މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ)ގެ އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ދިވެހިރާއްޖެއިން ބޭރުގައި ހިންގުމާއިބެހޭ ގަވާއިދާއި ޚިލާފަށް އެވިޑް ކޮލެޖުން ސްރީލަންކާގައި އެ ޕްރޮގްރާމްތައް ހިންގުމާއި ގުޅިގެން އެމް.ކިޔު.އޭ އިން ފިޔަވަޅު އަޅައިފުއެވެ.
އެމްކިޔުއޭ އިންކޮށްފައިވާ އިއުލާނެއްގައި ވަނީ އެވިޑް ކޮލެޖަށް އެމް.ކިޔު.އޭގެ ފަރާތުން ހިންގުމަށް އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ސްރީލަންކާގެ އެކި ޔުނިވާސިޓީ އަދި ކޮލެޖްތަކުގައި ހިންގައި، އެވިޑް ކޮލެޖުގެ ސަނަދު ދީފައިކަމަށް ހާމަކުރައްވާފައެވެ. އަދި ސްރީލަންކާގެ މި އިންސްޓިޓިއުޓްތަކަކީ އެ ޤައުމުގެ މަތީ ތަޢުލީމާއި ބެހޭ އިދާރާތަކުގައި ރަޖިސްޓްރީވެފައިނުވާ އިންސްޓިޓިއުޓްތަކެއްކަން ވެސް މި އިޢުލާނުގައި ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން، އެމް.ކިޔު.އޭ އިން ވަނީ އެކްރެޑިޓޭޝަން ދީފައިވާ ގަވާއިދާއި ޚިލާފަށް ޕްރޮގްރާމްތައް ހިންގުމަށް އެމް.ކިޔު.އޭގެ ފަރާތުން އެވިޑް ކޮލެޖަށް ތަކުރާރުކޮށް ނަސޭހަތްތެރިވެފައިވާކަން ހާމަކުރައްވާފައެވެ. އެގޮތުން، އެމް.ކިޔު.އޭގެ އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ދިވެހިރާއްޖެއިން ބޭރުގައި ހިންގުމާއި ބެހޭ ގަވާއިދުގެ ދަށުން، އެވިޑް ކޮލެޖްގެ މައްޗަށް އަޅާ ފުރުތަމަ ފިޔަވަޅެއްގެގޮތުން، ނަސޭހަތްތެރިވުމާއެކު މި މައްސަލަ ވަނީ އާންމުކޮށް އިޢުލާންކުރެވިފައެވެ.
