އަންދަލުސްގެ ބާޒު - 4

(2 އޯގަސްޓް 2024 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

(3)

ކަސްތިއްޔާގެ އަމީރުންނާއި ރައްޔިތުން ބަދްރު ބިން މުޣީރާއާ މުޚާތަބު ކުރަނީ ސަރަހައްދީ ބާޒުގެ ނަމުންނެވެ. ކަސްތިއްޔާއަށް ހަމަލާދޭ ކްރިސްޓިއަން ފައުޖުތަކާ ކުރިމަތިލައްވައި ބަލިކުރައްވަމުން ގެންދެވުމުގެ ސަބަބުން ގްރަނާދާގައިވެސް އޭނާ މަޝްހޫރު ވެފައި ވަނީ މި ނަމުންނެވެ. ފަރުބަދައާއި ޖަންގަލީގެ މައްޗަށް އެކުލެވިފައިވާ ފަސްދޮޅަސް މޭލުގެ ދިގު، ސާޅީސް މޭލުގެ ފުޅާ ސަރަހައްދު ވެފައި ވަނީ މިނިވަން މުޖާހިދުންގެ މައި މަރުކަޒުކަމުގައެވެ. އެ މުޖާހިދުންނަކީ ގްރަނާދާއާ ދެކޮޅުވެރިކަމެއް ނުބާއްވައި ކައިރިފަށުގެ ކްރިސްޓިއަން ރަސްކަންކަމާ ދެކޮޅަށް ކެނޑިނޭޅި ޖިހާދުކުރަމުން ގެންދާ ބައެކެވެ. ބަދްރުގެ ކުރީގައި އެ ސަރަހައްދުގެ އަމީރަކަށް ހުންނެނީ އޭނާގެ ބައްޕާ މުޣީރާއެވެ. މުޣީރާ ވަނީ ކްރިސްޓިއަނުންގެ ވަރަށް ގިނަ ތަންތަން ހިއްޕަވައި އޭނާގެ ވެރިކަމުގެ ބައެއްގެ ގޮތުގައި ހިމަނުއްވައިފައެވެ. ގްރަނާދާގެ ވެރިން މުޣީރާއަކީ އެމީހުންގެ އަމުރުވެރިކަމުގެ ދަށުގައިވާ، ދެފުށަށްކެނޑޭ ގާސިދަކަށް ހެދޭތޯ މަސައްކަތް ކުރިއެވެ. ޖަވާބުގައި އެމީހުން ފޮނުވި ޝާހީ ގާސިދު ގާތު މުޣީރާ ވިދާޅުވީ ގްރަނާދާގެ އަމީރުން ކަސްތިއްޔާއަށް ޖިޒީ ދިނުން ހުއްޓާލައިފިނަމަ އެ ސަރަހައްދު އެމީހުންގެ ސަރަހައްދަކަށް ވެގެން ހިނގައިދާނޭ ކަމުގައެވެ. އަދި އެފަދަ ދުވަހެއް އަތުވެއްޖެ ނަމަ އެމީހުންގެ ލަޝްކަރުގައި އާދައިގެ ސިފައިންގެމީހެއްގެ ގޮތުގައި ހުންނަވައިގެން ކްރިސްޓިއަނުންނާ ހަނގުރާމަ ކުރެއްވުމަކީ ލިބިވަޑައިގަންނަވާ ފަޚުރެއް ކަމުގައި ދެކެވަޑައިގަންނަވާނޭ ކަމަށް ވިދާޅުވިއެވެ. މިހާރު އެ އަމުލުކުރާ ގޮތަށް އަމަލު ކުރަމުން ގެންދަނިކޮށް ގްރަނާދާގެ ބައިވެރިއަކަށްވާ ކޮންމެ ބަޔަކީ، ގްރަނާދާގެ އެހީތެރިކަމާއެކު ކަސްތިއްޔާގެ އަޅުވެތިކަން ގަބޫލުކޮށްގެން ތިބޭ ބަޔަކަށް ވެގެން ދާނޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް މުޣީރާ ވިދާޅުވިއެވެ. އެ ދުވަސްވަރު ގްރާނާދާ އޮތީ ދާޚިލީ ހަތުރުވެރިކަމާއި ހަޅުތާލުގެ މައިދާނަކަށް ވެފައެވެ. ގްރަނާދާގެ ބައެއް މުނާފިގު އަމީރުން އޭރުވެސް ތިބީ ވެރިކަމާ ދެކޮޅަށެވެ. އެކަމަކު ދުޝްމިނު އަމީރުންގެ ތެރޭގައި ކަސްތިއްޔާގެ ކްރިސްޓިއަން ރަސްގެފާނު ހިމަނުއްވާކަށް ގްރަނާދާގެ ރަސްގެފާނަކަށް ކެރިވަޑައެއް ނުގަތެވެ. އަމިއްލަފުޅަށް އެ ރަސްގެފާނާ ދެކޮޅުވެރިވެ ވަޑައިގަންނަވާން ކެރިވަޑައިނުގަތީއެވެ. ވުމާއެކު އޭނާ ގާސިދަކު ފޮނުއްވައި މުޣީރާއަށް އެންގެވީ ދެކޮޅުވެރި ހަރަކާތްތައް ހިންގަވާނީ ހަމައެކަނި ކްރިސްޓިއަނުންނާ ދެކޮޅަށް ކަމުގައި ވަނީނަމަ މުޣީރާގެ ކުރައްވާ އެއްވެސް ކަމަކަށް ހުރަސް ނާޅުއްވާނޭ ކަމުގައެވެ.

ކަސްތިއްޔާގެ ކްރިސްޓިއަން އަމީރުންގެ މެދުގައި އޮތް ދޭދޭ ދެކޮޅުވެރިކަމެއްގެ ސަބަބުން މުޣީރާއާ ދެކޮޅަށް އެމީހުންނަކަށް އިއްތިހާދެއެް އުފެއްދޭ ގޮތެއް ނުވިއެވެ. އެހެންވީމާ ތައްޔާރުވެވަޑައިގަންނަވާނޭ ވަގުތާއި ފުރުސަތު މުޣީރާއަށް ލިބިވަޑައިގަތެވެ. ކްރިސްޓިއަން އަމީރުންގެ ދަށުގައި ތިބި މުސްލިމު ރައްޔިތުންގެ ތެރެއިން ބަޔަކު މުޣީރާގެ ގޮވައިލެއްވުމަށް ލައްބައިކައޭ ކިޔައި އިޖާބަދީ ލަޝްކަރުގައި ބައިވެރިވިއެވެ. އެހެންނަމަވެސް މިފަދައިން އެއްކުރައްވަމުން ގެންދެވި މުޖާހިދުންގެ އަދަދު ހައެއްކަ ހާހައަށް އެރިތަނާ ކްރިސްޓިއަން އަންދަލުސްއަށް ވަރުގަދަ އިންގިލާބެއް އަތުވެއްޖެއެވެ.

އެ އިންގިލާބަކީ ފެރްނާންދޯ 5 އާއި އިޒަބެއްލާގެ ކާވެންޏެވެ. މި ކާވެނީގެ ސަބަބުން ބޮޑު ދެ ކްރިސްޓިއަން ވެރިކަމެއް އިއްތިހާދުވީއެވެ. އަރަގޮންއާއި ކަސްތިއްޔާ އެއްބައެއް ކަމުގައިވީއެވެ. މިއީ އިސްލާމީ އަންދަލުސްއަށް ކުރިމަތިވީ ވަރަށް ބޮޑު ނުރައްކަލެކެވެ. ނަތީޖާއަކީ ފެރްނާންދޯގެ ވަރުގަދަ ވެރިކަމުގެ ކުރިމަތީގައި ކުދިކުދި ކްރިސްޓިއަން އަމީރުން އާދައިގެ ސަރުދާރުންނަށް ވެގެން ދިއުމެވެ. މުޣީރާގެ ބާރުފުޅުގެ ދަށުގައި އޮތް މިނިވަން ކުޑަކުޑަ އިސްލާމީ ސަރަހައްދަކީ އޭނާގެ ބާރުގެ ދަށުގައި ތިބި ގްރަނާދާގެ އަމީރުންނަށްވުރެ ނުރައްކާތެރި ބަޔަކު ކަމުގައި ފެރްނާންދޯއަށް ގަބޫލު ކުރެވުނެވެ. އަދި މުޣީރާ ގެ ސަރަހައްދު ފަތަހަ ކުރެވޭނީ އޭނާގެ ލަޝްކަރުން އެކަށީގެންވާ އަދަދެއްގެ މީހުން ގުރުބާންކޮށްގެން ކަމުގައިވެސް އޭނާއަށް ފެނުނެވެ.

އަންނާން އޮތް ނުރައްކަލުގެ އިހުސާސް ކުރެއްވުމާއެކު މުޣީރާ އަންދަލުސްގެ އެކި ދިމަދިމައިގައި މުޖާހިދުންގެ ޖަމާއަތްތައް ތައްޔާރު ކުރައްވާން ފަށްޓަވައިފިއެވެ. މި މަސައްކަތްޕުޅުގެ ތެރެއިން ކުރެއްވި އެއް ކަމަކީ މިނިވަން ސަރަހައްދުގެ ވެރިކަން ވަގުތީ ގޮތުން އެހެން މީހަކާ ހަވާލު ކުރެއްވުމަށް ފަހު ވިޔަފާރިވެރިއެއްގެ ސިފައަށް، ސިފަ ބަދަލު ކުރައްވައިގެން އަންދަލުސްގެ ބޮޑެތި ސަހަރުތަކަށް ދަތުރުފުޅު ކުރެއްވުމެވެ. މި ދަތުރުފުޅުގައި ކޯރްދޮބާއާއި ސެބިއްޔާގައި އަޅުވެތިކަމުގެ ހިލިހިލާއިން ބަނދެވިފައި ތިބި މުސްލިމުން މުޣީރާގެ އަތްޕުޅުގެ މައްޗަށް ޖިހާދުގެ ބައިއަތު ހިފިއެވެ. އަދި ވަގުތު އައިސް ޖެހުމާއެކު ރަށުތެރޭގައި ކްރިސްޓިއަން ވެރިކަމާ ދެކޮޅަށް ބަޣާވާތުގެ ދިދަ އުފުލައިލާނޭ ކަމުގެ ޔަގީންކަންވެސް އެރުވިއެވެ. ދަތުރުފުޅުގެ ސަބަބުން މުޣީރާއަށް އެއްކަމެއް ފާހަގަ ކުރެއްވުނެވެ. އެއީ އަޅުވެތިކަމުގައި އެތައް އަހަރަކު ދިރިއުޅުމުގެ ސަބަބުން އިސްލާމްދީނަށްޓަކައި ދިރިއުޅުމާއި މަރުވެގަތުމުގެ ޖަޒުބާ ހިތުއަޅައިގެން ތިބި މުސްލިމުން ކްރިސްޓިއަން އަންދަލުސްގައި މަދުކަމެވެ. މުސްލިމުން އެމީހުންގެ ދީނާ ދުރު ކުރުމަށްޓަކައި ކްރިސްޓިއަން އަމީރުން ކުރަމުން ގެންދިޔަ މަސައްކަތް ބޮޑު މިންވަރަކަށް އޮތީ ކާމިޔާބު ކޮށްފައެވެ. ފެރްނާންދޯގެ ވެރިކަމުގައި މިހާރު ބާރުލާފައި ކުރަމުން ގެންދަނީ އެފަދަ މީސްމީހުން މުރުތައްދު ކުރުމުގެ މަސައްކަތެވެ. މުސްލިމުންގެ ދަރުސްގާހުތަކުގައި އަރަބި ބަސް ބޭނުން ކުރުން މަނާކޮށްފިއެވެ. އަރަބި ހެދުން އެޅުން މަނާކޮށްފިއެވެ. ދަރިން ކްރިސްޓިއަން މަދަރުސާތަކަށް ފޮނުވާން މައިންބަފައިންނަށް މަޖޫބުރު ކުރާން ފަށައިފިއެވެ. ކިރިޔާވެސް ލުޔެއް ލިބިދީފައި އޮންނަނީ ކްރިސްޓިއަން ދީން ގަބޫލުކުޅަ މީހުންނަށެވެ. ދީން ދޫނުކޮށް އިސްލާމްދީނުގެ މަތީގައި ދެމިތިބޭ މީހުންނަށް އަންގާފައި އޮންނަނީ އެނގޭ ކަހަލަ ފާހަގައެއް ފާޅުކޮށް ފެންނަ ގޮތަށް ހަށިގަނޑުގެ ނުވަތަ ލައިގެން ހުންނަ ހެދުމުގެ ކޮންމެވެސް ތަނެއްގައި ޖަހައިގެން އުޅޭށެވެ. އެފަދަ މީސްމީހުންނަށް ބާޒާރުމަތީގައި މަލާމާތްކުރުމާއި މައްލަވަ ކުރުން ވަނީ އާދައަކަށް ހަދައިފައެވެ. މި ދުއްތުރާލުގެ ސަބަބުން ނިކަމެތި މީސްމީހުން ބޭރުފުށުން ކްރިސްޓިއަނުންނަށް ވެގެން ގޭގައި ސިއްރިޔާތުގައި ނަމާދުކޮށް އުޅޭން ފަށައިފިއެވެ. ދީން ދޫނުކޮށް ތިބި މުސްލިމުންނަށް ދިމާވާ އެންމެ ބޮޑު ނުރައްކަލަކީ އަންދަލުސްގައި އުފެދުނު ގައުމީ ތަހުރީކެއްގެ ފަރާތުން ކުރިމަތިވާން ފެށްޓި ނުރައްކަލެވެ. އެ ތަހުރީކުން ގެންދިޔައީ އަސްލު އަންދަލުސްގެ މީހުންނާއި އަންދަލުސްގެ މީހުންގެ ގޮތުގައި ނުހިމެނޭ މީހުންނާ މި ދެބައިމީހުންގެ މެދުގައި ފިތުނައާއި އަރައިރުން އުފައްދައި ވަރުޖައްސަމުންނެވެ. އަންދަލުސްގެ ރައްޔިތުންނަށް، ފަހުން ވެފައި ތިބި މީހުންނަކީ ބީރައްޓެހިން ކަމުގައި ދައްކައި އެފަދަ މީސްމީހުން ރަށުން ނެރެލާން ޖެހޭ ކަމަށް ވިސްނައިދެމުންނެވެ. އިސްޕޭނީ މުސްލިމުންނާއި އަރަބި މުސްލިމުންނާ ވަކިކޮށް ދެ ބައެއްގެ ގޮތުގައި ސިފަކޮށް ގަޑުބަޑު އުފައްދަމުންނެވެ. ކްރިސްޓިއަން ސަރުކާރަށް މި ހާލަތު ފެނި މިއީ ފައިދާ ހާސިލު ކުރެވިދާނޭ ކަމެއް ކަމުގައި ވިސްނިގެން އިސްޕޭނީ ރައްޔިތުންގެ މެދުގައި ވަތަނީ ރޫހު އާލާކުރުމުގެ މަސައްކަތް ފަށައިފިއެވެ. މިސްކިތްތަކާއި އާއްމު ތަންތާނގައި އަރަބި މުސްލިމުންނާއި ބަރްބަރީ މުސްލިމުންނާ ދެކޮޅަށް އެކި ބާވަތުގެ ވިހަ ވާހަކަ ފަތުރައި ފިތުނަ އުފައްދާން ފަށައިފިއެވެ. މިފަދަ ކަންތައްތަކާ ހެދި ނުފޮރުއްޕާން ވެގެން ބައެއް މުސްލިމުން މަޣްރިބަށް ހިޖުރަ ކޮށްފިއެވެ. އަދި ބައެއް މީހުން ގްރަނާދާއަށް ގޮސް އެތާނގައި ވަޒަންވެރި ވެއްޖެއެވެ.

މި ރަށްރަށަށް ކުރެއްވުނު ދަތުރުފުޅު ނިންމަވާފައި އެނބުރިވަޑައިގެންނެވި އިރު މުޣީރާ ހުންނެވީއަކީ މާ ބޮޑު އުއްމީދަކާއެކުގައެއް ނޫނެވެ. އޭނާގެ އަތްޕުޅުގެ މައްޗަށް ޖިހާދުގެ ބައިއަތު ހިފީ ތިރީސް ރަށުން ގާތްގަނޑަކަށް ހަތަރު ހާހެއްހައި މީހުންނެވެ. މިއީވެސް އެކަށީގެންވާ އަދަދެއް ކަމުގައި ބައްލަވައި މާޔޫސްވެވަޑައިނުގެން އޭނާ ގަސްތު ކުރެއްވީ އަންދަލުސްގެ ހުރިހައި ސަހަރަކަށް ޖިހާދުގެ މެސެޖު ފަތުރުއްވާށެވެ. ގްރަނާދާގެ އަޒުމު ވަރުގަދަ އަމީރަކު ބަޣާވާތުގެ ދިދަ އުފުއްލައިނުލަނީސް އައު މިނިވަން އަބީރަކަށް މުސްލިމުން ދެކެމުން އަންނަ ހުވަފެން ހަގީގަތަކަށް ނުހެދޭނޭ ކަމުގައިވެސް މުޣީރާއަށް ގަބޫލުފުޅު ކުރެއްވެއެވެ. އެންމެ ބޮޑު އުއްމީދަކީ ގްރަނާދާގެ ހިތްވަރުގަދަ ރަސްގެފާނު ކްރިސްޓިއަނުންނާ ދެކޮޅަށް ޖިހާދު އިއުލާނު ކުރެއްވުމެވެ. އެފަދަ ދުވަހެއް އަތުވެއްޖެ ނަމަ އޭނާގެ ސިހުން ކުޑަ، ކެރޭ ފަހުލަވާނުން އެ ރަސްގެފާނުގެ ލަޝްކަރުގައި ބައިވެރިވާނެއެވެ. އެކަމަކު ކުރާނީ ކީއްތޯއެވެ؟ ގްރަނާދާގެ ރަސްކަން އޮތީ ވެރިކަމުގެ ދަހިވެތިކަމުގެ އުޑީގައި އާއިލީ ބޭފުޅުންގެ މެދުގައި އެނބުރިއެނބުރިއެވެ. މި ހުރިހައި ކަމެއް މިހެން ހުރި ކަމުގައި ވިޔަސް މުޣީރާ މުޅިއަކުން އުއްމީދު ކަނޑުއްވައެއް ނުލައްވައެވެ. ކުރިއެކޭ އެއް ގޮތަށް ސިފަ ބަދަލު ކުރައްވައިގެން ކޮންމެ އަހަރަކުވެސް އެކި ރަށްރަށަށް ދަތުރު ކުރައްވައި ޖިހާދީން ތައްޔާރު ކުރައްވަމުން ގެންދެވިއެވެ. ދަތުރުފުޅުތަކުން އެނބުރި ވަޑައިގެން ރަށުގައި ގާއިމުވެ ހުންނަވާ ދުވަސްވަރުވެސް އަންދަލުސްގެ އެކި ސަހަރުތަކުގައި ސިއްރިއްޔާތުގައި ހަރަކާތްތެރިވާ ޖަމާއަތްތަކަށް ސިޓީ ލިޔުއްވައި ހައްދަވައެވެ.

އެއް ދުވަހަކު މުޣީރާ އިންނެވީ ޖަންގަލި ތެރޭގައި ހަދާފައި ހުރި ކުޑަވަރެއްގެ ކިއްލާއެއްގައި އޭނާއަށް ޚާއްސަ ކުރެވިފައިވާ ކޮޓަރިކޮޅުގައި މަސައްކަތްޕުޅެއް ކުރައްވާށެވެ. އެ ވަގުތު ސިފައިންގެމީހަކު ވަދެ، ސަރަހައްދީ އިންމަތީން މީހަކު ހައެްޔަރު ކޮށްގެން ގެނެސްފައިވާ ވާހަކައާއި އެމީހާ އައީ ތޮލޭދޯއިން މުޣީރާއަށްޓަކައި އޮތް ޚާއްސަ މެސެޖަކާއިގެން ކަމުގައި ބުނާ ވާހަކަ ދަންނަވައިފިއެވެ. މުޣީރާގެ މަސައްކަތްޕުޅު ހުރި ގޮތުން އަދި ތޮލޭދޯއަކަށް ވަޑައެއްނުގަނެވެއެވެ. އެ މީހަކު ގެންނާށޭ ވިދާޅުވީމާ ސިފައިންގެމީހާ ނުކުމެގެން ގޮސްފައި އެމީހާ ގޮވައިގެން އަތުވެއްޖެއެވެ. އޭރު ބަދްރުގެ އުމުރުފުޅުން ވަނީ ސާދަވަރަކަށް އަހަރެވެ. ބައްޕާގެ އަރިހުގައި އޭނާވެސް އިންނެވިއެވެ.

ބީރައްޓެހިމީހާ އެކި ދިމަދިމާއަށް ނަޒަރު ހިންގައިލުމަށް ފަހު ދެންނެވިއެވެ. "އަޅުގަނޑު ބޭނުން ވަނީ މަނިކުފާނާ އެކަހެރިކޮށް ވާހަކަ ދައްކައިލާށެވެ."

ސިފައިންގެމީހާ ބޭރަށް ދާން އިޝާރާތުން އެންގެވުމަށް ފަހު މުޣީރާ ވިދާޅުވިއެވެ. "ދެން ވާހަކަދައްކާށެވެ."

ބީރައްޓެހިމީހާ ބަދްރާ ދިމާއަށް ބަލާން ފެށީމާ މުޣީރާ ވިދާޅުވިއެވެ. "މީނާޔާ މެދު ކަންބޮޑުވާނެ ކަމެއް ނެތެވެ. މިއީ އަހަރެންގެ ދަރިފުޅެވެ."

ބީރައްޓެހިމީހާ ޖީބުން ސިޓީއެއް ނަގައި މުޣީރާގެ އަތްޕުޅަށް އަރުވައިފިއެވެ.

ސިޓީ ވިދާޅުވެ ނިންމެވުމަށް ފަހު މުޣީރާ ވިސްނުންފުޅެއްގެ ތެރެއަށް ގެއްލިވަޑައިގެންފިއެވެ. ޚާއްސަ ގޮތެއްގައި އެ ސިޓީގެ އެންމެ ފަހު ވާހަކައަކީ ފިކުރުފުޅު ކުރައްވާން ޖެހިވަޑައިގަތް ވާހަކައެކެވެ. "ތޮލޭދޯގައި މަނިކުފާނުގެ އިންތިޒާރުގައި ދިހަހާސް މުޖާހިދުން އެބަތިއްބެވެ. މިހައިތަނަށް މި ރަށަށް ދަތުރުފުޅެއް ނުކުރައްވައި ހުންނެވީތީ އަޅުގަނޑު މި ހުންނަނީ ހައިރާންވެފައެވެ. އަންދަލުސްގެ އެހެން ސަހަރުތަކުގެ މުސްލިމުންނަށް ލިބޭ އަނިޔާއަށްވުރެ ތޮލޭދޯގެ އަހުލުވެރިންނަށް ލިބޭ އަނިޔާ މާ ބޮޑެވެ. އަނިޔާވެރިކަމުގެ ގިނީގައި އަނދައި ހުލިވެގެން ދިއުމުގެ ބަދަލުގައި މަނިކުފާނުގެ ދިދައިގެ ދަށުގައި ހިތްވަރާއެކު މަރުވެގެން ދިއުން ރަނގަޅު ކަމުގައި ދެކޭ އެތައް ހާސް ބަޔަކު މި ރަށުގައި އެބައުޅެއެވެ."

މުޣީރާ އެ ބީރައްޓެހިމީހާޔާ ދިމާއަށް ފުންކޮށް ބައްލަވައިލެއްވުމަށް ފަހު ވިދާޅުވިއެވެ. "އަހަރެން ވަރަށް އަވަހަށް އެބަ އަންނަމޭ ބުނާށެވެ."

އެޔަށް ފަހު ސިފައިންގެ ދެތިން މީހަކު ގެންނެވުމަށް ފަހު އެ މީހާ ސަލާމަތުން ސަރަހައްދީ އިމާ ހަމައަށް ގެންގޮސްދޭން އަންގަވައިފިއެވެ.

(4)

ރޭގަނޑުގެ ތިންވަނަ ދަމަށް އަޅައިގެންފިއެވެ. މުޣީރާ އެނދުދާންކޮޅުން ތެދުވެވަޑައިގެން ރާހިބެއްގެ ސިފައަށް ސިފަ ބަދަލު ކުރައްވަނީއެވެ. ސިފައިންގެ މީހަކު އެތެރެއަށް ވަދެ އަސްކޮޅު ތައްޔާރަށް އޮތް ވާހަކަ ދަންނަވައިފިއެވެ.

މުޣީރާ ވިދާޅުވިއެވެ. "މި އަންނަނީއެވެ."

ސިފައިންގެމީހާ ނުކުމެގެން ހިނގައްޖެއެވެ. މުޣީރާ ބައްތީގެ އަލީގައި މަޑުމަޑުން ވަޑައިގެން ދަރިކަލުންގެ އެނދުދާންކޮޅުގެ ކައިރީގައި ހުއްޓިވަޑައިގެންފިއެވެ. އަދި ދަރިކަލުންގެ މައުސޫމު މޫނުފުޅަށް ބައްލަވާން އިރުކޮޅަކު ހުންނެވުމަށް ފަހު ގުދުވެވަޑައިގެން ނިތްކުރިފުޅުގައި ބޮސްދެއްވިއެވެ. އެވަގުތު ބަދްރު ލުއި ކިނބިހިފުޅެއް އެޅުއްވުމަށް ފަހު ލޯފުޅު ހުޅުވައިލެއްވިއެވެ. "އަޅުގަނޑު މި އޮތީ ކޮން ތަނެއްގައިތޯއެވެ؟" ކުޑަކޮށް ބިރުފުޅުގެންފައި ސުވާލު ކުރައްވައިފައި ތަންކޮޅެއް ބާރަށް ވިދާޅުވިއެވެ. "ބައްޕާ!"

ބަދްރު ބައްޕާފުޅުގެ ގައިގައި އޮޅުލައިވަޑައިގެންފައި ވިދާޅުވިއެވެ. "ބައްޕާ. ބައްޕާ. ބައްޕަ ގިނިކަންޏާ ވަޑައިގަތަ ނުދޭނަމެވެ. އަޅުގަނޑުވެސް ބައްޕަ އަރިހުގައި ދާނަމެވެ."

"ކިހިނެއްވީހެއްޔެވެ؟" މުޣީރާ ދަރިކަލުން މޭފުޅުގައި ޖައްސަވައިލެއްވިއެވެ.

"އަޅުގަނޑަށް ވަރަށް ބިރުވެރި ހުވަފެނެއް ފެނުނީއެވެ. ފެނުނީ އަޅުގަނޑުމެން ދެމީހުންގެ ފަހަތުން ހިޔަޅުތަކެއް އަންނާތީއެވެ. ބައްޕަ ފަހަތުގައި ހުންނަވަނިކޮށް އެ ހިޔަޅުތައް އައިސް ޖަހައިގަންނަ ތަނެވެ. ބައްޕަ ސަލާމަތް ކުރެވޭތޯ ފަހަތަށް ޖެހެން އަޅުގަނޑު އުޅުނީމާ ބައްޕަ ވިދާޅުވީ ދަރިފުޅާއޭ އަވަހަށް ދުވެ ފިލާށޭއެވެ. މި ފަހަރު ބައްޕަ ވަޑައިގަންވަންޏާ އަޅުގަނޑުވެސް އަރިހުގައި ދާނަމެވެ."

"ދަރިފުޅާއެވެ. ނޫނެކެވެ." މުޣީރާ ހިތާމަވެރި ރާގަކަށް ވިދާޅުވިއެވެ.

ބަދްރު ވިދާޅުވިއެވެ. "ބައްޕާއެވެ. ގްރަނާދާއަށް ވަޑައިގަންނަވާއިރު އަޅުގަނޑު ގެންދަވާނަމޭ މި ދިޔަ އަހަރު ބައްޕަ ވިދާޅުވީމެއް ނޫންތޯއެވެ؟"

"ދަރިފުޅާއެވެ. ބައްޕަ މި ދަނީ ގްރަނާދާއަކަށް ނޫނެވެ. މި ދަނީ ތޮލޭދޯއަށެވެ. އެތަނަށް ދަރިފުޅު ހިނގައްޖެއްޔާ ނުރައްކާތެރި ހާލަތެއް މެދުވެރި ވެދާނެތީ ބައްޕަ ބިރުގަނެއެވެ."

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.