
ރާއްޖޭގައި އުފެދުނު ކުޅަދާނަ އަދީބެއްކަމުގައިވާ، އަލްފާޟިލް މަޑުލު މުޙައްމަދު ވަޙީދު އަވަހާރަވުމުގެ ހިތާމައިގައި އެ މަރުހޫމުގެ ޒިކުރާ އައުކުރެއްވުމުގެ ގޮތުން، ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި ދިވެހިބަހުގެ އެކެޑަމީން ބޭއްވެވި ތައުބީނުގެ ޖަލްސާ، ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބާއްވަވައިފިއެވެ. މި ޖަލްސާގައި މަރުހޫމު މަޑުލު ވަޙީދާ ބެހޭ ގޮތުން 5 ބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.
އެ ގޮތުން މި ޖަލްސާގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އޮނަރަބްލް އާދަމް ނަޞީރު އިބްރާހީމް ދެއްކެވިވާހަކަފުޅުގައި އަލްމަރުހޫމް މަޑުލު މުޙައްމަދު ވަޙީދަކީ، ބަސްފުޅު މަދު، ޚިޔާލުފުޅު ފުން، އަބަދުވެސް މުޖުތަމައު ވަށައިގެން ހުރި ކަންކަމާމެދު ފިކުރުހިންގަވާ އިސްލާހަށް ރަނގަޅަށް މަސައްކަތްކުރައްވައި، މަގުދެއްކެވި ނާދިރު ބޭފުޅެއްކަމަށް ފާހަގަކުރެއްވިއެވެ. އަދި މަޑުލު ވަޙީދާ އެކު، އެ މަނިކުފާނަށް ކުރެއްވުނު ބައެއް ތަޖުރިބާތައް ހިއްސާކުރެއްވިއެވެ.
މި ޖަލްސާގައި މަރުހަބާ ދެންނެވުމުގެ ގޮތުންނާ އެކު، ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމް ދެއްކެވި ވާހަކަފުޅުގައި މަރުހޫމު މަޑުލު ވަޙީދާ އޭނާއާ އޮތް ގާތްކަން ބަޔާންކޮށްދެއްވީ، ވަރަށް އަސަރާ އެކުގައެވެ. އެ ގޮތުން ވަޒީފާގެ މާހައުލުގައި ދެއްވެވި ނަސޭހަތްޕުޅުތަކާއި އިރުޝާދުތަކުގެ މަތީން ހަނދުމަފުޅު އާ ކުރެއްވިއެވެ.
ދެން ވާހަކަފުޅުދެއްކެވީ، މަޑުލު ވަޙީދުގެ ގާތް އެކުވެރިއެއްގެ ގޮތުން، އަލްފާޟިލް އުތީމު އާދަމް ޢަބްދުއްރަޙްމާނެވެ. އޭނާގެ ވާހަކަފުޅުގައި މަޑުލު ވަޙީދަކީ، ތަފާތު ބޭފުޅެއްކަމަށް ވިދާޅުވެ، ވަޙީދުގެ ބަސްމަގު ތަފާތުކަމަށާއި އިތުރުފުޅެއް ނުހައްދަވާނެކަމަށާއި ހުތުރު ބަހެއް، ބޭއަދަބީ އެއްޗެއް، ވިދާޅެެއް ނުވާނެކަމަށާއި ބަސްމަގު ވަރަށް އޯގާތެރިވެފައި މަޑުމައިތިރިވާނެކަމަށް ވިދާޅުވިއެވެ.
އެއަށް ފަހު ދެން ވާހަކަފުޅު ދެއްކެވީ، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ، އޮނަރަބްލް ޢައްބާސް އިބްރާހީމެވެ. އޮނަރަބްލް ޢައްބާސްގެ ވާހަކަފުޅުގައި، މަޑުލު ވަޙީދާ އެންމެ ފުރަތަމަ ބައްދަލުވެވަޑައިގަތް ގޮތާއި ވަޙީދުގެ ޚިދުމަތުގެ ދާއިރާތަކަށް ބައްލަވައިލެއްވިއެވެ. އެ ގޮތުން ވަޙީދުގެ ޚިދުމަތްތަކަކީ، އޭގެ އަސަރު މުޖުތަމައަށް ފޯރާފައިވާ، އޭގެ ފައިދާ މީހުންނަށް ލިބިފައިވާ އަދި އޭގެ އަސަރު އެތައް ދުވަހަކަށް ދެމިހުންނާނޭ ފަދަ ޚިދުމަތްތަކެއް ކަމަށް ވިދާޅުވިއެވެ.
މި ޖަލްސާގައި ވަޙީދުގެ އާއިލާގެ ފަރާތުންނާއި ވަޙީދު، ވަރަށް ގިނަ ދުވަހު ޚިދުމަތްކުރެއް ޕީއެސްއެމްގެ ފަރާތުންނާއި ވަޙީދުގެ ގާތް ބޭފުޅެއްގެ ގޮތުން ވާހަކަފުޅު ދެއްކެވީ، އަލްފާޟިލް ޢަބްދުﷲ ރަމީޒެވެ. އޭނާގެ ވާހަކަފުޅުގައި ވަޙީދުގެ ލިޔުންތެރިކަމުގެ އުފެއްދުންތެރިކަމަށް ބައްލަވައިލެއްވިއެވެ. އެ ގޮތުން ވާހީދު، 35އާ 40އާ ދެމެދުގެ އަދަކަށް ފޮތް ލިޔުއްވިކަމަށާއި ގިނަ ލިޔުއްތަކެއް ތަރުޖަމާ ކުރައްވާފައިވާކަމަށް ވިދާޅުވިއެވެ.
މި ޖަލްސާގައި، ވަޙީދުގެ ހަނދާނުގައި ޝާއިއުކުރެވުނު ފޮތް "އަޅުގަނޑުމެންގެ މަޑުލު ވަޙީދު" ނެރެދެއްވީ، ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އޮނަރަބްލް އާދަމް ނަޞީރު އިބްރާހީމެވެ. މަޑުލު ވަޙީދުގެ ހަނދާނުގައި ދިވެހިބަހުގެ އެކެޑަމީން ހުޅުވައިލި "ތައުޒިޔާގެ ދަފުތަރު" ވަޙީދުގެ ހުވަފަތް އަނބިކަނބަލުން އަލްފާޟިލާ ޙަބީބާ މުޙައްމަދާ ޙަވާލުކޮށްދެއްވީ ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމެވެ.
މީގެ އިތުރުން މި ޖަލްސާގައި ވަޙީދުގެ ޚިދުމަތްތަކުގެ މައްޗަށް ދިވެހިބަހުގެ އެކެޑަމީގެ ނާއިބު ރައީސް، އަލްފާޟިލާ ޒުލްފާ އިބްރާހީމް ތައްޔާރުކުރައްވާފައިވާ ވީޑިއޯ ރިޕޯޓެއް ވެސް ދެއްކުނެވެ. އަދި އަލްފާޟިލް އުތީމު އާދަމް ޢަބްދުއްރަޙްމާނު، މަޑުލު ވަޙީދުގެ ހަނދާނުގައި ހައްދަވާފައިވާ ޅެމެއް، އަލްފާޟިލް ރޯނުގޭ ޙަސަން މަނިކު ހުށަހެޅުއްވިއެވެ. މި ޖަލްސާގައި ޝުކުރު ދެންނެވުމުގެ ވާހަކަފުޅުދެއްކެވީ ވެސް އެކެޑަމީގެ ނާއިބު ރައީސް، ޒުލްފާ އިބްރާހީމެވެ.