
ދިވެހިރާއްޖޭގެ މަޝްހޫރު ލިޔުންތެރިޔާ މަޑުލު މުޙައްމަދު ވަޙީދު މިއަދު ހެނދުނު އައިޖީއެމްއެޗްގައި އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 77 އަހަރެވެ.
މަޑުލު ވަޙީދަކީ ރާއްޖެ ދުށް އެންމެ ކުޅަދާނަ ކުރުވާހަކަ ލިޔުންތެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އަދި ކުރުކޮށް ފޮނިކޮށް އިބާރާތް ކުރައްވައިގެން ލިޔުއްވުމުގައި މަޝްހޫރު ބޭފުޅެކެވެ. އަވަހާރަވީއިރު އޭނާ ހުންނެވީ ދިވެހިބަހުގެ އެކަޑެމީގައި ޚާއްސަ މުޝީރެއްގެ މަގާމުގައެވެ.
ވަޙީދަށް ލިޔުންތެރިކަމުގެ ތެރެއަށް ވެދެވަޑައިގެންނެވުނީ، އިންޑިއާގައި ފުރިހަމަކުރެއްވި ކޯހަކާ ގުޅިގެންނެވެ. ކޯސް ފުރިހަމަކުރެއްވުމަށްފަހު އެނބުރި މާލެ ވަޑައިގެން، ފުރަތަމަ ކުރެއްވި މަސައްކަތްޕުޅަކީ، ބޭރުގެ އެކިއެކި ޚަބަރުތައް، އެކިއެކި ރޭޑިއޯ ޗެނަލްތަކުން އައްސަވައިގެން އެ ޚަބަރުތައް ލިޔުއްވުމުގެ މަސައްކަތްޕުޅެވެ. އެ މަސައްކަތްޕުޅު ފެށްޓެވީ 1973 ވަނަ އަހަރުއެވެ. އެ މަސައްކަތްޕުޅުގެ ތެރެއިން އޭރު ނުކުތް ދުވަހު ނޫސް [މޫންލައިޓް] އަށްވެސް ބޭރުގެ ޚަބަރުތައް ލިޔުއްވުމުގެ ފުރްޞަތު ލިބިވަޑައިގެން، އެ މަސައްކަތްޕުޅު ކުރައްވަމުން ގެންދެވިއެވެ.
މިގޮތަށް ވަޙީދު މަސައްކަތްޕުޅު ކުރައްވަން ފެށްޓެވުން ހިމެނުނީ ބަހުގެ ހަމަތަކަށް ފައްތައިގެން ޢިބާރާތްތައް ރަނގަޅު ކުރެއްވުމަށްވެސް ލިބިވަޑައިގެންނެވި ފުރުސަތަކަށެވެ. އޭރު ލިޔުއްވަން ޖެހިވަޑައިގެންނެވި ޞަފްޙާތަކުގެ އަދަދު ވަރަށްގިނައެވެ. އެހެންނަމަވެސް، އެއްވެސް ވަރުބަލިފުޅުވުމެއްނެތި މި މަސައްކަތް ކުރައްވަމުން ގެންދެވިއެވެ. އޭރު މަސައްކަތް ކުރައްވަމުން ގެންދެވީ ޝޯޓްހޭންޑް ބޭނުންފުޅުކުރައްވައިގެނެއްވެސް ނޫނެވެ. މުހިންމު ޕޮއިންޓްތައް ނޯޓްކުރައްވައިގެންނެވެ. ބޭރު ޚަބަރުގައި ކީ އެއްޗެއްގެ ހަނދާން ނުނެތެނީސް، އެ ޚަބަރެއް އަވަހަށް ލިޔުއްވައިލައްވައިގެންނެވެ. ބޭރުބަހުން ކިޔާ ޚަބަރު، ދިވެހިބަހަށް ތަރުޖަމާ ކުރެއްވުމަކީ، އިނގިރޭސިބަހުން ދިވެހިބަހަށް ތަރުޖަމާ ކުރެއްވުމުގެ ފަންނުންވެސް ކުރިއަށް ވަޑައިގަތުމަށް މަގު ހުޅުވިގެންދިޔަ ކަމެކެވެ.
މަދްރަސީ ދައުރުގައިވެސް މުޙައްމަދު ވަޙީދަކީ، ލިޔުންތެރިކަމުގެ ރޮނގުން ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އޭރު ވަޙީދުގެ ލިޔުއްވުންތައް ފެނިގެން ގޮސްފައިވަނީ [ހޯރަފުށީ ވަޙީދު]ގެ ނަމުންނެވެ. ވަޙީދަކީ ފެންނަ މަންޒަރުތަކާއި، އިވޭ އަޑުތައް ފޮރުވުމެއްނެތި ލިޔުއްވުމަށް ޝައުޤުވެރިވެވަޑައިގެންނެވި ބޭފުޅެކެވެ. ޚަބަރު ލިޔުއްވުމުގެ ތަމްރީނު ހޯއްދެވީ އިންޑިއާއިންނާއި، އިނގިރޭސިވިލާތުންނާއި، ޔޫގޯސްލޭވިއާއިންނެވެ.
ޚަބަރު ލިޔުމުގެ ތެރެއިން ހުސްވަގުތުގައި ކުރުވާހަކަ ލިޔުއްވުމުގެ މަސައްކަތްވެސް ވަޙީދު ފެށްޓެވިއެވެ. އެކަން ޢާންމުގޮތެއްގައި ކުރައްވަނީ، ދަންވަރުގެ ވަގުތުގައެވެ. މީހުން ދައްކާ އެކި ވާހަކަތަކުން ޚިޔާލު ލިބިވަޑައިގެން، ކުދިކުދި ކަންތައްތައް، ކުރު ވާހަކައެއްގެ ހާދިސާއަކަށް ބަދަލުކުރައްވައިގެން ލިޔުއްވަމުން ގެންދެވިއެވެ. މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، ކުރު ވާހަކަތައް، ފޮތްފޮތުގެ ގޮތުގައި ނެރުއްވަން ފެށްޓެވިއެވެ. އަދި ފޮތްތައް ނެރުއްވަން ފެށްޓެވުމުން، އެ ވާހަކަތަކަށް ލިބިވަޑައިގެންނެވި ފާޑުކިޔުންތައްވީ، ވާހަކަތަކުގެ ފެންވަރު އިތުރަށް ރަނގަޅު ކުރެއްވުމަށް ލިބިވަޑައިގެންނެވި ހިތްވަރަކަށެވެ.
މުޙައްމަދު ވަޙީދު ލިޔުއްވާފައިވާ ބައެއް ފޮތްތަކުގެ ތެރޭގައި، [އިސްލާމީ އަދަބު އަޚްލާޤު] [ދޭހައިގެ އަތްމަތީ ފޮތް] [ޙަޔާތުގެ ހަދިޔާ] [ހަރުދަނާ ޝަޚްޞިއްޔަތު] [ހަލީސާ] [ހަދިޔާ 2] [ދިރިއުޅުމުގެ ރަހަތައް] (ވަޙީދުގެ ފުރަތަމަ ދިގުވާހަކަ) [ދިވެހިރާއްޖޭގެ ފަތުރުވެރިކަން] [ކިޔަވާށެވެ. އަދި ވިސްނާށެވެ.] ހިމެނެއެވެ. އަދި ވަޙީދުގެ ކުރު ވާހަކަތައްވެސް، ފޮތްތަކަކަށް އެއްކުރައްވައި ނެރުއްވާފައިވެއެވެ. ވަޙީދު ލިޔުއްވާފައިވާ ގިނަ މަޒުމޫނުތަކުގެ ތެރޭގައި، އަމިއްލަފުޅު ޚިޔާލުގެ މައްޗަށް ލިޔުއްވާފައިވާ މަޒުމޫނުތަކާއި، އަދަބީ މައުޟޫޢުތަކަށް ލިޔުއްވާފައިވާ މަޒުމޫނުތައް ހިމެނެއެވެ. ލިޔުއްވާފައިވާ ވާހަކަތަކުގެ ތެރެއިން އަޅުގަނޑުމެންގެ ތެރެއަށް މަޝްހޫރުވެފައިވާ ވާހަކަތަކުގެ ތެރޭގައި، [ނުކުޅެދޭ އަސަރު] [ސަކީނާގެ ހިތްދަތިކަން] [އަމިއްލަ ވަޒަނުގައި ބީރައްޓެއްސަކަށްވެފައި] [ނަފްސަށްވެވޭ ހަމްދަރުދީ] [މައެއްގެ އަސަރު] [ފުނޑުފުނޑުވި ހުވަފެން] ފަދަ ވާހަކަތައް ހިމެނެއެވެ.
މަޑުލު މުޙައްމަދު ވަޙީދު ވަނީ ދިވެހިރާއްޖެއާ ބެހޭގޮތުން އެޗް.ސީ.ޕީ ބެލް އިނގިރޭސިބަހުން ލިޔުއްވި މޮނޮގްރާފް ދިވެހިބަހަށް ތަރުޖަމާ ކުރައްވައި ދިވެހިބަހުގެ އެކެޑަމީއާ ހަވާލުކުރައްވާފައެވެ. އިޖުތިމާޢީ ގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމަށް ޔުނެސްކޯގެ އެހީއާއެކު ފެށި ރޭޑިއޯ ސިލްސިލާ ޕްރޮގްރާމް [ރޭޑިއޯ ހަވީރު] ލިޔެ އުފެއްދުމުގައި ވަޙީދު މުހިންމު ޙިއްޞާއެއް އަދާކުރައްވާފައިވެއެވެ. އަދި ޓީ.ވީ މޯލްޑިވްސް އިން ޢާންމުން ހޭލުންތެރިކުރުވުމަށް ފޮނުއްވި ސިލްސިލާ ޕްރޮގްރާމް [ކައްތިރި] ލިޔުއްވުމުގައިވެސް ވަޙީދު ވަނީ ބައިވެރިވެވަޑައިގެންފައެވެ. މީގެއިތުރުން، އަލްމަރްޙޫމް ޙަސަން ތާޖުއްދީން ޢަރަބި ބަހުން ލިޔުއްވި [ދިވެހި ތާރީޚު] ގެ ދިވެހި ތަރުޖަމާ، ދިވެހި ބަހުގެ ހަމަތަކަށް ފެއްތުމަށް ބާރުއަޅުއްވައި ވަޙީދު ކުރެއްވި މަސައްކަތްތައް ފާހަގަކޮށްލަންޖެހެއެވެ.
މަޑުލު މުޙައްމަދު ވަޙީދަކީ، ރާއްޖޭގެ ބައެއް ސްކޫލްތަކުގައިވެސް ކިޔަވައިދެއްވި މުދައްރިސެކެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 1980ގެ އަހަރުތަކުގެ ތެރޭގައި ސަރުކާރުގެ މުވައްޒަފުންނަށް ހިންގެވި ވަޒީފާގެ ތަމްރީނު ކޯސްތަކުގައިވެސް ވަނީ ކިޔަވައިދެއްވާފައެވެ. މީގެއިތުރުން، އެކިއެކި މަސައްކަތު ބައްދަލުވުންތަކުގަޔާއި، އެކިއެކި ކޯސްތަކުގައިވެސް ވަނީ ކިޔަވައިދެއްވާފައެވެ. ރާއްޖޭގައި ފުރަތަމަ ތާނަ އަކުރުން ޓައިޕްކުރަން ދަސްކޮށްދެއްވުމުގެ ކޯސްތައް، ސަރުކާރުން ހިންގަވަން ފެށްޓެވިއިރު، އެ ކޯސްތަކުގައި ފުރަތަމަ ކިޔަވައިދެއްވި މުދައްރިސުންގެ ތެރޭގައިވެސް ވަޙީދު ހިމެނިވަޑައިގެންނެވިއެވެ. މީގެއިތުރުން، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުންނާއި، ސަރުކާރުގެ އެހެން ބައެއް މުއައްސަސާތަކުން ހިންގަވާ ކޯސްތަކުގައިވެސް ވަޙީދު މަޢުލޫމާތު ދެއްވަމުން ގެންދަވައެވެ.
ޚިޔާލީ ފުލޯކު ވާހަކަތަކާއި، ލޯބީގެ ދިގު ވާހަކަތައް ލިޔުއްވުމުގެ ބަދަލުގައި ވަޙީދު ފަހުން ކުރައްވަމުން ގެންދެވި މަސައްކަތްޕުޅަކީ، ޅަދަރިންގެ ހިތްތަކަށް ދީނީ ރޫޙު ވައްދައިދޭފަދަ ފޮތްފޮތް ލިޔުއްވުމެވެ.
މަޑުލު މުޙައްމަދު ވަޙީދު ސަރުކާރަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 17 ޑިސެންބަރު 1966 ގައެވެ. ފުރަތަމަ އަދާކުރެއްވީ ވުޒާރަތުއްތިޖާރާ (ށ)ގެ އިނގިރޭސި ކާތިބުކަމެވެ. ސަރުކާރުގެ ޚިދުމަތުގައި ވަޙީދު 40 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރައްވާފައިވެއެވެ. ފުރުއްވާފައިވާ އެހެން ބައެއް މަޤާމުތަކުގެ ތެރޭގައި، ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގގެ ބޭރު ޚަބަރުލިޔާ ރިޕޯޓަރުކަމާއި، އެ ޑިޕާޓްމަންޓްގެ އެސިސްޓެންޓް ޑިރެކްޓަރު ކަމުގެ މަޤާމާއި، ޑެޕިއުޓީ ޑިރެކްޓަރު ކަމުގެ މަޤާމާއި، ޑިރެކްޓަރ ޖެނެރަލް ކަމުގެ މަޤާމު ހިމެނެއެވެ. މީގެއިތުރުން، ނުރަސްމީ ތަޢުލީމުދޭ ބައިގެ މުދައްރިސް ކަމުގެ މަޤާމާއި، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ޑިރެކްޓަރު ކަމުގެ މަޤާމާއި، ޚާއްޞަ މުޝީރު ކަމުގެ މަޤާމު ހިމެނެއެވެ.
މަޑުލު މުޙައްމަދު ވަޙީދަށް ދިވެހިބަހުގެ ލިޔުންތެރިކަމުގެ ރޮނގުން 1985 ވަނަ އަހަރު ވަނީ ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ. އަދި ކުރު ވާހަކަ ލިޔުމުގެ ރޮނގުން 1997 ވަނަ އަހަރު ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމާއި ދިވެހި އަދަބިއްޔާތުގެ ދާއިރާއިން، 2019 ވަނަ އަހަރު ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައެވެ. އަދި މިއަހަރު ނޫސްވެރިކަމުގެ ޝަރަފުވެރިކަމުގެ އަލިމަސް ގަލަންވެސް ލިބިވަޑައިގެންފައިވެއެވެ. މީގެއިތުރުން، ބައިނަލްއަޤްވާމީ ކުޑަކުދިންގެ އަހަރުގެ ގޮތުގައި ފުރަތަމަ ފާހަގަކުރެވުނު އަހަރު، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހުޅުއްވައިލެއްވި ފޮތް ލިޔުމުގެ މުބާރާތުން ވަނީ އެއްވަނަ ހޯއްދަވާފައެވެ.
ވަޙީދު ވަނީ އާފަތިހަށްވެސް އެކި ދުވަސްވަރުމަތީން ވަރަށް ގިނައިން ލިޔުއްވައިފައެވެ. ވަރަށް ގިނަ ސިޔާސީ ލިޔުންތައްވެސް ވަނީ ލިޔުއްވައިފައެވެ. ވަޙީދަކީ ވިދާޅުވާން ބޭނުންފުޅުވާ ކޮންމެ ވާހަކައެއް (ލިޔުމުން ވިޔަސް) ކެރިވަޑައިގެން ވިދާޅުވާ ބޭފުޅެކެވެ.
މާތް ﷲ މަޑުލު މުޙައްމަދު ވަޙީދަށް ސުވަރުގެ މިންވަރު ކުރައްވައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން.
(މަޢުލޫމާތު: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް)