ދައުލަތުގެ ޚަރަދުގައި މިއަހަރު ޙައްޖަށް ފޮނުވާ މީހުން ގުރުއަތުން ހޮވައިފި

ދިވެހި ސަރުކާރުގެ ޚަރަދުގައި މިއަހަރު ހިލޭ ހައްޖަށް ފޮނުވުމަށް ހަމަޖެހިފައިވާ 50 މީހުން ކަނޑައެޅުމަށް ގުރުއަތުލުން މިއަދު ބާއްވައިފިއެވެ.

މިގޮތުން ފަޤީރުންގެ ދަފްތަރުގެ ތެރެއިން ހިލޭ ޙައްޖަށް މީހުން ފޮނުވުމާއި ގުޅޭ އުސޫލުގެ ދަށުން ޝަރުތުހަމަވާ 302 މީހުންގެ މެދުގައި ނެގުނު ގުރުއަތުން ވަނީ ޙައްޖަށް ފޮނުވާނެ 50 މީހުން ހޮވާފައެވެ. އަދި މިގެ އިތުރުން އެއްވެސް ސަބަބަކާހުރެ ހައްޖު ދަތުރުގައި ބައިވެރިނުވެވޭ ހާލަތެއް ގުރުއަތުން ހޮވޭ ފަރާތަކަށް މެދުވެރިވެއްޖެނަމަ، އެމީހުންގެ ބަދަލުގައި ފޮނުވާނެ 10 މީހުން ވެސް ވަނީ ގުރުއަތުން ހޮވާފަ އެވެ.

ދަޢުލަތުގެ ޚަރަދުގައި ޙައްޖަށް ދާނެ މީހުން ކަނޑައެޅުމަށް ގުރުއަތު ނަގާފައިވަނީ ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ފަޤީރުންގެ ދަފްތަރަށް ބަލައިގެންނެވެ. މި ދަފްތަރަކީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ޒަކާތު ހައުސްއިން ރިވިއުކޮށްފައިވާ ދަފްތަރެކެވެ.

ރިޔާސީ ފުރަތަމަ ދައުރުގައި 1000 ފަޤީރުން ޙައްޖަށް ފޮނުއްވާނޭކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރެއްވީ 18 އޮގަސްޓް 2023 ވަނަ ދުވަހުގެރޭ، ރިޔާސީ އިންތިޚާބުގެ ފުރަތަމަބުރުގެ ކެމްޕޭނުގައި، މ. މުލަކު ރައްޔިތުންނާ މުޚާޠަބުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. އަދި މި ވަޢުދާއި އެއްގޮތަށް 2024 ވަނަ އަހަރުގެ ޙައްޖު މޫސުމުގައި ދަޢުލަތުގެ ޚަރަދުގައި 50 ފަޤީރުން ޙައްޖަށް ފޮނުވާފައިވާކަން ފާހަގަކޮށްލެވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.