ ދުނިޔެވީ ފުދުންތެރި ހިތްޕުޅައިގެން، އެ ދަތުރުކުރެއްވީ ނިމުމެއް ނެތް ނިޢުމަތުގެ ގޯއްޗަށެވެ.
ފުއްސެވުމާއި ރުއްސެވުން މިންވަރު ކުރައްވާށިއެވެ.
މައި ފޮޓޯ: އިސްދަރިވަރުންގެ ޖަމިއްޔާތަކުގެ ބަހުސް މުބާރާތުގެ ޖަލްސާއެއްގައި މަޑުލު ވަޙީދު (ކ.2)