ގެއްލުނު ލޯބި (2)

( 30 ޑިސެންބަރު 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )

ސައިމް ޖަލަށް ލެވުނީ އިންސާފުން ނޫންކަމަށް އޭނާގެ ރަޙުމަތްތެރިންވެސް އިއްތިފާޤު ވެއެވެ. އަންހެންކުއްޖެއްގެ ފޮޓޯނަގައި ބްލެކްމެއިލް ކުރުމަކީ އެހާ އާދައިގެ ކަމެއްނޫނެވެ. އެއްކްލާހެއްގައި ، އެކުދިންގެ ގްރޫޕްތެރޭގައި އުޅޭ އެހެން އަންހެންކުދިންނަށްވެސް އެއީ ނުރައްކަލެކެވެ. އެކުދިންގެ ފޮޓޯ ނަގައިގެން ، އޭއައި ބޭނުންކޮށްގެން މަންޒަރާއި ތަސައްވުރު ބަދަލުކޮށް ، ބްލެކްމެއިލްކުރަންވެސް ، ޝަހީރު އުޅެފާނެއެވެ. ސައިމް އެހެދީ ރަނގަޅަށްކަމަށް ހުރިހާކުދިން އެއްބަސް ވެއެވެ.

ޝަހީރުގެބައްޕަޔަކީ ފުލުހުންގެ އޮފިސަރެކެވެ. އެހެންކަމުން ، ޢާންމުކޮށް އެހެންމީހުންނަށް ނުކުރާ ވަރަށް ސައިމްއަށް އަނިޔާ ކުރާނެއެވެ. ސައިމް ގެންގޮސް ޖަލަށްލެވުނީވެސް ، ފުރިހަމަކުރަންޖެހޭ ހުރިހާ އިޖްރާޢަތުތަކެއް ފުރިހަމަނުކޮށެވެ. އެއީ ،  ޝަހީރުގެ ބައްޕަގެ ނުފޫޒުންނެވެ. އެއްވެސް ޙާލެއްގައި ، ސައިމް ޖަލުން ދޫކޮށްނުލާނެކަމަށް ޝަހީރުގެ ބައްޕަ އޮތީ ބުނެފައެވެ. ޝަހީރުގެ ބައްޕަ ނޫނީ ޝަހީރު މަޢާފު ނުކުރަނިސް ، ސައިމް ޖަލުން ދޫކޮށެއް ނުލާނެއެވެ.

ހުރިހާ ކުދިންވެގެން ގޮސް ، ފުލުހުންނަށް މައްސަލައިގެ އަސްލު ކިޔައިދޭން ، އޭގެތެރޭގައިތިބި އަންހެންކުދިން ލަފާދިނެވެ. އެކަމުގައި ސައިމްއާއި ޝަހީރާ ދެމީހުންގެ ކުށްވެސް އެބައޮތްކަން ، ފުލުހުންނަށް އެނގެން ޖެހެއެވެ. އެހެން ނޫނީ އިންސާފުވެރި ނިންމުމެއް ނުނިންމޭނެއެވެ. އެކަމަކު ، އެކަމަށް އެޅޭ ހުރަހެއް އެބައޮތެވެ. އެ މައްސަލަ ގުޅެނީ ޒުބާއާއެވެ. ޒުބާގެ ނަން އެމައްސަލައިގެ ތެރެޔަށް ވަނުމަކީ ސައިމް އެދޭކަމެއްނޫނެވެ. ޒުބާގެ ނަން ނުގެނެސް ، މައްސަލައިގެ ޙަޤީޤަތެއް ނޭނގޭނެއެވެ. އެހެނަސް ، ޝަހީރުގެ ހިތުގައި ސައިމްގެ މައްޗަށް އޮތް ޙަސަދަވެރިކަން ފިލުވައިލުމަށްޓަކައި ، ޒުބާގެ ނަން ބޭނުން ނުކޮށެއް ޝަހީރެއް ނުހުންނާނެއެވެ. އެއީ ހުރިހާ ކުދިންނަށްވެސް އެއްބަސް ވެވޭ ކަމެކެވެ.

ލައްކަ ގިނަ ވާހަކަ ދެއްކުމަށްފަހު ، ހުރިހާކުދިން އެއްބަސްވެ ، އެ މައްސަލައިގެ ޙަޤީޤަތް ، ޝަހީރުގެ ބައްޕަޔަށް ސާފުކޮށްދިނުމަށް ނިންމިއެވެ. އަދި އެ މަސައްކަތް ކާމިޔާބުވެސް ކުރިއެވެ. ޝަހީރު އެކުރިކަމެއް އޭނާގެ ބައްޕަޔަށް އެނގި ސާފުވުމާއެކީ ، ސައިމް ދޫކޮށްލިއެވެ.

ސައިމް ގެޔަށް އައުމާއެކީ ، އޭނާގެ މަންމަ ފާއިޤާ އާއި ބައްޕަ އިބްރާހީމްގެ އެތައް ސުއާލަކަށް ޖަވާބުދޭން ސައިމްއަށް ޖެހުނެވެ. އެންމެން އެއްވެފައި އޮތްތަނެއްގައި ، ޝަހީރުގައިގައި ތަޅައިގަންނަންޖެހުނީ ، ކޮން އަންހެންކުއްޖެއްގެ ޙައްޤުގައިތޯ ، ސައިމްގެ ބައްޕަ އިބްރާހީމް ، ސައިމްއާ ސުއާލު ކުރަމުން ގެންދިޔައެވެ. އެ ސުއާލު އިބްރާހީމް ތަކުރާރުކުރަން ފެށީމަ ، ސައިމްއާ އެވަގުތު އެއްވެސް ސުއާލެއްނުކުރުމަށް ބުނެ ، ސައިމްގެ މަންމަ ފާއިޤާ ، އިބްރާހީމް މައިތިރި ކުރުމަށް މަސައްކަތް ކުރިއެވެ.

ސައިމް ޖަވާބެއް ނުދިނީމަ ، އެންމެ ފަހުން އިބްރާހީމް އެކަން ސާފުކޮށްދިނެވެ. ޝަހީރު ގައިގައި ސައިމް ތަޅައިގަތީ ، ޒުބާއާ ހެދިއެވެ. ޒުބާއާގުޅޭ އެއްވެސްކަމެއް އެ މައްސަލައިގައި ނެތްކަމަށް ސައިމް ބުނިނަމަވެސް ، އެވާހަކަ އިބްރާހީމް ޤަބޫލެއް ނުކުރިއެވެ. އޭނާ އެއައީ ، ސައިމްގެ ރައްޓެހި އެހެން ކުދިންނާވެސް އެކަމާބެހޭގޮތުން ވާހަކަ ދައްކައި މަޢުލޫމާތު ހޯދައިގެންނެވެ. އެންމެފަހުން ، ޒުބާއާ ބައްދަލުކުރުމާއި ވާހަކަ ދެއްކުންވެސް ސައިމްއަށް މަނާކުރިއެވެ. އެގެޔަށް ސައިމް ދިއުންވެސް މަނާ ކުރިއެވެ.

ސައިމް ޖަލުން ދޫކޮށްލިކަން އެނގުމާއެކީ ، އެގެޔަށް ނުގޮސް ޒުބާއަކަށް ކެތެއް ނުވިއެވެ. ދުވެފައިގޮސް އެގެޔަށް ވަތްއިރު ޒުބާހުރީ ، އަނގައިން ނުބުނެވޭވަރަށް ވަރުބަލިވެ ގުނބުލިހިފައެވެ. ގެޔަށް ވަތްއިރު ، ސައިމްއާއި ސައިމްގެ މަންމައާއި ބައްޕަ ސިޓިންރޫމުގައި ވާހަކަ ދައްކަން ތިއްބެވެ. އިބްރާހީމް ދިޔައީ ސައިމްއާ ދިމާލަށް އެއްޗެތި ކިޔަމުންނެވެ. ޒުބާމެންގެޔަށް ދިއުން މަނާކޮށް ، އެގެޔަށް ގޮސްގެން ނުވާނެކަމަށް ބުނަމުންނެވެ. އިބްރާހީމް ދެއްކި ހުރިހާ ވާހަކައެއް ޒުބާއަކަށް ނީވެއެވެ. އެހެނަސް ، ޒުބާ އެގެޔަށް ވަނުމާއެކީ ، ޒުބާއަށްވެސް އިބްރާހީމްގެ ސުއާލުތަކާ ކުރިމަތިލާން ޖެހުނެވެ. ޒުބާއަށް ކުރެވުނުވަރު އަދި މަދީ ތޯއާއި ، އެގެޔަށް އެއައީ ކީއްކުރަންތޯ ، އިބްރާހީމް ސުއާލު ކުރިއެވެ.

ޒުބާއަކަށް ، އިބްރާހީމަށް ދޭނެ ޖަވާބެއް ނޭނގުނެވެ. އޭނާހުރީވެސް ވާހަކަ ނުދެއްކޭ ވަރަށް ގުނބުހިލިފައެވެ. ސައިމްގެ ބައްޕަހުރީ ޒުބާދެކެ ރުޅި އައިސްކަން އެނގުމާއެކީ ، އެތަނުގައި މަޑުނުކުރަން ޒުބާ ނިންމިއެވެ. އޭގެ ކުރިން ، އެގެއިން ނުކުމެގެން ދިއުމަށް އިބްރާހީމް ، ޒުބާއަށް އެންގިއެވެ. ޒުބާގެ ފަހަތުން ސައިމްވެސް އެގެއިން ނުކުތެވެ. އިބްރާހީމަށް އެނގޭ މިންވަރަށްވެސް ، ފާއިޤާއަކަށް  ، ވެގެން އުޅޭގޮތެއް ނޭނގެއެވެ. ވެގެން އުޅޭގޮތެއް ސާފުކޮށް ބުނުމަށް ، އެތައް ފަހަރަކު އިބްރާހީމްގާތު ފާއިޤާ ބުނެފިއެވެ. އެއަކަށް ، އިބްރާހީމްގެ ފަރާތުން ސީދާ ޖަވާބެއް ނުލިބެއެވެ. އިބްރާހީމް ބޭނުންވީ އެ މަޢުލޫމާތު ސައިމްގެ ދުލުން ހާމަ ކުރުމަށެވެ. އެކަމަކަށް ސައިމް ތައްޔާރެއް ނޫނެވެ.

ޒުބާ ހުއްޓުވޭތޯ ސައިމް މަސައްކަތް ކުރަމުން ގެންދިޔައެވެ. ޒުބާ މަޑުކުރަންވީ ކީއްކުރަން ހެއްޔެވެ ؟ އެގެއިން ނުކުމެގެން ދާން ގޭގެ ވެރިން އޮތީ ޒުބާއަށް އަންގާފައެވެ. އެހެނަސް ، ސައިމް އެގޭގައި ހުރިހާ ހިނދަކު ، އެގެއިން ޒުބާ ނެރެނުލެވޭނެކަމަށް ސައިމް ބުނަމުން ގެންދިޔައެވެ. ޒުބާ ހަމަޖައްސައިލުމަށްފަހު ، އިރުއޮއްސުނީމަ އެދެމީހުން ބައްދަލުކުރާނެކަމަށް ވަޢުދުވެ ، ޒުބާ ފޮނުވައިލިއެވެ. ޒުބާ ފޮނުވައިލުމުގެ ކުރިން ޒުބާދެކެ ސައިމް ލޯބިވާ ވާހަކަ ބުނެލަން ސައިމްގެ ހިތަށް އެރިއެވެ. އެކަމަކު އެ ހިތްވަރެއް ސައިމްއަކަށް ނުލިބުނެވެ. ޒުބާވެސް ހިތަށް ލިބުނު ހަމަޖެހުމުގައި ހިނިތުންވެލައިގެންހުރެ  މަޑުމަޑުން ، އޭނާގެ ގެޔާދިމާލަށް ހިނގައިގަތެވެ. ޒުބާގޮސް ގެއްލެންދެން ސައިމް ބަލަހައްޓައިގެން ހުއްޓެވެ. އެއްފަހަރުވެސް ފަސްއެނބުރި ޒުބާ ބަލައެއް ނުލައެވެ. އެކަމަކުވެސް ، ސައިމްގެ ހިތަށްވެސް ހަމަޖެހުން ލިބުނެވެ. އެރޭ އެދެމީހުން ބައްދަލުކޮށް ހުރިހާ ވާހަކައެއް ކިޔައިދީ ، ވަރަށް ގިނައިރު އެކުގައި ހޭދަކުރާނެކަމަށް ސައިމް ނިޔަތް ގަތެވެ.

ގެޔަށްގޮސް މަތީބުރިޔަށް ސައިމް އެރިއިރު ، މަންމައާއި ބައްޕައާ ދެމީހުން ޒުބާއާބެހޭގޮތުން ވާހަކަ ދައްކަމުން ގެންދިޔައެވެ. އެއީ ސައިމްއާ އެކަށީގެންވާ ބައެއްނޫންކަމަށާއި އެދެ ޢާއިލާގެ ތަފާތާ ބެހޭގޮތުން އިބްރާހީމަށް ފެންނަ ތަފާތު ، އޭނާގެ އަންހެނުންނަށް ކިޔައިދެމުން ގެންދިޔައެވެ. އެންމެފަހުން ، އެވާހަކަ ޒުބާގެ މަންމަޔާއި ބައްޕަގާތު ބުނެގެން އެކަން ހުއްޓުވުމަށް އެދެމަފިރިން ނިންމިއެވެ.

" އެއްވެސް ވާހަކައެއް އެއްވެސް މީހެއްގާތު ބުނާނެކަމެއް ނެތެވެ. " ސައިމް އައިސް ވަންނަމުން ބުންޏެވެ.

އެވާހަކަ އެމީހުންގާތު ނުބުނާންވީ އެއްވެސް ސަބަބެއް ފާއިޤާއަކަށް ނުވިސްނުނެވެ. ޒުބާއާހުރެ ، ސައިމް ޖަލަށް ލެވުނު ވާހަކައާއި ، އިތުރު ކުއްޖަކު ހޮސްޕިޓަލުގައި އޮތްވާހަކަ ، ޒުބާގެ މައިންބަފައިންނަށްވެސް އެނގެން ޖެހޭނެކަމަށް އިބްރާހީމަށް ފެނުނެވެ. އަދި އެކަމަށް އޭނާގެ އަންހެނުންވެސް އެއްބަސް ވެއެވެ.

ފާއިޤާމެން ، ޒުބާގެ މައިންބަފައިންގާތު އެވާހަކަ ބުނެފިއްޔާ ، ފާއިޤާމެން ދެރަވާނެކަމެއް އޭނާ ކުރާނެކަމަށް ސައިމް ބުންޏެވެ. އޭނާ މިހާރު އެހުރީ އެއްފަހަރު ޖަލަށް ލެވިފައެވެ. އެ ބިރުވެސް ކެނޑިފައެވެ. އެހެންވީމާ ، އޭނާ އެކުރާ ކަމަކުން އަލުން ޖަލަށް ދާންޖެހުމަކީ ، ސައިމްއަށް އެއްވެސް މައްސަލައެއްނޫނެވެ. އެކަމަކާ ޖެހިލުމެއް ނުވެއެވެ.

ޒުބާ އެހުރީ ސައިމްގެ ސިކުނޑިޔާ ރަނގަޅަށް ކުލެލާފައެވެ. ސައިމްގެ ދުވަސް އެހުރީ ގޮއްސައިކަމުގައި އިބްރާހީމްގެ ދެމަފިރިން ނިންމިއެވެ. އެވާހަކަ އެހިސާބުން އޮއްބައިލުން ނޫންގޮތެއް އެމީހުންނަކަށް ނެތެވެ.

" އަހަރެމެންގެ ލޯބީގެ ވާހަކަ އަދި ކިރިޔާ މި ފެށުނީއެވެ. ސައިމްގެ ބައްޕަމެން އެވަނީ އަހަރެން އެގެޔަށްވަނުން މަނާކޮށްފައެވެ. އަހަރެމެންގެ ލޯބީގެ މިވާހަކަ ފެށިގެން ކުރިޔަށްދާނީ ކޮންފަދަ އަނިޔާވެރި ކެކުޅުންތަކެއްގައިކަމެއްވެސް ނޭނގެއެވެ. " ޒުބާ އޭނާގެ އަމިއްލަ ނަފްސަށް ވިސްނައިދިނެވެ.

ހަވީރުއްސުރެ ފަށައިގެން އިރުއޮއްސުނު އޮއްސުނުހެން ޒުބާގެ މޫނުމަތިން ފެންނަމުންދިޔަ ހާސްކަން ރޮޝްނާއަށް ފާހަގަ ކުރެވުނެވެ. އެކަމާބެހޭގޮތުން އިތުރަށް ސުއާލެއްކުރާކަށް ރޮޝްނާ ބޭނުމެއްނޫނެވެ. އެހެނަސް ، އެދުވަހުގެ ހަވީރު ، މަންމަޔާއެކީ ސައިމްމެން ގެޔަށް ޖައްސައިލަން ނިންމާފައި އޮތްކަން ، ޒުބާއަށް އަންގައިލިއެވެ. ރޮޝްނާއާއި މަންމަޔާ ، ސައިމަންމެންގެ ގެޔަށް ދިއުމަކީ ޒުބާ އެދޭކަމެއްނޫނެވެ. އެދުވަހު ހެނދުނު އެގެޔަށް އޭނާއަށް ދެވުނީމަ އޭނާވަނީ އެގެއިން ބޭރުކޮށްލާފައެވެ. އެހިތްހަމަ ނުޖެހުމުގައި ތިއްބާ ، އަދި ޒުބާއާހުރެ ސައިމް ޖަލަށްލެވިފައިވަނިކޮށް ، ޒުބާގެ މަންމަ އެގެޔަށް ދިޔައިމަ ސައިމްގެ މައިންބަފައިންގެ ފަރާތުން ޒުބާގެ މަންމަމެންނަށް  ކިޔާނީ ކޮންކަހަލަ މަރުޙަބާއެއްކަމެއް ނޭނގެއެވެ. އެހެންވީމާ ކޮންމެވެސް ބަހަނާއެއް ދައްކައިގެން މަންމަ އެގެޔަށްދިއުން ހުއްޓުވުމަށް ރޮޝްނާގާތު ޒުބާ އެދުނެވެ.

ކުރިންވެސް އެއްބަސްވެފައި އޮތްގޮތަށް ، ޒުބާއާއި ސައިމް އެރޭ ބައްދަލުކުރިއެވެ. ކޮޓަރީގައި ސައިމް ނެތީމަ ، ސައިމް އެދިޔައީ ޒުބާއާ ބައްދަލު ކުރަންކަން ފާއިޤާ ދެނެގަތެވެ.

ޒުވާން ޢުމުރުގައި މީހަކުދެކެ ލޯބިވެގެން ހިތަށް ލިބޭނެ އިޙްސާސްތަކާ ބެހޭގޮތުން ، ޒުބާ މަޢުލޫމާތު ހޯދަމުން ގެންދިޔައީ ދައްތަ ، ރޮޝްނާގެ ފަރާތުންނެވެ. އެ ދެބެން ނިދަނީ އެއް އެނދެއްގައެވެ. އެހެންކަމުން އެ ދެބެންނަށް ނިދެނީ އެކަމާބެހޭގޮތުން ވާހަކަ ދައްކައި މަޖާކުރަން ތިއްބައެވެ.

ލޯތްބަކީ ކިހާވަރެއްގެ އެއްޗެއްކަމެއް ، ޒުބާއަކަށް އަދި ނޭނގެއެވެ. އޭގެ ޖަޒުބާތާއި އިޙުސާސުގައި ހުންނަނީ ކިހާވަރެއްގެ ވޭނެއްކަމެއް ޒުބާއަކަށް އިޙުސާސެއް ނުވާނެއެވެ. ރޮޝްނާ އޭނާގެ ކޮއްކޮއަށް ދޭ ނަޞޭޙަތަކީ ، ލޯބީގެ މަގުން ޒުބާއަށް މިހާރު ދެވިފައި އެހުރި ހިސާބުގައި ހުއްޓި ، އިތުރަށް ކުރިޔަށް ނުދިއުމެވެ. އެއީ ، އަދި ޒުބާއާ އެކަށީގެންވާ ކަމެއްނޫނެވެ. ޒުބާއަކީ ކިޔަވާ ޢުމުރުގެ ކުއްޖެކެވެ. ޒުބާގެ މުސްތަޤްބަލް ގުޅިފައިވަނީ ކިޔެވުމާއެވެ. ޑޮކްޓަރަކަށް ވުމަށް ޒުބާގެ ބައްޕަ ކުރާ އުއްމީދު ފުރިހަމަކޮށްދިނުމެވެ. ޒުބާއަކީ ، ކިޔެވުމަށް މޮޅު ކުއްޖެކެވެ. ތޫނުފިލި ކުއްޖެކެވެ. އެއީ ، އެ ޢާއިލާގެ އެހެންކުދިންނަށް ލިބިފައިނެތް ހުނަރެކެވެ. ރޮޝްނާވެސް އެހުރީ އިބްތިދާއީ ތަޢުލީމާ ހަމައިން ކިޔެވުމާ ދުރުވެފައެވެ. މިހާރު އެ އުޅެނީ މީހަކާ އިންނަން ވެގެންނެވެ. ލޯބީގެ އެ ހިތި ތަޖުރިބާތަކާއި ، ހާސްކަމާ އަދި ތަކުލީފުތައް ޒުބާގެ ހިތަށް ތަދުކުރާ ކަމެއްގެ ގޮތުގައި އޮވެގެން ، ޒުބާގެ ކިޔަވާ ޢުމުރު ބަރުބާދުވެގެންދާކަށް ރޮޝްނާ ބޭނުމެއް ނޫނެވެ.

ލޯބީގައި ދައްތަ އެގެންގުޅޭ އިދިކޮޅު ވިސްނުމަކީ ، ޒުބާއަށް އެހާ ފަސޭހައިން ޤަބޫލުކުރެވުނު ވިސްނުމަކަށް ނުވިއެވެ. އެހެނަސް ، އެކަމާބެހޭގޮތުން އެހާބޮޑަށް ބަޙުސްކުރާކަށް ޒުބާއަކަށް އަދި ނޭނގެއެވެ. ލޯބި ދިފާޢުކޮށް ވާހަކަ ދައްކާކަށްވެސް ޒުބާއަކަށް އަދި ނޭނގެއެވެ. އެނގޭހާވެސް ކަމަކީ ، އޭނާގެ ހިތުގައިވެސް ލޯތްބެއް އުފެދިގެން އަންނަ ކަމެވެ. އެއީ ސައިމް ފެނުނީމަ އަދި ސައިމްއާ ވާހަކަ ދައްކައިލެވުނީމަ ، ހިތަށް ވަންނަ އިޙްސާސެކެވެ. ކުރިޔަށްވުރެ ބޮޑަށް ސައިމްއާ އޭނާއަށް ގާތްވެވޭކަމެއްވެސް ޒުބާއަކަށް އިޙްސާސެއް ނުވެއެވެ. ލޯތްބަކީ ، ދަގަތްފާނަށް ދަނގަނޑު ދަމާހެން ، ދެ ޒުވާނެއްގެ މެދުގައި ދަމާބާރެއް ހުންނަ އެއްޗެއްކަމެއް ޒުބާއަކަށް ނުވެސް އެނގެއެވެ.

ދައްތަ އެ ދައްކާ ވާހަކަތައް އަޑުއަހާފައި ، ފިރިހެނަކުދެކެ ލޯބިވާނީ މުސްކުޅި ޢުމުރަށް އެޅީމާ ކަމުގައި ޒުބާ ނިންމައެވެ. އެހެނަސް ، ޒުބާގެ ހިތުގައި އޮތް ލޯބީގެ ޖަޒުބާތުތައް ، އެހާދުވަހަށް ކެތްކޮށްގެން ހިތުތެރޭ ފޮރުވާފައި ބޭއްވިދާނެ ބާވައެވެ ؟

ކުރިން އޮތް ގާތްކަން ފާއިޤާމެންގެ ފަރާތުން ނުފެންނަ ކަހަލަ އިޙްސާސެއް ، ޒުބާގެ މަންމައަށް ކުރެވޭކަން ފާހަގަ ކުރެވިގެން އެކަމާ ޒުބާއާ ސުއާލު ކުރިއެވެ. ސައިމް ޖަލަށް ލެވުނީ ޒުބާއާ ބެހޭގޮތުން ، ސައިމްގެ ރަޙުމަތްތެރިޔަކު އެއްޗެއް ބުނެގެން އޭނާ ގައިގާ ތަޅައިގަނެގެންކަން ޒުބާގެ މަންމަމެންނަށްވެސް މިހާރު އޮތީ ، އެނގިފައެވެ. އެކަމަކު ، ސައިމް އާއި ޒުބާއާ ދެމެދު ގާތްގުޅުމެއް އުފެދުނުކަމެއް އެއްވެސްމީހަކަށް ނޭނގެއެވެ. ކިރިޔާވެސް އެއްޗެއް އެނގެންޏާ އެނގެނީ ޒުބާގެ ދައްތަ ރޮޝްނާ އަށެވެ.

ސައިމްއަށް އެކުރެވުނު ކަމަކީ ކުޑަކަމެއް ނޫނެވެ. އަދި ، އެކަމުން ސައިމް ސަލާމަތް އެވީ އޭނާގެ ނަޞީބު ރަނގަޅުކަމުންނެވެ. އެކަހަލަ އިތުރުކަމެއް ސައިމްގެ ފަރާތުން ހިނގައިފިނަމަ ، އޭނާ ކޮލެޖުން ކަނޑައިލާނެކަމުގެ އިންޒާރު ، ފާއިޤާވަނީ ސައިމްއަށް ދީފައެވެ. ޢާންމު ގޮތެއްގައި ފިރިހެންދަރިންނަށް އެކަހަލަ އިންޒާރުދެނީ ބައްޕައެވެ. ސައިމްއަށް އިންޒާރު އެދިނީ މަންމައެވެ.

އަންހެންކުދިންނަށް އިޙްތިރާމް ކުރުމަށް ، ފާއިޤާވަނީ ސައިމްގާތު ބުނެފައެވެ. އެކަން ސައިމް އޭނާގެ މަންމަޔަށް ހަނދާން ކޮށްދިނެވެ. ޒުބާއާއި ސައިމްއަކީ ، ކުޑައިރުއްސުރެ އެކުގައި އުޅޭ ދެ ރަޙުމަތްތެރިންނެވެ. އެހެންކަމަށް ވަންޏާ ޒުބާއާ ދިމާލަށް މީހަކު ހުތުރު އެއްޗެތި ކިޔާ އަޑުއިވުނީމަ ، އޭނާ ހިމޭނުން ހުންނަންވީތޯ ސައިމް ، އޭނާގެ މަންމަޔާ ސުއާލު ކުރިއެވެ.

" ޝަހީރު އެއައީ ޒުބާއާ ދިމާކުރަމުންނެވެ. ހުތުރު އެއްޗެތިވެސް ކިޔައި ، ޒުބާގެ ފޮޓޯނަގައި ، ފޮޓޯހަދައިގެން ސޯޝަލްމީޑިއާގައި ޖަހައި ، ޒުބާ ފަޟީޙަތް ކުރަމުންނެވެ. ޒުބާގެ އެއްވެސް ކުށެއް ނެތެވެ. ކުޑައިރުގެ އަވަށްޓެރި ރައްޓެއްސަކަށް އެކަހަލަ ކަމެއް ދިމާވީމަ ، އޭނާގެ އަބުރު ސަލާމަތް ނުކޮށް ހުންނަންވީ ހެއްޔެވެ ؟ " ސައިމް އޭނާގެ މަންމަޔާ ސުއާލު ކުރިއެވެ.

އެއީ މައްސަލައެއް އޮތްކަމެއްނޫނެވެ. ރަޙުމަތްތެރިން ޙިމާޔަތްވެސް ކޮށްދޭން ޖެހޭނެއެވެ. އެކަމަކު ، ފާއިޤާގެ މައްސަލަޔަކަށްވީ ، ސައިމް އެކަން ކުރަން އުޅުމެވެ. އެކަމުގެ ތެރެޔަށް ސައިމް ވަންނަންވީ ކީއްކުރަން ހެއްޔެވެ ؟ ސައިމް ދައްކަމުން ގެންދިޔަ އެއްވެސް ވާހަކައެއް ފާއިޤާއަކަށް ޤަބޫލެއް ނުކުރެވުނެވެ. ފާއިޤާ ބޭނުންވަނީ ، ސައިމް އަމިއްލަޔަށް މަސައްކަތް ކޮށްގެން ޒުބާއާ ދުރުވުމެވެ. އެއީ ފާއިޤާވެސް އަދި އިބްރާހީމްވެސް ބޭނުންވާ ގޮތެވެ.  ސައިމްއަށް ޒުބާއާ ދުރުނުވެވިއްޖިއްޔާ ، ޒުބާގެ މައިންބަފައިންގާތު ބުނެގެން ، އެކަން ކުރުވާނީ ފާއިޤާކަމުގައި ބުނެ ، ސައިމްއަށް ފާއިޤާ އިންޒާރު ދިނެވެ.  ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. ފާރޫޤަށް ވަނީ 2023 ވަނަ އަހަރު ދިވެހިބަހާއިއަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ.

1 ޚިޔާލު

  1. މިވެސް ވަރަށް ރީތި ވާހަކައެއް. އެކަމަކު ކުރީ ވާހަކަތަކާ ވަރަށް ތަފާތު. ވާހަކަ ގެނެސްދޭ ގޮތާއި އެތުރުންގަނޑު.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.