ވިހަ ތީރު (27)

( 29 ސެޕްޓެމްބަރ 2024 ގައި ޝާއިޢުކުރި ބަޔާގުޅޭ )

(އެންމެ ފުރަތަމަ ، ދުނިޔެއިން ނުކުމެގެންދާނީ ، އަހަރެންގެ އަތުން ދިލްނަޝީން ޖަހައިގަންނަ ފިރިހެނާއެވެ. " ޙަމްޒާ އެހެން ބުނުމަށްފަހު ، ޙައިދަރުގެ ގަޔަށް ފިސްތޯލަ ޖެހިއެވެ. ދިލްނަޝީން ދިޔައީ ސިއްސައިގެންނެވެ. ޙައިދަރު އޭ ބުނެ ، އޭނާއަށް ބާރަށް ގޮވައި ލެވުނެވެ. ދިލްނަޝީން އިނީ ދެލޯ ބޮޑުވެފައެވެ. )

ޙައިދަރު އިނީ ދިލްނަޝީނާއާ ޖެހިގެން އިށީނދެލައިގެންނެވެ. ގަދަވެ ސަލާމަތުންނެވެ. އެއްވެސް ކަމެއް ނުވެއެވެ. އެއީ ހޭލައި އިންދާ އޭނާއަށް ފެނުނު ޚިޔާލީ ހުވަފެނެކެވެ. ޙަމްޒާ ކޮށްފާނެ ކަމެއްކަމަށް ބަލައި ، ހިތަށް ވަތް ވަސްވާހެކެވެ.

ކައިވެނި ޤަބޫލުކުރަންތޯ ، ދިލްނަޝީންކުރެން ޤާޒީ އެހިއެވެ. ދިލްނަޝީނަށް އިނދެވެނީ ޙަމްޒާއާ ދިމާލަށް ބަލަހައްޓައިގެންނެވެ. އެހެން އެއްވެސް މީހަކަށް ޙަމްޒާއެއް ނުފެނެއެވެ. އިސްދަށަށް ޖަހައިގެން އިނދެ ، ދިލްނަޝީނަށް ބުނެވުނެވެ.

" ޤަބޫލުކޮށްފީމެވެ. " ދިލްނަޝީންގެ ދުލުން އެބޭރުވި ބަހުން ، އެހިސާބުން ޙަމްޒާގެ ދުނިޔެ އަނދިރިވެގެން ދިޔައެވެ. ކަކުލު ހުޅުން ވާގި ދޫވެ ބިންމައްޗަށް ތިރިވިއެވެ. އެހިސާބުން ، އޭނާގެ ދިލްނަޝީން ، އެހެންމީހެއްގެ މިލްކަކަށް ވެގެންދިޔައީއެވެ. ދުށްހާ ފޮނި ހުވަފެންތައް ބިލާހަށް ވީއެވެ. ދުނިޔޭގައި ދިރިހުރުމުގެ ބޭނުން ނެތިގެން ދިޔައީއެވެ.

ޙަމްޒާއަށް އޮޅުވައިލީ ، އަދި ބޭވަފާތެރިވީ ހަމައެކަނި ދިލްނަޝީނެއް ނޫނެވެ. އޭނާ ބަނޑުއަޅައި ވިހޭ މައިމީހާއާއި އޭނާގެ ބައްޕަވެސް ، ޙަމްޒާއަށް ހެދީ މަކަރެވެ. މުޅިންވެސް ހެދީ ހުސް ދޮގެވެ. އޭނާ ބަލިވިގޮތަށް ، އެބަލީގައި އޮވެ ، މިދުނިޔެއާ ވަކިވިނަމަވެސް މާ ރަނގަޅުވީހެވެ.

ހިތް ފޮތިފޮތިވެ ، ކުދިކުދިވެ ، އެހިތުގައި އެޅިވޭނުން ، އޭނާގެ ހަށިތެރޭ ހިތެއް ނެތްވަރަށް އޭނާގެ ހިތަށް ތަދުވިއެވެ. ހޯސްލާފައި ދެލޯފުރައި ކަރުނަ ފައިބައިގަތެވެ. އެއްވެސް މީހަކުދެކެ ، ރުޅި އަންނާކަށްވެސް އޭނާއަކަށް ނޭނގުނެވެ. އެމިންވަރަށްވެސް އޭނާގެ ސިކުނޑި މަސައްކަތެއް ނުކުރިއެވެ.

އިރާކޮޅުވީމާ ކަންނޭނގެއެވެ. ޞާދިޤަށް ނިދިފިޔަ ނުޖެހިގެން ، ޙަމްޒާގެ ކޮޓަރިޔަށް އައިސް ބަލައިލިއެވެ. ޙަމްޒާއެއް ކޮޓަރިޔަކު ނެތެވެ. ޙަމްޒާއަށް ގޮވަމުން ފާޚާނާއާ ދިމާލަށް ދިޔައެވެ. ފާޚާނާގައިވެސް ޙަމްޒާއެއް ނޫޅެއެވެ. ޞާދިޤްގެ އަޑުގެ ނެތްތަނަށް ، ބުޝްރާއަށް ގޮވަމުން ގެންދިޔައެވެ. ބުޝްރާވެސް އައިސް ފާޚާނާއާއި ކޮޓަރިތެރެ ބަލަމުންގޮސް ، ހުރިތަނަށް ތަޚުންގަނޑު މައްޗަށް ތިރިވިއެވެ.

" މިއީ ، ބުޝްރާގެ ގޮތްދޫނުކުރުމުގެ ނަތީޖާއެވެ. އަހަރެންގެ ދަރިފުޅު އެދިޔައީ ، ދިލްނަޝީންގެ ގެޔަށެވެ. އެގެއިން ދިލްނަޝީނަކާ އޭނާއަކާ ދިމަލެއް ނުވާނެއެވެ. އޭނާއާ ދިމާވާނީ މީހެއްގެ އަނތްބަކާއެވެ. އޭ ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ ! އަހަރެންގެ ދަރިފުޅު އަނެއްކާވެސް އަހަރެމެންނަށް ގެއްލުނީއެވެ. " ޞާދިޤް ރުޅިއައިސް ރަތްވެފައިހުރެ ، ބުޝްރާއާ ދިމާލަށް އެތިވަރު ގޮވަމުން ގެންދިޔައެވެ.

މެދުނުކެނޑި ޙަމްޒާގެފޯނަށް  ބުޝްރާ ، ގުޅަމުން ގެންދިޔައެވެ. ފޯނެއް ނުނަގައެވެ. ރިންގވެއެވެ. އިރުކޮޅަކު ރިންގވާއިރަށް ފޯނު ކަނޑައި ލައެވެ.

ކައިވެނިލައިދިނުމާއެކީ ، އަނީސާ އައިސް ، އެއީ ކުލްސޫމާ އޭނާ ޙަވާލުކުރާ އަގުހުރި އަމާނާތެއްކަމުގައިބުނެ ، ކުލްސޫމާ އޭނާގެ ދަރިފުޅު ، ދިލްނަޝީން ޙަވާލު ކުރިއެވެ. އެހިސާބުން ކައިވެނީގެ ރަސްމިއްޔާތު ނިމުމާއެކީ ، އޭނާގެ ޅީދަރިފުޅު ގޮވައިގެން ގެޔަށް ދިއުމަށް ޙައިދަރުގާތު ، ކުލްސޫމް އެދުނެވެ. އެއެންމެން ގެޔަށްދިޔައީ ޙަމްޒާގެ ކުރިމަތީގައެވެ. އޭނާހުރީ ގަބުވެފައެވެ. ދިލްނަޝީނާ ދިމާލަށް ކަޅިޖަހައިނުލާ ބަލަހައްޓައިގެން ، ބިންމައްޗަށް ތިރިވެފައި އިނެވެ. ނަސީބަކުން ، އެއްވެސް މީހަކަށް ޙަމްޒާއެއް ނުފެނެއެވެ. ޙަމްޒާ އެތާއުޅޭކަން އެނގެނީ ހަމައެކަނި ދިލްނަޝީނަށެވެ.

ޙައިދަރުމެންގެ ކާރު ގެޔަށް ދިއުމަށްޓަކައި ދުއްވައިލުމާއެކީ ، ޙަމްޒާވެސް އެކާރުފަހަތުން އެއްވަރަކަށް ، އޭނާގެ ކާރުގައި އައެވެ. ހަދާނީ ކިހިނެއްކަމެއް އޭނާގެ ވިސްނުމަކަށް ނާދެއެވެ. އޯވަރޓޭކް ކޮށްފައި ، ކާރުގެ ކުރިމައްޗަށް އަރައި ކުރިބެއްދުމަށް އެތައްފަހަރަކު ، އޭނާގެ ހިތަށް އެރިއެވެ.

އެންމެފަހުން ، ނީނދެވިގެން ބާރަށް ދުއްވާފައި އައިސް ، ދިލްނަޝީން އިން ކާރުގެ ކުރިމައްޗަށް އަރައި ހުރަސް ކޮށްލިއެވެ. ޙަމްޒާއަށް އެކާރުގެ ކުރިމައްޗަށް އެރުނުލެއް ބާރުކަމުން ކޮންޓްރޯލް ނުވެގެން ، ކާރުހުއްޓުނީ މަގުގެ އެއްފަރާތުގައިހުރި ބޮކިދނަޑީގައި ޖެހި އެކްސިޑެންޓް ވެގެންނެވެ. ކާރުގެ ކުރީކޮޅު އޮތީ އެއްކޮށް ހަލާކުވެފައެވެ. ކާރުގެ ކުރީކޮޅުން ދުންތައް އަރަމުން ދެއެވެ. ޙަމްޒާގެ ބޯ ، ކާރުގެ ކުރީކޮޅުގައި ޖެހި ، ބޮލުން ލޭ ފައިބަން ފެށިއެވެ. ކާރުގެ ހުންގާނު މައްޗަށް ޙަމްޒާ އޮތީ ވެއްޓިފައެވެ. އެއީ ޙަމްޒާގެ ކާރުކަމާއި ، ކާރުދުއްވަން އިނީ ޙަމްޒާކަން ، އެނގެނީ ދިލްނަޝީނަށް އެކަންޏެވެ.

އެއީ މަގުފޭރެން އުޅޭމީހެއްކަމަށް ވެދާނެކަމަށް ، ކުލްސޫމަށް ބުނެވުމާއެކީ ، އެއީ ، އެކަހަލަމީހެއްކަމަށް އޭނާއަށް ހީނުވާކަމުގައި ދިލްނަޝީން ބުންޏެވެ. ޙައިދަރު ، ކާރުން ފައިބައިގެން އައިސް ، ދުއްވަންއިން މީހާއަށް ގޮވައިލިއެވެ. އޭނާގެ ޚަބަރެއް ނުވިއެވެ. އޭރު ، ޙަމްޒާގެ ބޮލުން ލޭތައް ފައިބަމުން ދެއެވެ.

ދިލްނަޝީން ، ކާރުންފައިބަން މަސައްކަތް ކުރުމުން ، ކުލްސޫމް އެކަން މަނާކުރިއެވެ. ޙައިދަރު އެކަން ހަމަޖައްސާނެކަމަށް ބުނެ ، ދިލްނަޝީން ކާރުން ފޭބިޔަކަ ނުދިނެވެ. ފަހަރެއްގައި އެއީ ، އެމީހުންނަށް ގެއްލުމެއްދޭން މަސައްކަތްކުރި މީހަކަށްވެސް ވެދާނެއެވެ. އެމީހާގެ ކާރު އެކްސިޑެންޓްވެ ، ކަމެއް ނުކުރެވޭވަރަށް އެމީހަކަށް ގެއްލުންވިކަން އެއީ ރަނގަޅަކަށްވީ ކަމަކަށްވެސް ވެދާނެއެވެ. އެހެން ނޫންނަމަ ، އެހާ ނުރައްކާތެރިގޮތަކަށް ، ކާރު ހުރަހެއް ނުކުރީހެވެ.

ކާރުގައި އިންމީހާއަށް ގޮވައި ޖަވާބެއް ނުލިބުމުން ، ޙައިދަރު އެނބުރި އޭނާގެ ކާރަށް އަރައި ، ފެންފުޅިޔެއް ހިފައިގެންގޮސް ، އެމީހާގެ މޫނަށް ފެންޖަހަން މަސައްކަތް ކުރިއެވެ. އިރުކޮޅަކުން ، އެމީހަކު ހޭއަރައި ، އިސްއުފުލައި ޙައިދަރާ ދިމާލަށް ބަލައިލިއެވެ. އަދި ކާރުން ފައިބާ ، ކާރުގައި ލެނގިލިއެވެ. އޭރުވެސް ، އޭނާގެ ބޮލުން ހަލާކުވެފައިހުރިތަނުން ލޭ ފައިބަމުން ދެއެވެ.

ޙައިދަރަށް އެމީހަކު ކޮންމެވެސް ތާކުން ފެނުނު ހަނދާން ވިއެވެ. އެހެނަސް ، އެއީ ކޮންތާކުންކަމެއް ނޭނގުނެވެ. އޭނާގެ ޙާލު ރަނގަޅުތޯ އަހައި ، ކާރުގައި އޮތް އަވަސްފަރުވާދޭ ކިޓް ހިފައިގެން އަންނަން ޙައިދަރު ހިނގައިގަތެވެ. އެހެނަސް ، އެމީހަކު އެކަން މަނާކުރިއެވެ. އޭނާ މިހާރު ރަނގަޅުކަމަށް ބުނެއެވެ.

ޙަމްޒާއަށް އޭނާގެ ކާރު ކޮންޓްރޯލް ނުވެގެން އައިސް ، ޙައިދަރުމެންގެ ކާރުގެ ކުރިމައްޗަށް އެރުނީކަމަށް ބުނެ ، ޙަމްޒާ މަޢާފަށް އެދުނެވެ. އޭނާގެ ކާރު އޮތީ ، ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައެވެ. އެކަމާ ޙައިދަރުވެސް ކަންބޮޑުވިއެވެ. އަދި ކާރު އެއްކޮށް ހަލާކުވެ އެލިބުނީ ކިހާބޮޑު ގެއްލުމެއް ހެއްޔޭ ބުނެ ، ޙަމްޒާގެ ކޮނޑުގައި އަތްބާއްވައިލިއެވެ.

" އަހަރެންނަށް މިރޭ މިލިބުނީ ފޫނުބެއްދޭވަރުގެ ގެއްލުމެކެވެ. ކަލޭމެން ދެން ގެޔަށްދާށެވެ. އަލަތުކައިވެނީގެ ދުވަހު ، އަހަރެންގެ ފަރާތުން މިކަހަލަ ކަމެއް މެދުވެރިވީތީ މަޢާފަށް އެދެމެވެ. ޓެކްސީއެއް ގެނެސްގެން އަހަރެން ގެޔަށް ހިނގައިދާނަމެވެ. " ޙަމްޒާ ބުންޏެވެ.

ޙަމްޒާއާއި ޙައިދަރު ވާހަކަ ދައްކާތަން ބަލަން ، ކާރުތެރޭގައި ދިލްނަޝީން އިނެވެ. ޙައިދަރަށް އަނިޔާއެއްދޭން ޙަމްޒާ އުޅެފާނެތީ ދިލްނަޝީން އިނީ ވަރަށް ކަންބޮޑުވެފައެވެ. ނަސީބަކުން ، ޙައިދަރަށް ގެއްލުމެއްދޭކަށް ޙަމްޒާ މަސައްކަތެއް ނުކުރެއެވެ. ޙައދަރުވެސް ، ޙަމްޒާގެ ކޮނޑުގައި ޖަހައިލައި ދެންދަނީއޭ ބުނެ އެނބުރި ކާރަށް އައިސް ގެޔަށް ދިޔައެވެ.

ޙައިދަރުގެ ގޭތެރެ އޮތީ ގޯތި ތެރެޔަށް ދާނދެން ޒީނަތްތެރިކޮށް ކުލަބޮކި ދިއްލާފައެވެ. ދިލްނަޝީން ގެޔަށް ދިއުމާއެކީ ، ނޯކަރުން އައިސް ދިލްނަޝީންގެ ބޮލަށް މާ އުކަމުން ގެންދިޔައެވެ. އެއޮއްބޮޑު ގޭގެ މައި ދޮރުންފެށިގެން ގެޔަށް ވަންނަންހުރި ދޮރާހަމަޔަށް އޮތް ދިގު މަގުގައި އޮތީ ރަތްދޫލައެވެ. ކުލްސޫމް ، އޭނާގެ ޅީދަރިފުޅުގެ އަތުގައި ހިފަހައްޓާލައިގެން ގެޔަށް ވައްދައި ، އެގޭގެ އަލިކަން ލިބިއްޖެކަމަށް ބުނެ ، ﷲ އަށް ޙަމްދުކޮށް ، އޭނާއަތުގައި އޮތް ދަބަސް ހުސްވަންދެން ، ގޭގެ ނޯކަރުންނަށް ޞަދަޤާތް ކުރިއެވެ. ގޭތެރެޔަށް ވަދެ ، ސާރާއަށް ގޮވައިލައި ، ފަހަރި ގެންގޮސް އޭނާގެ ކޮޓަރިޔަށް ވެއްދުމަށް އެދުނެވެ. އަދި ، ޙައިދަރަށް ގޮވައިލައި ، އޭނާގެ ޅީދަރިފުޅު ރަނގަޅަށް ބެލެހެއްޓުމަށް އެދުނެވެ. ދިލްނަޝީންގެ ހިތަށް އުނދަގޫވާފަދަ އެއްވެސްކަމެއް ކޮށްފިނަމަ ، އަދަބު ލިބޭނެކަމަށް ބުންޏެވެ. ޙައިދަރު ހުރީ ލަދުރަކިކަމެއްގައެވެ. ދިލްނަޝީންގެ ހިތަށް އުނދަގޫވާފަދަ އެއްވެސްކަމެއް ނުކުރާނެކަމަށް ، ޙައިދަރު ވަޢުދުވިއެވެ. އަދި ، ދިލްނަޝީންގެ އަތުގައި މަޑުމަޑުން ހިފައިލައި ، ކޮޓަރިޔާދިމާއަށް އިޝާރާތް ކުރިއެވެ. ދިލްނަޝީނާއި ޙައިދަރު އެމީހުންގެ ކޮޓަރިޔަށް ވަންނަންދެން ، އެންމެން ތިބީ އެމީހުންނަށް ބަލަހައްޓައިގެންނެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަނީ އުފާވެރިކަމެވެ. އެގެޔަށް އެއޮތީ ، ޙަޤީޤަތުގައިވެސް ޢީދެއް އައިއްސައެވެ. އެހެނަސް ، އެޢީދުގެ އެއްވެސް އުފާވެރިކަމެއް ދިލްނަޝީންގެ މޫނުމައްޗަކުން ނުފެނެއެވެ.

************************************

ގެޔަށް އައިސް ވަނުމާއެކު ، ޙަމްޒާހުރި ޙާލު އެންމެންނަށް ފެނުނެވެ. ކިހިނެއްވީތޯ އެންމެން އެއް އަޑަކުން ސުއާލުކޮށްގަތެވެ.

" އަހަރެންނަށް ދޮގުހެދީ ކީއްވެ ހެއްޔެވެ ؟ ދިލްނަޝީންގެ ކައިވެނި ހުށަހެޅިކަމަށްބުނެ ، އަހަރެންނަށް ތިހެދީ ކޮން ދޮގުތަކެއް ހެއްޔެވެ ؟ ކަލޭމެން އެންމެންނަކީ ދޮގުހަދާ މަކަރުވެރި ބަޔެކެވެ. ދުނިޔޭގެ ކުރިމަތީގައި ކަލޭމެން އެންމެން ގުޅިގެން ، އަހަރެން އެކަނިވެރިކޮށް ބާކީކޮށްލައިފީމުއެވެ. " ޙަމްޒާ ، އޭނާގެ ބައްޕަޔާ ދިމާލަށް ހަޅޭއްލަވައިގަތެވެ.

ޙަމްޒާގެ ބޮލުން ފައިބައިފާހުރި ލޭތައްފެނިފައި ، ޞާދިޤަށް ވަރަށް އަސަރުކުރިއެވެ. ޙަމްޒާގާތަށް ޞާދިޤް ޖެހިލިތަނުން ، އޭނާއާ ދުރުގައި ހުންނާށޭ ބުނެ ، އަނެއްކާވެސް ޙަމްޒާ ހަޅޭއްލަވައިގަތެވެ.

" ދިލްނަޝީން ދެކެ އަހަރެން އިންތިހާއަށް ލޯބިވާކަން ، ކަލޭމެން އެންމެންނަށްވެސް އެނގޭނެއެވެ. ދިލްނަޝީންގެ ކައިވެނި ކުރެވުނީ އަހަރެންގެ ކުރިމަތީގައެވެ. ކަލޭމެން އެންމެންނަށް އާދޭސްކޮށް އަހަރެން ރުއިމެއް ނޫން ހެއްޔެވެ ؟ އަހަރެންގެ ރުއިމާއި އާދޭހުގެ އަޑު އެއްވެސްމީހަކަށް ނީވުނެވެ. އަހަރެން މިދުނިޔެއާ ވަކިވާން ދޫކޮށްނުލީ ކީއްވެހެއްޔެވެ ؟ ކަލޭމެންނަށް ފެނުނުގޮތަކަށް ކަލޭމެން ޢަމަލު ކޮށްފީމުއެވެ. އަހަރެން ، ދެން ހަދަންވީގޮތެއް އެނގޭނީ އަހަރެންނަށެވެ. " ޙަމްޒާ ރޮމުންރޮމުން ބުންޏެވެ.

އެއްވެސް މީހަކު ދައްކާ ވާހަކައެއްގެ އަޑު އަހާކަށް ޙަމްޒާ ބޭނުމެއް ނުވިއެވެ. ބާރަށް ހިނގާފައިގޮސް ، ޙަމްޒާ އޭނާގެ ކޮޓަރިޔަށް ވަނެވެ. ޙަމްޒާ އެދިޔަގޮތަށް ގޮސް ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ.

ޙަމްޒާގެ ޙާލަތު ހުރިގޮތުން ، މިރޭ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެކަން ދިލްނަޝީނަށް އެނގެއެވެ. އެކަމާ ކަންބޮޑުވެގެންގޮސް ދިލްނަޝީނަށް ރޮވުނެވެ. ދިލްނަޝީން އޭނާއަށް ގެއްލިއްޖެނަމަ ، އޭނާ ދިރި ދުނިޔޭގައި އުޅުމުގެ ބޭނުމެއް ނޯންނާނެކަމުގައި ، ޙަމްޒާވަނީ ދިލްނަޝީންގާތު ބުނެފައެވެ. ޙައިދަރު ކޮޓަރިޔަށް ވަތްއިރު ، ދިލްނަޝީންގެ ރުއިމުގެ އަޑު އިވުމުން ، ވަރަށް ކަންބޮޑުވިއެވެ. ޙައިދަރު ފެނުމާއެކީ ، ދިލްނަޝީންވެސް ރުއިން ހުއްޓާލައި ، ދެލޯ ފުހެލިއެވެ.

ޙައިދަރު އައިސް ، ދިލްނަޝީންގެ ހުއްދަ ހޯދުމަށްފަހު އެނދުމަތީ އިށީނދެލިއެވެ. ދިލްނަޝީން އެ ރޮނީ ، މަންމަމެންމަތިން ހަނދާންވެގެންތޯ ޙައިދަރު ސުއާލު ކުރިއެވެ. ޙައިދަރު އައިސް އޭނާގާތު އިށީނުމުން ، ދިލްނަޝީނަށް އަނެއްކާވެސް ރޮވެން ފެށިއެވެ.

" ސުއާލެއް ކުރަން ހެއްޔެވެ ؟ ތެދަށް ޖަވާބު ދެއްޗެވެ. މިކައިވެންޏަށް ، ދިލްނަޝީން ހިތްހަމަނުޖެހެނީ ހެއްޔެވެ ؟ " ޙައިދަރު ސުއާލު ކުރިއެވެ.

ދިލްނަޝީނަށް ރޮވުނީ ، އެކައިވެންޏަށް ހިތްހަމަ ނުޖެހިގެން ނޫންކަމަށް ދިލްނަޝީން ބުންޏެވެ. ދިލްނަޝީންގެ މައްސަލަޔަކީ ، އެ ކައިވެންޏަށް އޭނާ ތައްޔާރުވެފައި ނެތުމެވެ. އެހާ އަވަހަށް ކައިވެނިކުރާކަށް ދިލްނަޝީން ބޭނުމެއްނޫނެވެ.

" އެކަން އަހަރެންނަށް އެނގެއެވެ. ދިލްނަޝީން ބޭނުންވަނީ ، ކިޔެވުން ފުރިހަމަކުރަން ނޫންހެއްޔެވެ ؟ އަހަރެން ހަނދާން އެބަހުށްޓެވެ. އަހަރެމެންގެ ފުރަތަމަ ބައްދަލުވުމުގައި ، ދިލްނަޝީން އެވާހަކަ ބުނި ހަނދާން އެބަހުށްޓެވެ. އަހަރެންނަށް އިތުބާރު ކުރާށެވެ. ދިލްނަޝީންގެ މަންމަޔާވެސް އަދި އަހަރެންގެ މަންމަޔާވެސް ، އަހަރެން އެވާހަކަ ދައްކައިފީމެވެ. ދިލްނަޝީންގެ ވާހަކަ އެއްވެސްމީހަކު ނޭހިގޮތަށް ، އަހަރެން ދެއްކި އެއްވެސް ވާހަކަޔަކަށް އެކަކުވެސް އެއްބަހެއް ނުވިއެވެ. އެކަމަކު ، ނުރޯށެވެ. ރުއިމުން ކުރާނެ އެއްވެސް ފައިދާއެއް މިހާރަކު ނެތެވެ. އަހަރެން ހެޔޮހިތުން ، އިޚްލާޞްތެރިކަމާއެކީ ވާހަކައެއް ބުނަން ހެއްޔެވެ ؟ ކުރިންވެސް އަދި މިހާރުވެސް އަހަރެން ބޭނުމީ ، ދިލްނަޝީންގެ ކިޔެވުން ފުރިހަމަ ކުރުމެވެ. " ދިލްނަޝީން ރޮމުންގެންދިޔައިރު ، ޙައިދަރު ވާޙަކަ ދައްކަމުން ގެންދިޔައެވެ.

ދިލްނަޝީންގެ ސެމެސްޓަރ ނިމެނީ ކޮންއިރަކުތޯ ، ޙައިދަރު ސުއާލު ކުރިއެވެ. ސެމެސްޓަރގެ އިމްތިޙާނުގެ ފުރަތަމަ ދުވަހަކީ މާދަމާކަމުގައި ބުނެ ، ދިލްނަޝީން ޖަވާބު ދިނެވެ. ދިލްނަޝީން އެއައީ އެއްވެސް ފޮތެއްވެސް ނުލައެވެ. ކޮލެޖްގެ ޔުނިފޯމްވެސް ނުގެނެއެވެ.

" ދިލްނަޝީން އެވެ ! ދިލްނަޝީންގެ އިމްތިޙާން ފުރިހަމަނުވަނިސް ، މިކައިވެނި ފުރިހަމަނުވާކަމަށް ބަލާށެވެ. ދިލްނަޝީންގެ ކައިވެންޏަކީ ، ކިޔެވުން ނިމެންދެން ، ނުކުރެވޭކަމެއްކަމަށް ދެކޭށެވެ. ދިލްނަޝީން ލައްވާ އެއްވެސް މަސައްކަތެއް ނުކުރުވަންވެސް ، މަންމަގާތު އަހަރެން ބުނާނަމެވެ. ކައިވެނީގެ ހާސްކަން ހިތުން ނެރެ ، ދިލްނަޝީންގެ ކިޔެވުމަށް ސަމާލުކަން ދޭށެވެ. " ޙައިދަރު ބުންޏެވެ.

ދިލްނަޝީންގެ އެއްވެސް ފޮތެއް ނެތެވެ. ޔުނިފޯމެއް ނެތެވެ. އެބައަންނަމޭ ބުނެ ، ދިލްނަޝީން ކޮޓަރީގައި މަޑުކުރާށޭ ބުނުމަށްފަހު ޙައިދަރު ހިނގައިގަތެވެ. އެހެނަސް ، ކޮންތާކަށްތޯ ދަނީ އަހައި ، ޙައިދަރު ބޭރަށް ނުކުތުން ދިލްނަޝީން ހުށްޓުވިއެވެ. ޙައިދަރު ބޭރަށް ނުކުމެއްޖެނަމަ ، އެންމެން އެއްޗެތި ކިޔާނީ އޭނާއާ ދިމާލަށެވެ.

އެކަން އެހެން ނުވާނެކަމަށް ، ހިނިއައިސްހުރެ ޙައިދަރު ބުންޏެވެ. ދިލްނަޝީނާ ދިމާލަށް މީހުން އެއްޗެތި ކިޔަންވީ ކީއްވެ ހެއްޔެވެ ؟ ދިލްނަޝީނަކީ ޙައިދަރުގެ އަނބިމީހާއެވެ. ބައިގަނޑިއެއްހާ އިރުގެ ތެރޭގައި އޭނާ އެބަ އަންނަމޭ ބުނެ ޙައިދަރު ކޮޓަރިން ނުކުތެވެ.

އަނީސާއާއި ޢާފިޔާ ، ސިޓިންގރޫމުގައި ސައިތަށްޓެއް ހަދައިގެން ތިއްބެވެ. ކުދިންނަކީ ވަރަށްބޮޑު އިމްތިޙާނެކެވެ. އަނީސާ އެއިނީ ދިލްނަޝީން ރޮއްވައިލާ ، އެދަރިފުޅުގެ ހިތަށް އަނިޔާދެވުނީތީ ދެރަވެފައެވެ. ޢާފިޔާގާތު ، އަނީސާ ދައްކަމުން އެގެންދަނީ އެވާހަކައެވެ. ޙައިދަރަކީ ދިލްނަޝީނަށް އެންމެ ރަނގަޅު ފިރިއަކަށް ވާނެއެވެ. އަނީސާއަށް އިޙްސާސް ކުރެވެނީ ، ދިލްނަޝީން ފުންވަޅަކަށް ފުންމައިލަން އުޅެނިކޮށް ، އޭނާ އެވަޅާ ދުރަށް ގެންގޮސް ، އޭނާގެ ދަރިފުޅު ސަލާމަތްކޮށް ދެވުނުފަދަ އިޙްސާސެކެވެ.

ސާރާއަށް ފެންނަގޮތުގައި ، އެކައިވެންޏަށް ދިލްނަޝީން އެއްބަސްވީ ، ވަކިމީހެއްގެ ނަން ، ދިލްނަޝީންގެ ހިތުގައި ލިޔެވި ބިންވަޅުނެގިފައި އޮއްވައެވެ. އެކަމުގެ އަސަރު ، ކޮންމެވެސް ސިފައެއްގައި އެކައިވެންޏަށް ކުރާނެއެވެ.

ޙަމްޒާގެ ޢާއިލާއިން އަނީސާމެންނަށް ލިބުނީ ނިކަމެތިކަމާއި ހިތްދަތިކަމެވެ. އެވަރުގެ އަނިޔާއެއް އަނީސާގެ މުޅި ޢުމުރުގައިވެސް ލިބިފައެއް ނުވެއެވެ. ޙަމްޒާ ކިތަންމެ ރަނގަޅުވިޔަސް ، އޭނާގެ ބައްޕައާއި މަންމަގެ އަޅައިލުން ދިލްނަޝީނަށް ނުލިބޭނެކަމުގައި އަނީސާ ބުންޏެވެ. މުއްސަނދި ބޮޑާ އަދި ކިބުރުވެރި ބައެއްގެ އަޅުވެތިކަމުން ، އޭނާގެ ދަރިފުޅު ސަލާމަތް ކުރެވުނީތީ އަނީސާ އުފާ ކުރެއެވެ. އެވަރުގެ ބަޔަކާ ، އަނީސާގެ ހިތުގެ ދިރުން ޙަވާލެއް ނުކުރާނެއެވެ. އަނީސާގެ ދުޢާއަކީ ، ދިލްނަޝީނަށް ރަނގަޅުމަގު ދައްކަވައި ، އުފާވެރި އަދި ބާއްޖަވެރި ޙަޔާތެއް މިންވަރު ކުރެއްވުމެވެ. ދިލްނަޝީނަކީ ކުޑަކުދިންގެ ވިސްނުން ހުންނަ ކުއްޖެކެވެ. ޙައިދަރުގާތުގައި ޙަމްޒާގެ ވާހަކަވެސް ފަހަރެއްގައި ބުނެފާނެއެވެ.

ރޭގަނޑުގެ ލަސްގަޑީގައި ، ގޭގެ ބޮޑުދޮރުގެ ރަނގަބީލުވުމާއެކީ ، އަނީސާއާއި ޢާފިޔާއާ ދެމައިން ސިއްސައިގެންގޮސް ދެލޯ ބޮޑުވިއެވެ. އަނީސާ އަތުގައި އޮތް ސައިތަށިވެސް ބަންޑުން ނުވީ ކިރިޔާއެވެ. ފަހަރެއްގައި އެއީ ޙަމްޒާކަމަށްވެސް ވެދާނެއެވެ. ދިލްނަޝީންގެ ކައިވެނީގެ ޚަބަރު ލިބިގެން މޮޔަވެގެން އެގެޔަށް އަންނާކަށްވެސް ފަހަކަށް ނުދާނެއެވެ. އެއީ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ އިންސާނެކެވެ. ޙަމްޒާގެ ގޮތާފޮތާ ، އަނީސާމެންނަށް އޮތީ އެނގިފައެވެ.

ރަނގަބީލުގެ އަޑަށް ، މިގަޑީގައި ގެޔަށް އަންނާނީ ކާކުހޭ ކިޔަމުން ، އައްވަލްވެސް ތިރިޔަށް ފޭބިއެވެ. އަދި ދޮރުހުޚުވުމަށްޓަކައި ހިނގައިގަތެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

3 ޚިޔާލު

  1. އަސްތާ ! ވާހަކަ ޓްވިސްޓް ކޮށްލަމުން މިއޮށް ގެންދާގޮތެއް. ހީ ނުކުރާ ގޮތްގޮތަށް އެދަނީ މަންޒަރު ބަދަލުވަމުން. ވަރަށް ތަފާތު ރީތި ވާހަކައެއް. ޝުކުރަން، ޝުކްރަން ފާރޫޤު ސާރ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.