ރާއްޖޭގެ ސިޔާސީ މަސްރަހު މިހާރުއޮތް ގޮތުންނާއި އެކަންކަމާ ގުޅިގެން ސަރުކާރުން އަމަލު ކުރައްވަމުން ގެންދަވާ ގޮތުން ރާއްޖޭގައި އިންވެސްޓް ކުރަން ބޭރުމީހުން ޖެހިލުންވާ ކަމަށް އެމްޓީޔޫ އިން ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ޓްރޭޑް ޔޫނިއަން (އެމްޓީޔޫ) ގެ ނާއިބު ރައީސް ސައުދުﷲ އަހުމަދު ވިދާޅުވީ ބޭރުގެ އިންވެސްޓްތައް ރާއްޖެއަށް ފަސޭހައިން ލިބޭނީ ހަމަޖެހުން ގާއިމްކުރެވިގެން ކަމަށެވެ. "އެހެންނޫނީ ކީއްކުރަންތޯ އިންސްވެސްޓް ކުރަންވީ. ބޭރުގެ އިންވެސްޓަރުން އެމީހުންގެ ފައިސާ އިންވެސްޓްކުރާނީ ސުލްހަވެރި އަމާންތަނެއްގައި. ގާނޫނީ ހުކޫމަތު ހިނގާ ބިމެއްގައި. ރާއްޖެއަކީ ކުރިން ނުލާހިކު އަމާންތަނެއް. މިހާރު މިވަނީ މަންޒަރު ބަދަލުވެފައި،" ސައުދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި މިހާރު ހިނގަމުންދާ ކަންކަން ހުއްޓުމަކަށް ގެނެސް ކުއްލި ނުރައްކަލުގެ ހާލަތުވެސް އުވާލަން ދުނިޔޭގެ ތަފާތު ގައުމުތަކުން ގޮވާލާއިރުވެސް ދިވެހިސަރުކާރުން އެއަށް އިޖާބައެއް ނުދެއްވާ ކަމަށެވެ. "ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރަންޖެހޭ ސަބަބެއްނެތް ކަމަށް އިންޓަރނޭޝަނަލް ކޮމިޔުނިޓީންވެސް ގަބޫލު އެބަކުރޭ. އެކަމަކު ސަރުކާރުން އަމިއްލައަށް ބުނަނީ ނޫނެކޭ ނުރައްކަލޭ. އެހެން ބުނާ ކަމަށްވާނަމަ ރާއްޖެއަށް ދަތުރު ނުކުރަން ގައުމުތަކުން ގޮވާލާނެ. އެގޮވާލުމަށް އިޖާބަވެސް ދޭނެ. ހުރިހާ ގެއްލުމެއް މިވަނީ ދިވެހިންނަށް،" އޭނާ ވިދާޅުވިއެވެ.
ސައުދު ވިދާޅުވީ ރާއްޖޭގައި އޮތީ ހުޅުވިފައިވާ ވިޔަފާރީގެ މާކެއްޓެއް ކަމަށެވެ. އެ މާކެޓަށް މީހުން އަންނާނީ ސުލްހައާއި އަމާންކަން ޔަގީންކުރެވުނު މިންވަރަކުން ކަމަށެވެ. އެމީހުންގެ އިންވެސްޓްމެންޓްތައް ހިމާޔަތް ކުރެވޭނެ ކަމުގެ އިތުބާރާއި ޔަގީންކަން ލިބުނު ވަރަކުން ކަމަށެވެ. އެހެންނަމަވެސް ރާއްޖޭގައި މިހާރު ހިނގަމުންދާ ކަންކަމުގެ ސަބަބުން ބައެއް ވިޔަފާރިތައް ދަނީ ބަނގުރޫޓުވަމުން ކަމަށް އޭނާ ވިދާޅުވިއެވެ. ޚާއްސަކޮށް ފަތުރުވެރިކަމާ ގުޅުންހުރި އާދައިގެ ވިޔަފާރިތައް އޭނާ ފާހަގަ ކުރެއްވިއެވެ.