އަންދަލުސްގެ ބާޒު – 37

(9 މެއި 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އަދި މިހައިތަނަށް ކުޅަ މަސައްކަތަކުން އަޅުގަނޑަކަށް އަބޫ ޢަބްދުﷲ ލައްވައި ރަނގަޅު ފިޔަވަޅެއް އެޅުވޭ ގޮތެއް ނުވެއެވެ. އެކަމަކު ބައެއް ކަހަލަ ކަތި ފިޔަވަޅުތައް އެޅުއްވުން މަނާކުރުމުގައި ކޮންމެވެސް ވަރެއްގެ ކާމިޔާބީއެއް ވަނީ ހޯދިފައެވެ. ފާއިތުވެދިޔަ ހައެއްކަ ދުވަހުގެ ތެރޭގައި އޭނާގެ އަމަލުފުޅުތަކަށް ބަދަލުތަކެއް އަތުވެއްޖެކަމުގެ އިހުސާސް އަޅުގަނޑަށް ކުރެވިއްޖެއެވެ. އެ ބަދަލުތަކުގެ ސަބަބަކީ އޭނާގެ ހިތްޕުޅުގައި އަންދަލުސްގެ ކުރިމަގާމެދު ބިރުވެރިކަމެއް އުފެދުމެއް ނޫނެވެ. ހަގީގީ ސަބަބަކީ އޭނާއަށް ޚުދު ތިމާގެ ކުރިމަގު އަނދިރިކަމަށް ފެނިވަޑައިގަތުމެވެ. ވަރަށް ދުރުގައި އޮތް ނުރައްކާތެރިކަމެއް ކަމަށް އޭނާ ދެކެވަޑައިގެން ހުންނެވި ނުރައްކާތެރިކަން ގްރަނާދާގެ ހަތަރުފާރުގެ ކައިރިން ފެނިވަޑައިގަތުމެވެ. ރަށް ބަންދުވުމާއި ރައްޔިތުންގެ ނުރުހުމުގެ ސަބަބުން އޭނާ ހުންނެވީ ވަރަށް ކަންބޮޑުވެވަޑައިގެންފައެވެ. ފެރްނާންދޯގެ ފަރާތުން ވަގުތުން އެހީތެރިކަން ލިބިވަޑައިގަންނަވާނޭ ކަމުގެ އުއްމީދެއް އޮތްނަމަ އެހައި ބޮޑަކަށް ހާސްވެވަޑައެއް ނުގަތީހެވެ. އެކަމަކު ފެރްނާންދޯ އަންގައިފައި އޮތީ ފައިސަލާކުރުވަނިވި ބޮޑު ހަނގުރާމައެއް ކުރަން ޖެހޭނަމަ އެކަމަށް ވަރަށް ބޮޑަށް ތައްޔާރުވާން ޖެހޭ ކަމަށެވެ. އަބޫ ޢަބްދުﷲގެ ކަންބޮޑުވެވަޑައިގަތުން ހުރި ވަރު ވަޒަން ކޮށްލައްވާށެވެ. މީގެ ކުރިން އޭނާގެ ފައިންޕުޅު ދުށުމަކީ އަޅުގަނޑަކަށްވެސް އެހައި ފަސޭހަ ކަމެއް ނޫނެވެ. މިހާރު ރޭގަނޑު ދަންވަރުވެސް އަޅުގަނޑު ގެންދަވައިގެން ގްރަނާދާގެ ހާލަތުގެ ވާހަކަފުޅު ދައްކަވާން އެތައް އިރަކު އިންނަވައިފާނެއެވެ. ބައެއް ވާހަކަ ދަންނަވައިގެން އޭނާގެ ހާސްކަން އިތުރަށް ބޮޑު ކޮށްލުމަށް ފަހު، ރަސްގެފާނާ ސުލްހަވެރިވެވަޑައިގަތުމަކީ ކުރައްވާން ބޭނުންފުޅު ކަމެއް ނޫންތޯ އަޅުގަނޑު ސުވާލު ދަންނަވައިފީމެވެ. އޭނާ ވަރަށް ދެރަފުޅުވެފައި ވިދާޅުވިއެވެ. [ތިޔައީ ވާނޭ ކަމެއް ނަމަ ހާދަހާ ރަނގަޅެވެ. ބައްޕާފުޅު އަޅުގަނޑަށް މާފު ކުރައްވައިފިއްޔާ ބޮޑުބޭބޭފުޅުގެ ހިތްޕުޅު އަޅުގަނޑުގެ މައްޗަކަށް ދުވަހަކުވެސް ސާފެއް ނުވާނެއެވެ.] މަނިކުފާނާ މެދު އޭނާ ދެކެވަޑައިގަންނަވަނީ އޭނާގެ ލޭފޮދަށް އެދިވަޑައިގެން މަސައްކަތް ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. ޚުދު ރަސްގެފާނު ސުލްހައިގެ އަތްޕުޅު ދިއްކޮށްލައްވައިފިއްޔާ ހައްދަވާނީ ކިހިނެއްތޯ އަޅުގަނޑު ދަންނަވައިފީމެވެ. އޭނާ ވިދާޅުވިއެވެ. [މި ހާލަތުގައި ބައްޕާފުޅު އަޅުގަނޑާ ސުލްހަވެރި ވެވަޑައިގެންފާނޭ ކަމަށް ހީކުރުމަކީވެސް މޮޔަކަމެކެވެ. ސަރަހައްދީ ބާޒުގެ ކާމިޔާބީއަށް ފަހު ބައްޕާފުޅު އަޅުގަނޑު ދެކެވެޑައިގަންނަވާނީ ބޭނުމެއް ނެތް ދުޝްމިނެއްގެ ގޮތުގައެވެ. އަޅުގަނޑާ ދިމާއަށް ސުލްހައިގެ އަތްޕުޅު ދިއްކުރެއްވުމުގެ ބަދަލުގައި އަޅުގަނޑުގެ ކަރުގައި ދަންޖައްސާ މަޅިގަނޑު އަޅުއްވަން މާ ބޮޑަށް ބޭނުންފުޅުވާނެއެވެ.]

އަޅުގަނޑު ދެންނެވީމެވެ. [ސަރަހައްދީ ބާޒު ދެނެގަތުމުގައި އަޅުގަނޑަށް އޮޅުމެއް ނާރާނަމަ، ރަސްގެފާނާއި ބާޒާ ދެމެދު އޮތް ގުޅުމަކީ މަނިކުފާނާ އޮތް ދެކޮޅުވެރިކަމެއް ސަބަބުން އުފެދުނު ގުޅުމެއް ނޫނެވެ. ހަމައެކަނި ސަބަބަކީ ބާޒުގެ ހިތްޕުޅުގައި އޮތް ކްރިސްޓިއަނުންނާ ދެކޮޅަށް އިސްލާމުން އެއްބައިވަންތަ ކުރެއްވުމުގެ އެދުންފުޅެވެ. މަނިކުފާނުގެ ގާބިލިއްޔަތު ބާޒަށް އެނގިވަޑައިގެންފިނަމަ ރަސްގެފާނާ ވާހަކަފުޅު ދައްކަވައިގެން ސުލްހައިގެ މަގެއް ހޯއްދަވައިދެއްވާނޭކަން އަޅުގަނޑަށް ކަށަވަރެވެ.]

އަބޫ ޢަބްދުﷲ އިރުކޮޅަކު ވިސްނައިވަޑައިގަތުމަށް ފަހު ހިތާމަފުޅާއެކު ވިދާޅުވިއެވެ. [އެކަމަކު ސަރަހައްދީ ބާޒު އަޅުގަނޑުގެ ކޮޅުގައި ހުންނަވާނޭކަން ޔަގީންވާނީ ކިހިނެއްތޯއެވެ؟ އަޅުގަނޑުގެ ބަދަލުގައި އައްޒަޣަލް ނުވަތަ އަޅުގަނޑުގެ ބޭބެ ވަލީ އަހުދަކަށް ހައްދަވާން ބައްޕާފުޅަށް ލަފާފުޅު އެރުވުމަކީވެސް އެކަށީގެންވާ ކަމެއް ނޫންތޯއެވެ؟]

އަޅުގަނޑު ދެންނެވީމެވެ. [ބާޒުގެ ދިރިއުޅުއްވުމުގެ މުޅި މަގުސަދަކީ ކްރިސްޓިއަނުންގެ ވެރިކަމުގެ ތަޚުތު އެކޮޅުކޮޅުން ޖެއްސެވުމެވެ. އެ މަގުސަދު ހާސިލު ކުރެއްވުމަށްޓަކައި ގްރަނާދާގައި އަހުލީ ހަނގުރާމައެއް ނުފެށޭނޭ ގޮތް ހެއްދެވުމަކީ އޭނާ ބޭނުންފުޅުވާނޭ ކަމެއްކަން ޔަގީނެވެ. އެފަދަ ކަމެއްގެ ބޭނުންފުޅުގައި ހުރިހައި ފައިސަލާއެއް ބަދަލުކުރައްވާނެކަން ކަށަވަރެވެ.]

އަޅުގަނޑުގެ ވާހަކައިގެ ސަބަބުން މަނިކުފާނު ގްރަނާދާއަށް ހަމަލަދެއްވުމުގެ ކުރިން ސުލްހައިގެ މަގެއް އޮތްތޯ ބައްލަވާނޭކަމުގެ އުއްމީދު އަބޫ ޢަބްދުﷲގެ ހިތްޕުޅަށް ވަދެއްޖެއެވެ. އެހެންވީމާ މަނިކުފާނު އަރިހަށް ސުލްހައިގެ ވަފުދެއް ފޮނުއްވާން އެއްބަސްވެވަޑައިގެންފިއެވެ. އެކަމަކު އަޅުގަނޑު ބިރުގަންނަ ކަމެއް އެބައޮތެވެ. އޭނާގެ އަރިހުގައި އެތިބަ މީހުންނަކީ ސުލްހަވެރި ހާލަތެއް އަތުވެއްޖެނަމަ ފުރާނައިން އަތް ދޮވެލާން ޖެހޭނޭ ކަމުގެ ބިރުގެންފައި ތިބި ބައެކެވެ. އެހެންވީމާ އެމީހުން ސުލްހަޔާ ދެކޮޅު ހަދާނެކަން އަޅުގަނޑަށް ޔަގީނެވެ. ނުރައްކަލަކަށް ވާނީ އަބޫ ޢަބްދުﷲއަށް ވުރެ ބޮޑު މޮޔައަކު ތަޚުތަށް އިސްކުރާން އެމީހުން މަސައްކަތް ކުރުމެވެ. މީގެ އިތުރަށް އެމީހުން ކޮށްފާނޭ އަނެއް ކަމަކަށް ފެންނަނީ ބައްޕާފުޅާއި ދަރިކަލުން ސުލްހަވެރިވެވަޑައިގަންނަވާން އުޅުއްވާ ޚަބަރު ފެރްނާންދޯއަށް ދިނުމެވެ. އެހެން ވެއްޖެނަމަ އޭނާ ހަމަ ވަގުތުން އެކަމަށް ހުރަސް އަޅާނެއެވެ. އޭނާއަށް އެކަން އެނގުނަ ނުދޭން އަޅުގަނޑު ބުއްދިއެއް ކޮށްފީމެވެ. ސުލްހައިގައި އިސް ނުނަންގަވާން އަޅުގަނޑު އަބޫ ޢަބްދުﷲއަށް ދަންނަވައިފީމެވެ. އޭނާ ވަފުދެއް ފޮނުއްވައިފިއްޔާ ބަލިކަށިވެވަޑައިގަތީކަމަށް ރަސްގެފާނަށް ހީފުޅުވާނޭ ކަމަށް އަޅުގަނޑު ދެންނެވީމެވެ. ވަފުދެއެް ފޮނުއްވައިފިނަމަ މިހާރު އަރިހުގައި އެ އުޅޭ ބޮޑެތި މީހުންތައް ފުރާނަ ސަލާމަތްކުރުމުގެ ބޭނުމުގައި މާކުރީން އޭނާޔާ ވަކިވެގެންފާނެޔޭ ނުވަތަ ހައްޔަރުކޮށް ބަންދުކޮށްފާނޭ ކަމަށްވެސް އަޅުގަނޑު ދެންނެވީމެވެ. އެހެންވީމާ ގަސްތުކުރައްވާ ގޮތް އެއްވެސް މީހަކަށް ނާންގަވައި އަބުލްޙަސަންގެ ފަރާތްޕުޅުން ސުލްހައިގެ މަންދޫބަކު ވަޑައިގަންނަވާންދެން މަޑު ކުރައްވާން އަޅުގަނޑު އަބޫ ޢަބްދުﷲ އެއްބަސް ކުރުވައިފީމެވެ.

މިހާރު އަބޫ ޢަބްދުﷲ އެ އިންނެވީ މަންދޫބެއްގެ އިންތިޒާރުގައެވެ. އަޅުގަނޑުގެ މަސައްކަތަކަށް މިހާރު އޮތީ އޭނާ މާޔޫސްވެވަޑައި ނުގެން ހުންނަވާނޭ ގޮތް ހެދުމެވެ. އެކަމަކު އަޅުގަނޑަށް ހީވާ ގޮތުގައި މަނިކުފާނުގެ ފަރާތްޕުޅުން އަންނަ އެއްވެސް މީހަކު އަލްޙަމްރާއާ ގާތްވެސް ވިޔަ ދިނުމަކީ ފެރްނާންދޯއަށް ބައިއަތު ހިފައިގެން އެ ތިބަ މީހުން ކުރާނޭ ކަމެއް ނޫނެވެ. އަބޫ ޢަބްދުﷲގެ މަންދޫބަކު ރަށުން ބޭރަށް ދިޔަ ދިނުމަކީވެސް އެމީހުން ކުރާނޭ ކަމެއް ނޫނެވެ. ގައުމު ވިއްކައިލައިގެން މި އުޅޭ ޚިޔާނަތްތެރިންނަށް އެނގިގެން ސުލްހައިގެ ވާހަކައެއްވެސް ނުދެކެވޭނެއެވެ.

އެހެންވީމާ އަޅުގަނޑު މަނިކުފާނު މި ވައްޓައިލަނީ ވަރަށް ބޮޑު އިމްތިހާނެއްގެ ތެރެއަށެވެ. ސިއްރިއްޔާތުގައި ރޭގަނޑުގެ ވަގުތު މަނިކުފާނު އަލްޙަމްރާއަށް ވެދެވަޑައިގެންފިއްޔާ އަޅުގަނޑު މަނިކުފާނާއި އަބޫ ޢަބްދުﷲއާ ދެބޭފުޅުންގެ ބައްދަލުވުން އިންތިޒާމު ކޮށްފާނަމެވެ. އަޅުގަނޑުގެ ލަފާފުޅު ގަބޫލުފުޅުކުރައްވައި މަނިކުފާނު ސިއްރިޔާތުގައި ގަނޑުވަރަށް ވެދެވަޑައިގެންފިއްޔާ ގްރަނާދާ ފަތަހަ ކުރެއްވުނީ ކަމުގައި ބައްލަވާށެވެ. އަބޫ ޢަބްދުﷲއަށް އަޅުގަނޑުމެން އަރުވާން ޖެހޭ ޔަގީންކަމަކީ އޭނާގެ ފުރާނަފުޅަށް އެއްވެސް ނުރައްކަލެއް ނެތްކަމުގެ ޔަގީންކަމެވެ. އޭގެ ފަހުން މަނިކުފާނުގެ ކޮންމެ އިޝާރަތެއް އޭނާއަށް ވާނީ އަމުރުފުޅަކަށެވެ. މި ބައްދަލުވުން ބާއްވާނީ އަޅުގަނޑު ހުންނަ ގޭގައެވެ. ވިސްނައިވަޑައިގަންނަވާށެވެ. އަބޫ ޢަބްދުﷲގެ ނިޔަތް ރަނގަޅު ނޫނަސް މިހެން ހެދީމާ މަނިކުފާނާއި އޭނާޔާ އެ ވަގުތު ތިއްބަވާނީ އެއް ތަނެއްގައެވެ. އަލްޙަމްރާ ހިއްޕެވުމަށް ބޭނުންފުޅުވާ ކޮންމެ ލިޔުމެއްގައި މަނިކުފާނަށް އޭނާ ލައްވައި ސޮއި ކުރުއްވިދާނެއެވެ. މަނިކުފާނުގެ އަމުރުފުޅު ތަންފީޒު ކުރުމަށްޓަކައި އަބުލްޙަސަނަށް ވަފާތެރިކަމުގައި އަޅުގަނޑަށް ގަބޫލުކުރެވޭ މުޖާހިދުން ތިބޭނެއެވެ. ގައުމު ވިއްކައިލައިގެން ތިބި މީހުންނަށް ޖާސޫސުކޮށްދޭ ޚާދިމުންގެ ބަޔަކު ގަނޑުވަރުގައި އެބައުޅެއެވެ. އެމީހުން ބައިބަޔަށް އަޅުގަނޑުގެ ގެއަށް ގެނެވިދާނެއެވެ. އެމީހުންނަށްޓަކައި ވަރުގަދަ ހަބުޝީ ޖައްލާދުންގެ ބަޔަކު އަޅުގަނޑު ތައްޔާރަށް ބައިތިއްބާނަމެވެ.

އަލްޙަމްރާ ހިއްޕެވުމާއެކު ގްރަނާދާ މަނިކުފާނުގެ ބާރުފުޅުގެ ދަށަށް ގެނެވުނީއެވެ. އަބޫ ޢަބްދުﷲ މަނިކުފާނު ޖައްސަވާ ކޮންމެ ބެރަކަށް ނަށްޓަވާނެއެވެ. ގައުމު ވިއްކާލި މީހުން ބައިބަޔަށް ގެއަށް ގެންނާނީއެވެ. އޭގެ ތެރެއިން ހެޔޮ މަގަށް ރުޖޫއަނުވާ މީހުން ހަވާލުކުރާނީ ޖައްލާދުންނާއެވެ. އޭގެ ފަހުން އަބޫ ޢަބްދުﷲގެ ފަރާތްޕުޅުން ލަޝްކަރަށް އަންގާނީ އަލްޙަމްރާގެ ދޮރާށިދޮށަށް ޖަމާވާށެވެ. ދެން އަބޫ މޫސާ ހުރަގެއިން ނެރެގެން ގެނެސް ލަޝްކަރުގެ ކުރިމަތީގައި ތަގުރީރު ކުރުއްވާނީއެވެ. ލަޝްކަރުގެ މުޖާހިދުންގެ ހިތުގައި މަނިކުފާނަށް ވަޒަން ކުރައްވާންވެސް ދަތިފުޅުވާހައި ވަރުގަދަ ގަދަރަކާއި ލޯތްބެއް އަބޫ މޫސާގެ މައްޗަށް އޮވެއެވެ.

މި ހުރިހައި ކަމަކަށް ފަހު އަބޫ ޢަބްދުﷲ ހުންނަވާނީ މަނިކުފާނު ހައްދަވާނޭ އެއްޗެއް ހައްދަވަން ކުރިފުޅުމަތީގައެވެ. އޭނާއަކީ މާފު ހައްގު ބޭފުޅަކު ކަމަކަށް އަޅުގަނޑެއް ހަމަގައިމުވެސް ނުދެކެމެވެ.

މަނިކުފާނު އަލްޙަމްރާއަށް ވެދެވަޑައިގަތުމުގެ އިންތިޒާމު އަޅުގަނޑު ހަމަޖައްސައިފައިވާ ގޮތްވެސް ދަންނަވައިލާނަމެވެ. އަޅުގަނޑު ހުންނަ ގެ މިހިރީ ކޯރާ ކައިރީގައި އަލްޙަމްރާގެ އެއް ކަނެއްގައެވެ. މަނިކުފާނަކީ ރަނގަޅަށް ފައްތަވާން ދެނެވަޑައިގަންނަވާ ބޭފުޅަކު ކަމުގައި ވަނީނަމަ ބޮއްކުރައަކާ ނުލައި ފައްތަވައިފައި ކޯރު ހުރަސް ކުރައްވައި ގަނޑުވަރުގެ ފާރުކޮޅާ ހަމައަށް ވަޑައިގެންނެވިދާނެއެވެ. އެދިމާ ފާރު ކައިރީގައި ވަރަށް ބޮޑު ގަހެއް ހުންނާނެއެވެ. ގަހުގެ ގޮފިތައް ހުންނާނީ ކޯރުގެ ފެންގަނޑުގައި ޖެހޭވަރަށް ތިރިއަށް އެލިފައެވެ. ގަހުން ލައިފައި މައްޗަށް އަރައިވަޑައިގަންނަވާށެވެ. އެ ގަހުގެ ވާތްފަރާތުން ވިއްސަކަށް ފިޔަވަޅުގެ ދުރުމިނުގައި ސާޅީހަކަށް ކައިވަތުގެ އުސްމިނުގައި އަޅުގަނޑު ހުންނަ ގޭގެ ހާމަފެންޑާ ފެނިވަޑައިގަންނަވާން ހުންނާނެއެވެ. ރޭގަނޑު އެތަން އޮންނާނީ ދިއްލައި އަޅައިފައެވެ. ފެންޑާގެ ފާރު ކައިރިއަށް ވަޑައިގެން ބައްލަވާއިރު ތިރިއަށް ވައްޓައިފައި އޮތް ވަލެއް ފެނިވަޑައިގަންނަވާނެއެވެ. އެ ވަލަށް ބާރަށް ދަންމަވައިލައްވާށެވެ. އޭރުން މަނިކުފާނު ވަޑައިގެންފިކަން އަޅުގަނޑަށް އެނގޭނެއެވެ. އަޅުގަނޑު އެދިމާއިން ވައުހަރުގަނޑެއް ތިރިކުރާނެމެވެ. އެ ހަރުގަނޑުން އަރައިވަޑައިގަތީމާ ވަރަށް ފަސޭހަފުޅުކަމާއެކު މި ގޭގައި އަޅުގަނޑު ހުންނަ ކޮޓަރިއަށް ވެންނެވޭނެއެވެ. އެއްވެސް ކަހަލަ ނުރައްކަލެއް އޮތިއްޔާ ވަލުގެ ކޮޅުގައި ކަރުދާސްގަނޑެއް އައްސައިފައި ބާއްވާނަމެވެ. އެ ކަރުދާސްގަނޑުގައި ނަންގަވައިގެން އޭގައި ލިޔެފައިވާ ގޮތަށް އަމަލުކުރައްވާށެވެ.

ވަޑައިގަންނަވާން އަޅުގަނޑު ކަނޑައަޅައިފައި އޮތީ ބުރާސްފަތި ވިލޭރެއެވެ. އަންނަ ބުރާސްފަތި ވިލޭރޭ ވަޑައިގެންނެވޭ ގޮތް ނުވެއްޖެނަމަ ދެން އަންނަ ބުރާސްފަތި ވިލޭރެޔަކު ވަޑައިގަންނަވާށެވެ. އެރޭ ރަނގަޅުވާ ސަބަބަކީ އަނދިރި ރެއަކަށް ވުމެވެ. ބޯ ވިލާތައް އަދި ދުވަސްކޮޅަކަށް ހުންނާނޭ ކަމަށް ލަފާ ކުރެވޭތީއެވެ.

މަނިކުފާނުގެ އިސްތިގުބާލުގައި އަޅުގަނޑު ނެތިއްޔާ އަބޫ ޢަބްދުﷲ އަރިހުގައި އެހެން ކޮޓަރިއެއްގައި އިނީ ކަމުގައި ބައްލަވާށެވެ. އެހެން ވެއްޖެނަމަ ރަބީޢާ މަނިކުފާނުގެ އިސްތިގުބާލުގައި އިންނާނެއެވެ. ބުރާސްފަތި ވިލޭރޭ އަޅުގަނޑު އަބޫ ޢަބްދުﷲއަށް އަޅުގަނޑުގެ ގެއަށް ވަޑައިގަންނަވާން ދައުވަތު އަރުވާނަމެވެ. ހައިރާންވެވަޑައި ނުގަންނަވާށެވެ. ރަބީޢާ ދެކެވަޑައިގަތް ފަހުން ކޮންމެވެސް ބަހަނާއެއް ދައްކަވައިގެން އޭނާ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އަޅުގަނޑުގެ ގާތަށް ވަޑައިގަނެއެވެ. އޭނާގެ މޮޔަކަން ނިކަން ދެކެވަޑައިގަންނަވާށެވެ. ރަބީޢާއާ ކާވެނި ކުރައްވާން ބޭނުންފުޅު ވާހަކަ އިއްޔެ ވިދާޅުވެއްޖެއެވެ. ރަބީޢާ އައި ރުޅީގައި އެ މެސެޖު ހިފައިގެން އައި ބާނދީ ނޮޅައިގެން ކައިނުލީ ކިރިޔާއެވެ. އެ ކަނބުލޮ ސަލާމަތްވީ އެންޖެލާ ދޭތެރެއަށް ވަދެ ހުރަސް އެޅީމައެވެ. އަޅުގަނޑުގެ ކުރިމަތީގައިވެސް ސީދާ ވިދާޅުނުވެ އެކި ކަހަލަ އިޝާރާތުން އެ އެދުންފުޅު ފައުޅު ކުރައްވައެވެ. މި ހާލަތުގައި އަލްޙަމްރާގައި މާ ގިނަ ދުވަހު ހުރުމަކީ އަޅުގަނޑަކަށް ކުރެވޭނޭ ކަމެއް ނޫނެވެ.

(ނުނިމޭ)

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.