ރާއްޖޭގެ އިލްމުވެރިންގެ ތެރެއިން ދެތިން އިލްމުވެރިއަކު ހިތަހަމަ ނުޖެހިގެން އުޅުއްވަނީ އައްޝައިޚް އިމްރާން އަބްދުﷲ ބަންދުގައި ބަހައްޓާފައި ހުންނަވާތީ ކަމަށް އިސްލާމިކް އެފެއާޒު މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވެއްޖެއެވެ.
ޕީޕީއެމްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިއަދުގެ ހުކުރު ޚުތުބާއާ ބެގޭގޮތުން އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ "އަޅުގަނޑުމެންގެ ތެރެއިން ދެތިން އިލްމުވެރިއަކު ހިތްހަމަ ނުޖެހިގެން މިއުޅެނީ މިއަދު ޝައިޚް އިމްރާން ބަންދުކޮށްފައި ހުންނާތީ. ޝައިޚް އިމްރާން ބަންދުކޮށްފައިއޮތީ ކުށެއް ނުކޮށް ގޭގައި ހުރެގެންތޯ؟ ބައްލަވާ އިމްރާން ދެއްކެވި ވާހަކަ. އަޅުގަނޑު ދުވަހަކުވެސް މިކަހަލަ ވާހަކައެއް ނުދައްކަން. މިއަދު މިވާހަކަ ދައްކަންޖެހުނީ މިކަމުގެ ހަގީގަތާއި އުސޫލު އޮޅުވާލައިފައި ރާއްޖޭގެ ބައެއް މީޑިއާތަކުގައި އިލްމުވެރިން މިވާހަކަ ދައްކަމުންދާތީ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ފިތުނަ ފަސާދައަށް ޖާގައެއްނުދީ މުޖުތަމައުގެ ސުލްހަ މަސަލަސްކަން ގާއިމްކުރުމަކީ އިލްމުވެރިންގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއް ކަމަށެވެ.
މޭޑޭގެ މުޒާހަރާގައި އިމްރާން ދެއްކެވި ވާހަކައާބެހޭ ގޮތުން މިނިސްޓަރު ވިދާޅުވީ "ހުރިހާ މީޑިއާތަކުގެ ކުރިމަތީގައި ނޫންތޯ (އިމްރާން) ވިދާޅުވީ މިކަން (މޭޑޭގެ ހަރަކާތް) ގޯސްވެއްޖެއްޔާ ތިމަނަން ޒިންމާ ނަގާނަމޭ. އެދުވަހު ގަނޑުތަކެއް އުފުއްލަވާފައި މިއޮތީއޭހެކި ރައީސް ޔާމީން ޑރ. އަފްރާޝީމް މަރާލި ކަމުގެ ޒިންމާ. އެހެންވީމާ މިފަދަ ވާހަކަތަކެއް މިދައްކަވަނީ،" ކަމަށެވެ.
ޑރ. ޒިޔާދު ވިދާޅުވީ ގަނޫނީ އިމުގެ ތެރެއިން އުސޫލުތަކާއި ހަމަތައް ދިފާއު ކުރައްވަން ވާހަކަ ދައްކަވާއިރު ޝައިޚު އިމްރާން ގޭގައި ނަމާދު ކުރައްވަން ހުންނަވަނިކޮށް ޖަލަށް ގެންދާނެކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.
މިއަދުގެ ހުކުރު ޚުތުބާ ސިޔާސީ ކޮށްގެން ބައެއް މީހުން ވާހަކަ ދައްކަވަމުން ގެންދަވާތީ މިނިސްޓަރު ވިދާޅުވީ "މިއަދުގެ ހުކުރު ޚުތުބާގައި އިސްލާމީ ޝަރީއަތާ ޚިލާފު އެއްވެސް ވާހަކައެއް ނޯންނާނެ،" ކަމަށެވެ.