
މަސްވެރި ދޯނިތަކުގެ 95 އިންސައްތަ މިހާތަނަށް ދަފުތަރުވެފައިވާ ކަމަށްރައީސުލްޖުމުހޫރިއްޔާ ޑރ. މުޢިއްޒު ވިދާޅުވެއްޖެއެވެ.
މަސްވެރިންގެ ޤައުމީ ދަފްތަރު އެކުލަވާލުމުގެ ބޭނުމަކީ މަސްވެރިންނަކީ ދައުލަތް ބަލައިގަންނަ ބަޔަކަށް ހެދުމާއި މަސްވެރިންނަށް ޚާއްޞަކޮށްގެން ސަރުކާރުން ހިންގާ ޕްރޮގްރާމްތަކުގެ ނަފާ ސީދާ މަސްވެރިންނަށް ފޯރުކޮށްދޭނެ ވަސީލަތެއް ގާއިމް ކުރުމެވެ. ދަފުތަރެއް އެކުލަވާލައި ދަފުތަރު ކުރުމުގެ މަސައްކަތް ފަށައިގަތީ ސަރުކާރުގެ ފުރަތަމަ 14 ހަފްތާ ތެރޭގައެވެ.
މަސްވެރިންނަށް މާލީ ބާރުވެރިކަން ކަށަވަރުކޮށްދިނުމަށްޓަކައި އުފެއްދެވި މަސްވެރިންގެ ދަފުތަރުގައި މަސްވެރި ދޯނިތަކުގެ 95 އިންސައްތަ މިހާތަނަށް ދަފުތަރުވެފައިވާކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ވަކި ވަކި މަސްވެރިން ދަފުތަރު ކުރެވެމުންދިއުމުން، މަސްވެރިކަމަކީ ދެމެހެއްޓެނިވި އާމްދަނީ ލިބޭ ކަމެއްގެ ގޮތުގައި ބޭންކުތަކުން ބަލައިގަންނާނޭކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މަސްވެރިންނަށް މާލީ ވަސީލަތްތަކުގެ ފައިދާ ލިބިގަތުމަށް ހުރި ހުރަސްތައް ނައްތާލައި، މަސްވެރިކަމަކީވެސް ރާއްޖޭގައި ރަސްމީކޮށް ބަލައިގަންނަ ވަޒީފާއެއްކަމުގައި ހެދުމަށްޓަކައި، މަސްވެރިންގެ ޤައުމީ ދަފްތަރު 16 ފެބްރުއަރީ 2024 ށ. ކޮމަންޑޫގައި ވަނީ އިފްތިތާހުކޮށްފައެވެ. މިގޮތުން މިކަމަށް ތައްޔާރުކޮށްފައިވާ އޮންލައިން ޕްލެޓްފޯމުގައި ރަޖިސްޓަރީވުމުގެ ފުރުސަތުވެސް މިހާރު ވަނީ ހުޅުވާލެވިފައެވެ. މިއީ ޤައުމީ ފެންވަރެއްގައި ރާއްޖޭގައި މަސްވެރިންގެ ރަސްމީ ދަފްތަރެއް އެކުލަވާލެވޭ ފުރަތަމަ ފަހަރެވެ.