ހަނދު އޭގެ ހަނދުވަރާނުލާ ... (1)

މިއީ ، ޕާކިސްތާނުގެ މަޝްހޫރު ލިޔުންތެރިޔެއްކަމުގައިވާ ،  ނޫރަން މަޚްދޫމް ، އުރުދޫބަހުން ލިޔެފައިވާ ، ވަރަށް އަސަރުގަދަ ވާހަކައެކެވެ. ލިޔަން ބޭނުންވި އެތައް ވާހަކައެއްގެ ތެރެއިން މިވާހަކަ " ތެރެ ބިން " އިޚްތިޔާރު ކުރެވުނީ ، ކުރިން ލިޔެފައިވާ ވާހަކަތަކާ އަޅާބަލާއިރު ، މިވާހަކައިގެ ތަފާތު ބޮޑުކަމުންނެވެ. މި ވާހަކައިގެ މަޝްހޫރުކަން އެހެން ހުރިހާ ވާހަކަޔަކަށްވުރެ ބޮޑުކަމުންނެވެ. މިވާހަކަ ވަނީ ، ޑްރާމާ ސިލްސިލާއެއްގެ ގޮތުގައިވެސް ކުޅެ ، " ތެރެ ބިން " ގެ ނަމުގައި ، ޢާންމު ކޮށްފައެވެ.  ހަތަރު ބިލިއަނަށްވުރެ ގިނަމީހުން ، މި ޑްރާމާ ސިލްސިލާ ބަލާފައި ވެއެވެ. އެހެންކަމުން މިއީ ، ޕާކިސްތާނާއި އިންޑިއާ އަދި ބަންގްލަދޭޝާއި ދުނިޔޭގެ އެހެނިހެން ޤައުމުތައް ހިމެނޭހެން ، އެންމެ ގިނަބަޔަކު ބަލާފައިވާ ،  އެންމެ މޮޅު އުރުދޫ ޑްރާމާ ސިލްސިލާކަމަށް ބެލެވޭ ، ރީތި އަދި އަސަރުގަދަ ލޯބީގެ ވާހަކައެކެވެ.

ދެ ޒުވާނެއްގެ ދެމެދުގައި އުފެދިފައިއޮތް ލޯތްބެއްގެ ވަރުގަދަ ޖަޒުބާތާއި ނަފްރަތުގެ އިންތިހާ ، މިވާހަކާގައި ގެނެސްދީފައި ވެއެވެ. ނަފުރަތާއި ރުޅިވެރިކަމުގެ އަލިފާނީ ޖަޒުބާތު ، ލޯތްބަށް ބަދަލު ވެއެވެ. ލޯބީގެ ގަދަފަދަ ފޮނި ޖަޒުބާތު ، ނަފުރަތަށް ބަދަލު ވެއެވެ. އާދައިގެ ޢާއިލާއަކާއި ބާރުގަދަ މުއްސަނދި ޢާއިލާއަކަށް ނިސްބަތްވާ ދެޒުވާނެއްގެ ދަރަޖަ އާއި ފެންވަރުގެ ތަފާތުތަކުން އޮޅުމެއްގެ ތެރޭގައި އޮތް ، އަމިއްލަ ޝަޚްޞާއި ނަފްސު ދިފާޢުކުރުމަށް ، ކުރަމުން ގެންދިޔަ ހަނގުރާމަ ނިމިގެންދަނީ ، ދެމީހުންކުރެ އެކަކުވެސް ހީކުރި ގޮތަކަށް ނޫނެވެ. އެކަކު އަނެކަކަށްޓަކައި ހިތުގައި އުފެދިފައި އޮތް ، ޢިޝްޤީ ލޯބީގެ ފޮނިމީރު ކަމުން ، ޝަޚްޞީ ލޯބީގެ މައްޗަށް ، ދެމީހުންގެވެސް ނަފްސު ދިފާޢުކޮށް ،  ޝަޚްޞުގެ މައްޗަށް ޢިޝްޤު ގަދަވެ ގަނެއެވެ. އެހެން ހުރިހާކަމެއް ހަނދާން ނައްތާލައި ، އެކަކު އަނެކަކާ ނުލާ ، ދެމީހުންކުރެ އެކެއްގެވެސް ދުނިޔެ ނެތްކަމަށް ނިންމަން ޖެހެއެވެ. ޙީލަތްތެރި އަދި ސިއްރު ރޭވުންތަކެއްގެ ޝިކާރަޔަކަށްވެ ، ގެއްލިދިޔަ ޢިއްޒަތާ އަދި ހިތުލޯބި ، ޤަދަރުވެރިކަމާއެކީ ލިބިގެން ، ނިމިގެންދާ މި ވާހަކަވަނީ ، ދުނިޔޭގެ އެތައް ބިލިއަން މީހުންނެއްގެ ހިތާ ކުޅެލައި ރޮއްވައިލާފައެވެ. " ތެރެ ބިން " ، ކަލާއާ ނުލާ ނުވަތަ ހަނދަށް އޭގެ ހަނދުވަރާ ނުލާ ، ފުރިހަމަކަމެއް ނެތްކަމަށް ނިންމައި ، ހުޅެވި ހަނދުގެ ނަލަހަނދުވަރުގެ ގަދަ އަލިކަމުގެ ތެރެޔަށް ނުކުމެ އެކަތިގަނޑަކަށްވެ ، ހިނިތުންވެލަން ، ދެމީހުންވެސް ބޭނުންވިއެވެ. ވާހަކަޔައިގެން ކުރިޔަށް ވަޑައިގަންނަވާށެވެ.

ލޮލުކޮޅަށް ނުފެންނަ ހިސާބަށް ފަޅޯގަސް ހައްދާފައިވާ ބިޔަ ، ބޮޑުދަނޑެއްގެ ކުރިމަތީ ، މުރުތަސިމް ހުއްޓިލައިގެން އެހުރީ ، އެދުވަހު އޭނާއަށް އަޑުއިވުނު ވާކަޔަކުން ހިތްނުތަނަވަސް ވެފައެވެ. ދަނޑުގައި މަސައްކަތްކުރަން އެތައްބަޔަކު އެމީހުންގެ މަސައްކަތުގައި ، އަވަދިނެތި އުޅެމުން ގެންދެއެވެ. އޭގެތެރެއިން ، އިސްކޮށް އުޅޭ އިބްރާހީމް ކިޔާ މީހަކަށް ، ސާހިބުމީހާ ގާތަށް އައުމަށް ގޮވައި ލެވުނެވެ. ލަހެއް ފަހެއްނެތި ، އިބްރާހީމް ދުވަމުން އައިސް ، އޭނާގެ ސާހިބުމީހާ ، މުރުތަސިމްގެ ކުރިމަތީ ، އަދަބުވެރިކަމާއެކީ ހުއްޓި ސަލާމް ގޮވައިލިއެވެ. ސަލާމް ބަލައިގަތުމަށްފަހު ، ގޮވާން ކަނޑަން ތައްޔާރުތޯ މުރުތަސިމް ސުއާލު ކުރިއެވެ.

ގޮވާން ކަނޑަން ތައްޔާރުވެފައި ހުރިކަމަށް އިބްރާހީމް ބުނިއިރު ، އޭނާގެ މޫނުމަތީގައިވާ ބިރުވެރިކަން ، މުރުތަސިމަށް އިޙްސާސް ކުރެވުނެވެ. އަދި އެކަމާބެހޭގޮތުން ސުއާލު ކުރިއެވެ.

" ސާހަބެވެ. މާލިކުގެ މީހުން އަނެއްކާވެސް މިތަނަށް އަތުވެއްޖެއެވެ. އެމީހުން ދިޔައީ އިންޒާރު ދީފައެވެ. ދަނޑުބިމުގައި ރޯކޮށްލާނެކަމަށް ބުނެއެވެ. އަހުރެންގެ އަންހެންދަރިފުޅު ، ވަގަށްނަގާނެކަމަށްވެސް ، މާލިކުގެ ދަރިފުޅު ބުންޏެވެ. " ރޮމުންރޮމުން އިބްރާހީމް ވާހަކަ ދައްކަމުން ގެންދިޔައެވެ.

އޭނާގެ ދަރިފުޅުގެ ދިރިއުޅުން ސަލާމަތްކޮށްދިނުން އެދި ، ދެއަތް ޖޯޑުކޮށް އިބްރާހީމް އާދޭސް ކުރަމުން ގެންދިޔައެވެ. މުރުތަސިމްގެ ދެބުމަ ގޮށްޖެހުނެވެ. ރުޅިއާއި ނަފްރަތުން މޫނުމަތި އުދާސްވެގެން ދިޔައެވެ. މުރުތަސިމްގެ ދެފައިގާ ހިފައި އާދޭސްކުރަމުން ގެންދިޔަ އިބްރާހީމް ކޮޅަށް ނެގިއެވެ. އަދި ، އިބްރާހީމްގެނެސް  އޭނާގެ ކާރަށް އަރުވައި ދުއްވައިލިއެވެ.

މާލިކުމެންގޭގެ ސިޓިންރޫމުގައި ، އޭރު ސައްލާ ކުރެވެމުން އެދަނީ ، އެ ދަނޑުބިން އަތުލައިގަންނާނެ ގޮތަކާ ބެހޭގޮތުންނެވެ. މުރުތަސިމަކީ ، އެހާ ފަސޭހައިން ، އެ ދަނޑުބިން ދޫކޮށްލާނެމީހެއްނޫންކަން އެމީހުންނަށް އެނގެއެވެ. ކޮންމެގޮތެއް ހަދާފައިވެސް ، އެބިން މުރުތަސިމްގެ އަތުން އަތުލައިގަންނަން މާލިކު ވަނީ ނިންމާފައެވެ. އޭނާ އެކަން ކުރާނެއެވެ. ވާހަކަ ދައްކައިގެން އެކަމެއް ޙައްލެއް ނުވިއެވެ. ވާހަކަ ދައްކަން އަންނާކަށްވެސް މުރުތަސިމަކަށް ނުކެރުނެވެ.

މުރުތަސިމް އައިސް ، މާލިކުގެ ގެޔަށް ވަނުމާއެކީ ، އެގޭގެ ސެކިއުރިޓީން ދިއްކުރި ބަޑިޔަށް ޖަވާބުދިނީ މުރުތަސިމްގެ ހަށިފާރަވެރިންނެވެ. މުރުތަސިމް އައިގޮތަށް އައިސް ، ގޭތެރެޔަށް ވަނެވެ. އޭނާއާ ކުރިމަތިލި ސެކިއުރިޓީގެ  ކަރުގައި ހިފާ ބިންމައްޗަށް ވައްޓައިލުމާއެކީ ، އޭނާ އެއައީކަމަށް މުރުތަސިމް ބުންޏެވެ. އޭނާ އެއައީ ކީއްކުރަންތޯ މާލިކު ސުއާލު ކުރިއެވެ.

" ބައްދަލުކުރަން ނައިސް އަހަރެން ފިލައިގެން އުޅޭވާހަކަ ދެންމެ ބުނީ މާލިކު ނޫންހެއްޔެވެ؟ އަހަރެން މިއައީ މާލިކުގެ ދަޢުވަތަށެވެ. އެކަމަކު ދާނީ އަހަރެންގެ އަމިއްލަ އިޚްތިޔާރުގައެވެ. " ލިޔުމެއް ދިއްކޮށްލަމުން މުރުތަސިމް ބުންޏެވެ.

އެ ލިޔުމަކީ ، މާލިކުގެ ބޭބެ ނިޔާވުމުގެ ކުރިން ، ބިންވިއްކައި ، މުރުތަސިމްގެ ނަމަށް ، އެބިން ބަދަލުކޮށްފައިވާކަމުގެ ރަސްމީ ލިޔުމެވެ. އެހެނަސް ، އެލިޔުން މާލިކު ޤަބޫލެއް ނުކުރެއެވެ. އެއީ ، މުރުތަސިމަށް މައްސަލައެއްނޫނެވެ.

އެކަމާބެހޭގޮތުން މާލިކަށް ކުރެވެންހުރި ކަންކަން މުރުތަސިމަށް އެނގޭތޯ މާލިކު ސުއާލު ކުރިއެވެ. މާލިކުގެ އަޑުގައިވާ ބޮޑާކަމާއި ޖަދަލުކުރުމުގެ ރާގުން ، މާލިކަށް ކުރެވޭނެ ކަންކަމުގެ މައްޗަށް ވިސްނާކަށް ، މުރުތަސިމް ބޭނުމެއް ނުވިއެވެ. ދެމީހުންނަކީވެސް ސިޔާސީގޮތުންނާއި މުއްސަނދިކަމުގެ ގޮތުން ބާރުގަދަ ދެމީހުންނެވެ. ދަނޑުބިމުގެ މައްސަލާގައި ދެހަތުރުންނަށް ވެފައިތިބި ދެމީހުންނެވެ.

މާލިކުގެ ދަރިފުޅަށް ، ހަމަ އެވަގުތު ގޮވައިލުމަށް މުރުތަސިމް ، އަމުރުކުރިއެވެ. މާލިކުވެސް ، އެނާގެ ދަރިފުޅު ޒުބައިރަށް ތިރިޔަށް އަންނަ ބުނުމަށް ނޯކަރަކަށް އަމުރު ކުރިއެވެ. އިސާހިތަކު ، ޒުބައިރުވެސް އެތަނަށް އައެވެ. އިބްރާހީމަށް   މުރުތަސިމް ގޮވައިލިއެވެ. އަދި ، ކުރިމަތީ އެހުރީ އިބްރާހީމުގެ ދަރިފުޅު ވަގަށް ނަގާނެކަމަށް ބުނެ އިންޒާރުދިންމީހާތޯ ސުއާލު ކުރިއެވެ.

އިބްރާހީމް އާއެނކޭ ބުނުމާއެކު ، ޒުބައިރާ ދިމާލަށް މުރުތަސިމް ފުންމައިގަނެ ، އޭނާގެ އަތުގައިވާ ފިސްތޯލަ ، ޒުބައިރުގެ ބޮލަށް އަމާޒު ކުރިއެވެ. އަންހެންކުދިންނާއި އަންހެނުން ، އެމީހުންގެ މައްސަލަތަކުގެ މެދަށް ނުވައްދާ ، ފިރިހެނަކަށްވުމަށް މުރުތަސިމް ބުންޏެވެ.

" މީގެފަހުން ، އަހަރެންގެ ދަނޑުބިމަށް އަދި އެ ދަނޑުބިމުގައި މަސައްކަތްކުރާ މީހަކާދިމާލަށް ވށްކަޅޮޔަކުން ބަލައިލިނަމަވެސް ، ޒުބައިރުގެ މަންމަގެ ނަމުގައި އަހަރެން ބުނަމެވެ. އެ ދަނޑުބިމުގައި އަހަރެން ޒުބައިރު ވަޅުލާނަމެވެ. އެބިމުގައި ވަޅުލެވިގެން އޮވެ ، ދަނޑުބިން ބަލަހައްޓަން އޮންނާށެވެ.  " މުރުތަސިމް ބުންޏެވެ.

މުރުތަސިމް ، ފަހަތަށް އެނބުރިލައި އެގެއިން ނުކުންނަން ހިނގައިގަތުމަށްފަހު ، ދޮރާހިސާބަށްގޮސް ހުއްޓުނެވެ. ފަހަތަށް އެނބުރި މާލިކާ މުޚާޠަބު ކުރިއެވެ. މިފަހަރު އޭނާ އެއައީ ވާހަކަ ދައްކާށެވެ. ދެވަނަ ފަހަރަށް އެގެޔަށް އަންނަން އޭނާއަށް މަޖުބޫރު ނުކުރުމަށް މުރުތަސިމް އެދުނެވެ. ދެވަނަ ފަހަރަށް އަންނަން ޖެހިއްޖެނަމަ ،  މާލިކު އޭނާގެ ދަރިފުޅަށް ގޮވައިލާއިރަށް ، އަންނާކަށް ޒުބައިރެއް ނުހުންނާނެކަމުގައި އަންގައި އިންޒާރު ދިނެވެ.

މުރުތަސިމްގެ ޢަމަލާއި ބަސްމަގު ހުރިގޮތުން ، ޒުބައިރަށްވެސް ހުރެވެނީކީ ނޫނެވެ. އޭނާވެސް ހުރީ ރުޅި އައިސް ރަތްވެފައެވެ. މުރުތަސިމަށް ޖަވާބުދޭން ޒުބައިރުވެސް ބޭނުންވިއެވެ. އެހެނަސް ، އެތާތިބި އޭނާގެ ބައްޕަގެ ރައްޓެހިން އެކަން މަނާކުރިއެވެ. އެއީ ބަދަލު ހިފުމަށް ރަނގަޅު ވަގުތު ނޫންކަން ، ޒުބައިރަށް ވިސްނައިދެމުން ގެންދިޔައެވެ.

މީރަބްއަކީ ، ޙައިދަރުއާބާދުގައި މަޝްހޫރު ޤާނޫނީ ވަކީލެއްކަމުގައިވާ ވައްޤާސްގެ ހުރި ހަމައެކަނި ދަރިފުޅެވެ. ބައްޕަފަދައިން ، ޤާނޫނު ކިޔަވަން މީރަބްވެސް ބޭނުންވެއެވެ. ކޮންމެ ދުވަހަކުވެސް  މީރަބް ، އޭނާގެ ބައްޕަޔަށް އެކަން ހަނދާން ކޮށްދެއެވެ. އޭނާގެ ދަރިފުޅަށް އެކަން ކޮށްދޭން ، ވައްޤާސްވެސް ބޭނުން ވެއެވެ. އެހެންނަމަވެސް ، އެއީ ހަމައެކަނި އޭނާގެ އަތްމަތީ އޮތްކަމެއްނޫނެވެ. އެކަން ، އޭނާގެ ދަރިފުޅަށް ހަމަޖައްސައިދެވެން އޮތް ހަމައެކަނިގޮތަކީ ، މީރަބް ޤާނޫނުކިޔަވަން ، އޭނާގެ ސާހިބު މީހާ ، އަންވަރާއި ފަހަރި ، ޚާނަމް އެކަމަށް އެއްބަސްވުމެވެ. އެކަމުގެ ހުއްދަޔަށް އެދި ، އޭނާމިހާރުވަނީ ، މީރަބް ބައިވެރިކުރަން ބޭނުންވާ ޤާނޫނީ ކޯހުގެ މަޢުލޫމާތު އެމީހުންނާ ހަމަޔަށް އަޙްމަދު އާބާދަށް ފޮނުވާފައެވެ. އެމީހުން އެކަމަށް ހުއްދަދިންހާ އަވަހަކަށް ، އޭނާގެ ދަރިފުޅަށް އެކަން ކޮށްދޭނެއެވެ. މިހާރު އިޢުލާންކޮށްފައިވާ ކޯހުގައި ، މީރަބް ބައިވެރިކުރުމަށް ، ކުރަންޖެހޭ ހުރިހާކަމެއް ، އޭނާދަނީ މީރަބަށް ނާންގައި ކުރަމުންނެވެ.

އެވަރުގެ ކަމަކަށްވެސް ، އަންވަރުމެންގެ ހުއްދަ ހޯދަންޖެހޭތީ ، މީރަބް ހުރީ ހިތްހަމަ ނުޖެހިފައެވެ. ތުއްތުއިރުއްސުރެ ފެށިގެން ، މީރަބްގެ ކޮންމެ ކަމަކަށް ، ވައްޤާސް ދަނީ އެމީހުންގެ ހުއްދަ ހޯދަމުންނެވެ. އެއީ ، ކުޑައިރުއްސުރެ މީރަބް ކުރަމުން އަންނަ ޝަކުވާއެކެވެ. މީރަބުގެ ޅަ ސިކުނޑިޔަށް ޤަބޫލުކުރެވޭ ގޮތުގައި ، އަންވަރުމެންނަކީ ، އެމީހުންގެ އަމިއްލަގޭގެ އަމުރު މަޢުރޫފް ހިންގަންޖެހޭ ބަޔެކެވެ. އަމުރުކުރާނީ އެމީހުންގެ ނޯކަރުންނަށެވެ. މީރަބްމެންގެ ގެއާއި ދިރިއުޅުމުގެ ކަންކަމުގައި އެމީހުންނަށް ގޮތްނިންމުމުގެ ޙައްޤު އޮތުމަކީ ، މީރަބްގެ ހިތުގައި އޮންނަ ޖަވާބެއްނުލިބޭ ސުއާލެކެވެ.

ވައްޤާސް ، އޭނާގެ ދަރިފުޅު ބޭނުންވާ ހުރިހާކަމެއް ފުރިހަމަކޮށްދޭނެއެވެ. އަންވަރުމެން އެކަމަށް ނޫނެކޭ ބުނެފިނަމަ ، އެމީހުންގާތަށްގޮސް އާދޭސްކޮށްގެންވެސް ، މީރަބަށް އޭނާ އެކަން ފުރިހަމަކޮށްދޭނެއެވެ. އެކަހަލަ ޖަވާބެއްދީގެން ، މީރަބް ހިތްހަމަ ޖައްސައިދިނުމަކީ ، ވައްޤާސްގެ އާދައެކެވެ. ބައެއްފަހަރަށް ބައެއްކަންކަން ކާމިޔާބު ވެއެވެ. އަނެއްބައިފަހަރަށް ، ނާކާމިޔާބީއާ ކުރިމަތިލާން ޖެހެއެވެ.

ޚާނަމްއަކީ އަންވަރުގެ މަންމައެވެ. މުޅި އެއަވަށުގެ އަންހެނުންގެ ބެލެނިވެރިއެއްހެން ، އެމީހުންނާ ކުރމަތިވާ ކަންކަމުގެ ޙައްލު ހޯދަން އަންނަނީ ޚާނަމްގާތަށެވެ. މިއަދަކީވެސް ، އެއަވަށުގެ އަންހެންވެރިން ، އެމީހުންގެ މައްސަލަތަކުގެ ޙައްލު ހޯދުމަށް ޚާންއާ ބައްދަލު ކުރުމަށް އެގެޔަށް އައި ދުވަހެކެވެ.

ނޯކަރެއްގެ ކުޑަދަށުގައި ބޮޑާ ހިނގުމެއްގައި އައިސް ، އެއްވެފައިވާ އަންހެނުންނާ ކުރިމަތިލައި ، އޭނާއަށް ޚާއްޞަވެފައިހުރި ގޮނޑީގައި ޚާނަމް އިށީނދެލިއެވެ. އެވަގުތު ތިންމީހަކު ، އެމީހުންގެ މައްސަލަ ހުށަހެޅުމަށް ޚާނަމްގެ ކުރިމައްޗަށް އައެވެ. އެތަނުން އެކަކީ ، އަނެއް ދެއަންހެނުންގެ މައިދައިތައެވެ. މައްސަލައިގެ ޙައްލު ހޯދަންޖެހެނީ އޭނާއެވެ.

" މި ދެ އަންހެނުންނަކީ ، އަޅުގަނޑުގެ ދެ ޅީދަރިންނެވެ. މިދެމީހުންގެ މެދުގައި އޮތް ޙަސަދަވެރިކަމަކާ ގުޅިގެން ، އަޅުގަނޑުގެ ދެ ފިރިހެންދަރިން މިހާރު ތިބީ ދުޝްމަނުންނަށް ވެފައެވެ. " އެ އަންހެނާ ބުންޏެވެ.

އެ އެއްވުމުގައި ޚާނަމަށް ހުށަހެޅޭ ކަންކަމާ ގުޅިގެން ، ޚާނަމް ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުންކަމަށް ، އެތަނަށް އެއްވެތިބި އެންމެންވެސް ޤަބޫލު ކުރާނެއެވެ. ޚާނަމްގެ ނިންމުމަކީ ، ﷲ ގެ ރުއްސެވުން ލިބިގެންވާނެ ނިންމުމެކެވެ. އެމީހުން އެތަނަށް އައިސް އެތިބީ އެކަމަށް ރުހި ، ހިތުގެ އަޑިން އެކަން ޤަބޫލު ކޮށްގެންނެވެ.

ދެފަހަރިންގެ ތެރެއިން އެކެއްގެ މައްސަލަޔަކަށްވަނީ ، އޭނާ އަންހެންދަރިޔަކު ވިހޭތަނުން އަނެއް އަންހެނާ އެކުއްޖާއަކީ ، އޭނާގެ ޅީދަރިކަމަށް ނިންމައިގެން ހުރުމަށްފަހު ، އޭނާގެ ބަސް އަނބުރާ ރައްދު ކުރުމެވެ. އަދި މިހާރު ބޭނުންވަނީ ، އޭނާގެ ދައްތަގެ އަންހެންދަރިޔަކާ ފިރިހެންކުއްޖާ ދެވުމަށެވެ. އެއީ އަނިޔާއެއްކަމަށްވާތީ ، އޭނާ ބޭނުންވަނީ އެކަން ހުއްޓުވައި ، ޢަދުލުވެރި ނިންމުމެއް ކަނޑައަޅައި ދިނުމަށެވެ.

އެއީ އެކަން ހިނގަމުންދާ ގޮތްތޯ ، އެދެފަހަރިންގެ މައިދައިތައާ ސުއާލުކޮށްގެން ޚާނަމް ސާފުކުރިއެވެ. ދެފަހަރިންނާ ސުއާލު ކުރުމުން ސާފުވީ ، ފިރިހެންކުއްޖާ ހުރީ އަނެއް ފަހަރީގެ އަންހެންދަރިއާ ކައިވެނިކުރަން ބޭނުންވެފައި ކަމުގައެވެ. އެކަމަކު ، އެ އަންހެނާ ގޮތް ދޫނުކޮށް ، އޭނާގެ ފިރިހެންދަރި ، އެއަންހެނާގެ ދައްތަގެ އަންހެންދަރިއާ ކައިވެނިކުރަން ބޭނުންވެ ، ގޮތްދޫނުކުރަނީ ކަމުގައެވެ.

" ފިރިހެނަކަށްވިޔަސް އަދި އަންހެނަކަށްވިޔަސް ، ބުނާބަހުގެ އިތުބާރު ދަމަހައްޓަން ޖެހޭނެއެވެ. އެކަން ޤާއިމްކުރުމަކީ އަހަރެންގެ ޒިންމާގައިވާ ކަމެކެވެ. ފިރިހެންކުއްޖާ ބޭނުންވާގޮތް ބަލައި އެގޮތަށް ޢަމަލު ކުރާށެވެ. ފިރިހެންކުއްޖާގެ ނުރުހުމުގައި ކަލޭގެ ފިރިހެންދަރިފުޅު ، އެހެން އަންހެނަކާ ކައިވެނި ކުރުވައިގެން ނުވާނެއެވެ. " ޚާނަމްގެ ނިޔާ އިއްވިއެވެ.

ތިންއަންހެނުންވެސް ، އެތަނުން ނުކުމެގެން ދިޔައީ ، ޚާނަމްގެ ނިންމުން ޤަބޫލުކޮށް ، އެގޮތަށް ޢަމަލުކުރުމަށް އެއްބަސްވެގެންނެވެ.

އަންވަރު އެތަނަށް އައިސް ، އޭނާގެ މަންމަ ޚާނަމްއަށް ގަނޑެއް ދިއްކޮށްލިއެވެ. އެއީ ، މީރަބްގެ ބައްޕަ ، މީރަބް ޤާނޫނު ކިޔެވުމުގެ ހުއްދަ ހޯދުމަށް ހުށަހެޅި މަޢުލޫމާތެވެ. އަންވަރު ބެލީ ، އެއީ އޭނާއަށް ކުރެވުނު މަލާމާތެއްގެ ގޮތުގައެވެ. ޚާނަމަށްވެސް ޤަބޫލުކުރެވުނީ ، އެއީ އެމީހުންނަށް ، ވައްޤާސްކުރާ ޖެއްސުމެއްގެ ގޮތުގައެވެ. އެ ޢާއިލާގެ އަންހެންކުއްޖަކު ޤާނޫނީ ވަކީލަކަށްވެގެން ޝަރީޢަތުގެ މަޖިލީހަށްގޮސް ކޯޓްރޫމްގައި ވަކާލާތުކުރަން އުޅުމަކީ ، މުޖުތަމަޢުގައި އެ ޢާއިލާގެ ޤަދަރު ގެއްލި ތަޞައްވުރު ކިލަނބުވެގެންދާނެ ކަމެކެވެ. އެއީ ، މުއްސަނދި ޢާއިލާތަކުގެ އަންހެންކުދިން އަދާކުރާކަހަލަ ވަޒީފާއެއް ނޫނެވެ. އެގޭގައި އުޅޭ ، ޙަޔާ އާއި މަރިޔަމްވެސް ، އަދިވެސް އެ ކިޔަވަނީއެވެ. ފުރަތަމަ ޑިގްރީ ނިންމާފައި މާސްޓަރސްވެސް ހަދަންވީއެވެ. އެކަމަކު ، ޤާނޫނެއްނޫނެވެ. އެއީ ޚާނަމް ހުއްދަދޭނެކަމެއް ނޫނެވެ.

އަންވަރުގެ އެދުމާވެސް އެކީ ، އޭނާ ކަރާޗީއަށް ފޮނުވަން ، ޚާނިމް ނިންމިއެވެ. އަދި ، މީރަބް އެ ބޭނުންވާ ޤާނޫނީ ވަކީލުކަން ކިޔެވުން ހުއްޓުވުމަށް އަންވަރަށް އެންގިއެވެ. އެޢާއިލާގެ އަންހެންދަރިން ، ޝަރީޢަތުގެ މަޖިލީހުގައި ވަކާލާތު ކުރުމަކީ އޭނާ ހުއްދަކުރާނެ ކަމެއްނޫނެވެ. އަންވަރު ދާންވާނީ ،  މުރުތަސިމްވެސް ގޮވައިގެން ކަމުގައި ޚާނަމް ނިންމިއެވެ.

ބޭރުގައި އުޅެފައި މީރަބް ގެޔަށް އައިސްވަދެ ، ފެންތަށްޓެއް ގެނެސްދިނުމަށް ބުނުމުން ، ނޯކަރުގެނައި ފެންތަށީގައި ހިފަން ދިއްކޮށްލި އަތް ޖެހުނީ ، ނޯކަރުގެ އަތުގައި ހުރި ޒަޚަމްތަކުގައެވެ. އެއީ ، އެނިކަމެތި އަންހެނާގެ ފިރިމީހާ ދީފައިވާ އަނިޔާ ތަކެކެވެ. އެފިރިހެނާއަށް ލިބިފައިވާ އޭނާގެ އަންހެންދަރިފުޅު އޭނާއަތުން ޖަހައިގަނެގެން ގެންދިޔަތަނެއްވެސް ނޭނގެއެވެ. އޭނާގެ ދަރިފުޅު ، އޭނާއަށް ހޯދައިދިނުން އެދި ، އެނޯކަރު ، މީރަބަށް އާދޭސްކުރަން ފެށިއެވެ. އެ އަންހެނާގެ ފިރިމީހާ ވީތަނެއް އެނގޭތޯ މީރަބް ސުއާލު ކުރިއެވެ. އޭނާގެ ޖަވާބާއެކީ ، މީރަބް އެއަންހެނާގެ އަތުގައި ހިފައި ، އެތަނަށް ދިއުމަށްޓަކައި ނުކުތެވެ.

އެއަންހެނާ އެބުނިތަނަކީ ، ފިރިހެންވެރިން އެއްވެ މަޖާކުރާ ތަނެކެވެ. އެތަނުގައި ނުކުރާ ކަމެއް ނޯވެއެވެ. ފިރިހެނާހުރީ މައިމަގުމަތީ މީހަކާ ޒުވާބު ކުރާށެވެ. މީރަބްގެ ނަޞޭޙަތް އަޑުއަހައި ، އެއަންހެނާ ، ފިރިމީހާގެ ގާތަށް ޖެހިލައި އޭނާގެ އަތުގައިއޮތް ލަޓިބުރި ދަމައިގަތެވެ. އެއީ ، އެއަންހެނާގެ ގައިގައި އެފިރިހެނާ ތެޅި ލަޓިބުރިއެވެ. އޭނާގެ ދަރިފުޅު ކޮބައިތޯ އަހައި ، އެންމެންގެ ތެރޭގައި ، ފިރިމީހާގެ ގައިގައި އެއަންހެނާ ، ލަޓިބުރިން ތަޅަން ފެއްޓިއެވެ. އޭނާ އެދަރިފުޅު ވިއްކާލައިފިކަމަށްބުނެ ، އަންހެންމީހާއާ ދިމާލަށް ހަޅޭއްލަވަމުން ، ތަޅަމުން ގެންދަނިކޮށް ، ފިރިހެނާ އެދަނޑިބުރި އަތުލިއެވެ. އެވަގުތު ، އެތަނަށް ސިފައިންވެސް އައެވެ. ވެގެން އުޅޭގޮތް ސިފައިންނަށް ސާފުކޮށްދިނީ މީރަބެވެ. އަންވަރުމެންނަށްވެސް އެވަގުތު އެހިސާބަށް އާދެވުނެވެ. ކާރުގެ ކުޑަދޮރު ހުޅުވައި މުރުތަސިމް ބަލައިލިއިރު ، އޭނާއަށް ފެނުނީ ، މީރަބް ލަޓިބުރިއެއް ހިފައިގެން ހުއްޓައެވެ. މީރަބް ގާތަށްވެސް ހުރީ ރުޅިއައިސް ރަތްވެފައެވެ. ފިރިހެނާގެ އަތުގައި އޮތް ލަޓިބުރި އަތުލައި ، އޭނާގެ ގައިގައިޖަހަން މީރަބް ހޫރައިލި ލަޓިބުރީގައި މީހަކު ހިފެހެއްޓިއެވެ. މީރަބް ބަލައިލިއިރު ، އެއީ މުރުތަސިމެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.