ޖަލުގައި މިހާރު ހުންނެވި ރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ ހާލުކޮޅު ބެއްލެވުމަށް ރައީސްގެ މަންދޫބެއްގެ ހައިސިއްޔަތުން ހައުސިން މިނިސްޓަރު މުއިއްޒު ވަޑައިގެންނެވީ އިޚުލާސްތެރި ކަމެއް އޮވެގެންނޫން ކަމަށް އުތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ފަރާތްޕުޅުން ވިދާޅުވެއްޖެއެވެ.
އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދުގެ ގާނޫނީ ވަކީލުން މިއަދު ނެރުއްވައިފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ "އުއްތަމަފަނޑިޔާރު ދެކެވަޑައިގަންވާ ގޮތުގައި ރައީސް ޔާމީނުގެ މިނިސްޓަރު އެމަނިކުފާނާ ބައްދަލު ކުރައްވައިފައިވަނީ އެއްވެސް އިޚުލާސްތެރި މަގުސަދެއް އޮވެގެންނޫނެވެ."
އުއްތަމަ ފަނޑިޔާރު އަލްއުސްތާޒު އަބްދުﷲ ސައީދާ ހަވާލާ ދެއްވައި އެބަޔާނުގައި ބުނެފައިވަނީ "އެމަނިކުފާނާ މެދު މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ކަސްޓޯޑިއަލް ސެންޓަރުގެ ގަވާއިދުތަކާ އެއްގޮތަށް ރަނގަޅަށް އަމަލުކުރާ ވާހަކަ އެއްވެސް ބޭފުޅެއްގެ އަރިހުގައި ވިދާޅުވެފައެއް ނުވާނެ،" ކަމަށެވެ. އޭގެ އިތުރަށް އެމަނިކުފާނު ބަހައްޓައިފައިހުރީ އިންސާނުން ބައިތިއްބައި އެކަށީގެންވާފަދަ ތަނެއްގައި ނޫންކަމުގައި ރައީސް ޔާމީނުގެ ވަޒީރަށް ދަންނަވާފައިވާނެ ކަމަށް އުއްތަމަފަނޑިޔާރު ވިދާޅުވި ކަމަށް އެބަޔާނުގައި ވެއެވެ.
އިއްޔެ ވަގުތެއްގައި ހިޔުމަންރައިޓްސް ކޮމިޝަންގެ ބޭފުޅުންވެސް އެމަނިކުފާނާ ބައްދަލު ކުރެއްވިއެވެ. އެމަނިކުފާނާ މެދު ކަންތައް ކުރެވޭގޮތް އެބޭފުޅުންނަށްވެސް ވިދާޅުވެ ދެއްވިކަމަށް އުއްތަމަ ފަނޑިޔާރާ ހަވާލާ ދެއްވައި އެބަޔާނުގައި ބުނެފައިވެއެވެ.
ގަވާއިދުގެ އެމަނިކުފާނު ގޮޅިން ބޭރުގައި ކަސްރަތު ކުރުމަށްލިބިވަޑައިގަންނަވާ ފުރުސަތުގެ ބޭނުން އެމަނިކުފާނު ކުރައްވާނަމަ އެމަނިކުފާނު ގޮޅިން ނެރެވޭނީ ފުރަގަހަށް ބިޑިއަޅުވައިގެން ކަމަށް ފުލުހުން އަންގާފައިވާ ކަމަށް އަބްދުﷲ ސައީދާ ހަވާލާ ދެއްވައި އެބަޔާނުގައި ބުނެފައިވެއެވެ.
ރައީސް މަންދޫބުން ފޮނުވައިގެން "އަޅުގަނޑުމެންގެ މުވައްކިލުންނާ ބައްދަލު ކުރައްވަނީ ކުރެވެމުންދާ ތަހުގީގަށް ނުފޫޒު ފޯރުވައި ވަކިގޮތަކަށް ވާހަކަ ދެއްކެވުމަށް އެބޭފުޅުންނަށް ބާރު އެޅުމުގެ އިތުރުން ދުނިޔެއަށް މަންޒަރު ދެއްކުމުގެ ގޮތުން ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ،" ވަކީލުންގެ ބަޔާނުގައިވެއެވެ.
އެމަނިކުފާނާ އެއްވެސް ފަރާތަކުން ބައްދަލު ކުރައްވާ ކަމަށްވާނަމަ އެކަން ކުރިން ވަކީލުންނަށް އެންގެވުމަށްފަހު، ގާނޫނީ ވަކީލުންގެ ހާޒިރުގައި ނޫނީ އެފަދަ ބައްދަލުވުންތައް ކުރިއަށް ނުގެންދިޔުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއަށް އުއްތަމަފަނޑިޔާރުގެ ވަކީލުންވަނ ގޮވައިލައްވައިފައެވ
ފުލުހުންގެ ބެލުމުގެ ދަށުގައި އަބްދުﷲ ސައީދު ހުންނެވީ ޣައިރު ގާނޫނީ ބަންދެއްގައި ކަމަށް އެމަނިކުފާނުގެ ގާނޫނީވަކީލުން ދެކެވަޑައިގަންނަވައެވެ.