ޝައިތާނީ ބަލާ - 6

(9 ނޮވެމްބަރ 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ސަރުދާރުގެ ހާލަތު ނުބައިވާން ފަށައިފިއެވެ. އޭނާ ދުރުގައި ހުރި އޭނާގެ ދަރިފުޅާ ދިމާއަށް އެއްފަހަރު ބަލައިލުމަށްފަހު އަނެއްކާވެސް އަންވަރާ ދިމާއަށް ބަލައިލިއެވެ. "ހަނދާން ކުރާތި! ސަންބީ މަޔަކަށްވިޔަ ނުދޭތި. އެހެންނޫނީ ވަރަށްނުބައި..."

މިލަފުޒުތައް އޭނާގެ އަނގައިން ބޭރުކުރެވުނީ ލައްކަ މަސައްކަތުންނެވެ. ވޭން ގަދަވާން ފަށައިފިއެވެ. ސަރުދާރު އަނެއްކާވެސް ތެޅިގަތެވެ. މާގިނައިރު ތަކެއް ނުވެ މަރުވެއްޖެއެވެ.

އަންވަރު ކޮޅަށްތެދުވެ ސަމީނާއާ ދިމާއަށް އެނބުރި ބަލައިލިއެވެ.

"މިއީ ކަލޭ ކީއްވެގެން ކުރި ކަމެއް؟" ސަމީނާ އެއްވެސް ޖަވާބެއް ނުދީ އަނެއްކާވެސް އަންވަރުގެ ގައިގައި އޮޅުލައިގެންފައި ރޯން ފަށައިފިއެވެ. އަންވަރުގެ ހިތް ތިރިވެއްޖެއެވެ. ސަމީނާގެ ދިގު އިސްތަށިގަނޑުގައި މަޑުމަޑުން ފިރުމަން ފަށައިފިއެވެ. އަދި މަޑުމައިތިރިކަމާއި އޯގާތެރިކަމާއިއެކު އަހައިލިއެވެ. "މިވަގުތާ ދިމާކޮށް މިތަނަށް އަންނަން ސަމީނާއަށް އެނގުނީ ކިހިނެއް؟"

"އަންވަރުމެން ނުކުތީ ކޮންމެވެސް ނުރައްކަލަކާ ކުރިމަތިލާންހެން އަހަންނަށް ހީވި. ނުރައްކަލުގެ ވަގުތުގައި އަހަރެމެން ދެމީހުން ތިބެންޖެހޭނީ އަބަދުވެސް އެކުގައެއް ނޫންތަ؟" ސަމީނާ މަޑުމަޑުން ބުނެދިނެވެ.

އަންވަރު ސަމީނާ މޭގައި ލައްކޮށްލައިގެންހުރެ މަރުވެފައިއޮތް ސަރުދާރުގެ މަސްގަނޑަށް ބަލަމުންދިޔައެވެ. މަރުގެ ވާހަކަ އޭނާ ގާތުގައި ސަރުދާރު ދެއްކިތާ އަދި މާގިނައިރެއް ނުވެއެވެ. މިހާރު އެއޮތީ މަރުވެފައެވެ.

* * *

މަރުވެފައި އޮތް މީހާގެ މުލައްދަނޑީގައި ހުރި ކުޑަކުޑަ ޒަޚަމަށް ކާނަލް އަންވަރު ވިސްނުންތެރިކަމާއެކު ބަލައިލިއެވެ. މިއީ މިގޮތަށް މަރުވެގެން އަންވަރާ ހަމައަށް ގެނެވުނު ފަސްވަނަ މީހާއެވެ. މިފަހަރު މަރުވި މީހާއާ ހަމަލާދެވިފައި ވަނީ ރަށުތެރެއިން ކަމަށްވުން ފިޔަވައި އެހެން އެއްވެސް ތަފާތެއް ނެތެވެ.

ވޭތުވެދިޔަ ހަތްމަސްދުވަހަކީ އަންވަރަށް ވަރަށް އުނދަގޫ، ދަތި ދުވަސްތަކަކަށް ވިއެވެ. ސަރުދާރު މަރުވުމުން އޭނާ ގަބީލާގެ މަތިން މުޅީން ފޫހިވެއްޖެއެވެ. ވަގުތުން އެނބުރި ރަށަށް ދާންވެސް އޭނާ ތައްޔާރުވިއެވެ. އެހެންނަމަވެސް އެވަގުތާ ދިމާކޮށް ސަމީނާ ވަރަށް ބޮޑަށް ބަލިވެއްޖެއެވެ. އޭނާ ސަމީނާދެކެ އިންތިހާއަށް ލޯބިވެއެވެ. ވުމާއެކު ނުގޮސް މަޑުކުރަން މަޖުބޫރުވީއެވެ.

ސަމީނާގެ ބަލި ރަނގަޅުނުވެ ދިގުލާން ފަށައިފިއެވެ. ހަށިގަނޑުވެސް މާބޮޑަށް ދެރަވެ، ނިކަމެތިވާން ފަށައިފިއެވެ. އޭނާ ބަލަހައްޓަނީ އަވަށުގެ ފަންޑިތަ ވެރި، ބޭސްވެރިއެކެވެ. ދަތުރު ކުރެވޭވަރުވާނަމަ، އަންވަރު އުޅުނީ ސަމީނާ ގޮވައިގެން އެނބުރި ރަށަށް ގޮސް ރަނގަޅު ޑަކްޓަރަކަށް ދައްކާށެވެ. އެހެންނަމަވެސް ދަތުރުކުރުމަކީވެސް ސަމީނާގެ ފުރާނައަށް ނުރައްކާ ވެދާނެ ކަމަކަށް ބޭސްވެރިޔާ ބުނެފައިވާތީ، އެނުރައްކަލާވެސް ކުރިމަތިލެވޭކަށް ނެތެވެ.

އެއްދުވަހަކު އަންވަރު ސަމީނާއާއި ބެހޭ ގޮތުން ބޭސްވެރިޔާއާ ވަރަށްދިގުކޮށް ވާހަކަ ދެއްކިއެވެ.

"އޭނާގެ އެއްވެސް ބައްޔެއް ނެތް." ބޭސްވެރިޔާ އިރުކޮޅަކު ވިސްނަން ހުރުމަށްފަހު ބުންޏެވެ. "ބަނޑުގައި އޮތް ދަރިފުޅުގެ ސަބަބުން މާ ބޮޑަށް އުނދަގޫވަނީ."

"ދަރިފުޅޭ؟" އަންވަރު ދިޔައީ ސިއްސައިގެންނެވެ.

"އާނ. އޭނާ ނުބުނޭތަ؟ އަހަރެން ހީކުރީ އަންވަރަށް އޮންނާނީ އެނގިފައި ކަމަށް."

"އަހަރެން ގާތަކު ނުބުނޭ. މިހާރު ކިހައި ދުވަހެއް ވެއްޖެތަ؟"

"ތިން ހަތަރު މަސް ވެއްޖެ."

ކާނަލް އަންވަރުގެ ލޭ ކެކިގެންފިއެވެ. އޭނާ ސަމީނާދެކެ ވަރަށް ބޮޑަށް ރުޅިއަތުވެއްޖެއެވެ. އެކަން އޭނާއަށް ސިއްރު ކުރީތީއެވެ. ސަމީނާއާ އެކަނި ބައްދަލު ވުމާއެކު އެކަން އެގޮތަށް ކުރީ ކީއްވެގެންތޯ އަންވަރު ސުވާލު ކޮށްފިއެވެ.

"އަހަރެން މަޔަކަށް ވާން ބޭނުން. އަންވަރު ހުރަސް އަޅާފާނެތީ އަހަރެން ބިރުގަތީ. ސިއްރުކުރީ އެހެންވެގެން."

"އެކަމަކު..." އަންވަރުގެ ރުޅި ހިސާބަކަށް މައިތިރި ވެއްޖެއެވެ. އަޑަށް މައިތިރިކަން އަންނާން ފަށައިފިއެވެ.

"ތިޔަ އަހަން އުޅެނީ ލުނބޯކޮޅުގެ ވާހަކަ ދޯ؟" ސަމީނާ އަންވަރުގެ ވާހަކަ މެދުކަނޑައިލިއެވެ. "އަހަރެން އޭތިކޮޅު ނަގައި އެއްލާލައިފިން."

އަންވަރު މާނޭވައެއް ލިއެވެ. އޭނާ ހީކުރިވަރަށްވުރެ ސަމީނާ މާ ހުސިޔާރެވެ. ބައްޕަައަކަށްވާން އުޅެނީ ކަމުގެ ޚިޔާލު ހިތަށްވެރިވުމާއެކު އޭނާގެ ރުޅިގަނޑު ވަޔަށް އަރައިގެން ހިނގައްޖެއެވެ. އެހެންނަމަވެސް ސަރުދާރުގެ އެންމެ ފަހުގެ ވަސިއްޔަތުގެ މަތީން ހަނދާންވުމުން ފިކުރު ބޮޑުވެއެވެ. އޭނާ ހުންނަނީ ސަމީނާ މަޔަކަށްވުމަކީ ރަނގަޅު ކަމެއްތޯ ނުވަތަ ނޫންތޯ ވިސްނައިލަ ވިސްނައިލައެވެ. ސަރުދާރުގެ ވާހަކަ ހަގީގަތަކަށް ވެދާނެ ބާވައޭ ހިތަށް އަރައެވެ. އަދި އެއީ ދޮގަކަށް ވެދާނެއޭވެސް ބައެއް ފަހަރު ހިތަށްއަރައެވެ. އެތައް ވިސްނުމެއް ވިސްނުމަށްފަހު އެންމެފަހުން އޭނާ  ނިންމީ ސަމީނާ ވިހަންދެން އިންތިޒާރު ކުރާށެވެ. ދަރިފުޅުގެ ކިބައިން ހައިވާނީ އަސަރެއް ފެނިއްޖެނަމަ ކަރުގައި ހިފައި މަރައިލާނީއެވެ.

ސަމީނާ ހާލު ވަރަށް ދެރަވެއްޖެއެވެ. ހިކިގެން ގޮސް ކަށީގައި ހަން ތަތްލައިފިއެވެ. ލޭ ހުސްވެގެންގޮސް ގައިގެ ކުލަ ރީނދޫ ކުލައަށް ބަދަލުވެއްޖެއެވެ.

އެހެންނަމަވެސް ބަނޑަށް ހަތްމަސްވުމާއެކު ގައިގައި ވަރު ޖެހި، ސިއްހަތު ރަނގަޅުވާން ފަށައިފިއެވެ. އަޖައިބުވާފަދަ ހަލުވިމިނެއްގައި ފަލަވާން ފަށައިފިއެވެ.

އެދުވަސްވަރު ރަށުތެރެއިން މީހުން ގެއްލެންވެސް ފަށައިފިއެވެ. ހަފްތާއަކު އެކަކު ނުވަތަ ދެމީހަކު ރަށުތެރޭގެ ކޮންމެވެސް ހިސާބެއްގައި މަރުވެފައި އޮއްވާ ފެނެއެވެ. އެމީހެއްގެ ހަށިގަނޑުގެ ކޮންމެވެސް ތަނެއްގައި ރީނދޫ ކިނބުލުގެ ޒަޚަމްގެ ނިޝާން ފެންނަން ހުރެއެވެ. ރަށުގެ މީހުންގެ މައްޗަށް ބިރުވެރިކަން އާއްމު ވެއްޖެއެވެ. މީގެ ކުރިން ރީނދޫ ކިނބޫ ރަށުތެރެއަށް އަރައި އިންސާނުން ޝިކާރަކޮށްފައެެއް ނުވެއެވެ. އެސޮރުގެ ޝިކާރައަކަށް ވަނީ ރަށުގެ މީހުން އުޅޭ ހިސާބު ދޫކޮށް ނުކުންނަ މީހުންނެވެ. ރަށުގެ އާބާދީގައި އުޅޭ އެއްވެސް މީހަކަށް މީގެ ކުރިން އޭގެ ސުންޕާކަމެއް ނުޖެހެއެވެ.

މިގޮތަށް ރަށުތެރެއިން ޝިކާރަ ކުރެވޭ މީހުންގެ އަދަދު ފަހަކަށް އެރުމުން މުޅި ރަށް ހިމޭންވެއްޖެއެވެ. މީހުން ބޭރަށް ނުކުމެ އުޅެން ބިރުގަންނަން ފަށައިފިއެވެ.

އެއްދުވަހަކު ހެނދުނު ތެދުވެ އަންވަރު އޭނާގެ ކައިރީގައި ނިދާފައި އޮތް ސަމީނާއަށް ބަލައިލިއެވެ. އޭރު ސަމީނާގެ މިޔަ ކަނުގައި ކޮންމެވެސް އެއްޗެއް އުނގުޅިފައި ހުއްޓެވެ. އަންވަރު އިނގިލިޖައްސައި ބަލައިލީއިރު އެއީ ހިކިފައި ހުރި ލެއެވެ. އަންވަރުގެ އިނގިލި ތުންފަތުގައި ޖެހުމުން ސަމީނާ ލޯ ހުޅުވައިލިއެވެ. އަދި ދެލޯ ބޮޑުކޮށްގެން އަންވަރާ ދިމާއަށް ބަލަން ފަށައިފިއެވެ. އަންވަރުވެސް ސަމީނާއާ ދިމާއަށް ބަލަހައްޓައިގެން ހުރެ އަހައިލިއެވެ. "ކިހިނެއްވީ؟ ސަމީނާގެ މިޔަކަނުގައި ތިޔަހަރީ ކޮންލެއެއް؟"

އަންވަރުގެ އަޑުން އޭނާ ފިކުރު ބޮޑުވެފައިވާވަރު އެނގެއެވެ.

ސަމީނާ މޯޅިއަކަށް ދެމިލައިފައި ބުންޏެވެ. "ރޭ ދަތަކަށް އަނިޔާއެއްވީ. ފެންބޮވައިގަނެގެން ތެދުވެ އުޅުމުގެ ތެރޭގައި ވެއްޓި ޖެހުނީ. މިހާރު ދަތް އެބަހެލޭ."

"މާބޮޑު ހާނީއްކައެއް ނުވީކަން ނަސީބެއްނު." އަންވަރު ބުނެފިއެވެ. "އަހަންނަށް ގޮވާލިނަމަ. ފެން ދިނީމުހެއްނު؟"

އެވަގުތު ދެމީހަކު ބޭރުން ވަރަށް ބާރަށް ގޮވާ އަޑު އިވިފައި އަންވަރު ބޭރަށް ނުކުމެއްޖެއެވެ. އެެ ދެ މީހުންގެ މޫނުމަތީން ފެންނަންހުރި ބިރުވެރިކަމުގެ އަލާމާތްތަކުން ކޮންމެވެސް ކަހަލަ އާދަޔާ ޚިލާފުކަމެއް ލައިގަތީކަން އަންވަރަށް އެނގުނެވެ.

އާދަޔާ ޚިލާފު ކަމަކަށް ހިނގި ކަމަކީ އަނެއްކާވެސް ރަށުގެ އާބާދީގެ ތެރެއިން ރީނދޫ ކިނބުލުގެ ޝިކާރައެއް ފެނުމެވެ.

ކާނަލް އަންވަރު މަރުވެފައި އޮތްމީހާގެ ހަށިގަނޑު ވަރަށް ރަނގަޅަށް ބަލައިފިއެވެ. ޚާއްސަކޮށް ކިނބުލުގެ ޒަޚަމް ވަރަށް ރަނގަޅަށް މުޢައިނާކޮށް ބަލައިފިއެވެ. މީގެ ކުރިން މަރުވި މީހުންގެ ހަށިތަކުން ފެނުނު ޒަޚަމާއި، މި ޒަޚަމް ވަރަށް ބޮޑުތަން ތަފާތު ކަމުގައި އޭނާއަށް އިހުސާސް ކުރެވުނެވެ. އެހެންނަމަވެސް ވިސްނަވިސްނާވެސް އެ ތަފާތު ވަކިކޮށްގަންނާކަށް ނޭނގުނެވެ.

ކާނަލް އަންވަރު ވަށައިގެން އެއްވެފައި ތިބި މީހުންނާ ދިމާއަށް ބަލައިލިއެވެ. އެ ހުރިހައި އެންމެންވެސް ތިބީ ކަޅިވެސް ޖަހައިނުލައި އޭނާއާ ދިމާއަށް ބަލާށެވެ. މި ބަލާވެރިކަމުން އަހަރެމެން ސަލާމަތްކޮށްދޭށޭ ބުނާ ކަހަލައެވެ.

ކާނަލް އަންވަރުގެ ހިތަށް ހާސްކަމާއި ބިރުވެރިކަން ވެރިވިއެވެ. މިއީ އޭނާއަށް ބޯހިޔާކޮށްލާނޭ ޖާގަ ދިން މީހުންނެވެ. މެހުމާނުންނަށް ކަމޭ ހިތުމުގައި، އޭގެ ދެވަނައެއް ތަހުޒީބުވެެފައި ތިބި މީހުންގެ ތެރެއިންވެސް ނުފެންނަހައި ރަނގަޅު ބައެކެވެ. ސަރުދާރު މަރުވުމުން ރަށުގެ ހަރު މުސްކުޅިޔަކު ސަރުދާރުކަމަށް އިސްކުރި ކަމުގައި ވިޔަސް އެމީހުން ސަރުދާރަށްވުރެ މާބޮޑަށް އަންވަރަށް ގަދަރުކުރެއެވެ. ބުނާބަސް އަހައެވެ. އިތުބާރު ކުރެއެވެ.

އެމީހުންގެ މުސީބާތުގެ ހައްލު އޮތީ އޭނާގެ އަތްމަތީގައިކަން އަންވަރަށް އެނގެއެވެ. މަރުވުމުގެ ކުރިން ރީނދޫ ކިނބުލާ ބެހޭ މައުލޫމާތު އޭނާއަށް ދިންކަމީ ސަރުދާރުކުރި ވަރަށް ބުއްދިވެރި ކަމެކެވެ.

ކިތަންމެ ބޮޑު ނުރައްކަލަކާ ކުރިމަތިލާން ޖެހުނު ކަމުގައިވިޔަސް ރީނދޫކިނބޫ އަތުލައިގަތުމުގެ މަސައްކަތްކުރާން އޭނާ ގަސްތުކޮށްފިއެވެ. މި ވާހަކަ ސަމީނާގާތު ބުނުމުން ސަމީނާ ވަރަށް ދެރަވިއެވެ.

"ތިޔަހައި ބޮޑު ނުރައްކަލެއްގެ ތެރެއަށް އަންވަރު ވަނަކަ ނުދޭނަން. އަހަރެންގެ ޒަޚަމް އަދިވެސް މުޅިން ރަނގަޅެއް ނުވޭ. އަހަރެން ސަލާމަތްވީ ނަސީބު ރަނގަޅުކަމުން. ހުރިހާ އެންމެންގެ ނަސީބު އެހައި ގަދަވުމަކީ ލާޒިމުކަމެއް ނޫން." ސަމީނާ އޭނާގެ ފައިގައިހުރި ރީނދޫ ކިނބުލުގެ ޒަޚަމަށް އިޝާރާތް ކޮށްލިއެވެ. އެ ޒަޚަމްގެ ކައިރިހުރީ ރީނދޫ ކުލަޖަހައި، ތޮށިވާން ފަށައިފައެވެ. ސަމީނާ އެޒަޚަމް އެކަކަށްވެސް ފެނުނަކަ ނުދެއެވެ.

ކުއްލިއަކަށް އަންވަރަށް ޚިޔާލެއް އަތުވެއްޖެއެވެ. އޭނާ ގުދުވެ ސަމީނާގެ ލިބާސް މައްޗަށް ޖެއްސުމަށްފަހު އެޒަޚަމް ބަލާން ފަށައިފިއެވެ. އެ ޒަޚަމާއި ވަލުތެރެއަށް މަރުވި ބަބުރުކަލޭގެ ގައިގައި ހުރި ޒަޚަމާ ވަރަށް އެއްގޮތެވެ. އެ ދެ ޒަޚަމުގައި ހުރި ތަފާތަކީ ކޮބައިކަންވެސް މިހާރު ކާނަލް އަންވަރަށް އެނގިއްޖެއެވެ. އޭނާ އަދިވެސް އެއްފަހަރު ވަރަށް ފުންކޮށް ބަލައިލިއެވެ.

"ކިހިނެއްވީ؟ ކުއްލިއަކަށް ހިމޭންވީ ކީއްވެގެން؟" ސަމީނާ އަހައިލިއެެވެ.

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.