އަންދަލުސްގެ ބާޒު - 22

(11 ޖަނަވަރީ 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

މޫސާއާއި އައްޒައިޣަރީއާ ދެ ބޭފުޅުން އަދި އެ ދެ ބޭފުޅުންގެ ބައިވެރިންވެސް އެ ވާހަކަފުޅަށް ތާއީދު ކުރައްވައި ބަދުރުގެ ސިފައިންގެ ޔުނިފޯމު އަޅުއްވައިގެން ނުކުމެވަޑައިގަންނަވަން ތައްޔާރުވެ ވަޑައިގެންފިއެވެ.

ހަވީރުވެގެން އައި އިރު ފެރްނާންދޯގެ ވެރިކަމުގެ ސަރަހައްދުގެ އިންމަތީގައި ހުރި އަވަށްތަކާއި ރަށްރަށުގެ ރައްޔިތުން އެބައިމީހުންގެ ލަޝްކަރުން ސަރަހައްދީ ބާޒު ބަލިކޮށްފައި އަންނާނެ ކަމުގެ އިންތިޒާރުގައި މަރުހަބާ ކިޔުމަށްޓަކައި މަލުގެ ހާރުތައް ހިފައިގެން ނުކުމެ ތިއްބައި އެންމެ ފަހުން ޖެހުނީ ސަރަހައްދީ ބާޒުގެ ޠޫފާނީ ހަމަލަޔާ ކުރިމަތިލާށެވެ.

ވިދިގެން އައި ދުވަހުގެ އިރު އެރުމުގެ ކުޑަ އިރުކޮޅެއް ކުރިން ސަރަހައްދުގެ ބޮޑު ބައެއް އަތްދަށަށް ގެނައުމަށް ފަހު ބަދްރުގެ ލަޝްކަރު ބާޒުގެ ޖަގަހައަށް އެނބުރި އަތުވެއްޖެއެވެ. އެ މީހުން އައީ ވަރަށް ގިނަ ޣަނީމާ މުދަލާއެކުގައެވެ. އަސްއަހަށް އަރުވައި ބަރާކޮށްފައިވާ މުދާ ފެނުނީމާ ހީވަނީ ދަތުރުކޮށްފައި އަންނަ ވިޔަފާރި ގާފިލާއެއް ހެންނެވެ.

ބަދްރު ބިން މުޣީރާ ޖަގަހައަށް ވަޑައިގެން އިއުލާނު ކުރެއްވީ ޣަނީމާ މުދަލުގެ ފަސް ބައިކުޅަ އެއްބައި ގްރަނާދާގެ ބައިތުލްމާލަށް ފޮނުވާށެވެ. އެޔަށް ފަހު ގައިގައި ވަރުހުރި ފަސް ސަތޭކަ ސަވާރީންގެ މައްޗަށް ޒުވާން ކޮމާންޑަރަކު އައްޔަންކުރައްވައި ސަރަހައްދީ އިމާ ދިމާއަށް ދާން އަންގަވައިފިއެވެ. އެމީހުންގެ ހަވާލުގައި ހުރިހައި ގައިދީން ބަނދެގެން ގެންގޮސް އެ ބައިމީހުންގެ އިމުގެ ތެރެއަށް ދޫކޮށްލާފައި އަންނާންވެސް އަމުރުކުރެއްވިއެވެ. މިކަން ނިންމެވުމަށް ފަހު ބަޝީރް ބިން ޙަސަނަށް ވިދާޅުވިއެވެ. [ޒަޚަމްވެފައި ތިބި މީހުންގެ ތެރެއިން ދަތުރު ކުރެވޭ ވަރުގެ މީހުންނަށް އަސް ދެއްވާށެވެ. އަޅުގަނޑުމެންގެ ތެރެއިން ބައެއްގެ ބެލުމުގެ ދަށުގައި އެ މީހުން ގެންގޮސް އިމުގެ ތެރެއަށް ދޫކޮށްލައްވަން އަންގަވާށެވެ. ދަތުރު ނުކުރެވޭވަރަށް ބޮޑަށް ޒަޚަމްވެފައިވާ މީހުންނަށް ރަނގަޅަށް ބޭސްފަރުވާ ކުރައްވާށެވެ. އަޅުގަނޑުވެސް މިތާގައި އަދި ދެ ދުވަހަކު ހުންނާނަމެވެ.]

ހުރިހައި އިންތިޒާމެއް ހަމަޖެއްސެވުމަށް ފަހު ބަދްރު ބިން މުޣީރާއާއި އައްޒަޣަލާއި މޫސާއާއި އައްޒައިޣަރީއާ ހަތަރު ބޭފުޅުން ފެއްޓެވީ ގްރަނާދާއާ ގުޅިގެން ކުރިއަށް އަޅުއްވާނޭ ފިޔަވަޅުތަކާ މެދުގައި މަޝްވަރާ ކުރައްވާށެވެ.

އައްޒަޣަލް ވިދާޅުވިއެވެ. [ފެރްނާންދޯ މިހާރު ހަނގުރާމައިގެ ތައްޔާރީތައް ފަށައިފާނެއެވެ. އޭނާގެ އަތްދަށަށް މި ކިއްލާ ހިނގައްޖެނަމަ ރަސްމީ ގޮތުން ހަނގުރާމަ ފެށުނީކަމަށް ވާނެއެވެ. މާ ބޮޑަށް ތައްޔާރުވުމުގެ ފުރުސަތު އޭނާއަށް ދޭކަށް ނުވާނެއެވެ. ބަދްރުގެ މި ވަރުގަދަ ކާމިޔާބީގެ ޚަބަރު ލިބުނީމާ ގްރަނާދާގެ ރައްޔިތުން ތިބޭނީ ވަރަށް އުފަލުންނެވެ. ހިތްވަރު އާލާވެފައެވެ. އަޅުގަނޑު ގަސްތު ކުރަނީ ސީދާ އަޅުގަނޑު ގޮސް ގްރާނާދާގެ އަހުލުވެރިންނަށް މި އުފާވެރި ޚަބަރު ދޭށެވެ. އޭގެ ފަހުން މަނިކުފާނު ގްރަނާދާއަށް ވަޑައިގަންނަވާށެވެ. ގްރަނާދާގެ އަހުލުވެރިން ފާތިޙަކަށް މަރުހަބާ ނުކިޔާތާ އެތައް އަހަރެއް ވެއްޖެއެވެ. އެރަށުގެ ޅެންވެރިން މާޔޫސްވެފައިވާ ވަރުން މިހާރު ކުރާ ކަމަކީ މަރުވެފައިވާ މީހުންގެ ހިތްވަރުގަދަ ކަމުގެ ވާހަކަދެއްކުމެވެ. މަނިކުފާނު ފެނުނީމާ ހާދިސާތަކުގެ މިސްރާބު ބަދަލުކޮށްލާނޭ ފަހުލަވާނަކު ގުދުރަތުން ފޮނުއްވީ ކަމަށް އެމީހުންނަށް ޔަގީންވާނެއެވެ. ރައްޔިތުންގެ އުފާވެރިކަމާއި ޖޯޝް ފެނުނީމާ އަޅުގަނޑުގެ ބޭބެ ވަގުތުން ހަނގުރާމަ އިއުލާނުކުރައްވާނެއެވެ. އޭނާ އެ ހުންނެވީ މިހާރުވެސް ނުކުމެވަޑައިގެން ކާފަރުންނާ ތޮޅިވަޑައިގަންނަވާ ހިތްޕުޅުންނެވެ. ބިރުފުޅުގަންނަނީ ރައްޔިތުން ބައިވެރި ނުވެދާނެތީއެވެ.]

ބަދްރު ބިން މުޣީރާ ވިދާޅުވިއެވެ. [ކުރީގެ ބައްދަލުވުމަށް ފަހު އަޅުގަނޑު މި ހުންނަނީ އަޅުގަނޑަކީވެސް ގްރަނާދާގެ ލަޝްކަރުގެ އާދައިގެ ސިފައެއް ކަމަށް ގަބޫލުކޮށްގެންނެވެ. މިތާގައި އަޅުގަނޑު މިކުރާ މަސައްކަތުގެ މައިގަނޑު ބޭނުމަކީ ގްރަނާދާގެ އަހުލުވެރިން ޣަފްލަތުގެ ނިދީން ހޭލާންދެން ފެރްނާންދޯއަށް ފިޔަވަޅެއް އެޅިޔަނުދީ ހިފެހެއްޓުމުގެ މަސައްކަތެވެ. އޭނާގެ ސަމާލުކަން އަޅުގަނޑުމެންގެ މައްޗަށް ހުއްޓިފައި ހުންނާނޭ ގޮތް ހެދުމުގެ މަސައްކަތެވެ. އެކަމަކު މިހާރު އޭނާގެ ހުރި ހުރިހައި ބާރައެކު ގްރަނާދާއަށް ހަމަލަ ދޭނޭ ދުވަހެއް ފެނުން ދުރެއް ނޫނެވެ. އަރަގޮންގެ ރާނީއާއި ކަސްތިއްޔާގެ ރަސްގެފާނާ ދެމީހުންގެ ކާވެނި ކުރެވުނު ދުވަހު އެތިބީ ގްރަނާދާ ފަތަހަ ނުކުރެވެނީސް ހަމަނޭވައެއް ނުލާނެ ކަމަށް ހުވައި ކޮށްގެންނެވެ. އެ ދުވަހުން ފެށިގެން އެ ގެންދަނީ ތައްޔާރުވަމުންނެވެ. ގްރަނާދާ ސަލާމަތްކުރެވެން އޮތް ހަމައެކަނި ގޮތަކީ އެމީހުންގެ ހިތްވަރު އަބަދަށްޓަކައި މަރައިލުމެވެ.]

އައްޒަޣަލް ވިދާޅުވިއެވެ. [ހަގީގަތުގައި އަޅުގަނޑުމެން މިތިބީ އައްޞަޚްރާ ހިފަން ނިންމައިގެންނެވެ. މިތަނަށް މި އައީ އެ މަސައްކަތުގައި ބައިވެރިކުރުމަށްޓަކައި މަނިކުފާނު ބަލައެވެ.]

ބަދްރު ވިދާޅުވިއެވެ. [އަޅުގަނޑުގެ މުޅި ލަޝްކަރު އޮތީ ތައްޔާރަށެވެ. އަޅުގަނޑު މިހިރީ ހަމަ މި ވަގުތުވެސް ދާން ތައްޔާރަށެވެ.]

އައްޒަޣަލް ވިދާޅުވިއެވެ. [ނޫނެކެވެ. މަނިކުފާނުގެ ލަޝްކަރު މިތާގައި އޮތުން ވަރަށް މުހިއްމެވެ. މަނިކުފާނަށް އިތުބާރު ކުރެއްވޭ ބޭފުޅަކާ ލަޝްކަރު ހަވާލުކުރައްވާފައި ގްރަނާދާއަށް ވަޑައިގަންނަވާށެވެ. މަނިކުފާނު ވަޑައިގަންނަވާތާ ދެ ދުވަހެއްގެ ތެރޭގައި ހަނގުރާމައިގެ މައިދާނަށް ފުންމަވައިލައްވާން އަބުލްޙަސަން ތައްޔާރުވެވަޑައިގަންނަވާނޭ ކަމަށް އަޅުގަނޑަށް ފެނެއެވެ.]

މޫސާ ވިދާޅުވިއެވެ. [އަޅުގަނޑަށް ފެންނަ ގޮތުގައި ގްރަނާދާގެ އަހުލުވެރިންގެ ހިތްވަރު އާލާވާނީ ލަޝްކަރުގެ ކޮންމެވެސް ބަޔަކާއެކު އެ ރަށަށް ވަޑައިގަތީމައެވެ. ގްރަނާދާގެ ޠޫފާނީ ލަޝްކަރުގެ ކޮމާންޑަރުކަން އަރުވަން އަޅުގަނޑު ގަސްތުކުރަނީ ބަދްރަށެވެ. ބަދްރު ހުންނެވުމަކީ އެމީހުންގެ ހިތްވަރު އާދަޔާ ޚިލާފަށް އާލާވެގެން ދާނޭ ކަމެކެވެ. އޭގެ ބަދަލުގައި މި ސަރަހައްދު ބަލަހައްޓާން އަޅުގަނޑުމެންގެ ލަޝްކަރުގެ ބައެއް މީހުން ގެނެސް ބައިތިއްބާނީއެވެ.]

ބަދްރު ވިދާޅުވިއެވެ. [އަޅުގަނޑުމެންގެ މަގުސަދަކީ ހަނގުރާމަ ކާމިޔާބުކުރުމެވެ. އަޅުގަނޑުގެ ބޭނުން ޖެހޭ ކޮންމެ ތަނަކަށް އަޅުގަނޑު އުފަލާއެކު ދާނަމެވެ. އަޅުގަނޑުގެ ލަޝްކަރުން ދެހާހެއްހައި މީހުން ގެންދިޔަޔަސް ލަޝްކަރުގެ ބާރާއި ބަދަހި ކަމަކަށް އެއްވެސް ބަދަލެއް ނާންނާނެއެވެ. އެހެންވީމާ ތިޔަ ވިދާޅުވާ ގޮތަށް އަޅުގަނޑު ތާއީދުކުރަމެވެ. މިތާގައި ތިބި މީހުން މަދު ނުވާނެ ގޮތް ހެއްދެވުމުގައިވެސް އަޅުގަނޑުގެ ތާއީދު އެބައޮތެވެ. މިތަނުން ހާހެއްހައި މީހުން ގެންދަވާނަމަ ގްރަނާދާއިން އެ އަދަދަށް މީހުން މިތަނަށް ގެނެވޭނޭ އިންތިޒާމު ކުރައްވާށެވެ. އެހެން ހެއްދެވީމާ މިތަން ވެގެން ދާނީ އަޅުގަނޑުމެންގެ ދިފާޢީ މަރުކަޒަކަށެވެ. އޭގެ އިތުރަށް ސަރަހައްދީ އިމުގައި ހަރަކާތްތެރިވެގެން، ފެރްނާންދޯއަށް އެއް ދިމާއަށްވުރެ ގިނަ ދިމާއިން ދުއްޕާން ކުރެވޭނެއެވެ.]

އައްޒައިޣަރީ ސުވާލުކުރެއްވިއެވެ. [މި ތާޒާ ފަތަޙައަށް ފަހު ގްރަނާދާއަށް ދިއުމުގެ ކުރިން މިތަން ފަތަހަކުރުމަކީ މުހިއްމު ކަމެއް ކަމަށް ފެރްނާންދޯ ގަބޫކުރާނޭ ކަމަށް ތިޔަ ބޭފުޅުންނަށް ފެނިވަޑައިގަނޭތޯއެވެ؟]

ބަދްރު ބިން މުޣީރާ ވިދާޅުވިއެވެ. [އަޅުގަނޑަށް ކަށަވަރުވާ ގޮތުގައި ލިބުނު ތަޖުރިބާގެ ސަބަބުން އޭނާ މިހާރު ހުންނާނީ ދުރުވިސްނުމަށް އާދަވެފައެވެ. އަންދަލުސްގެ ހުރިހައި ތަނަކަށް އޭނާއަށް ވެރިވެގަނެވުނަސް މިތަން މިނިވަންކޮށް އޮވެއްޖެނަމަ، އެތައް އަހަރެއް ވާންދެން މިތަނާ ތޮޅިތޮޅި ހުންނާން ޖެހޭނެކަން އޭނާއަށް އެނގޭނެއެވެ. ތިޔަ ވިދާޅުވާ ފަދަ ގޮތަކަށް އޭނާ ކަންތައް ކޮށްފިނަމަ އެއީ އިސްލާމުންނަށް ލިބޭ ކުރިއެރުމެކެވެ. އޭނާއަށް އެއްވެސް ފިޔަވަޅެއް އެޅިޔަނުދީ ދިހަވަރަކަށް އަހަރު އަޅުގަނޑުމެންނަށް ހިފެހެއްޓިދާނެއެވެ. ގްރަނާދާގެ އަހުލުވެރިން ތިބީ އަމިއްލައަށް މަރުވާ ކަހަލަ ފިކުރެއްގައި ކަމަށް ނުވާނަމަ އެ މުއްދަތަކީ އެ މީހުން ހޭލައްވައިލާން އެންމެ ރަނގަޅު މުއްދަތަކަށް ވާނެއެވެ.]

އައްޒައިޣަރީ އަނެއްކާވެސް ސުވާލު ކުރެއްވިއެވެ. [މާފުކުރައްވާށެވެ. މަނިކުފާނުގެ ލަޝްކަރުގެ ބޮޑުމިނަކީ ކޮބައިތޯ އަޅުގަނޑަށް ސުވާލު ދެންނެވިދާނެތޯއެވެ؟]

ބަދްރު ބިން މުޣީރާ ވިދާޅުވިއެވެ. [މަނިކުފާނަށް ފެނިވަޑައިގަތް އަދަދާ އެއްވަރުގެ އަދަދެއް އަދި ފެނިވަޑައިނުގެން އެބައޮތެވެ.]

މޫސާ ވިދާޅުވިއެވެ. [މަނިކުފާނު ހީފުޅުކުރައްވާ މުއްދަތަށްވުރެ ދިގު މުއްދަތަކަށް ގްރަނާދާގައި މަޑުކުރައްވަން ޖެހިވަޑައިގެންފިނަމަ ލަޝްކަރު ހުރިހައި ކަމެއް ކާމިޔާބުކަމާއި ހުސިޔާރުކަމާއެކު ހިންގަވައި، މަނިކުފާނު ދެއްކެވިފަދަ ކުޅަދާނަފުޅުކަމަކާއެކު ދުޝްމިނުންނާ ކުރިމަތިލައްވާން ކެރިވަޑައިގަންނަވާނޭ އެހެން ބޭފުޅަކު މިތާގައި އެބަ އުޅުއްވާތޯއެވެ؟ މިދެންނެވުނު ބަހުގެ މުރާދަކީ މަނިކުފާނު ވަޑައިގެން ނެތްތަނެއްގައި އެ ކަމުގެ އިހުސާސު ލަޝްކަރަށް ވިޔަ ނުދެއްވައި ހިފެހެއްޓެވޭނޭ ބޭފުޅަކު އެބަ ހުންނެވިތޯއެވެ؟]

[އަޅުގަނޑުގެ ސިފައިން އަޅުގަނޑު ދެކެ ލޯބިވާ ކަމާމެދަކު އެއްވެސް ޝައްކެއް ނެތެވެ. އެކަމަކު ﷲ ގެ ރަޙުމަތާއެކު އަޅުގަނޑުގެ ޖާގަ ފުރާނޭ ދިހަ ވަރަކަށް މީހުން މިހާރުވެސް އެބަތިއްބެވެ.]

އައްޒަޣަލް ސުވާލުކުރެއްވިއެވެ. [އޭގެ ތެރެއިން އެންމެ ގާބިލު ބޭފުޅަކީ ކޮބައިތޯއެވެ؟]

[އަޅުގަނޑުގެ ނައިބު މަންޞޫރު ބިން އަޙްމަދެވެ.]

[މަނިކުފާނުގެ އަރިހުގައި ކަޅު އަހަކަށް ސަވާރުވެގެން އިން ޒުވާނާއަކީ މަންޞޫރު ބިން އަޙްމަދުތޯއެވެ؟]

[ނޫނެކެވެ. އޭނާ މި ވަގުތުވީ ކޯރްދޮބާގައެވެ.]

[ކޯރްދޮބާގައޭތޯއެވެ؟ އެއީ ކޯރްދޮބާގެ މީހެއްތޯއެވެ؟]

[ނޫނެކެވެ. އެއީ ސެބިއްޔާގެ މީހެކެވެ. ކޯރްދޮބާއަށް ދިޔައީ ޚާއްސަ ދަތުރަކުއެވެ.]

[ޚާއްސަ ދަތުރެކޭތޯއެވެ؟]

[އަޅުގަނޑު އޭނާ ފޮނުވީ އަޅުގަނޑުމެންނާ ބައިވެރިވާނޭ އައު ފަހުލަވާނުން ހޯދުމުގެ މަސައްކަތް ކުރާށެވެ.]

[ސެބިއްޔާއިން މިތަނަށް އޭނާ އައީ ކިހިނެއްތޯއެވެ؟]

[އެހެން މީހުންވެސް އައި ގޮތަށެވެ. އޭނާ ގެންނެވީ ބަޝީރް ބިން ޙަސަނެވެ.]

ހަފުތާއެއްހައި ދުވަހުގެ ތެރޭގައި އެއްހާސް ސިފައިންނާއެކު ގްރަނާދާއަށް ވަޑައިގަންނަވާނޭ ކަމަށް ބަދްރު ބިން މުޣީރާގެ އަރިހުން އަހުދު ކަށަވަރު ހިއްޕެވުމަށް ފަހު ވިދިގެން އައި ދުވަހު އައްޒަޣަލާއި އޭނާގެ ބައިވެރިން ފުރާވަޑައިގެންފިއެވެ.

ގައުމާއި ގައުމުގެ ފަހުލަވާނު

(1)

ސަރަހައްދީ ބާޒު އެއް ހާސް ސިފައިންގެ ލަޝްކަރަކާއެކު ގްރަނާދާއަށް އަރައިވަޑައިގެންފިއެވެ. އޭނާގެ އެންމެ ފަހުގެ ފަތަހައިގެ ޚަބަރު އޮތީ ރަސްކަމުގެ ދަށުގައި ހުރި ހުރިހައި ރަށަކަށް ފޯރައިފައެވެ. އެތައް އަހަރެއްގެ އުއްމީދަށް ފަހު ބަދްރުގެ ފައިންޕުޅު ދެކިލުމުގެ އުފާވެރިކަން ގްރަނާދާގެ އަހުލުވެރިންނަށް ލިބުނީއެވެ. ފާތިހެއްގެ އިސްތިގުބާލަށް އެމީހުން މި ނުކުތީ އެތައް އަހަރެންގެ ފަހުންނެވެ. ސަހަރާ ތަންކޮޅެއް ދުރުން ރަސްގެފާނުގެ ނަންފުޅުމަތީގައި ބަދްރު ބިން މުޣީރާއަށް މަރުހަބާ ވިދާޅުވީ މޫސާއާއި އޭނާގެ ލަޝްކަރުގެ ކޮމާންޑަރުންނެވެ. ގްރަނާދާގެ ރަސްގެފާނު އަބުލްޙަސަނާއި ވަލީޢަހްދު އަބޫ ޢަބްދުﷲ މުޙައްމަދާއި ރަސްގެފާނުގެ ކޮއްކޯފުޅު އަބޫ ޢަބްދުﷲ އައްޒަޣަލާ ތިން ބޭފުޅުން ތިއްބެވީ ގަނޑުވަރުގެ ދޮރާށިކޮޅުގެ މަތީގައިވާ ބުރުޒުގައި އެ އުފާވެރި މަންޒަރު ދެކެވަޑައިގަންނަވާށެވެ. މީސްތަކުންގެ އުފާވެރިކަމާއި ޖޯޝު ހުރި މިންވަރުން އާލާވެގެން ދަނީ އަންދަލުސްގެ މުޖާހިދުން އުތުރުގެ ސަރަހައްދުތަކުގެ ހަނގުރާމަތައް ކާމިޔާބު ކުރުމަށް ފަހު އެނބުރި ގްރަނާދާއަށް އަންނަ މަންޒަރުގެ ހަނދާނެވެ.

ގޭގޭގެ ފުރާޅުމަތީގައި ތިބެގެން މީހުން ގެންދިޔައީ މަލުގެ ވާރޭ ވެއްސަމުންނެވެ. ބަދްރު ބިން މުޣީރާ އިންނެވީ އާދައިގެ މަތީން ހުދު ހެދުންކޮޅެއް ތުރުކުރއްވައިގެންނެވެ. އެކަމަކު މިއަދު މޫނުފުޅު ނިވަލެއް ނުކުރައްވައެވެ. އޭނާގެ ކަނާތްޕުޅު ފަރާތުގައި އަސްކޮޅަކަށް ސަވާރުވެވަޑައިގެން އިންނެވީ މޫސާއެވެ. ވައަތްޕުޅު ފަރާތުގައި އިންނެވީ އައްޒައިޣަރީއެވެ. ބަދްރުގެ އަސްކޮޅުގެ ލަގަނުގައި ހިއްޕަވައިގެން ހިންގަވައިފައި އެ ވަޑައިގަންނަވަނީ ލަޝްކަރުގެ އެންމެ ހިތްވަރުފުޅު ގަދަ އެއް ފަހުލަވާނަކު ކަމުގައިވާ ނަޢީމް ރިޟްވާނެވެ. ލަޝްކަރުގެ އެންމެ ކުރީގައި މުޖާހިދަކު ބަދްރުގެ ހަނދުފަޅި ޖެހި ދިދަކޮޅު ހިފައިގެން އަންނަ މަންޒަރު ފެނެއެވެ.

(ނުނިމޭ)

6 ޚިޔާލު

  1. މިފަދަ ވާހަކަތައް ކިޔާލުމުން އިސްލާމްދީނުގެ ކާބަފައިންގެ ހިއްވަރާއި ފަންވަރު ފެނި ލޮލުން ނީރަލަނީ ކަރުނައެވެ. އަދި އަދުގެ މުސްލިމުންގެ ޙާލާއިމެދު ބޭރުވަނީ ހިތާމައިގެ ހިތި އާހެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.