(27 އޮކްޓޯބަރ 2024 ގައި ޝާއިޢުކުރި ބަޔާގުޅޭ )
( ޙައިދަރުގެ އަތުން އޭނާގެ އަތްދުރުކޮށްލުމަށްފަހު ، އެނދުންތެދުވެ ، ބޭރަށް ނުކުތުމަށްޓަކައި ދިލްނަޝީން ހިނގައިގަތެވެ.)
ހެނދުނު އޮފީހަށްދާން ޙައިދަރު ތިރިޔަށް އައިއިރު ދިލްނަޝީންވެސް އޭނާއާއެކީ ފައިބައިގެން އައެވެ. މެހެމަލްއަށް ޙައިދަރު ފެނުމާއެކީ ، ޢީޝަލްގެ ވެކްސިންޖަހަން ހަވީރު ދާން އޮތްވާހަކައާއި ހަވީރު ތަންކޮޅެއް އަވަހަށް އޮފީހުން އައިސްދިނުމަށް މެހެމަލް އެދުނެވެ. ޙައިދަރަށް މެހެމަލްގެ ވާހަކަޔަށް މާބޮޑު ސަމާލުކަމެއް ނުދެވުނެވެ. އޭނާއަށް ނާދެވުނަސް ، ޑްރައިވަރު ގޮވައިގެން ދިއުމަށް ބުންޏެވެ.
" އަހަރެންގެ ދަރިފުޅަށް އެވަރުގެ ބޮޑު ތަކުލީފެއް ލިބޭތަން ފެނިފައި ހިތަކަށް ކެތެއް ނުވާނެއެވެ. ރޮއިރޮއި އެފަކީރު އަވަދިވާނެއެވެ. ޑްރައިވަރަކަށް ، ޢީޝަލް މައިތިރިއެއް ނުކުރެވޭނެއެވެ. އެކުއްޖާފުޅަށް ޙައިދަރުގެ ބޭނުން ވަރަށް ބޮޑުވާނެއެވެ. " މެހެމަލް ބުންޏެވެ.
އެންމެފަހުން ، މެހެމަލްގެ އެމަޅީގައިވެސް ޙައިދަރު ޖެހުނެވެ. އެއީ މައްސަލައެއް ނޫންކަމަށާއި ، ތަންކޮޅެއް އަވަހަށް އޮފީހުން އަންނާނެކަމަށް ޙައިދަރު ބުންޏެވެ. ޙައިދަރު ނުކުތުމާއެކީ ، މެހެމަލްގޮސް ދިލްނަޝީންގެ ކޮނޑުގައި އަތްބާއްވާލައި ، ވާހަކަ ދައްކާލައި އަނގަތަޅާލަން ހިނގާށޭ ، ހުރިހާކަމެއް ރަނގަޅުހެއްޔޭ އަހައި ، ދިލްނަޝީން ގޮވައިގެން ބަގީޗާތެރެޔަށް ނުކުތެވެ. ދިލްނަޝީންގެ ޢުމުރުގެ ގިނަ އަންހެންކުދިންނަކީ ، އަނގަތަޅައި ހީސަމާސާކޮށް ، ވަރަށް ޙަރަކާތްތެރިކޮށް އުޅޭނެ ބަޔެކޭ ބުނެ ، ދިލްނަޝީން ނެގިމަޑުވެފައި މަޑުމަޑުން ހުންނާތީ ، މެހެމަލް ޝަކުވާކޮށްގަތެވެ. ހުރިހާކަމެއް ރަނގަޅުތޯ އާއި ދިލްނަޝީން އެގޭގައި އެއުޅެނީ ހިތްހަމަޖެހިގެން ، އުފަލުގައިތޯ މެހެމަލް ސުއާލު ކުރިއެވެ.
ދިލްނަޝީނަކީ ހިތްތިރި ކުއްޖެކެވެ. މެހެމަލްގެ މަކަރުވެރިކަމާއި އޭނާގެ ނިޔަތް ސާފުކޮށް އެނގޭވަރަށްވުރެ ، ދިލްނަޝީންގެ ހިތްސާފެވެ. ދިލްނަޝީން އެގޭގައި އެއުޅެނީ ވަރަށް އުފަލުގައިކަމަށް ބުންޏެވެ. އެވަރަކުން މެހެމަލް ދުލެއް ނުކުރިއެވެ. މެހެމަލް އެކުރި ސުއާލުގެ މާނަޔަކީ ، ޙައިދަރާއެކު ދިލްނަޝީން އެއުޅެނީ އުފަލުގައިތޯ ސާފުކޮށްލުމެވެ.
ޙައިދަރަކީ ވަރަށް އޯގާތެރި އިންސާނެކެވެ. ދިލްނަޝީނަށް އަޅައިލައެވެ. އޭނާގެ ހިތްހަމަޖައްސައި ދެއޭބުނެ ، ދިލްނަޝީން ހީލިއެވެ.
" ޙައިދަރަކީ ވަރަށް ރަނގަޅު މީހެކެވެ. އަހަރެންނާވެސް ވަރަށް ގާތްގުޅުމެއް ބާއްވާނެއެވެ. ވަރަށް އަޅައިލާނެއެވެ. ނުދައްކާ ވާހަކައެއް ނޯންނާނެއެވެ. ތިދެމީހުންގެ ޢުމުރުގެ ތަފާތު އެހާ ބޮޑުވީމަ ، ދިލްނަޝީނާއި ޙައިދަރާ ދެމެދުގައި އެހާ ގާތްކަމެއް ނުބޭއްވޭ ދޯއެވެ. އެހާ ގާތްކޮށް ވާހަކަ ދައްކައެއް ނުލެވޭ ނޫންހެއްޔެވެ ؟ " މެހެމަލް ބުންޏެވެ.
ޙައިދަރަކީ ، އިތުބާރު ކުރެވޭ އަދި ބަރޯސާވެވޭ މީހެއްކަމުގައި ދިލްނަޝީން ބުންޏެވެ.
" އާނއެކެވެ. ވަރަށް ބަރޯސާވެވޭ މިޒާޖެއްގެ އިންސާނެކެވެ. އެއީ އަހަރެންގެ ކުޑައިރުގެ ލޯބިވެރިޔާއެވެ. " މެހެމަލް ބުންޏެވެ.
މެހެމަލް އެބުނި ވާހަކަޔަކަށް ، ދިލްނަޝީންގެ ސަމާލުކަން ހުއްޓުނެވެ. އަދި ، ކުޑައިރުގެ ލޯބި ، އެބަސް ދިލްނަޝީނަށް ތަކުރާރު ކޮށްލެވުނެވެ.
އެއީ އޭނާގެ ކުޑައިރުގެ ލޯބިވެރިޔާ ކަމަށް މެހެމަލް އަނެއްކާވެސް ބުންޏެވެ. މެހެމަލް އާހުރެ ޙައިދަރު ހުންނާނީ މޮޔަވެފައެވެ. މެހެމަލްއަށްޓަކައި ، ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ. އެއީ ހިތުގެ ލޯތްބެވެ. ޢިޝްޤީ އެންމެ ފުރިހަމަ ލޯތްބެވެ. މެހެމަލް އެވާހަކަ ދައްކަމުން ދިޔަ ވަރަކަށް ، ދިލްނަޝީންގެ ދެބުމަ ގޮށްޖެހެމުން ދިޔައެވެ. އިންސާނަކު އަނެއް އިންސާނެއްދެކެ ، އެއަށްވުރެ ބޮޑަށް ލޯބިވާނެ މިސާލެއް ދުނިޔެއަކުން ނުފެންނާނެއެވެ. ލައިލާ މަޖުނޫނަށްވުރެ އެތައް ދަރަޖައެއް އޮންނާނީ ކުރީގައިކަމަށްބުނެ މެހެމަލްގެ ވާހަކަ ނިންމައިލިއެވެ.
އެހިސާބުން ، ނޯކަރަކު އައިސް ، ދިލްނަޝީނަށް ކުލްސޫމް އެބަ ގޮވާކަމަށް ބުނުމާއެކީ ، ދިލްނަޝީން ތެދުވެގެން ނޯކަރާއެކީ ހިނގައިގަތެވެ. މަކަރުވެރި ހިނިތުންވުމެއްގައި މެހެމަލް އިނެވެ. އޭނާގެ ހިޔަޅު ފިކުރުގެ ފުރަތަމަ އޮށް ދިލްނަޝީންގެ ހިތުގައި އިންދައިލެވިއްޖެކަމުގެ ހިތްހަމަޖެހުން މެހެމަލްއަށް ލިބުނެވެ. ކުރިޔަށް އޮތްތަނުގައި ކަތުރު ފަންޏެއް ލަކުޑިގަނޑެއް ކާހެން ، ދިލްނަޝީންގެ ހިތް ތަޣައްޔަރު ކުރަމުން ކަމުންކަމުންގޮސް ޙައިދަރުގެ ޙަޔާތުން ދިލްނަޝީން ނެރެލާނެކަމުގައި ، އޭނާގެ އަމިއްލަ ނަފުސަށް ވަޢުދުވިއެވެ.
ހެނދުނު އެއްބަސްވިގޮތަށް ، ޙައިދަރު އައިސް ހަވީރު ޢީޝަލް ގޮވައިގެން ، އިންޖެކްޝަން ޖަހަން ކްލިނިކަށް ދިޔައެވެ. ޢީޝަލްގެ އަތަށް އިންޖެކްޝަން ޖެހިއިރު ، ޢީޝަލްއަށްވުރެ ބޮޑަށް ، ތަދުވެގެން ބިރުގަތީ މެހެމަލް އެވެ. ބިރުންގޮސް ، ފަހަތުން އައިސް ދީވަލްޕާއެއްހެން ޙައިދަރުގެ ކޮނޑަށް އަރައި ، ޙައިދަރުގެ ގައިގައި ބައްދާލައިގެން އޮތެވެ. އެއީ ޤަސްދުގައި މެހެމަލްކުރިކަމެއްނޫންކަމަށް ދައްކަން އުޅުނުނަމަވެސް ، ޙައިދަރު އެކަމަށް ވިސްނިއެވެ. މެހެމަލްގެ ކޮންމެ ޢަމަލަކަށްވެސް ޙައިދަރު ހުންނަނީ ވިސްނައިގެންނެވެ. އެހެންނަމަވެސް ، ޢީޝަލްގެ ކުރިމަތީގައި ޙައިދަރު އެއްވެސް އެއްޗެއްބުނާކަށް ބޭނުމެއް ނުވިއެވެ.
އިންޖެކްޝަން ޖަހައި ނިމިގެން ، ގެޔަށް އައި މަގުމަތީގައިވެސް މެހެމަލްއަކަށް ހިމޭނަކުން ނުއިނދެވުނެވެ. އަންޞާބުގާތުން ވަރިވާން ބޭނުންވާ ވާހަކައާއި ، ޙައިދަރާއެކީ އަލުން އާ ޙަޔާތެއް ފަށަން ބޭނުންވާ ވާހަކަ ދައްކަމުން ގެންދިޔައެވެ. ޢީޝަލްއަށްވެސް ، ޙައިދަރަކީ ، އަންޞާބަށްވުރެ ރަނގަޅު ބަފަޔަކަށްވާނެ ވާހަކައެވެ. މެހެމަލް އެދައްކާ ވާހަކައިން ، ޙައިދަރަށް އުނދަގޫވަމުންދިޔައެވެ. ދިލްނަޝީނާއެކީ އޭނާ ފަށައިފައިވާ ދިރިއުޅުމުގެ ތެރެޔަށް ، މެހެމަލް ވަނުމަށް ފުރުޞަތު ނުދޭނެކަން ޙައިދަރު ސާފުކޮށްދިނެވެ.
މެހެމަލްއަށް ޙައިދަރާނުލައި ދުނިޔޭގައި ނޫޅެވޭނެކަމަށް މެހެމަލް ބުނަމުން ގެންދިޔައެވެ. ވޭނާއި ހިތާމައިގައި އޭނާ އަވަދިވެދާނެއެވެ. އަދި ޢީޝަލްއަކީ މަންމައެއްނެތް ޔަތީމު އަދި މައުޞޫމް ކުއްޖަކަށް ވެއްޖެނަމަ ، އޭނާއަށް ހަމަޖެހިލައިގެން ކަށްވަޅުގައިވެސް ނޯވެވޭނެއެވެ. މެހެމަލް މިހާރު އެހުރި ޙާލުގައި ދިރިދުނިޔޭގައި ހުރެއްޖެނަމަ ، އޭނާގެ ހިތް ކުދިކުދިވެ ހަލާކުވެދާނެއެވެ. ކުރިމަތިވެފައި އޮތް ޙާލަތަށް ދެމީހުންވެސް ކެތްތެރިވާން ޖެހޭނެކަމަށް މެހެމަލްބުންޏެވެ. މަޑުމަޑުންގޮސް ، ހުރިހާކަމެއް މެހެމަލް ރަނގަޅުކުރާނެއެވެ. އެދެމީހުންގެ މެދުގައި ކުރިން އޮތް ލޯބިގުޅުން ، އަނބުރާ އިޢާދަކުރުމަށް މެހެމަލް މަސައްކަތް ކުރާނެއެވެ. މެހެމަލް އެގެޔަށް އެއައީ އެ ފޮނި އުއްމީދުގައެވެ. މަޑުމަޑުންގޮސް ، ޙައިދަރުގެ ހިތާވެސް ކުޅެލައި ، ދިލްނަޝީންގެ ހިތުގައި ވަހުމުގެ އޮށްއިންދައި އެދެމަފިރިން ދުރުކުރެވޭނެކަމުގެ ޔަޤީންކަން މެހެމަލްއަށް އެބައޮތެވެ. މެހެމަލްއަކީ ، އެކަމަށް ކުޅަދާނަމީހެއްކަން ޙައިދަރަށް އަންގައިލާނެއެވެ. މެހެމަލްއަށް ބޭނުންވަނީ ، ޙައިދަރު އޭނާއާއެކީ ހުރުމެވެ. އެކަމުގައި އޭނާއަށް ޙައިދަރު އެހީތެރިވުމެވެ.
" އަހަރެންގެ ހިތްވެސް މިހުރީ ހަލާކުކޮށްގެންނެވެ. އަހަރެންގެ ލޯތްބަށް ކޮޅުފައިންޖަހައި ، އަހަރެން ދޫކޮށްލާފައި މެހެމަލް ދިޔައިމަ ، އަހަރެންގެ ހިތްވެސް ހަލާކުވިއެވެ. އަންޞާބާ އިނދެގެންގޮސް ، މެހެމަލް ބޭނުންވާ އުފާތަކުގައި މެހެމަލް ދިރިއުޅުނީ ނޫންހެއްޔެވެ ؟ އެދުވަހު ، އަހަރެންގެ ހިތުގެ ކެކުޅުންތަކުގެމަތިން ، މެހެމަލް ހަނދާންކުރިން ހެއްޔެވެ ؟ . މެހެމަލްއަށް ކިތަންމެ ބޮޑުގެއްލުމެއް ލިބުނަސް ، ކިތަންމެ ވަރަކަށް މެހެމަލްގެ ހިތްހަލާކުވިޔަސް ، ދިލްނަޝީންގެ ހިތަށް ތަކުލީފެއްލިބޭނެ އެއްވެސްކަމެއް އަހަރެން ނުކުރާނަމެވެ. އެކަން މެހެމަލްގެ ހަނދާނުން ކައްސައި ނުލައްޗެވެ. " ޙައިދަރު ބުންޏެވެ.
ޙައިދަރުގެ ވާހަކަތަކުން ، މެހެމަލްގެ އަނގަ ބަންދުކޮށްލިއެވެ. އެހެންނަމަވެސް ، ޙައިދަރު އެވާހަކަ ދެއްކީ އަނގައިންނެވެ. އޭނާގެ ހިތަކުންނޫނެވެ. ޙައިދަރުގެ ހިތުގައި އަދިވެސް ބިންވަޅުނެގިފައި އޮތީ ، މެހެމަލްގެ ނަންކަން ، މެހެމަލްއަށް އެނގެއެވެ. އެހިސާބުން ގެޔަށްވެސް އާދެވިއްޖެއެވެ. ކާރުންފައިބައި ، ޢީޝަލް އުރާލައިގެން ، ގެޔާދިމާލަށް ޙައިދަރު ހިނގައިގަތެވެ. ޙައިދަރާ އެއްވަރަކަށް ، ޢީޝަލްގެ އެއްއަތުގައި ހިފައިލައި ، މެހެމަލްގެ މޭމަތީގައި ޙައިދަރުގެ އަތްޖެހޭގޮތަށް ހިފަހައްޓައިލައިގެންހުރެ ، މެހެމަލްވެސް އައެވެ. ގޭގެ ޓެރަސްފްލޯރގައި ، އެމަންޒަރު ބަލަން ، ދިލްނަޝީނާއި ކުލްސޫމް ތިއްބެވެ. މެހެމަލް ގެޔަށް ވަދެގެން އައީ ، މަތިބަލައިލައި ، އޭނާއަށް ލިބެމުންދާ ކާމިޔާބީއަށް ފަޚުރުވެރިވާކަން އަންގައިދޭ ގޮތަކަށް ކުލްސޫމާދިމާލަށް ބަލަހައްޓައިގެން ހުރެއެވެ. ކުލްސޫމްހުރީ ތުންފިއްތައި ރުޅިމޫނު ދައްކައިގެންނެވެ. އެމަންޒަރު ފެނުމުން ކުރާނީ ކީއްކަމެއް ދިލްނަޝީނަކަށް ނޭނގުނެވެ. އިރުކޮޅަކު ހުރުމަށްފަހު ، ކުލްސޫމާ ދިމާލަށް ބަލައިލައި ، ދިލްނަޝީން އޭނާގެ ކޮޓަރިޔާދިމާލަށް ހިނގައިގަތެވެ.
ކޮޓަރިތެރޭގައި ޢީޝަލްއާއެކު ކުޅެން ، ޙައިދަރު އިންތަން ބަލަހައްޓައިގެން އެނދުގައި އިށީނދެ ، ދިލްނަޝީން އިނެވެ. އޭނާއިނީ ، އުފާވެރިކަމާއެކީ ހިނިތުންވެލައިގެންނެވެ. ދުވެފައި އައިސް ، ކިހާލޯބި ކުއްޖެއްހޭ ބުނެ ޢީޝަލްގެ މޫނުގައި ދޮނެއްދިނެވެ. ދިލްނަޝީންގެ އެއަދާ ފެނިފައި ، ޙައިދަރު ހިނިތުންވެލިއެވެ. އެވަގުތު ، މެހެމަލް އެތަނަށް އައިސް ، ޢީޝަލް އެތަނުން ގެންދަން މަސައްކަތް ކުރިއެވެ. ނޫނެކޭ ބުނެ ، ޢީޝަލްގެނެސް ޙައިދަރުގެ އުނގަށްލައި ، ޢީޝަލްގެ ބޮލުގެ އިސްތަށިގަނޑު ހާވައިވިއެވެ.
" ޙައިދަރުގެ އާދަތައް އަދިވެސް ބަދަލެއް ނުވޭދޯއެވެ ؟ ދިލްނަޝީނަށް އެނގޭ ހެއްޔެވެ ؟ ކުޑައިރުވެސް ޙައިދަރު އުޅޭނީ ހަމަ އެގޮތަށެވެ. ކިތަންމެ ފަހަރަކު އަހަރެންގެ އިސްތަށިގަނޑު ހާވައިލާނެއެވެ. އެހާ ސަމާސާ ކުރާނެއެވެ. ބޮޑުވީމަވެސް ، އަހަރެންނަށް އެހާ ޖެއްސުންކުރާނެއެވެ. އަހަރެންގެ ގައިގައި ބައްދައިގަނެގެން އުޅެނިކޮށް ، ދެމީހުން ދުރުކުރަން ޖެހޭނީ ބޮޑުދައިތައަށެވެ. ދެމީހުން އުޅެނީ ޢިޝްޤީ ލޯބިން ގުޅިގެންކަމަށް ގޭދޮށުމީހުން ކިޔާނެއެވެ. އެންމެފަހުން އެކަން ޙަޤީޤަތަކަށްވެސް ވިއެވެ. " މެހެމަލް ބުންޏެވެ.
ފަންޏެއް ވައްޓައިލުމަށްފަހު ، ޢީޝަލްގޮވައިގެން މެހެމަލް ނުކުތެވެ. މެހެމަލްގެ ވާހަކައިން ޙައިދަރަށް ކުރި އަސަރު ދިލްނަޝީން ފާހަގަ ކުރިއެވެ. ޙައިދަރު ތެދުވެގެން ހިނގައިގަތްއިރުވެސް ، ދިލްނަޝީން އިނީ އެކަމުގެ ވިސްނުމުގައެވެ. ޙައިދަރު އަދިވެސް ދިރިއެއުޅެނީ ، އެ ހަނދާންތަކުގައި ނޫންބާވައޭ ދިލްނަޝީންގެ ހިތަށް އެރިއެވެ. އެހެންކަމަށްވަންޏާ ، ޙައިދަރާއި މެހެމަލްގެ ކައިވެނި ނުކުރެވުނީ ކީއްވެބާވައެވެ ؟ އެވާނީ ، ދިލްނަޝީނަށް ކުރިމަތިވިކަހަލަ ކަމެއް ދިމާވެގެން ، އެދެމީހުންނަށް ކައިވެންޏަކާ ހަމަޔަށް ނުދެވުނީ ކަމަށެވެ.
ކުލްސޫމަށް ކުރިމަތިވެފައިވާ މުޞީބާތުން ސަލާމަތްވާނެގޮތަކާމެދު ވިސްނާވިސްނާ ގޮތްހުސްވިއެވެ. އެއްދުވަހަކު ، އަނީސާމެންގެޔަށް ކުލްސޫމް ޒިޔާރަތް ކުރިއެވެ. ކުލްސޫމުގެ މޫނުމަތިން ފާޅުވާންހުރި ކަންބޮޑުވުމުގެ އިޙްސާސްތައް އަނީސާއަށް އިޙްސާސް ކުރެވުނެވެ. ހިތަށް އުނދަގޫވެފައިހުރިވަރުން ، އެގެއިން އެއްވެސް އެއްޗެއްވެސް ކުލްސޫމަކަށް ނުކެވުނެވެ.
" ދިލްނަޝީންގެ ކައިވެނި އަހަރެންގެ ދަރިފުޅު ޙައިދަރާކުރުވީ ، ޙައިދަރަށް ބާއްޖަވެރި ދިރިއުޅުމެއް ހޯދައިދިނުމުގެ މަޤްޞަދުގައެވެ. ﷲ ގެ ރަޙުމަތުން ، ހުރިހާކަމެއް ރަނގަޅުގޮތުގައިދާތީ އެކަލާނގެޔަށް ޝުކުރުވެރި ވަމެވެ. އެހެންނަމަވެސް ......... "
ކުލްސޫމުގެ އެވާހައިން އަނީސާ ސިއްސައިގެން ދިޔައެވެ. ދިލްނަޝީންގެ ފަރާތުން އެއްވެސްކަމެއް ދިމާވީތޯ ކުއްލިޔަކަށް ސުއާލު ކުރެވުނެވެ. ދިލްނަޝީނާބެހޭ އެއްވެސް ޝަކުވާއެއް އޮތްނަމަ ، އޭނާގާތު ބުނުމަށް އަނީސާ އެދުނެވެ.
ދިލްނަޝީންގެ އެއްވެސް ޝަކުވާއެއް ނެތްކަމަށް ކުލްސޫމް ބުންޏެވެ. އޭނާގާތަށް އިނީ ހިނިއައިހެވެ. އޭނާގެ ޅީދަރިޔަކީ ވަރަށް ލޯބި ދަރިފުޅެކެވެ. ދިލްނަޝީންގެ އެއްވެސް ޝަކުވާއެއް ނެތެވެ. ހުންނާނީވެސް ވަރަށް މަޑުމަޑުންނެވެ. އެހާ ކިޔަމަންތެރިވެފައި މަޑުމައިތިރިއެވެ. އެވަރުގެ ޚުލްޤު ރަނގަޅު ، އަންހެންދަރިޔަކު އޭނާއަށް ލިބުނީތީ ، ކުލްސޫމަށް ލިބިފައިވާ އުފާވެރިކަން އިންތިހާއެވެ. ޝަކުވާއެއްކުރަން ހިތަށް އަރާވަރަށްވުރެވެސް ، ދިލްނަޝީންގެ އަޚުލާޤާއި ކިޔަމަންތެރިކަން ބޮޑެވެ.
އެކަމަކު ، އަނީސާއަށްވެސް އެނގޭނެފަދައިން ، ޒަމާން މިއޮތީ ބަދަލުވެފައެވެ. މައްސަލަތަކުން ފުރިފައެވެ. އެމައްސަލަތަކުން ސަލާމަތްވާން އިންސާނާ ކިތަންމެ މަސައްކަތެއްކުރިނަމަވެސް ، ސަލާމަތްނުވާ ފަހަރު އަންނާނެއެވެ. ކޮންމެ މީހަކުވެސް ބަލާނީ އަނެކާއަށް ލަނޑެއްދެވޭތޯއެވެ. ކުލްސޫމް އެދައްކާ ވާހަކަ ވިސްނައިގަންނާކަށް އަނީސާއަކަށް ނޭނގުނެވެ. އެއީ ، ކުލްސޫމަށް ވިސްނައިގަނެވޭވަރަށްވުރެ ، ބޮޑުވާހަކައެކެވެ.
" ބުނާނީވެސް ކީކޭ ހެއްޔެވެ ؟ މިއީ އަމިއްލަޔަށް ފަޟީޙަތްވާހަކަހަލަ ވާހަކައެކެވެ. އަހަރެން ބުނަން މިއުޅެނީ ، އަނީސާމެން ދިލްނަޝީނަށް ކަމެއް ވިސްނައިދޭންޖެހޭ ވާހަކައެވެ. ދުނިޔެ ހިނގަމުންދާގޮތް ވިސްނައިދޭށެވެ. ދިލްނަޝީނަކީ ، އެކަންކަން އެނގޭވަރަށްވުރެ މައުޞޫމު ކުއްޖެކެވެ. އިންސާނުންގެ ވިސްނުން މިހާރު ހުންނާނީ އެކަކު އަނެކެއްގެ ޙައްޤަށް ނުބަލައި ، އެމީހެއްގެ އަމިއްލައެދުން ފުއްދުމަށްކަން ، ދިލްނަޝީނަށް އެނގެން އެބަޖެހެއެވެ. އަހަރެންގެ ގޭގެ އަލިކަމަކީ ދިލްނަޝީނެވެ. އެއަލިކަން ނިވިގެންދާކަށް އަހަރެން ބޭނުމެއްނޫނެވެ. ދިލްނަޝީނާ ލޯބިން ވާހަކަ ދައްކައިލައިގެން ވިސްނައިދެވޭތޯ ބަލާށެވެ. ދިލްނަޝީނާ ދިމާލަށް އެއްޗެތި ކިޔައިގެން ނުވާނެއެވެ. އަހަރެންގެ ދަރިފުޅުގެ ހިތަށް ތަދުވާނެ އެއްވެސްކަމެއް ކޮށްގެން ނުވާނެއެވެ. " ކުލްސޫމް ބުންޏެވެ.
ދިލްނަޝީންގެ ހިތުގައި ޙައިދަރުގެ މައްޗަށް އޮންނަންޖެހޭ ލޯބި ، ޙައިދަރަށް އިޙްސާސްވާން އެބަޖެހެއެވެ. އޭގެތެރެޔަށް އެހެންމީހުން އައިސް ، އެމީހުންގެ އަމިއްލައެދުންތަކުން ، އެދެމީހުންގެ ގުޅުމަށް އަސަރެއްކުރުމަކީ ، ކުލްސޫމު އެދޭކަމެއްނޫނެވެ. ފިރިހެނަކަށް އޭނާގެ އަނބިމީހާގެ ލޯބި ނުލިބިއްޖެނަމަ ، ދެމަފިރިންގެ ގުޅުން ހީނަރުވެގެންދާނެއެވެ. އެވާހަކަތައް ، ދިލްނަޝީންގާތު ކުލްސޫމް ދައްކައިފިނަމަ ، ފަހަރެއްގައި ދިލްނަޝީން އެއްޗެއް ހީކޮށްފާނެއެވެ. މަންމަޔަކު ދައްކާ ވާހަކައެއްގެ އަޑު ، އަންހެންދަރިންނަށް ފަސޭހައިން ޤަބޫލު ކުރެވޭނެއެވެ. ފިރިމީހާއަށް ސަމާލުކަން ދިނުމަށް މަސައްކަތްކުރުމަށް ދިލްނަޝީނަށް ނަޞޭޙަތްތެރިވުމަށް ، ކުލްސޫމް އެދުނެވެ. ދިލްނަޝީންގެ އަޅައިލުމާއި ލޯބި ނުލިބިއްޖެނަމަ ، ޙައިދަރުގެ ވަށައިގެން އެނބުރޭ އެހެންމީހުން އެކަމުގެ ނާޖާއިޒް ފައިދާ ނަގާނެއެވެ. އެއީ ، ކުލްސޫމް އެދޭގޮތެއްނޫނެވެ. އޭނާގެ ޅީދަރިއެއްގެ ގޮތުގައި އަބަދުވެސް ބަލާނީ ދިލްނަޝީންކަމަށް ކުލްސޫމް ބުންޏެވެ. އެއީ ، ދެވަނަ މީހަކަށް ޙައްޤު ފުރުޞަތެއްނޫނެވެ. އެކަންކުރަން ކުލްސޫމަށް ފަސޭހަވާނީ ، ދިލްނަޝީންގެ ޢަމަލުތައްވެސް ރަނގަޅުކޮށްގެންނެވެ. ( ނުނިމޭ )