އަންދަލުސްގެ ބާޒު – 28

(21 ފެބްރުއަރީ 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ކޯރްދޮބާގެ ޖެނެރަލަށް މެދުވެރިވީ ހާލަތު ފެރްނާންދޯއަށް އެނގުމާއެކު އޭނާ ލަޝްކަރާއިގެން ގޮސް ލޮއްޚާއަށް ހަމަލަދީފިއެވެ. އޭނާ މިފަދަ ވިޔާނުދާ ކަމެއް ކޮށްފާނޭކަން އަބުލްޙަސަނަށް ކުރިންވެސް ލަފާކުރެއްވިފައިވާތީ ލޮއްޚާ ފެނިވަޑައިގަންނަވާ ހިސާބަށް ވަޑައިގެންފިއެވެ. އެހެންނަމަވެސް ޖާސޫސުންގެ ފަރާތުން އެނގިވަޑައިގަތް ގޮތުގައި އެމީހުންގެ ލަޝްކަރުގައި ތިބި މީހުންގެ ޢަދަދު އަބުލްޙަސަންގެ ލަޝްކަރަށްވުރެ މާ ގިނައެވެ. ގްރަނާދާއިން މާ ގިނަ ބަޔަކު ނުގެންނެވޭނޭކަން އެނގިވަޑައިގެންފައިވާތީ އެތަނަށް ވަޑައިގަންނަވާން އެންގެވީ އައްޒަޣަލަށެވެ. ލޮއްޚާގެ ޚަބަރު އައްޒަޣަލަށްވެސް އޮތީ ލިބިވަޑައިގެންފައެވެ. އެކަމަކު ބޭބޭފުޅަށް އެހީތެރިވެވަޑައިގަންނަވާން ވަޑައިގަތުމުގެ ކުރީން ސެބިއްޔާއަށް ހަމަލަދެއްވައި ވަރަށް ބޮޑެތި ގެއްލުން ދެއްވުމަށް ފަހު ލޮއްޚާއާ ދިމާއަށް މިސްރާބު ޖައްސަވައިފިއެވެ. މީގެ އިތުރަށް ސެބިއްޔާގެ ލަޝްކަރު އަލްޙަމާއާ ދިމާއަށް ދަތުރު ފަށައިފިނަމަ ހިސާރު ނިންމަވައިލައްވާފައި ލޮއްޚާއަށް ވަޑައިގަންނަވާން އައްޒައިޣަރީއަށް އެންގެވިއެވެ.

ސެބިއްޔާގެ ފިނޑި ލަޝްކަރުގެ ބަޔަކު އައި ދިމާއިން އައްޒައިޣަރީ އަމްޙަމާގެ އިން ފާރު ވަރަށް ބޮޑަށް ހަލާކު ކޮށްލެއްވިއެވެ. ރަށް ފަތަހަ ކުރެއްވުމަށްވުރެ ބޮޑު ކަމަކަށް މިހާރު ކުރިފުޅުމަތީގައި އޮތީ ލަޝްކަރުގެ ސިފައިން ސަލާމަތްކުރާނޭ ގޮތެއް ހޯއްދެވުމެވެ. އެމީހުންގެ ވަށައިގެން މިހާރު އެ އޮތީ ސެބިއްޔާގެ ލަޝްކަރެވެ. އެ ލަޝްކަރު ދަނީ ހައްތަހާ ކައިރިވަމުންނެވެ. މާޔޫސީގެ ހާލަތުގައިވެސް އައްޒައިޣަރީ އިސްކަންދެއްވީ ހަތިޔާރު ބެހެއްޓެވުމުގެ ބަދަލުގައި ހަނގުރާމަ ކުރައްވާށެވެ. ވުމާއެކު ހިތްވަރުފުޅާއެކު މަސައްކަތް ކުރައްވައި ލަޝްކަރު އެއްފަރާތަކަށް ޖައްސަވައި ދިފާއުގެ ފުރުސަތު ބޮޑުވާގޮތް ހައްދަވައިފިއެވެ. އެންމެ ކުރީގައި ތިބީ ލޮންސިވެރިންނެވެ. އޭގެ ފަހަތުގައި ފައިމަގުގައި ހަނގުރާމަކުރާ މީހުންނެވެ. ލޮންސިވެރިން ހަމަލާދީ މަގު ހުޅުވައިދިނީމާ ފައިމަގުގައި ހަނގުރާމަކުރާ މީހުންނާއި އޭގެ ފަހަތަށް ތިބި މީހުން އެއްވެސް އަނިޔާއެއް، ގެއްލުމެއް ނުވެ ކޯރު ހުރަސްކުރަން އޮތް ބުރިޖާ ހަމައަށް ހިނގައްޖެއެވެ. އެކަމަކު ދުޝްމިނުންގެ ފައުޖެއް ބުރިޖުގެ އަނެއް ކޮޅުގައި ތައްޔާރަށް އޮތެވެ. އިސާހިތަކު ހަނގުރާމައިގެ މައިދާން ހޫނު ވެއްޖެއެވެ. ވަށައިގެން ތީރު އޮހޭން ފަށައިފިއެވެ. ކުއްލިއަކަށް ކޯރުގެ އަނެއް ފަރާތުން ﷲ އަކްބަރުގެ ނަޣަރާގެ އަޑު އިވޭން ފަށައިފިއެވެ. އެޔާއެކު ފެނުނީ ހިރަފުހުގެ ޠޫފާނެއްގެ ތެރެއިން ފަސް ސަތޭކައެއްހައި އަސްވާރުން ނުކުމެ ބުރިޖުގެ ކޮޅުގައި ތިބި ކާފަރުންނާ ހަމަލަދިން ތަނެވެ. މާ ގިނަ އިރުތަކެއް ނުވެ މުޅި ލަޝްކަރުގެ ވަސް ފުހެލައި ނިންމައިލައިފިއެވެ.

އައްޒައިޣަރީގެ ލަޝްކަރު ބުރިޖު ހުރަސްކޮށް ކޯރުގެ އަނެއް ފަރާތަށް ހިނގައްޖެއެވެ. ލަޝްކަރަށް ލިބުނު އެހީތެރިކަމަކީ ގްރަނާދާއިން އައި އެހީތެރިކަމެއްކަން އެނގިވަޑައިގަތީ ސަލާމަތުގެ އައްސޭރިއަކަށް ވަޑައިގެންނެވުނު ފަހުންނެވެ. އެހީތެރިވާން އައި ލަޝްކަރުގެ ކޮމާންޑަރާ ބައްދަލު ކުރައްވާން ބޭނުންފުޅު ވެގެން ވިދާޅުވީމާ މޫނު ނިވައިކޮށްގެން އިން އަސްވާރަކު ކުރިއަށް ޖެހިލިއެވެ. އަދި އަމުރުވެރި ރާގަކަށް ބުނެލީއަޑު އިވުނެވެ. [މިއީ ވާހަކަ ދައްކާން އޮތް ވަގުތެއް ނޫނެވެ. އަވަހަށް ލޮއްޚާއަށް ވަޑައިގަންނަވާށެވެ.]

މޫނު ނިވައިކުރި މީހާގެ އަޑު އައްޒައިޣަރީއަށް އެނގިވަޑައިގެންފިއެވެ. [އަޅުގަނޑާ ތިޔަ ގޮތަށް ވާހަކަފުޅު ދައްކަވާނީ މޫސާ ބިން އަބީ ޣައްސާން ފިޔަވައި ކޮން ބޭފުޅަކުތޯއެވެ؟]

މޫސާ ވިދާޅުވިއެވެ. [އެކަމަކު އަޅުގަނޑު މިތަނަށް އައިކަން އެއްވެސް އިތުރު މީހަކަށް އެނގިގެން ނުވާނެއެވެ. ރަސްގެފާނު ވަރަށް ކޯފާ ވާނެއެވެ. އެހެންވީމާ މި ވާހަކަ އެއްގޮތަކަށްވެސް ވިދާޅުވެގެން ނުވާނެއެވެ. ގްރަނާދާ ދޫކޮށްލުމަކީ މުޅިއަކުން ރައްކާތެރި ކަމެއެް ނޫނެވެ. އަބޫ ޢަބްދުﷲ މިހާރުވެސް ހީފުޅުކުރައްވާނީ އަޅުގަނޑު އެބަހުރި ކަމުގައެވެ.]

މިހެން ވިދާޅުވެފައި މޫސާ އޭނާގެ ލަޝްކަރާއެކު ވަޑައިގަތް ގޮތަށް ބޯ ހިރަފުހުގެ ތެރެއަށް ގެއްލިގެން ހިނގައްޖެއެވެ.

(5)

ގްރްނާދާގައި ބާކީ ތިބި ހުރިހައި ސިފައިން ފައިސަލާކުރުވަނިވި ހަނގުރާމައެއް ކުރުމަށްޓަކައި ލޮއްޚާގެ ބަނޑުދޮށަށް ޖަމާވަމުންދާ ކަމުގެ ޚަބަރު ބަދްރު ބިން މުޣީރާއަށް ލިބިވަޑައިގަތީމާ ބަދްރު ފުރަތަމަ ނިންމެވީ ކޯރްދޮބާގެ ލަޝްކަރަށް އެންމެ ފަހުގެ ހަމަލަ ދެއްވާށެވެ. މި ނިންމެވުމާއެކު މަންޞޫރު ބިން އަޙްމަދަށް އެންގެވީ ދެ ހާސް އަސްވާރުންނާއެކު ކޯރްދޮބާގެ ލަޝްކަރުގެ ފުރަގަހަށް ވަޑައިގަންނަވާށެވެ.

މަންޞޫރް ބިން އަޙްމަދު ރަށްރަށާއި ސަހަރުތައް ގިރާކުރައްވަމުން އަޖައިބެއްފަދަ ހަލުވިކަމާއެކު ކޯރްދޮބާގެ ލަޝްކަރުގެ ފުރަގަހަށް ވަޑައިގެންފިއެވެ. ލަޝްކަރު އައި ޚަބަރު ބަދްރު ބިން މުޣީރާއަށް ލިބިވަޑައިގެންނެވުމާއެކު ފައިމަގުގައި ހަނގުރާމަކުރާ ލަޝްކަރު ފަސް މޭލެއްހައިތަން ފަހަތަށް ޖައްސަވައިލެއްވިއެވެ. އަދި އަސްވާރުންނަށް އެންގެވީ ކަނާތްފަރާތުންނާއި ވައަތްފަރާތުން ދުޝްމިނުންނަށް ހަމަލަދޭށެވެ. ސިފައިން ފަހަތަށް ޖެހޭތަން ފެނުނީމާ ކޯރްދޮބާގެ ލަޝްކަރުން ގަބޫލުކުރީ އައްޒައިޣަރީގެ ލަޝްކަރެކޭ އެއްފަދައިން ބަދްރުގެ ލަޝްކަރުވެސް ލޮއްޚާގެ ހަނގުރާމައިގައި ބައިވެރިވުމަށްޓަކައި ދާން ތައްޔާރުވަނީ ކަމުގައެވެ. ފެރްނާންދޯގެ ފަރާތުން އެމީހުންނަށް އަންގައި އަމުރުކޮށްފައި އޮތީ ލޮއްޚާގެ ހަނގުރާމައިގައި ވަކި ގޮތެއް ނިމޭންދެން އިސްލާމުންގެ ލަޝްކަރަށް އެއްވެސް ދިމާއަކަށް ދިޔަނުދީ ހިފަހައްޓާށެވެ. މަންޞޫރު ބިން އަޙްމަދުގެ ލަޝްކަރު އައި ކަމެއް އޭރަކު އަދި ކާފަރުންނަކަށް ނޭނގެއެވެ. އެހެންވީމާ ކާފަރުންގެ ކޮމާންޑަރުން އެންގީ ބަދްރު ބިން މުޣީރާގެ ލަޝްކަރަށް ހަމަލަދޭށެވެ. އޭރު ބަދްރުގެ ލަޝްކަރުން ފަހަތަށް ޖެހުނު ސިފައިންގެ ތެރޭގައި ތިބި ތީރުވެރިން ޚަންދަގެއްގެ ފަހަތުގައި ޖާގަޖަހައިފިއެވެ.

ކޯރްދޮބާގެ ލަޝްކަރު ޚަންދަގާ ހަމައަށް ދިއުމާއެކު ކުރިމަތިލާން ޖެހުނީ ތީރުގެ ވާރެޔާއެވެ. ފަހަތަށް ޖެހުން ނޫން ގޮތެއް އެ ލަޝްކަރަކަށް ނެތެވެ. އެކަމަކު އޭރު މަންޞޫރު ބިން އަޙްމަދުގެ ލަޝްކަރު ފަހަތުން ހަމަލަދީފިއެވެ. ދެފަރާތުން ފަހައިގަތީމާ ކާފަރުންގެ ލަޝްކަރު މެދުގައި ތާށިވެއްޖެއެވެ.

ކަނާތްފަރާތުންނާއި ވައަތްފަރާތުން ބަދްރު ބިން މުޣީރާގެ ލަޝްކަރެވެ. ފަހަތުން މަންޞޫރު ބިން އަޙްމަދުގެ ލަޝްކަރެވެ. ކުރިމަތީގައި އޮތީ ޚަންދަގެވެ. ޚަންދަގުގެ ފުރަގަހުގައި ތިބީ ބަދްރުގެ ފަހުލަވާނުންނެވެ. ކޯރްދޮބާގެ ލަޝްކަރު ވަނީ ކަނޑުގެ ޠޫފާނެއްގައި އޮޔާއެކު ބާރަށް ބޮޑު ފަރުބަދައަކާ ދިމާއަށް ދަމަމުން ގެންދާ އޮޑިއަކާ އެއްގޮތް ވެފައެވެ.

ކަންބޮޑުވެގެން ތެޅިފޮޅިގަތުމުގެ ތެރޭގައި އަމިއްލަ އަސްތަކުގެ ފައިދަށުވެ އެތައް ބަޔަކު މަރުވެއްޖެއެވެ. ބައެއް މީހުން އަހާއެކު ގޮސް ޚަންދަގަށް ވެއްޓިއްޖެއެވެ. އާދައިގެ ސިފައިންނަށް ވަމުންދާ ގޮތެއް ކޮމާންޑަރުންނަކަށް ނޭނގެއެވެ. ކޮމާންޑަރުންނަށް ވަމުންދާ ގޮތެއް އާދައިގެ ސިފައިންނަކަށް ނޭނގެއެވެ. ފަތަހައިގެ އުއްމީދުގައި ކޯރްދޮބާގެ ލަޝްކަރަށް ހިތްވަރާއެކު ހަނގުރާމަ ކުރެވެން އޮތް ނަމަވެސް އިސާހިތަކު ހިތްވަރު އެލިއްޖެއެވެ. ފިލައިގެން ދިއުމުގެ ފުރުސަތު ލިބުނީ ވަރަށް މަދު މީހަކަށެވެ. މެންދުރުވެގެން އައި އިރު މައިދާން ފުރިފައި އޮތީ ކޯރްދޮބާގެ ސިފައިންގެ ހަށިތަކުންނެވެ. ބާކީ ތިބި މީސްކޮޅު ހަތިޔާރު ބަހައްޓައި އަމާންދީފިއެވެ.

(6)

ލޮއްޚާގެ ހަނގުރާމައިގައި ފެރްނާންދޯގެ ފަންސާސް ހާސް ސިފައިންނާ ހަނގުރާމަ ކުރުމަށްޓަކައި އަބުލްޙަސަންގެ ތިރީސް ހާސް ސިފައިން ތިބީ ތައްޔާރު ވެގެންނެވެ. ދެ ދުވަސްް ވާންދެން ފެރްނާންދޯގެ ނާއިބާއި ގްރަނާދާގެ ލަޝްކަރު މީހުން އެމީހުންގެ ހެވިކަން ދައްކަމުން ދިޔައެވެ. ހަނގުރާމަ ފެށުމުގެ ގޮތުން ފެރްނާންދޯގެ ލަޝްކަރުގެ ކޮމާންޑަރަކު މައިދާނަށް ނުކުތުމުންނެވެ. އެމީހާ ހުރީ ބޮލުން ފެށިގެން ފައިތިލަޔާ ހަމައަށް ދަނގަޑު ދަހަނާއިން ފޮރުވިގެންނެވެ. އޭނާ ކަނޑި އުފުލައިލިއެވެ. އިސްލާމުންގެ ލަޝްކަރުން ނުކުތީ ނަޢީމް ބިން ރިޟްވާނެވެ. އޭނާ ހުންނެވީ ދަގަނޑު ތާކިހަލެއް އަޅުއްވައިގެން ވަރަށް އާދައިގެ ހެދުމެއް ލައްވައިގެންނެވެ.

ދެ ފަހުލަވާނުންގެ ކަނޑިއާއި ކަނޑި ޖެހި ކަނި ބުރާން ފަށައިފިއެވެ. ކަސްތިއްޔާގެ ކޮމާންޑަރު ކިތަންމެ ވަރުގަދަ ދަހަނާއެއް އަޅައިގެން ހުރި ކަމުގައި ވިޔަސް ނަޢީމް ދެއްކެވިފަދަ ކުޅަދާނަކަމެއް ނުދެއްކުނެވެ. އޭނާ ގެންދެވީ ކަނޑީގެ އެތިފަހަރުތައް ބާލުއްވަމުންނެވެ. ކާފަރުކަލޭގެ ދިން ދެތިން ހަމަލައެއް މަތަކުރެއްވުމަށް ފަހު ނަޢީމް ފުރިހަމަ ބާރުފުޅާއެކު އޭނާގެ ކޮނޑާ ދިމާއަށް ކަނޑީގެ އެތިފަހަރެއް ބޭލުއްވިއެވެ. އަޅައިގެން ހުރި ދަގަނޑު ދަހަނާ ފޫ ނުދިޔަ ކަމުގައި ވިޔަސް ވީ ތަދެއްގެ ބޮޑުކަމުން އޭނާ އެއް ފަރާތަކަށް އަރިއަޅައިލިއެވެ. ހަމައަކަށް އެޅިލާނޭ ފުރުސަތެއް ނަޢީމް އޭނާއަކަށް ނުދެއްވިއެވެ. ދެވަނަ އެތިފަހަރާއި ތިންވަނަ އެތިފަހަރު ދޫކޮށްލެއްވީ ކުރިއަށްވުރެ މާ ބާރަށެވެ. ފުލުފުލުގައި ހައެއްކަ ފަހަރު ޖައްސަވައިފިއެވެ. އެކަލޭގެ އަރައި އިން އަސް ދިޔައީ ފުންމައިގެންނެވެ. އަޅައިގެން އިން ދަހަނާގެ ބަރުކަމުންނާއެކު ކަނޑައި ވައްޓައިލީ ރުއްގުޅިއެއްހެން ބިންމައްޗަށް ގުޅައަކަށް ޖެހިއްޖެއެވެ. ތެދުވާން އުޅެނިކޮށް ނަޢީމް އަސްމަތީން ފުންމަވައިލެއްވިއެވެ. އަދި އޭނާގެ ދަގަނޑު ތޮފި ނެންގެވުމަށް ފަހު ބޯ ކަނޑައިލިއެވެ. އަބުލްޙަސަންގެ ލަޝްކަރުގެ ނަޣަރާގެ އަޑު އަރައިގެން ދިޔައެވެ. ފެރްނާންދޯގެ ދެވަނަ މީހާ މައިދާނަށް ނުކުތީމާ މުގާބިލާއަށް ނުކުންނެވީ އައްޒައިޣަރީއެވެ. ކަސްތިއްޔާގެ ކޮމާންޑަރު އިނީ ދަގަނޑު ދަހަނާ އަޅައިގެންނެވެ. ދެ ފަހުލަވާނުން އެކަކު އަނެކަކާ ދިމާއަށް ލޮންސީގެ ހަމަލައެއް އަމާޒުކޮށްލިއެވެ. އައްޒައިޣަރީ އެކަލޭގެ ދިން ހަމަލައިން ރެކިވަޑައިގަތުމަށް ފަހު ސީދާ އޭނާގެ މެޔަށް އަމާޒުކޮށް ލޮންސީގެ ހަމަލައެއް ދެެއްވައިފިއެވެ. ދަގަނޑު ދަހަނާގައި ޖެހިފައި ލޮންސި ބިންދައިގެން ހިނގައްޖެއެވެ. އެކަމަކު ކާފަރުކަލޭގެ ބިންމައްޗަށް ވެއްޓިއްޖެއެވެ. އައްޒައިޣަރީ އަހުން ފުންމަވައިލެއްވުމަށް ފަހު އެ ކަލޭގެ ގަތުލު ކޮށްލައްވައިފިއެވެ.

ލަޝްކަރުގެ ވަރުގަދަ ދެ ކޮމާންޑަރުންނަށް ވީ ގޮތް ފެނުނީމާ މުޅި ލަޝްކަރު އެކީގައި ހަމަލަދޭން ފެރްނާންދޯ އަމުރުކޮށްފިއެވެ.

(ނުނިމޭ)

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.